Raajje.mv

ކޮވިޑް-19: އެންމެ ފަހުގެ

ނޮވެލް ކޮރޯނާވައިރަސް ގުޅޭ އެންމެ ފަހުގެ މައުލޫމާތު:

28 ޖެނުއަރީ 2020
61179852
ކޮރޯނާވައިރަސް

ކޮރޯނާވައިރަސް

08 ފެބުރުއަރީ 2020 | 10:15

މާރޗުމަހުގެ ތެރޭގައި ކޮރޯނާވައިރަހުން ސަލާމަތްވެވިފައިވާކަމުގެ ޔަޤީންކަން ދޭނަން: ކެރަލާ ހެލްތު މިނިސްޓަރ

ކެރެލާ ސްޓޭޓުގެ ހެލްތު މިނިސްޓަރ ކޭކޭ ޝައިލަޖާ
ކެރެލާ ސްޓޭޓުގެ ހެލްތު މިނިސްޓަރ ކޭކޭ ޝައިލަޖާ

ކެރަލާ ސްޓޭޓުގެ ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން އެސްޓޭޓުގެ ހެލްތު މިނިސްޓަރ ކޭކޭ ޝައިލަޖާ ވިދާޅުވީ، ކޮރޯނާ ވައިރަސް ޖެހުނު މީހުންނާއި، އަދި އޭގެ އަލާމާތްތައް ފެންނަން ހުރި ގިނަ މީހުންނަކީ ޒުވާނުންނަށްވެފައި، އެމީހުންނަށް އެކަށީގެންވާ ފަރުވާދެމުންދާތީ އެމީހުންގެ ޙާލަތު ދުވަހުން ދުވަހަށް ރަނގަޅުވަމުން އަންނަ ކަމަށެވެ. އަދި ތަންފީޒުކުރަމުންދާ ޚާއްޞަ ޕްރޮޓޮކޯލްއެއްގެ ދަށުން، ގަޑިން ގަޑިއަށް ކާންދީ، ވަގުތުން ވަގުތައް ބޭސް ދީ، އަދި އަރާމު ކުރޭތޯ ވަރަށް ގާތުން ބަލަމުންދާކަމަށެވެ.

ޑަބްލިއުއެޗްއޯއިން ބުނާ ގޮތުންނަމަ، މިހާރު މިއީ އިންކިއުބޭޝަންގެ 14 ދުވަހުގެ މުއްދަތެވެ. ޝައިލަޖާ ވިދާޅުވީ، 14 ދުވަހުގެ މުއްދަތެއް ޞިއްޙީ މާހިރުން ކަނޑައަޅާފައިވީ ނަމަވެސް ކެރަލާ ސްޓޭޓުގައި މިހާރު ކަރަންޓީންކޮށްފައި ތިބި މީހުން 28 ދުވަސް ވަންދެން ބަލަހައްޓާނެކަމަށެވެ. އަދި އެއަށް ފަހު މާރޗުމަހުގެ ފުރަތަމަ ހަފުތާގައި ކެރަލާ ސްޓޭޓަކީ، ކޮރޯނާވައިރަސް އިން ސަލާމަތްވެފައިވާ ސްޓޭޓޭއްގެ ގޮތުގައި އިޢުލާންކުރެވިދާނެކަމަށެވެ.

މިހާތަނަށް އައިއިރު ކެރެލާ ސްޓޭޓުގައި ކޮރޯނާވައިރަސްއަށް 3 މީހުން ޕޮޒިޓިވްވެފައިވާކަމަށް ރިޕޯޓުކުރެވިފައިވާއިރު، ޗައިނާއަށް ދަތުރުކޮށްފައި އެބުރި ކެރެލާ ސްޓޭޓަށް އައި 2800 މީހުން ކަރަންޓީންކޮށްގެން ފަރުވާ ދެމުންދާކަމަށް ޚަބަރުލިބެއެވެ.

08 ފެބުރުއަރީ 2020 | 08:32

ތައިލެންޑުން ކޮރޯނާ ވައިރަސް އަށް އިތުރު 7 މީހަކު ޕޮޒިޓިވްވެއްޖެ

ތައިލެންޑުން ކޮރޯނާއަށް އިތުރު 7 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް އެގައުމުގެ ހެލްތް މިނިސްޓްރީން ހާމަކޮށްފިއެވެ.

ތައިލެންޑުގެ ހެލްތް މިނިސްޓްރީން ބުނީ ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ތައިލެންޑުގެ 3 މީހަކާއި ޗައިނާގެ 4 މީހެއް ކަމަށެވެ. މިއާއެކު ތައިލެންޑުން ކޮރޯނާއަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 32 އަށް އަރާފައެވެ. މިއީ ޗައިނާ ފިޔަވައި ދެން އެންމެ ގިނައިން ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވި މީހުން ތިބި ގައުމެވެ.

މި ހަތް މީހުންނަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާ އިރު، މީގެތެރެއިން ތައިލެންޑުގެ އެކަކީ ވުހާން ސިޓީން އަނބުރާ ގައުމަށް ގެނައި 138 މީހުންގެ ތެރެއިން އެކަކެވެ.

08 ފެބުރުއަރީ 2020 | 06:03

ކޮރޯނާވައިރަސް ޖެހުނު އެމެރިކާ މީހަކާއި ޖަޕާނު މީހަކު ޗައިނާގައި މަރުވެއްޖެ

ކޮރޯނާވައިރަސް ފެތުރެން ފެށި ޗައިނާގެ ހޫބޭ ޕްރޮވިންސްގެ ވުހާން ސިޓީގައި އެމެރިކާގެ ރައްޔިތެއް ކޮރޯނާވައިރަސް ޖެހިގެން މަރުވެފައިވާ ކަމަށް އެމެރިކާއިން ހާމަކޮށްފިއެވެ.

ޗައިނާގައި ހުންނަ އެމެރިކާގެ އެމްބަސީން ބުނީ މަރުވެފައިވަނީ 60 އަހަރުގެ މީހެއް ކަމަށާއި، އޭނާ މަރުވެފައިވަނީ ކޮރޯނާވައިރަސްއަށް ފަރުވާހޯދަމުން ދަނިކޮށް ވުހާންގެ ހޮސްޕިޓަލެއްގައި ކަމަށެވެ.

މީގެ އިތުރުން ޖަޕާންގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެ ފަރުވާ ހޯދަމުން ދަނިކޮށް ވުހާންގައި އެގައުމުގެ 60 އަހަރުގެ ރައްޔިތަކު މަރުވެފައިވާ ކަމަށެވެ. އަދި މިއާއެކު މިއީ އެގައުމުގެ ރައްޔިތަކު މި ބަލީގައި މަރުވި ފުރަތަމަ ފަހަރުކަމަށް ޖަޕާނުން ވަނީ ހާމަކޮށްފައެވެ.

08 ފެބުރުއަރީ 2020 | 04:10

ކޮރޯނާވައިރަސްގެ ބަލިމަޑުކަމުން އަރައިގަތުމަށް ޗައިނާއިން ކުރަމުންދަނީ ވަރަށް "ޕްރޮފެޝަނަލް" މަސައްކަތެއް: ޓްރަމްޕް

އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓްހައުސްއިން ޢާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ކޮރޯނާވައިރަސްގެ މަލިމަޑުކަމުން އަރައިގަތުމަށް ޗައިނާއިން ކުރަމުންދާ މަސައްކަތްތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ޗައިނާގެ ބޮޑުވަޒީރު ޝީ ޖިންޕިންގ އަށް ގުޅުއްވައިގެން ދެބޭފުޅުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައިވާކަމަށެވެ. ފޯންކޯލަށް ފަހު ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ޗައިނާއިން މިދަނޑިވަޅުގައި މަސައްކަތްކުރައްވަމުން ގެންދަނީ ވަރަށް ރަނގަޅަށް، ވަރަށް "ޕްރޮފެޝަނަލް" ކަމަށެވެ. އަދި މިކަމުގައި ޗައިނާއާއި ވަރަށް ގާތުން މަސައްކަތްކުރަމުންދާކަމަށވެސް ޓްރަމްޕް ވިދާޅުވެފައިވެއެވެ.

