Raajje.mv

ކޮވިޑް-19: އެންމެ ފަހުގެ

ނޮވެލް ކޮރޯނާވައިރަސް ގުޅޭ އެންމެ ފަހުގެ މައުލޫމާތު:

28 ޖެނުއަރީ 2020
61179852
ކޮރޯނާވައިރަސް

ކޮރޯނާވައިރަސް

10 ފެބުރުއަރީ 2020 | 18:01

ކޮރޯނާވައިރަސް ޖެހިފައިވާ މީހުން ގަދަކަމުންވެސް ކަރަންޓީންކުރާނަން: އިނގިރޭސިވިލާތުގެ ސަރުކާރު

އިނގިރޭސިވިލާތުގެ ޑިޕާރޓްމެންޓް އޮފް ހެލްތު އެންޑް ސޯޝަލް ކެއަރ އިން ބުނެފައިވަނީ މިހާރުގެ ޙާލަތައް ރިޢާޔަތްކުރާނަމަ، ކޮރޯނާ ވައިރަސް ޖެހިފައިވާ މީހުން ގަދަކަމުންވެސް ކަރަންޓީން ކުރާނެކަމަށެވެ. އަދި ހަލުވިކަމާއެކު ކޮރޯނާވައިރަސް ފެތުރެމުންދާ މިދަނޑިވަޅުގައި ކޮރޯނާވައިރަސް ޖެހިފައިވާ އެއްވެސް މީހަކު މިނިވަންކަމާއެކު ދޫނުކޮށްލާނެކަމުގެ އިންޒާރު އެޑިޕާރޓްމެންޓުން ވަނީ ދީފައެވެ.

އެ ޑިޕާރްޓަމެންޓުންވަނީ ލަންޑަންގެ 2 ހޮސްޕިޓަލެއް ކަމުގައިވާ "ގައިސް އެންޑް ސެން ތޯމަސް" އާއި "ދަ ރޯޔަލް ފްރީ" އަކީ ކަރަންޓީން ކުރާނެ ދެ މަރުކަޒުގެ ގޮތުގައި މިހާރު ކަނޑައަޅާފައެވެ. އައިސޮލޭޝަންގެ ޚިދުމަތް މި ދެ ހޮސްޕިޓަލުގައި ޤާއިމުކޮށް މިހާރުވަނީ ކުއްލި ޙާލަތަައް ގެނެސްފައެވެ.

އަދި އެޑިޕާރޓްމެންޓުން ވަނީ ޗައިނާގެ ވުހާން ސިޓީގެ އިތުރުން މުޅި ހުބެއި ޕްރޮވިންސަކީ "ވައިރަސް ފެތުރޭ ޞަރަޙައްދު" ގެ ގޮތުގައި ކަނޑައަޅާ އިޢުލާންކޮށްފައެވެ.

10 ފެބުރުއަރީ 2020 | 17:52

ކޮރޯނާވައިރަސްގެ ބަލިމަޑުކަމުން އަރައިގަނެވޭނެކަމުގެ ޔަޤީންކަން އެބައޮތް: ޗައިނާގެ ރައީސް

ޗައިނާގެ ރައީސް ޝީ ޖިންގ ޕިން، ކަމާއި ގުޅުން ހުރި އިދާރާތަކުން ކުރަމުންގެންދާ މަސައްކަތްތައް ބައްލަވާލައްވަނީ
ޗައިނާގެ ރައީސް ޝީ ޖިންގ ޕިން، ކަމާއި ގުޅުން ހުރި އިދާރާތަކުން ކުރަމުންގެންދާ މަސައްކަތްތައް ބައްލަވާލައްވަނީ

ޗައިނާއަށް މިހާރު ކުރިމަތިވެފައިވާ ނޮވެލް ކޮރޯނާވައިރަސްގެ ބަލިމަޑަކަމުން އަރައިގަނެވޭނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށް ޗައިނާގެ ރައީސް ޝީ ޖިންގ ޕިންގ ވިދާޅުވެއްޖެއެވެ.

ކޮރޯނާވައިރަސްގެ ބަލިމަޑުކަމުން އަަރައިގަތުމަށް އެޤައުމުގެ ކަމާއި ގުޅުން ހުރި އިދާރާތަކުން ކުރަމުންގެންދާ މަސައްކަތްތައް ބައްލަވާލެއްވުމަށް މިއަދު ވެރިރަށް ބެއިޖިންގ ގެ އެކިތަންތަނައް ކުރެއްވި ޒިޔާރަތައް ފަހު ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވީ، މިހާރު ކޮރޯނާވައިރަސްގެ ބަލިމަޑުކަމާ ހުރެ ޗައިނާ އޮތީ ވަރަށް ސީރިއަސް ޙާލަތެއްގައި ކަމަށެވެ.

މިއީ ޗައިނާގެ ރިޔާސަތައް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުންގެ ގޮތުގައި ފާހަގަކުރައްވާ ޝީ ޖިންގ ޕިންގ ވިދާޅުވީ ކޮރޯނާވައިރަސްގެ ބަލިމަޑުކަމުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތުގައި ފުރިހަމަ ކާމިޔާބީ ލިބޭނެ ކަމުގެ ޔަޤީންކަން އެބައޮތްކަމަށެވެ.

10 ފެބުރުއަރީ 2020 | 17:44

ޗައިނާގައި ހުރި "އެޗް އެންޑް އެމް" ގެ ގިނަ ފިހާރަތައް ބަންދުކޮށްފި

ޗައިނާގައި އޮޕަރޭޓްކުރާ "އެޗް އެންޑް އެމް" ގެ އައުޓްލެޓެއް
ޗައިނާގައި އޮޕަރޭޓްކުރާ "އެޗް އެންޑް އެމް" ގެ އައުޓްލެޓެއް

ޗައިނާގައި ހުރި "އެޗް އެންޑް އެމް" ގެ ގިނަ ފިހާރަތައް ބަންދުކޮށްފައި ވާކަމަށް އެކުންފުނިން އިޢުލާންކޮށްފިއެވެ.

މިކަން ހާމަކޮށް އެކުންފުނިން ޢާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޗައިނާގައި މިހާރު އޮޕަރޭޓްކުރާ އައުޓްލެޓްތަކާއި، ފްރަންޗައިސްތަކުގެ ތެރެއިން 334 ތަން މިވަގުތައް ބަންދުކުރަން ނިންމާފައިވާކަމަށެވެ. އެހެންނަމަވެސް ހުޅުވާނެ ތާރީޚަކާއި އެތަންތާނގައި މަސައްކަތްކުރާ މުވައްޒަފުންނާމެދު ޢަމަލުކުރާނެ ގޮތެއް ހާމަކޮށްފައެއް ނުވެއެވެ.

ޗައިނާގައި ހުރި "އެޗް އެންޑް އެމް" ގެ 520 އައުޓްލެޓްސް ހުރެއެވެ.

10 ފެބުރުއަރީ 2020 | 12:12

ކެރަލާ ސްޓޭޓުގައި އިތުރު 223 މީހަކު ކޮރޯނާވައިރަސްއަށް ޝައްކު ކުރެވިގެން ޓެސްޓް ކުރަނީ

ކެރަލާ ސްޓޭޓް ގެ ހެލްތު މިނިސްޓަރ ކޭކޭ ޝައިލަޖާ
ކެރަލާ ސްޓޭޓް ގެ ހެލްތު މިނިސްޓަރ ކޭކޭ ޝައިލަޖާ

ކެރަލާ ސްޓޭޓުގެ ހެލްތު މިނިސްޓަރ ކޭކޭ ޝައިލަޖާ ވިދާޅުވީ ނޮވެލް ކޮރޯނާވައިރަސްއަށް ޝައްކު ކުރެވިގެން އެމީހުންގެ ގައިން ލޭގެ ސާމްޕަލް ނަގާ ޕޫނާގައި ހުންނަ ނެޝަނަލް އިންސްޓިޓިއުޓް އޮފް ވައިރޯލޮޖީ އަށް މިހާރު ފޮނުވާފައިވާކަމަށެވެ. އަދި ކުރިން ކޮރޯނާވައިރަސްއަށް ޓެސްޓް ކުރި 2 މީހަކުވެސް އަލުން ޓެސްޓް ހަދަން ސާމްޕަލް ފޮނުވާފައިވާކަމަށެވެ. ކެރަލާ ސްޓޭޓުގައި މިއަދު އެކަނިވެސް 153 މީހުން އަލުން ރިޕޯޓުކުރެވިފައިވާކަމަށާއި، އިތުރު 16 މީހުން އެޑްމިޓްކޮށްގެން ފަރުވާދެމުން ދާކަމަށް ޝައިލަޖާ ވިދާޅުވެއެވެ.

