Raajje.mv

ކޮވިޑް-19: އެންމެ ފަހުގެ

ނޮވެލް ކޮރޯނާވައިރަސް ގުޅޭ އެންމެ ފަހުގެ މައުލޫމާތު:

28 ޖެނުއަރީ 2020
61179852
ކޮރޯނާވައިރަސް

ކޮރޯނާވައިރަސް

20 ފެބުރުއަރީ 2020 | 09:15

އިންޑިއާގައި ކޮރޯނާވައިރަސް ޖެހުނު 3 ވަނަ މީހާވެސް ފަރުވާއަށް ފަހު ގެއަށް ދޫކޮށްލައިފި

އިންޑިއާގެ ކެރަލާ ސްޓޭޓުގައި ނޮވެލް ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވި 3 މީހުންގެ ތެރެއިން އެންމެ ފަހު މީހާވެސް ފަރުވާއަށް ފަހު ގެއަށް ދޫކޮށްލައިފިއެވެ.

ކެރަލާ ސްޓޭޓުގެ ހެލްތު މިނިސްޓަރ ޝައިލާޖާއާ ޙަވާލާދީ އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކުރާގޮތުގައި، ކަަރަންޓީންކޮށްގެން ފަރުވާ ދިނުމަށް ފަހު އެމީހާ ދޫކޮށްލީ ކޮރޯނާވައިރަސްގެ އެއްވެސް އަސަރެއް އޭނާގެ ހަށިގަނޑުގައި ނެތްކަން ޔަޤީންކޮށްފައެވެ.

20 ފެބުރުއަރީ 2020 | 09:10

ޑައިމަންޑް ޕްރިންސެސްގައި ތިބި އިންޑޮނޭޝިޔާ މީހުން އެއިން ބާލަނީ

ޖަޕާނުގެ ޔޮކޮހާމާ ސިޓީގައި ބަނދަރުކޮށްފައި އޮތް ކްރޫސްލައިނަރ "ޑްރީމް ޕްރިންސެސް" ގައި ތިބި އިންޑޮނޭޝިޔާ މީހުން އެއިން ބާލާނެކަމުގެ ޔަޤީންކަން އެޤައުމުގެ ސަރުކާރުން ދީފިއެވެ.

މިކަން ހާމަކޮށް އެޤައުމުގެ އިސް މަސްއޫލުވެރިއަކުން ބުނެފައިވަނީ، ކްރޫސް ލައިނަރ ގައި ތިބީ އެޤައުމުގެ 74 ރައްޔިތުން ކަމަށާއި، އެ އެންމެންވެސް ސަރުކާރުގެ ޚަރަދުގައި ޤައުމަށް އަނބުރާ ގެންނާނެކަމުގެ ޔަޤީންކަން ދޭކަމަށެވެ.

20 ފެބުރުއަރީ 2020 | 07:22

ސައުތު ކޮރެއަން ސިޓީގެ ރައްޔިތުން ބޭރަށް ނުނިކުތުމަށް އެސިޓީގެ މޭޔަރ ގޮވާލައްވައިފި

ސައުތު ކޮރެއަން ސިޓީގެ ރައްޔިތުން ބޭރަށް ނުނިކުތުމަށް އެސިޓީގެ މޭޔަރ ގޮވާލައްވައިފި އެވެ.

އެސިޓީގެ މޭޔަރ އެކަމަށް ގޮވާލައްވާފައި މިވަނީ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. ސައުތުކޮރެއާ އިން އިއްޔެ އެކަނިވެސް ވަނީ 32 މީހަކަށް މިވައިރަސް ޖެހިފަ އެވެ. އަދި ވައިރަސްޖެހިފައިވާ މީހުންގެ އަދަދު ވަނީ 82 ށް އަރާފަ އެވެ. އެއާއެކު އެގައުމުން ވަނީ ވައިރަސް ކޮންޓްރޯލްކުރުމަށް އެކި ފިޔަވަޅުތައް އަޅަން ފަށާފަ އެވެ.

20 ފެބުރުއަރީ 2020 | 03:32

ޑައިމަންޑް ޕްރިންސަސްގައި ތިބި ކޮރޯނާވައިރަސް ޖެހިފައިވާ ދެ މީހުން މަރުވެއްޖެ

ޑައިމަންޑް ޕްރިންސަސްގައި ތިބި ކޮރޯނާވައިރަސް ޖެހިފައިވާ ދެ މީހުން މަރުވެއްޖެ ކަމަށް ޖަޕާނުން ބުނެފި އެވެ.

އެމީހުންގެ އުމުރު އުޅެނީ 80 ގެ އަހަރުތަކުގައި ކަަމަށް އެގައުމުން ބުނެއެވެ. އަދި މިހާތަނަށް މި ދެ މީހުންނާ ބެހޭ އިތުރު މައުލޫމާތެއް ހާމައެއް ނުކުރެއެވެ. ދެ ހަފްތާވަންދެން ޑައިމަންޑް ޕްރިންސަސް ކަރަންޓީނުކުރުމަށްފަހު މިއަދު އެ ކްރޫޒްލައިންގައި ތިބި މީހުން ދޫކޮށްލާނެއެވެ. އެކްރޫޒްލައިނުން 624 މީހަކަށް މިވައިރަސް ޖެހިފައިވާކަމަށް ވަނީ ރިޕޯޓްކޮށްފަ އެވެ.

20 ފެބުރުއަރީ 2020 | 02:38

ކޮރޯނާވައިރަސް ޖެހުނު އިރާނުގެ ދެ މީހުން މަރުވެއްޖެ

ކޮރޯނާވައިރަސް ޖެހުނު އިރާނުގެ ދެ މީހުންނަށް ފަރުވާދެމުންދަނިކޮށް މަރުވެއްޖެކަމަށް އެގައުމުން ބުނެފިއެވެ.

އުމުރުން ދުވަސްވީ މި ދެމީހުން މަރުވެފައިވަނީ ކޮރޯނާވައިރަސްގެ ސަބަބުން ފުއްޕާމޭގެ އިންފެކްޝަން އަށް ފަރުވާދެމުންދަނިކޮށް ކަމަށް އެގައުމުން ބުނެއެވެ. މިއީ މެދުއިރުމަތިން މިވައިރަސްޖެހިގެން މީހުން މަރުވެގެން ރިޕޯޓްކުރި ފުރަތަމަ ފަހަރެވެ.

20 ފެބުރުއަރީ 2020 | 02:34

މިސްރުން ކޮރޯނާވައިރަސް ޖެހުނު މީހާގެ ހާލު އަންނަނީ ރަނގަޅުވަމުން

މިސްރުން ކޮރޯނާވައިރަސް ޖެހުނު މީހާގެ ހާލު ރަނގަޅުވަމުން އަންނަކަމަށް ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާއިން ބުނެފިއެވެ. ޑަބްލިޔުއެޗްއޯއިން ބުނާގޮތުގައި އެންމެ ފަހުން ހެދި ޓެސްޓް ތަކުން ދައްކާގޮތުގައި އޭނާގެ ގައިގައި މިހާރު އެވައިރަސްގެ އަސަރެއްނެތެވެ. އެހެންނަމަވެސް އޭނާ 14 ދުވަސްވަންދެން ކަރަންޓީނުކޮށްފައި ބަހައްޓާނެކަމަށް ޑަބްލިޔުއެޗްއޯއިން ބުނެއެވެ.

20 ފެބުރުއަރީ 2020 | 02:32

ސައުތުކޮރެއާއިން ކޮރޯނާވައިރަސް އަލަށް 31 މީހުންނަށް ޖެހިއްޖެ

ސައުތުކޮރެއާއިން ކޮރޯނާވައިރަސް އަލަށް 31 މީހުންނަށް ޖެހިފައިވާކަމަށް އެގައުމުން ބުނެފި އެވެ. އެއާއެކު އެގައުމުން ކޮރޯނާވައިރަސް ޖެހުނު މީހުންގެ އަދަދު މިވަނީ 82 މީހުންނަށް އަރާފަ އެވެ.

20 ފެބުރުއަރީ 2020 | 02:16

ކޮރޯނާވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 2112 ށް

ކޮރޯނާވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 2112 ށް އަރައިފި އެވެ.

ޗައިނާގެ ނޭޝަނަލް ހެލްތުން ބުނާގޮތުގައި ބުދަ ދުވަހު ވަނީ މިބަލީގައި 108 މީހުން މަރުވެފަ އެވެ. މީގެއިތުރުން ބުދަ ދުވަހު އަލަށް މިވައިރަސް ޖެހިފައިވަނީ 349 މީހުންނަށް ކަމަށް އެގައުމުން ބުނެއެވެ. އެއާއެކު ޖުމްލަ މިވައިރަސް ޖެހިފައިވާ މީހުންގެ އަދަދު މިވަނީ 74,534 ށް އަރާފަ އެވެ.

