ކޮވިޑް-19: އެންމެ ފަހުގެ
ނޮވެލް ކޮރޯނާވައިރަސް ގުޅޭ އެންމެ ފަހުގެ މައުލޫމާތު:

ކޮރޯނާވައިރަސް
ކޮރޯނާ ވައިރަސްގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވެއްޓިދާނެ ކަމުގެ ބިރު އެބައޮތް: އައިއައިއެފް
ޗައިނާއާއި، އިރުމަތީ އޭޝިއާގެ ބައެއް ޤައުމުތަކުގައި ހަލުވިކަމާއެކު، ނޮވެލް ކޮރޯނާަވައިރަސް ފެތުރެމުންދާތީ އޭޝިޔާ ބައްރުގެ ޤައުމުތަކުން ތެލަށް އޮންނަ ޑިމާންޑު ކުޑަވަމުންދާ ކަމަށާއި، މީގެ އަސަރު ދުނިޔޭގެ ތެލުގެ ބާޒާރަށް ކުރާނެކަމުގެ ބިރު އެބައޮތްކަމަށް އިންސްޓިޓިއުޓް އޮފް އިންޓަރނޭޝަނަލް ފައިނޭންސް އިން ބުނެފިއެވެ.
ދުނިޔޭގެ މާލީ ޙާލަތު ވަޒަންކުރަމުންދާ އައިއައިއެފްގެ ޗީފް އިކޮނޮސްމިސްޓް، ގަރބިސް އިރޭޑިއެން ވިދާޅުވީ، ކޮރޯނާވައިރަސްގެ ކުރިން އެ އިދާރާއިން އަންދާޒާ ކުރީ މިއަހަރުގެ ތެރޭގައި ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު އެންމެ ދަށްވެގެން 60 އެމެރިކާ ޑޮލަރުގައި ހިފެހެއްޓޭނެ ކަމަށެވެ. ކޮރޯނާވައިރަސް ފެތުރެންފެށިއިރު، ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު ހުރީ 64 ޑޮލަރަށެވެ. ނަމަވެސް ބަލިމަޑުކަން ފެތުރެން ފެށުމާއެކު، 60 ޑޮަލަރަށް އަގު ތިރިވެފައިވާކަމަށެވެ. މިހާރު އަގު ތިރިވަމުންދާ ޓްރެންޑަށް ބަލާނަމަ، ތެޔޮ ފީފާއެއްގެ އަގު 57 ޑޮަލަރަށް ތިރިވެދާނެކަމުގެ ބިރު އެބައޮތް ކަމަށް އައިއައިއެފްގެ ޗީފް އިކޮނޮސްމިސްޓް، ގަރބިސް އިރޭޑިއެން އަންދާޒާ ކުރެއެވެ.
އިރާނުގެ ޙާލަތާމެދު ކަންބޮޑުވޭ: ޑަބްލިއުއެޗްއޯ
ސްވިޒަރލޭންޑުގެ ޖެނީވާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ދުނިޔޭގެ ޞިއްހަތު ޖަމްޢިއްޔާގެ ޑިރެކްޓަރ ޖެނެރަލް، ޓެޑްރޯސް އެދެނޯމް ގެބްރިޔޭސަސް ވިދާޅުވީ، ފާއިތުވެދިޔަ ދެ ދުވަހު އިރާނުގައި 18 މީހަކު ނޮވެލް ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެ، 4 މީހަކު މަރުވެފައިވާތީ، އެކަމާއި ކަންބޮޑުވާކަމަށެވެ. އިރާނުގައި މި ވައިރަސްގެ ބަލިމަޑުކަން ފެތުރިދާނެ މިންވަރު އަންދާޒާކޮށްލަން ދަތިކަމަށް ވިދާޅުވެ، ގެބްރިއޭސަސް ވަނީ، މިކަމުގައި އިރާނު ސަރުކާރަށް ވަރަށް ގާތުން ޑަބްލިއުއެޗްއޯއިން އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ވަޢުދުވެވަޑައިގެންފައެވެ.
ގެބްރިއޭސަސް ވިދާޅުވީ ވައިރަސް ހުއްޓުވުމުގެ ޖާގަ އަދިވެސް އެބައޮތް ކަމަށާއި، މިކަމުގައި ވަރަށް ހިކުމަތްތެރިކަމާއެކު އިރާނުގެ ކަމާއި ބެހޭ މަސްއޫލުވެރިން މަސައްކަތްކުރަން ޖެހޭ ކަމަށެވެ.
އިރާނާއި މެދު ޑަބްލިއުއެޗްއޯއިން އެހާ ކަންބޮޑުވަނީ އިރާނަކީ ޞިއްޙީ ފަރުވާގެ ނިޒާމު ދެރަވަރު ނުވަތަ ބަލިކަށި ޤައުމަކަށްވާތީ، ބަލިމަޑުކަން އިންތިހާއަށް ދަރަޖައަށް ފެތުުރުމުގެ ފުރުޞަތު ބޮޑުކަމުންނެވެ.
ޗައިނާއިން ބޭރުން މިހާތަނަށް ދުނިޔޭގެ 26 ޤައުމަކުން 1،152 މީހުން ވަނީ ނޮވެލް ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެފައެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ދަނީ ޞިއްޙީ ފަރުވާގެ ނިޒާމު ދެރަވަރު ޤައުމުތަކައް އަހައްމިއްޔަތުކަން ދީގެން އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި، ދެކުނު ކޮރެއާއިން އިތުރު 142 މީހުން ކޮރޯނާވައިރަސްއަށް ޕޮޒިޓިވް ވެއްޖެ
ދެކުނު ކޮރެއާގެ "ކޮރެއާ ސްންޓަރސް ފޮރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން" އިން މިއަދު ހެދުނު ޢާންމު ކުރި ނޫސްބަޔާނެއްގައި ބުނެފައިވަނީ، އިއްޔެ ހެދުނު ނުވަޔަކުން މިއަދު ހެދުނު ނުވަޔަކަށް، ނޮވެލް ކޮރޯނާވައިރަސްއަށް ޓެސްޓް ކުރި މީހުންގެ ތެރެއިން 142 މީހުން އެ ވައިރަސްއަށް ޕޮޒިޓިވްވެފައިވާކަމަށެވެ. މިއާއެކު އެޤައުމުގައި ވައިރަސް ޖެހުނު މީހުން އަދަދު ވަނީ 346 އަށް އަރާފައެވެ.
"ކޮރެއާ ސްންޓަރސް ފޮރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން" ބަޔާނުގައިވާ ގޮތުން ފާއިތުވެދިޔަ 24 ގަޑިއިރު، ނޮވެލް ކޮރޯނާވައިރަސްގައި އެކަކުވަނީ މަރުވެފައެވެ. މިއާއެކު މި ވައިރަސްގައި މަރުވި މީހުންގެ އަދަދަކީ 2 އެވެ.
ދެކުނު ކޮރެއާގައި ހަލުވިކަމާއެކު، ނޮވެލް ކޮރޯނާވައިރަސް ގެތުރެމުންދާތީ، ޢާންމު ރައްޔިތުންނަށް ލުއި ފަސޭހަގޮތެއްގައި ފަރުވާގެ ކަންކަން އިންތިޒާމުކޮށްދިނުމުގެ ގޮތުން އެޤައުމުގެ ސަރުކާރުން ވަނީ "ޚާއްޞަ ފަރުވާދޭ ޞަރަޙައްދު" ތަކެއް ކަނޑައަޅާ، އެ ޞަރަހައްދުތަކުން ޓެސްޓުކުރުމާއި، ކުއްލި ފަރުވާދިނުމާއި އަދި އެކަހެރިކޮށްގެން ފަރުވާދެވޭނެ އިންތިޒާމު ހަމަޖައްސައި، އެކަން ޢާންމުކޮށް އިޢުލާންކޮށްފައެވެ.
ޗައިނާގައި ނޮވެލް ކޮރޯނާވައިރަސް ޖެހުނު މީހުންގެ ޢަދަދު 76،000ށް ވުރެ މައްޗަށް އަރައިފި
ނޮވެލް ކޮރޯނާވައިރަސްއާއި ބެހޭ އެންމެ ފަހުގެ މަޢޫލޫމާތު ޙިއްސާ ކުރުމަށް މިއަދު ހެދުނު ޗައިނާގެ ނެޝަނަލް ހެލްތު ކޮމިޝަނުން ބޭއްވި ޕްރެސް ކޮންފަރެންސްގައި އެކޮމިޝަނުގެ މިނިސްޓަރު މާ ޒައޮވެއި ވިދާޅުވީ، އިއްޔެ އެކަނިވެސް ޗައިނާއިން 109 މީހުން ކޮރޯނާވައިރަސްގައި މަރުވެފައިވާކަމަށާއި، މިއާއެކު ކޮރޯނާވައިރަސްގައި މަރުވި މީހުންގެ ޢަދަދު މިހާރު 2،345ށް އަރާފައިވާކަމަށެވެ.