ޗައިނާގައި ކޮރޯނާވައިރަސް ފެތުރުނު ޞަރަޙައްދުގައި ދިރިއުޅުނު ކެރަލާ ސްޓޭޓުގެ 2،528 މީހުން ވަނީ އެނބުރި ކެރަލާއަށް ގޮސްފައެވެ. މީގެ ތެރެއިން 2،435 މީހުން ޞިއްޙީ އިދާރާތަކުގެ ބެލުމުގެ ދަށުގައި ގޭގައި ކަރަންޓީންކޮށްގެން މޮނިޓަރ ކުރަމުންދާކަމަށާއި، ބާކީ ތިބި 93 މީހުން ހޮސްޕިޓަކުގައި ކަރަންޓީންކޮށްގެން ފަރުވާދެމުންދާކަމަށް ޝައިލަޖާ ވަނީ ވިދާޅުވަފައެވެ.

10 ފެބުރުއަރީ 2020 | 11:40

ކޮރޯނާވައިރަސްއިން ރައްކާތެރިވުމަށް އެޅެންހުރި ހުރިހައި ފިޔަވަޅެއް އަޅައިފިން: އިންޑިއާގެ ހެލްތު މިނިސްޓަރ

އިންޑިއާގެ ޔޫނިއަން ހެލްތު މިނިސްޓަރ ޑރ. ހަރޝް ވަރްދާން
އިންޑިއާގެ ޔޫނިއަން ހެލްތު މިނިސްޓަރ ޑރ. ހަރޝް ވަރްދާން

އިންޑިއާގެ ރައްޔިތުން ނޮވެލް ކޮރޯނާވައިރަސްއިން ރައްކާތެރިކުރުމަށް އެޅެން ހުރި ހުރިހައި ފިޔަވަޅެއް ސަރުކާރުން އަޅާފައިވާކަމަށް އިންޑިއާގެ ޔޫނިއަން ހެލްތު މިނިސްޓަރ ޑރ. ހަރްޝް ވަރްދާން ވިދާޅުވެއްޖެއެވެ. އެގޮތުން ކޮރޯނާވައިރަސްގެ ބަލިމަޑުކަމުގެ ކަންކަން ވަރަށް ގާތުން މޮނިޓަރކޮށް، މުރާޖަޢާކުރަން ޖެހޭ ކަންކަން ވަގުތުން ކުރަމުން އަންނަކަމަށްވެސް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން ކޮރޯނާ ވައިރަސްއަށް ސްކްރީން ކުރުމާއި، ފަރުވާ ދިނުމާއި، އައިސޮލޭޓް ނުވަތަ ކަރަންޓީންކޮށްގެން ފަރުވާދެވޭނެ ނިޒާމު ހަމަޖައްސަވާފައިވާކަމަށްވެސް ވިދާޅުވިއެވެ.

ޑރ. ހަރްޝް ވިދާޅުވީ މިވަގުތު އެންމެ އަހައްމިއްޔަތުކަމެއް ދެނީ އިންޑިއާއަށް ވަންނަ ފަރާތްތައް ސްކްރީން ކުރުމަށް ކަމަށެވެ. އެގޮތުން މިހާތަނަށް އައިއިރު އިންޑިއާގެ ވައިގެ ބަނދަރުތަކައް ޖެއްސި 1،118 ފްލައިޓެއްގެ ހުރިހައި ފަސިންޖަރުންނާއި ފަޅުވެރިން ޗެކްކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

10 ފެބުރުއަރީ 2020 | 11:09

"ޑައިމަންޑް ޕްރިންސެސް" އިން އިތުރު 66 މީހުން ކޮރޯނާވައިރަސްއަށް ޕޮޒިޓިވް ވެއްޖެ

"ޑައިމަންޑް ޕްރިންސެސް"
"ޑައިމަންޑް ޕްރިންސެސް"

ޖަޕާނުގެ ޔުކޮހާމާ ސިޓިގައި ބަނދަރުކޮށްފައިވާ ކްރޫސް ލައިނަރ "ޑައިމަންޑް ޕްރިންސެސް" އިން އިތުރު 66 މީހުން ނޮވެލް ކޮރޯނާވައިރަސްއަށް ޕޮޒިޓިވް ވެއްޖެއެވެ. މިއާއެކު އެ ކްރޫސްލައިނަރގައި ކޮރޯނާވައިރަސް ޖެހުނު މީހުންގެ އަދަދު މިހާރު މިވަނީ 136 އަށް އަރާފައެވެ.

ފަޅުވެރިންނާއި ފަސިންޖަރުންނާއެކު ޖުމުލަ 3,700 މީހުން ދަތުރުކުރަމުން ދިޔަ މި ކްރޫސްލައިނަރ އިން ގިނަ ބަޔަކު ކޮރޯނާވައިރަސްއަށް ޕޮޒިޓިވް ވުމާއި ގުޅިގެން، މިދިޔަ ހޯމަދުވަހުން ފެށިގެން އެ ކްރޫސްލައިނަރ ވަނީ ކަރަންޓީން ކޮށްފައެވެ. އިތުރު 10 ދުވަހަށް ކަރަންޓީން ކުރުމަށް ޖަޕާނު ސަރުކާރުން ވަނީ ނިންމާފައެވެ.

10 ފެބުރުއަރީ 2020 | 03:13

ޗައިނާގައި ފެތުރެމުންދާ ކޮރޯނާވައިރަސް އާ ގުޅުންހުރި ކަންކަން ބެލުމަށް ޑަބްލިޔުއެޗްއޯގެ ޓީމު ޗައިނާއަށް ދާން ފުރައިފި

ޗައިނާގައި ފެތުރެމުންދާ ކޮރޯނާވައިރަސް އާ ގުޅުންހުރި ކަންކަން ބެލުމަށް ޑަބްލިޔުއެޗްއޯގެ ޓީމު ޗައިނާއަށް ދާން ފުރައިފި އެވެ.

މިޓީމުގައި ބައިނަލްއަގްވާމީ ކަމާބެހޭ މާހިރުން ހިމެނެއެވެ. ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް މީގެ ދެހަފްތާ ކުރިން ޗައިނާއަށް ވަޑައިގެން ޗައިނާގެ ރައީސް އާއި ބައްދަލުކުރައްވާ ޓީމެއް ޗައިނާއަށް ފޮނުވާނެކަމަށް ވަނީ ވިދާޅުވެފައެވެ. ޑަބްލިޔުއެޗްއޯގެ ޓީމު ޗައިނާއަށް ނުގޮސް މަޑުކޮށްފައިމިވަނީ އެގައުމުގެ ސަރުކާރުން އެކަމަށް ހުއްދަ ދެންނެވެ.

10 ފެބުރުއަރީ 2020 | 02:42

މިހާތަނަށް ކޮރޯނާވައިރަސް ޖެހިގެން އެއްދުވަހާއި އެންމެ ގިނަ މީހުން މަރުވެފައިވަނީ އާދީއްތަ ދުވަހު

ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޖެހިގެން މިހާތަނަށް އެންމެ ގިނަ އަދަދެއްގެ މީހުން އެއް ދުވަހާ މަރުވެފައިވަނީ އާދީއްތަ ދުވަހުކަމަށް ޗައިނާއިން ހާމަކޮށްފި އެވެ.