08 ފެބުރުއަރީ 2020 | 04:03

ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވި ޤައުމުތަކުގެ ތަފުޞީލު

* ޗައިނާ : 34،646 މީހުން/722 މަރު

* ކްރޫސް ލައިނަރ "ޑައިމަންޑް ޕްރިންސެސް: 61 މީހުން

* ސިންގަޕޫރް: 30 މީހުން

* ޖަޕާން: 25 މީހުން

* ތައިލޭންޑް: 25 މީހުން

* ހޮންގްކޮންގ: 24 މީހުން/1 މަރު

* ދެކުނު ކޮރެއާ: 24 މީހުން

* ޓައިވާން: 16 މީހުން

* އޮސްޓްރޭލިއާ: 15 މީހުން

* މެލޭޝިއާ: 15 މީހުން

* ޖަރުމަން: 13 މީހުން

* ވިއެޓްނާމް: 12 މީހުން

* އެމެރިކާ: 12 މީހުން

* މަކާއޯ: 10 މީހުން

* ފްރާންސް: 06 މީހުން

* ކެނެޑާ: 05 މީހުން

* ޔޫއޭއީ: 05 މީހުން

* އިންޑިއާ: 03 މީހުން

* ފިލިޕީންސް: 03 މީހުން/1 މަރު

* އިގިރޭސި ވިލާތް: 03 މީހުން

* އިޓަލީ: 02 މީހުން

* ރަޝިޔާ: 02 މީހުން

* ފިންލޭންޑް: އެކަކު

* ސްޕެއިން: އެކަކު

* ސްވިޑަން: އެކަކު

* ބެލްޖިއަމް: އެކަކު

* ނޭޕާލް: އެކަކު

* ސްރީލަންކާ: އެކަކު

* ކެމްބޯޑިއާ: އެކަކު

08 ފެބުރުއަރީ 2020 | 03:52

ވުހާން ސިޓީގައި ތިބި ޕާކިސްތާން މީހުން އެސީޓީން ބޭލުމަށް އެހީތެރިވާނެކަމަށް އިންޑިއާއިން ބުނެފި

ޤާނޫނު ހަދާ މަޖިލީހުގައި ވާހަކަ ދައްކަވަމުން އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޖެއި ޝަންކަރ ވިދާޅުވީ، ޕާކިސްތާނުގެ ވުހާން ސީޓިގައި މިހާރުވެސް ޕާކިސްތާނުގެ ކިޔަވާކުދިން އެބަތިބިކަމަށާއި، ޕާކިސްތާން ސަރުކާރުން މި ދަނޑިވަޅުގައި އެހީއަކަށް އެދިއްޖެނަމަ، އެއްބާރުލުން ދޭން އިންޑިޔާ ފުރިހަމަޔަށް ތައްޔާރުވެފައިވާކަމަށެވެ.

08 ފެބުރުއަރީ 2020 | 03:48

ދެކުނު އޭޝިޔާގެ ހުރިހައި ޤައުމަކަށް ކޮރޯނާވައިރަސް އަށް ޓެސްޓްުކުރުމަށް އެހީތެރިވެދޭނަން: އިންޑިއާ

އިންޑިއާގެ ހެލްތު މިނިސްޓަރ ހަރްޝް ވަރްދާން ވިދާޅުވެފައިވަނީ، ދެކުނު އޭޝިޔާގެ ޤައުމުތަކުން ކޮރޯނާވައިރަސް އަށް ޓެސްޓުކުރުމުގައި އެހީތެރިކަން ބޭނުންވާނަމަ، އިންޑިއާއިން އެކަމުގައި އެހީތެރިވެދޭން ފުރިހަމަޔަށް ތައްޔާރުވެފައިވާކަމަށެވެ. އެގޮތުން މިހާރު ދިވެހި ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށާއި، އަފްޣާނިސްތާނާއި ބޫޓާންއަށްވެސް އެހީތެރިވެދިނުމަށް މިހާރު އިންޑިއާއިން އެއްބަސްވެފައިވާކަމަށެވެ.

08 ފެބުރުއަރީ 2020 | 03:44

އިންޑިއާ ވިސާގައި ތިބި އެހެން ޤައުމުތަކުގެ މީހުން ޗައިނާއަށް ދަތުރުކޮށްފިނަމަ ވިސާ ކެންސަލް ކުރާނަން: އިންޑިއާ ސަރުކާރު

ބޭރު ޤައުުމުތަކުގެ މީހުންނަށް އެކި ބޭނުންތަކަށް އިންޑިއާއިން ވިސާދޫކޮށްފައިވާއިރު، މިއިން އެއްވެސް މީހަކު ޗައިނާަށް ދަތުރުކޮށްފިނަމަ އެމީހުންގެ ވިސާ އޮޓޮމެޓިކުން ކެންސަލްވާގޮތައް އިންޑިއާ ސަރުކާރުން ނިންމައިފިއެވެ.

އިންޑިއާގެ ހެލްތު މިނިސްޓަރ ހަރްޝް ވަރްދާން ވިދާޅުވެފައިވަނީ، މިގޮތައް ނިންމަން ޖެހުނީ އިންޑިއާގެ ވިސާގައި ތިބެ، ޗައިނާއަށް ޒިޔާރަތް ކުރުމަށް ފަހު އަނބުރާ އިންޑިއާއަށް އައި ބޭރުގެ 150 މީހެއްގެ ގައިން ކޮރޯނާވައިރަސްގެ އަލާމާތްތައް ފެންނާތީ ކަމަށެވެ. މިހުރިހައި އެންމެންވެސް މިހާރު ކަރަންޓީންކޮށްގެން އިންޑިއާގެ ބެލުމުގެ ދަށުން ފަރުވާދެމުން އަންނަ ކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ. އިންޑިއާގެ ހެލްތު މިނިސްޓަރ ހަރްޝް ވަރްދާން އިންޑިއާގެ އެއްވެސް ރައްޔިތަކުން މިދަނޑިވަޅުގައި ޗައިނާއަށް ދަތުރު ނުކުރުމަށް އިލްތިމާސްކޮށްފައެވެ.

08 ފެބުރުއަރީ 2020 | 03:36

އެންޓި-ވައިރަސް ފޭސް މާސްކަށް ޖެހެމުންދާކަމަށް ޑަބްލިއުއެޗްއޯއިން ބުނެފި

ޖެނީވާގައި މިހާރު ކުރިޔަށްދާ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) ގެ އެކްޒެކެޓިވް ބޯޑުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ޖަމްޢިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އެދެނޯމް ގެބްރިޔޭސަސް ވިދާޅުވީ، ދުނިޔޭގެ ޤައުމުތަކުން އެންޓި-ވައިރަސް މާސްކާއި، ވައިރަސް އިން ރައްކާތެރިވުމަށް ބޭނުންވާ އެހެން އާލާތްތައް ހުސްވަމުން އަންނަ ކަމަށެވެ.

އޭނޭ ވިދާޅުވީ ހަލުވިކަމާއެކު ކޮރޯނާ ވައިރަސް ފެތުރެމުންދާ މިދަނޑިވަޅުގައި މާސްކަށް ޖެހެމުން އަންނައިރު، މިހާރު ބައެއް ޤައުމުތަކުގައި މާސްކުގެ އަގު ވިހި ގުނަ ބޮޑުކޮށްފައިވާކަމަށެވެ. އަދި މިހާރި ސްޓޮކްގައި ހުރި 4 ނުވަތަ 6 މަހަށް ބޭނުން ކުރެވޭ މިންވަރަށް ކަމަށް ގެބްރިޔޭސަސް ވިދާޅުވިއެވެ. މިހެންވާން ޖެހެނީ މި ދަނޑިވަޅުގައި މާސްކަށް ބޭނުން ނުޖެހޭ މީހުންވެސް މާސްކު ބޭކާރުގޮތުގައި ބޭނުން ކުރަމުންދާތީ ކަމަށެވެ. އެހެންކަމުން އަރިދަފުސް ރޯގާ ޖެހިގެން، ނޫނީ ޑޮކްޓަރެއް ނުވަތަ ޞިއްޙި އެހީތެރިއެެެއްގެ ލަފަޔާއެކު ނޫނީ މިދަނޑިވަޅުގައި އެންޓި ވައިރަސް ފޭސް މާސްކާއި، ރައްކާތެރިވާން ބޭނުންކުރާ އެހެނިހެން އާލާތްތައް ބޭނުން ނުކުރުމަށް ގެބްރިޔޭސަސް ވަނީ ދުނިޔޭގެ ހުރިހައި އެންމެންނަށް ގޮވާލާފައެވެ.