އިއްޔެ އަލަށް 379 މީހުން ވައިރަސް އަށް ޕޮޒިޓިވްވެފައިވާއިރު، މިހާރު ޗައިނާގައި ވައިރަސްޖެހިފައި ތިބި މީހުންގެ ޖުމުލަ ޢަދަދަކީ 76،288 ކަމަށްވެސް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
އެފްރިކާ ބައްރުގެ އިތުރު ޤައުމުތަކަށް ކޮރޯނާ ވައިރަސް ފެތުރުމުގެ ފުރުޞަތު އެބައޮތް، ސަމާލު ވާންޖެހޭ: ޑަބްލިއުއެޗްއޯ
ސްވިޒަރލޭންޑުގެ ޖެނީވާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ދުނިޔޭގެ ޞިއްހަތު ޖަމްޢިއްޔާގެ ޑިރެކްޓަރ ޖެނެރަލް، ޓެޑްރޯސް އެދެނޯމް ގެބްރިޔޭސަސް ވިދާޅުވީ، އެފްރިކާ ބައްރުގެ އިތުރު ޤައުމުތަކައް ނޮވެލް ކޮރޮނާވައިރަސް ފެތުރުމުގެ ފުރުޞަތު އެބަައޮތް ކަމަށާއި، ޤައުމުތަކުގެ ޞިއްޙީ މަސްއޫލުވެރިން މިކަމަށް ސަމާލުވެ، ރައްކާތެރިކަމުގެ އަވަސް ފިޔަވަޅު އަޅަންޖެހިފައިވާކަމަށެވެ. އަދި މިކަމަށް ބޮޑަށް ސަމާލުވާންވީ ޞިއްޙީ ނިޒާމު ދެރަވަރު ޤައުމުތަކުން ކަމަށް އޭނާ ވިދާޅުވިއެވެ.
އެފްރިކާ ބައްރުގެ ގިނަ ޤައުމުތަކަކީ މިހާރުވެސް ބައެއް ބަލިމަޑުކަން ތަހައްމަލުކުރަމުންދާ، އަދި ހަނގުރާމައިގެ ސަބަބުން ދަތި އުނދަގޫ ދުވަސްތަކެއް ގުނަމުންދާ، ފަޤީރު އާބާދީ ބޮޑު އަދި ހައިހޫނުކަމުގެ ޙާލަތު ދަށް ޤައުމުތަކެކެވެ. އެހެންކަމުން މިޤައުމުތަކައް ކޮރޯނާވައިރަސް އަތުވެއްޖެނަމަ، އިތުރު ތަކުލީފުތަކެއް އެޤައުމުތަކުގެ ރައްޔިތުން އުފުލަން ޖެހިދާނެތީއާއި، ސަރުކާރުތަކައް ބޮޑު ގޮންޖެހުމަކަށްވެދާނެތީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ވަނީ ދުރާލާ ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ. އެ ޖަމްޢިއްޔާގެ ވިސްނުން ހުރީ ޞިއްހީ ނިޒާމު ވަރުދެރަ ޤައުމުތަކައް ބޮޑަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.
އެފްރިކާ ބައްރުގެ ޤައުމަކުން މިހާތަނަށް ކޮރޯނާވައިރަސް ފެނިފައިވަނީ މިޞްރުން އެކަންޏެވެ.
އިރާނުން ކޮރޯނާވައިރަސް ފެނުމާއި ގުޅިގެން، އިރާޤުން އެޤައުމަށް ކުރަމުން އައި ވައިގެ ދަތުރުތައް މެދު ކަނޑާލައިފި
އިރާޤުގެ ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ހެދުނު ޢާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، އިރާނުގައި ކޮރޯނާވައިރަސް ފެތުރެމުންދާތީ، ރައްކާތެރިކަމެއްގެ ފިޔަވަޅެއްގެ ގޮތުން މިވަގުތައް، ދެޤައުމުގެ ދެމެދުގައި ވައިގެ ދަތުރުފަތުރުކުރުން ހުއްޓާލާކަމަށެވެ. ދަތުރުފަތުރުގެ އިންޒާރެއް ނެރެން ޖެހުނީ، އެޤައުމުގެ ހެލްތު މިނިސްޓްރީން މިހާރު ޢާންމުކޮށްފައިވާ ޕްރޮޓޮކޯލްއަށް ރިޢާޔަތްކޮށް، ޤައުމުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމުގައި ކަމަށް އެ ޓްރާންސްޕޯޓް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ. ދަތުުރުތައް ހުއްޓާލުމުގެ އިތުރުން، އިރާޤުންވަނީ އިރާނު ރައްޔިތުންނަށް އޮން-އެރައިވަލް ވިސާ ދިނުންވެސް މިއަދުން ފެށިގެން ހުއްޓާލާފައެވެ.
އިރާޤުގެ ދާޚިލީ ވުޒާރާއިންވެސް ވަނީ އިރާޤު ރައްޔިތުން މިދަނޑިވަޅުގައި އިރާނަށް ދަތުރުނުކުރުމަށް އިލްތިމާސްކޮށްފައެވެ. މިފަދައިން އިރުޝާދު ދީފައިވަނީ އިރާނުން ނޮވެލް ކޮރޯނާވައިރަސް ފެނުނު ޤޫމް ސިޓިއަކީ އިރާޤު ރައްޔިތުންގެ މެދުގައި ވަރަށް މަޤުބޫލު މަންޒިލަކަށްވާތީއެވެ. އަދި މި ދަނޑިވަޅުގައި އެ ސިޓީއަށް ދަތުރުކޮށްފިނަމަ އިރާޤު ރައްޔިތުން ކޮރޯނާވައިރަސްއަށް ހުށަހެޅިދާނެކަމުގެ ބިރު އޮތުމުންނެވެ.
އިރާޤުން މިހާރުދަނީ އިރާނުގައި ތިބި އެޤައުމުގެ ރައްޔިތުން ތިބި ތަންތަން ދެނެގަނެ، އެމީހުން އަނބުރާ ގެނައުމަށް މަސައްކަތްކުރަމުންނެވެ. އަދި އިރާނާއި އިންވެގެންވާ ޞަރަޙައްދުތަކުގެ އެއްގަމު ބޯޑަރުތައް ބަންދުކޮށް، ޗެކްޕޮއިންޓްތަކުގައި ނޮވެލް ކޮރޯނާވައިރަސްއަށް ސްކްރީން ކުރެވޭނެ އިންތިޒާމު މިހާރުވަނީ ހަމަޖައްސާފައެވެ.
އިރާޤުން އަދި އެއްވެސް މީހަކު ކޮރޯނާވައިރަސްއަށް ޕޮޒިޓިންވެފައެއް ނުވެއެވެ.
ހުބެއި ޕްރޮވިންސްގެ ޖަލުތަކުން ކޮރޯނާވައިރަސްއަށް މީހުން ޕޮޒިޓިވްވެފައިވާކަން ހާމަވެއްޖެ
ޗައިނާގެ ހުބެއި ޕްރޮވިންސްގެ ޖަލުތަކުގައި ތިބި ބައެއް ޤައިދީން ނޮވެލް ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެފައިވާ ކަމުގެ ޚަބަރު ފެތުރެންފަށައިފިއެވެ.
މިކަމާއި ގުޅިގެން، ޗައިނާ ސަރުކާރުން އެއްޗެއް ބުނެފައި ނުވިނަމަވެސް، ކަމާއި ގުޅުން ހުރި ބައެއް ފަރާތްތަކާއި ޙަވާލާދީ ބައިނަލްއަޤުވާމީ މިޑިއާތަކުން ދަނީ ޚަބަރުތައް ފަތުރަމުންނެވެ. ޗައިނާ ސަރުކާރުން މިކަމާއި ގުޅޭ އިތުރު ތަފުޞީލު ހާމަކޮށްފައި ނުވާތީ، ޤައިދީންގެ ތެރެއިން ވައިރަސްއަށް ޕޮޒިޓިވްވީ ކިހާ ޢަދަދެއްގެ މީހުންނެއް ކަމެއް އަދި ކަށަވަރެއް ނުވެއެވެ.
ޑައިމަންޑް ޕްރިންސެސްގައި ތިބި އެންމެ ބާލައިފިން: ޖަޕާން
ޖަޕާނުގެ ޔޮކޮހާމާ ސިޓީގައި ބަނދަރުކޮށްފައި އޮތް އެޤައުމުގެ ކްރޫސްލައިނަރ ޑައިމަންޑް ޕްރިންސެސްގައި ތިބި ހުރިހައި ފަސިންޖަރުން އެއިން ބާލާފައިވާކަމަށް ޖަޕާނުގެ ހެލްތު މިނިސްޓަރު ކަޓުސުނޮބޫ ކަޓޯ ވިދާޅުވެއްޖެއެވެ.
އޭނާ ވިދާޅުވީ، ބުދަ ދުވަހު ކަރަންޓީންގެ މުއްދަތު އުވާލުމާއެކު، އޭގައި ތިބި ހުރިހައި ފަސިންޖަރުން އެއިން ބޭލުމުގެ މަސައްކަތް ފެށިކަމަށާއި، މިހާރު އޭގައި ތިބި ހުރިހައި އެންމެން ބާލާ، ކްރޫސްލައިނަރގައި އަޅާންޖެހޭ ޞިއްޙީ ފިޔަވަޅުތައް ކަމާއި ބެހޭ ފަރާތްތަކުން ތަންފީޒުކުރަމުންދާކަމަށެވެ. އަދި ކްރޫސްލައިނަރ އަށް އިތުރު ދަތުރެއް ފަށަން ހުއްދަދޭނީ، ވަކި މިންގަނޑުތަކަކައް ބެލުމަށްފަހުގައި ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
ކްރޫސްލައިނަރގައި ތިބި ފަސިންޖަރުންނާއި، ފަޅުވެރިން ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެގެން މިމަހުގެ ފަސް ވަނަ ދުވަހު ކަރަންޓީން އިޢުލާންކުރުމަށް ފަހު ކަރަންޓީން އުވާލީ މިދިޔަ ބުދަ ދުވަހުއެވެ.
