ކޮވިޑް-19: އެންމެ ފަހުގެ
ނޮވެލް ކޮރޯނާވައިރަސް ގުޅޭ އެންމެ ފަހުގެ މައުލޫމާތު:

ކޮރޯނާވައިރަސް
ތައިލެންޑުން އިތުރު ދެ މީހުންނަށް ކޮރޯނާވައިރަސް ޖެހިއްޖެ
ތައިލެންޑުން އިތުރު ދެ މީހުންނަށް ކޮރޯނާވައިރަސް ޖެހިފައިވާކަމަށް އެގައުމުން ބުނެފި އެވެ. އަލަށް މި ޖެހުނު ދެމީހުންނަކީ އުމުރުން 31 އަހަރުގެ މީހަކާއި 29 އަހަރުގެ މީހެކެވެ. އެއާއެކު ތައިލެންޑުން މިވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 37 ށް އަރާފަ އެވެ.
ސިންގަޕޯރުން ކޮރޯނާވައިރަސް ޖެހިފައިވާ އިތުރު މީހަކު ފެނިއްޖެ
ސިންގަޕޯރުން ކޮރޯނާވައިރަސް ޖެހިފައިވާ އިތުރު މީހަކު ފެނިފައިވާ ކަމަށް އެގައުމުން ބުނެފި އެވެ. އެއާއެކު އެގައުމުން މިވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 90 ށް އަރާފަ އެވެ. އެންމެ ފަހުން މިވައިރަސް ޖެހިގެން ރިޕޯޓްކޮށްފައިވަނީ 75 އަހަރު އަންހެނަކަށެވެ.
ދެކުނު ކޮރެއާއިން ކޮރޯނާވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 8 ށް
ދެކުނު ކޮރެއާއިން ކޮރޯނާވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 8 ށް އަރައިފިކަމަށް އެގައުމުން ބުނެފި އެވެ.
މިއީ އުމުރުން 67 އަހަރުގެ މީހެއް ކަމަށް އެގައުމުން ބުނެއެވެ.
ވިއްޓްނާމުން ކޮރޯނާވައިރަސް ޖެހުނު 16 މީހުން ރަނގަޅުވެފައިވާކަމަށް އެގައުމުން ބުނެފި
ވިއެޓްނާމުން ކޮރޯނާވައިރަސް ޖެހުނު 16 މީހުން ރަނގަޅުވެފައިވާކަމަށާއި އޭގެތެރޭގައި މިވައިރަސް ޖެހުނު 3 މަހުގެ ކުޑަކުއްޖާވެސް ހިމެނޭކަމަށް އެގައުމުން ބުނެއެވެ. އެކަކު މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވާއިރު އެހެން އެންމެން ދޫކޮށްލާފައިވާ ކަމަށް އެގައުމުން ބުނެ އެވެ.
ކުވައިތުން އިރާގަށް ދާ ފްލައިޓްތައް ކެންސަލްކޮށްފި
ކުވައިތުން އިރާގަށް ދާ ފްލައިޓްތަކާއި އިރާގުން އަންނަ ފްލައިޓްތައް ކެންސަލްކޮށްފި އެވެ.
ކުވައިތުން މި ފްލައިޓްތައް ކެންސަލްކޮށްފައި މިވަނީ އިރާގުން ކޮރޯނާވައިރަސް ފެނުމާ ގުޅިގެންނެވެ.
ކޮވިޑް-19: މުޅި ދުނިޔެއިން 79،0000ށް ވުރެ ގިނަ މީހުން ވައިރަސްއަށް ޕޮޒިޓިވް، 2،600 މަރު
ކުވޭތާއި، ބަހްރެއިނާއި، އަފްޣާނިސްތާނާއި، އިރާޤާއި، އޮމާނުން އިއްޔެ ވަނީ ފުރަތަމަ ފަހަރަށް މި ވައިރަސް ފެނިފައެފެ. ކުވޭތުން 3 ކޭސް، އޮމާނުން 2 ކޭސް، އަދި އިރާޤާއި ބަހްރެއިނުން، ކޮންމެ ޤައުމަކުން އެކަކު ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައެފެ.
އީރާނުން އިތުރު 61 މީހުން ޕޮޒިޓިވްވެ، 12 މީހުން މަރުވުމާއި ގުޅިގެން ތުރުކީވިލާތާއި، ޕާކިސްތާނާއި، އަރްމީނިއާއިން ވަނީ އިރާނާއި ގުޅޭ ޞަރަޙައްދީ އިން ބަންދުކޮށްފައެވެ.
ދެކުނު ކޮރެއާއިން 833 މީހުން ވައިރަސްއަށް ޕޮޒިޓިވްވެ، 7 މީހުން ވަނީ މަރުވެފައެވެ.
އިޓާލީ ވިލާތުން 299 މީހުން ވައިރަސްއަށް ޕޮޒިޓިވްވެ، 7 މީހުން ވަނީ މަރުވެފައެވެ.
މި ވައިރަސް އެންމެ ކުރިން ފެނުނު ޗައިނާއަށް ބަލާއިރު، އިއްޔެ އެކަނި އެޤައުމުން 150 މީހުން ވަނީ މި ވައިރަސްއަށް ޕޮޒިޓިވް ވެފައެވެ. ޗައިނާގެ ނެޝަނަލް ހެލްތު ކޮމިޝަނުން ބުނާގޮތުގައި، އެޤައުމުގައި 77،262 މީހުން މި ވައިރަސްއަށް ޕޮޒިޓިވްވެ، 2،595 މީހުން ވަނީ މަރުވެފައެވެ.
އިރާނާއި، ދެކުނު ކޮރެއާގެ ފަތުރުވެރިން ކަރަންޓީން ކުރަން ޤަތަރުން ނިންމައިފި
ޤަތަރު އެއަރވޭސް އިން ބުނެފައިވަނީ، އިރާނާއި ދެކުނު ކޮރެއާއިން އަންނަ ފަސިންޖަރުން ކަރަންޓީން ކުރުމަށް ސަރުކާރުން އަންގާފައިވާކަމަށެވެ. މީގެތެރޭގައި ސީދާ ފްލައިޓުންނާއި ޓްރާންސިޓް ފްލައިޓުން އަންނަ ފަސިންޖަރުންވެސް ހިމެނޭކަމަށެވެ.
މި ދެޤައުމުން އަންނަ ފަސިންޖަރުން 14 ވަންދެން އެކަހެރިކޮށް ބޭތިއްބުމަށް ޤަތަރުގެ ސަރުކާރުން ވަނީ ނިންމާފައެވެ.
ޤަތަރުން އަދި އެއްވެސް މީހަކު ކޮރޯނާވައިރަސްއަށް ޕޮޒިޓިވްއެއް ނުވެއެވެ.
ދެކުނު ކޮރެއާގައި މިއަދު އެކަނިވެސް 70 މީހުން ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވި
ދެކުނު ކޮރެއާގެ ޞިއްޙަތާއި ބެހޭ ވުޒާރާގެ އިސް މަސްއޫލުވެރިންނާއި ޙަވާލާދީ ބައިނަލްއަޤުވާމީ މީޑިއާތަކުން ރިޕޯޓުކުރާގޮތުގައި މިއަދު އެކަނިވެސް އެޤައުމުން 70 މީހުން ނޮވެލް ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވިއެވެ. މިއާއެކު އެޤައުމުގައި މި ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 833 އަށް އަރާފައެވެ.