08 ފެބުރުއަރީ 2020 | 03:20

ޖަޕާނުގައި ބަނދަރުކޮށްފައިވާ ކްރޫސްލައިނަރ ގައި ތިބި އިންޑިއާ އެއްވެސް މީހަކު ކޮރޯނާވައިރަސްއަށް ޕޮޒިޓިވްއެއް ނުވޭ

އިންޑިއާގެ އެކްސްޓަރނަލް މިނިސްޓަރ ޖެއި ޝަންކަރު ވިދާޅުވީ، މިހާރު ކަރަންޓީންކޮށްފައިވާ ކްރޫސްލައިނަރ "ޑައިމަންޑް ޕްރިންސަސް" ގައި އިންޑިއާގެ 7 މީހުން އެބަތިބި ކަމަށާއި، ކޮރޮނާވައިރަސް އެމީހުންގެ ހަށިގަނޑުގައި ހުރިތޯ ބެލުމަށް ހެދި ޓެސްޓް ނެގެޓިވް ކަމަށެވެ.

"ޑައިމަންޑް ޕްރިންސަސް" ގައި 3،700 މީހުން ތިބި އިރު، 61 މީހުން ވަނީ ކޮރޯނާވައިރަސް އަށް ޕޮޒިޓިވް ވެފައެވެ.

މީގެތެރޭގައި:

* ޖަޕާން : 21 މީހުން

* އެމެރިކާ: 8 މީހުން

* އޮސްޓްރޭލިއާ: 5 މީހުން

* ކެނެޑާ: 5 މީހުން

"ޑައިމަންޑް ޕްރިންސަސް" ގައި ތިބި ފަޅުވެރިންނާއި ފަސިންޖަރުން ކޮރޯނާވައިރަސްއަށް ޕޮޒިޓިވް ވުމާއި ގުޅިގެން، މިދިޔަ ހޯމަދުވަހުން ފެށިގެން އެ ކްރޫސްލައިނަރ ވަނީ ކަރަންޓީން ކޮށްފައެވެ. އިތުރު 10 ދުވަހަށް ކަރަންޓީން ކުރުމަށް ޖަޕާނު ސަރުކާރުން ވަނީ ނިންމާފައެވެ.

08 ފެބުރުއަރީ 2020 | 03:18

ވުހާންގައި ތިބި އަވަށްޓެރި ޤައުމުތަކުގެ ރައްޔިތުން އެސިޓީން ބާލަން އެހީތެރިވެދޭނަން: އިންޑިއާ ސަރުކާރު

ޤާނޫނު ހަދާ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން އިންޑިއާގެ އެކްސްޓަރނަލް އެފެއރަރޒް މިނިސްޓަރ ޖޭ ޝަންކަރް ވިދާޅުވީ، ނޮވެލް ކޮރޯނާވައިރަސް ހަލުވި ކަމާއެކު ފެތުރެމުންދާ ޗައިނާގެ ވުހާން ސިޓީގައި ތާށިވެފައިތިބި އަވަށްޓެރި ޤައުމުތަކުގެ ރައްޔިތުން ވުހާން ސީޓީން ބޭލުމަށް އިންޑިއާ ސަރުކާރުން އެހީތެރިވެދޭނޭކަމުގެ ފުރިހަމަ ޔަޤީންކަން އަރުވާކަމަށެވެ. އޭނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި މިހާތަނަށް އިންޑިއާގެ އެހީތެރިކަން ހޯދާފައިވަނީ ދިވެހި ރާއްޖެއިން އެކަނިއެވެ. މިހާރު ވުހާން ސިޓިގައި ތިބި އިންޑިއާގެ ހުރިހައި ރައްޔިތުން ވުހާން ސިޓީން ބާލާ، އަނބުރާ އިންޑިއާއަށް ގެނެސްފައިވާކަމަށް، ޖެއި ޝަންކަރު ވިދާޅުވިއެވެ.

08 ފެބުރުއަރީ 2020 | 03:13

ޖަޕާނުން އިތުރު 3 މީހަކު ކޮރޯނާވައިރަސް އަށް ޕޮޒިޓިވް ވެއްޖެ

ޖަޕާނުގެ ހެލްތު މިނިސްޓްރީއާއި ޙަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި ޖަޕާނުން އިތުރު 3 މީހަކު މިހާރުވަނީ ނޮވެލް ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވެފައެވެ. މިއާއެކު ޖަޕާނުގައި ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ ޢަދަދަކީ 64 އެވެ.

08 ފެބުރުއަރީ 2020 | 03:09

ކެރަލާ ސްޓޭޓުން ބަލިމަޑުކަމުގެ ކާރިޘާގެ ޙާލަތު އުވާލައިފި

އިންޑިއާގެ ދެކުނު ކެރަލާ ސްޓޭޓުން ނޮވެލް ކޮރޯނާވައިރަސްއަށް އެސްޓޭޓުގެ 3 މީހަކު ޕޮޒިޓިވްވުމާއި ގުޅިގެން އިޢުލާން ކުރި "ބަލިމަޑުކަމުގެ ކާރިޘާ" ގެ ޙާލަތު އުވާލައިފިއެވެ. އެ ސްޓޭޓުގެ ހެލްތު މިނިސްޓަރާއި ޙަވަލާދި އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކުރާގޮތުގައި، ފާއިތުވެ ދިޔަ 3 ދުވަހު އިތުރު މީހަކު ކޮރޯނާވައިރަސްއަށް ޕޮޒިޓިވް ވެފައިނުވާތީ ކާރިޘާގެ ޙާލަތު އުވާލަން ކެރެލާ ސަރުކާރުން ނިންމިކަމަށެވެ.

ޝައިލަޖާ ވިދާޅުވީ "ބަލިމަޑުކަމުގެ ކާރިޘާ" ގެ ޙާލަތު އުވާލިނަމަވެސް، ވައިރަސް ނައްތާލުމަށާއި ކޮންޓްރޯލް ކުރުމަށް ކުރެވެން ހުރި ހުރިހައި ކަމެއް ކުރާނެކަމަށާއި، މިހާރުވެސް އަޅަމުންދާ ފިޔަވަޅުތައް ތަންފީޒު ކުރުމުގައި ދެމިތިބެނޭކަމަށެވެ.

ހެލްތު މިނިސްޓަރ ކޭ.ކޭ ޝައިލަޖާ އާއި ޙަވަލާދީ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުންނަމަ، ކެރަލާ ސްޓޭޓުގައި މިހާ

ރުވެސް 3،014 މީހުން ޞިއްޙީ އިދާރާތަކުގެ ބެލުމުގެ ދަށުން ދަނީ ފަރުވާ ދެމުންނެވެ. މީގެތެރެއިން 2،953 މީހުން ގޭގައި ބައިތިއްބައިގެން ފަރުވާދެމުންދާއިރު، ދެން ތިބި 61 މީހުންނަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލްތަކުގައި ކަރަންޓީންކޮށްގެންނެވެ.

08 ފެބުރުއަރީ 2020 | 02:40

ނޮވެލް ކޮރޯނާވައިރަސް ޖެހިގެން ޗައިނާގައި މަރުވިމީހުންގެ ޢަދަދު 722 އަށް އަރައިފި

ޗައިނާގައި، ކޮރޯނާވައިރަސް ޖެހިގެން މަރުވީ މީހުންގެ އަދަދު 722 އަށް އަރައިފިއެވެ. ޗައިނާގެ ނެޝަނަލް ހެލްތު ކޮމިޝަނުން ވައިރަސްއާއި ބެހޭ ގޮތުން، ރޭ ޢާންމުކުރި އެންމެ ފަހުގެ މަޢުލޫމާތުތަކައް ބަލާއިރު، ނޮވެލް ކޮރޯނާ ވައިރަސް ގައި އިއްޔެއާއި ހަމަޔަށް މަރުވެފައިވަނީ 722 މީހުން، އަދި މިވައިރަސް ޖެހުނު ކަން ކަށަވަރުވި މީހުންގެ ޢަދަދަކީ 34،646 އެވެ. އިއްޔެ އެކަނި މެދުތެރޭ ހުބެއި ޕްރޮވިންސުން މި ވައިރަހުގައި 69 މީހުން މަރުވެފައިވާއިރު، މީގެތެރެއިން 64 މީހުން މަރުވެފައިވަނީ ވުހާން ސިޓީން ކަމަށް އެކޮމިޝަނުން ޢާންމުކުރި ބަޔާނެއްގައި ވެއެވެ.