ކަރަންޓީން އުވާލުމާއި ހަމަޔަށް އޭގައި ތިބި 634 މީހުން ވައިރަސްއަށް ޕޮޒިޓިވްވިއެވެ. މިމީހުންނަށް ޖަޕާނު ސަރުކާރުގެ ބެލުމުގެ ދަށުން ފަރުވާ ދީފައިވާއިރު، ދެމީހަކު ވަނީ މަރުވެފައެވެ. ދުނިޔޭގެ ގިނަ ޤައުމުތަކަކައް ނޞްބަތްވާ ފަސިންޖަރުން އޭގައި ތިބި އިރު، އެމީހުން އަމިއްލަ ޤައުމަށް އަނބުރާ ގެންދިއުމަށް ޖަޕާނު ސަރުކާރުން ވަނީ އެޤައުމުގެ ސަރުކާރުތަކާއި ގުޅިގެން ބުރަ މަސައްކަތްތަކެއް ކޮށްފައެވެ. އެޤައުމުތަކުން ވަނީ ޖަޕާނު ސަރުކާރުގެ ދީލަތި އެހީއަށް ތަޢުރީފުކޮށް، ޝުކުރު އަދާކޮށްފައެވެ.
ހުބެއި ޕްރޮވިންސްގެ ބައެއް ޞަރަޙައްދުތަކުގައި ހަނގުރާމަމަތީ ފިޔަވަޅުތައް ތަންފީޒުކުރަން ފަށައިފި
ޗައިނާގެ ނެޝަނަލް ހެލްތު ކޮމިޝަނުން ބުނީ، ނޮވެލް ކޮރޯނާވައިރަސް ހިފެހެއްޓުމެއް ނެތި ފެތުރެމުންދާތީ ހުބެއި ޕްރޮވިންސްގެ ބައެއް ޞަރަޙައްދުތަކުގައި ހަނގުރާމަމަތީ ފިޔަވަޅުތައް ތަންފީޒުކުރަން މަޖުބުރުވީކަމަށެވެ.
ހަނގުރާމައިގެ ތެރޭގައި، އަސްކަރިއްޔާއިން ޢާންމުގޮތެއްގައި އިޢުލާންކުރާ ބައެއް ޙާލަތުތައް މިހާރު ހުބެއި ޕްރޮވިންސްގެ ބައެއް ޞަރަޙައްދުތަކުގައި ވަނީ ތަންފީޒުކުރަން ފަށާފައެވެ. އޭގެ ދަށުން އެއްގޮތަކައް ވެސް ގެއިން ނުނިކުތުމާއި، އަސްކަރީން ގެތަކައް ގޮސް، ވައިރަސްއަށް އިންފެކްޓްވެފައި ބަޔަކު ތިބިތޯ ބަލާ ފާސްކުރުމާއި، ޕެރަމެޑިކްސްގެ ޚިދުމަތް ގޭގައި ބައިތިއްބައިގެން ދިނުން ފަދަ ކަންކަން ހިމެނެއެވެ.
ހަނގުރާމަތީ ފިޔަވަޅުތައް ތަންފީޒު ކުރަމުންދާ ސިޓީތަކުގެ ތެރޭގައި އެންމެ ކުރިން ކޮރޯނާވައިރަސް ފެނުނު ވުހާން ސިޓީވެސް ހިމެނެއެވެ. ވުހާން ސިޓީގައި މަދަނީ ހުރިހައި ޚިދުމަތެއް ކަނޑާލާފައިވާއިރު، މާރޗުމަހުގެ 16 ވަނަ ދުވަހުގެ ކުރިން އެއްވެސް ޚިދުމަތެއް އަދި އެއްވެސް ކާރުޚާނާއެއްގެ އޮޕަރޭޝަނެއް ނުފެށުމަށް ޞަރަޙައްދީ ސަރުކާރުން ވަނީ ޢާއްމުކޮށް އަންގާ އިޢުލާންކޮށްފައެވެ.
އިރާޤާއި، ކުވައިތުން ނޮވެލް ކޮރޯނާވައިރަސްއަށް ތައްޔާރުވެއްޖެ
އިރާނުގައި ނޮވެލް ކޮރޯނާވައިރަސް ފެތުރެމުންދާތީ، އެކަމުގެ ބިރުވެރިކަމުގައި އިރާޤާއި ކުވައިތުން ސަލާމަތީ ފިޔަވަޅުތައް އަޅައިފިއެވެ.
އީރާނުން ވައިރަސްއަށް ޕޮޒިޓިވްވީ މީހުން ނިޞްބަތްވާ ޤޫމް ސިޓީއަކީ، އިރާޤާއި ކުވައިތުގެ ރައްޔިތުންގެ މެދުގައި ވަރަށް މަޤުބޫލު ފަތުރުވެރިކަމުގެ މަންޒިލެކެވެ. އެހެންކަމުން އެސިޓީއަށް ދަތުރުކުރުން މެދުކަނޑާލުމަށް ދެޤައުމުންވެސް ވަނީ އިރުޝާދުދީފައެވެ.
ދެކުނު ކޮރެއާގައި ޚާއްޞަ އެހީގެ ޞަރަޙައްދުތަކެއް ކަނޑައަޅައިފި
ދެކުނުކޮރެއާގައި ހަލުވިކަމާއެކު ނޮވެލް ކޮރޯނާވައިރަސް ފެތުރެމުންދާތީ، ރައްކާތެރިކަމުގެ އަވަސް ފިޔަވަޅެއްގެ ގޮތުން "ޚާއްޞަ އެހީގެ ޞަރަޙައްދު" ގެ ގޮތުގައި ދެ ޞަރަޙައްދެއް ކަނޑައަޅައިފިއެވެ.
"ޚާއްޞަ އެހީގެ ޞަރަޙައްދު"ގެ ގޮތުގައި ކަނޑައަޅާފައިވަނީ ޑައެގޫ އާއި ޝިއޯންގޑޯ ސިޓީއެވެ. މި ޞަރަޙައްދުތަކަކީ ކޮރޯނާވައިރަސްއަށް ޚާއްޞަ ފަރުވާދިނުމަށް، އައިސޮލޭޝަން ފެސިލިޓީސް އާއި ޕެރަމެޑިކްސްގެ ޚިދުމަތް ޤާއިމުކުރެވިފައިވާ ޞަރަޙައްދުތަކެވެ. މި ޞަރަޙައްދުގައި ޕެރަމިލިޓަރީ ސިފައިންވެސް މިހާރު ރުކުރުވާލާފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.
ދެކުނު ކޮރެއާގައި މިއަދު އެކަނިވެސް 38 މީހުން ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެފައިވެއެވެ. މިއާއެކު، އެޤައުމުގައި ވައިރަސް ޖެހުނު މީހުންގެ ޖުމުލަ ޢަދަދަކީ 204 އެވެ.
ޗައިނާއިން ކޮރޯނާވައިރަސް ޖެހުނު މީހުންގެ ޢަދަދު 75،000ށް ވުރެ މައްޗަށް އަރައިފި
ޗައިނާގެ ނެޝަނަލް ހެލްތު ކޮމިޝަނުން ޢާންމު ކުރި ބަޔާނެއްގައި ބުނެފައިވަނީ މިއަދުގެ ނިޔަލަށް75،567މީހުން ނޮވެލް ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެފައިވާކަމަށެވެ. އެ ކޮމިޝަނުން ބުނާގޮތުގައި ކޮރޯނާވައިރަސްގައި މަރުވި މީހުންގެ ޖުމުލަ އަދަދަކީ މިހާރު2244އެވެ.
ޗައިނާގެ އިތުރުން ދުނިޔޭގެ 26 ޤައުމަކުން މިހާރު ވަނީ 1،073 މީހުން މި ވައިރަސްއަށް ޕޮޒިޓިވްވެފައެވެ. އަދި 8 މީހުން ވަނީ މަރުވެފައެވެ.
މާރޗް 11 ގެ ކުރިން ކާރުޚާނާތައް ނުހުޅުވުމަށް ހުބެއި ޕްރޮވިންސް ސަރުކާރުން އަންގައިފި
ހަލުވިކަމާއެކު ޗައިނާގެ ހުބެއި ޕްރޮވިންސްގެ އެކި ޞަރަޙައްދުތަކުގައި، ނޮވެލް ކޮރޯނާވައިރަސް ފެތުރެމުންދާއިރު، ކާރުޚާނާތަކާއި، ކުންފުނިތަކުގެ މަސައްކަތް މާރޗުމަހުގެ ކުރިން ނުފެށުމަށް ހުބެއި ޕްރޮވިންޝިއަލް ސަރުކާރުން މަނާކޮށްފިއެވެ. ސަރުކަރުން ޢާންމު ކުރި ބަޔާނެގައި ބުނެފައިވަނީ، ކޮރޯނާވައިރަސް ކޮންމެވެސް ވަރަކަށް ހުއްޓިފައިވީނަމަވެސް، ކާރުޚަނާތަކާއި ކުންފުނިތަކުގެ އޮޕަރޭޝަން ފަށައިފިނަމަ، ގިނަ ބަޔަކު ކޮރޯނާވައިރަސްއަށް ހުށަހެޅިގެން ދާނެކަމަށެވެ. އެހެންކަމުން އަންނަ މާރޗުމަހުގެ 11 ގެ ކުރިން އެއްވެސް ކާރުޚާނާއެއް ކުންފުންޏެއް ގެ އޮޕަރޭޝަން ނުހިންގަން ޢާންމުކޮށް އަންގާ އިޢުލާންކުރާ ކަމަށެވެ.