ދެކުނު ކޮރެއާގައި މިވައިރަސްގައި 7 މީހުން ވަނީ މަރުވެފައެވެ.
ކޮރޯނާވައިރަސްގައި އީރާނުން މަރުވީ މީހުންގެ އަދަދު 12 އަށް އަރައިފި
އީރާނުގެ ހެލްތު މިނިސްޓްރީއައި ޙަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރާގޮތުގައި މިހާތަނަށް ކޮރޯނާވައިރަސްޖެހިގެން 12 މީހުން މަރުވެފައިވެއެވެ. އަދި 61 މީހުން މިވައިރަސްއަށް ޕޮޒިޓިވްވެފައިވާކަމަށް ރިޕޯޓުކޮށްފައިވެއެވެ.
އީރާނުގައި ހަލުވިކަމާއެކު ނޮވެލް ކޮރޯނާވައިރަސް ފެތުރެމުންދާއިރު، ބައެއް ފަރާތްތަކުން އެޤައުމާއި ބެހޭ ގޮތުން ޞައްޙަ ނޫން މައުލޫމާތު ފަތުރަމުންދާތީ އެޤައުމުގެ އިސް މަސްއޫލުވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެޤައުމުގެ ސަރުކާރުން ބުނެފައިވަނީ، ކަން ހިނގަމުންދާ ގޮތް މުޅި ދުނިޔެއަށް ހާމަކުރަމުންދާނެކަމަށެވެ.
އިރާޤުން ފުރަތަމަ ފަހަރަށް ކޮރޯނާވައިރަސް ޖެހިފައިވާ މީހަކު ފެނިއްޖެ
އިރާޤުން ކޮރޯނާވައިރަސް ޖެހިފައިވާ މީހަކު ފެނުނުކަން އެޤައުމުގެ މަސްއޫލުވެރިން ކަށަވަރުކޮށްދީފިއެވެ.
އެޤައުމުގެ ސަރުކާރުގެ ތަރުޖަމާނާއި ޙަވާލާދީ ބައިނަލްއަޤުވާމީ މީޑިއާއިން ރިޕޯޓުކުރާގޮތުގައި، އިރާޤުން ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވީ އެޤައުމުގައި ދިރިއުޅޭ އިރާނު މީހެކެވެ. އޭނާއަކީ އިރާޤުގެ ދެކުނު ނަޖަފް ސިޓީގައި، އެޤައުމުގެ ދީނީ ގްރޫޕުތަކުން ކުރިޔަށްގެންދާ ދިނީ ޕްރޮގުރާމެއްގައި ކިޔަވަމުންދާ ކުއްޖެއްކަމަށް ޚަބަރުލިބެއެވެ.
އިރާޤުން ނޮވެލްކޮރޯނާވައިރަސް ޖެހިފައިވާ މީހަކު ފެނުމާއި ގުޅިގެން އެޤައުމުން ވަނީ އެއްގަމު ޞަރަޙައްދީ އިން ބަންދުކޮށް، މީހުން އެތެރެވުން ހުއްޓާލާފައެވެ.
ރާޤުން ކޮރޯނާވައިރަސް ފެނުމާއެކު، މެދުއިރުމަތިން މިވައިރަސް ފެނުނު ޤައުމުތަކުގެ އަދަދު ވަނީ 8 އަށް އަރާފައެވެ.
ޓަރކިޝް އެއަރލައިންސްގެ ފްލައިޓުތައް އިރާނަށް ދަތުުރުކުރުން މެދުކަނޑާލައިފި
މިކަމާއި ގުޅޭގޮތުން ޓަރކިޝް އެއައރލައިނުން ޢާންމުކޮށްފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ، އީރާނުގެ މަޝްހަދު، އިސްފަހާން،ތަބްރީޒް އަދި ޝިރާޒް ސިޓީއަށް އެ އެއަރލައިނުން ކުރަމުން އައި ތާވަލު ފްލައިޓު ވަގުތީގޮތުން ހުއްޓާލާފައިވާ ކަމަށާއި، އެއަރލައިނަށް ގެއްލުންތަކާއި ކުރިމަތިލާންޖެހުނު ކަމުގައިވީ ނަމަވެސް، މި ފަދަ ފިޔަވަޅެއް އަޅަން ޖެހުނީ އެ ސިޓީތަކުން ކޮރޯނާވައިރަސް ފެންނަމުންދާތީކަމަށެވެ.
މީގެ އިތުރުން، ޓަރކިޝް އެއައރލައިނުން މިމަހުގެ 27 އާއި ހަމަޔަށް އިރާނުގެ ވެރިރަށް ތެހެރާން އަށް ކުރަމުންދާ ތާވަލުގެ ފްލައިޓުތަކުގެ މިންވަރުވެސް މަދުކޮށްފައެވެ. އެގޮތުން 27 ވަނަ ދުވަހާއި ހަމަޔަށް ދުވާލަކު ތެހެރާނަށް ކުރާނީ 2 ފްލައިޓްކަމަށް ޓަރކިޝް އެއައރލައިނުން ބުނެއެވެ.
ތުރުކީވިލާތުން ވަނީ، އެޤައުމާއި އިރާނާއި ގުޅޭ ޞަރަޙައްދީ އިންވެސް ބަންދުކޮށްފައެވެ. އަދި އީރާންގެ އެއަރލައިންތަކުގެ އިންކަމިންގ ފްލައިޓުތައްވެސް ކެންސަލްކޮށްފައެވެ.
ޗައިނާގައި 3،000ށް ވުރެ ގިނަ ޞިއްޙީ އެހީތެރިން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ
ޗައިނާގެ ނެޝަނަލް ހެލްތު ކޮމިޝަނުން ހާމަކުރާގޮތުގައި، އެޤައުމުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަށް 3000ށް ވުރެ ގިނަ ޞިއްޙީ ޚިދުމަތްތެރިން ޕޮޒިޓިވްވެފައިވާކަމަށެވެ. މީގެތެރޭގައި، ޑޮކްޓަރުންނާއި،ނަރުހުންނާއި. ލެބް ޓެކްނީޝަނުންނާއި، އަވަސް ފަރުވާދޭ އެހީތެރިން ހިމެނޭ ކަމަށެވެ. އިންފެކްޓްވީ މީހުންގެ ތެރޭގައި ގިނައީ ހުބެއި ޕްރޮވިންސްގެ މީހުންކަމަށް އެކޮމިޝަނުން ބުނެއެވެ.