07 ފެބުރުއަރީ 2020 | 22:40

ކޮރޯނާވައިރަހަށް އެންމެ އަވަހަށް ވެކްސިންއެއް ތައްޔާރުވާނީ 2021 ގައި

ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުންދާ ނޮވެލް ކޮރޯނާވައިރަހަށް އެންމެ އަވަހަށްވެސް ވެކްސިންއެއް ތައްޔާރުކުރެވޭނެ ކަމަށް ލަފާކުރެވެނީ 2021 ވަނަ އަހަރަށް ކަމަށް އެ ވައިރަހަށް ފަރުވާ ހޯދުމަށް މަސައްކަތްކުރަމުންދާ ސައިންޓިސްޓެއް ބުނެފިއެވެ.

ކޮރޮނާވައިރަސްއަށް އެންމެ ފަރުވާހޯދުމަށް މަސައްކަތްކުރަމުންދާ ލަންޑަންގެ އިމްޕީރިއަށް ކޮލެޖުގެ "މިއުކޯސަލް އިންފެކްޝަން އެންޑް އިމިއުނިޓީ"ގެ އިސްކޮށް އުޅުއްވާ ރޮބިން ޝެޓޮކް އާއި ހަވާލާދީ ސީއެންއެންގައި ރިޕޯޓުކޮށްފައިވާގޮތުން މިވަގުތުވެސް އެވައިރަސް އަށް ވެކްސިންއެއް އުފެއްދުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ދާ ކަމަށެވެ.

07 ފެބުރުއަރީ 2020 | 21:58

ކޮރޯނާވައިރަސް ފެނިފައިވާ ގައުމުތަކަށް އެމެރިކާއިން އެހީތެރިކަން ފޯރުކޮށްދެނީ

ކޮރޯނާވައިރަސް ފެނިފައިވާ ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމެރިކާއިން ނިންމައިފިއެވެ.

ބޭރުގެ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާގޮތުގައި އެމެރިކާއިން ނިންމާފައިވަނީ ކޮރޯނާވައިރަސް އެންމެ ގަދަޔަށް ފެތުރެމުންދާ ޗައިނާގެ އިތުރުން އެ ވައިރަސް ފެނިފައިވާ އިތުރު ގައުމުތަކަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

އެގޮތުން 100 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށް އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ހާމަކުރައްވާފައިވަނީ ހުކުރު ދުވަހުއެވެ.

07 ފެބުރުއަރީ 2020 | 14:59

ސިންގަޕޫރުގައި ކޮރޯނާ އެލަރޓް އޮރެންޖަށް: ޗައިނާއާ ގުޅުމެއް ނެތިވެސް ކޮރޯނާވައިރަސް ފެތުރެނީ!

މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް އެންމެ ފުރަތަަމަ ފެނުނު ޗައިނާއާއި ގުޅުމެއް ނެތި، ސިންގަޕޫރުގައިވެސް ކޮރޯނާވައިރަސް ފެތުރެމުންދާކަމަށް އެ ޤައުމުގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ޑަބްލިއުއެޗްއޯގެ މިންގަނޑުތަކަށް ބަލާއިރު ކޮރޯނާވައިރަސްއަށް ޝައްކުވާ މިންގަނޑު ތެރޭގައި ޗައިނާއަށް ދަތުރުކޮށްފައިވުން ނުވަތަ ޗައިނާގެ މަސް ފެކްޓަރީއަކަށް ގޮސްފައިވުން ހިމެނިފައިވާއިރު، ސިންގަޕޫރުގެ ހެލްތު މިނިސްޓްރީން ބުނީ، ޗައިނާއާއި އެއްވެސް ގުޅުމެއް ނެތިވެސް އެ ޤައުމުން 4 މީހަކު ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން އެ ޤައުމުގެ ކޮރޯނާވައިރަސް އެލަރޓް މަތިކޮށް "އޮރެންޖް އެލަރޓް" ވަނީ ނެރިފައެވެ.

މިއީ 2009 ގައި އެ ޤައުމުގައި ސްވައިން ފްލޫ ފެތުރުމާއި ގުޅިގެން އޮރެންޖް އެލަރޓެއް ނެރުނު ފަހުން އެފަދަ އެލަރޓެއް ނެރުނު ފުރަތަމަ ފަހަރެވެ.

އޮރެންޖް އެލަރޓްގެ މާނައަކީ ކޮރޯނާވައިރަސްގެ ނުރައްކާތެރިކަން އާންމުންނަށް އޮތް މިންވަރު އެވަރެޖް މިންގަނޑެއްގައި އޮތުމަށްފަހު ނުރައްކާ ބޮޑު މިންގަނޑަކަށް ބަދަލުވެފައިވާކަމެވެ. އަދި އެ ވައިރަސް ފެތުރުމުގެ ފުރުސަތު ބޮޑުކަމެވެ.

07 ފެބުރުއަރީ 2020 | 14:58

ޗައިނާގައި ކޮރޯނާވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 637 އަށް!

މިހާރު ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާވައިރަސްގައި ޗައިނާއިން މަރުވި މީހުންގެ އަދަދު 637 އަރައިފިއެވެ.

ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ޗައިނާގައި މި ވައިރަސްގެ އަސަރު 31،211 މީހަކަށް ކޮށްފައިވާކަން މިހާތަނަށް ވަނީ ކަށަވަރު ކުރެވިފައެވެ. އަދި ޗައިނާއިން ބޭރުން 24 ޤައުމަކުން މި ވައިރަސްއަށް ޕޮޒިޓިވްވި މީހުން ފެނިފައިވާއިރު، ޗައިނާއިން ބޭރުން ޖުމުލަ 270 ކޭސްއެއް މިހާތަނަށް ވަނީ ވައިރަސްއަށް ޕޮޒިޓިވްވެފައިވާކަން ކަށަވަރު ކުރެވިފައެވެ.

އޭގެ އިތުރުން، ޗައިނާއިން 637 މީހުން މަރުވެފައިވާއިރު، ޗައިނާއިން ބޭރުން މި ބަލީގައި މަރުވެފައިވަނީ އެންމެ މީހަކެވެ. އެއީ ފިލިޕީންސްއަށް ނިސްބަތްވާ އުމުރުން 44 އަހަރުގެ މީހެކެވެ. އެގޮތުން އޭނާއަކީ އެންމެ ފުރަތަމަ ފިލިޕީންސް އިން މިވައިރަސް ޖެހިގެން ރިޕޯޓުކުރި މީހާގެ ފިރިމީހާ އެވެ.

ޗައިނާއާއި ދުނިޔޭގެ ކަމާއި ގުޅުން ހުރި ފަންނީ ބޭފުޅުން މިހާރު އެންމެ ފުރަކޮށް މަސައްކަތްކުރަމުން ދަނީ މި ބަލި އިތުރަށް ފެތުރުނަނުދީ، މި ބައްޔަށް ދޭނެ ފަރުވާއެއް ނުވަތަ ވެކްސިން އެއް އީޖާދު ކުރުމަށެވެ. ފާހަގަކޮށްލަންޖެހޭ އެއްކަމަކީ މިބަލިން ފަރުވާ ލިބި ފަސޭހަވާ މީހުންގެ ނިޞްބަތް ކުރިޔާ އަޅާބަލާއިރު، ގިނަވެފައި މަރުވާ މީހުންގެ ނިޞްބަތް ދަށްވުމެވެ. ކޮރޯނާވައިރަސްގައި މަރުވާމީހުންގެ ނިޞްބަތް މިހާރު ހުރި 2.4 އިން ސައްތައިގައި ހިފެހެއްޓިފަައެވެ.

07 ފެބުރުއަރީ 2020 | 10:41

ވޫހާން ސިޓީން ގެނައި 7 ދިވެހިން ކޮރޯނާ ވައިރަސް އަށް ނެގެޓިވް

ކޮރޯނާވައިރަސް އެންމެ ގަދަޔަށް ފެތުރެމުންދާ ޗައިނާގެ ހޫބޭ ޕްރޮވިންސުގެ ވުހާން ސިޓީން ގެނައި 7 ދިވެހިންވެސް އެ ވައިރަސްއަށް ނެގެޓިވްކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ ވިދާޅުވެއްޖެއެވެ.