މި އިޢުލާނުން ބޭހާއި، މެޑިކަލްސް އަދި ޕާމަސޫޓިކަލް ކުންފުނިތައް އިސްތިސްނާވެގެންވާކަމަށް ހުބެއި ޕްރޮވިންޝިއަލް ސަރުކާރުން ބުނެއެވެ.
ކޮރޯނާވައިރަސްއާއި ހަނގުރާމަކުރުމަށް ކުރަމުންދާ މަސައްކަތައް މާލީ އެހީތެރިކަން ބޭނުންވޭ: ޑަބްލިއުއެޗްއޯ
ސްވިޒަރލޭންޑުގެ ޖެނީވާގައި ވާހަކަފުޅު ދައްކަވަމުން ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އެދެނޯމް ގެބްރޔޭސަސް ވިދާޅުވީ، ކޮރޯނާވައިރަސް މެނޭޖުކުރެވޭ ޙާލަތުގައި އޮތްވާ، އެކަމަށް އެކަށިގެންވާ ފިޔަވަޅު އަޅަން ބޭނުންވާކަމަށާއި، މިކަން ކުރެވެން އަންނަނީ ބައިނަލްއަޤުވާމީ ޤައުމުތަކުގެ މާލީ އެހީތެރިކަމާއިއެކުގައި ކަމަށެވެ.
އެ ޖަމްޢިއްޔާއިން ކޮރޯނާވައިރަސް ރެސްޕޮންސް ޕްލޭނަށް ބޭނުންވާ 675 މިލިއަން ޑޮލަރުގެ ބައިނަލްއަޤުވާމީ އެހީއަށް އެދިފައިވާއިރު، މެންބަރު ޤައުމުތަކުން އެހައި އީޖާބީ ގޮތެއްގައި އެހީތެރިކަން ފޯރުކޮށްދެމުން ނުދާކަން ގެބްރިޔޭސަސްވަނީ ފާހަގަކުރައްވާފައެވެ. ޤައުމުތަކުން އެހީތެރިކަން ފޯރުކޮށްދެމުންދާ މިންވަރު މަދުކަމާއި، އަދި ކޮރޯނާވައިރަސްއާއި މެދު އެހައި ސީރިއަސްކޮށް ނުދެކޭތީ އެކަމާއި ހައިރާންވެވަޑައިގަންނަވާ ކަމަށް ވިދާޅުވެ، ވަގުތު ފާއިތުވެ ނުދަނީސް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަޤުވާމީ ޤައުމުތަކައް ގޮވާލާފައެވެ.
އޭނާ ވިދާޅުވީ ވައިރަސް ޗައިނާއިން ބޭރުވެ، އެހެން ޤައުމުތަކައް އޭގެ ބިރުވެރިކަން ވެރިވެދާނެކަމަށެވެ. ނޮވެލް ކޮރޯނާވައިރަސް އަކީ ނުރައްކާތެރި އަދި މަދަނީ ދުޝްމަނެއްގެ ގޮތުގައި ގެބްރިޔޭސަސްވަނީ ސިފަކުރައްވާފައެވެ.
ކޮރޯނާވައިރަސްގެ ސަބަބުން ޖަރުމަނާއި ސައުތު ކޮރެއާގެ އިޤްތިސާދަށް ލޮޅުން އަރާފައި
ކޮރޯނާވައިރަސްގެ ސަބަބުން ޖަރުމަނާއި ސައުތު ކޮރެއާގެ އިޤްތިސާދަށް ވަނީ ލޮޅުން އަރާފައި، އެގޮތުން މި ދެ ޤައުމުގެ ބޮޑެތި ކުންފުނިތަކައި ވިޔަފާރި ތަކަކީ ޗައިނާއިން ސަޕްލައިކުރާ ތަކެތި ބޭނުންކޮށް އެއަށް ބަރޯސާވެފައިވާ ވިޔަފާރިތަކެއް،
އޭގެ އިތުރުން، ޖަރުމަނުގެ އެކްސްޕޯޓްވެސް ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާކަމަށް ރިޕޯޓްތައް ބުނޭ، އޭގެ އިތުރުން، ޗައިނާއަކީ އެ ޤައުމުގެ މައިގަނޑު އެއް ޓްރޭޑް ޕާޓްނަރު.
ސައުތު ކޮރެއާގައިވެސް މިހިނގާ ފެބްރުއަރީ މަހުގައި އެކްސްޕޯޓް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައި،
ޑައިމަންޑް ޕްރިންސަސް އިން އޮސްޓްރޭލިއާއަށް ގެންދިޔަ 2 މީހަކު ކޮރޯނާވައިރަސްއަށް ޕޮޒިޓިވް
ޑައިމަންޑް ޕްރިންސަސް އިން އޮސްޓްރޭލިއާއަށް ގެންދިޔަ 2 މީހަކު ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެއްޖެއެވެ.
އޮސްޓްރޭލިއާގެ ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި ޑައިމަންޑްޕްރިންސަސް އިން ވަނީ 164 މީހަކު އަނބުރާ ގައުމަށް ގެންގޮސްފައެވެ. އަދި އެމީހުން މިވަގުތު ތިބީ ހޮވާޑްގެ ސްޕްރިންގްސް ކަރަންޓީން ފެސިލިޓީގައި 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީން ކޮށްފައެވެ.
އަދި މީގެ ތެރެއިން 6 މީހެއްގެ ގައިން ޝައްކުކުރެވޭ ކަންތައްތަކެއް ފެނިގެން ޓެސްޓްކުރި އިރު 2 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށް އޮސްޓްރޭލިއާގެ ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
ކޮރޯނާވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 2244 އަށް!
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮރޯނާ ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 2244 އަށް އަރައިފިއެވެ.
ނޮވެލް ކޮރޯނާވައިރަސް ފެތުރިގެން އައި މަރުކަޒު ހުބޭ ޕްރޮވިންސްގެ ހެލްތް އޮތޯރިޓީން ހާމަކޮށްފައިވާ ގޮތުގައި ބުރާސްފަތި ދުވަހުގެ ނިޔަލަށް އެކަނިވެސް އެ ޕްރޮވިންސުން ވަނީ 115 މީހަކު މަރުވެފައެވެ. އަދި މިއާއެކު ޗައިނާއިން މަރުވި މީހުންގެ އަދަދު ވަނީ 2144 އަށް އަރާފައެވެ.
ހުބޭ ޕްރޮވިންސުން ވަނީ ބުރާސްފަތި ދުވަހުގެ ނިޔަލަށް އިތުރު 411 މީހަކު ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވި ކަމަށް ބުނެފައެވެ. އަދި މިއާއެކު ހުބޭ ޕްރޮވިންސުން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 62422 އަށް އަރާފައެވެ.
ޗައިނާއިން އެކަނި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 2233 އަށް އަރާފައެވެ. އަދި އެހެނިހެން ގައުމުތަކުގައި މަރުވި މީހުންގެ އަދަދަކީ މިހާރު 11 އެވެ. މިއާއެކު ޖުމްލަ މަރުވި މީހުންގެ އަދަދު ވަނީ 2244 އަށް އަރާފައެވެ.
ޖަޕާނުން ވަނީ 3 މީހަކު މަރުވިކަމަށް ބުނެފައެވެ. އަދި ހޮންކޮންގ އަދި އިރާނުން ވަނި 2 މީހަކު މަރުވި ކަން ހާމަކޮށްފައެވެ. މީގެ އިތުރުން ތައިވާން، ފިލިޕިންސް، ސައުތުކޮރެއާ އަދި ފުރާންސް، މިއިން ކޮންމެ ގައުމަކުން ވަނީ އެކަކު މަރުވިކަމަށް އިއުލާންކޮށްފައެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮރޯނާވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 76154 އަށް އަރާފައެވެ.
ކޮރޯނާވައިރަސްގެ އަސަރު ދުނިޔޭގެ އިޤްތިޞާދަށް ދަނީ ކުރަމުން: އައިއެމްއެފް
ކޮރޯނާވައިރަސްގެ ނުރައްކާ ދުނިޔޭގެ އިޤްތިޞާދަށް ކުރާނެ ކަމުގެ އިންޒާރު އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް އައިއެމްއެފުން ދީފިއެވެ.