އިޓަލީގައި ކޮރޯނާވައިރަސް ޖެހިގެން އިތުރު މީހަކު މަރުވެއްޖެ
އިޓަލީގައި 7 ވަނަ މީހަކު ނޮވެލް ކޮރޯނާވައިރަސް ޖެހިގެން މަރުވެއްޖެއެވެ. މަރުވީ އުމުރުން 80 އަހަރުގެ ފިރިހެއްނެކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. ހާޓް އެޓޭކެއް ޖެހިގެން މިމީހާ އިޓަލީގެ އުތުުރު ލޮޑީ އަވަށުގެ ހޮސްޕިޓަލެއްގައި އެޑްމިޓްކުރީ މިދިޔަ ހަފުތާގައި ކަމަށާއި، ފަރުވާދެމުން ދަނިކޮށް، އޭނާގެ ހަށިގަނޑުން ނޮވެލް ކޮރޯނާވައިރަސްގެ ޢަލާމާތްތައް ފެނިގެން ޓެސްޓްކުރިއިރު، ވައިރަސް އަށް ޕޮޒިޓިވްވި ކަމަށް އޮފިޝަލުން ބުނެއެވެ. އަދި ވައިރަސްއަށް ފަރުވާދެމުން ދަނިކޮށް ޙާލުދެރަވެ މިއަދު މަރުވީ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
މިއަދާއި ހަމަޔަށް އައިއިރު އިޓަލީގައި 220 މީހުން ވަނީ ނޮވެލް ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެފައެވެ
ތަޖިކިސްތާނުން އިރާނަށް ކުރަމުންދާ ވައިގެ ދަތުރުތައް މެދުކަނޑާލައިފި
މިކަން ހާމަކޮށް، ތަޖިކިސްތާނުގެ ސިވިލްއޭވިއޭޝަން އޭޖެންސީން ޢާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ އީރާނުގައި ހަލުވިކަމާއެކު ނޮވެލް ކޮރޯނާވައިރަސް ފެތުރެމުންދާތޯީ ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ވަގުތީ ގޮތުން އީރާނަށް ތާވަލު ފްލައިޓްތައް ކުރުން ހުއްޓާލާކަމަށެވެ. މީގެތެރޭގައި ދައުލަތުގެ އެއަރަލައިނާއި، އަމިއްލަ އެއަރލައިންތައްވެސް ހިމެނޭ ކަމަށެވެ.
އަަލުން ފަށާނީ އިރާނުގެ ޙާލަތު ބެލުމަށްފަހުގައި ކަމަށް ބަޔާނުގައި ވެއެވެ.
އިޓަލީއާއި އެޤައުމުގެ ވަށައިގެންވާ ޤައުމުތަކުގެ ހެލްތު މިނިސްޓަރުން މާދަމާ ކޮރޯނާވައިރަސްއާއި ބެހޭގޮތުން މަޝްވަރާ ކުރާނެ
ވިލާތު އިއްތިހާދުގެ ޤައުމުތަކުގެ ނޫސްތަކުން ރިޕޯޓުކުރާގޮތުގައި، އިޓަލީވިލާތާއި، އެޤައުމުގެ ވަށައިގެންވާ ޤައުމުތަކުގެ ހެލްތު މިނިސްޓަރުންގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާގެ ވަގުތެއްގައި އިޓަލީވިލާތުގެ ރޯމްގައެވެ.
މި ބައްދަލުވުމުގައި ސްލޮވޭނިއާ، އޮސްޓްރިއާ، ސްވިޓްޒަރލޭންޑް، ފަރަންސޭސި ވިލާތް އަދި ޖަރުމަންވިލާތުގެ ހެލްތު މިނިސްޓަރުން ބައިވެރިވާނެކަމަށް ރިޕޯޓުތައް ބުނެއެވެ. މި ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވަނީ، ކޮރޯނާވައިރަސްއިން ރައްކާތެރިވުމަށް ޤައުމުތައް ގުޅިގެން ކުރެވިދާނެ ކަންތަައްތަކާއި ބެހޭ ގޮތުންނެވެ. ވަކިން ޚާއްޞަކޮށް އިޓަލީގައި މިހާރު ކޮރޯނާވައިރަސް ހަލުވިކަމާއެކު ފެތުރެމުންދާތީ، އެކުވެރި ދައުލަތްތަކުގެ ޙައްޞިއްޔަތުން އެޤައުމަށް އެހީތެރިވެވިދާނެ ގޮތްތައް ދެނެގަތުމާއި ބެހޭ ގޮތުންނެވެ.
ކޮރޯނާވައިރަސްގެ ބަލިމަޑުކަމަކަށް މުޅި ދުނިޔެ ތައްޔާރުވުމަށް ދުނިޔޭގެ ޞިއްހަތު ޖަމްޢިއްޔާއިން ގޮވާލައިފި
ސްވިޒަރލޭންޑުގެ ޖެނީވާގައި ވާހަކަފުޅު ދައްކަވަމުން، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ(ޑަބްލިއުއެޗްއޯ) ގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯޒް އެދެނޯމް ގެބްރިޔޭސަސް ވިދާޅުވީ، އަލަށް ކޮރޯނާވައިރަސް ފެތުރުނު އިޓަލީ، ދެކުނުކޮރެއާ އަދި އީރާނުން ވަރަށް ކުއްލި ގޮތަކަށް ގިނަ ބަޔަކަށް މި ވައިރަސް ފެތުރިގެން ދިއުން މިއީ އެޖަމާޢާތުން ކަންބޮޑުވާކަމެއް ކަމަށެވެ. އެހެންކަމުން ހުރިހައި ޤައުމަކުން، ބަލި މަޑުކަމަށް ތައްޔާރުވެ، ކުރިޔާލާ ސަލާމަތާއި ރައްކާތެރި ފިޔަވަޅު އެޅުމަށް ވަނީ ގޮވާލާފައެވެ. ދުނިޔޭގެ 35 އަށް ވުރެ ގިނަ ޤައުމުން މިހާރު ވަނީ ނޮވެލް ކޮރޯނާވައިރަސް ފެނިފައެފެ. މިހާތަނަށް އައިއިރު މިބަޅީގައި 2،600 މީހުން ވަޏީ މަރުވެފައެވެ.
ކޮރޯނާވައިރަސްއިން ރައްކާތެރިވުމުގެ ޕްލޭނަށް ބޭނުންވާ އެހީ ހޯދަން އެމެރިކާއިން ތައްޔާރުވަނީ
އެމެރިކާގެ ނޫސްތަކުން ރިޕޯޓުކުރާގޮތުގައި، އެމެރިކާގެ ރިޔާސީ ގަންޑުވަރު ވައިޓްހައުސްއިން މިހާރުވަނީ ކޮރޯނާވައިރަސްއިން ރައްކާތެރިވުމުގެ އެމަރޖޖެންސީ ރެސްޕޮންޒް ޕްލޭނެއް އެކުލަވާލާ އެއަށް ބޭނުންވާ ބަޖެޓު ކަނޑައަޅާފައެވެ.
މި ބަޖެޓުގެ ތެރެއިން، 1 ބިލިއަން ޑޮލަރު ހޯދުމަށް ރައީސް ޑޮނާލްޑް ޓްރަމްޕް ކޮންގްރެސްގައި ވަރަށް އަވަހަށް އެދިވަޑައިގަންނަވާނެކަމަށް ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.
