Raajje.mv

ކޮވިޑް-19: އެންމެ ފަހުގެ

ނޮވެލް ކޮރޯނާވައިރަސް ގުޅޭ އެންމެ ފަހުގެ މައުލޫމާތު:

28 ޖެނުއަރީ 2020
61179852
ކޮރޯނާވައިރަސް

ކޮރޯނާވައިރަސް

15 ފެބުރުއަރީ 2020 | 03:12

ޗައިނާގައި ކުރީ ސަފުގައި މަސައްކަތް ކުރާ 1700 އެއްހާ ސިއްހީ އެހީތެރިން ކޮރޯނާވައިރަސް އަށް އިންފެކްޓްވެއްޖެ

ކޮރޯނާވައިރަސް ޖެހުނު މީހަކަށް ފަރުވާދެނީ
ކޮރޯނާވައިރަސް ޖެހުނު މީހަކަށް ފަރުވާދެނީ

ކުރީ ސަފުގައި މަސައްކަތް ކުރާ 1700 އެއްހާ ސިއްހީއެހީތެރިން ކޮރޯނާވައިރަސްއަށް އިންފެކްޓްވެ ޗައިނާ ސަރުކާރަށް ބޮޑު ގޮންޖެހުމަކާ ކުރިމަތިލާންޖެހިއްޖެއެވެ.

ޗައިނާގެ ވުހާންގެ ހޮސްޕިޓަލެއްގައި މަސައްކަތް ކުރާ އެތައް ސިއްހީއެހީތެރިން ވަނީ ކޮރޯނާއަށް ޝައްކު ކުރެވިގެން އަމިއްލަ ގޭގައި ކަރަންޓީން ކޮށްފައެވެ. އަދި މީގެ ތެރެއިން ގިނަ ބައެއްގެ ޓެސްޓް ނަތީޖާ ދައްކާ ގޮތުން އެމީހުންނަށް ވަނީ ކޮރޯނާ ވައިރަސް ޖެހިފައެވެ. ނަމަވެސް ގިނަ މީހުންނަށް އަދިވެސް ޓެސްޓްތަކުގެ ނަތީޖާ ނުލިބެއެވެ.

ވުހާންގެ ހޮސްޕިޓަލެއްގައި މަސައްކަތް ކުރާ ނަރުހަކު ސީއެންއެންއަށް މައުލޫމާތުދެމުން ބުނެފައިވަނި އެ ހޮސްޕިޓަލުގައި މަސައްކަތްކުރާ 100 އަށްވުރެ ގިނަ މީހުން ގޭގައި ކަރަންޓީންކޮށްފައިވާ އިރު، 30 ވަރަކަށް ސިއްހީ އެހީތެރިން ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި ހޮސްޕިޓަލުގައި މަސައްކަތް ކުރާ 500 މެޑިކަލް ސްޓާފުންގެ ތެރެއިން 130 މީހުންނަށް ބަލިޖެހިފައިވާކަމަށް ބެލެވޭ ކަމަށެވެ.

މީގެ އިތުރުން ވުހާންގެ ސެންޓްރަލް ހޮސްޕިޓަލެއްގެ ނަރުހެއް ނަން ނުޖަހަން ޝަރުތުކޮށް ސީއެންއެންއަށް ބުނެފައިވަނީ ހޮސްޕިޓަލުގެ އާންމު ހާލަތު ރަނގަޅު ނޫންކަމަށާއި، 150 އަށްވުރެ ގިނަ މަސައްކަތްތެރިން ބައްޔަށް ހުށަހެޅި ޓެސްޓްތައް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އޭނާއަކީ ވެސް ބަލީގެ ޝިކާރައެއްކަމަށް އޭނާ ވަނި ފާހަގަކޮށްފައެވެ.

ހުކުރު ދުވަހު އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، މުޅި ޗައިނާގައި 1716 ހެލްތްކެއަރ ވޯކަރުން ވަނީ ވައިރަސްއަށް އިންފެކްޓްވެފައެވެ. އަދި މީގެ ތެރެއިން ހަ މީހަކު މަރުވެފައިވާކަމަށް ޗައިނާގެ ނެޝަނަލް ހެލްތް ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ. ނެޝަނަލް ހެލްތް ކޮމިޝަނުން ބުނެފައިވަނީ 90 އިންސައްތައާ ގާތްކުރާ އަދަދަކަށް ވައިރަސްއަށް އިންފެކްޓްވި ސިއްހީ މަސައްކަތްތެރިންނަކީ ހޫބޭ ޕްރޮވިންސްގެ ވުހާންއިންނެވެ.

13 ފެބުރުއަރީ 2020 | 16:24

ކޮރޯނާވައިރަސް ޖެހިގެން ޖަޕާނުން މީހަކު މަރުވެއްޖެ

ޖަޕާނުގެ ހެލްތު މިނިސްޓަރ ކަޓްސުނޮބޫ ކަޓޯ ބޭއްވި ޕްރެސް ކޮންފަރެންސެއްގައިމިއަދު ވިދާޅުވީ، މަރުވެފައިވަނީ އުމުރުން 80 އަހަރުގެ އަންހެއްނެ ކަމަށެވެ. މިމީހާ މަރުވެފައިވަނީ ބައްޔަށް ފަރުވާ ދެމުންދަނިކޮށް ޙާލަތު ސީރިއަސް ވެގެންކަމަށް ވިދާޅުވެފައިވެއެވެ. މަރުވި މީހާއަކީ ކަނަގާވާ ސިޓީގައި ދިރިއުޅޭ މީހެކެވެ.

13 ފެބުރުއަރީ 2020 | 16:16

ކްރޫސް ލައިނަރ "ޑައިމަންޑް ޕްރިންސެސް" އިން އިތުރު 44 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

މިކަން ހާމަކުރައްވާ ވެރިރަށް ޓޮކްޔޯގައި ވާހަދައްކަވަމުން ޖަޕާނުގެ ޞިއްޙަތާއި ބެހޭ ވަޒީރު، ކަޓްސުނޮބޫ ކަޓޯ ވިދާޅުވީ ކްރޫސްލައިނަރ ގައި ތިބި ބައެއް ފަޅުވެރިންނާއި، ފަސިންޖަރުން ކޮރޯނާ ވައިރަސްއަށް ޓެސްޓުކުރިކަމަށާއި، ނަތީޖާ ދައްކާގޮތުން 44 މީހުން ވައިރަސްއަށް ޕޮޒިޓިވްވެފައިވާކަން އިނގޭ ކަމަށެވެ.. މިއާއެކު ކްރޫސްލައިނަރ އިން ވައިރަސްއަށް ޕޮޒިޓިވްވީ މީހުންގެ ޢަދަދު ވަނީ 218 އަށް އަރާފައެވެ.

ކްރޫސްލައިނަރ އިން ވައިރަސް އަށް ޕޮޒިޓިވް ބައެއް މީހުންގެ ޙާލަތު ސީރިއަސްކަމުން އައިސީޔޫގައި އެޑްމިޓްކޮށްގެން ފަރުވާ ފަރުވާދެމުންދާކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

13 ފެބުރުއަރީ 2020 | 14:48

ހުބެއި ޕްރޮވިންސްގެ ވިޔަފާރިތައް ފެބްރުއަރީ މަހުގެ 20 ވަނަދުވަހުގެ ކުރިން ނުހުޅުވުމަށް ސަރުކާރުން އަންގައިފި

ހުބެއިން ޕްރޮވޮންޝިއަލް ސަރުކާރުން ބުނެފައިވަނީ ފެބްރުއަރީ މަހުގެ ކުރިން ވިޔަފާރިތައް ހިންގަން ފަށައިގެން ނުވާނެކަމަށެވެ. އެއީ ކޮރޯނާ ވައިރަސް މިހާރު ހުބެއި ޕްރޮވިންސްގައި ހިފެހެއްޓުމެއް ނެތު ފެތުރެމުންދާތީ ރައްކާތެރިކަމެއްގެ ފިޔަވަޅެއްގެ ގޮތުން ކަމަށް ސަރުކާރުން ބުނެއެވެ..

13 ފެބުރުއަރީ 2020 | 14:37

އިންޑިއާގައި ސަރވައިލެންސް ޕްރޮގުރާމްގެ ދަށުން 16،000 މީހުން ސްކްރީންކޮށްފި

ކޮރޯނާވައިރަސްގެ ފެތުރެމުންދާ މިދަނޑިވަޅުގައި އިންޑިއާ ސަރުކާރުން ކުރިޔަށްގެންދާ ސަރވައިލެންސް ޕްރޮގުރާމުގެ ދަށުން 16،000 މީހުން ސްކްރީންކޮށްފައިވާކަމަށް އިންޑިއާ ސަރުކާރުން ހާމަކޮށްފިއެވެ. މިކަމާއި ގުޅޭގޮތުން އިންޑިއާ މައި ސަރުކާރުން ޢާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އިންޑިއާގެ 24 ސްޓޭޓެއްގައި ކޮރޯނާވައިރަސްއަށް ސްކްރީންކުރުމުގފެ ގޮތުން ކޮމިއުނިޓީ ސަރވައިލެންސް ޕްރޮގުރާމެއް ފަށާފައިވާކަމަށެވެ. މި ޕްރޮގުރާމުގެ ދަށުން، އެއަރޕޯޓުތަކާއި، ބަނދަރުތަކާއި އެއްގަމު ޞަރަޙައްދީން އިމުގެ ޗެކް ޕޯސްޓުތަކުގައި ސްކްރީންކުރުމުގެ ނިޒާމު ޤާއިމުކޮށް އިންޑިއާއަށް އެތެރެވާ ފަސިންޖަރުން ދަނީ ކޮރޯނާވައިރަސްއަށް ސްކްރީންކުރަމުންނެވެ.

13 ފެބުރުއަރީ 2020 | 08:42

ޔުނައިޓެޑް އެއަރލައިންސުން އެޕްރީލް މަހުގެ ނިޔަލަށް ޗައިނާއަށް ދަތުރުކުރުން ހުއްޓާލައިފި

އެމެރިކާގެ ޔުނައިޓެޑް އެއަރލައިނުން ޗައިނާއަށް ކުރަމުން އައި ދަތުރުތައް އެޕްރީލްމަހުގެ 24 ގެ ނިޔަލަށް މެދުކަނޑާލަން ނިންމައިފިއެވެ.

މިކަން ހާމަކޮށް އެއަރލައިނުން ޢާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ދަތުރުތައް މެދުކަނޑާލީ ހިފެހެއްޓުމެއް ނެތި ޗައިނާގެ އެކިކަންކޮޅުތަކުގައި ނޮވެލް ކޮރޯނާވައިރަސް ފެތުރެމުންދާތީ، އެއަރލައިނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ. ހަމަ އެއާއެކު އެމެރިކާއިން ވެސް ކޮރޯނާވައިރަސް ޖެހޭ މީހުން ޢަދަދު އިތުރުވަމުންދާކަން ހާމަވަމުންދާތީ އެކަން ކޮންޓްރޯލް ކުރުމުގެ މަޤްޞަދުގައި ކަމަށެވެ.

ޔުނައިޓެޑް އެއަރލައިނުން ދުވާލެއްގެ މައްޗަށް ޗައިނާގެ އެކި މަންޒިލްތަކަށް 12 ދަތުރުކުރެއެވެ. މީގެތެރޭގައި ވެރިރަށް ބެއިޖިންގެ އިތުރުން، ޝަންހާއީ، ޗެންދޫ އަދި ހޮންގކޮންގ ހިމެނެއެވެ.

13 ފެބުރުއަރީ 2020 | 08:37

ޗައިނާ އަސްކަރިއްޔާގެ އިތުރު 2،600 ޞިއްޙީ އެހީތެރިން ހުބެއި ޕްރޮވިންސަށް ފޮނުވަން ނިންމައިފި

ސިސީޓީވީން ރިޕޯޓުކުރާގޮތުގައި، ޗައިނާގެ އަސްކަރިއްޔާގައި މަސައްކަތް ކުރާ އަސްކަރީންގެ ތެރެއިން 2،600 ޞިއްޙި އެހީތެރިން ހުބެއި ޕްރޮވިންސަށް ފޮނުވުމަށް އެޤައުމުގެ އަސްކަރިއްޔާއިން ނިންމާފައިވާކަމަށެވެ. އެގޮތުން މިއަދުގެ ވަގުތެއްގައި 1،400 މީހުން ވުހާން ސިޓީއަށް ދަތުރުކުރާނެކަމަށް ސީސީޓީވީން ބުނެއެވެ.

މީގެ ކުރިންވެސް ތިން ބުރެއްގެ މަތިން އަސްކަރިއްޔާގެ 4،000 ޞިއްހީ އެހީތެރިން ހުބެއި ޕްރޮވިންސަށް ފޮނުވާފައިވެއެވެ. މި މީހުން ޙަރަކާތްތެރިވަމުންދަނީ ވައިރަސް ޖެހިފައިވާ މީހުން އުފުލުމަށް ޕެރަމެޑިކްސްގެ ޚިދުމަތް ދިނުމަށާއި އަދި ކަރަންޓީން ފެސިލިޓީސްތަކުގައި އެޑްމިޓްކޮށްފައިވާ މީހުންނަށް ފަރުވާ ދިނުމުގެ މަސައްކަތުގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

13 ފެބުރުއަރީ 2020 | 08:31

ލަންޑަން އިން ފުރަތަމަ ފަހަަރަށް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

އިނގިރޭސިވިލާތުގެ ޑިޕާރޓްމަންޓް އޮފް ހެލްތު އެންޑް ސޯޝަލް ކެއަރ އިން މިކަން ހާމަކޮށް ޢާންމު ކުރި ބަޔާނެއްގައި ބުނެފައިވަނީ، މި މީހާއަކީ ޗައިނާއަށް ގޮސްފައި އެބުރި އައި މީހެއް ކަމަށާއި، ކޮރޯނާވައިރަސްއަށް އެއަރޕޯޓުން ސްކްރީން ކުރިއިރު، އޭނާގެ ހަށިގަނޑުން ކޮރޯނާވައިރަސްގެ އަލާމަތްތައް ފެނުނު ކަމަށެވެ. އެހެންކަމުން ލޭގެ ސާމްޕަލް ނަގާ ހެދި ޓެސްޓުން އޭނާ ނޮވެލް ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވެފައިވާކަމަށް އެ ޑިޕާޓްމަންޓުން ބުނެއެވެ. މި މީހާއަށް ލަންޑަންފެ ތޯމަސް ހޮސްޕިޓަލުގައި ކަރަންޓީންކޮށްގެން ފަރުވާދެމުންދާކަމަށްވެސް އެޑިޕާޓްމަންޓުން ބުނެއެވެ.

މިއާއެކު، އިނގިރޭސިވިލާތުގައި ކޮރޯނާވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 83 އަށް އަރާފައެވެ.

13 ފެބުރުއަރީ 2020 | 08:19

ކްރޫސް ލައިނަރ "ޑައިމަންޑް ޕްރިންސެސް" އިން އިތުރު 39 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

މިކަން ހާމަކުރައްވާ ވެރިރަށް ޓޮކްޔޯގައި ވާހަދައްކަވަމުން ޖަޕާނުގެ ޞިއްޙަތާއި ބެހޭ ވަޒީރު، ކަޓްސުނޮބޫ ކަޓޯ ވިދާޅުވީ އިއްޔެ ކްރޫސްލައިނަރ ގައި ތިބި ފަޅުވެރިންނާއި، ފަސިންޖަރުން ހިމެނޭ ގޮތައް 53 މީހުން ކޮރޯނާ ވައިރަސްއަށް ޓެސްޓުކުރިކަމަށާއި، މީގެތެރެއިން 39 މީހުން ވައިރަސްއަށް ޕޮޒިޓިވްވެފައިވާކަމަށެވެ. މިއާއެކު ކްރޫސްލައިނަރ އިން ވައިރަސްއަށް ޕޮޒިޓިވްވީ މީހުންގެ ޢަދަދު ވަނީ 174 އަށް އަރާފައެވެ.

ކްރޫސްލައިނަރ އިން ވައިރަސް އަށް ޕޮޒިޓިވް ވި 4 މީހެއްގެ ޙާލަތު ވަރަށް ދަށްކަމުން އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައި ފަރުވާދެމުންދާކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އަދި މިމީހުން ކަރަންޓީން ކުރުމުގެ މަސައްކަތުގައި ޙަރަކާތްތެރިވި އޮފިޝަލަކުވެސް ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވެފައިވެއެވެ.

13 ފެބުރުއަރީ 2020 | 08:13

ސިންގަޕޫރުގެ ބޭންކެއްގެ މުވައްޒަފަކަށް ކޮރޯނާވައިރަސް ޖެހުމުން، އެބޭންކުގެ އެހެން މުވައްޒަފުންނަށް ޗުއްޓީ ދީފި

ސިންގަޕޫރުގެ ދަ ޑެވެލޮޕްމެންޓް ބޭންކް އޮފް ސިންގަޕޯރ(ޑީބީއެސް) ގެ މުވައްޒަފަކު ނޮވެލް ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވުމާއި ގުޅިގެން، އެބޭންކުގެ 300 މުވައްޒަފަކަށް ޗުއްޓީ ދީފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޗުއްޓީދީފައި ވަނީ ވައިރަސް އަށް ޕޮޒިޓިވްވީ މީހާ މަސައްކަތް ކުރާ އެބޭންކުގެ އެއް ފަންގިފިލާގައި މުވައްޒަފުންނަށެވެ. މި މީހުންނަށް ޗުއްޓީ ދިނީ ގޭގައި ތިބެގެން އޮފީސް މަސައްކަތްކުރާ ގޮތައް ކަމަށް ޚަަބަރު ލިބެއެވެ.އަދި ވައިރަސްއަށް ޕޮޒިޓިވްވި މީހާއާއި ދިމާވެފައިވާ މީހުން ދެނެގަތުމުގެ މަސައްކަތްވެސް އެބޭކުން ދަނީ މިހާރު ކުރަމުންނެވެ.

13 ފެބުރުއަރީ 2020 | 07:50

ކޮރޯނާވައިރަސްގެ ބަލިމަޑުކަމާއި ގުޅިގެން އޭވިއޭޝަން ދާއިރާއަށް ގެއްލުންވޭ: ބޮއެންގ

އެމެރިކާގެ ބޮއެންގ ކުންފުނިން ބުނީ، ޗައިނާގައި ހަލުވިކަމާއެކު ކޮރޯނާވައިރަސް ފެތުރެމުންދާތީ، އެޤައުމުގެ ސަރުކާރުން ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބައެއް ސިޓީ ތައް ލޮކްޑައުންކުރުމާއި، އަދި ދުނިޔޭގެ ބައެއް ޤައުމުތަކުން ޗައިނާ މީހުން އެޤައުމުތަކަށް ނާރުވަން ނިންމުމާއި ގުޅިގެން ދުނިޔޭގެ ވައިގެ ދަތުރު ފަތުުރުގެ ވިޔަފާރިއަށް ގެއްލުން ވާކަމަށެވެ.

ދުނިޔޭގެ މައި އެއަރލައިންތަކުން ޗައިނާއަށް ދަތުރުކުރުން ހުއްޓާލާފައިވާތީ އޭވިއޭޝަން ސެކްޓަރ އަށް ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުންތަކާއި މިހާރު ކުރިމަތިލާންޖެހިފައިވާ ކަމަށް ބޮއެންގ ކުންފުނިން ބުނެއެވެ.

ވިޔަފާރި ގެއްލުންތަކުގެ ވާހަކަދެއްކި ނަމަވެސް ގެއްލުން ވާ މިންވަރުގެ ނިިޞްބަތް ހާމަކޮށްފައެއް ނުވެއެވެ.

13 ފެބުރުއަރީ 2020 | 07:39

ހޮންގ ކޮންގ ސްކޫލްތައް ބަންދުކޮށްފައި ބަހައްޓާ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި

ހޮންގ ކޮންގގެ އެޑިއުކޭޝަން ސެކްރެޓަރީ، ކެވިން ޔޫންގ އާއި ޙަވަލާދީ ރޮއިޓަރސް އިން ރިޕޯޓުކުރާގޮތުގައި، ކޮރޯނާ ވައިރަސް ފެތުރެން ފެށުމާއެކު، ހޮންގ ކޮންގގެ ސްކޫލްތައް ބަންދުކޮށް، އަލުން ހުޅުވަން ކުރިން ނިންމާފައި އޮތީ މާރޗްމަހުގެ 2 ވަނަ ދުވަހުއެވެ. އެހެންނަމަވެސް ކޮރޯނާވައިރަސްގެ ޙާލަތު ޗައިނާގައި އިތުރަށް ގޯސްވަމުންދާތީ،ހޮންގ ކޮންގގެ މައި ސަރުކާރުން ވަނީ އަނެއްކާވެސް ބަންދުގެ މުއްދަތު އިތުރުކޮށްފައެވެ.

މިހާރު މިގެނައި ބަދަލާއެކު، ދެން ސްކޫލްތައް ހުޅުވުމަށް ހަމަޖެހިފައިވަނީ އަންނަ މާރޗްމަހުގެ 16 ވަނަ ދުވަހުއެވެ.

13 ފެބުރުއަރީ 2020 | 07:33

ހުބެއި ޕްރޮވިންސްގެ ހުންނަ ކޮމިއުނިސްޓް ޕާޓީގެ ސެކްރެޓަރީ މަޤާމުން ވަކިކޮށްފި

ނޮވެލް ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމަށް ޗައިނާ ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުން، ހުބެއި ޕްރޮވިންސްގައި ހުންނަ ކޮމިއުނިސްޓް ޕާޓީގެ ސެކްރެޓަރީ ޖިއާންގ ޝާއޯލިއާންގް މަޤާމުން ދުރުކޮށް، މިހާރު ޝަންހާއީގެ މޭޔަރުކަން ކުރައްވަމުން ގެންދަވާ ޔިންގް ޔޮންގ، ހުބެއި ޕްރޮވިންސްގެ ކަންކަން ބެލެހެއްޓުމަށް ޗައިނާ ސަރުކާރުން ހަވާލުކޮށްފިއެވެ.

ޗައިނާގެ ސީސީޓިވީން ޚަބަރުފަތުރާ ގޮތުގައި ވުހާން މުނިސިޕަލްޓީގެ ޕާރޓީ ސެކްރެޓަރީ މާ ގުއާކިއާންގވެސް އޭނާގެ މަޤާމުން ދުރުކޮށް، ޖިނާން ސިޓީގެ ޕާރޓީ ސެކްރެޓަރީއާއި އެމަޤާމުގެ ޒިންމާ އުފުލަން ވަނީ ޙަވާލުކޮށްފައެވެ.

މިއީ ޗައިނާގެ ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީގެ ސެންޓްރަލް ކޮމިޓީގެ ނިންމުމުގެ މަތިން ހިންގުމުގެ ނިޒާމަށް ގެނައި ބަދަލެއްކަމަށްވެސް ސީސީޓީވީން ބުނެއެވެ.

13 ފެބުރުއަރީ 2020 | 07:23

"ޑައިމަންޑް ޕްރިންސެސް" ގެ ފަޅުވެރިންނަށް އިތުރު ޗުއްޓީއެއް ދެނީ

ޗައިނާގެ ޔޮކޮހާމާ ސިޓީގައި ބަނދަރުކޮށްފައިވާ ކްރޫސް ލައިނަރ "ޑައިމަންޑް ޕްރިންސެސް" ގެ ފަޅުވެރިންނަށް އިތުރު ޗުއްޓީއެއް ދޭން ނިންމައިފިއެވެ.

އެ ކްރޫސްލައިނަރ ހިންގާ "ކާނިވަލް ޕްރިންސެސް ކްރޫސެސް" ބުނެފައިވަނީ، ކޮރޯނާވައިރަސް އާއި ގުޅިގެން، މީގެ 11 ދުވަސް ކުރިން ކަރަންޓީން ކޮށްފައިވާ ޑައިމަންޑް ޕްރިންސެސްގައި ތިބި 2،666 ފަސިންޖަރުންނަށް ޚިދުމަތް ކުރުމުގައި 1000 ފަޅުވެރިން ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންދާ ކަމަށާއި، އެކަމުގެ އަގު ވަޒަންކުރުމުގެ ގޮތުން، ކަރަންޓީން އުވާލުމުން އެމީހުންނަށް މުސާރަ ހިނގާ ގޮތައް 2 މަހުގެ ޗުއްޓީއެއް ދޭގޮތައް ނިންމާފައިވާކަމަށެވެ. މީގެ އިތުރުން އެމީހުންގެ އަމިއްލަ ޤައުމަށް ދަތުރުކުރަން ފްލައިޓް ޓިކެޓްވެސް އެކުންފުނިން ގަނެ ދިނުމަށް ވަނީ ނިންމާފައެވެ.

13 ފެބުރުއަރީ 2020 | 07:14

ކޮވިޑް-19 ޖެހިގެން ޗައިނާއިން އިއްޔެ އެކަނިވެސް 242 މީހުން މަރުވެއްޖެ

ޗައިނާގެ ނެޝަނަލް ހެލްތު ކޮމިޝަނުން ބުނާ ގޮތުގައި ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދިޔަ 242 މީހުން އިއްޔެ ވަނީ މަރުވެފައެވެ. އަދި އިއްޔެ އެކަނިވެސް 14,840 މީހުން މިވައިރަސް އަށް ޕޮޒިޓިވްވެފައިވާކަމަށް އެ ކޮމިޝަނުން ބުނެއެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ބުނާ ގޮތުގައި ޗައިނާގައި ކޮރޯނާ ވައިރަސް ޖެހިގެން މަރުވީ މީހުންގެ ޢަދަދު މިހާރު ވަނީ 1,357 އަށް އަރާފައެވެ. އަދި 60،000އަށް ވުރެގިނަ މީހުންނަށް ވަނީ މިވައިރަސް ޖެހިފައެވެ.

އިއްޔެ އަކީ ޗައިނާގައި މިވައިރަސް ފެތުރެން ފެށިފަހުން އެންމެ ގިނަ ޢަދަދެއްގެ މީހުން މަރުވި ދުވަހެވެ.

12 ފެބުރުއަރީ 2020 | 16:03

ރަޝިޔާއިން ކޮރޯނާވައިރަސް ޖެހުނު މީހާ ރަނގަޅުވެގެން ދޫކޮށްލައިފި

ރަޝިޔާއިން ކޮރޯނާވައިރަސް ޖެހުނު މީހާ ރަނގަޅުވެގެން ދޫކޮށްލައިފި އެވެ.

ކޮރޯނާވައިރަސް ޖެހުނު ފުރަތަމަ މީހާވެސް ރަނގަޅުވެގެން ދޫކޮށްލާފައިވާކަމަށް އެގައުމުން ބުނެއެވެ. މި ދެމީހުންނަކީވެސް ޗައިނާގެ ރައްޔިތުންނެވެ.

12 ފެބުރުއަރީ 2020 | 15:56

ސިންގަޕޫރުން އިތުރު 3 މީހެއްގެ ގައިން ކޮރޯނާވައިރަސްގެ އަސަރު ފެނިއްޖެ

ސިންގަޕޫރުން އިތުރު 3 މީހެއްގެ ގައިން ކޮރޯނާވައިރަސްގެ އަސަރު ފެނިފައިވާކަމަށް އެގައުމުން ބުނެފި އެވެ.

ސިންގަޕޫރުން ބުނީ މިފަހަރު ކޮރޯނާވައިރަސް ޖެހިފައިވަނީ ޗައިނާއަށް ދަތުރުކޮށްފައިނުވާ ސިންގަޕޫރުގެ ތިން މީހުންނަށް ކަމަށެވެ. އެއީ 34 އަހަރާއި 46 އަހަރު އަދި 62 އަހަރުގެ ތިން މީހުން ކަމަށް ސިންގަޕޫރުން ބުނެއެވެ.

ސިންގަޕޫރުން މިހާތަނަށް 50 މީހުންނަށް ކޮރޯނާވައިރަސް ޖެހިފައިވާއިރު 35 މީހުން މިހާރުވެސް ތިބީ ހޮސްޕިޓަލްގައެވެ. އަދި 8 މީހުންގެ ހާލު ސީރިއަސް ކަމަށް އެގައުމުން ބުނެއެވެ. 15 މީހުންވަނީ ފަރުވާއަށް ފަހު ރަނގަޅުވެގެން ހޮސްޕިޓަލުން ދޫކޮށްލާފަ އެވެ.

12 ފެބުރުއަރީ 2020 | 14:49

ޗައިނާ ސަރުކާރުން ޚާއްޞަ އެހީއަށް އެދިއްޖެ

ޗައިނާގައި ހަލުވިކަމާއެކު ނޮވެލް ކޮރޯނާވައިރަސް ފެތުރި، މިކަން ކޮންޓްރޯލް ކުރަމުންދާ މަސައްކަތުގައި އެންމެހައި ފަރާތްތަކުގެ ޚާއްޞަ އެހީއަށް އެދިއްޖެއެވެ. އެޤައުމުގެ ސަރުކާރުން ބުނެފައިވަނީ، ނިޞްބަތުން ބޮޑު އާބާދީއަކަށް މިވައިރަސް ފެތުރެމުންދާތީ، އެކި ދާއިރާތަކުން ތަކެއްޗަށް ޖެހިފައިވާކަމަށެވެ. އެގޮތުން ކުއްލި ޙާލަތުގެ އެހީގެ ގޮތުގައި ބޭނުންކުރާނެ ކާރާއި މާސްކް ފޯރުކޮށްދިނުމަށް ވަނީ ގޮވާލާފައެވެ. އަދި މީހުން ބައިތިއްބާނެ ތަންތަނަށް ޖެހި، ޕްރައިވެޓް ހޮސްޕިޓަލާއި، ހޮޓާތަކާއި، އެޕާރޓްމަންޓް ގެންގުޅޭ ފަރާތްތަކައް މި ޙައްޞާބީ ދަނޑުވަޅުގައި ސަރުކާރަށް އެހީތެރިވެދިނުމަށް ވަނީ ގޮވާލާފައެވެ.

ކޮރޯނާވައިރަސް ކޮންޓްރޯލެއް ނެތި ފެތުރެމުންދާތީ ޗައިނާ ސަރުކާރުގެ ހޮސްޕިޓަލްތައް ވަނީ ފުރި ބަންޑުންވެފައެވެ. އަދި އިތުރަށް ތަރައްޤީ ކުރި ދެހޮސްޕިޓަލްވެސް މިހާރު ވަނީ ފުރިފައެވެ. އެހެންކަމުން އަލަށް މި ވައިރަސް ޖެހޭ މީހުން ބައިތިއްބާނެ ތަނަކާމެދު ސަރުކާރުގެ މަސްއޫލުވެރިން ވަނީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ.

12 ފެބުރުއަރީ 2020 | 14:42

ކޮރޯނާވައިރަސްގެ ބަލިމަޑުކަމާއި ގުޅިގެން ތެލުގެ އަގުވެއްޓެމުންދާތީ ސައުދީޢަރަބިއްޔާއިން ކަންބޮޑުވުން ފާޅުކޮށްފި

ސައުދީ އަރައްބިއްޔާ ސަރުކާރުން މިކަމާއި ކަންބޮޑުވުން ފާޅުކޮށް ބުނެފައިވަނީ، އޯޕެކްގެ ޤައުމުތަކުން ގުޅިގެން މިކަމަށް އަވަސް ފިޔަވަޅު އަޅަންވެއްޖެ ކަމަށެވެ. ސައުދީ ސަރުކާރުން ބުނެފައިވަނީ ކޮރޯނާވައިރަސްއާއި ގުޅިގެން ތެލަށް އޮންނަ ޑިމާންޑު ކުޑަވަމުންދާކަމަށާއި، މީގެ ސަބަބުން ތެލުގެ އަގު ބާޒާރުގައި ތިރިވަމުން އަންނަކަމަށެވެ. ކޮރޯނާ ވައިރަސް ފެށުނު ފަހުން މިހާތަނަށް އައިއިރު ތެޔި ފީފާއެއްގެ އަގުން ވަނީ 11 ޑޮލަރު ދަށްވެފައެވެ. މިހާރު ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު ހުރީ 54 ޑޮލަރިގައެވެ. ސައުދީން ބޭނުންވަނީ 60 ޑޮލަރުގައި އަގު ހިފެހެއްޓުމަށެވެ.

12 ފެބުރުއަރީ 2020 | 06:12

ކޮރޯނާ ވައިރަސް: ވޫހާން ގައި ތިބި ނޭޕަލް މީހުން ނެރެނީ

ކޮރޯނާވައިރަސް ފެތުރުން ފެށި މައި މަރުކަޒު ވޫހަން ސިޓީގައި ތިބި ނޭޕާލުގެ 180 ރައްޔިތުން ޗައިނާއިން ނެރުމުގެ މަސައްކަތް ފަށައިފިއެވެ. ނޭޕާލް ސަރުކާރާއި ހަވާލާދީ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ވޫހާން ގައި ތިބި އެ ގައުމުގެ ރައްޔިތުން ބަލައި ޗާޓަރު ފްލައިޓެއް ކުރިޔަށް އޮތް ދުވަސްތަކުގައި ފޮނުވަން ވަނީ ހަމަޖެހިފައެވެ.

އެގޮތުން 180 މީހުން ނޭޕާލަށް އަނބުރާ ގެނައުމަށް ހަމަޖެހިފައިވަނީ މި ހިނގާ މަހުގެ މެދުތެރޭގައި ކަމަށް ނޭޕާލުގެ ސަރުކާރުން ވަނީ ހާމަކޮށްފައެެވެ. ގެންނަ މީހުން ކަރަންޓީނު ކުރާނެ މަރުކަޒެއް ހަމަޖެއްސުމުގެ މަސައްކަތް ނޭޕާލު ސަރުކާރުން ދަނީ ކުރަމުންނެވެ.

12 ފެބުރުއަރީ 2020 | 06:07

ކޮރޯނާ ވައިރަސް ޖެހިގެން ޗައިނާގައި މަރުވި މީހުންގެ އަދަދު

ކޮރޯނާ ވައިރައިސްގައި މިހާތަނަށް ޗައިނާ އިން 1113 މީހުން މަރުވެފައިވާއިރު އެ ވައިރަސް ޖެހިގެން 4740 މީހުން ވަނީ ވައިރަސް ޖެހި ރަނގަޅުވެފައެވެ. އަދި ޗައިނާގެ 44653 މީހަކަށް އެ ވައިރަސް މިހާތަނަށް ޖެހިފައިވާއިރު 16067 މީހަކަށް ވައިރަސް ހުރި ކަމަށް ވަނީ ޝައްކު ކުރެވިފައެވެ.

11 ފެބުރުއަރީ 2020 | 17:03

ކޮރޯނާވައިރަސްގައި މިހާތަނަށް މީހުން މަރުވަމުން އައި ގޮތް އަދަދުތަކުން

ކޮރޯނާވައިރަސްޖެހިގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ ހާހަކަށްވުރެ މައްޗަށް އަރާފަ އެވެ. ފުރަތަމަ ވައިރަސް ފެށުނު އިރު ދުވާލަކު މަދު ބަޔަކު މަރުވެގެން ދިޔަނަމަވެސް މިހާރު އެއަދަދު އުޅެނީ 100 އިން މަތީގަ އެވެ.

ފެބްރުއަރީ 10: 108 މަރު

ފެބްރުއަރީ 9: 97 މަރު

ފެބްރުއަރީ 8: 89 މަރު

ފެބްރުއަރީ 7: 86 މަރު

ފެބްރުއަރީ 6: 73 މަރު

ފެބްރުއަރީ 5: 73 މަރު

ފެބްރުއަރީ 4: 65 މަރު

ފެބްރުއަރީ 3: 64 މަރު

ފެބްރުއަރީ 2: 57 މަރު

ފެބްރުއަރީ 1: 45 މަރު

ޖެނުއަރީ 31: 46 މަރު

ޖެނުއަރީ 30: 43 މަރު

ޖެނުއަރީ 29: 38 މަރު

ޖެނުއަރީ 28: 26 މަރު

ޖެނުއަރީ 27: 26 މަރު

ޖެނުއަރީ 26: 24 މަރު

ޖެނުއަރީ 25: 15 މަރު

ޖެނުއަރީ 24: 16 މަރު

ޖެނުއަރީ 23: 8 މަރު

11 ފެބުރުއަރީ 2020 | 16:49

ކޮރޯނާވައިރަސްގެ ވެކްސިން 18 މަސް ތެރޭގައި އުފެއްދޭވަރުވާނެ ކަމަށް ޑަބްލިޔުއެޗްއޯ އިން ބުނެފި

ކޮރޯނާވައިރަސްގެ ވެކްސިން 18 މަސް ތެރޭގައި އުފެއްދޭވަރުވާނެ ކަމަށް ޑަބްލިޔުއެޗްއޯ އިން ބުނެފި އެވެ.

މީގެއިތުރުން ޑަބްލިޔުއެޗްއޯއިން ވަނީ ކޮރޯނާވައިރަސް "ކޮވިޑް-19" ގެ ނަން ދީފަ އެވެ. ޑަބްލިޔުއެޗްއޯއިން ވަނީ އޮޅުންއެރުންތައް ކުޑަކުރުމަށްޓަކައި މިވައިރަސްއަށް އެންމެންވެސް މިނަމުން މުޚާތަބުކުރުމަށް އެދިފަ އެވެ.

11 ފެބުރުއަރީ 2020 | 13:47

ޗައިނާއިން އައި މީހުންގެ ތެެރެއިން 75އިން ސައްތަ މީހުން ކޮރޯނާ ވައިރަސްއަށް ޓެސްޓްކޮށްފިން: ނިއުދިއްލީ ސަރުކާރު

ފާއިތުވެ ދިޔަ ދުވަސްތަކުގައި ޗައިނާއަށް ދަތުރުކުރުމަށް ފަހު އިންޑިއާގެ ވެރިރަށް ނިއުދިއްލީއަށް އެނބުރި އައި އިންޑިއާ މީހުންގެ ތެރެއިން 75 އިން ސައްތަ މީހުން ނޮވެލް ކޮރޯނާވައިރަސްއަށް ސްކްރީންކޮށްފައިވާ ކަމަށް އެ ސިޓީގެ އިސް މަސްއޫލުވެރިން ބުނެފިއެވެ.

ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 2،885 ޓްރެކްކޮށް ވައިރަސްއަށް ސްކްރީންކުރެވިފައިވާކަމަށް އެބޭފުޅުން ވިދާޅުވެއެވެ.

އިންޑިއާއިން މިހާތަނަށް ނޮވެލް ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވްވެފައިވަނީ އެޤައުމުގެ ދެކުނު ކެރަލާ ސްޓޭޓުންނެވެ. ޕޮޒިޓިވްވި 3 މީހުން ކަރަންޓީންކޮށްގެން އަދިވެސް ދަނީ ފަރުވާދެމުންނެވެ.

11 ފެބުރުއަރީ 2020 | 13:41

ކެރެލާ ސްޓޭޓުގެ ޕަލައްކާޑު އަވަށުން ކޮރޯނާވައިރަސްއަށް ޓެސްޓު ކުރި 14 މީހުންވެސް ނެގެޓިވް

ޕަލައްކާޑްގެ ޑިސްޓްރިކްޓް މެޑިކަލް އޮފިސަރ ޑރ. ކޭޕީ ރީތާއާއި ޢަންމު ކުރެއްވި "ދަ ހެލްތު ބުލެޓިން" ގައި ވާ ގޮތުން ޗައިނާއިން އެބުރި އައި 14 މީހެއްގެ ގައިން ކޮރޯނާވައިރަސްގެ އަލާމާތްތައް ފެންނާތީ އެމީހުންގެ ހަޑިގަނޑުން ލޭގެ ސާމްޕަލް ނަގާ ޕޫނާގައި ހުންނަ ނެޝަނަލް އިންސްޓިޓިއުޓް އޮގް ވައިރޯލޮޖީއަށް ފޮނުވިއެވެ.

އަދި ނަތީޖާ އައިއިުރ އެ 14 މީހުންވެސް ވައިރަސްއަށް ނެގެޓިވް ކަމަށް ބުލެޓިންގ ގައިވެއެވެ.

އެހެންނަމަވެސް މި 14 މީހުންނަށް އަދިވެސް އައިސޮލޭޓްކޮށްގެން ފަރުވާ ދެމުންދާކަމަށް ޑޮކްޓަރު ވިދާޅުވެފައިވެއެވެ.

މިމީހުންނާއެކު ޖުމުލަ 127 މީހުން ޞިއްޙީއެހީތެރިންގެ ބެލުމުގެ ދަށުން މިހާރުވެސް ޕަލައްކާޑުގައި ދަނީ ފަރުވާދެމުންނެވެ.

11 ފެބުރުއަރީ 2020 | 13:31

"ޑައިމަންޑް ޕްރިންސަސް" ގައި ތިބި އިންޑިއާ ރައްޔިތުންގެ ޙާލަތު ވަރަށް ގާތުން މިދަނީ ބަލަމުން: އިންޑިއާ އެމްބަސީ

ޗައިނާގައި ހުންނަ އިންޑިއާ އެމްބަސީން މިކަން ހާމަކޮށް ޢާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ޖަޕާނުގެ ޔޮކޮހާމާ ގައި ބަނދަރުކޮށްފައިވާ ޖަޕާނުގެ ކްރޫސްލައިނަރ "ޑައިމަންޑް ޕްރިންސަސް" ގައި އިންޑިއާގެ 138 މީހުން އެބަތިބި ކަމަށެވެ. މީގެތެރޭގައި ފަޅުވެރިންނާއި ފަސިންޖަރުންވެސް ހިމެނޭ ކަމަށެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ޗައިނާ ސަރުކާރުގެ އެހީތެރިކަމާއެކު އެމީހުންގެ ޙާލަތު ވަރަށް ގާތުން ބަލަމުންދާކަމަށާއި، އެމީހުންނަށް އިންޑިއާ ސަރުކާރުން ވެދެވެން އޮތް އެހީތެރިކަމެއް މިދަނޑިވަޅުގައި ވެދޭނެކަމަށެވެ.

"ޑައިމަންޑް ޕްރިންސަސް" ގައި ފަޅުވެރިންނާއި، ފަސިންޖަރުންނާއެކު ޖުމުލަ 3،711 މީހުން ތިބި އިރު މީގެތެރެއިން 130 މީހުން ވަނީ ނޮވެލް ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެފައެވެ. 300 އެއްހާމީހުން ނޮވެލް ކޮރޯނާ ވައިރަސްއަށް މިހާތަނަށް އައިރު ވަނީ ޓެސްޓްކޮށްފައެވެ. ޖަޕާނުގެ ޞިއްޙީ ވުޒާރާގެ އެހީތެރިކަމާއެކު މިމީހުންނަށް ދަނީ ފަރުވާ ދެމުންނެވެ. އަދި ކްރޫސްލައިނަރ ވަނީ ކަރަންޓީންކޮށްފައެވެ.

11 ފެބުރުއަރީ 2020 | 13:23

ޔޫއޭއީގައި ދިރިއުޅޭ އިންޑިއާ މީހަކު ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެއްޖެ

ޔޫއޭއީގެ މިނިސްޓްރީ އޮފް ހެލްތު އެންޑް ޕްރިވެންޝަންއިން މިކަމާއި ގުޅޭ ގޮތުން ޢާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އެޤައުމުގައ ދިރިއުޅޭ އިންޑިއާ މީހަކު ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެފައިވާކަމަށާއި، އެމީހާއަށް ވައިރަސް ޖެހުނީ، ކުރިން ވައިރަސްޖެހިފައިވާ މީހަކާ ދިމާވެގެންކަން ހޯދުންތަކުން އެނގިފައިވާކަމަށެވެ.

މިއާއެކު، ޔޫއޭއީގައި ކޮރޯނާވައިރަސް ޖެހުނު މީހުންގެ ޢަދަދު ވަނީ 8 އަށް އަރާފައެވެ.

ޔޫއޭއީގައި، ދަނީ ކޮރޯނާވައިރަސް ޖެހިފައިވާ ޗައިނާއާއި ފިލިޕީންސްފެ 2 ރައްޔިތަކަށްވެސް ފަރުވާދެމުންނެވެ.

11 ފެބުރުއަރީ 2020 | 13:19

ކޮރޯނާވައިރަސް ހަލުވިކަމާއެކު ފެތުރެމުންދާ ވުހާން ސިޓީގައި ރައްކާތެރިކަމުގެ ފިޔަވަޅު އިތުރަށް ވަރުގަދަކޮށްފި

ޗައިނާގެ ނެޝަނަލް ހެލްތު ކޮމިޝަނުން ބުނީ ފާއިތުވެދިޔަ 3 ދުވަހު ކޮރޯނާވައިރަސްގައި މަރުވާ މީހުންނާއި، ވައިރަސް ޖެހޭ މީހުންގެ ނިޞްބަތް ބޮޑުތަނުން އިތުރު ވަމުންދާތީ ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ސަރުކާރުން ނިންމާފައިވާކަމަށެވެ.

ޖެނުއަރީ މަހުގެ 23 ވަނަ ދުވަހުން ފެށިގެން ވޫހާން ސިޓި "ލޮކްޑައުން" ކޮށްފައި އޮތް ނަމަވެސް، ވައިރަސް ހުއްޓުމެއް ނެތި ފެތުރެމުންދާކަމަށެވެ. އެހެންކަމުން މިހާރު ވައިރަސް ނުޖެހި ސަލާމަތުން ތިބި މީހުންގެ ސަލާމަތާއި ރައްކަލެއްގެ ގޮތުން، އެމީހުން ބޭރަށް ނިކުމެ ނޫޅުމަށް މަނާކުރާ ކަމަށެވެ. އަދި ހުން އައިސް އަރިދަފުސް ރޯގާ ޖެހުނު ނަމަވެސް، ހޮސްޕިޓަލަށް ދިއުން މިހާރު ވަނީ މަނާކޮށްފައެވެ. ގޭގައި ކަރަންޓީންކޮށްގެން ފަރުވާ ދިނުމުގެ ވިސްނުމެއް މިހާރު ގެންގުޅެނީ، މީހުން އިތުރަށް ބޭރަށް ނިކުމެ ހެލިފެލިވެ އުޅެންވެއްޖެނަމަ، ގިނަ ބަޔަކަށް ވައިރަސް އަސަރު ފޯރަފާނެތީ ކަމަށް ޗައިނާގެ ނެޝަނަލް ހެލްތު ކޮމިޝަނުން ބުނެއެވެ.

މި ދަނޑިވަޅުގައި ހުންއައިސް އަރިދަފުސް ރޯގާ ޖެހިއްޖެނަމަ، އެމަރޖެންސީ ރެސްޕޮންޒްއަށް ގުޅައިގެން ގޭގައި ފަރުވާ ހޯދުމަށް ޗައިނާގެ ނެޝަނަލް ހެލްތު ކޮމިޝަނުންވަނީ އިލްތިމާސްކޮށްފައެވެ. އަދި ޒަރޫރީ އެއްވެސް ބޭނުމެއްގައިވެސް މިދަނޑިވަޅުގައި ގެއިން ބޭރަށް ނުނިކުތުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

11 ފެބުރުއަރީ 2020 | 13:13

ކޮރޯނާވައިރަސްގެ ބަލިމަޑުކަމަށް ނިމުމެއް އަންނާނީ އެޕްރީލް މަހުކަމަށް ލަފާކުރެވޭ: ޗައިނާގެ ޑޮކްޓަރ

ޗައިނާއަށް މިހާރު ކުރިމަތިވެފައިވާ ނޮވެލް ކޮރޯނާވައިރަސްގެ ބަލިމަޑުކަމަށް ނިމުމެއް އަންނާނެކަމަށް ލަފާކުރެވެނީ އަންނަ އެޕްރީލް މަހު ކަމަށް ޗައިނާގެ މިކަމަށް ޚާއްޞަ ޑޮކްޓަރ ވިދާޅުވެއްޖެއެވެ.

ރޮއިޓަރސްއަށް ދެއްވި ބަސްދީގަތުމެއްގައި އުމުރުން 83 އަހަރުގެ އެޕިޑިއޮމޮލިޖިސްޓް ޑރ. ޒޮން ނަންޝަން ވިދާޅުވީ، އެންމެ ފަހުން ބެލި ބެލިމުން، މިމަހަކީ ޗައިނާއިން ކޮރޯނާގެ ވައިރަސްގެ ބަލިމަޑުކަމާއި އިންތިހާ ދަރަޖައަށް ކުރިމަތިލާންޖެހޭ މަސްކަން އިނގޭ ކަމަށެވެ. އަދި ބަލިމަޑުކަން އިންތިހާއަށް ގޮސްދާނެކަމުގެ ބިރުހީވެފައިވާއިރު، އެންމެ އަވަހަށް މި ބަލިމަޑުކަމުން ޗައިނާއަށް އަރައިގަނެވޭނީ އެޕްރީލް މަހުގައި ކަމަށް ލަފާކުރެވޭ ކަމަށް ޑޮކްޓަރު ވިދާޅުވެފައިވެއެވެ.

ޑޮކްޓަރު ވިދާޅުވީ ވައިރަސް ފެނުނު ވުހާން ސިޓީން، އެވައިރަސް އެހެން ސިޓީތަކައް ފެތުރުނަ ނުދިނުމަށް ޗައިނާ ސަރުކާއުން އެސިޓީ "ލޮކްޑައުން" ކުރުމަކީ އެޅި ވަރަށް ހަރުދަނާ ފިޔަވަޅެއް ކަމަށެވެ. އަދި މި ވައިރަސް އެހެން ޞަރަޙައްދުތަކަށް ފެތުރެން ދިމާވީ ވައިރަސް ޖެހުނު އާ ފުރަތަމަ ދުވަސްވަރުކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

ޑރ. ޒޮން ނަންޝަން އަކީ 2003 ވަނަ އަހަރު ކުރިމަތިވި ސާރސް ވައިރަސްގެ ބަލިމަޑުކަމުގައިވެސް ފަންނުވެރިއެއްގެ ޙައިޞިއްޔަތުން މުހިންމު ދައުރެއް އަދާކޮށްފައިވާ ތަޖުރިބާކާރު ޑޮކްޓަރެކެވެ.

11 ފެބުރުއަރީ 2020 | 05:18

ކޮރޯނާވައިރަސް އިން ދިމާވާ ކަންކަމުގެ އަސަރުކުޑަކުރުމަށް ޗައިނާގެ ކުންފުނިތަކުން ލޯން ނަގަނީ

ކޮރޯނާވައިރަސް އިން ދިމާވާ ކަންކަމުގެ އަސަރުކުޑަކުރުމަށް ޗައިނާގެ ކުންފުނިތަކުން ލޯނުނަގަމުންދާ ކަމަށް އެގައުމުގެ ދެ ބޭންކަކުން ބުނެފި އެވެ.

އެގޮތުން އެގައުމުގެ 300 ށް ވުރެ ގިނަ ކުންފުނިން 57.4 ބިލިއަން އެމެރިކާ ޑޮލަރުގެ ލޯނު ނެގުމަށް އެދިފައިވާކަމަށް ބޭންކުތަކުން ބުނެއެވެ. މިކުންފުނިތަކުގެ ތެރޭގައި ހިމެނެނީ ކާބޯތަކެތި ޑެލިވަރ ކުރާ ކުންފުނިތަކާއި ދަތުރު ފަތުރާ ގުޅުންހުރި ކުންފުނިތަކާއި ޓެކްނޮލޮޖީ އާ ގުޅުންހުރި ކުންފުނިތަކެވެ.

11 ފެބުރުއަރީ 2020 | 05:15

ވިއެޓްނާމްގައި ތިން މަހުގެ ކުޑަކުއްޖަކަށް ކޮރޯނާވައިރަސް ޖެހިއްޖެ

ވިއެޓްނާމްގައި ތިން މަހުގެ ކުޑަކުއްޖަކަށް ކޮރޯނާވައިރަސް ޖެހިއްޖެ އެވެ.

ވިއެޓްނާމުން ބުނާގޮތުގައި މިކުއްޖާއަށް ކޮރޯނާވައިރަސް ޖެހިފައިވަނީ އެކުއްޖާގެ މާމަގެ ފަރާތުންނެވެ. އެއާއެކު ވިއެޓްނާމްގައި ކޮރޯނާވައިރަސް ޖެހިފައިވާ މީހުންގެ އަދަދު މިވަނީ 15 އަށް އަރާފަ އެވެ.

11 ފެބުރުއަރީ 2020 | 05:13

ކޮރޯނާވައިރަސް ޖެހިފައިވާ 13 ވަނަ މީހާ އެމެރިކާއިން ފެނިއްޖެ

ކޮރޯނާވައިރަސް ޖެހިފައިވާ 13 ވަނަ މީހާ އެމެރިކާއިން ފެނިއްޖެ ކަމަށް އެގައުމުން ބުނެފިއެވެ.

މިމީހާއަކީ ވުހާން އިން އައި މީހުންގެ ތެރެއިން މީހެއްކަމަށް އެގައުމުން ބުނެ އެވެ.

11 ފެބުރުއަރީ 2020 | 05:01

ކޮރޯނާވައިރަސް ކޮންޓްރޯލްނުވެ ކުރިޔަށް، ހޫބޭ ޕްރޮވިންސްގެ ދެ އޮފިޝަލަކު މަގާމުން ވަކިކޮށްފި

ކޮރޯނާވައިރަސް އެންމެ ބާރަށް ފެތުރެމުންދާ ހޫބޭ ޕްރޮވިންސްގެ ހެލްތު ކޮމިޝަންގެ ދެ އޮފިޝަލަކު މަގާމުން ވަކިކޮށްފި އެވެ.

މަގާމުން ވަކިކޮށްފައިވާ ޒެންގ ޖިން އަކީ ހެލްތު ކޮމިޝަންގެ ޕާޓީ ސެކެޓްރީއެވެ. ދެން މަގާމުން ވަކިކުރި ލިޔު ޔިންގޒި އަކީ ހެލްތު ކޮމިޝަންގެ ޑިރެކްޓަރ އެވެ. މަގާމުން މި ދެ ބޭފުޅުން ވަކިކޮށްފައިމިވަނީ ހޫބޭ ޕްރޮވިންސްގެ ސިއްހަތާބެހޭ ތަންތަނުގެ ހާލަތު ބައްލަވާލެއްވުމަށް އެގައުމުގެ ރައީސް އެތަންތަނަށް ޒިޔާރަތްކުރެއްވުމަށް ފަހުއެވެ.

މިހާތަނަށް އާއިރު ކޮރޯނާވައިރަސް ޖެހިގެން ހާހަކަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އަދި ކޮރޯނާވައިރަސްގެ އަސަރު ސާޅީސް ދެހާހަށްވުރެ ގިނަ މީހުންނަށް ވަނީ ކޮށްފައެވެ.

11 ފެބުރުއަރީ 2020 | 04:55

ކޮރޯނާވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 1,016 ށް

ކޮރޯނާވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 1016 ށް އަރައިފި އެވެ.

ޗައިނާގެ ހެލްތު ކޮމިޝަނުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާލާއިރު ފާއިތުވި 24 ގަޑީރު ތެރޭގައި ވަނީ 108 މީހުން މަރުވެފަ އެވެ. މިއީ މިހާތަނަށް މިވައިރަސް ޖެހިގެން އެއްދުވަހާ އެންމެ ގިނަ މީހުން މަރުވެގެން ރިޕޯޓް ކުރެވުނު ދުވަހެވެ. ވައިރަސްގެ އަސަރު ފާއިތުވި 24 ގަޑީރުތެރޭގައި އަލަށް 2,478 މީހުންނަށް ކޮށްފައިވެ އެވެ. ޖުމްލަ 42,638 މީހުންނަށް މިހާތަނަށް މިވައިރަސްގެ އަސަރުކޮށްފައިވެ އެވެ.

10 ފެބުރުއަރީ 2020 | 20:22

ކޮރޯނާވައިރަސްގެ ބަލިމަޑުކަމާއި ގުޅިގެން ޔޫރަޕިއަން ޔޫނިއަނުން ޚާއްޞަ ބައްދަލުވުމެއް ބާއްވަނީ

ވިލާތުއިއްތިހާދުގެ ޤައުމުތަކުގައި ނޮވެލް ކޮރޯނާވައިރަސް ފެތުރެމުންދާތީ، ވިލާތު އިއްތިހާދުން މިކަމަށް ޚާއްޞަ ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ.

އެއިއްތިހާދުން މިކަމާއި ގުޅޭގޮތުން ބުނެފައިވަނި ވިލާތު އިއްތިހާދުގެ ޞިއްޙަތާއި ބެހޭ ވަޒީރުންގެ ބައްދަލުވުމެއް އަންނަ ބުރާސްފަތި ދުވަހު ބާއްވާނެކަމަށާއި، ބައްދަލުވުން ކުރިޔަށްގެންދާނީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ(ޑަބްލިއުއެޗްއޯ) ގެވެސް ބައިވެރިވުން ހިމެނޭ ގޮތައްކަމަށެވެ.

މި ބައްދަލުވުމުގެ މައިގަނޑު ޢަމާޒަކީ ވިލާތުގެ ޤައުމުތަކުގައި ކޮރޯނާވައިރަސް ފެތުރެމުންދާއިރު، އެކަން ހުއްޓުވުމަށް ގުޅިގެން ކުރެވިދާނެ ކަންކަން ދެނެގަތުމަށާއި، އަދި ބަލިމަޑުކަމުން އަރައިގަތުމަށް ކުރެވިދާނޭކަންތައްތަކާއި ބެހޭ ގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކޮށް ގޮތެއް ނިންމުންކަމަށް އީޔޫގެ ކޮމިޝަނަރ ފޮރ ކްރައިސިސް މެނޭޖްމެންޓް ހާނޭޒް ލެނަރކިކް ވިދާޅުވެފައިވެއެވެ.

ވިލާތުގެ ޤައުމުތަކަށް ބަލާއިރު، މިހާތަނަށް އައިއިރު ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެފައިވަނީ ޖުމުލަ 30 މީހުންނެވެ.

10 ފެބުރުއަރީ 2020 | 20:14

ޗައިނާގައި ބޭރު ޤައުމުގެ 27 މީހަކު ކޮރޯނާވައިރަސްއަށް ޕޮޒިޓިވް ވެއްޖެ

ޗައިނާގެ ޚާރިޖީވުޒާރާއިން ހާމަކުރާގޮތުގައި ޗައިނާގައި އުޅޭ ބޭރު ޤައުމުތަކުގެ 27 މީހަކަށް މިހާތަނަށް ވަނީ ކޮރޯނާ ވައިރަސްޖެހިފައެވެ. އަދި މީގެތެރެއިން 2 މީހުން މަރުވެފައިވާކަމަށް އެވުޒާރާއިން ބުނެއެވެ.

އެ ވުޒާރާއިން ވެރިރަށް ބެއިޖިންގ ގައި ބޭއްވި ބައްދަލުވުމެއްގައި އެވުޒާރާގެ ތަރުޖަމާނު ގެންގ ޝުއާންގ ވިދާޅުވީ، ޗައިނާގައި ދިރިއުޅޭ ބޭރު ޤައުމުތަކުގެ ރައްޔިތުންނަށް ޞިއްޙީ ގޮތުން ދޭންޖެހޭ ސަމާލަތާއި ރައްކާތެރިކަން ޗައިނާ ސަރުކާރުން ކަށަވަރުކޮށްދޭނެކަމަށެވެ.

އޭނާ ވިދާޅުވީ ކޮރޯނާވައިރަސް ޖެހިގެން ވޫހާން ސިޓިގައި މަރުވީ އެމެރިކާ އަންހެނަކާއި ޖަޕާނުގެ ފިރިހެނެއް ކަމަށެވެ. އަދި ފަރުވާއަށް ފަހު އެކަކު ގެއަށް ދޫކޮށްލާފައިވާއިރު، އިތުރު 22 މީހުންނަށް އަދިވެސް ފަރުވާދެމުންދާކަމަށް އޭނާ ވިދާޅުވިއެވެ. ފަރުވާދެމުންދާ މީހުންގެ ތެރޭގައި އޮސްޓްރޭލިޔާއާއި ޕާކިސްތާނުގެ ރައްޔިތުން ހިމެނެއެވެ.

10 ފެބުރުއަރީ 2020 | 20:00

ކޮރޯނާވައިރަސްގެ ބަލިމަޑުކަމާއި ގުޅިގެން ޓޫރިޒަމް ސިނާޢަތައް ދަނީ ގެއްލުންވަމުން: ކެރަލާ ޓޫރިޒަމް މިނިސްޓަރ

ނޮވެލް ކޮރޯނާވައިރަސް އާއި ގުޅިގެން އިންޑިއާގެ ކެރަލާ ސްޓޭޓުގެ ޓޫރުޒަމް ސިނާއަތައް އޭގެ ނޭދެވޭ އަސަރު ކުރަމުންދާކަމަށް އެސްޓޭޓުގެ ޓޫރިޒަމް މިނިސްޓަރ ކަޑަކަމްޕައްލީ ސުރެންދްރަން ވިދާޅުވެއްޖެއެވެ.

ކެރަލާ ސްޓޭޓުގެ ޓޫރިޒްމް އެޑްވައިޒަރީ ކައުންސިލް ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ސުރެންދްރަން ވިދާޅުވީ، އެ ސްޓޭޓުން ވައިރަސް ފެނުމާއެކު، އެ ސްޓޭޓަށް ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު ނިޞްބަތުން މަދުވެގެން ހިނގައްޖެކަމަށެވެ. މީގެ ސަބަބުން ޓޫރިޒަމް ސިނާޢަތައް ގެއްލުން ވަމުންދާކަމަށެވެ.

ބައްދަލުވުމަށްފަހު ނޫސްވެރިންނާއި މުޚާޠަބު ކުރައްވާ ސުރެންދްރަން ވިދާޅުވީ، ފަތުރުވެރިކަމަށް ކުރަމުންދާ އަސަރު ކުޑަކުރުމުގެ ގޮތުން މަރކެޓިންގް ސްޓެރެޓެޖީއެއް އެކުލަވާލާނެކަމަަށެވެ. އަދި އުންމީދަކީ މިކަމުން އަރައިގަތުންކަމަށެވެ.

10 ފެބުރުއަރީ 2020 | 19:51

އިންޑިއާގެ ހައިދަރްއާބާދުން ކޮރޯނާވައިރަސްއަށް ޝައްކުކުރެވޭ 2 މީހަކު ފެނިއްޖެ

އިންޑިއާގެ ހައިދަރުއާބާދުގައި ނޮވެލް ކޮރޯނާވައިރަސް އަށް ޝައްކުކުރެވިގެން ދެމީހަކު ރިޕޯޓުކޮށްފިއެވެ. މި 2 މީހުން ރިޕޯޓުކުރެވުނީ އެސިޓީގެ ސަރުކާރު ހޮސްޕިޓަލެއް ކަމަށްވާ ގާނދީ ހޮސްޕިޓަލުންނެވެ. މިހާރުމި 2 މީހުންގެ ލޭގެ ސާމްޕަލް ނަގާ ޓެސްޓުކުރުމުގެ މަރުޙަލާ ވަނީ ފަށާފައެވެ. މިދިޔަ ހޮނިހިރުުދުވަހުވެސް ހައިދަރު އާބާދުން 9 މީހަކު ކޮރޯނާވައިރަސްއަށް ޓެސްޓު ކުރިއެވެ. އެހެންނަމަވެސް އެ އެންމެން ނެގެޓިވްވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. ހައިދަރު އާބާދުގައި މިހާތަނަށް 70 މީހަކު ކޮރޯނާވައިރަސްއަށް ޝައްކު ކުރެވިގެން ޓެސްޓު ހަދާފައިވާއިރު އެންމެންވެސް މިބައްޔަށް ނެގެޓިވްވެފައިވާކަމަށް އޮފިޝަލުން ބުނެއެވެ.

ކޮރޯނާވައިރަސްގެ އަލާމަތްތައް ފެނުނު އިތުރު 72 މީހުން ގޭގައި 14 ދުވަސްވަންދެން ކަރަންޓީންކޮށްގެން ޞިއްޙީ އެހީތެރިންގެ ބެލުމުގެ ދަށުން މޮނިޓަރ ކުރާނެކަމަށް ޞަަރަޙައްދީ ސަރުކާރުން ވަނީ ބުނެފައެވެ.

10 ފެބުރުއަރީ 2020 | 19:41

ވުހާން ސިޓީގެ 500 ހާސް މީހުންނަށް ކޮރޯނާވައިރަސްގެ އަސަރުކުރާނެކަމަށް ޗައިނާގެ ޕްރޮފެސަރަކު އަންދާޒާކޮށްފި

ނޮވެލް ކޮރޯނާވައިރަސް އެންމެ ފުރަތަމަ ފެނުނު، އަދި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ޗައިނާގެ ވުހާން ސިޓީގެ 500 ހާސް ރައްޔިތަކަށް ކޮރޯނާ ވައިރަސްގެ އަސަރު ކުރިޔަށް އޮތް ހަފުތާތަކުގައި ކުރާނެކަމަށް އެޤައުމުގެ ޕްރޮފެސަރަކު ވިދާޅުވެއްޖެއެވެ.

އިންފެކްޝަސް ޑިޒީސް އެޕިޑިއޮލޮޖީން ތަޢުލީމު ޙާޞިލުކުރައްވައިގެން ހުންނެވި ޗައިނާގެ އެސޯސިއޭޓް ޕްރޮފެސަރެއް ކަމުގައި ވާ ޑރ. އެޑަމް ކުޝާސްކީ ވިދާޅުވީ، ކޮރޯނާވައިރަސް މިހާރު ފެތުރެމުންމިދާ "ޓްރެންޑް" އަށް ބަލާނަމަ، ކުރިޔަށް އޮތް ހަފުތާތަކުގައި ފެތުރޭ މިންވަރު ނާޒުކު ޙާލަތަކައް ވެއްޓި، ވައިރަސް ޖެހެމުންދާ މީހުންގެ ނިޞްބަތް 500 ހާހަށް އަރާނެކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ޕްރޮފެސަރ އަންދާޒާ ކުރައްވާ ގޮތައް ބަލާނާމަ ކޮރޯނާވައިރަސްގެ ބަލިމަޑުކަން ޕީކަށް ދާއިރު، ވޫހާން ސިޓީގެ ކޮންމެ 20 މީހަކުން އެކަކަށް ކޮރޯނާވައިރަސްގެ އަސަރު ކުރާނެއެވެ.

ވޫހާން ސީޓީގެ އާބާދީއަކީ 11 މިލިއަނެވެ.

10 ފެބުރުއަރީ 2020 | 19:12

ޖަޕާނުގައި ހުުންނަ ނިސާން ކުންފުނީގެ ކާރުޚާނާތައް ބަންދުކުރަނީ

ކިޔޫޝޫގައި ޤާއިމުކޮށްފައިވާ ނިސާންގެ ކާރުޚާނާއެއް
ކިޔޫޝޫގައި ޤާއިމުކޮށްފައިވާ ނިސާންގެ ކާރުޚާނާއެއް

އެއްގަމު އުޅަނދު އުފެއްދުމުގައި މަޝްހޫރު ނިސާން ކުންފުނިން ޖަޕާނުގެ ދެ ކާރުޚާނާއެއް ވަގުތީ ގޮތުން ބަންދުކުރަން ނިންމައިފިއެވެ. އެކުންފުނިން ބުނާ ގޮތުގައި ބަންދުކުރަން ނިންމީ ކޮރޯނާވައިރަސް ފެތުރެމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެގޮތުން ކަމަށެވެ. ބަންދުކުރަން ނިންމާފައިވަނީ ކިޔޫޝޫ ޕްލާންޓުގައި ހިންގަމުންދާ ދެ ކާރުޚާނާއެއް ކަމަށާއި މި ހިނގާ ފެބްރުއަރީމަހުގެ 14 ވަނަ ދުވަހު ބަންދުކުރާނެކަމަށް އެކުންފުނިން ބުނެއެވެ. އެހެންނަމަވެސް އަލުން ހުޅުވާނެ ދުވަހެއް ހާމައެއް ނުކުރެއެވެ.

ނިސާން ކުންފުންޏަކީ ކޮރޯނާވައިރަސްގެ ބަލިމަޑުކަމާއި ގުޅިގެން، ޖަޕާނުގައި އެއްގަމު އުޅަނދު އުފައްދާ ކާރުޚާނާތަކުގެ ތެރެއިން އެންމެ ފުރަތަމަ ބަންދު ކުރި ކުންފުންޏެވެ.

21 / 81