2020ވަނަ އަހަރުގެ ދުނިޔޭގެ އިޤްތިޞާދީ ތަޞައްވަރު ބަޔާންކޮށް އައިއެމްއެފުން ޢާންމު ކުރި ރިޕޯޓުގައި ބުނެފައިވަނީ، ނޮވެލް ކޮރޯނާވައިރަސްގެ ސަބަބުން ޗައިނާގެ އިޤްތިޞާދު އަނދަވަޅަކަށް ވެއްޓިފައިވާ ކަމަށެވެ. އަދި ދިގުރާސްތަކާއަށް ބަލާއިރު، ދުނިޔޭގެ އިޤުތިޞާދަށް މީގެ ނުރައްކާ ބޮޑުކަމަށް ރިޕޯޓުގައި ވެއެވެ.
ޑައިމަންޑް ޕްރިންސެސްގައި ތިބި އިންޑިއާ ރައްޔިތުންނަށް ދަނީ ފަރުވާ ދެމުން: އިންޑިއާ ސަރުކާރު
އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއަރޒްގެ ތަރުޖަމާނު ރަވީޝް ކުމާރު ވިދާޅުވީ، ޖަޕާނުގެ ކްރޫސްލައިނަރ، ޑައިމަންޑް ޕްރިންސެސްގައި އިންޑިއާގެ 132 ފަޅުވެރިންނާއި 6 ފަސިންޖަރުން އެބަތިބި ކަމަށެވެ. މީގެތެރެއިން 8 މީހުން ނޮވެލް ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެފައިވާއިރު، އެމީހުން ކަރަންޓީންކޮށްގެން ޖަޕާނުގެ ސަރުޚާރުގެ ބެލުމުގެ ދަށުން ފަރުވާކުރަމުން އަންނަކަމަށެވެ. އަދި އެމީހުންނާއި ބެހޭ މަޢުލޫމާތު އިންޑިއާގެ ކަމާއި ބެހޭ ފަރާތްތަކާއި ޙިއްސާކުރަމުންދާކަމަށް ރަވީޝް ވިދާޅުވިއެވެ.
ޗައިނާއަށް ދަތުރުކުރުމުގެ އިންޒާރު އިންޑިއާ ސަރުކާރުން އުވާލައިފި
ޗައިނާއަށް ދަތުރުކުރުމުގެ އެއްވެސް ހުރަކެއް ނެތް ކަމަަށް އިންޑިއާ ސަރުކާރުން ބުނެފިއެވެ. މިކަން ހާމަކުރައްވާ ވެރިރަށް ނިއުދިއްލީގައި ވާހަަފުޅު ދައްކަވަމުން އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއަރޒްގެ ތަރުޖަމާނު ރަވީޝް ކުމާރު ވިދާޅުވީ އިންޑިއާއި ޗައިނާއާއި ދެމެދު ދަތުރުކުރުމުގެ ހުއްދަ މިހާރު ސަރުކާރުން ދީފައިވާކަމަށެވެ. އެގޮތުން، އިންޑިއާ ރައްޔިތުންނަށް ޗައިނާއަށް ދަތުރުކުރެވޭއިރު، ޗައިނާ ރައްޔިތުންނަށްވެސް މިހާރު އިންޑިއާއަށް ދަތުރުކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.
ޗައިނާއަށް ދަތުރުކުރުމުގެ އިންޒާރު އިންޑިއާ ސަރުކާރުން އުވާލައިފި
ޗައިނާއަށް ދަތުރުކުރުމުގެ އެއްވެސް ހުރަކެއް ނެތް ކަމަަށް އިންޑިއާ ސަރުކާރުން ބުނެފިއެވެ. މިކަން ހާމަކުރައްވާ ވެރިރަށް ނިއުދިއްލީގައި ވާހަަފުޅު ދައްކަވަމުން އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއަރޒްގެ ތަރުޖަމާނު ރަވީޝް ކުމާރު ވިދާޅުވީ އިންޑިއާއި ޗައިނާއާއި ދެމެދު ދަތުރުކުރުމުގެ ހުއްދަ މިހާރު ސަރުކާރުން ދީފައިވާކަމަށެވެ. އެގޮތުން، އިންޑިއާ ރައްޔިތުންނަށް ޗައިނާއަށް ދަތުރުކުރެވޭއިރު، ޗައިނާ ރައްޔިތުންނަށްވެސް މިހާރު އިންޑިއާއަށް ދަތުރުކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.
ވުހާން ސިޓިގައި ތިބި ޕާކިސްތާނު ދަރިވަރުން އެސިޓީން ބޭލުމަށް އެކުދިންގެ ބެލެނިވެރިން ސަރުކާރަށް 3 ދުވަހުގެ މުހުލަތެއް ދީފި
ޗައިނާގެ ވުހާން ސިޓިގައި ތާށިވެފައި ތިބި ޕާކިސްތާނުގެ ދަރިވަރުން 3 ދުވަހުގެ ތެރޭގައި ވުހާން ސިޓީން ބޭލުމަށް އެ ދަރިވަރުންގެ ބެލެނިވެރިން ސަރުކާރަށް އިންޒާރު ދީފިއެވެ.
ޕާކިސްތާނުގެ 1000 ދަރިވަރުން ވުހާން ސިޓިގައި ތިބި އިރު، ޕާކިސްތާނު ސަރުކާރުން ވަނި އެކުދިން އަނބުރާ ޤައުމަށް ނުގެންނަން ނިންމާފައެވެ. ދިމާވެދާނެ ނުރައްކަލަކައްޓަކައި ސަރުކާރުން މިގޮތައް ނިންމި ނަމަވެސް، އެކުދިންގެ ބެލެނިވެރިން ދަނީ މިކަމާއި ކަންބޮޑުވުން ފާޅުކޮށް، ނުރުހުމުގައި ސަރުކާރަށް ފާޑުކިޔާ ފިއްތުންތައް ކުރިމަތިކުރަމުންނެވެ. އެންމެފަހުން މިއަދު މިވަނީ ސަރުކާރަށް އިންޒާރުދީ، އެކުދިން ވުހާން ސިޓީން ބާލަން ސަރުކާރަށް މުހުލަތެއް ދީފައެވެ.
އެއަރ އިންޑިއާއިން ޗައިނާއަށް ކުރަމުން އައި ތާވަލު ފްލައިޓުތައް ޖޫން 30 އާއި ހަމަޔަށް މެދުކަނޑާލައިފި
ޗައިނާއަށް ކުރަމުންދާ ތާވަލު ދަތުރުތަކުގެ ތަފުޞީލު ހާމަކޮށް އެއަރ އިންޑިއާއިން ޢާންމުކޮށްފައިވާ ނޫސްބަޔާނެއްގައި ވަނީ، ޗައިނާގެ އެތެރޭގައި މިހާރު ކަންކަން ވަމުންދާ ގޮތައް ބެލުމަށް ފަހު، ޖޫންމަހުގެ 30 އާއި ހަމަޔަށް ތާވަލު ދަތުރުތައް މެދުކަނޑާލަން ނިންމާފައިވާކަމަށެވެ. އިންޑިއާގެ ވެރިރަށް ނިއުދިއްލީން ޗައިނާގެ ޝަންހާއީއަށް ކުރަމުން އައި ދަތުރުތައް އެއަރ އިންޑިއާއިން ޖެނުއަރީ 31 ވަނަ ދުވަހު މެދުކަނޑާލީ، ޖެނުއަރީ 31 ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު އަލުން ފަށާނެކަމަށް ބުނެފައެވެ. އެހެންނަމަވެސް ދަތުރު އަލުން ނުފަށާ 5 ދުވަސްވެފައި އޮތުމަށް ފަހު މިއަދު އިޢުލާން ކުރީ ޖޫންމަހުގެ 30 ވަނަ ދުވަހާއި ހަމަޔަށް މެދުކަނޑާލި ވާހަކައެވެ.
ޗައިނާގައި ތިބި އިންޑިއާ މީހުން ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން: އިންޑިއާ ސަރުކާރު
އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއަރޒްގެ ތަރުޖަމާނު ރަވީޝް ކުމާރާއި ޙަވާލާދީ އިންޑިއާގެ ނޫސްތަކުން ޚަަބަރުފަތުރާގޮތުގައި، ޗައިނާގެ ވުހާން ސިޓިގައި ބާކީ ތިބި އިންޑިއާގެ 100 މީހުން އަނބުރާ ޤައުމަށް ގެނައުމުގެ މަޝްވަރާތައް ޗައިނާ ސަރުކާރާއެކު ދަނީ ކުރަމުންނެވެ. އަދި ޗައިނާ ސަރުކާރުން ހުއްދަދޭ އިރަށް އަސްކަރީ މަތިންދާ ބޯޓެއްގައި އެމީހުން ގެންނާނެކަމަށާއި، އެ ބޯޓުގައި ވުހާން ސިޓީއަށް ހަދިޔާ ކުރަން ޞިއްޙީ އާލާތްތައް ގެންދާނެކަމަށްވެސް ރަވީޝް ވިދާޅުވިއެވެ.
އިންޑިއާއިން މިހާރު ތިބީ ޗައިނާ ސަރުކާރުން ހުއްދަ ދޭނެ ވަގުތެއްގެ އިންތިޒާރުގައެވެ. މީގެކުރިން ދެފަހަރެއްގެ މަތިން އިންޑިއާގެ ދަރިވަރުން ވުހާން އިން ބޭރުކޮށް، ޗާޓަރު ފްލައިޓުތަކުގައި ވެރިރަށް ދިއްލީއަށް ގެނެސްފައިވެއެވެ. އަދި ކެރަލާ ސިޓީގެ މީހުން ބެންކޮކް މަގުން ކޮޗިންއަށް ގެނެސްފައިވެއެވެ.