ފާއިތުވި 24 ގަޑީރުގެ ތަފާސް ހިސާބުތައް ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން ހާމަކޮށްފައިވާއިރު އާދީއްތަ ދުވަހު އެކަނި މިވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު އަރަނީ 97 ކަށެވެ. އެއާއެކު ޗައިނާއިން މިވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު މިވަނީ 908 ށް އަރާފަ އެވެ. މުޅި ދުނިޔެއިން މިވައިރަސްގެ އަސަރުކޮށްގެން މަރުވި މީހުންގެ އަދަދު އަރަނީ 910 ށެވެ. އެއީ ފިލިޕީންސް އާއި ހޮންގ ކޮންގ ގައި މަރުވި މީހުންގެ ލައިގެންނެވެ.

ޗައިނާގައި މިވައިރަސްގެ އަސަރުކޮށްފައިވާ 40،171 މީހުން އެބަތިއްބެވެ. އަދި އޮބްޒަރވޭޝަންގައި 187،518 މީހުން ތިބިކަމަށް ޗައިނާއިން ބުނެއެވެ. މީގެއިތުރުން މިހާތަނަށް އާއިރު މިވައިރަސްގެ އަސަރުކޮށްފައިވާ މީހުންގެ ތެރެއިން ފަރުވާދީގެން ރަނގަޅުވެފައިވާ 3،281 މީހެއް ހޮސްޕިޓަލުން ދޫކޮށްލާފައިވާކަމަށްވެސް ޗައިނާއިން ބުނެއެވެ.

10 ފެބުރުއަރީ 2020 | 02:32

ކޮރޯނާވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 910 ށް

ކޮރޯނާވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 910 ށް އަރައިފި އެވެ.

ޗައިނާ ނޭޝަނަލް ހެލްތު ކޮމިޝަނުން ބުނެފައިވަނީ ޗައިނާގައި މިވައިރަސް ޖެހިގެން މިހާތަނަށް މަރުވެފައިވަނީ 908 މީހުންކަމަށެވެ. މީގެއިތުރުން މިވައިރަސްގެ އަސަރުކޮށްފައިވާ މީހުންގެ އަދަދު ވަނީ 40،000 ށް ވުރެ މައްޗަށް އަރާފަ އެވެ.

09 ފެބުރުއަރީ 2020 | 17:58

ކޮރޯނާވައިރަސް ޖެހިގެން ފުރަތަމަ ފަރުވާދެވުނު 138 މީހުންގެ ފަރާތުން ގިނަ އަދަދެއްގެ ބަޔަކު ބައްޔަށް ހުށަހެޅުނުކަމަށް ދިރާސާއަކުން ދައްކައިފި

މެޑިކަލް ޖަރނަލް "ޖޭއޭއެމްއޭ" ގައި ޝާއިއު ކޮށްފައިވާ ދިރާސާއެއްގައި ބުނެފައިވަނީ ނޮވެލް ކޮރޯނާވައިރަސް އަށް ޝައްކުކުރެވިގެން ވުހާންގެ ހޮސްޕިޓަލެއްގައި ފަރުވާ ދެވުނު ފުރަތަމަ 138 މީހުންގެ ތެރެއިން 41 އިންސައްތަ މީހުންނަށް ބަލި ޖެހިފައިވަނީ އެ ހޮސްޕިޓަލްގެ ތެރެއިން ކަމަށެވެ.

މި ދިރާސާގައި ބުނެފައިވަނީ މި މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން ބައްޔަށް ހުށަހެޅުނީ ހޮސްޕިޓަކުގެ ތެރެއިން ކަމަށެވެ. އަދި މިއީ ނޮސޯކޮމިއަލް ޓްރާންސްމިޝަން ނުވަތަ ބައްޔެއް ނުވަތަ އިންފެކްޝަނެއް ފެތުރިފައިވާ ސިއްހީ ހިދުމަތްދޭތަނެއްގައި އެ އިންފެކްޝަން ނުވަތަ ބައްޔެއް ފެތުރިގެން ދިއުމެވެ.

އަދި ވައިރަސް ފެތުރިގެން ދިޔައީ އަވަސް މުއްދަތެއްގައި ނުވަތަ ކުޑަ މުއްދަތެއްގައި ނޫން ކަމަށާއި، ސިއްހީ ފަރުވާ ދިނުމުގެ ތެރޭގައި ކުރެވޭ ކަމަކުން ގިނަ ބަޔަކަށް އެ އިންފެކްޝަން ފެތުރިގެން ގޮސްފައިވާ ކަމަށް ބެލެނޭ ކަމަށް މި ދިރާސާގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން ބަލިމަޑުކަން ފެތުރިގެން ގޮސްފައިވަނީ ކަންބޮޑުވާ މިންވަރަށް ކަމަށާއި، މިކަމުގެ ސަބަބުން ގިނަ އަދަދެއްގެ ސިއްހީ ފަރުވާދޭ މީހުންނާއި، އެ ހޮސްޕިޓަލުގައި އެދުމަތިކޮށްފައިވާ ބަލި މީހުން އިންފެކްޓްވިކަމަށް މި ދިރާސާގައި ވަނީ ބުނެފައެވެ.

އަދި ބައްޔަށް ޝައްކުކުރެވުނު މީހުންގެ އެކަނި ޓެސްޓްތައް ހެދިގެން ދިޔައިރު، އެމީހުންގެ ފަރާތުން އެހެން ބަޔަކަށް ބަލި ފެތުރި އެމީހުންގެ ފަރާތުން ހޮސްޕިޓަލުގައި ތިބި އިތުރު މީހުންނަށް ބަލި ފެތުރިފައިވާ ކަމަށް ގަބޫލުކުރެވޭ ކަމަށް މި ދިރާސާގައި ވަނީ ބުނެފައެވެ.

09 ފެބުރުއަރީ 2020 | 16:12

ފުރާންސުން 2 ސްކޫލެއްގެ ކިޔެވުން ވަގުތީގޮތުން ބަންދުކޮށްފި

ސްކީ ރިސޯޓާއި ކައިރީގައި ހިންގަމުންދާ ދެ ސްކޫލެއްގެ ކިޔެވުން މެދުކަނޑާލަން ފުރާންސުން ނިންމައިފިއެވެ.

މިގޮތަށް ނިންމީ ސްކީ ރިސޯޓުން ބްރިޓޮންސް އަށް ނިސްބަތްވާ 5 މީހަކު ނޮވެލް ކްރޯނާ ވައިރަސްއަށް ފަރުވާދޭން ފެށުމާއި ގުޅިގެންނެވެ.

ސްކޫލްތައް ކުރިއަށް އޮތް ހަފްތާގައި ބަންދުކުރުމަށް ވަނީ ނިންމާފައެވެ. އަދި ކޮރޯނާއަށް ފަރުވާ ހޯދަމުންދާ ފަސް މީހުންނާ ކޮންޓެކްޓްވި މީހުންގެ މައުލޫމާތު ހޯދަމުންދާ އިރު، މި ފަސް މީހުންނަށް ފަރުވާ ދެމުންދަނީ އެ ރިސޯޓާއި ކައިރި ހޮސްޕިޓަލެއްގައެވެ.

09 ފެބުރުއަރީ 2020 | 16:05

ސިއްހީ ސާމާނު ލިބުނު ނަމަވެސް އަދިވެސް އިތުރު ސާމާނު ހޫބޭ ޕްރޮވިންސަށް ބޭނުންވޭ

ހުބޭ ޕްރޮވިންސަށް ސިއްހީ އާލާތްތައް ލިބުނުނަމަވެސް އަދިވެސް ދަތަތަކެއް އުޅޭކަމަށް އެ ޕްރޮވިންސްގެ ސަރުކާރުން ހާމަކޮށްފިއެވެ.

ހުބޭ ޕްރޮވިންސްގެ ސަރުކާރުގެ ވައިސް ގަވަރުނަރު ވިދާޅުވީ މެޑިކަލް ސަޕްލައިސް ލިބުނުނަމަވެސް ބަލިމަޑުކަން އިތުރުވެއްޖެނަމަ އަދިވެސް ސިއްހީ އާލާތްތަކަށް ޖެހޭނެ ކަމަށެވެ. މީގެ ތެރެއިން އެންމެ ބޭނުންޖެހެނީ ސިއްހީ އޮފިޝަލުން ރައްކާތެރިކަމުގެ ގޮތުން ލާ ހެދުމާއި، މާސްކާއި ސޫޓްސް ހިމެނޭ ކަމަށެވެ.

އޭނާ ވިދާޅުވީ މިވަގުތަށް ބޭނުންވާ ވަރަށް ސާމާނު ހުރި ނަމަވެސް، ކުރިއަށް އޮތް ދުވަސްތަކުގައި ބަލީގެ ހާލަތު އިތުރަށް ގޯސްވެއްޖެނަމަ އިތުރު އާލާތްތައް ބޭނުންވާނެ ކަމަށެވެ.

09 ފެބުރުއަރީ 2020 | 15:57

ކެނެޑާއިން އިތުރު މީހަކު ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެއްޖެ

ކެނެޑާއިން އިތުރު މީހަކު ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެއްޖެ ކަމަށް އެގައުމުން ހާމަކޮށްފިއެވެ.

މިއާއެކު ކޮނެޑާގައި ކޮރޯނާވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 7 އަށް އަރާފައެވެ. މިކަމާއި ގުޅޭ އިތުރު މައުލޫމާތެއް އެގައުމުން ހާމަކޮށްފައި ނުވާ އިރު، ވައިރަސްއަށް ޕޮޒިޓިވްވި މީހާއަކީ ކޮލަމްބިއާއަށް ނިސްބަތްވާ މީހެއް ކަމަށް މައުލޫމާތު ލިބެއެވެ.

09 ފެބުރުއަރީ 2020 | 15:47

ޗައިނާގެ ވުހާން ސިޓީގައި ތިބި 200 މީހުން އެމެރިކާއިން އަނބުރާ ގައުމަށް ގެންގޮސްފި

ޗައިނާގެ ވުހާން ސިޓީގައި ތިބި 200 މީހުން އެމެރިކާއިން އަނބުރާ ގައުމަށް ގެންގޮސްފިއެވެ.

އެމެރިކާގެ ފޮރިން މިނިސްޓްރީން ބުނީ މިއީ ވުހާންއިން އެގައުމުގެ މީހުން ގެންދިޔަ ފަހު ފުލައިޓް ކަމަށާއި، އިތުުރު ފުލައިޓެއް ދެން ދަތުރު ނުކުރާނެ ކަމަށެވެ. ޗަރޓާ ކޮށްގެން މީހުން ގޮވައިގެން ދަތުރުކުރި މި ފުލައިޓްގައި ހިމެނެނީ އެ ފުލައިޓްގެ ފަޅުވެރިންނާއި، ސިއްހީ އެހީތެރިންނާއި، ބްރިޓިޝްގެ ރައްޔިތުންގެ އިތުރުން އެހެން ގައުމުތަކަށް ނިސްބަތްވާ މީހުން ކަމަށެވެ.

09 ފެބުރުއަރީ 2020 | 15:11

އަލަށް ފެނިފައިވާ ކޮރޯނާވައިރަސްއިން ރައްކާތެރިވުމަށް ނުވަތަ ފަރުވާކުރުމަށް ޚާއްޞަ ބޭހެއްވޭތަ؟

09 ފެބުރުއަރީ 2020 | 15:08

އިނގިރޭސިވިލާތުން ކޮރޯނާވައިރަސް ޖެހިފައިވާ ހަތަރު ވަނަ މީހަކު ފެނިއްޖެ

އިނގިރޭސިވިލާތުން ކޮރޯނާވައިރަސް ޖެހިފައިވާ ހަތަރު ވަނަ މީހާ ފެނިއްޖެކަމަށް އެގައުމުން ބުނެފި އެވެ.

މިމީހާއަކީ ކުރިން ފްރާންސުން މިވައިރަސް ޖެހިގެން ރިޕޯޓްކުރި އިނގިރޭސިވިލާތުގެ އާއިލާ އާ ދިމާވެފައިވާ މީހެއްކަމަށް އެގައުމުން ބުނެ އެވެ.

09 ފެބުރުއަރީ 2020 | 14:35

ސިންގަޕޫރުގައި އިތުރު 3 މީހަކަށް ކޮރޯނާވައިރަސް ޖެހިއްޖެ، 4 މީހުން ދޫކޮށްލައިފި

ޗައިނާ އަށް ގޮސްފައިވާކަމުގެ ރިކޯޑެއް ނެތް އިތުރު ތިން މީހެއްގެ ގައިން ކޮރޯނާވައިރަސް ފެނިފައިވާކަމަށް ސިންގަޕޫރުން ބުނެފި އެވެ.

މީގެތެރޭގައި ހިމެނެނީ ސިންގަޕޫރުގެ ދެ މީހުންނާއި ބަންގްލަދޭޝްގެ އެކަކެވެ. އެއާއެކު ސިންގަޕޫރުން ކޮރޯނާވައިރަސް ޖެހިފައިވާ މީހުންގެ އަދަދު 43 ށް މިވަނީ އަރާފަ އެވެ. މީގެތެރެއިން 6 މީހުންގެ ހާލު ސީރިއަސްކަމަށް ސިންގަޕޫރުން ބުނެއެވެ.

މީގެއިތުރުން މިވައިރަސްގެ އަސަރުކޮށްގެން ފަރުވާކުރަމުންދިޔަ 4 މީހަކު ދޫކޮށްލާފައިވާކަމަށްވެސް އެގައުމުން ބުނެ އެވެ.

09 ފެބުރުއަރީ 2020 | 13:00

ހުން އަންނަ މީހުންގެ މަޢުލޫމާތު ސަރުކާރާއި ހިއްސާ ކުރާ ފަރާތްތަކައް ފައިސާގެ އިނާމެއް ޗައިނާ ސަރުކާރުން ދެނީ

ހުބެއި ޕްރޮވިންސްގައި ފަރުވާދޭ މަރުކަޒެއްގައި އެ ޕްރޮވިންސްގެ ޢާންމު ރައްޔިތުން ކިއުގައި
ހުބެއި ޕްރޮވިންސްގައި ފަރުވާދޭ މަރުކަޒެއްގައި އެ ޕްރޮވިންސްގެ ޢާންމު ރައްޔިތުން ކިއުގައި

ޗައިނާގެ ނެޝަނަލް ހެލްތު ކޮމިޝަނުން ބުނާގޮތުގައި، އެޤައުމުގެ ސަރުކާރުން މިހާރުވަނީ މީހަކު އަމިއްލައަށް ހުންޖެހުމުން، ނުވަތަ އޭނާ ދަންނަ މީހަކަށް ހުންޖެހިއްޖެ ޙާލަތެއްގައި، އެކަން ކަމާއި ބެހޭ ފަރާތްތަކަށް ރިޕޯޓުކުރާ ފަރުދުންނަށް ފައިސާގެ އިނާމެއް ދޭ ގޮތައް ހުށަހަޅާފައެވެ.

އެގޮތުން އަމިއްލަ، ދަންނަ މީހަކަށް، އެނޫނަސް މީހަކު ހުން އައިސްގެން އެކަން ރިޕޯޓުކޮށްފައި ނުވާކަން އިނގޭ ހިސާބުން އެކަން ކަމާގުޅޭ އިދާރާތަކާއި ޙިއްސާ ކުރާ ފަރާތަކައް ފައިސާގެ އިނާމުދޭން ވަނީ އިޢުލާންކޮށްފައެވެ. އެހެންނަމަވެސް ދެނީ ކަނޑައެޅިގެން ކޮން މިންވަރެއްކަމެއް އަދި ކަށަވަރެއް ނުވެއެވެ.

ޗައިނާ ސަރުކާރުން މިފަދަ ފިޔަވަޅެއް މި އެޅީ ނޮވެލް ކޮރޯނާވައިރަސްގެ ބަލިމަޑުކަމާއި ދެކޮޅަށް އެޤައުމުގެ ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ޢާންމުގެ ބައިވެރިވުން އިތުރުކުރުމާއެކު، ވައިރަސްއަށް މީހުން ސްކްރީން ކުރުން ހަރުދަނާކޮށް، ފަރުވާ ބޭނުންވާ މީހުންނަށް އަވަސް ފަރުވާ ދިނުމުގެ މަޤުޞަދުގައެވެ.

09 ފެބުރުއަރީ 2020 | 12:33

ކޮރޯނާވައިރަސް ޖެހިފައިވާ ދެ ވަނަ މީހަކު ސްޕެއިން އިން ފެނިއްޖެ

ކޮރޯނާވައިރަސް ޖެހިފައިވާ ދެ ވަނަ މީހަކު ސްޕެއިން އިން ފެނިއްޖެކަމަށް އެގައުމުން ބުނެފި އެވެ.

ކޮރޯނާވައިރަސް ޖެހުނު ދެވަނަ މީހާއަކީ އިނގިރޭސި ވިލާތުގެ މީހެކެވެ. އަދި މިމީހާއަކީ ފްރާންސުން މިވައިރަސް އަށް ފަރުވާ ހޯދާފައިވާ މީހާއާ ދިމާވި އިނގިރޭސި ވިލާތުގެ އާއިލާގެ މީހެއްކަމަށް ސްޕެއިނުން ބުނެ އެވެ.

09 ފެބުރުއަރީ 2020 | 12:26

ކޮރޯނާވައިރަސް އާ ދެކޮޅަށް ކުރާ ހަނގުރާމައަށް ޗައިނާއިން 10 ބިލިއަން ޔޫއެސްޑޮލަރު ހަމަޖައްސައިފި

ހަލުވިކަމާއެކު ޗައިނާގައި ފެތުރެމުންދާ ކޮރޯނާވައިރަސް އާ ދެކޮޅަށް އެގައުމުގައި ކުރާ ކަންކަމަށް 10 ބިލިއަން ޔޫއެސްޑޮލަރު އެގައުމުން ހަމަޖައްސައިފިއެވެ.

މިފައިސާއިން ކޮރޯނާވައިރަސް އާއި ގުޅުންހުރި ހުރިހާ ކަމަކަށް ޚަރަދުކުރުމަށް ހަމަޖެހިފައިވާކަމަށް ޗައިނާގެ ފިނޭންސް މިނިސްޓްރީން ބުނެ އެވެ. އަދި މިފައިސާ އެންމެ ބޭނުންވާ މީހުންނަށް ލިބޭތޯ ޔަގީންކުރާނެ ކަމަށްވެސް އެގައުމުން ބުނެއެވެ.

09 ފެބުރުއަރީ 2020 | 02:01

ސައުތުކޮރެއާގައި ކޮރޯނާވައިރަސް ޖެހުނު މީހުންގެ އަދަދު 25 ށް އަރައިފި

ސައުތުކޮރެއާގައި ކޮރޯނާވައިރަސް ޖެހުނު މީހުންގެ އަދަދު 25 ށް އަރައިފި ކަމަށް އެގައުމުން ބުނެފި އެވެ.

މިހާތަނަށް ކޮރޯނާވައިރަސް ޖެހިގެން 20 ށް ވުރެ ގިނަ ކޭސް ރިޕޯޓްކޮށްފައިވަނީ ސައުތުކޮރެއާ އާއި ޖަޕާނު އަދި ތައިލެންޑާއި ސިންގަޕޫރެވެ.

09 ފެބުރުއަރީ 2020 | 01:53

ކޮރޯނާވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 813 ށް އަރައިފި

ހަލުވިކަމާއެކު މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް ގައި މިހާތަނަށް މަރުވި މީހުންގެ އަދަދު 813 ށް އަރައިފި އެވެ.

ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން ބުނާގޮތުން އިއްޔެ އެކަނިވެސް މިވައިރަސް ޖެހިގެން 89 މީހުން ވަނީ މަރުވެފަ އެވެ. އެއީ މިހާތަނަށް މިވައިރަސް ފެތުރެން ފެށިފަހުން އެންމެ ގިނަ މީހުން އެއް ދުވަހާ މަރުވި ދުވަހެވެ.

މިހާތަނަށް ޗައިނާއިން މިވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 37،198 މީހުންނަށް އަރާފަ އެވެ.

މިހާތަނަށް ކޮރޯނާވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 813 އަށް އެރުމާއެކު 2003 ވަނަ ފެތުރުނު ސަރސް ރޯގާ ގައި މަރުވި މީހުންނަށްވުރެ އިތުރު މިވަނީ ވެފައެވެ. ސަރސް ރޯގާގައި މަރުވީ 774 މީހުންނެވެ.

09 ފެބުރުއަރީ 2020 | 01:38

ވުހާންގައި ތިބި ސިންގަޕޫރގެ މީހުން އަނބުރާ ގައުމަށް ގެންދިޔުމަށް ދެވަނަ ފްލައިޓް ފުރައިފި

ވުހާންގައި ތިބި ސިންގަޕޫރގެ މީހުން އަނބުރާ ގައުމަށް ގެންދިޔުމަށް ދެވަނަ ފްލައިޓް ވުހާން އިން ފުރައިފި އެވެ.

މި ފުލައިޓުން 174 މީހުން ސިންގަޕޫރަށް ދާނެ އެވެ. މީގެކުރިން އެގައުމުން ވަނީ ވުހާންގައި ތިބި 92 މީހުން ސިންގަޕޫރަށް ގެންގޮސްފަ އެވެ. އަދި އޭގެތެރޭގައި މިވައިރަސް ޖެހިފައިވާ މީހުން ތިބިކަން ވަނީ ޔަޤީންވެފަ އެވެ.

މިމީހުން ސިންގަޕޫރަށް ދިޔުމުން 14 ދުވަހުގެ މުއްދަތަށް ކަރަންޓީނުކޮށްފައި ބައިތިއްބާނެކަމަށް އެގައުމުން ބުނެ އެވެ.

08 ފެބުރުއަރީ 2020 | 23:38

ކޮރޯނާވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 780 ށް

ކޮރޯނާވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 780 ށް އަރައިފި އެވެ.

މިހާތަނަށް އާއިރު ހޫބޭ ޕްރޮވިންސްގައި މިވައިރަސްގެ އަސަރުކޮށްގެން 20،000 ށް ވުރެ ގިނަ މީހުންނަށް އަންނަނީ ހޮސްޕިޓަލްތަކުގައި ފަރުވާދެމުންނެވެ. އަދި މީގެތެރެއިން 1154 މީހުންގެ ހާލު ސީރިއަސްކަމަށް ޗައިނާއިން ބުނެ އެވެ.

08 ފެބުރުއަރީ 2020 | 23:33

ޗައިނާގައި ފެތުރެމުންދާ ކޮރޯނާވައިރަސް ތަހުގީގުކުރުމަށް ޑަބްލިޔުއެޗްއޯގެ ޓީމެއް މިހަފްތާތެރޭ ޗައިނާއަށް ދާނެ

ޗައިނާގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ތަހުޤީޤުކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން މިހަފްތާތެރޭ ޓީމެއް ޗައިނާއަށް ދާނެކަމަށް އެޖަމިއްޔާއިން ބުނެފި އެވެ.

މިހަފްތާގެ ހޯމަ ނުވަތަ އަންގާރަ ދުވަހު ފުރަތަމަ ޓީމު ޗައިނާއަށް ދާނެ އެވެ. އަދި އެއަށްފަހު އިތުރު މީހުންދާނެކަމަށް ޑަބްލިޔުއެޗްއޯ އިން ވަނީ ބުނެފަ އެވެ.

08 ފެބުރުއަރީ 2020 | 21:21

ވުހާންގައި ތިބި މީހުން ގެންދާ އިނގިރޭސިވިލާތުގެ ފަހު ފުލައިޓް ވުހާންއިން މީހުން ގޮވައިގެން ފުރައިފި

ވުހާންގައި ތިބި އިނގިރޭސިވިލާތާއި އެހެން ގައުމުތަކުގެ މީހުން ގެންދިޔުމަށް އިނގިރޭސިވިލާތުން ޗާރޓަރ ކޮށްގެން ވުހާންއިން ފޮނުވި ފަހު ފުލައިޓް މީހުން ގޮވައިގެން ވުހާންއިން ފުރައިފި އެވެ.

އިނގިރޭސިވިލާތުން ބުނީ އެފުލައިޓްގައި 200 ށް ވުރެ ގިނަ ފަސިންޖަރުން ތިބިކަމަށެވެ. މިފުލައިޓް އިނގިރޭސިވިލާތަށް ދާނީ އާދީއްތަ ދުވަހު އެވެ.

08 ފެބުރުއަރީ 2020 | 20:43

ކޮރޯނާވައިރަސް އާއި ގުޅިގެން އިތުރު ދިވެއްސަކު ކަރަންޓީނުކޮށްފި

ކޮރޯނާވައިރަސް އާއި ގުޅިގެން އިތުރު ދިވެއްސަކު ކަރަންޓީނުކޮށްފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.

ސަރުކާރުން ބުނީ މިމީހާ ރާއްޖެ އައިސްފައިވަނީ ބުރާސްފަތި ދުވަހުގެ ހަވީރުގެ ވަގުތެއްގައި ކަމަށެވެ.

ފާއިތުވި 14 ދުވަހުގެ ތެރޭގައި ޗައިނާއަށް ގޮސް އައިސްފައިވާ ދިވެއްސަކު ހުރި ނަމަ އެމީހަކު ކަރަންޓީނުކުރާނެ ކަމަށް ސަރުކާރުން ބުނެއެވެ.

އެގޮތުގެ މަތިން ބުރާސްފަތި ދުވަހު ހަވީރު އައި އެކަކު ކަރަންޓީނުކޮށްފައިވާއިރު އެދުވަހު އައި އިތުރު ދެ މީހަކުވެސް ކަރަންޓީނުކޮށްފައިވާ ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް މިމީހުންގެ ގައިން ކޮރޯނާވައިރަސްގެ އަސަރު ނުފެންނަ ކަމަށް ސަރުކާރުން ބުނެއެވެ.

ސަރުކާރުން ކަނޑައަޅާފައިވާ ޓްރެވެލް އެޑްވައިޒަރީގައިވާ މިންގަނޑުތަކުގެ ދަށުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، މި މަހުގެ ތިން ވަނަ ދުވަހުން ފެށިގެން 27 ބިދޭސީއަކު ރާއްޖެ އެތެރެވިޔަ ނުދީފައިވާކަމަށް ސަރުކާރުން ބުނެ އެވެ.

ޗައިނާއިން ރާއްޖެއަށް އައި މީހެއްގެ ކިބައިން ގައިން މިވައިރަހުގެ ޢަލާމާތްތައް ފެނުމާއި ގުޅިގެން ކޮރޯނާ ވައިރަސް ނެތްކަން ޔަގީންކުރުމަށް އޭނާގެ ސާމްޕަލްތައް އިންޑިއާއަށް ފޮނުވައިގެން ވަނީ ޓެސްޓު ހަދާފައެވެ. އޭނާގެ ސާމްޕަލާއި އެކު އިތުރު 6 މީހެއްގެ ސާމްޕަލް ޓެސްޓުކުރުމަށްވެސް ހެލްތު މިނިސްޓްރީން ފޮނުވި އެވެ. މިއެންމެންގެ ޓެސްޓުތައް ނެގެޓިވް ވިއިރު ރާއްޖޭގައި ކޮރޯނާއަށް ޝައްކުކުރެވޭ އެއްވެސް މީހަކު މިވަގުތު ނެތްކަމަށް ސަރުކާރުން ބުނެ އެވެ. ކޮރޯނާވައިރަސް ފެތުރެންފެށި ޗައިނާގެ ވުހާންގައި ތިބި 7 ދިވެހިން ވަނީ އިންޑިޔާގެ އެހީތެރިކަމާއެކު އިންޑިޔާއަށް ގެންގޮސްފަ އެވެ. އަދި މިހާރު އިންޑިއާގައި އެކަހެރިކޮށްފައި ތިބި ހަތް ދިވެހިންވެސް ބައްޔަށް ނެގެޓިވް ވެފައިވާކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވަނީ ވިދާޅުވެފައެވެ.

08 ފެބުރުއަރީ 2020 | 20:27

އިތުރު 7 މީހުންނަށް ކޮރޯނާވައިރަސް ޖެހުމާއެކު ސިންގަޕޯރގައި ކޮރޯނާވައިރަސް ޖެހުނު މީހުންގެ އަދަދު 40 ށް އަރައިފި

ސިންގަޕޫރުން އިތުރު 7 މީހުންނަށް ކޮރޯނާވައިރަސް ޖެހި މިހާތަނަށް އެގައުމުން ކޮރޯނާވައިރަސްގެ އަސަރު ފެނުނު މީހުންގެ އަދަދު 40 ށް އަރައިފި އެވެ.

އެގައުމުގެ ހެލްތު މިނިސްޓްރީން އިތުރަށް ފެނުނު 5 މީހުންނަކީ ކުރިން މިވައިރަސްގެ އަސަރު ފެނުނު މީހުންނާއި ގުޅުންހުރި މީހުންކަމަށެވެ. އަނެއް ދެ މީހުންގެ ތެރެއިން އެކަކީ ޓެކްސީ ޑްރައިވަރެކެވެ. އަދި އަނެއް މީހާއަކީ ޕްރައިވެޓް ކާރު ދުއްވާ މީހެކެވެ.

08 ފެބުރުއަރީ 2020 | 19:18

ކެނެޑާއިން ކޮރޯނާވައިރަސްޖެހިފައިވާ 7 ވަނަ މީހަކު ފެނިއްޖެ

ކޮރޯނާވައިރަސް ޖެހިފައިވާ 7 ވަނަ މީހަކު ކެނެޑާއިން ފެނިއްޖެ ކަމަށް އެގައުމުން ބުނެފި އެވެ.

08 ފެބުރުއަރީ 2020 | 13:23

ފަރުކޮޅުފުށި އައިސޮލޭޝަން ފެސިލިޓީއަށް ހެލްތު މިނިސްޓަރ ޒިޔާރަތްކުރައްވައިފި

މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން ފަރުކޮޅުފުށީގައި ޤާއިމުކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީ އަށް މިއަދު ޒިޔާރަތްކުރައްވާފައިވާކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ. އެހެންނަމަވެސް މިކަމާއި ބެހޭ އިތުރު ތަފުޞީލެއް ހާމަކޮށްފައެއް ނުވެއެވެ.

އައިސޮލޭޝަން ފެސިލިޓީގެ ވޯޑެއް
އައިސޮލޭޝަން ފެސިލިޓީގެ ވޯޑެއް
08 ފެބުރުއަރީ 2020 | 13:07

ޔޫއޭއީން ކޮރޯނާވައިރަހަށް އިތުރު 2 މީހަކު ޕޮޒިޓިވް ވެއްޖެ

ޔުނައިޓެޑް އެރެބް އެމިރޭޓްސް ގެ ހެލްތު މިނިސްޓްރީގެ ރަސްމީ ޓްވިޓަރ އެކައުންޓުގައިވާ ގޮތުން މިއަދު އެޤައުމުގައި އިތުރު ދެމީހަކު ވަނީ ނޮވެލް ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެފައެވެ. އަދި މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން އެކަކަކީ ފިލިޕީންސް ރައްޔިތެއްކަމަށް ބުނެފައިވެއެވެ.

މި 2 މީހުންނާއެކު، ޔުނައިޓެޑް އެރެބް އެމިރޭޓްސްގައި ނޮވެލް ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 7 އަށް އަރާފައެވެ.

08 ފެބުރުއަރީ 2020 | 13:04

ކޮރޯނާވައިރަހަށް ޚާއްޞަކޮށް ޗައިނާއިން ތައްޔާރުކުރި ދެވަނަ ހޮސްޕިޓަލް ހުޅުވައިފި

ޗައިނާގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކުރާގޮތުގައި ނޮވެލް ކޮރޯނާވައިރަހަށް ފަރުވާދިނުމަށް ޚާއްޞަކޮށްގެން ޤާއިމުކުރި ދެވަނަ ވަގުތީ ހޮސްޕިޓަލް ހުޅުވާ މިއަދު ވަނީ ޚިދުމަތްދޭން ފަށާފައެވެ. މި ހޮސްޕިޓަލުގައި 32 ވޯޑާއި އޮޕަރޭޝަން ތިއޭޓަރެއް ހުންނަކަމަށް ރިޕޯޓުތައް ބުނެއެވެ. ފުރަތަމަ މެޑިކަލް ޓީމު މިއަދުވަނީ "ލެއިޝޭންޝާން" ހޮސްޕިޓަލުގައި ފަރުވާދޭންފަށާފައެވެ. މި ހޮސްޕިޓަލްވެސް ޤާއިމުކޮށްފައިވަނީ ވޫހާން ސިޓީގައެވެ.

08 ފެބުރުއަރީ 2020 | 12:56

މެލޭޝިޔާއިން އިތުރު މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެއްޖެ

މެލޭޝިޔާގެ ހެލްތު މިނިސްޓްރީން ކަށަވަރުކޮށްދީފައިވާ ގޮތުގައި އެޤައުމުން މިއަދު ވަނީ އިތުރު މީހަކު ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވެފައެވެ. ވައިރަސްއަށް ޕޮޒިޓިވް ވީ މީހާއަކީ އުމުރުން 67 އަހަރުގެ ޗައިނާގެ އަންހެނެއް ކަމަށްވެސް އެމިނިސްޓްރީން ބުނެއެވެ.

ހެލްތު މިނިސްޓްރީން މިއަދު ބޭއްވީ ނޫސްވެރިންގެ ބައްދަލުވުމެއްގައި، މެލޭޝިޔާގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ ޑރ ވޮން އަޒީސާ ވޮން އިސްމާއީލް ވިދާޅުވީ، މިފަހަރު ކޮރޯނާވައިރަހަށް ޕޮޒޮޓިވްވީ މީހާއަކީ އެޤައުމުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވީ 14 ވަނަ މީހާގެ ގާތް އެކުވެރިއެއްގެ މަންމަ ކަމަށެވެ. އަދި އޭނާއަކީ މިހާރު ކޮރޯނާވައިރަސް ހަލުވިކަމާއެކު ފެތުރެމުންދާ ވޫހާން ސީޓިގެ ރައްޔިތެއްކަމަށްވެސް ވިދާޅުވިއެވެ.

މިމީހާއާއެކު، މެލޭޝިޔާގައި ކޮރޯނާވައިރަހަށް ޕޮޒިޓިވްވީ މީހުންގެ ޢަދަދުވަނީ 16 އަށް އަރާފައެވެ.

.

08 ފެބުރުއަރީ 2020 | 11:59

އެމެރިކާގެ ވައިގެ ބަނދަރުތަކުގައި 17،000 މީހުން ކޮރޯނާވައިރަހަށް ސްކްރީން ކޮށްފި

އެމެރިކާގެ ސެކްރެޓަރީ އޮފް ހެލްތު އެންޑް ހިއުމަން ސަރވިސަސް އެލެކްސް އަޒަރ
އެމެރިކާގެ ސެކްރެޓަރީ އޮފް ހެލްތު އެންޑް ހިއުމަން ސަރވިސަސް އެލެކްސް އަޒަރ

މިކަން ހާމަކުރައްވާ ވައިޓްހައުސްގައި ވާހަކަފުޅު ދައްކަވަމުން، އެމެރިކާގެ ސެކްރެޓަރީ އޮފް ހެލްތު އެންޑް ހިއުމަން ސަރވިސަސް އެލެކްސް އަޒަރ ވިދާޅުވީ މިދިޔަ އާދީއްތަދުވަހުން ފެށިގެން އެޤައުމުގެ 11 އެއަރޕޯރޓެއްގައި 17،000 މީހުން ނޮވެލް ކޮރޯނާ ވައިރަހަށް ސްކްރީން ކޮށްފައިވެއެވެ. އަދި މިއަދު ގެ ނިޔަލަށް އިތުރު 4،000 މީހުން ސްކްރީން ކުރެވޭނެކަމަށް އަޒަރ ވިދާޅުވެފައިވެއެވެ.

އަޒަރ ވިދާޅުވީ، ފާއިތުވެދިޔަ ދުވަސްތަކުގައި އެމެރިކާގެ ގިނަ ބަޔަކުވެސް ޗައިނާއަށް ޒިޔާރަތްކޮށްފައިވާކަމަށާއި، އަިދ ޗައިނާއަށާއި، ވައިރަސް ފެތުރިފައިވާ އެހެނިހެން ޤައުމުތަކަށް ޒިޔާރަތްކުރާ މީހުންވެސް އެމެރިކާއަށް އެކި ބޭނުންތަކަށް އައުމަކީ އެކަށީގެންވާ ކަމެއްކަމުން ވައިގެ ބަދަރުތަކުގައި ސްކްރީން ކުރުމުގެ ނިޒާމާއި ސެކިއުރިޓީ ވަރުގަދަކޮށްފައިވާކަމަށެވެ.

އެމެރިކާއިން މިހާރު ވަނީ ޗައިނާ، މަކާއޯ އަދި ހޮންގކޮންގ މީހުން މި ދަނޑިވަޅުގައި އެމެރިކާއަށް ނޭރުވުމަށް ދަތުުރުފަތުރުގެ ސަމާލެއް ނެރެފައެވެ. އަދި ޗައިނާއަށް ދަތުރުކުރި އެމެރިކާ މީހުންވެސް 14 ދުވަހު ކަރަންޓީންކޮށްފައި ނޫނީ އަމިއްލަ ވަޒަނަށް ނުދެވޭފަދަ ޕްރޮޓޮކޯލް އެއް އެޤައުމުގެ ސެންޓަރ ފޮރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަނުން ވަނީ ޤާއިމުކޮށްފައެވެ.

08 ފެބުރުއަރީ 2020 | 11:31

ޗައިނާގައި މިއަދު އެކަނިވެސް ކޮރޯނާވައިރަސްއަށް 86 މީހުން ޕޮޒިޓިވް ވެއްޖެ

ހުބޭއީ ޕްރޮވިންސްގައި ގިނަ ބަޔަކު ޑޮކްޓަރަށް ދައްކަން ކިއުގައި
ހުބޭއީ ޕްރޮވިންސްގައި ގިނަ ބަޔަކު ޑޮކްޓަރަށް ދައްކަން ކިއުގައި

ޗައިނާގެ ނެޝަނަލް ހެލްތު ކޮމިޝަނުން ބުނާގޮތުގައި މިއަދު އެކަނިވެސް ޗައިނާގައި 86 މީހުން ވަނީ ނޮވެލް ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެފައެވެ. މީގެ ތެރޭގައި ގިނައީ ޗައިނާގެ މެއިންލޭންޑުން ޕޮޒިޓިވްވީ މީހުންކަމަށް އޮފިޝަލުން ބުނެއެވެ. މިއާއެކު، ކޮރޯނާވައިރަސްއަށް ޕޮޒިޓިވް މީހުންގެ އަދަދު ވަނީ 34،000އަށް ވުރެ މައްޗަށް އަރާފައެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ބުނާގޮތުގައި، ދުނިޔޭގެ 28 ޤައުމަކުން މިހާރުވަނީ ކޮރޯނާވައިރަސް ފެނިފައެވެ. މީގެތެރޭގައި ގިނައީ އޭޝިޔާގެ ޤައުމުތަކެވެ.

08 ފެބުރުއަރީ 2020 | 11:21

އެންޓި-ވައިރަސް ފޭސް މާސްކް ގަނޑުކޮށް ނުގަތުމަށް ޓައިވާނާއި، ހޮންގްކޮންގުން އިލްތިމާސްކޮށްފި

ހޮންގކޮންގުގެ ފާރަމސޫޓިކަލްސް ހޯލްސޭލްކޮށް ވިއްކާ ބާޒާރެއް
ހޮންގކޮންގުގެ ފާރަމސޫޓިކަލްސް ހޯލްސޭލްކޮށް ވިއްކާ ބާޒާރެއް

ކޮރޯނާވައިރަސްގެ ބަލިމަޑުކަން އިތުރު ސިޓީތަކަށް ފެތުރެމުންދާތީ، މިދަނޑިވަޅުގައި އެންޓި-ވައިރަސް ފޭސް މާސްކާއި، ޓޮއިލެޓް ޓިޝޫ ފަދަ ތަކެތި ގަނޑުކޮށް ނުގަތުމަށް ޓައިވާނާއި، ހޮންގްކޮންގުގެ ރައްޔިތުންނަށް ސަރުކާރުން އިލްތިމާސްކޮށްފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުންނަމަ، މިފަދައިން ނުގަތުމަށް އެންގީ، އޭގެ އެންމެ ބޭނުންޖެހޭ ފަރާތްތަކައް މިވަގުތު އެ ބޭނުންވާ މިންވަރަށް ލިބުމުގައި ދަތިވަމުންދާތީއާއި، އަދި މާރުކޭޓުތަކުގައި މިފަދަ އުފެއްދުންތަކުގެ އަގު ބޮޑުވަމުންދާތީއެވެ.

ޓައިވާނާއި، ހޮންގްކޮންގުގެ ގިނަ ސުޕަރ މާރކެޓުތަކުން މިހާރު މާސްކްވަނީ ހުސްވެފައެވެ.

08 ފެބުރުއަރީ 2020 | 11:06

ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވި ޤައުމުތަކުގެ ތަފުޞީލު

* ޗައިނާ : 34،646 މީހުން/722 މަރު

* ކްރޫސް ލައިނަރ "ޑައިމަންޑް ޕްރިންސެސް: 64 މީހުން

* ޖަޕާން: 89 މީހުން

* ސިންގަޕޫރް: 33 މީހުން

* ތައިލޭންޑް: 32 މީހުން

* ހޮންގްކޮންގ: 24 މީހުން/1 މަރު

* ދެކުނު ކޮރެއާ: 24 މީހުން

* ޓައިވާން: 16 މީހުން

* އޮސްޓްރޭލިއާ: 15 މީހުން

* މެލޭޝިއާ: 15 މީހުން

* ޖަރުމަން: 13 މީހުން

* ވިއެޓްނާމް: 12 މީހުން

* އެމެރިކާ: 12 މީހުން

* މަކާއޯ: 10 މީހުން

* ފްރާންސް: 06 މީހުން

* ކެނެޑާ: 06 މީހުން

* ޔޫއޭއީ: 05 މީހުން

* އިންޑިއާ: 03 މީހުން

* ފިލިޕީންސް: 03 މީހުން/1 މަރު

* އިގިރޭސި ވިލާތް: 03 މީހުން

* އިޓަލީ: 02 މީހުން

* ރަޝިޔާ: 02 މީހުން

* ފިންލޭންޑް: އެކަކު

* ސްޕެއިން: އެކަކު

* ސްވިޑަން: އެކަކު

* ބެލްޖިއަމް: އެކަކު

* ނޭޕާލް: އެކަކު

* ސްރީލަންކާ: އެކަކު

* ކެމްބޯޑިއާ: އެކަކު

08 ފެބުރުއަރީ 2020 | 11:01

ކްރޫސްލައިނަރ "ޑައިމަންޑް ޕްރިންސަސް" އިން އިތުރު ތިން މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެއްޖެ

ޖަޕާންހެ ކްރޫސްލައިނަރ "ޑައިމަންޑް ޕްރިންސަސް" ޔޮކޮހާމާގައި ބަނދަރުކޮށްފައި
ޖަޕާންހެ ކްރޫސްލައިނަރ "ޑައިމަންޑް ޕްރިންސަސް" ޔޮކޮހާމާގައި ބަނދަރުކޮށްފައި

ޖަޕާނުގެ ކްރޫސްލައިނަރ "ޑައިމަންޑް ޕްރިންސަސް" ގައި ތިބި މީހުންގެ ތެރެއިން އިތުރު 3 މީހަކު މިއަދު ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެއްޖެއެވެ. މިއާއެކު މި ކްރޫސްލައިނަރގައި ކޮރޯނާވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 64 އަށް އަރާފައެވެ.

ފަޅުވެރިންނާއި ފަސިންޖަރުންނާއެކު ޖުމުލަ 3,700 މީހުން ދަތުރުކުރަމުން ދިޔަ މި ކްރޫސްލައިނަރ އިން މިހާތަނަށް 280 މީހަކު ވަނީ ކޮރޯނާވައިރަސްއަށް ޓެސްޓްކޮށްފައެވެ.

"ޑައިމަންޑް ޕްރިންސަސް" ގައި ތިބި ފަޅުވެރިންނާއި، ފަސިންޖަރުން ކޮރޯނާވައިރަހަށް ޕޮޒިޓިވް ވުމާއި ގުޅިގެން، މިދިޔަ ހޯމަދުވަހުން ފެށިގެން އެ ކްރޫސްލައިނަރ ވަނީ ކަރަންޓީން ކޮށްފައެވެ. އިތުރު 10 ދުވަހަށް ކަރަންޓީން ކުރުމަށް ޖަޕާނު ސަރުކާރުން ވަނީ ނިންމާފައެވެ.

08 ފެބުރުއަރީ 2020 | 10:38

ފްރާންސަށް ގޮސް އުޅުނު އިނގިރޭސިވިލާތުގެ 5 މީހަކު ކޮރޯނާވައިރަސް އަށް ޕޮޒިޓީވް ވެއްޖެ

ފަރަންސޭސިވިލާތުގެ ހެލްތު މިނިސްޓަރ، އަގްނީޒް ބުޒީންއާއި ޙަވަލާދީ ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓުކުރާގޮތުގައި، ފަރަންސޭސިވިލާތަށް ގޮސް އުޅުނު އިނގިރޭސިވިލާތުގެ 5 މީހަކަށް ކޮރޯނާވައިރަސް ޖެހުނީ ޗައިނާއަށް ގޮސް އެނބުރިއައި ސިންގަޕޫރު މީހަކާ އެމީހުންނާއި ދިމާވެގެން ކަމަށެވެ. އެހެންނަމަވެސް ސީދާ އެ 5 މީހުންނަށް ވައިރަސް އަރަން މެދުވެރިވި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ. ކޮރޯނާވައިރަސް ޖެހުނު މީހުންގެތެރޭގައި ކުޑަކުއްޖަކުވެސް ހިމެނޭ ކަަމަށާއި، އެމީހުންގެ ޙާލު ސީރިއަސް ނޫންކަމަށް އަގްނީޒް ވިދާޅުވެފައިވާ ކަމަށް ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓުކުރެއެވެ.

މިއާއެކު، ފަރަންސޭސިވިލާތުން ކޮރޯނާވައިރަސް ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 11 އަށް އަރާފައެވެ.

08 ފެބުރުއަރީ 2020 | 10:23

ޗައިނާގެ ހުބޭއި ޕްރޮވިންސްގައި ތާށިވެފައި ތިބ ކެރަލާ ސްޓޭޓުގެ 15 ދަރިވަރުން ކެރަލާއަށް ގެންގޮސްފި

ޗައިނާގެ ހުބޭއި ޕްރޮވިންސްގައި ތާށިވެފައި ތިބި އިންޑިއާގެ ކެރަލާ ސްޓޭޓުގެ 15 ދަރިވަރުން އަނބުރާ ކެރަލާ ސްޓޭޓަށް ގެނެސްފިއެވެ.

ކެރަލާ ސްޓޭޓުގެ މައި ސަރުކާރުގެ އިސް މަސްއޫލުވެރިންނާއި ޙަވާލާދީ، ނިއުސް އޭޖެންސީ ތަކުން ޚަބަރު ފަތުރާގޮތުގައި، ޗައިނާއިން ފުރަތަމަ މި ދަރިވަރުން ގެންދިޔައީ ތައިލޭންޑުގެ ކުންމިންގ އެއަރޕޯޓަށެވެ. އަދި އެތަނުން އެއަރ އޭޝިޔާގެ ޚާއްޞަ ފްލައިޓެއްގައި މިއަދު އެމީހުން ކޮޗިން އިންޓަރނޭޝަނަލް އެއަރޕޯޓަށް ގެނައިކަމަށާއި، އެއަރޕޯޓުގައ ބައިތިއްބައިގެން ކޮރޯނާވައިރަސް އަށް ސްކްރީން ކުރުމަށްފަހު އެމީހުންގެ ޢާއިލާތަކާއި ޙަވާލުކޮށްފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

22 / 81