ކޮރޯނާވައޮރަސްއާއި ގުޅިގެން ޗައިނާގެ އެންމެ ބޮޑު ސިޔާސީ ބައްދަލުވުން ފަސްކޮށްފި
ކޮރޯނާވައިރަސްގެ ބައލިމަޑުކަމާއި ގުޅިގެން އަހަރުތެރޭގައި އެޤައުމުން ބާއްވާ އެންމެ ބޮޑު ސިޔާސީ ޙަރަކާތް ފަސްކޮށްފިއެވެ. ކޮންމެ އަހަރެއްގެވެސް މާރޗްމަހު 5 އިން ފެިގެން ދެ ހަފުތާގެ މުއްދަތަކަށް ސަރުކާރުގެ އިސްނެގުމުގެ މަތިން ބާއްވަ މިޙަރަކާތައް، ސަރުކާރުގެ އިސް މަސްއޫލުވެރިންގެ އިތުރުން އެކި ޕްރޮވިންސްތަކުން ގިނަ ބަޔަކު ވެރިރަށް ބެއިޖީންއަށް އެއްވެއެވެ. ސިޔާސީ ރެލީތަކާއި، ވަރކްޝޮޕާއި، މުހިންމު ތަޤުރީރުތައް ކުރިޔަށްގެންދާ މި ބައްދަލުވުން މީގެ ކުރީ އެއްވެސް އަހަރެއްގައި ފަސްކޮށްފައެއް ނުވެއެވެ.
ވެރިކަން ކުރާ ނެޝަނަލް ޕީޕަލްސް ކޮންގެރެސް އާއި ސަރުކާރު ހިންގާ ޗީފް އެޑްވައިޒަރީ ކޮމިޓީ ގުޅިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މި ބައްދަލުވުން ފަސްކުރިކަން އިޢުލާންކުރިނަމަވެސް، އަލުން ތާވަލުކުރާނެ ތާރީޚެއް އިޢުލާނުކޮށްފައެއް ނުވެއެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް އިތުރަށް ސަމާލުކަންދޭންޖެހޭ ކަންކަމާއި ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ ކަމާއިބެހޭ އިދާރާތަކަށް އިރުޝާދު ދެއްވައިފި
ކޮވިޑް-19 އިން ރައްކާތެރިވުމަށް އިތުރަށް ސަމާލުކަންދޭންޖެހޭ ކަންކަމާއި ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ ކަމާއިބެހޭ އިދާރާތަކަށް އިރުޝާދު ދެއްވީ މިއަދު ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުމުގައި ސަރުކާރުގެ ކަމާއިބެހޭ އެންމެހައި އިދާރާތަކާއި، ވުޒާރާތަކުގެ އިސް މަސްއޫލުވެރިން ބައިވެރިވަޑައިގެންނެވިއެވެ.
އޮމާން އިންވެސް ކޮރޯނާވައިރަސް ޖެހިފައިވާ މީހަކު ފެނިއްޖެ
އޮމާން އިންވެސް ކޮރޯނާވައިރަސް ޖެހިފައިވާ މީހަކު ފެނިއްޖެކަމަށް އެގައުމުން ބުނެފި އެވެ.
އެގައުމުން ދެ މީހަކަށް ކޮރޯނާވައިރަސް ޖެހިފައިވާކަމަށް އެގައުމުން ބުނެއެވެ.
އަފްޣާނިސްތާނުން ފުރަތަމަ ފަހަރަށް ކޮރޯނާވައިރަސް ޖެހިފައިވާ މީހަކު ފެނިއްޖެ
އަފްޣާނިސްތާނުން ފުރަތަމަ ފަހަރަށް ކޮރޯނާވައިރަސް ޖެހިފައިވާ މީހަކު ފެނިއްޖެ ކަމަށް އެގައުމުން ބުނެފި އެވެ. އެގައުމުން މިވައިރަސް އަށް ޝައްކުކުރެވޭ ތިން މީހަކު ފެނިފައިވަނީ އިއްޔެ ކަމަށް އެގައުމުގެ އޮފިޝަލުން ބުނެއެވެ. އޭގެތެރެއިން އެކަކު މިވައިރަސްއަށް ޕޮޒިޓިވް ވެފައިވާކަމަށް އެގައުމުން ބުނެއެވެ. މިމީހުން އައިސްފައިވަނީ އިރާނުގެ ކޫމް އިންނެވެ. ކޫމް އަކީ އިރާނުން މިވައިރަސް އެންމެ ފުރަތަމަ ފެނުނު ސިޓީ އެވެ.
ކުވައިތާއި ބަހްރެއިން އިން ކޮރޯނާވައިރަސް ޖެހިފައިވާ މީހުން ފެނިއްޖެ
ކުވައިތާއި ބަހްރެއިން އިން ކޮރޯނާވައިރަސް ޖެހިފައިވާ މީހުން ފެނިފައިވާ ކަަމަށް އެގައުމުތަކުން ބުނެފި އެވެ. ބަހްރެއިން އިން މިވައިރަސް ޖެހުނު މީހާއަކީ އިރާނުން އައި މީހެއް ކަމަށް އެގައުމުން ބުނެއެވެ. ކުވެއިތުން ބުނެފައިވަނީ މިވައިރަސް ޖެހިފައިވާ 3 މީހުން އެގައުމުން ފެނިފައިވާކަމަށެވެ.
ޗައިނާގެ 4 ޕްރޮވިންސެއްގައި އެމަރޖެންސީ ރެސްޕޯންސް ލެވެލް ދަށްކޮށްފި
ޗައިނާގެ 4 ޕްރޮވިންސެއްގައި އެމަރޖެންސީ ރެސްޕޯންސް ލެވެލް ދަށްކޮށްފި އެވެ.
އެމަރޖެންސީ ރެސްޕޯންސް ލެވެލް ދަށްކޮށްފައިވާ ޕްރޮވިންސް ތަކަކީ ޔުނާން، ގުއިންޒޮންގ، ޝެންޒީ އަދި ގިޒޫ އެވެ. މީގެތެރެއިން ޔުނާން އާއި ގިޒޫ ގެ އެމަރޖެންސީ ރެސްޕޯންސް ލެވެލް ވަނީ އެކަކުން ތިނަކަށް ދަށްކޮށްފަ އެވެ. ގުއިންޒޮންގ އާއި ޝެންޒީގެ އެމަރޖެންސީ ރެސްޕޯންސް ލެވެލް ވަނީ އެކަކުން ދޭކަށް ދަށްކޮށްފަ އެވެ.
ޗައިނާގައި އެމަރޖެންސީ ރެސްޕޯންސް ލެވެލް ހުންނަނީ 1 ން ފެށިގެން 4 އާ ހަމައަށެވެ. އެމަރޖެންސީ ރެސްޕޯންސް ލެވެލް 1 އަކީ އެންމެ ސީރިއަސް ހާލަތެވެ.
ސައުތުކޮރެއާގައި ކޮރޯނާވައިރަސް ޖެހިފައިވާ މީހުންގެ އަދަދު 763 ށް
ސައުތުކޮރެއާގައި ކޮރޯނާވައިރަސް ޖެހިފައިވާ މީހުންގެ އަދަދު 763 ށް އަރާފައިވާކަމަށް އެގައުމުން ބުނެފި އެވެ. އެގައުމުން މިހާތަނަށް މިވައިރަސް ޖެހިގެން 7 މީހުން ވަނީ މަރުވެފަ އެވެ.
ކޮރޯނާވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 2,592 ށް
ކޮރޯނާވައިރަސް ޖެހިގެން މިހާތަނަށް މަރުވި މީހުންގެ އަދަދު 2592 ށް އަރާފައިވާކަމަށް ޗައިނާއިން ބުނެފި އެވެ.
ޗައިނާއިން އިއްޔެ އެކަނި ވަނީ 150 މީހުން މިވައިރަސް ޖެހިގެން މަރުވެފަ އެވެ. އިއްޔެ މިވައިރަސް އަލަށް ޗައިނާއިން 409 މީހުންނަށް ޖެހިފައިވެއެވެ. އެއާއެކު ޗައިނާއިން މިވައިރަސް ޖެހުނު މީހުންގެ އަދަދު މިވަނީ 77,150ށް އަރާފަ އެވެ. މުޅި ދުނިޔެއިން މިވައިރަސް 78000 ށް ވުރެ ގިނަ މީހުންނަށް ޖެހިފައިވެ އެވެ.
ކޮރޯނާވައިރަސް ޖެހިގެން އިރާނުން މަރުވި މީހުންގެ އަދަދު 8 ށް އަރައިފި
ކޮރޯނާވައިރަސް ޖެހިގެން އިރާނުން 8 މީހުން މަރުވެފައިވާކަމަށް އެގައުމުން ބުނެފި އެވެ. އެގައުމުން މިހާތަނަށް މިވައިރަސް 43 މީހަކަށް ވަނީ ޖެހިފަ އެވެ.
ކޮރޯނާވައިރަސް ޖެހިގެން ސައުތުކޮރެއާއިން މަރުވި މީހުންގެ އަދަދު 5 ށް އަރައިފި
ކޮރޯނާވައިރަސް ޖެހިގެން ސައުތުކޮރެއާއިން މަރުވި މީހުންގެ އަދަދު 5 ށް އަރާފައިވާކަމަށް އެގައުމުން ބުނެފި އެވެ. މީގެއިތުރުން މިވައިރަސް އެގައުމުގެ 602 މީހުންނަށް ޖެހިފައިވާކަމަށް އެގައުމުން ބުނެއެވެ.
ކޯވިޑް-19 އާ ގުޅިގެން، ހަތް ގައުމަކަށް ދަތުރުކުރުމުގައި ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި
ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ދަތުރުކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނެނީ އޭޝިއާގެ ހަ ގައުމަކާއި ޔޫރަޕުގެ ގައުމެކެވެ. މި ގައުމުތަކަށް ދަތުރުކުރުމުގައި ސަމާލުވުމަށް އެދިފައިވަނީ، އެ ގައުމުތަކުގައި ޗައިނާއަށް ދަތުރުކޮށްފައިނުވާ ފަރާތްތަކުގެ ކިބައިން ކޯވިޑް-19 ފެނި، ވައިރަސް ފެތުރެމުން ދިއުމާއި ގުޅިގެންނެވެ.
ދަތުރުކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައިވަނީ:
ޖަޕާން
ސިންގަޕޫރު
ހޮންގ ކޮންގ
ދެކުނު ކޮރެއާ
ތައިލެންޑް
އީރާން
އިޓަލީވިލާތް
ކޮރޯނާވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 2,458 ށް
ކޮރޯނާވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 2458 ށް އަރާފައިވާކަމަށް ޗައިނާއިން ހާމަކޮށްފި އެވެ.
ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން ބުނެފައިވަނީ ހޫބޭ ޕްރޮވިންސުން ކޮރޯނާވައިރަސް ޖެހިފައިވާ 90 މީހުން މަރުވެފައިވާކަމަށެވެ. އެއާއެކު ޗައިނާއިން މިވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 2,346 އަށް އަރާފަ އެވެ.
ހޮނިހިރު ދުވަހު މިވައިރަސް ހޫބޭ ޕްރޮވިންސުގެ 630 މީހެއްގެ ގައިން ފެނިފައިވެ އެވެ. އޭގެތެރެއިން 32 މީހުންނަކީ ޖަލުގެ ގައިދީންނެވެ. ޗައިނާގައި މިވައިރަސް ޖެހިފައިވާ ކަމަށް މިހާތަނަށް ރިޕޯޓްކޮށްފައިވަނީ 64,084 މީހުން ގައިންނެވެ.
ހޫބޭ ޕްރޮވިންސްގައި މިވައިރަސް ޖެހިގެން ހޮސްޕިޓަލްތަކުގައި 40,127 މީހުންނަށް ފަރުވާ ދެމުން ދެއެވެ. މީގެތެރެއިން 1,845 ހާލު ސީރިއަސްކަމަށް ޗައިނާއިން ބުނެ އެވެ. އަދި މިހާތަނަށް މިވައިރަސްއަށް ފަރުވާ ހޯދައިގެން 15,299 މީހުން ވަނީ ރަނގަޅުވެގެން ދޫކޮށްލާފަ އެވެ.
ޗައިނާއިން ބޭރުން މިވައިރަސް ޖެހިގެން 17 މީހުން ވަނީ މަރުވެފަ އެވެ. އޭގެތެރޭގައި ހިމެނެނީ އިރާނުގެ 5 މީހުންނާއި ޖަޕާނުގެ 2 މީހުންނާއި ހޮންގ ކޮންގ، ސައުތުކޮރެއާ އިޓަލީން މިއިން ކޮންމެ ގައުމަކުން ވަނީ 2 މީހުން މަރުވެގެން ރިޕޯޓްކޮށްފަ އެވެ. ތައިވާނާއި ފިލިޕީންސް އާއި ފްރާންސުންވަނީ އެކަކު މިހާތަނަށް އާއިރު މިވައިރަސް ޖެހިގެން މަރުވެފަ އެވެ.
މިހާތަނަށް އާއިރު މުޅި ދުނިޔެއިން މިވައިރަސް 78,572 މީހުންނަށް ޖެހިފައިވެ އެވެ.
އިޓަލީން ކޮރޯނާވައިރަސް ޖެހިފައިވާ މީހުންގެ އަދަދު 62 ށް
އިޓަލީން ކޮރޯނާވައިރަސް ޖެހިފައިވާ މީހުންގެ އަދަދު 62 ށް އަރާފައިވާކަމަށް އެގައުމުން ބުނެފި އެވެ. އެގައުމުން ވަނީ މިވައިރަސް ޖެހިގެން 2 މީހުން މިހާތަނަށް އާއިރު މަރުވެފަ އެވެ. މިވައިރަސް ޖެހިފައިވާ 3 މީހަކު ރަނގަޅުކުރެވިފައިވާ ކަމަށް އެގައުމުން ބުނެއެވެ.
ކޮރޯނާވައިރަސް ޖެހިގެން އިރާނުން 6 މީހުން މަރުވެއްޖެ
ކޮރޯނާވައިރަސް ޖެހިގެން އިރާނުން މިހާތަނަށް އާއިރު 6 މީހުން މަރުވެފައިވާކަމަށް އެގައުމުން ބުނެފި އެވެ. އެގައުމުން މިހާތަނަށް އާއިރު 28 މީހެއްގެ ގައިން ކޮރޯނާވައިރަސްގެ އަސަރު ފެނިފަ އެވެ.
މާލެ ޞަރަޙައްދުގައި ބަނދަރުކޮށްފައި އޮތް ތިން ކްރޫސްލައިނަރ އެއް ނޮވެލް ކޮރޯނާވައިރަސްއަށް ސްކްރީންކޮށްފި
މާލެ ޞަރަޙައްދުގައި ބަނދަރުކޮށްފައި އޮތް 2 ކްރޫސްލައިނަރގައި ތިބި ފަޅުވެރިންނާއި ފަސިންޖަރުން ކޮރޯނާ ވައިރަސްއަށް ސްކްރީންކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނެފިއެވެ.
އެ އޭޖެންސީން ބުނީ، މިއަދު ފުރަތަމަ ސްކްރީންކޮށްފައިވަނީ އެމްއެސް މާރކޯ ޕޯލޯ ނަމަކަށް ކިޔާ ކްރޫސްލައިނަރއެއް ކަމަށެވެ. 341 ފަސިންޖަރުންނާއި، 643 ފަޅުވެރިންނާއެކު ޖުމުލަ 984 މީހުން ސްކްރީންކޮސްފައިވާކަމަށާއި، މީގެތެރެއިން 08 މީހުންގެ ހަށިގަނޑުގައި ހުން ހުރި ކަމަށް އެޗްޕީއޭއިން ބުނެއެވެ. އެ ކްރޫސްލައިނަރ ގައި ތިބި އެއްވެސް މީހަކު ފާއިތުވެދިޔަ 14 ދުވަހު ޗައިނާއަށް ޒިޔާރަތްކޮށްފައި ނުވާކަމަށް އެޗްޕީއޭއިން ބުނެއެވެ.
އެޗްޕީއޭއިން މިއަދު ދެވަނަޔަށް ޗެކްކޮށްފައިވަނީ، ނޯޓިކާ ނަމަކަށް ކިޔާ ކްރޫސްލައިނަރ އެކެވެ. އެޗްޕީއޭއިން ބުނީ، 399 ފަސިންޖަރުންނާއި، 635 ފަޅުވެރިންނާއެކު ޖުމުލަ 1،035 މީހުން ސްކްރީންކޮސްފައިވާކަމަށާއި، މީގެތެރެއިން 02 މީހުންގެ ހަށިގަނޑުގައި ހުން ހުރި ކަމަށް އެޗްޕީއޭއިން ބުނެއެވެ.
މިމަހުގެ 20 ވަނަ ދުވަހުވެސް އެޗްޕީއޭއިން ވަނީ ރާއްޖެއަށް އައިސް އުޅޭ ކްރޫސްލައިނަރ އެއްކަމަށްވާ އެމްއެސް ކޮސްޓާ ވިކްޓޯރިއާގައިތިބި 2460 މީހުންވެސް ސްކްރީންކޮށްފައެވެ. 786 ފަޅުވެރިންނާއި، 1674 ފަސިންޖަރުން ސްކްރީންކޮށްފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި އެކްރޫސްލައިގައި 12 މީހުންގެ ހަށިގަނޑުގައި ހުން ހުރިކަން ދެނެގަނެވިފައިވާކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.
އެޗްޕީއޭއިން ބުނީ، އައިސޮލޭޓްކޮށްގެން ފަރުވާ ދިނުމަށް، ނުވަތަ ކަރަންޓީން ކްރައިޓީރިއާއަށް މި 3 ކްރޫސްލައިނަރގައި ތިބި ފަސިންޖަރުންވެެސް ނުފެތޭ ކަމަށެވެ.
ކޮރޯނާވައިރަސްގެ ބަލިމަޑުކަން ތަޙުޤީޤު ކުރުމަށް ޑަބްލިއުއެޗްއޯގެ ޓީމެއް ޗައިނާގެ ވުހާން ސިޓީއަށް ފުރައިފި
ޑަބްލިއުއެޗްއޯގެ އިސް މަސްއޫލުވެރިންނާއި ޙަވާލާދީ ޗައިނާގެ މީޑިއާތަކުން ޚަބަރު ފަތުރާ ގޮތުގައި، މިދިޔަ ހޯމަދުވަހުން ފެށިގެން ޑަބްލިއުއެޗްއޯގެ 12 މެންބަރުންގެ ފަންނީ ޓީމަކުން ދަނީ ޗައިނާގައި ޙަރަކާތްތެރިވަމުންނެވެ. މި ޓީމުން މީގެ ކުރިން ޙަރަކާތްތެރިވީ، ވެރިރަށް ބެއިންޖިންގއާއި، ގުއާންގޑޯންގއާއި، ސީޝުއާން ޕްރޮވިންސަށެވެ.
ޑަބްލިއުއެޗްއޯގެ މިޓީމުން ކުރިން ވުހާން ސިޓީއަށް ޒިޔާރަތްކުރަން ހަމަޖެހިފައެއް ނުވެއެވެ. އެހެންނަމަވެސް މިހާރު ހުއްދަ ދިނުމާއި ގުޅިގެން، ވުހާން ސިޓީއަށް ދަތުރުކުރަން ވަނީ ފަށާފައެވެ. މިއަދުގެ ވަގުތެއްގައި ވުހާން ސިޓީއާށް ފޯރާނެކަމަށް ޚަބަރު ލިބެއެވެ.
މިޓީމުން ބަލަމުންދަނީ، ޗައިނާއިން ކޮރޯނާ ވައިރަސްއަށް ފަރުވާކުރަން ގެންގުޅޭ އުޞޫލުތަކާއި، ފަރުވާދޭ ތަންތަން ހުރި މިންގަޑާއި، ބަލިމީހުންނަށް އެޓެންޑްކުރާ ގޮތާއި، ފަރުވާކުރުމަށް ބޭނުންކުރާ އާލާތްތަކުގެ ފެންވަރާއި، ވަކިން ޚާއްޞަކޮށް ވައިރަސް ފެތުރުން ހުއްޓުވަން ކުރަމުންދާ މަސައްކަތް ބެލުން ހިމެނެއެވެ. އަދި މިހާރު ފަރުވާކުރަން ބޭނުންކުރާ ބޭހާއި ބެހޭ ގޮތުން މަޝްވަރާކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ޑަބްލިއުއެޗްއޯގެ ޓީމުގެ ހޯދުންތަކައް ފަހު، ޗައިނާއިން ގެންގުޅޭ ސިޔާސަތުތައް މުރާޖަޢާ ކުރުމަށް ޑަބްލިއުއެޗްއޯއިން އިރުޝާދުދިނުމަށް ވަނީ ހަމަޖެހިފައެވެ.
ވުހާން ސިޓީއަށް ކްރޫސްލައިނަރ ތަކެއް ގެންނަނީ
ޗައިނާގެ ދައުލަތުގެ މީޑިއާއިން ޚަބަރުފަތުރާގޮތުގައި، ވުހާން ސީޓީގައި ކޮރޯނާވައިރަސްއަށް ފަރުވާދެމުންދާ ޞިއްޙީ ޚިދުމަތްތެރިން މިވަގުތައް ތިބެން، ޗައިނާ ސަރުކާރުން 7 ކްރޫސްލައިނަރ ގެންނަން ނިންމައިފިއެވެ. ގިނަ ޢަދަދެއްގެ ޞިއްޙީ އެހީތެރިންނާއި ޕެރެމެޑިކްސް އަސްކަރީން ޚިދުމަތްދިނުމުގައި ޝިފްޓު ބަހައިގެން ޙަރަކާތްތެރިވާއިރު، އެމީހުން އަރާމުކޮށްލާނެ ނުވަތަ ދިރިއުޅޭނެ ތަނެއް ނެތުމުން މިހާރު ނިދައި، ކައިބޮއެ ހަދަނީ ހޮސްޕިޓަލްތަކާއި ތެންޓުތަކުގައި ގަޑިބަހައިގެންނެވެ. އެހެންކަމުން ފްރޮންޓްލައިނުގައި ޙަރަކާތްތެރިވާ ޑޮކްޓަރުންނާއި، ނަރުހުންނާއި، ޞިއްޙީ އެހީތެރިންނާއި، ޕެރަމެޑިކްސްއާއި، ފަސްޓްއެއިޑް ގެ ޚިދުމަތްދޭ ފަރާތައް މިވަގުތު ތިބެން އެންމެ ރަނގަޅު ގޮތަކީ މިއީ ކަމަށް ދައުލަތުގެ މީޑިއާއިން ރިޕޯޓު ކުރެއެވެ.
7 ކްރޫސްލައިނަރ ގެންނަކަން އިއުލާންކުރިނަމަވެެސް، ގެންނަނީ ކޮންތާކުން ކަމެއް ހާމަކޮށްފައެއް ނުވެއެވެ.
ޗައިނާގެ ހުރިހައި ހޮސްޕިޓަލެއް މިހާރުވަނީ ކޮރޯނާވައިރަސް ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންނާއިގެން ފުރިފައެވެ. މިކަން ޙައްލުކުރުމަށް ޗައިނާ ސަރުކާރަށް ވަނީ ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވެފައެވެ.
އޮސްޓްރޭލިޔާގައި ކިޔަވަމުންދާ ޗައިނާ ދަރިވަރުން އެބުރި އައުމުގެ ހުއްދަ އޮސްޓްރޭލިޔާ ސަރުކާރުން ދީފި
ކޮރޯނާވައިރަސްގެ ބަލިމަޑުކަމާއި ގުޅިގެން، އޮސްޓްރޭލިޔާގައި ކިޔަވަމުންދާ ޗައިނާގެ ދަރިވަރުން އޮސްޓްރޭލިޔާއަށް އައުން މަނާކޮށްފައި އޮތް އޮތުން އޮސްޓްރޭލިޔާ ސަރުކާރުން ނިމުމަކަށް ގެނެސްފިއެވެ.
މިކަން ހާމަކޮށް އެޤައުމުގެ ސަރުކާރުން ޢާންމު ކުރި ބަޔާނެއްގައި ބުނެފައިވަނީ، އަހަރީ ޗުއްޓީއަށް އަމިއްލަ ޤައުމަށް ގޮސް ތިއްބާ، ކޮރޯނާ ވައިރަސް ފެތުރެންފެށުމުން އެ ކުދިން އޮސްޓްރޭލިއާއަށް އައުން މަނާކުރި ކަމަށެވެ. އަދި އަލަށް ސްކޫލް ފެށުނު އިރު އެކުދިންނަށް ސްކޫލަށް ނާދެވުމުން އެކަމާއި ކަންބޮޑުވާ ކަމަަށާއި، ގެއްލުނު ފިލާވަޅުތައް ލިބޭނެ އިންތިޒާމު ތަޢުލީމާބެހޭ ވުޒާރާއާއި ސްކޫލްތަކާއި ގުޅިގެން ހަމަޖައްސައިދޭނެކަމަށެވެ.
މިގޮތައް ނިންމީ، ދަރިވަރުންނަށް ފިލާވަޅު ގެއްލުމާއި، އޮސްޓްރޭލިޔާގެ އިޤުތިޞާދަށްވެސް އެކަމުގެ ނޭދެވޭ އަސަރުކުރަމުންދާތީކަމަށް ބަޔާނުގައި ވެއެވެ.
ޗައިނާ ދަރިވަރުން އަނބުރާ އަންނަން ހުއްދަ ދިން ނަމަވެސް، އެ ދަރުވަރުން އޮސްޓްރޭލިޔާއަށް އެތެރެވުމުގެ ކުރިން ކޮރޯނާވައިރަސްއަށް ސްކްރީންކުރާނެކަމަށް ބަޔާނުގައިވެއެވެ.
އިރާނުގެ މޭޔަރަކު ކޮރޯނާވައިރަސްއަށް ޕޮޒިޓިވް ވެއްޖެ

އިރާނުގެ ވެރިރަށް ތެހެރާނުގެ މޭޔަރަކު ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެފައިވާކަން އެޤައުމުގެ ސަރުކާރުން ހާމަކޮށްފިއެވެ. މިކަން ކަށަވަރުކޮށްދީ އެޤައުމުގެ ދައުލަތުގެ މީޑިއާއިން ޚަބަރުފަތުރާގޮތުގައި، ވައިރަސްއަށް ޕޮޒޮޓިވްވީ ތެހެރާންގެ 13 ވަނަ ޑިސްޓްރިކްޓްގެ މޭޔަރ މުރްތަޟާ ރަޙްމާން ޒާދިހު އެވެ. ކޮރޯނާވައިރަސްގެ އަލާމާތްތައް ފެނިގެން، މޭޔަރ ހުކުރުދުވަހުން ފެށިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދާކަމަށް ޚަބަރު ލިބެއެވެ.
މި ރިޕޯޓާއި ގުޅިގެން ސަރުކާރުގެ އިސް މަސްއޫލުވެރިން ވައިރަސްއަށް ޕޮޒިޓިވްވެދާނެކަމުގެ ބިރު ހީވާތީ، ސިޓީ ކައުންސިލްތަކުގެ މެންބަރުންނާއި، އިތުރު އޮފިޝަލުން ކޮރޯނާވައިރަސްއަށް ޓެސްޓްކުރަމުންދާކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
ޗައިނާގެ ޖަލުތަކުން 500ށް ވުރެ ގިނަ ޤައިދީން ކޮރޯނާވައިރަސްއަށް ޕޮޒިޓިވް ވެއްޖެ
ޗައިނާގެ ޖަލުތަކުގައި ކޮރޯނާވައިރަސްއަށް ޤައިދީން ޕޮޒިޓިވްވާކަމަށް ބުނެ، ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރަމުންދަނިކޮށް ޗައިނާ ސަރުކާރުން އެކަން ކަށަވަރުކޮށްދީފިއެވެ.
ޖަލުތަކުގެ ޙަލަތާއި ބެހޭ ގޮތުން ޗައިނާ ސަރުކާރުން ޢާންމު ކުރި ބަޔާނެއްގައި ވަނީ، ޖަލުތަކުން 512 މީހުން މިހާތަނަށް އައިއިރު، ނޮވެލްކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވެފައިވާކަމަށާއި، ކަމާއި ބެހޭ އިސް މަސްއޫލުވެރިންގެ ބެލުމުގެ ދަށުން، މިކަން ޙައްލުކުރަން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
ޗައިނާ ސަރުކާރުން ހާމަކުރި ތަފުޞީލު:
ވުހާން ސިޓީގެ އަންހެނުންގެ ޚާއްޞަ ޖަލު: 230 ކޭސް
ވުހާން ސިޓީގެ ޗަޔަންގ ހަންޖިން ޖަލު: 41 ކޭސް
ޝަންގޑޮންގ ޕްރޮވިންސްގެ ރެންޝެންގ ޖަލު: 207 ކޭސް
މީގެތެރޭގައި ޤައިދީންނާއި، ޖަލުގައި އެކި ޚިދުމަތްތައް ފޯރުކޮށްދޭ މަސައްކަތްތެރިންވެސް ހިމެނޭކަމަށް ޗައިނާ ސަރުކާރުން ބުނެއެވެ.
މާސްކް އުފައްދާ މިންވަރު އިތުރު ކުރަން ޗައިނާގެ ބޮޑު ވަޒީރު، އެޤައުމުގެ ކުންފުނިތަކައް ގޮވާލައިފި
ނޮވެލް ކޮރޯނާވައިރަސްއާއި ހަނގުރާމަ ކުރުމަށް ޗައިނާ ސަރުކާރުން ކުރިޔަށްގެންދާ ޤައުމީ ކެމްޕޭނުގައި ބައިވެރިވެ، މިހާރަށް ވުރެ ގިނައިން މާސްކު އުފެއްދުމަށް ޗައިނާގެ ބޮޑުވަޒީރު ލީ ކެއިކިއާން އެޤައުމުގެ ފާމަސޫޓިކަލްގެ ބާވަތްތައް އުފައްދާ ވިޔަފާރިތަކަށާއި، ކުންފުނިތަކައް ގޮވާލައްވައިފިއެވެ.
ވެރިރަށް ބެއިޖީންގައި ހުންނަ މެޑިކަލް އާލާތްތައް އުފައްދާ އަމިއްލަ ކުންފުންޏަކަށް ޒިޔާރަތް ކުރެއްވުމަށްފަހު ދެއްވި ބަޔާނެއްގައި ބޮޑުވަޒީރު ވިދާޅުވީ، މާސްކް އުފައްދާ ކުންފުނިތަކުން ކުރަމުންދާ މަސައްކަތައް ތަޢުރީފު ޙައްޤުކަމަށެވެ. އަދި ސަރުކާރުން މާސްކް އިތުރަށް އުފައްދަން ގޮވާލި ގޮވާލުމަށް އިޖާބަދީ ސަރުކާރު ކުންފުނިތަކާއި، އަމިއްލަ ކުންފުނިތަކުން އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 20 މިލިއަން މާސްކް މިހާރު އުފައްދަމުންދާތީ، އެކަމަށް ބޮޑު ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ބޮޑު ވަޒީރު ވިދާޅުވީ، ހެފެހެއްޓުމެއްނެތި ވައިރަސް ފެތުރެމުންދާތީއާއި، އަދި މިހާރު ވައިރަސް ނުޖެހި ތިބި މީހުންވެސް ރައްކާތެރިކަމުގެ ފިޔަަވަޅެއްގެ ގޮތުން މާސްކް އަޅާމުންދާތީ، އިތުރު މާސްކް ބޭނުންވާކަމަށެވެ. މިކަން ކުރެވެން އޮތީ މާސްކްއުފައްދާ ކުންފުނިތަކުން މިކަމުގައި ސަރުކާރަށް އެއްބާރުލުންދީގެން ކަމަށެވެ. ބޮޑު ވަޒީރު ވިދާޅުވީ، ސަރުކާރުން ކުރަމުންދާ މި ހަނގުރާމައިގައި އެހީތެރިވަމުންދާ ކުންފުނިތަކައް، ބަލިމަޑުކަން އެއްކޮށް ނައްތާލެވުމުން، އެކަށީގެންވާ ބަދަލު ދޭނެކަމަށެވެ.
ޗައިނާގައި މާސްކް އުފައްދާ ކުންފުނިތަކުން ދުވާލެއްގެ މައްޗަށް 300،00 މާސްކް އުފައްދައެވެ. އަދި ހުރިހައި ކުންފުނިތަކުގެ އުފެއްދުންތައް އެއްކޮށްލުމުން ، މާސްކް އުފައްދާ މިންވަރު 20 ،މިލިއަނަށް އަރައެވެ. މިވަރުވެސް މިހާރުވަނީ މަދުވެފައެވެ. ބޮޑު ވަޒީރު އިތުރަށް މާސްކް އުފައްދަން ކުންފުނިތަކައް ގޮވާލެއްވީވެސް މި ސަބަބާހުރެއެވެ.
ލުބްނާނުން ކޮރޮނާވައިރަސް ޖެހިފައިވާ މީހަކު ފެނިއްޖެ
ލުބްނާނުގެ ވެރިރަށް ބެއިރޫތުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުމުއްގައި އެޤައުމުގެ ޞިއްޙަތާއި ބެހޭ ވަޒީރު ހަސަން ހަމަދު ވިދާޅުވީ، ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެފައިވަނީ އިރާނުގެ ޤޫމް ސިޓީއަށް ޒިޔާރަތްކޮށްފައި ލުބްނާނަށް އެނބުރި އައި އަންހެނެއް ކަމަށެވެ. އެހެންނަމަވެސް އެއީ ކޮން ޤައުމެއްގެ ރައްޔިތެއްކަން ހާމަކުރައްވާފައެއް ނުވެއެވެ.
މީގެ އިތުރުން، 2 މީހަކު ވައިރަސްއަށް ޝައްކުކުރެވިގެން ޓެސްޓްކުރުމުގެ މަރުޙަލާ ކުރިޔަށްދާކަމަށްވެސް ވަޒީރު ވިދާޅުވެފައިވެއެވެ.
ޔޫއޭއިން ކޮރޯނާވައިރަސް ޖެހިފައިވާ އިތުރު 2 މީހުން ފެނިއްޖެ
އަލް-ޖަޒީރާއިން ރިޕޯޓުކުރާގޮތުގައި، ޤަލްފު ޞަރަޙައްދުގެ އަރަބި ޤައުމެއްކަމުގައިވާ ޔުނައިޓެޑް އަރަބް އެމިރޭޓްސް(ޔޫއޭއީ) އިން އިތުރު 2 މީހަކު ނޮވެލް ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެފައިވާކަން ރިޕޯޓުކޮށްފިއެވެ.
އެ ޤައުމުގެ ސަރުކާރުގެ މަސްދަރުތަކާއި ޙަވާލާދީ ރޮއިޓަރސްއިން ރިޕޯޓުކުރާ ގޮތުގައި، ވައިރަސްއަށް ޕޮޒިޓިވްވީ އެޤައުމުގައި ދިރިއުޅޭ އުމުރުން 34 އަހަރުގެ ފިލިޕީންސް މީހަކާއި، 39 އަހަރުގެ ބަންގްދޭޝް މީހެކެވެ. މި 2 މީހުންނަށް ވައިރަސް ޖެހިފައިވަނީ އިންފެކްޓްވެފައި ހުރި ޗައިނާ މީހަކާއި ދިމާވެގެންކަމަށާއި، އެ 2 މީހުންގެ ޙާލަތު ރަނގަޅުކަމަށް، ޔޫއޭއީ ސަރުކާރުން ކަށަވަރުކޮށްދީފައިވާކަމަށް އަލް-ޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ.
މިއާއެކު، ޔޫއޭއީގައި ނޮވެލް ކޮރޯނާވައިރަސް ޖެހުނު މީހުންގެ ޢަދަދު ވަނީ 11ށް އަރާފައެވެ.