ކަޒަޚްސްތާނުގައި ތިބި ޗައިނާ ރައްޔިތުން ޑީޕޯޓުކުރުމާމެދު ވިސްނަނީ
ޗައިނާގައި ނޮވެލްކޮރޯނާ ވައިރަސް ހަލުވިކަމާއެކު ފެތުރެމުންދާތީ، އެޤައުމުގައި އިންވެގެން އޮންނަ ކަޒަޚްސްތާނުގައި ދިރިއުޅޭ ޗައިނާގެ މަސައްކަތްތެރިން ޑީޕޯޓް ކޮށްފާނެ ކަމުގެ އިޝާރާތެއް ކޮށްފިއެވެ. ކަޒަޚްސްތާނުގެ ޑާލާ ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި އެޤައުމުގެ އިރުމަތީ ޒައިސާން ޞަރަޙައްދުގެ ގަވަރުނަރ ޑެނިއެކް އަޚްމެތޯފް ވިދާޅުވީ، ޒައިސާން ޞަރަޙައްދަކީ ޗައިނާއާއި އިންވެގެން އޮންނަ އަވަށަކަށްވެފައި، އެއަވަށުގައި ޗައިނާގެ ގިނަ ޢަދަދެއްގެ މަސައްކަތްތެރިން އެއަވަށުގައި ދިރިއުޅެމުންދާކަމަށެވެ. އެހެންކަމުން އެއަވަށުގެ މީހުން އެކަމާއި ކަންބޮޑުވެ، މޭޔަރަށް އެކަން ދެންނެވުމުން، ޗައިނާ މީހުން ބާލާނެކަމަށް އެމީހުންނަށް ވަޢުދުވެފައިވާކަމަށެވެ.
އެހެންނަމަވެސް ސަރުކާރުން އެފަދަ ނިންމުމެއް އަދި ނިންމާފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.
ޗައިނާގައި ހަލުވިކަމާއެކު ނޮވެލް ކޮރޯނާވައިރަސް ފެތުރުމާއި ގުޅިގެން ކަޒަޚްސްތާނު ސަރުކާރުން ވަނީ ދެޤައުމުގެ ގުޅޭ ޞަރަޙައްދީ އިން ބަންދުކޮށް، ޗައިނާ މީހުން އެޤައުމަށް އެތެރެވުން ހުއްޓުވާފައެވެ. އެހެންނަމަވެސް ކަޒަޚްސްތާނުގައިކުރިން ވަދެ ތިބި މީހުން ބޭރުކުރުމަށް އެއްވެސް ނިންމުމެއް މިހާތަނަށް އައިއިރު ނިންމާފައެެއް ނުވެއެވެ.
ކަޒަޚްސްތާނު މީހަކު އަދި ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެފައެއް ނުވެއެވެ.
އަންނަ ހަފުތާގައި ވެސް ޗައިނާ މީހުން އޮސްޓްރޭލިއާއަށް އެރުމުގެ ހުއްދައެއް ނެތް
އަލްޖަޒީރާއަށް ދެއްވި ބަސްދީގަތުމެއްގައި އޮސްޓްރޭލިއާގެ ބޮޑުވަޒީރު، ސްކޮޓް މޮރިސަން ވިދާޅުވީ، އަންނަ ހަފުތާގައި ވެސް ޗައިނާ މީހުން އެޤައުމަށް ނޭރުވުމަށް ސަރުކާރުން ނިންމާފައިވާކަމަށެވެ. މިފަދަ ހަރުކަށި ފިޔަވަޅެއް އެޅުއްވީ، މި ދަނޑިވަޅުގައި ޗައިނާ މީހުންނަށް އޮސްޓްރޭލިޔާއަށް ވަންނަން ފުރުޞަތު ދީފިނަމަ، އޮސްޓްރޭލިއާގެ ރައްޔިތުން ނޮވެލް ކޮރޯނާވައިރަސްއަށް ހުށަހެޅުމުގެ ފުރުޞަތު ބޮޑުވެދާނެތީ ރައްކާތެރިކަމެއްގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.
މޮރިސަން ވިދާޅުވީ، އޮސްޓްރޭލިއާގެ "ދަ ނެޝަނަލް ސެކިއުރިޓީ ކޮމިޓީ އޮފް ކެބިނެޓް" އިން ފެބްރުއަރީމަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާއާއި، ޗައިނާއަށް ދަތުރުކޮށްފައިވާ އެހެން ޤައުމުތަކުގެ ރައްޔިތުން އޮސްޓްރޭލިއާއަށް އެރުވުން މަނާކުރަން ނިންމާފައިވާކަމަށެވެ.
މިޞްރުގެ ޤައުމީ އެއަރލައިނުން ޗައިނާއަށް އަލުން ދަތުރުތައް ފަށަނީ
މިޞްރުގެ ޤައުމީ އެއަރ ލައިން "އިޖިޕްޓްއެއަރ" އިން ޢާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އަންނަ ހަފުތާއިން ފެށިގެން ޗައިނާއަށް ތާވަލު ދަތުރުކުރަން ނިންމާފައިވާކަމަށެވެ. އެގޮތުން ކޮން ހަފުތާއެއްގެ ބުރާސްފަތި ދުވަހު އެއް ތާވަލު ފްލައިޓް ޗައިނާއަށް ކުރާނެކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
"އިޖިޕްޓްއެއަރ" ގެ ދަތުރުތައް ފެބްރުއަރީ މަހުގެ ކުރީ ކޮޅު ވަގުތީ ގޮތުން ހުއްޓާލީ، ޗައިނާގައި ހިފެހެއްޓުމެއް ނެތި ނޮވެލް ކޮރޯނާވައިރަސް ފެތުރެމުންދާތީއާއި، އެ ވައިރަސްގައި ގިނަ ޢަދަދެއްގެ މީހުން މަރުވަމުންދާތީއެވެ. އަލުން ފަށަން ނިންމީ ކުރިޔާ އަޅާބަލާއިރު، ވައިރަސް ޖެހޭ މީހުންނާއި، ވައިރަސްގައި މަރުވާ މީހުންގެ ޢަދަދު ނިޞްބަތުން މަދުވުމާއި، ފަރުވާއަށް ފަހު ގިނަ ބަޔަކު ރަނގަޅުވަމުންދާތީކަމަށް "އިޖިޕްޓްއެއަރ" އިން ބުނެއެވެ.
ދެކުނު ކޮރެއާގައި މީހަކު ކޮރޯނާވައިރަސް ޖެހިގެން މަރުވެއްޖެ
މިކަން ހާމަކޮށް ދެކުނު ކޮރެއާ ސަރުކާރުން ޢާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ، މިއަދުގެ ވަގުތެއްގައި އެޤައުމުގެ އުމުރުން 63 އަހަރުގެ ފިރިހެނަކު، ކޮރޯނާވައިރަސްއަށް ފަރުވާދެމުން ދަނިކޮށް ބަލި ޙާލު ދެރަވެގެން މަރުވެފައިވާކަމަށެވެ. މިއީ ދެކުނު ކޮރެއާއިން މި ވައިރަސްގައި މީހަކު މަރުވި ފުރަތަމަ ފަހަރެވެ.
އެ ބަޔާނުގައިވާ ގޮތުން، މިއަދު އެކަނިވެސް، އެޤައުމުގައި އިތުރު 53 މީހުން ވަނީ ނޮވެލް ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެފައެވެ. މިއާއެކު، ދެކުނު ކޮރެއާގައި ކޮރޯނާވައިރަސް ޖެހުނު މީހުންގެ ޢަދަދު ވަނި 104 އަށް އަރާފައެވެ.
ޑައިމަންޑް ޕްރިންސެސް: ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ އަަދަދު 634ށް އަރައިފި
ޖަޕާނުގެ ހެލްތު މިނިސްޓްރީން ޢާންމު ކުރި ބަޔާނެއްގައި ބުނެފައިވަނީ، އެޤައުމުގެ ޔޮކޮހާމާ ސިޓީގައި ބަނދަރުކޮށްފައިވާ ކްރޫސްލައިނަރ "ޑައިމަންޑް ޕްރިންސެސް" ގައި ތިބި މީހުންގެ ތެރެއިން މިއަދު އެކަނިވެސް 52 މީހުން ކޮރޯނާވައިރަސްއަށް ޓެސްޓުކުރި ކަމަށާއި، އޭގެތެރެއިން 13 މީހުން ވައިރަސްއަށް ޕޮޒިޓިވްވެފައިވާކަމަށެވެ. މިއާއެކު ކްރޫސްލައިނަރ އިން މިހާތަނަށް މި ވައިރަސްއަށް ޕޮޒިޓިވްވީ މީހުންގެ ޢަދަދު ވަނީ 634 އަށް އަރާފައެވެ.
ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހުން ފެށިގެން މި ކްރޫސްލައިނަރ ގައި ވަނީ ކަރަންޓީންގެ އަމުރު އިޢުލާންކޮށްފައެވެ. އެހެންނަމަވެސް އިއްޔެއިން ފެށިގެން ޖަޕާނު ސަރުކާރުން ވަނީ އޭގައި ތިބި އެހެން ޤައުމުތަކުގެ މީހުން އަނބުރާ ޤައުމަށް ދިއުމުގެ ހުއްދަދީފައެވެ. އީރާނާއި ކެނެޑާއިން މިއަދު ވަނީ އެޤައުމުތަކުގެ މީހުން އަނބުރާ ޤައުމަށް ގެންގޮސްފައެވެ.
ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމުގެ ބޭނުމުގައި އީރާނުގެ ޤޫމް ސިޓިގައި ދީނީ އެއްވުން ބޭއްވުން މަނާކޮށްފި
އީރާނުގެ ދައުލަތުގެ މީޑިއާއިން ޚަބަރުފަތުރާގޮތުގައި، އީރާނުގެ ސަރުކާރުން ޤޫމް ސިޓީގައި އެއްވެސް ބާވަތެއްގެ ދީނީ އެއްވުން ބޭއްވުން މަނާކުރީ، އީރާނުން 5 މީހުން ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެ އޭގެއިން 2 މީހުން މަރުވުމާއި ގުޅިގެން، ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.
އީރާނުގެ ސަރުކާރުގެ ތަރުޖަމާނު ކިއާނުޝް ޖަހާންޕޫރު ވިދާޅުވެފައިވަނީ، މިއަދު ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވީ މީހުންގެ ތެރެއިން ދެމީހުންނަކީ، ވެރިރަށް ތެހެރާނުގެ ޤޫމް ސިޓީގެ މީހުން ކަމަށެވެ. އަދި އަނެއް މީހާއަކީ އަރަކް ސިޓީގެ މީހެއްކަމަށެވެ. އަދި ޤޫމް ސިޓީގައި ދީނީ އެއްވުންތައް ބޭއްވުން މަނާކުރީ، މި އެއްވުންތަކަކީ ގިނަ ޢަދަދެއްގެ މީހުން ހާޒިރުވާ އެއްވުންތަކަކައް ވެފައި، މިދަނޑިވަޅުގައި ގިނަ ބަޔަކު އެއްތަނަކުން އެއްވެއްޖެނަމަ، ވައިރަސް ފެތުރުމުގެ ފުުރުޞަތު ބޮޑުކަމުން ކަމަށެވެ.
ކޮރޯނާވައިރަސްގެ ބަލިމަޑުކަމާއި ގުޅިގެން ސްވިޒަރލޭންޑުގައި ބާއްވަން ތާވަލުކުރި ޞިއްޙީ ދާއިރާގެ ބޮޑު ސަމިޓު ފަސްކޮށްފި
އަންނަ ހަފުތާގައި ސްވިޒަރލޭންޑުގައި ބާއްވަން ހަމަޖެހިފައިވާ ހެލްތު މިނިސްޓަރުންގެ ބައްދަލުވުން ފަސްކޮށްފިއެވެ.
މިމަހުގެ 27-28 އަށް ސްވިޒަރލޭންޑުގެ ހުޅަނގު މޮންޓްރޫޒްގައި ބޭއްވުމަށް ހަމަޖެހިފައިވާ " ދަ މިނިސްޓީރިއަލް ސަމިޓް އޮން ޕޭޝަންޓް ސޭފްޓީ" ފަސްކުރީ ޔޫރަޕުގެ ބައެއް ޤައުމުތަކުގައި ކޮރޯނާވައިރަސް ފެތުރެމުންދާތީ، ބައެއް ޤައުމުތަކުގެ ހެލްތު މިނިސްޓަރުންނާއި، މި ދާއިރާގެ އިސް މަސްއޫލުވެރިންނަށް ސަމިޓުގައި ބައިވެރިވުމަށް އުދަނގޫވާތީއެވެ.
ސަމިޓު ފަސްކުރިކަން އިޢުލާންކުރިނަމަވެސް، އަލުން ތާވަލުކޮށްފައެއް ނުވެއެވެ.
ޕާކިސްތާނު ދަރިވަރުން ވުހާން ސިޓީގައި ބައިތިއްބަން ޕާކިސްތާނުން ނިންމުން، އެއީ ރަނގަޅު ނިންމުމެއް: ޗައިނާ
ހަލުވިކަމާއެކު ކޮރޯނާވައިރަސް ފެތުރެމުންދާ ޗައިނާގެ ވުހާން ސިޓީގައި ތިބި ޕާކިސްތާނުގެ ދަރިވަރުން އަނބުރާ ޤައުމަށް ނުގެންދަން ޕާކިސްތާނު ސަރުކާރުން ނިންމު ނިންމުމަށް ޗައިނާ ސަރުކާރުން ތާއީދުކޮށްފިއެވެ.
ޕާކިސްތާނުގެ ކަރާޗީގައި ހުންނަވާ ޗައިނާގެ ކޮންސުލް ޖެނެރަލް ލީ ބިޖިއާން ވިދާޅުވީ، ވުހާން ސިޓިގައި ތާށިވެފައި ޕާކިސްތާނުގެ 1000 ދަރިވަރުން އެބަތިބި ކަމަށާއި، އެ ދަރިވަރުން ޕާކިސްތާނަށް ގެނެސްފިނަމަ، އެޤައުމަށް ޞިއްޙީގޮތުން ބޮޑު ގެއްލުމަކާއި ކުރިމަތިލާން ޖެހިދާނެކަމަށެވެ. އަދި ކަރަންޓީން ކުރާނެ މަރުކަޒުތައް ތައްޔާރުނުކުރެވި ހުރެ، އެ ދަރިވަރުން ޕާކިސްތާނަށް ގެނެސްފިނަމަ، ކޮރޯނާވައިރަސްގެ ބަލިމަޑުކަމަކާއި ޕާކިސްތާނަށްވެސް ކުރިމަތިލާންޖެހިދާނެކަމަށެވެ.
އެހެންކަމުން މިދަނޑިވަޅުގައި ޕާކިސްތާނަށްވެސް އެންމެ ރަނގަޅުގޮތަކީ އެ ދަރިވަރުން ވުހާންގައި ބައިތިއްބައިގެން އެހީތެރިވެދިނުންކަމަށް ކޮންސުލް ވިދާޅުވިއެވެ. ޕާކިސްތާނުގެ ނިންމުމަށް ތާއީދުކުރައްވާ ކޮންސުލް ވާހަކަ ދައްކަވާފައި މިވަނީ، ދަރިވަރުންގެ ޢާއިލާތަކުން، އެމީހުން ނުގެނެސްގެން ސަަރުކާރަށް ފާޑުކިޔާ ފިއްތުންތައް ކުރިމަތިކުރުވަމުންދާ ދަނޑިވަޅެއްގައެވެ.
ކޮރޯނާވައިރަސް ޖެހިގެން މިއަދު ޗައިނާގައި 114 މީހުން މަރުވެއްޖެ
ޗައިނާގެ ނެޝަނަލް ހެލްތު ކޮމިޝަނުން ބުނާގޮތުގައި، މިއަދު ކޮރޯނާވައިރަސްއަށް ފަރުވާދެމުން ދިޔަ 114 މީހަކު ވަނީ މަރުވެފައެވެ. މިއާއެކު، އެޤައުމުގައި ކޮރޯނާވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 2،118 އަށް އަރާފައެވެ.
އެ ކޮމިޝަނުން ބުނާ ގޮތުގައި، މިއަދު އެކަނިވެސް 394 މީހުން ވަނީ ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެފައެވެ. މިއާއެކު އެޤައުމުގައި ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވީ މީހުންގެ ޢަދަދު ވަނީ 74،576 އަށް އަރާފައެވެ.
އުތުރު ކޮރެއާއިން ކޮވިޑް-19 ފެނިއްޖެނަމަ ޗައިނާއަށްވުރެ ނުރައްކާ ބޮޑުވާނެ: ސިއްޙީ ތަޖުރިބާކާރުން
ސިއްޙީ މާހިރުންނާއި ޙަވާލާދީ އަލްޖަޒީރާގައި ރިޕޯޓުކޮށްފައިވާ ގޮތުން މިހާތަނަށް އުތުރު ކޮރެއާއިން ކޮވިޑް- 19 ގެ އެއްވެސް ކޭސްއެއް ފެނިފައި ނުވިނަމަވެސް، މި ވައިރަސް އެ ޤައުމުން ފެނިއްޖެ ނަމަ ޗައިނާއަށްވުރެ ނުރައްކާ ބޮޑުވުމުގެ ފުރުޞަތު ބޮޑެވެ.
މުޅި ދުނިޔެއަށް ބަލާއިރު މިހާތަނަށް 75،000 މީހުންނަށް ވައިރަސްގެ އަސަރު ކޮށްފައިވާއިރު، އޭގެ ތެރެއިން 2000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އެގޮތުން ދެކުނު ކޮރެއާއިންވެސް މި ވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު ވަނީ 100 އިން މައްޗަށް އަރާފައެވެ.