18 ފެބުރުއަރީ 2020 | 17:39

ކޮރޯނާވައިރަސްގައި 1873 މީހުން މަރުވެއްޖެ

މިހާތަނަށް ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ އަދަދު 78000 އަށް އަރައިފިއެވެ.

ސީއެންއެމްގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މިހާތަނަށް ކޮރޯނާވައިރަސްގައި 1873 މީހުން ވަނީ މަރުވެފައެވެ. މީގެ ތެރެއިން 05 މީހުންނަކީ ޗައިނާއިން ބޭރުން މަރުވި މީހުންނެވެ.

18 ފެބުރުއަރީ 2020 | 09:12

ކޮރޯނާވައިރަސްގައި ޗައިނާއިން މަރުވި މީހުންގެ ޢަދަދު 1,868ށް އަރައިފި

ނޮވެލް ކޮރޯނާވައިރަސްއާއި ބެހޭ ގޮތުން ޗައިނާގެ ނެޝަނަލް ހެލްތު ކޮމިޝަނުން އެންމެ ފަހުން ޢާންމުކުރި މަޢުލޫމާތުތަކައް ބަލާއިރު، އިއްޔެ އެކަނިވެސް ޗައިނާއިން 93 މީހުން ކޮރޯނާ ވައިރަސްގައި މަރުވިއެވެ. މީގެތެރެއިން 5 މީހުން ފިޔަވައި ހުރިހައި އެންމެންނަކީ ހުބެއި ޕްރޮވިންސްގެ މީހުންކަމަށް އެކޮމިޝަނުން ބުނެއެވެ.

އިއްޔެ އެކަނިވެސް 1،886 މީހުން ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވެފައިވާއިރު، މިހާރު ޗައިނާގައި ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ ޖުމު ޢަދަދަކީ 72436 ކަމަށް އެކޮމިޝަނުން ބުނެއެވެ.

18 ފެބުރުއަރީ 2020 | 09:07

އިންޑިއާގައި ކަރަންޓީން ކުރި ދިވެހިން ރާއްޖެ ގެނެސްފި

އިންޑިއާއިން އައި ދިވެހިންނަށް ފޮރިން މިނިސްޓްރީން މަރުޙަބާ ކިޔަނީ
އިންޑިއާއިން އައި ދިވެހިންނަށް ފޮރިން މިނިސްޓްރީން މަރުޙަބާ ކިޔަނީ

ޗައިނާއިން ފެތުރެން ފެށި ނުރައްކާތެރި ކޮނޯރާ ވައިރަސް (ކޮވިޑް-19) އާއި ގުޅިގެން އެ ޤައުމުގައި ތިބި ދިވެހިންގެ ތެރެއިން އިންޑިއާއަށް ގެނައި ހަތް ދިވެހިން އަންގާރަ ދުވަހު އެނބުރި ރާއްޖެ އައިސްފިއެވެ.

އެ 7 ދިވެހިންވެސް ކޮވިޑް-19 އަށް ނެގެޓިވް ވެފައިވާއިރު، އެމީހުން ދިއްލީގެ ކަރަންޓީން ފެސިލިޓީން ދޫކޮށްލާފައިވަނީ ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އެގޮތުން އެ 7 ދިވެހިން ގޮވައިގެން ރާއްޖެ އައި އެއަރ އިންޑިއާ-263 ފްލައިޓު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ޖައްސާފައިވަނީ އަންގާރަ ދުވަހުގެ ހެނދުނު 10:20 ގައެވެ.

އެފަރާތްތަކަށް މަރުޙަބާ ކިއުމަށް މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ ޑެޕިއުޓީ މިނިސްޓަރ ޢަބްދުﷲ ހުމައިދުއާއި، ޖޮއިންޓް ސެކްރެޓަރީސް ވަޑައިގެންފައިވާއިރު، އިންޑިއާ ހައި ކޮމިޝަނުގެ އޮފިޝަލުންވެސް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ވީއައިޕީ ލޯންޖުގައި އެ ފަރާތްތަކާއި ބައްދަލުކުރައްވާފައިވެއެވެ.

ވުހާން ގައި ތިބި ހަތް ދިވެހިން އިންޑިއާއަށް ގެންދިޔައީވެސް އެއަރ އިންޑިއާގެ ޚާއްޞަ ފްލައިޓެއްގައި މިމަހުގެ ދެވަނަ ދުވަހުއެވެ. މިއީ ޗައިނާގެ ވުހާންގައި ތިބި އިންޑިއާގެ ރައްޔިތުން އެ ޤައުމަށް ގެނައުމަށް އިންޑިއާ ސަރުކާރުން ފޮނުވި ފްލައިޓެކެވެ.

އެގޮތުން ނިއު ދިއްލީގެ އިންޑޯ ޓިބެޓަން ބޯޑަރ ޕޮލިސް ޗައުލާ ކޭމްޕަށް އެމީހުން ގެންގޮސް ކޭމްޕުގައި ބައިނަލްއަޤުވާމީ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަރަންޓީންގެ ކަންތައްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި އެ 7 ދިވެހިންގެ ޙާލުވެސް މިހާރު ރަނގަޅު ކަމަށް މަޢުލޫމާތު ލިބެއެވެ. ދިވެހި ސަަރުކާރުންވެސް ދަނީ ޗައިނާގައި ދިރިއުޅޭ ދިވެހިންނަަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އޭގެ އިތުރުން، ވުހާންގައި ތިބި ދިވެހިން ގެނައުމުގައި ޗައިނާ ސަރުކާރާއި އިންޑިއާ ސަރުކާރުން ވެދެއްވާފައިވާ އެހީތެރިކަމަށް ދިވެހި ސަރުކާރުން ވަނީ ޝުކުރު އަދާ ކޮށްފައެވެ.

17 ފެބުރުއަރީ 2020 | 18:51

ވުހާންއިން ދިއްލީއަށް ގެންދިޔަ ދިވެހިން މާދަމާ އަނބުރާ ރާއްޖެ އަންނަނީ

ޗައިނާއިން ފެތުރެން ފެށި ނުރައްކާތެރި ކޮނޯރާ ވައިރަސް (ކޮވިޑް-19) އާއި ގުޅިގެން އެ ގައުމުގައި ތިބި ދިވެހިންގެ ތެރެއިން އިންޑިއާއަށް ގެނައި ހަތް ދިވެހިން ކަރަންޓީނު މުއްދަތު ފުރިހަމަ ކުރުމަށްފަހު އެނބުރި ރާއްޖެއަށް އައުމަށް ހަމަޖެހިއްޖެއެވެ.

އެ 7 ދިވެހިންވެސް ކޮވިޑް-19 އަށް ނެގެޓިވް ވެފައިވާއިރު، އެމީހުން ދިއްލީގެ ކަރަންޓީން ފެސިލިޓީން ދޫކޮށްލާފައިވަނީ ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.

އެކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އިން ބުނީ، ދިއްލީގައި ތިބި 7 ދިވެހިން އަންގާރަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ރާއްޖެ އަންނާނެ ކަމަށެވެ.

ވުހާން ގައި ތިބި ހަތް ދިވެހިން އިންޑިއާއަށް ގެންދިޔައީ އެއާ އިންޑިއާގެގެ ހާއްސަ ފްލައިޓެއްގައި މިމަހުގެ ދެވަނަ ދުވަހުއެވެ. މިއީ ޗައިނާގެ ވުހާންގައި ތިބި އިންޑިއާގެ ރައްޔިތުން އެ ގައުމަށް ގެނައުމަށް އިންޑިއާ ސަރުކާރުން ފޮނުވި ފްލައިޓެކެވެ.

17 ފެބުރުއަރީ 2020 | 16:59

ވައިރަސްއާއި ގުޅިގެން އޭޝިއަން ވެއިޓްލިފްޓިންގ މުބާރަތް އެހެން ޤައުމަކަށް ބަދަލުކުރަން ޖެހިއްޖެ

ކަޒަކިސްތާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ "އޭޝިއަން ވެއިޓްލިފްޓިންގ ޗެމްޕިއަންޝިޕް" މިހާރު އެ ޤައުމުގައި ބޭއްވެން ނެތް ކަމަށް ރިޕޯޓްތައް ބުނޭ،

ސަބަބަކީ ކޮވިޑް-19 އާއި ގުޅިގެން ޗައިނާއާއި، ޗައިނާއާ އަވައްޓެރި ޤައުމުތަކުން ކަޒަކިސްތާނަށް އެތެރެވުން މަނާކޮށް އެ ޤައުމުން ޓްރެވަލް ރެސްޓްރިކްޝަންތަކެއް ނެރިފައިވުން، އަދި އެކަމާ ގުޅިގެން މުބާރަތް އިންތިޒާމް ކުރާ ފަރާތްތަކަށް ވަނީ އެހެން ގޮތެއް ހޯދަން ޖެހިފައި،

އެގޮތުން މިހާރު ނިންމާފައިވަނީ މި މުބާރަތް އުޒްބެކިސްތާނުގައި ބޭއްވުމަށް، އަންނަ އޭޕްރީލް މަހުގެ 16 އިން 25 އަށް އުޒްބެކިސްތާނުގެ ވެރި ރަށުގައި މުބާރަތް ކުރިއަށްދާނެ.

17 ފެބުރުއަރީ 2020 | 16:28

ޖަޕާނުގައި ބަނދަރުކޮށްފައިވާ ކްރޫޒް ޝިޕް ގައި ތިބި އެމެރިކާ ރައްޔިތުން ގެންގޮސްފި

ނުރައްކާތެރި ނޮވެލް ކޮރޯނާވައިރަސް (ކޮވިޑް-19) އާއި ގުޅިގެން 3 ފެބްރުއަރީން ފަށައިގެން ކަރަންޓީން ކޮށްފައި އޮތް މި ކްރޫޒް ޝިޕްގައި 400 އެއްހާ އެމެރިކާ ރައްޔިތުން ތިބިކަމަށް ބައިނަލްއަޤުވާމީ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އެގޮތުން ކްރޫޒް ޝިޕް އިން އަނބުރާ ގެންދިޔަ މީހުން ޔޫއެސް އެއާފޯސް ބޭސްއަކަށް ގެންގޮސްފައިވާ ކަމަށާއި، އެތަނުގައި 14 ދުވަސް ވަންދެން އެމީހުން ކަރަންޓީން ކުރާނެ ކަމަށް ބީބީސީގައި ރިޕޯޓްކޮށްފައިވެއެވެ. އަދި އަނބުރާ ޤައުމަށް ދިޔަ މީހުންގެ ތެރޭގައިވެސް ވައިރަސްއަށް ޕޮޒިޓިވްވެފައިވާ 14 މީހުން ތިބިއިރު، އެމީހުންނަށް އެހެން ފަސިންޖަރުންނާ ވަކިކޮށްގެން ވަނީ ގެންގޮސްފައެވެ.

އޭގެ އިތުރުން، ކްރޫޒް ޝިޕް ތެރޭގައި މި ވައިރަސް ހުރިކަން ކަށަވަރުވެފައިވާ 40 އެމެރިކާ ރައްޔިތުން މިހާރު އެބަތިބި ކަމަށާއި، އެމީހުންނަށް ޖަޕާނުގައި ފަރުވާދޭނެކަމަށް ރިޕޯޓްތައް ބުނެއެވެ.

ޖަޕާނުގެ އޮފިޝަލުންނާ ހަވާލާދީ ބީބީސީގައި އިތުރަށް ބުނީ، ހޯމަ ދުވަހުވެސް އެ ބޯޓުން ކޮވިޑް-19 ގެ 99 ކޭސް ފެންމަތިވެފައިވާ ކަމަށާއި، އެއާއެކު ޑައިމަންޑް ޕްރިންސަސް އިން ޖުމުލަ 454 ކޭސް މިހާތަނަށް ކަށަވަރު ކުރެވިފައިވާ ކަމަށެވެ. އަދި މިއީ މި ވައިރަސް ފުރަތަމަ ފެނުނު ޤައުމު ކަމަށްވާ ޗައިނާއިން ބޭރުން މިހައި ގިނަ އަދަދަކަށް ކޮވިޑް-19 އަށް މީހުން ޕޮޒިޓިވްވި ތަން ކަމަަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

17 ފެބުރުއަރީ 2020 | 04:54

ކޮރޯނާވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 1800 އަށް، ބަލި ޖެހުނު މީހުންގެ އަދަދު 70،000 ގައި

ކޮވެލްކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވި މީހަކަށް ހޮސްޕިޓަލްގައި ފަރުވާދެނީ
ކޮވެލްކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވި މީހަކަށް ހޮސްޕިޓަލްގައި ފަރުވާދެނީ

ޗައިނާގެ ނެޝަނަލް ހެލްތް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި މި ބަލީގައި މިހާތަނަށް 70،548 މީހަކު ވަނީ މިހާތަނަށް ބައްޔަށް ޕޮޒިޓިވްވެފައެވެ. ހަލުވިކަމާއެކު ފެތުރެމުން އަންނަ ނޮވެލްކޮރޯނާ ވައިރަސް ޗައިނާއިން އެކަނި 2048 މީހަކު އަލަށް ބައްޔަށް ޕޮޒިޓީވްވެފައިވެއެވެ.

ޗައިނާގެ ނެޝަނަލް ހެލްތް ކޮމިޝަނުން ހޯމަ ދުވަހު ހާމަކޮށްފައިވާ ގޮތުގައި އަދީއްތަ ދުވަހުގެ ނިޔަލަށް 1770 މީހުން ނޮވެލް ކޮރޯނާޖެހިގެން މަރުވި އިރު، އޭގެ ކުރީ ދުވަހުގެ އެކަނި ވެސް 105 މީހަކު ވަނީ މަރުވެފައެވެ. އަދި ބަލިފެތުރިގެން އައި މައިމަރުކަޒު ކަމުގައިވާ ހުބޭ ޕްރޮވިންސުން 100 މީހަކު މަރުވެ، މަރުވި މީހުންގެ އަދަދު 1800 އަށް އަރާފައިވާ ކަމަށެވެ.

ޗައިނާއިން އެކަނި 2048 މީހަކު އެއް ދުވަސްތެރޭގައި ބައްޔަށް ޕޮޒިޓިވްވިކަމަށް ހެލްތް ކޮމިޝަނުން ހާމަކޮށްފައިވާ އިރު، މީގެ ތެރެއިން 1933 މީހުންނަކީ ހުބޭ ޕްރޮވިންސުން އެކަނި 1933 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވެއެވެ.

ބައްޔަށް ހުށަހެޅޭ މީހުންގެ އަދަދު އިތުރުވަމުންދާތީ ހުބޭ ޕްރޮވިންސުން ވަނީ އާ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން އެ ޕްރޮވިންސްގެ ސިޓީތަކުގައި ޕްރައިވެޓް ވެހިކަލްތައް ދުއްވުން މަނާކުރުމަށް ވަނީ ނިންމާފައެވެ.

16 ފެބުރުއަރީ 2020 | 17:58

އިންޑިއާގެ ކެރަލާ ސްޓޭޓުގައި ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ ތެރެއިން 2 ވަނަ މީހާ ފަރުވާއަށްފަހު ދޫކޮށްލައިފި

އިންޑިއާގެ ކެރަލާ ސްޓޭޓުގައި ނޮވެލް ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެގެން ފަރުވާ ދެމުން ދިޔަ 2 ވަނަ މީހާ ފަރުވާއަށް ފަހު ގެއަށް ދޫކޮށްލައިފިއެވެ. ކެރެލާ ސްޓޭޓުން 3 މީހުން ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވްވިއެވެ. މީގެކުރިން އެކަކު ދޫކޮށްލާފައިވާއިރު، އަދިވެސް 3 ވަނަ މީހާއަށް ފަރުވާ ދިނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

16 ފެބުރުއަރީ 2020 | 17:03

ވުހާންއިން ދިއްލީއަށް ގެންދިޔަ ދިވެހިން ބުނަނީ އެމީހުންގެ ހާލު ރަނގަޅުކަމަށް

ޗައިނާއިން ފެތުރެން ފެށި ނުރައްކާތެރި ކޮނޯރާ ވައިރަހާއި ގުޅިގެން އެ ގައުމުގައި ތިބި ދިވެހިންގެ ތެރެއިން އިންޑިއާއަށް ގެނައި ހަތް ދިވެހިން ކަރަންޓީނުކޮށްފައި ތިބި އިރު އެމީހުން މިވަނީ ފުރަތަމަ ފަހަރަށް މީޑިޔާއާ ވާހަކަ ދައްކާފަ އެވެ.

16 ފެބުރުއަރީ 2020 | 16:21

ޖަޕާނުން އިތުރު ހަ މީހަކަށް ކޮރޯނާވައިރަސް ޖެހިއްޖެ

ޖަޕާނުން އިތުރު ހަ މީހަކަށް ކޮރޯނާވައިރަސް ޖެހިފައިވާކަމަށް އެގައުމުން ބުނެފި އެވެ.

އެއާއެކު މިހާތަނަށް އެގައުމުން ކޮރޯނާވައިރަސް ޖެހިފައިވާ މީހުންގެ އަދަދު މިވަނީ 412 ށް އަރާފަ އެވެ. މީގެތެރެއިން 356 މީހުންނަކީ އެގައުމުގައި މިހާރު ބަނދަރުކޮށްފައިވާ ޑައިމަންޑް ޕްރިންސެސް ކްރޫޒް ލައިންގައި ތިބި މީހުންނެވެ. އަދި އަނެއް 56 މީހުންނަކީ ޖަޕާނުގެ ތެރެއިން މިވައިރަސްޖެހިގެން ރިޕޯޓްކޮށްފައިވާ މީހުންނެވެ.

16 ފެބުރުއަރީ 2020 | 15:52

ޑައިމަންޑް ޕްރިންސެސްގައި ތިބި ހޮންގކޮންގ ރައްޔިތުން އެއިން ބާލަނީ

ހޮންގކޮންގގެ ސެކިއުރިޓީ ބިއުރޯއިން ޢާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، ޖަޕާނުގެ ޔޮކޮހާމާ ސީޓީގައި ބަނަދަރުކޮށްފައިވާ، ޖަަޕާނުގެ ކްރޫސްލައިނަރ ޑައިމަންޑް ޕްރިންސެސް ގައި ތިބި އެޤައުމުގެ 330 ރައްޔިތުން އަނބުރާ ޤައުމަށް ގެނައުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ.

އެގޮތުން މިހާރު ޖަޕާނު ސަރުކާރާއެކު މަޝްވަރާ ކުރަމުންދާކަމަށާއި، ޖަޕާނު ސަރުކާރުން އެމީހުން މިނިވަން ކުރިހާ އަވަހަކަށް ޗާޓަރު ފްލައިޓެއްގައި އެމީހުން އަނބުރާ ގެންނަން ފުރިހަމަޔަށް ތައްޔާރުވެފައިވާކަމަށް ހޮންގކޮންގގެ ސެކިއުރިޓީ ބިއުރޯއިން ބުނެއެވެ. އަދި ގެނައުމަށްފަހު 14 ދުވަސްވަންދެން އެމީހުން ކަރަންޓިން ފެސިލިޓީއެއްގައި އެކަހެރިކޮށް ފަރުވާދިނުމުގެ އިންތިޒާމުވެސް މިހާރު ހަމަޖައްސާފައިވާކަމަށް އެ ބިއުރޯއިން އިން ބުނެއެވެ.

ޑައިމަންޑް ޕްރިންސެސް ކަރަންޓީންކޮށްފައިވަނީ މިމަހުގެ 5 ވަނަ ދުވަހުއެވެ. އަދި ކަރަންޓީންގެ އަމުރު ޖަޕާނު ސަރުކާރުން އުވާލާނީ މި ހަފުތާގެ ބުދަ ދުވަހުކަމަށް ޖަޕާނު ސަރުކާރުން ވަނީ އިޢުލާންކޮށްފައެވެ. އެހެންނަމަވެސް، މީގެ ކުރިން އޭގައި ތިބި ފަސިންޖަރުން ބޭލޭތޯ އެމީހުން ނިޞްބަތްވާ ޤައުމުތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.

16 ފެބުރުއަރީ 2020 | 12:58

ޗައިނާގެ ހުބެއި ޕްރޮވިންސްގައި އެއްގަމު ދަތުރުފަތުރުކުރުން މަނާކޮށްފި

ހަލުވިކަމާއެކު ކޮރޯނާވައިރަސް ފެތުރެމުންދާ ޗައިނާގެ ހުބެއި ޕްރޮވިންސްގައި އެއްގަމު ދަތުރުފަތުރުގެ ޚިދުމަތް ދިނުން މަނާކޮށްފިއެވެ.

މިކަން ހާމަކޮށް ހުބެއި ޕްރޮވިންސްގެ މައި ސަރުކާރުން ޢާންމުކޮށްފައިވާ ސަރކިއުލަރގައި ވާގޮތުން، އެއްގަމު ހުބެއި ޕްރޮވިންސްގެ ހުރިހައި ޞަރަޙައްދެއްގައި ދަތުރުފަތުރުކުރުން މަނާކުރީ ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމުގެ ގޮތުން ކަމަށެވެ. އެ ސަރަކިއުލަރގައި ވާގޮތުން ފުލުހުންގެ އުޅަނދުތަކާއި، އެމްބިއުލާންސާއި، ޒަރޫރީ އާލާތްތައް އެއްތަނުން އަނެއް ތަނަށް އުފުލާ އުޅަނދުތައް މި ސަރކިއުލަރ އަށް ޢަމަލުކުރުމުގައި އިސްތިސްނާ ވާނެއެވެ.

ހުބެއި ޕްރޮވިންސްގައި އެއްގަމު ދަތުރުފަތުރު ކުރުން މަނާކުރި ނަމަވެސް، އަލުން ހުއްދަދޭނެ ދުވަހެއް އަދި ކަނޑައަޅާފައެއް ނުވެއެވެ.

16 ފެބުރުއަރީ 2020 | 12:53

ކަރަންޓީން މަރުކަޒުތައް ޤާއިމުކުރާ ތަންތަނާމެދު ހިތްހަމަ ނުޖެހިގެން ހޮންގކޮންގ މީހުން މުޒާހަރާ ކުރަނީ

ނޮވެލް ކޮރޮނާވައިރަސްއަށް ޕޮޒިޓިވްވާ މީހުން ކަރަންޓީން ކުރަން ހޮންގކޮންގގެ މައި ސަރުކާރުން ކުރިޔަށްގެންދާ ސިޔާސަތުތަކާމެދު ކަންބޮޑުވެ، ގިނަ ބަޔަކު މަގުމައްޗަށް ނިކުމެ އަޑު އުފުލައިފިއެވެ.

ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރާގޮތުގައި، ހޮންގކޮންގ ރައްޔިތުން ނުތަނަވަސްކަން ބޮޑުވެ، ކަންބޮޑުވުން ފާޅުކުރަމުންދަނީ، އެޤައުމުގެ "ފޯ ޓާން" ޞަރަޙައްދުގައި ޢާއްމު ރައްޔިތުންނަށް އަމާޒުކޮށް، ސަރުކާރުން ސަބްސިޑަައިޒްކޮށްގެން ތަރައްޤީކުރަމުންދާ ގެތައް، ވަގުތީ ގޮތުން ކަރަންޓީން މަރުކަޒުގެ ގޮތުގައި ސަރުކާރުން ކަނޑައެޅުމާއި ގުޅިގެންނެވެ. އަދި އެއްކޮށް ނުނިމި ހުރި މި ގެތައް ހޮންގކޮންގ ސަރުކާރުން މި ވަގުތައް ބޭނުންކުރަން ނިންމާފައިވަނީ ނޮވެލް ކޮރޯނާވައިރަސް ޖެހޭ މީހުން ކަރަންޓީންކުރާ މަރުކަޒެއްގެ ގޮތުގައެވެ.

ހޮންގކޮންގ ރައްޔިތުން މިކަމާއި އެއްވެސް ވަރަކަށް ހިތްހަމަ ނުޖެހެއެވެ. އިއްޔެއިން ފެށިގެން މިކަމާއި ދެކޮޅުހަދާ މުޒާހަރާ ކުރަމުންދާއިރު، އިއްޔެއަށް ވުރެ ގިނަ މީހުން މިއަދު އަޑު އުފުލަން ނިކުތްކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. ރަޔަޓް ފުލުހުން މަގުމައްޗަށް މިއަދު ނިކުތް ނަމަވެސް މުޒާހަރާގެ ބައިވެރިންނާއި، ފުލުހުންނާއި ދެމެދު އެއްވެސް ކުރިމަތިލުމެއް ހިނގާފައެއް ނުވެއެވެ.

16 ފެބުރުއަރީ 2020 | 12:43

ޓައިވާނުން ކޮރޯނާވައިރަސް ޖެހިގެން މީހަކު މަރުވެއްޖެ

ޓައިވާނުގެ ސެންޓްރަލް އެޕިޑެމިކް ކޮމާންޑް ސެންޓަަރާއި ޙަވަލާދީ ބައިނަލްއަޤުވާމީ މީޑިއާތަކުން ރިޕޯޓުކުރާގޮތުގައި މަރުވެފައިވަނީ ޓައިވާންގެ މެދުތެރޭ އަވަށެއްގައި ދިރިއުޅޭ އުމުރުން 60 އަހަރުގެ ފިރިހެނެކެވެ. މިއީ އެޤައުމުުގައި މި ވައިރަސްގައި މީހަކު މަރުވި ފުރަތަމަ ފަހަރެވެ.

މިމީހާއަކީ މިއިން ޒަމާނެއްގައި ޤައުމުން ބޭރަށް ދަތުރުކޮށްފައިވާ މީހަކަށް ނުވާތީ، އޭނާއަށް ކޮރޯނާވައިރަސް ޖެހުނު ގޮތަކާމެދު މިހާރުވަނީ ސުވާލު އުފެދިފައެވެ. ޓައިވާންގެ ހެލްތު އެންޑް ވެލްފެއަރ މިނިސްޓަރ، ޗެން ޝިހް-ޗަންގ އާއި ޙަވާލާދީ މީޑީއާތަކުން ބުނާ ގޮތުގައި މަރުވި މީހާއަށް ނޮވެލް ކޮރޯނާ ވައިރަސް ޖެހުނު ގޮތް ދެނެގަތުމުގެ މަސައްކަތް އެޤައުމުގެ ކަމާއި ބެހޭ ފަރާތްތަކުން މިހާރުދަނީ ކުރަމުންނެވެ.

16 ފެބުރުއަރީ 2020 | 09:41

ޑައިމަންޑް ޕްރިންސެސްގައި ތިބި ކެނެޑާ ރައްޔިތުން އެއިން ބާލަނީ

މިކަން ހާމަކަޮށް، ކެނެޑާ ސަރުކާރުން ޢާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ޑައިމަންޑް ޕްރިންސެސްގައި ތިބި ކެނެޑާގެ ރައްޔިތުން އެއިން ބާލާ ކެނެޑާއަށް ގެނައުމަށް ސަރުކާރުން ޗާޓަރު ފްލައިޓެއްގެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާކަމަށެވެ. އަދި ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯގެ އެންގެވުމުގެ މަތިން، އޭގައި ތިބި އެންމެން ބާލާ، ވައިރަސްއަށް ޕޮޒިޓިވްވެފައިވާ މީހުންނާއި، ޖަޕާނު ސަރުކާރުން ފްލައިޓަށް އެރުވުމަށް ހުއްދަ ނުދޭ މީހުން ޖަޕާނުގައި ކަރަންޓީން ކުރުމަށް ނިންމާފައިވާކަމަށެވެ.

އަދި ޗާޓަރު ފްލައިޓުގައި ކެނެޑާއަށް ގެންނަ މީހުން، 14 ދުވަސްވަންދެން ކަރަންޓީންކުރަންވެސް ކެނެޑާ ސަރުކާރުން ވަނީ ނިންމާފައެވެ.

ޑައިމަންޑް ޕްރިންސެސްގައި ތިބި ކެނެޑާ ރައްޔިތުންގެ އަދަދު އަދި ސާފެއް ނުވެއެވެ.

16 ފެބުރުއަރީ 2020 | 08:43

އިންޑިއާގެ ޕޫނާގައި 3 މީހަކު ކަރަންޓީން ކޮށްފި

ޕޫނާ މުނިސިޕަލް ކޯޕަރޭޝަނުން ބުނާގޮތުގައި، ކޮރޯނާވައިރަސްގެ އަލާމާތްތައް ފެނިގެން ޞިއްޙީ އެހީތެރިންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ޗައިނާގެ ވެރިރަށް ޝަންހާއީ އަށް ދަތުރުކުރި ދެމަފިރިއަކާއި އަދި ތައިލޭންޑަށް ދަތުރުކުރުމަށްފަހު އެބުރި ޕޫނާއަށް އައި ފިރިހެނެއްކަމަށެވެ.

މި ތިން މީހުންވެސް ޕޫނާގެ ނައިޑޫ ހޮސްޕިޓަލުގައި ކަރަންޓީންކޮށްގެން ފަރުވާދެމުންދާއިރު، މިމީހުންގެ ލޭގެ ސާމްޕަލްތައް ނަގާ ނޮވެލް ކޮރޯނާވައިރަސްއަށް ޓެސްޓްކުރަން ނެޝަނަލް އިންސްޓިޓިއުޓް އޮފް ވައިރޯލޮޖީއަށް ފޮނުވާފައިވާކަމަށެވެ. އަދި ޓެސްޓްުތަކުގެ ނަތީޖާ ނެގެޓިވް ވިނަމަވެސް، 28 ދުވަސްވަންދެން މި މީހުން ކަރަންޓީންކޮށްގެން އިތުރު ފަރުވާދިނުމަށްފަހު ނޫނީ ދޫކޮށްނުލާނެކަމަށް، ޕޫނާ މުނިސިޕަލް ކޯޕަރޭޝަނުން ބުނެއެވެ.

ޕޫނާ މުނިސިޕަލް ކޯޕަރޭޝަނުން ބުނާގޮތުގައި މީގެ ކުރިންވެސް 23 މީހަކު ކަރަންޓީންކޮށްފައިވެއެވެ. މީގެ ތެރެއިން 20 މީހަކު ފަރުވާއަށް ފަހު މިހާރު ގެއަށް ދޫކޮށްލާފައިވާކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.

16 ފެބުރުއަރީ 2020 | 07:03

ނޮވެލް ކޮރޯނާވައިރަސްއަށް ޓެސްޓްކުރަން އިންޑިއާ ސަރުކާރުން 8 މެޑިކަލް ކޮލެޖެއް ކަނޑައަޅައިފި

ދަ އިންޑިއަން ކައުންސިލް އޮފް މެޑިކަލް ރިސަރޗް އިން ބުނެފައިވަނީ ނޮވެލް ކޮރޯނާވައިރަސް ޗައިނާގައި ހަލުވިކަމާއެކު ފެތުރެމުންދާއިރު، އިންޑިއާގެ އެކި ސްޓޭޓުތަކުންވެސް މި ވައިރަސްއަށް ޝައްކުކުރެވޭ މީހުން ފެންނަ މިންވަރު އިތުރުވަމުންދާތީ، މި ވައިރަސްއަށް ޓެސްޓް ކުރަން މަހާރަޝްތްރާ ސްޓޭޓުގެ 8 މެޑިކަލް ކޮލެޖެއް ކަނޑައަޅާ އިޢުލާންކުރާކަމަށެވެ.

ވައިރަސް ރިސަރޗް އެންޑް ޑައިގްނޯސްޓިކް ސެންޓަރުތަކުގެ ގޮތުގައި ސަރުކާރުން ވަކިގޮތެއް ކަނޑައަޅަންދެން މި 8 ތަނުން މަސައްކަތްކުރަންޖެހެއެވެ. އިންޑިއާގެ ކޮންމެ ހިސާބަކުން ވައިރަސްއަށް މީހަކު ޝައްކުކުރެވުނަސް، އެމީހެއްގެ ލޭގެ ސާމްޕަލް ތަހުލީލު ކުރާނީ މި 8 ތަނުންކަމަށް، ދަ އިންޑިއަން ކައުންސިލް އޮފް މެޑިކަލް ރިސަރޗް އިން ބުނެއެވެ.

މަހާރަޝްތުރާ ސްޓޭޓުގައި ވައިރަސް ރިސަރޗް އެންޑް ޑައިގްނޯސްޓިކް ސެންޓަރުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ މަރުކަޒުތައް:

* ނާގްޕޫރުގެ 2 މެޑިކަލް ކޮލެޖް

* ސަންގްލީ މެޑިކަލް ކޮލެޖް

* އޯރަންގބާދު މެޑިކަލް ކޮލެޖް

* ދޫލޭ މެޑިކަލް ކޮލެޖް

* އަކޯލާ މެޑިކަލް ކޮލެޖް

* ސޮލާޕޫރު މެޑިކަލް ކޮލެޖް

* މުމްބާއީގެ ސެތު ޖީއެސް މެޑިކަލް ކޮލެޖް

މީގެ ކުރިން ނޮވެލް ކޮރޯނާ ވައިރަސް އަށް ޓެސްޓުކުރަމުން އައީ ޕޫނާގައި ހުންނަ ނެޝަނަލް އިންސްޓިޓިއުޓް އޮފް ވައިރޯލޮޖީންނެވެ.

16 ފެބުރުއަރީ 2020 | 06:53

އިންޑިއާގެ ގޯއާގައި 45 މީހުން ކޮރޯނާވައިރަސްއަށް ސްކްރީންކޮށްފި

އިންޑިއާގެ ގޯއާ މެޑިކަލް ކޮލެޖުގެ ސްޓޭޓް އެޕިޑިއިމޮލޮޖިސްޓް، އުތުކަރްޝް ބެޓޯޑްކަރާއި ޙަވަލާދީ އިންޑިއާގެ ނޫސްތަކުން ޚަބަރުފަތުރާގޮތުގައި، މިހާތަނަށް އައިއިރު 45 މީހަކު ކޮރޯނާ ވައިރަސްއަށް ޝައްކުކުރެވިގެން ސްކްރީންކޮށްފައިވެއެވެ. މީގެތެރެއިން 25 މީހެއްގެ ގައިން ކޮރޯނާވައިރަސްގެ ސީރިއަސް އަލާމަތްތައް ފެންނާތީ، ކަރަންޓީންކޮށްގެން 28 ދުވަސްވަންދެން ފަރުވާދީފައިވާކަމަށް ޑޮކްޓަރު ވިދާޅުވެއެވެ.

ގޯއާއަކީ ފަތުރުވެރި މަންޒިލަކަށްވެފައި، ދުނިޔޭގެ އެކި ކަންކޮޅުތަކުން މި ދުވަސްވަރު ފަތުރުވެރިން ގޯއާއަށް ޒިޔާރަތްކުރަމުންދާތީ، ގޯއާގެ މެޑިކަލް ކޮލެޖުންވަނީ 24 ގަޑިއިރު ކޮރޯނާވައިރަސްއަށް ފަރުވާދެވޭނެ އިންތިޒާމު ހަމަޖައްސާފައެވެ. އަދި ފަތުރުވެރިން ޢާންމުކޮށް އުޅޭ ޞަރަޙައްދުތަކުގައި ޕެރަމެޑިކްސްގެ ޚިދުމަތްވަނީ ތަޢާރަފުކޮށްފައެވެ.

16 ފެބުރުއަރީ 2020 | 06:46

އިންޑިއާގެ ހައިދަރް އާބާދުން ކޮރޯނާވައިރަސްއަށް ޝައްކުކުރެވޭ 4 މީހުން ފެނިއްޖެ

އިންޑިއާގެ ހައިދަރު އާބާދުގެ ޕަންޗާޔަތު އޮފީހުން ބުނެފައިވަނީ، ނޮވެލް ކޮރޯނާވައިރަސްއަށް ޝައްކު ކުރެވޭ 4 މީހަކު ފެނިގެން އެމީހުންގެ ލޭގެ ސާމްޕަލް ނަގާ މިހާރުވަނީ ޓެސްޓް ހަދަން ގާނދީ މެޑިކަލް ކޮލެޖަށް ފޮނުވާފައިވާކަމަށެވެ. މީގެ އިތުުރުންވެސް އެއަރޕޯޓުން ސްކްރީންކުރެވުނު 19 މީހެއްގެ ގައިން ކޮރޯނާ ވައިރަސްގެ އަލާމާތްތައް ފެންނާތީ އެ 19 މީހުންގެ ލޭގެ ސާމްޕަލްތައްވެސް ޓެސްޓުކުރަން ފޮނުވާފައިވާކަމަށް އެ އޮފީހުން ބުނެއެވެ.

ހައިދަރު އާބާދުން މިހާތަނަށް އައިއިރު 219 މީހަކު ނޮވެލް ކޮރޯނާވައިރަސްއަށް ޓެސްޓްކުރަން ލޭގެ ސާމްޕަލްތައް ފޮނުވާފައިވެއެވެ. މީގެ ތެރެއިން ނަތީޖާ މިހާތަނަށް ލިބުނު 92 މީހުންވެސް ވައިރަސްއަށް ނެގެޓިވް ކަމަށް ހައިދަރ އާބާދުގެ ޕަންޗާޔަތު އޮފީހުން ބުނެއެވެ.

ހައިދަރު އާބާދުގެ މައި އެއަރޕޯޓުގައި މިގހާރުވަނީ ތާރމަލް ކެމެރާ ހަރުކޮށްފައެވެ. އޭގެއިން ސްކްރީން ކުރުމުގެ އިތުރުން ޗައިނާއާއި، ހޮންގކޮންގާއި، ޖަޕާނާއި، ދެކުނުކޮރެއާއާއި، ތައިލޭންޑާއި، ސިންގަޕޫރުން އަންނަ ފަސިންޖަރުން ގެ ޓްރެވެލް ހިސްޓަރީ ބަލާ، ޝައްކު ކުރެވޭ މީހުން ނޮވެލް ކޮރޯނާވައިރަސް އަށް ޓެސްޓް ހަދަން ހައިދަރ އާބާދުގެ ޞަރަޙައްދީ ސަރުކާރުން ވަނީ ނިންމާފައެވެ.

16 ފެބުރުއަރީ 2020 | 06:38

ޑައިމަންޑް ޕްރިންސެސްގައި ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ އަދަދު 355 އަށް އަރައިފި

ޖަޕާނުގެ ހެލްތު މިނިސްޓްރީން ބުނެފައިވަނީ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހުން ފެށިގެން ކަރަންޓީންކޮށްފައިވާ އެޤައުމުގެ ކްރޫސްލައިނަރ، ޑައިމަންޑް ޕްރިންސެސް އިން މަރުވީ މީހުންގެ އަދަދު މިހާރު 355އަށް އަރާފައިވާކަމަށެވެ. މީގެތެރޭގައި ފަޅުވެރިންނާއި . ފަސިންޖަރުންވެސް ހިމެނޭ ކަމަށް އެމިނިސްޓްރީން ބުނެއެވެ.

ޖަޕާނުގެ ހެލްތު މިނިސްޓްރީން ބުނީ އިއްޔެ އެކަނިވެސް 70 މީހުން ނޮވެލް ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވް ވެފައިވާކަމަށާއި، މިހާރު މަސައްކަތްކުރަމުންދަނީ އޭގައި ތިބި އެހެން ޤައުމުތަކުގެ މީހުން އެޤައުމުތަކުގެ ސަރުކާރާއި ގުޅިގެން އެމީހުން ފޮނުވާލުމުގެ މަސައްކަތްކަމަށެވެ.

16 ފެބުރުއަރީ 2020 | 06:32

ވުހާން ސިޓީގައި ތިބި ނޭޕާލްގެ 175 މީހުން ޤައުމަށް އަނބުރާ ގެނެސްފި

ހަލުވިކަމާއެކު ނޮވެލް ކޮރޯނާވައިރަސް ފެތުރެމުންދާ ޗައިނާގެ ވުހާން ސިޓީގައި ތިބި ނޭޕާލްގެ 175 މީހުން އަނބުރާ ޤައުމަށް ގެނެސްފިއެވެ.

މިކަން ހާމަކޮށް ނޭޕާލް ސަރުކާރުން ޢާއްމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ގެނައި މީހުންގެ ތެރޭގައި 134 ފިރިހެނުންނާއި 41 އަންހެނުން ހިމެނޭކަމަށެވެ. އަދި މީގެ ތެރޭގައި ގިނައީ ވުހާން ސިޓީގެ އެކި ޔުނިވަރސިޓީގައި ތަޢުލީމު ޙާޞިލުކުރަން ގޮސް އުޅުނު ދަރިވަރުން ކަމަށެވެ.

ނޭޕާލްގެ ޞިއްޙަތާއި ބެހޭ ވުޒާރާގެ ތަރުޖަމާނު، މަހެންދްރަ ޝްރެސްތާއާއި ޙަވަލާދީ ނޭޕާލްގެ ދައުލަތުގެ މީޑިއާއިން ޚަބަރު ފަތުރާގޮތުގައި، މި މީހުން ނޭޕާލަށް ގެނެސްފައިވަނީ ސަރުކާރުން އިންތިޒާމު ކުރި ޗާޓަރު ފްލައިޓެއްގައެވެ. އަދި މި މީހުން ދެ ހަފުތާވަންދެން ބަޚްތާޕޫރުގައި ކަރަންޓީންކުރާނެކަމަށާއި، މި މުއްދަތުގައި ފަރުވާއެއް ދޭންޖެހޭ ޙާލަތެއް ކުރިމަތިވެއްޖެނަމަ ސަރުކާރުގެ ބެލުމުގެ ދަށުން ހުރިހައި އިންތިޒާމެއް ހަމަޖައްސައިދިނުމަށް ނިންމާފައިވާކަމަށެވެ.

ޖެނުއަރީ 17 އިން ފެށިގެން ނޭޕާލްގައި ކޮރޯނާވައިރަސްއަށް ސްކްރީން ކުރަން ފަށާފައިވާއިރު، މިހާތަނަށް މިވައިރަސްއަށް ޕޮޒިޓިވްވެފައިވަނީ އެންމެ މީހެކެވެ.

16 ފެބުރުއަރީ 2020 | 06:26

ޗައިނާއަށް ދަތުރުކުރި ދިއްލީގެ 17 މީހަކު ހޯދައިފި

އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ދިއްލީ ސަރުކާރުން ކުރިޔަށްގެންދާ ކޮމިއުނިޓީ ސަރވައިލެންސް ޕްރޮގުރާމުގެ ދަށުން ދިއްލީގެ 17 ރަށްވެހިން ހޯދައިފިއެވެ.

މި މީހުންނަކީ ޗައިނާގައި ނޮވެލް ކޮރޯނާވައިރަސް ފެތުރެން ފެށިފަހުން ޗައިނާއަށް ދަތުރުކުރި 17 މީހުން ކަމަށާއި، ކޮރޯނާ ވައިރަސްގެ އަލާމާތްތައް ފެންނާތީ މިހާރު އެމީހުން އެކަހެރިކޮށްގެން ފަރުވާދެމުންދާކަމަށް، އޮފިޝަލުން ބުނެއެވެ. ކޮމިއުނިޓީ ސަރވައިލެންސް ޕްރޮގުރާމުގެ ދަށުން މިހާތަނަށް ޗައިނާއަށް ދަތުރުކުރި 68 މީހުން ދިއްލީ ސަރުކާރުން ވަނީ ހޯދާފައެވެ. އިތުރު 817 މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ދިއްލީ ސަރުކާރުގެ އިސް އޮފިޝަލުން ބުނެއެވެ.

ދިއްލީގެ މައި އެއަރޕޯޓުގައި ނޮވެލް ކޮރޯނާވައިރަސްއަށް ސްކްރީންކުރުމުގެ މަސައްކަތް ފަށާފައިވާއިރު، މިހާތަނަށް 4،707 ފަސިންޖަރުން ސްކްރީންކުރެވިފައިވާކަމަށް ދިއްލީ ސަރުކާރުން ހާމަކުރެއެވެ.

16 ފެބުރުއަރީ 2020 | 02:06

ސިންގަޕޫރުން އިތުރު 5 މީހަކަށް ކޮރޯނާވައިރަސް ޖެހިއްޖެ

ސިންގަޕޯރުން ކޮރޯނާވައިރަސް އިތުރު 5 މީހުންނަށް ޖެހިފައިވާކަމަށް އެގައުމުން ބުނެފި އެވެ.

އެއާއެކު އެގައުމުން ކޮރޯނާވައިރަސް ޖެހުނު މީހުންގެ އަދަދު މިވަނީ 72 ށް އަރާފަ އެވެ.

ސިންގަޕޯރުން ބުނާގޮތުން މިއިން އެއްވެސް މީހަކީ ޗައިނާއަށް ދަތުރުކޮށްފައިވާ މީހުންނެއް ނޫނެވެ.

މިހާތަނަށް އާއިރު އެގައުމުން ވަނީ މިވައިރަސް ޖެހިގެން ފަރުވާ ހޯދަމުންދިޔަ 18 މީހަކު އެއްކޮށް ރަނގަޅުވެގެން ދޫކޮށްލާފަ އެވެ. އަދި މިހާރުވެސް 54 މީހުން ހޮސްޕިޓަލްތަކުގައި އެޑްމިޓް ކޮށްފައިވާއިރު 6 މީހުންގެ ހާލު ސީރިއަސް ކަމަށް އެގައުމުން ބުނެ އެވެ.

16 ފެބުރުއަރީ 2020 | 00:10

ކޮރޯނާވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 1662 ށް އަރައިފި

ކޮރޯނާވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 1162 ށް އަރައިފިކަމަށް ޗައިނާއިން ބުނެފި އެވެ.

ޗައިނާގެ ހެލްތު ކޮމިޝަނުން އެންމެ ފަހުން ނެރެފައިވާ މައުލޫމާތުތަކަށް ބަލާލާއިރު އަލަށް މިވައިރަސްގެ އަސަރުކޮށްގެން ރިޕޯޓްކޮށްފައިވަނީ 1843 މީހުންގެ ގައިންނެވެ. މުޅި ދުނިޔެއިން މިހާތަނަށް މިވައިރަސްގެ އަސަރު 68،000 މީހުންނަށް ކޮށްފައިވެ އެވެ.

15 ފެބުރުއަރީ 2020 | 18:16

ޖަޕާނުން އިތުރު ތިން މީހަކަށް ކޮރޯނާވައިރަސް ޖެހިއްޖެ

ޖަޕާނުން އިތުރު 3 މީހަކަށް ކޮރޯނާވައިރަސް ޖެހިފައިވާކަން އެގައުމުން ކަށަވަރުކޮށްދީފި އެވެ. އެއާއެކު ހޮނިހިރު ދުވަހު އެގައުމުން އަލަށް 9 މީހަކަށް ކޮރޯނާވައިރަސް ޖެހިގެން މިވަނީ ރިޕޯޓްކޮށްފަ އެވެ.

15 ފެބުރުއަރީ 2020 | 13:03

ޑައިމަންޑް ޕްރިންސެސް އިން އިތުރު 67 މީހުން ކޮރޯނާވައިރަސްއަށް ޕޮޒިޓިވް ވެއްޖެ

ޖަޕާންގެ ޔޮކަހާމާ ސިޓިގައި ބަނަދަރުކޮށްފައިވާ، ކްރޫސްލައިނަރ، ޑައިމަންޑް ޕްރިންސެސް އިން އިތުރު 67 މީހަކު ނޮވެލް ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެފައިވާކަމަށް، ޖަޕާންގެ ހެލްތު މިނިސްޓަރ ވިދާޅުވެއްޖެއެވެ. މިއާއެކު، ކަރަންޓީންކޮށްފައިވާ ކްރޫސްލައިނަރ ގައި ކޮރޯނާވައިރަސް ޖެހުނު މީހުން ޢަދަދު ވަނީ 286 އަށް އަރާފައެވެ.

ޖަޕާން ސަރުކާރުން ވަނީ އިއްޔެއިން ފެށިގެން މި ކްރޫސް ލައިނަރގައި ތިބި އުމުރުން ދުވަސްވީ މީހުން އެއިން ބާލަން ފަށާފައެވެ. އެހެންނަމަވެސް ޖަޕާނުން އެހެން ޤައުމުތަކުގެ މީހުން އެޤައުމަށް އެތެރެކުރަން މިހާރު ބޭނުމެއް ނުވެއެވެ.

15 ފެބުރުއަރީ 2020 | 12:59

ކޮރޯނާވައިރަސް ޖެހިގެން ފްރާންސުގަ މީހަކު މަރުވެއްޖެ

ފްރާންސްގެ ނޫސްތައް ބުނާގޮތުންނަމަ، ފްރާންސުގައި މަރުވެފައިވަނީ، އެޤައުމަށް ގޮސްއުޅުނު އުމުރުން ދުވަސްވީ ޗައިނާގެ ފަތުރުުވެރިއެކެވެ.

ފްރާންސްގެ ހެލްތު މިނިސްޓަރ އަގްނީސް ބުޒީންއާއި ޙަވާލާދީ އަލް-ޖަޒީރާއިން ރިޕޯޓުކުރާގޮތުގައި، ޖެނުއަރީ މަހު 25 ވަނަ ދުވަހުން ފެށިގެން އުމުރުން 80 އަހަރުގެ ޗައިނާގެ މިމީހާއަށް ފްރާންސްގެ އުތުރުގެ ހޮސްޕިޓަލެއްގައި ދިޔައީ ފަރުވާ ދެމުންނެވެ. އެހެންނަމެވެސް އޭނާގެ ޙާލަތު ދުވަހުން ދުވަހަށް ގޯސްވެ، މަރުވީ ކޮރޯނާވައިރަސްއާއި ގުޅިގެން ފުއްޕާމެއަށް ޖެހުނު އިންފެކްޝަން އަކުން ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

މިއީ ޔޫރަޕުގެ ޤައުމަކުން ކޮރޯނާވައިރަސް ޖެހިގެން މީހަކު މަރުވި ފުރަތަމަ ފަހަރެވެ. މީގެކުރިން ޗައިނާއިން ބޭރުން މީހުން މަރުވެފައިވަނީ އާސިއާން ޞަރަޙައްދުގެ 3 ޤައުމަކުންނެވެ.

ފްރާންސްގައިމިހާރު ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވީ މީހުންގެ އަދަދަކީ 11 އެވެ.

15 ފެބުރުއަރީ 2020 | 05:36

އެމެރިކާއިން ކޮރޯނާވައިރަހަށް ޝައްކު ކުރެވިގެން 443 މީހަކު ޓެސްޓުކޮށްފައިވޭ

އެމެރިކާއިން ކޮރޯނާވައިރަހަށް ޝައްކު ކުރެވިގެން 443 މީހަކު މިހާތަނަށް ޓެސްޓުކޮށްފައިވާ ކަމަށް އެޤައުމުގެ ސެންޓަރ ފޮރ ޑީސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އިން ބުނެފިއެވެ.

އެ އިދާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތަކާއި ޙަވާލާދީ ސީއެންއެންގައި ރިޕޯޓުކޮށްފައިވާގޮތުގައި އެމެރިކާގެ 42 ސްޓޭޓަކުން ވައިރަހަށް ޝައްކުކުރެވިގެން މިހާތަނަށް 443 މީހަކު ޝައްކު ކުރެވިގެން ޓެސްޓުކުރެވިފައިވެއެވެ. އެ 443 މީހުންގެ ތެރެއިން 15 މީހަކު ބައްޔަށް ޕޮސިޓިވް ވެފައިވާއިރު 347 މީހުންގެ ޓެސްޓުގެ ނަތީޖާ ދައްކާގޮތުން ނެގެޓިވް ކަމަށް ތަފާސްހިސާބުތަކުގައިވެއެވެ. އަދި 81 މީހެއްގެ ޓެސްޓުގެ ނަތީޖާ އަދިނުލިބެއެވެ.

އެމެރިކާއިން ކޮރޯނާގެ 14 ކޭހެއް ފެނިފައިވާއިރު އެޤައުމުގެ ކެލިފޯނިއާ ސްޓޭޓުން 8 މީހަކު ބައްޔަށް ޕޮސިޓިވް ވެފައިވެއެވެ. އަދި ޓެކްސަސް އިން އެކަކު ޕޮސިޓިވްވެފައިވާއިރު ވޮޝިންގްޓަން އިން 1 މީހަކު ކޮރޯނާ ވައިރަހަށް ޕޮސިޓިވްވެފައިވެއެވެ. އަދި އެރިޒޯނާއިން އެކަކު ބައްޔަށް ޕޮސިޓިވްފައިވާއިރު އިލިނޯއި އިން ދެ މީހަކަށް ކޮރޯނާ ވައިރަސް ޖެހިފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އަދި ވިސްކޮންސަން އިން ކޮރޯނާ ވައިރަހަށް ޕޮސިޓިވް އެކަކު ފެނިފައިވެއެވެ.

15 ފެބުރުއަރީ 2020 | 05:17

މިޞްރުން މީހަކު ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވް ވެއްޖެ

މިޞްރުން ފުރަތަމަ ފަހަރަށް ކޮރޯނާވައިރަސް ފެނިއްޖެއެވެ. މިކަން ހާމަކޮށް، އެޤައުމުގެ ޞިއްޙަތާއި ބެހޭ ވުޒާާރާއިން ޢާންމުކޮށްފައިވާ ބަޔާނުގައި ބުނެފައިވަނީ، ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވެފައިވަނީ އެޤައުމުގައި ދިރިއުޅޭ ބިދޭސީއަކަށް ކަމަށެވެ. އެހެންނަމަވެސް އޭނާއާއި ބެހޭ އެއްވެސް ވަނަވަރެއް ހާމަކޮށްފައެއް ނުވެއެވެ.

މިހާރު އޭނާއަށް އެކަހެރިކޮށްގެން ފަރުވާދެމުންދާކަމަށާއި، އެކަން ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއާއިވެސް ވަގުތުން ހިއްސާކޮށްފައިވާނެ ކަމަށް ބަޔާނުގައިވެއެވެ. އަދި މި މީހާގެ ދަތުރުފަތުރުގެ މަޢުލޫމާތު ހޯދާ ފާއިތުވެދިޔަ ދުވަސްތަކުގައި އޭނާއާއި ދިމާވި މީހުން ޓްރެކްކޮށް ގޭގައި 14 ދުވަސްވަންދެން ކަރަންޓީން ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށްވެސް މިޞްރުގެ ހެލްތު މިނިސްޓްރީން ބުނެއެވެ. އަދި އެމީހާ ދިރިއުޅުނު އިމާރާތް މިހާރު ސްޓްރެލައިޒްކޮށްފައިވާކަމަށްވެސް މިޞްރުގެ ހެލްތު މިނިސްޓްރީން ބުނެެއެވެ.

މިއީ އެފްރިކާ ބައްރުގެ ޤައުމަކުން ނޮވެލް ކޮރޯނާ ވައިރަސް ފެނުނު ފުރަތަމަ ފަހަރެވެ.

15 ފެބުރުއަރީ 2020 | 05:07

"ޑައިމަންޑް ޕްރިންސެސް" ގައި ތިބި އުމުރުން ދުވަސްވީ މީހުން ބާލަނީ

ކްރޫސް ލައިނަރ "ޑައިމަންޑް ޕްރިންސެސް" ޔޮކޮހާމާ ސިޓީގައި ބަދަރުކޮށްފައި
ކްރޫސް ލައިނަރ "ޑައިމަންޑް ޕްރިންސެސް" ޔޮކޮހާމާ ސިޓީގައި ބަދަރުކޮށްފައި

ޖަޕާންގެ ޔޮކޮހޯމާ ސިޓީގެ މައި ބަނދަރުގައި ކަރަންޓީންކޮށްފައިވާ އެޤައުުގެ ކްރޫސްލައިނަރ "ޑައިމަންޑް ޕްރިންސެސް" ގައި ތިބި އުމުރުން ދުވަސްވީ މީހުން ބާލަން ޖަޕާނު ސަރުކާރުން ނިންމައިފިއެވެ.

ބުރާސްފަތި ދުވަހު އެކަނިވެސް އެ ކްރޫސްލައިނަރ އިން 44 މީހަކު ވަނީ ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެފައެވެ. މީގެތެރޭގައި ހިމެނެނީ އެންމެ ފަޅުވެރިޔަކާއި 43 ފަސިންޖަރުންކަމަށް މަޢުލުމާތު ލިބެއެވެ. އަދި ކޮރޯނާވައިރަސްއަށް އަލަށް ޕޮޒިޓިވްވީ މީހުންގެ ތެރޭގައި ޖަޕާނުގެ 29 ރައްޔިތުން ހިމެނޭކަން ޖަމާނު ސަރުކާރުން ވަނީ އިޢުލާންކޮށްފައެވެ. ކްރޫސްލައިނަރ އިން ޖުމުލ 218 މީހުންނަށް ކޮރޯނާ ވައިރަސް ޖެހިފައިވާއިރު، މީގެތެރޭގައި ގިނައީ އުމުރުން ދުވަސްވީ މީހުންނެވެ.

ޖަޕާނުގެ ހެލްތު މިނިސްޓަރ ކަޓްސުނޮބޫ ވިދާޅުވީ، ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ ތެރެއިން 40 މީހުންނަކީ އުމުރުން 70 އަށް ވުރެ މަތީ އުމުރުގެ ޖަޕާނު ރައްޔިތުންކަމަށެވެ. ޖަޕާނުގެ އުމުރުން ދުވަސް ވީ މީހުންނަށް ބަލާއިރު 80 އަހަރުން މަތީގެ 215 މީހުން އަދި އުމުރުން 90 އަހަރުން މަތީގެ 11 މީހުން ޑައިމަންޑް ޕްރިންސެސްގައިތިއްބެވެ. ޖަޕާނު ސަރުކާރުން މިހާރު ވަނީ މިއެންމެން ކްރޫސް ލައިނަރ އިން ބާލަން ހުއްދަދީފައެވެ.

15 ފެބުރުއަރީ 2020 | 03:41

ޗައިނާއަށް ދަތުރުކޮށްފައިވާތީ ރައްޖޭގައި ކަރަންޓީންކުރި 3 މީހުންގެ ތެރެއިން 2 މީހަކު ދޫކޮށްލައިފި

ހެލްތް މިނިސްޓްރީން ބުނެފައިވަނި ޑަބްލިއުއެޗްއޯއިން ކަނޑައެޅި މުއްދަތުގައި ޗައިނާއިން ވައިރަސް ފެނިފައިވާ ސިޓީއަކަށް ދަތުރުކުރި ފަރާތްތަކަށް ވުމުން، ކޮރޯނާ ވައިރަސް ނެތްކަން ކަށަވަރުކުރުމަށް ކަރަންޓީން ކުރި 3 މީހުންގެ ތެރެއިން 2 މީހަކު ދޫކޮށްލާފައިވާ ކަމަށެވެ.

ފާއިތުވި 14 ދުވަހުގެ ތެރޭގައި ޗައިނާއަށް ދަތުރުކޮށްފައިވާތީ ފަރުކޮޅުފުށީގައި 3 ދިވެއްސަކު ކަރަންޓީން ކުރިއެވެ. އަދި އެ މީހުންގެ ގައިގައި ވައިރަސްގެ އަސަރު ނެތްކަން ކަށަވަރުކުރުމަށް ޓެސްޓް ހަދާފައިވާ އިރު، މިހާތަނަށް 2 މީހެއްގެ ޓެސްޓް ނަތީޖާ ލިބި އެ ދެމީހުން ބައްޔަށް ނެގެޓިވްކަން ވަނީ ކަށަވަރު ކުރެވިފައެވެ.

އަދި ކަރަންޓީންގައި ބަހައްޓާ 14 ދުވަހުގެ މުއްދަތު ހަމަވެގެން އެ ދެމީހުން ވަނި ދޫކޮށްލާފައެވެ.

ކޮރޯނާ ވައިރަސްއައި ގުޅިގެން ދިވެހި ސަރުކާރުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން ދާއިމީ ކަރަންޓީން ފެސިލިޓީއެއް ގާއިމްކޮށް، އެއާޕޯޓް އަދި ސީ ޕޯޓުގައި ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައެވެ. އަދި ކަމާބެހޭ ފަރާތްތައް އަމަލުކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވާލާފައިވެއެވެ.

15 ފެބުރުއަރީ 2020 | 03:15

ކޮރޯނާވައިރަސް ޖެހުނު މީހުންގެ އަދަދު 67،000 އަށް އަރައިފި

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ނޮވެލް ކޮރޯނާވައިރަސް ޖެހުނު މީހުންގެ އަދަދު 67،000 އަށް އަރައިފިއެވެ.

އެންމެފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މި ބަލީގައި މިހާތަނަށް މަރުވި މީހުންގެ އަދަދު 1500 އަށްވުރެ މައްޗަށް ވަނީ އަރާފައެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ބަލި ޖެހުނު މީހުންގެ އަދަދު އިއްޔެގެ ނިޔަލަށް އުޅެނީ 67،097 ގައެވެ. މެއިންލެންޑް ޗައިނާއިން އެކަނި 1500 މީހުން ބަލީގައި މަރުވެފައިވާ އިރު ހޮނިހިރު ދުވަހުގެ ހެނދުނާ ހަމައަށް އެކަނި ވެސް ހޫބޭއިން ވަނީ 139 މީހުން މަރުވެފައެވެ. މީގެ އިތުރުން ހުކުރު ދުވަހުގެ ނިޔަލަށް 2641 މީހުންނަށް އަލަށް މި ބަލިޖެހިފައިވާކަން ރިކޯޑްތަކުން ދައްކައެވެ.

20 / 81