ވުހާންގައި ދިރިއުޅެމުންދިޔަ 7 ދިވެހިން އެއަރ އިންޑިއާގެ B747 ފްލައިޓުން އިންޑިއާގެ ދިއްލީއަށް ގެނެސްފައިވާއިރު، ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ އިންޑިއާގެ ވިއޯން ނިއުސްއަށް ދިން ބަސްދީގަތުމެއްގައި ވިދާޅުވީ، ދިވެހިން ގެނައުމުގައި އެހީތެރިވެދިނުމަށް އިންޑިއާ ސަރުކާރުގައި އެދުމާއެކު ވޫހާން ސިޓީގައި ތިބި އިންޑިއާގެ 323 ރައްޔިތުންނާއެކު 7 ދިވެހިން ގެނެސްފައިވާކަމަށެވެ. އިންޑިއާ ސަރުކާރުން 7 ދިވެހިންނާއި މެދު ކަންތައް ކުރަމުން ގެންދަނީ ވަރަށް ރަނގަޅަށްކަން ފާހަގަކޮށް މިނިސްޓަރ ވިދާޅުވީ އިތުރު ޓެސްޓްތައް ހެދިއިރު ހުރިހާ އެންމެވެސް ވައިރަސްއަށް ނެގެޓިވްކަމަށެވެ. އަދި ކަރަންޓީންކުރުމަށް ހަމަޖެހިފައިވާ މުއްދަތު ހަމަވުމާއެކު އުންމީދަކީ ވީހާވެސް އަވަހަށް އެނބުރި އެ ފަރާތްތަކަށް ރާއްޖެއާދެވުންކަމަށް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

ދިވެހިން ކަރަންޓީނު ކުރެވިފައިވަނީ ދިއްލީގެ މެނަސޫރުގައި ގާއިމު ކުރެވިފައިވާ ޚާއްސަ ފެސިލިޓީއެއްގައެވެ. ދިވެހިން ގެނައުމުގައި އިންޑިއާ އެމްބަސީއައި ފޮރިން މިނިސްޓްރީއާއި ވަރަށް ގާތުން މަސައްކަތް ކޮށް މިކަމުގައި ބެއިޖިންގްގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން އެއްބާރުލުން ލިބުނު ކަމަށް މީގެކުރިންވެސް ފޮރިން މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

07 ފެބުރުއަރީ 2020 | 02:22

ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ އަދަދު 30،000 ވުރެ މައްޗަށް، މަރުވި މީހުންގެ އަދަދު 636 އަށް

ޗައިނާއިން ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ އަދަދު 30،000 އަށް ވުރެ މަތިކަމަށް އެ ގައުމުގެ ސަރުކާރުން ބުނެފިއެވެ. ޗައިނާގެ ސަރުކާރާއި ހަވާލާދީ ބައިނަލްއަގްވާމީ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާގޮތުން ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 636 އަށް އަރާފައެވެ.

06 ފެބުރުއަރީ 2020 | 17:51

ކޮރޯނާވައިރަސްގެ ބަލިމަޑުކަމާއި ގުޅިގެން އެމެރިކާގެ އިޤުތިޞާދަށް ބިލިއަނުން ގެއްލުން

ކޮރޯނާވައިރަސްގެ ބަލިމަޑުކަމާއި ގުޅިގެން އެމެރިކާގެ އިޤުތިޞާދަށް މިއަހަރުގެތެރޭގައި 35 ބިލިއަން ޑޮލަރުގެ ގެއްލުންވާނެކަމަށް އޮކްސްފޯރޑް އިކޮނޮމިކްސްއިން ބުނެފިއެވެ. އެ ގްރޫޕުން ޢާންމުކުރި މާލީ ދިރާސާ ރިޕޯޓު ދައްކާގޮތުންނަމަ، ކޮރޯނާވައިރަސްގެ ބަލިމަޑުކަމާއި ހުރެ އެޤައުމުގެ އޤްތިޞާދީ ދުވެލި 0.1 އާއި 0.2 އާއި ދޭތެރޭ މިންވަރެއްގެ ދަށްވުމެއް އަންނާނެއެވެ. ސަބަބެއް ކަމުގައި ބުނެފައިވަނީ، ކޮރޯނާ ވައިރަސްއާއި ގުޅިގެން ފަތުރުވެރިކަމުގެ ސިނާޢަތައްވަމުންދާ ގެއްލުންތަކާއި، އުފެއްދުންތެރިކަމުގެ ދާއިރާއަށް ލިބުނު ގެއްލުންތަކާއި ވިޔަފާރިތަކައް ޖުމްލަގޮތެއްގައި ސީދާގޮތުންނާއި، ނުސީދާގޮތުން އަންނަ ލޮޅުންތަކެވެ.

06 ފެބުރުއަރީ 2020 | 17:32

ކޮރޯނާވައިރަސްގެ ބަލިމަޑުކަމަށް ކުރަމުންދާ މަސައްކަތުގައި ޑަބްލިއުއެޗްއޯއިން ބައިނަލްއަޤުވާމީ އެހީއަށް އެދިއްޖެ

ކޮރޯނާވައިރަސް އިން ސަލާމަތްވުމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) އިން ކުރަމުންދާ މަސައްކަތުގައި އެޖަމްޢިއްޔާއިން ބައިނަލްއަޤުވާމީ އެހީއަށް އެދިއްޖެއެވެ. އެޖަމާޢަތުން ބުނެފައިވަނީ ކޮރޯނާވައިރަސްގެ ބަލިމަޑުކަމުން އަރައިގަތުމަށް ބައިނަލްއަޤުވާމީ ޤައުމުތަކުން ކުރަމުންދާ މަސައްކަތުގައި އެކި ގޮތް ގޮތުން އެހީތެރިވުމަށް ޚާއްޞަ ޕްލޭނެއް އެކުލަވާލާފައިވާކަމަށެވެ. ޞިއްޙީ ނިޒާމު ވަރުދެރަ ނުވަތަ ދޯހަޅި ޤައުމުުތަކަށް ބޮޑަށް ފޯކަސްކޮށްގެން އެކުލަވާލާފައިވާ މި ޕްލޭނަށް 675 މިލިއަން ޑޮލަރު ބޭނުންވެއެވެ. މި ޕްލޭނަށް ބައިނަލްއަޤުވާމީ ޤައުމުތަކުން އެހީތެރިވުމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން މިހާރުވަނީ ގޮވާލާފައެވެ.

06 ފެބުރުއަރީ 2020 | 16:10

އެމެރިކާއިން އަނެއްކާވެސް ކޮރޯނާވައިރަސް ޖެހިފައިވާ މީހަކު ފެނިއްޖެ

އެމެރިކާގެ އިސް މަސްއޫލުވެރިންނާއި ޙަވާލާދީ ބައިނަލްއަޤުވާމީ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި މިމީހާއަކީ އަމިއްލަ ބޭނުމެއްގައި ޗައިނާގެ ވެރިރަށް ބެއިޖީންއަށް ދަތުރުކުރުކަމަށް ފަހު އަނބުރާ ޤައުމަށް އައި މީހެކެވެ. އެމީހާއަށް ގޭގައި ކަރަންޓީންކޮށްގެން ފަރުވާދެމުންދާކަމަށާއި، އޭނާގެ ޙާލު ރަނގަޅުކަމަށް އެމެރިކާގެ ސެންޓަރ ފޮރޮ ކޮންޓްރޯލް ޑިސީސް އިން ބުނެއެވެ. މިމީހާއާއެކު މިހާރު އެމެރިކާގައި ނޮވެލް ކޮރޯނާވައިރެސް ޖެހުނު މީހުންގެ ޖުމުލަ ޢަދަދަކީ 12 އެވެ.

06 ފެބުރުއަރީ 2020 | 16:06

ވުހާން ސިޓީގައި ތިބި އެމެރިކާ މީހުން އެމެރިކާއަށް ގެންގޮސްފި

އެމެރިކާގެ ދިފާޢީ ވުޒާރާ، ޕެންޓެގަންއިން މިކަމާއި ގުޅޭގޮތުން ޢާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ވުހާން ސިޓީގައި ތިބި އެމެރިކާގެ 350 ރައްޔިތުން ވުހާން އިން ނެރެފައިވާކަމަށެވެ. އަދި އެމެރިކާގެ ޚާރިޖިއްޔާއިން ޗާޓަރު ކުރި ދެ ފްލައިޓެއްގައި އެމީހުން ކެލިފޯނިއާގެ އަސްކަރީ ބޭސްއަކަށް މިއަދުގެ ވަގުތެއްގައި ގެންގޮސްފައިވާކަމަށެވެ.

އަދި މި 350 މީހުންވެސް 14 ދުވަހުގެ މުއްދަތަކައް ކަރަންޓީންކުރާނެކަމަށް ޕެންޓެގަން އިން ވަނީ ބުނެފައެވެ.

06 ފެބުރުއަރީ 2020 | 14:01

ޗައިނާގެ ގިނަ ޢަދަދެއްގެ ފަތުރުވެރިން ބާލީގައި ތާށިވެއްޖެ

އިންޑޮނޭޝިޔާ ސަރުކާރުން ޗައިނާގެ މެއިންލޭންޑަށް ދަތުރުކުރުން ވަގުތީ ގޮތުން ހުއްޓާލުމާއި ގުޅިގެން އެޤައުމުގެ ބާލީގައި ޗައިނާގެ ގިނަ ޢަދަދެއްގެ ފަތުރުވެރިން ތާށިވެއްޖެއެެވެ.

ޚަބަރުލިބިފައިވާގޮތުގައި ޗައިނާގެ 5،000 ފަތުރުވެރިން އިންޑޮނޭޝިޔާގައި ތާށިވެފައި އެބަތިއްބެވެ. އިންޑޮނޭޝިޔާ ސަރުކާރުން މިހާރު ދަނީ އެޤައުމުގައި ތާށިވި ޗައިނާ ފަތުރުވެރިންނަށް ވިސާގެ ކަންކަން ހަމަޖައްސައިދެމުންނެވެ.

06 ފެބުރުއަރީ 2020 | 13:54

ފޭސް މާސްކުގެ އަގުބޮޑު ކުރާނަމަ ފިޔަވަޅު އަޅާނަން: ޕުޓިން

ކޮރޯނާވައިރަސްގެ ބަލިމަޑުކަން ފެތުރިފައިވާ މިދަަނޑިވަޅުގައި ފޭސް މާސްކުގެ އަގު ބޮޑު ކުރާ ވިޔަފާރިތަކައް ހަރުކަށި ފިޔަވަޅު އަޅާނެކަމަށް ރަޝިޔާގެ ރައީސް ވްލެޑްމިއަރ ޕުޓިން ވިދާޅުވެއްޖެއެވެ.

ރަޝިޔާގެ ދައުލަތުގެ މީޑިއާއިން ޚަބަރު ފަތުރާ ގޮތުގައި މިދުވަސް ވަރު އެންޓި ވައިރަސް މާސްކް އަގު ބޮޑުކުރާ ފާމަސީތަކާއި ކާރުޚާނާތަކާއި ކުންފުނިތަކުން މާސްކްވިއްކާ އަގު ބޮޑުކޮށްފިނަމަ، އެތަންތާގެ ލައިސަންސްވެސް ހިފަހައްޓާނެ ކަމަށް ޕުޓިން ވިދާޅުވެފައިވެއެވެ.

ރަޝިޔާ ސަރުކާރުން ވަނީ އެޤައުމުގެ ރައްޔިތުން ޗައިނާ މިވަގުތު ދަތުރުކުރުން މަނާކޮށްފައެވެ. ރަޝިޔާގެ 2 މީހަކު މިދިޔަ ހަފުތާގައި ނޮވެލް ކޮރޯނާވައިރަސް އަށް ޕޮޒިޓިވް ވެފައިވެއެވެ.

06 ފެބުރުއަރީ 2020 | 13:49

ޗައިނާގައި ހުރި "އެޑިޑަސް" ކުންފުނީގެ ބައެއް އައުޓްލެޓްތައް ވަގުތީ ގޮތުން ބަންދުކުރަނީ

ޖަރުމަންގެ ކުޅިވަރު އުފެއްދުންތައް ވިއްކާ ކުންފުންޏެއް ކަމަށްވާ "އެޑިޑަސް" އިން ޗައިނާގައި ހުރި އެކުންފުނީގެ ބައެއް އައުޓްލެޓްތައް ވަގުތީ ގޮތުން ބަންދުކުރަން ނިންމައިފިއެވެ.

އެކުންފުނިން ބުނެފައިވަނީ، ޗައިނާގައި ހަލުވިކަމާއެކު ނޮވެލް ކޮރޯނާ ވައިރަސް ފެތުރެމުންދާތީ އެކުންފުންޏަށް ބޮޑެތި ވިޔަފާރި ގެއްލުންތައް ވަމުން އަންނަ ކަމަށެވެ. އަދި ފިހާރަތައް ހުޅުވާފައި ހުންނަނަމަ، މީހުން ވިޔަފާރި ކުރަން ވަންނާނެކަމަށާއި، މިއީ މިދަނޑިވަޅުގައި އެހާ ރައްކާތެރިކަމެއްގެ ގޮތުގައި އެކުންފުނިން ނުދެކޭ ކަމަށެވެ. އެހެންކަމުން ކޮރޯނާ ވައިރަސްގެ ބަލިމަޑުކަމަށް ކޮންމެވެސް ވަރެއްގެ ޙައްލެއް އަންނަންދެން ޗައިނާގެ އެކި ކަންކޮޅުތަކުގައި ހުރި އެކުންފުނީގެ ބައެއް އައުޓުލެޓްތައް ބަންދުކުރަން ނިންމާފައިވާކަމަށެވެ.

ޗައިނާގައި އެޑިޑަސް ގެ 12،000 އައުޓްލެޓް ހުންނައިރު، މީގެތެރޭގައި ފްރެންޗައިސް ފިހާރަތައް ވެސް ހިމެނެއެވެ.

06 ފެބުރުއަރީ 2020 | 13:43

ސިންގަޕޫރުގައި އިތުރު 4 މީހަކު ނޮވެލް ކޮރޯނާވައިރަސްއަށް ޕޮޒިޓިވް ވެއްޖެ

މިކަން ހާމަކޮށް ސިންގަޕޫރުގެ ހެލްތު މިނިސްޓްރީން ޢާންމުކުރި ބަޔާނެއްގައި ވަނީ އިތުރު 4 މީހަކު ނޮވެލް ކޮރޯނާވައިރަސްއަށް ޕޮޒިޓިވް ވެފައިވާކަމަށާއި، މީގެތެރޭގައި އުމުން 6 މަހުގެ ތުއްތު ކުއްޖަކުވެސް ހިމެނޭކަމަށެވެ.

މިއާއެކު ސިންގަޕޫރުގައި ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ ޢަދަދު ވަނީ 28 އަށް އަރާފައެވެ.

06 ފެބުރުއަރީ 2020 | 13:29

ޗައިނާގެ ރައްޔިތުން ވަގުތީ ގޮތުން ޓައިވާނަށް ނޭރުވުމަށް އެޤައުމުގެ ސަރުކާރުން ނިންމައިފި

މިކަން ހާމަކޮށް ޓައިވާން ސަރުކާރުން ޢާންމުކުރި "ދަތުރުފަތުރުގެ ސަމާލު" ގައި ވަނީ މިއަދުން ފެށިގެން ޗައިނާގެ އެއްވެސް ރައްޔިތަކު ޓައިވާން އަށް ނާރުވަން ނިންމާކަމަށެވެ. އަދި ނޮވެލް ކޮރޯނާވައިރަސްގެ ބަލުމަޑުކަމަށް ބަލާ އަލުން މުރާޖަޢާކުރާނެކަމަށް ސަމާލުގައިވެއެވެ.

ޓައިވާން އަކީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ މެންބަރެއް ނޫންކަމުގައިވިޔަސް، އެޖަމްޢިއްޔާއިން ޞިއްޙި ނުރައްކަލުގެ ޙާލަތު ކަނޑައެޅުމާއި ގުޅިގެން ޓައިވާނުންވެސް ދަނީ ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅު އަޅަމުންނެވެ.

މިހާތަނަށް އައިއިރު ޓައިވާންގެ 11 މީހަކުވަނީ ނޮވެލް ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެފައެވެ.

06 ފެބުރުއަރީ 2020 | 13:25

ކެތޭ ޕެސިފިކްގެ މުވައްޒަފުން މުސާރަ ނުލިބޭ ގޮތައް ޗުއްޓީ ނަގަން އެދިއްޖެ

ހޮންގކޮންގގެ އެރއަލައިނެއްކަމަށްވާ "ކެތޭ ޕެސިފިކް"ގެ މުވައްޒަފުން މުސާރަ ނުހިނގާގޮތައް ތިން ހަފުތާގެ ޗުއްޓީއެއް ނަގަން އެ އެއަރލައިނުން މުވައްޒަފުންގެ ކިބައިން އެދިއްޖެއެވެ.

ކޮރޯނާވައިރަސްގެ ބަލިމަޑުކަމާއި ގުޅިގެން ގިނަ ބަޔަކު ބުކިންގ ކެންސަލް ކުރުމާއި، އަދި ޓިކެޓް ގަތުން މެދުކަނޑާލާފައިވާތީ ކެތޭޕެސިފިކްއަށް ވަނީ ބޮޑެތި ގެއްލުންތަކާއި ކުރިމަތިވެފައެވެ.

އެއަރލައިނުން ބުނެފައިވަނީ، މާރކެޓް ދަށްވުމުގެ ސަބަބުން މިހާރުވެސް ވަރަށް ގިނަ ފިޔަވަޅު އަޅާފައިވާނެކަމަށެވެ. އަދި މިހާރު އެކުލަވާލި ޚާއްޞަ ޗުއްޓީ ޕްލޭންގެ ދަށުން ހުރިހައި މުވައްޒަފުންވެސް މުސާރަ ނުހިނގާގޮތައް ޗުއްޓީ ނެގުމަށް އެދޭކަމަށް ކެތޭޕެސިފިކް އިން ނެރުނު ބަޔާނުގައި ވެއެވެ.

06 ފެބުރުއަރީ 2020 | 08:55

ކޮރޯނާ ވައިރަހާއި ގުޅިގެން ހިލެ ގުޅޭނެ ނަމްބަރެއް

06 ފެބުރުއަރީ 2020 | 08:23

ކޮރޯނާ ވައިރަހުގެ އެންމެފަހުގެ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

06 ފެބުރުއަރީ 2020 | 08:22

އިތުރަށް މޮނިޓަރ ކުރުމަށް ދެ މީހަކު އެކަހެރިކޮށްފި

ޗައިނާއަށް ދަތުރުކުރި ދެ ދިވެއްސަކު އިތުރަށް މޮނީޓަރކުރުމަށް އެކަހެރިކޮށްފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.

ކޮރޯނާވައިރަހާ ބެހޭގޮތުން މައުލޫމާތުދިނުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، އެ ދެމީހުން އެކަހެރިކޮށް ބައިތިއްބާފައިވަނީ މީހުން ކަރަންޓީނު ކުރާ ގޮތަށް ހަމަޖައްސާފައިވާ ފަރުކޮޅު ފުށީގައެވެ.

އެކަމަކު އެ މީހުންނަކީ އެއްވެސް ވަރަކަށް ބަލީގެ އަލާމާތެއް ފެނިގެން އެކަހެރި ކޮށްފައިވާ ބައެއް ނޫން ކަމަށް ވިދާޅުވިއެވެ. ނަމަވެސް އެ ދެމީހުން ޗައިނާ އަށް ދަތުރުކޮށްފައިވާ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ، އެމީހުން އެކަހެރި ކޮށްފައިވަނީ މި ހިނގާ މަހުގެ ތިންވަނަ ދުވަހު ނެރުނު ޓްރެވެލް އެޑްވައިޒަރީ އަށް ރިޔާއަތް ކޮށްފައިކަމަށެވެ.

06 ފެބުރުއަރީ 2020 | 08:21

ކޮރޯނާ ވައިރަސްގައި މަރުވި މީހުންގެ އަދަދު 563 އަށް އަރައިފި

ކޮރޯނާ ވައިރަސްގައި ޗައިނާގައި މަރުވި މީހުންގެ އަދަދު 563 އަށް އަރައިފި އެވެ. ތަފާސްހިސާބުތައް ދަކާގޮތުން ބުދަ ދުވަހު އެކަނިވެސް ބަލީގައި 73 މީހަކު މަރުވެފައިވެއެވެ.

05 ފެބުރުއަރީ 2020 | 09:08

ޝަންހާއީ އެއަރޕޯޓުތަކުގެ ފްރޮންޓްލައިންގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޚާއްޞާ އިނާޔަތެއް ދެނީ

ޝަންހާއީ ޕުޑޮންގް އެއަރޕޯޓް
ޝަންހާއީ ޕުޑޮންގް އެއަރޕޯޓް

ޗައިނާގެ ޝަންހާއީގެ މައި އެއަރޕޯޓުގެ ފްރޮންޓްލައިނުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ކޮރޯނާ ވައިރަސް ފެތުރެމުންދާ މިދަނޑިވަޅުގައި އަމިއްލަ ފުރާނަޔަށް ބެލުމެއްނެތި ޚިދުމަތުގައި ދެމިތިބުމާއި ގުޅިގެން، އެކަން ފާހަގަކޮށް ޝަންހާއީ އެއަރޕޯޓް އޮތޯރިޓީން އެމުވައްޒަފުންގެ މަސައްކަތުގެ އަގުވަޒަންކޮށް ޚާއްޞަ އިނާޔާތްތަކެއް ހަމަޖައްސައިދޭން ނިންމައިފިއެވެ.

ޝަންހާއީ އެއަރޕޯޓް އޮތޯރިޓީން ބުނެފައިވަނީ މިދަނޑިވަޅުގައި މަސައްކަތައް ނިކުންނަ މުވައްޒަފުންނަށް އިނާޔާތްދިނުމަށާއި، އަދި ބޭނުންވާ އެހެން އެހީތެރިކަން ފޯރުކޮށްދިނުމަށް 1 މިލިއަން ޔުއާން(142،816 ޔޫއެސް ޑޮލަރު) ގެ ރިވޯޑް ފަންޑެއް ކަނޑައަޅާފައިވާކަމަށެވެ. މި ފަންޑު ބޭނުންކުރާނީ ޕުޑޯންގް އަދި ހޮންގިއާއޯ ވައިގެ ބަނދަރުގައި ޚިދުމަތްދޭ މުވައްޒަފުން ރައްކާތެރިވުމަށް ބޭނުންވާ އާލާތްތައް ގަތުމަށާއި، އަދި ޚާއްޞަ އެލެވަންސެއްގެ ގޮތުގައި މުވައްޒަފުންނަށް ދިނުމަށް ކަމަށެވެ.

ފައިސާގެ އެހީގެ އިތުރުން، ފްރޮންޓްލައިނަށް ނިކުންނަ މުވައްޒަފުން ބޭނުންކުރާ މާސްކާއި، އަންގިއާއި، ހޭންޑް ސެނިޓައިޒަރ ފަދަ ތަކެތި ޝަންހާއީ އެއަރޕޯޓް އޮތޯރިޓީން ދަނީ ފޯރުކޮށްދެމުންނެވެ. އާއަހަރުގެ ޗުއްޓީ ނިންމުމަށް ފަހު ބޭރު ޤައުމުތަކުގައި ތިބި ޗައިނާގެ ރައްޔިތުން އަނބުރާ ޤައުމަށް އަންނަމުންދާތީ ޝަންހާއީގެ އެއަރޕޯޓުތައް ވަނީ ފުރިބާރުވެފައެވެ.

05 ފެބުރުއަރީ 2020 | 07:56

ފެބްރުއަރީ މަސް ނުނިމެނީސް ޝަންހާއީގެ ސްކޫލްތައް ހުޅުވުމުގެ ވިސްނުމެއް ނެތް

ޗައިނާގެ ޝަންހާއީ ސްކޫލްތައް ފެބްރުއަރީ މަސް ނިމުމުގެ ކުރިން ހުޅުވުމުގެ ވިސްނުމެއް ނެތްކަމަށް އެސިޓީގެ އިސް މަސްއޫލުވެރިން ބުނެފިއެވެ. މިއީ، ހަލުވިކަމާއެކު ނޮވެލް ކޮރޯނާވައިރަސް ފެތުރެމުންދާތީ ދަރިވަރުންގެ ރައްކާތެރި ކަމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ނިންމުމެއް ކަމަށް އޮފިޝަލުން ބުނެއެވެ.

ޝަންހާއީގެ ސްކޫލްތައް ބަންދު ކުރީ މިިދިޔަ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުއެވެ. ސްކޫލްތައް އޭރު ބަންދުކުރީ ފެބްރުއަރީ 17 ގައި ކޔެވުން ފަށާ ގޮތަށެވެ. އެހެންނަމަވެސް، ޗައިނާގެ އިތުރު ސީޓީތަކަށް ވައިރަސް ފެތުރެމުންދާތީއާއި ، ސްކޫލްތަކުގެ ކިޔެވުން ފެށުމުން، ވައިރަސް އަށް ދަރިވަރުން ހުށަހެޅިދާނެ ބިރު އޮތުމާއެކު މި ނިންމުން އަލުން މުރާޖަޢާ ކުރުމަށް ޝަންހާއީގެ އިސް މަސްއޫލުވެރިން ދަނީ ވިސްނަމުންނެވެ.

ޝަންހާއީއަކީ ޗައިނާގެ އެންމެ ބޮޑު ސިޓި އަދި ވިޔަފާރި މަރުކަޒީ ރަށެވެ.

05 ފެބުރުއަރީ 2020 | 07:22

ޔުނައިޓެޑް އެއަރލައިންސުން ހޮންކޮންގ ދަތުރުތައް މެދުކަނޑާލަން ނިންމައިފި

ޔުނައިޓެޑް އެއަރލައިންގެ ފްލައިޓެއް
ޔުނައިޓެޑް އެއަރލައިންގެ ފްލައިޓެއް

އެމެރިކާގެ ޔުނައިޓެޑް އެއަރލައިންސުން ހޮންކޮންގަށް ކުރާ ދަތުރު މެދުކަނޑާލަން ނިންމީ ހޮންކޮންގ ގައިވެސް މިހާރު ހަލުވިކަމާއެކު ކޮރޯނާ ވައިރަސް ފެތުރި އަދި އެ ވައިރަސްގައި އެކަކު މަރުވުމާއި ގުޅިގެން ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.

އެއެއަރލައިނުން ބުނެފައިވަނީ ފެބްރުއަރީ 8 - 20 އަށް ދަތުރުތައް މެދުކަނޑާލާނެ ކަމަށާއި، އަދި ދަތުރު އަލުން ފެށުމުގެ ކުރިން، ޙާލަތު ބަލާނެކަމަށެވެ.

މިއާއެކު ޗައިނާއާއި ހޮންގްކޮންގްއަށް ދަތުުރުތައް މެދުކަނޑާލާ އެމެރިކާގެ އެއަރލައިންގެ އަދަދަކީ 3 އެވެ.

05 ފެބުރުއަރީ 2020 | 03:28

ކޮރޯނާވައިރަސްގެ ބަލިމަޑުކަން ފެތުރިފައިވާ ޤައުމުތަކަށް ތަކެތީގެ އެހީތެރިކަން ފޯރުކޮށްދޭން ޑަބްލިއުއެޗްއޯއިން ނިންމައިފި

ކޮރޯނާވައިރަސްގެ ބަލިމަޑުކަން ތަޙައްމަލު ކުރަމުންދާ ޤައުމުތަކަށް އެހީތެރިވުމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ކުރަމުންގެންދާ މަސައްކަތްތައް ހިއްސާކުރައްވަމުން އެ ޖަމްޢިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އެޑެނޯމް ގެބްރިޔޭސަސް ވިދާޅުވީ ވައިރަސްގެ ބަލިމަޑުކަން އެންމެ ބޮޑު ޗައިނާއަށާއި، ވައިރަސް ފެތުރެމުންދާ ދުނިޔޭގެ އިތުރު 27 ޤައުމަށް އާލާތުގެ ގޮތުންނާއި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޑަބްލިއުއެޗްއޯއިން ނިންމާފައިވާކަމަށެވެ. އެގޮތުން އިއްޔެ ޞިއްޙީ ފަރުވާ ދިނުމަށާއި، ވައިރަސްއިން ރައްކާތެރިވުމަށް ބޭނުންވާ އާލާތްތައް ދިނުމަށް ނިންމާފައިވާކަމަށެވެ.

މީގެ ތެރޭގައި ހިމެނެނީ:

05 ފެބުރުއަރީ 2020 | 03:25

52 ހެލްތު ސެންޓަރެއް އެއް ވިއުގައަކުން ގުޅާލައި ކޮރޯނާވައިރަސްގެ މައުލޫމާތު ދީފި

05 ފެބުރުއަރީ 2020 | 03:14

ސައުދީ ޢަަރަބިއްޔާގެ ސްކޫލްތަކުގައި ކޮރޯނާ ވައިރަސްއިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އަޅައިފި

ސައުދީ ޢަރަބިއްޔާގެ ތަޢުލީމާއި ބެހޭ ވަޒީރު ހަމަދް އަލް-އަޝައިޚް އާއީ ޙަވަޅާދީ ސައުދީ ގެޒެޓުގައިވާ ގޮތުން، އެޤައުމުގައި ތަޢުލީމު އުގަންނައިދޭ ހުރިހައި މަރުކަޒެއްގައި، ނޮވެލް ކޮރޯނާ ވައިރަސްއަށް ތައްޔާރުވުމުގެ ގޮތުން ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅު މިހާރު ވަނީ އަޅާފައެވެ.

މީގެތެރޭގައި އިބްތިދާއީ، ޘާނަވީ އަދި މަތީ ޘާނަވީ ސްކޫލްތަކާއި، ޔުނިވަރސިޓީ ކޮލެޖުތަކާއި، ފަންނުވެރި ތަޢުލީމު އުގަންނައިދޭ މަރުކަޒުތަކާއި، ތަޢުލީމާއި ބެހޭ ޚިދުމަތް ފޯރުކޮށްދޭ އިދާރާތަކާއި މުއައްސަސާތައް ހިމެނެއެެވެ.

އެގޮތުން ކޮރޯނާ ވައިރަސްގެ ޢަލާމަތެއް މިއިން ތަނަކުން ފެނިއްޖެނަމަ ޢަމަލުކުރާނެ ކުއްލި ޙަލަތްތަކުގެ ޕްލޭނެއް އެކުލަވާލާ، އެއަށް ޢަމަލުކުރަން މިއަދު ވަނީ ފަށާފައެވެ.

އެގޮތުން އެއްވެސް ދަރިވަރަކު ނުވަތަ މުވައްޒަފެއްގެ ގައިން ނޮވެލް ކޮރޯނާވައިރަސްގެ އަލާމާތެއް ފެނިއްޖެ ހިނދެއްގައި ޢަމަލު ކުރާނެ ގޮތާއި ފަރުވާދިނުމަށް ކަމާއި ގުޅޭ އިދާރާތަކައް ރިޕޯޓުކުރުމުގެ ނިޒާމެއް މި ޕްލޭންގެ ދަށުން ވަނީ އިންތިޒާމު ކުރެވިފައެވެ.

ސައުދީ ޢަރަބިއްޔާގެ ޞިއްޙަތާއި ބެހޭ ވުޒާރާއިން ވަނީ އެއްވެސް ދަރިވަރަކު މިދަނޑިވަޅުގައި ހުންއައިސް އަރިދަފުސް ރޯގާ ޖެހިއްޖެ ނަމަ، ސްކޫލަށް ނުފޮނުވުމަށް ބެލެނިވެރިންނަށް އިލްތިމާސްކޮށްފައެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ދަރިވަރުންނާއި ބެލެނިވެރިން މި ދުވަސްވަރު، ދިރޭ އަދި މަރުވެފައިވާ ޖަނަވާރާއި ގާތް ނުވުމަށާއި، ޖަނަވާރުން އުފައްދާފައިވާ ބަވާތްތައް މިދަނޑިވަޅުގައި ބޭނުން ނުކުރުމަށާއި، ނޭވާލާ ނިޒާމުގެ ބަލިތައް ޖެހިފައިވާ މީހުންނާއި އެއްކޮށް ނޫޅުން ނުވަތަ ގާތްނުވުމަށް އެޤައުމުގެ ޞިއްޙަތާއި ބެހޭ ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ސަޢުދީ ޢަރަބިއްޔާގެ ސްކޫލެއްގެ އެސެމްބްލީއެއްގައި ނޮވެލް ކޮރޯނާ ވައިރަސްއާއި ބެހޭ މަޢުލޫމާތު ދެނީ
ސަޢުދީ ޢަރަބިއްޔާގެ ސްކޫލެއްގެ އެސެމްބްލީއެއްގައި ނޮވެލް ކޮރޯނާ ވައިރަސްއާއި ބެހޭ މަޢުލޫމާތު ދެނީ
23 / 81