ސިއްޙީ ތަޖުރިބާކާރުން ބުނާ ގޮތުގައި 25 މިލިއަނެއްހާ މީހުން ދިރިއުޅޭ އުތުރު ކޮރެއާއިން މި ވައިރަސް ފެނުމަކީ ނުރައްކާތެރި ކަމަކަށްވެދާނެތީ، އެ ޤައުމުން ވަނީ އެކަމަށް ތައްޔާރުވުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއްވެސް އަޅާފައެވެ. އެގޮތުން އެހެން ޤައުމުތަކުގައި ޢަމަލުކުރަމުންދާ ކަރަންޓީންގެ މުއްދަތަށްވުރެ، ދެގުނައަށް ކަަރަންޓީން މުއްދަތުގެ ގޮތުގައި ކަނޑައަޅާފައެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޗައިނާއާ ގުޅޭ ބޯޑަރުވެސް އެ ޤައުމުން ވަނީ ބަންދުކޮށްފައެވެ.
އުތުރުކޮރެއާގެ އެކި ހިސާބުތަކުގައި ސިއްޙީ ނިޒާމު އެކަށީގެންވާ ގޮތެއްގައި ޤާއިމުވެފައި ނުވާ އާބާދީތަކާއި، ކާބޯތަކެތީގެ ދަތިކަން ތަޙައްމަލު ކުރަމުންދާ ފަރާތްތަކައްވެސް ބިރު ބޮޑުވެފައިވާކަން ކަމާބެހޭ ތަޖުރިބާކާރުން ވަނީ ފާހަގަކޮށްފައެވެ.
ޗައިނާއާއި މެދު ދިވެހިން މިދަނޑިވަޅުގައި ބެހެއްޓި ގާތްކަން އަބަދުވެސް ހަނދާންކުރާނަން: ޗައިނާ އެމްބެސެޑަރ
ޗައިނާ އެމްބަސީގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި، އެމްބެސެޑަރ ޒެންގ ލިޒޯންގ ވިދާޅުވީ، ޗައިނާއިން ނޮވެލް ކޮރޯނާވައިރަސްއާއި ހަނގުރާމަކުރަމުންދާ މި ދަނޑިވަޅުގައި އެކި ފަންތީގެ ދިވެހިން ޗައިނާގެ ރައްުޔިތުންނާއި މެދު ބަހައްޓަމުން އަންނަ ގާތްކަން ދުވަހަކުވެސް ހަނދާން ނުނެތޭނަކަަމަށެވެ. ވަކިން ޚާއްޞަކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ޗައިނާގެ ރައީސް ޝީ ޖިންގޕިންގއަށް ސިޓީއެއް ފޮނުއްވުމާއި، ރާއްޖެއިން ޗައިނާއަށް އެއްމިލިއަން މަސްދަޅު ހަދިޔާ ކުރުމުން، އެކަން ފާހަގަކުރައްވާ ސަފީރުވަނީ ޝުކުރު އަދާކުރައްވާފައެވެ.
ސަފީރު ވިދާޅުވީ ރާއްޖޭގެ މިޢަމަލުން ދައްކުވައިދެނީ ކުޑަ އަދި ބިޔަ ޤައުމެއްގެ ދެމެދު އޮންނަ ބަދަހި ގުޅުންކަމަށެވެ.
އީރާނުން އިތުރު 3 މީހަކު ކޮރޯނާވައިރަސްއަށް ޕޮޒިޓިވް ވެއްޖެ
އީރާނުގެ ދައުލަތުގެ މީޑިއާއިން ޚަބަރު ފަތުރާގޮތުގައި ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވީ ވެރިރަށް ތެހެރާންގެ ދެކުނުގެ އަވަށެއް ކަމަށްވާ ޤޫމްއާއި އަރަކް ސިޓީންނެވެ. މިއާއެކު އިރާނުން ކޮރޯނާވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 5 އަށް އަރާފައެވެ. އަދި އިތުރު 5 މީހަކު ޝައްކު ކުރެވިގެން ޓެސްޓު ހަދަމުންދާކަމަށް ޚަބަރު ލިބެއެވެ. މިކަމާއި ގުޅިގެން ، ޤޫމް އަވަށުގެ ސްކޫލްތަކާއި ޔުނިވަރސީޓީތައް ބަންދުކުރަން އެޤައުމުގެ ތަޢުލީމާއި ބެހޭ ވުޒާރާއިން މިހާރު ވަނީ އަންގާ ސަރކިއުލަރއެއް ނެރެފައެވެ.
އީރާނުގައި މި ވައިރަސްޖެހިގެން ފަރުވާދެމުންދަނިކޮށް 2 މީހަކު މީގެ ކުރިން ވަނީ މަރުވެފައެވެ.
ޗައިނާއި ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވީ މީހުންގެ ތެރޭގައި ބޭރު ޤައުމެއްގެ 29 މީހުން ހިމެނޭ
ޗައިނާގެ ސްޓޭޓް ކައުންސިލް އިންފޮރމޭޝަން އޮފީހުން ހާމަކުރާ ގޮތުގައި ޗައިނާއިން ނޮވެލް ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވީ މީހުންގެ ތެރޭގައި، ބޭރު ޤައުމުތަކައް ނިޞްބަތްވާ 29 މީހުން ހިމެނޭ ކަމަށާއި، މީގެތެރެއިން 10 މީހުން ފެނުނީ ހުބެއި ޕްރޮވިންސުން ކަމަށެވެ. 29 މީހުންގެ ތެރެއިން 2 މީހުން މަރުވެފައިވާއިރު، 18 މީހުން ފަރުވާއަށް ފަހު ދޫކޮށްލާފައިވާކަމަށާއި، ބާކީ ތިބި 9 މީހުންނަށް އަދިވެސް އެކަހެރިކޮށްގެން ފަރުވާދެމުންދާކަމަށް އިނާގެ ސްޓޭޓް ކައުންސިލް އިންފޮރމޭޝަން އޮފީހުން ބުނެއެވެ.
މިމީހުންނާއި ބެހޭ ހުރިހައި މަޢުލޫމާތެއް އެމީހަކު ނިޞްބަތްވާ ޤައުމެއްގެ އެމްބަސީ ނުވަތަ ކޮންސިއުލޭޓާއި ޙިއްސާކޮށްފައިވާކަމަށްވެސް އެ އޮފީހުން ބުނެއެވެ.
ޑައިމަންޑް ޕްރިންސެސްގައި ތިބި ކޮރޯނާވައިރަސްއަށް ނެގެޓިވްވި ގިނަ ޢަދަދެއްގެ މީހުން މިއަދު އެއިން ފައިބައިިފި
ޖަޕާނުގެ ކްރޫސްލައިނަރ ޑައިމަންޑް ޕްރިންސެސްގައި ތިބި މީހުންގެން ތެރެއިން ނޮވެލް ކޮރޯނާވައިރަސްއަށް ނެގެޓިވްވީ މީހުން އެއިން ފޭބުމުގެ ހުއްދަ ޖަޕާނު ސަރުކާރުން ދީފިއެވެ. ޚަބަރުލިބިފައިވާ ގޮތުގައި މިއަދު ކްރޫސް ލައިނަރ އިން ފޭބުމުގެ ހުއްދަ ދިނީ އޭގައި ތިބި އިޒްރޭލާއި ކެެނެޑާ މީހުންނަށެވެ. މިއަދު އެކަނިވެސް 244 މީހުން ކްރޫސްލައިނަރ އިން ފޭބިކަމަށް ޖަޕާނުގެ ހެލްތު މިނިސްޓްރީން ބުނެއެެވެ.
ކްރޫސްލައިނަރގައި ތިިބި ގިނަ އަދަދެއްގެ މީހުންނަށް ކޮރޯނާވައިރަސް ޖެހިގެން އެ ކަރަންޓީން ކުރީ މީގެ ދެހަފުތާ ކުރިންނެވެ.
ކޮރޯނާވައިރަސްއަށް ޓެސްޓް ކުރަން ބޭނުންކުރާ ކިޓް ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ހަދިޔާކޮށްފި

ނޮވެލް ކޮރޯނާވައިރަސްއަށް މީހުން ޓެސްޓްކުރަން ބޭނުންކުރާ ކިޓްތަކެއް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
މި ކިޓްތަކާއި ރާއްޖޭގެ ފަރާތުން ޙަވާލުވެވަޑައިގެންނެވީ ހެލްތު މިނިސްޓަރެވެ.
ޑަބްލިއު އެޗްއޯއިން ރާއްޖެއަށް ހަދިޔާކުރީ 10 ކިޓެވެ. މި ބޭނުންކޮށްގެން 1،000 މީހުން ޓެސްޓް ކުރެވޭނެކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.
މިއީ ކޮރޯނާވައިރަސް ރައްކާތެރިވުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.
ޑައިމަންޑް ޕްރިންސެސްގައި، އިތުރު މީހަކު ކޮރޯނާވައިރަސްއަށް ޕޮޒިޓިވް ވެއްޖެ
ޖަޕާނު ސަރުކާރުން މިކަން ހާމަކޮށް ޢާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ޖަޕާނުުގެ ކްރޫސް ލައިނަރ ޑައިމަންޑް ޕްރިންސެސް އިން މިއަދު ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވީ އިންޑިއާ ރައްޔިތެއްކަމަށެވެ.
ފަޅުވެރިންނާއި ފަސިންޖަރުންނާއެކު ޖުމުލަ 3،711 މީހުން ތިބި މި ކްރޫސްލައިނަރގައި 621 މީހަކު ވަނީ ނޮވެލް ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެފައެވެ.