ކޮވިޑް-19: އެންމެ ފަހުގެ
ނޮވެލް ކޮރޯނާވައިރަސް ގުޅޭ އެންމެ ފަހުގެ މައުލޫމާތު:

ކޮރޯނާވައިރަސް
ޗައިނާއިން ކޮވިޑް-19 ގައި އިއްޔެ އެކަނިވެސް 47 މަރު
ޗައިނާގެ ނެޝަނަލް ހެލްތު ކޮމިޝަނުން ބުނާގޮތުގައި، ނޮވެލް ކޮރޯނާވައިރަސް (ކޮވިޑް-19) ޖެހިގެން އިއްޔެ އެކަނިވެސް އެޤައުމުން 47 މީހުން މަރުވިއެވެ. އަދި އިއްޔެ އިތުރު 427 މީހަކު މި ވައިރަސްއަށް ޕޮޒިޓިވްވެފައިވާކަންވެސް އެ ކޮމިޝަނުން ހާމަކުރެއެވެ. މިއާއެކު، އެޤައުމުގައި ވައިރަސް ޖެހުނު މީހުންގެ ޢަދަދަކީ 79،251 އެވެ.
ދެކުނު ކޮރެއާއިން އިތުރު 594 މީހަކަށް ކޮވިޑް-19 ޖެހިގެން ރިޕޯޓުކޮށްފި
ދެކުނު ކޮރެއާގެ ސެންޓަރ ފޮރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަންއާއި ޙަވާލާދީ ބައިނަލްއަޤުވާމީ މީޑިއާތަކުން ރިޕޯޓުކުރާގޮތުގައި، ދެކުނު ކޮރެއާއިން މިއަދު އެކަނިވެސް، ނޮވެލް ކޮރޯނާވައިރަސްގެ އާ 594 ކޭސްއެއް ވަނީ ރިޕޯޓުކޮށްފައެވެ. މިއާއެކު، އެޤައުމުގައި މި ވައިރަސްއަށް ޕޮޒިޓިވްވީ މީހުންގެ ޖުމުލު އަދަދަކީ 2،931 އެވެ.
ކޮރޯނާވައިރަސްއާއި ގުޅިގެން ފިހާރަތަކުން ހުސްވި ސާފުކުރާ ސާމާނު އަލުން ހަރުތަކަށް
ކޮރޯނާވައިރަސްއާއި ގުޅިގެން އެކި ޤައުމުތަކުގެ ބޮޑެތި ފިހާރަތަކުން ހުސްވި ސާފުކުރާ ސާމާނު އަލުން ހަރުތަކަށް އަންނަން ފަށައިފިއެވެ.
ފިހާރަތަކުން ސާފުކުރަން ބޭނުންކުރާ އެކި ސާމާނުތައް ހުސްވީ އޭގެ ޑިމާންޑް ބޮޑުވުމާއި، ވައިރަސްއާއި ގުޅިގެން ބައެއް ކާރުޚާނާތަކުގެ މަސައްކަތް ހުއްޓުމަކަށް އައުމާއި ގުޅިގެންނެވެ.
އެގޮތުން ކްލޯރެކްސްގެ ބްރޭންޑުގެ ސާމާނު ޑިމާންޑާ އެއްވަރަށް އުފެއްދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން މިހާރު ވަނީ ހާމަކޮށްފައެވެ. ކްލޯރެކްސްގެ ޗީފް ފައިނޭންޝިއަލް އޮފިސަރު ކެވިން ޖެކޮބްސަން ބުނެފައިވަނީ ޑިމާންޑާއެއްވަރަށް އެކުންފުނީގެ އުފެއްދުންތައް އުފެއްދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި މި މަހުގެ ކުރީކޮޅު މިކަމާޢި ގުޅިގެން ބައެއް ބެލުންތައް ބެލުމަށްފަހު ސާމާނުތައް ބަޒާރަށް ނެރޭ މިންވަރު އިތުރުކޮށްފައިވާ ކަމަށް ކެވިން ވަނީ ބުނެފައެވެ.
މީގެ އިތުރުން ޑިޓޯލް އަދި ލައިސޯލް އުފައްދާ ފަރާތުން ބުނެފައިވަނީ އެ ކުންފުނީގެ އުފެއްދުންތައް މާކެޓުން ހުސްވިޔަ ނުދީ ބޭނުންވާ ވަރަށް ސަޕްލައި ކޮށްދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، އެ ކުންފުނީގެ އުފެއްދުންތައް ލިބުމުގައި ދަތިތައް ދިމާ ނުވާނެ ކަމަށެވެ.
ގިނަ އަދަދެއްގެ ސާފުކުރަން ބޭނުންކުރާ ސާމާނާއި ސެނެޓައިޒާ އަދި ބްލީޗް ފަދަ ތަކެތި ބާޒާރުން ހުސްވެ ޑިމާންޑް ބޮޑުވެގެން ދިޔައީ ކޮރޯނާވައިރަސްއާއި ގުޅިގެންނެވެ. އަދި މި ބަލިން ސަލާމަތްވުމަށް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި ގިނަގިނައިން އަތް ދޮވުން ހިމެނޭތީ ސައިބޯނި އަދި ސެނިޓައިޒާ ފަދަ ތަކެތި ބާޒާރުން ކުއްލިގޮތަކަށް ހުސްވެގެން ދިޔައެވެ.
އެމެރިކާގައި ކޮރޯނާވައިރަސް ޖެހުނު މީހުންގެ އަދަދު 61 އަށް
އެމެރިކާގައި ނޮވެލް ކޮރޯނާވައިރަސް ބަލި ޖެހުނު މީހުންގެ ޢދަދު 61 އަށް އަރައިފިއެވެ.
ޔޫއެސް ސެންޓަރ ފޮރ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަނުން ބުނެފައިވަނި މިހާތަނަށް އެޤައުމުން 61 ކޭސް ފެނިފައިވާ ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ ޖަޕާނުގެ ޔޮކޮހަމާ ބަނދަރުގައި ކަރަންޓީން ކުރި ޑައިމަންޑް ޕްރިންސަސް އިން ކޮރޯނާވައިރަސް ޖެހުނު 43 މީހުންނާއި، ޗައިނާއިން އަނބުރާ އެޤައުމަށް ގެނައި މީހުންގެ ތެރެއިން 3 މީހުންނާއި އެޤައުމުން ފެނުނު 15 ކޭސް ކަމަށެވެ.
މީގެ އިތުރުން ޑައިމަންޑް ޕްރިންސަސް އިން ގެނައި މީހުންގެ ތެރެއިން އަދިވެސް 285 މީހަކު ތިބީ އެމެރިކާގައި ކަރަންޓީން ކޮށްފައެވެ. އެމެރިކާއިން ފެނުނު 15 ކޭސްގެ ތެރޭގައި ހިމެނެނީ ކެލިފޯނިއާއިން ފެނުނު 9 ކޭސް އަކާއި، މަސަޝުސެޓްސް އިން ފެނުނު ކޭސް އަކާއި ވޮޝިންޓަންއާއި އެރިޒޯނާއިން ފެނުނު 1 ކޭސްއާއި އިލިނޯއީން ފެނުނު 2 ކޭސްގެ އިތުރުން ވިސްކޮންސިން އިން ފެނުނު 1 ކޭސްއެވެ. މީގެ ތެރެއިން އިލިނޯއީ އަދި ކެލިފޯނިއާއިން ގައިން ގަޔަށް އެރިކަމަށް ލަފާކުރެވޭ 2 ކޭސް ހިމެނޭ ކަމަށް އެމެރިކާގެ ސެންޓަރ ފޮރ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަނުން ބުނެފައެވެ.
މީގެ އިތުރުން ކެލިފޯނިއާއިން އެންމެ ފަހުން ފެނުނު ކޭސްއަކީ އެއްވެސް މީހަކާއި ކޮންޓެކްޓްވެގެން ނުވަތަ ދަތުރުކުރުމުގެ ސަބަބުން ފެނުނު ކޭސްއެއް ނޫން ކަމަށާއި، މިއީ ޢާންމުގެ ތެރޭގައި ފެތުރެންފެށި ކޭސްއެއްކަމަށް ބެލެވިދާނެކަމަށް އެމެރިކާގެ ޞިއްޙީ މާހިރުން ވަނީ ބުނެފައެވެ.
ޗައިނާއިން ކެންޔާއަށް އައި ފުލައިޓެއްގެ ހުރިހާ ފަސިންޖަރުން ކަރަންޓީން ކުރަން ކެންޔާގެ ހައިކޯޓުން އަމުރުކޮށްފި
ޗައިނާއިން ކެންޔާއަށް އައި ފުލައިޓެއްގެ ތިިބި ހުރިހާ ފަސިންޖަރުން ކަރަންޓީން ކުރަން ކެންޔާގެ ހައިކޯޓުން އަމުރުކޮށްފިއެވެ.
ކެންޔާގެ ހައިކޯޓުން އަމުރުކޮށްފައިވަނި ބުދަ ދުވަހު ޗައިނާގެ ގުއަންޒޫ އިން ނައިރޯބީއަށް އައި ފުލައިޓުގައި ތިބި 239 ފަސިންޖަރުން ކަރަންޓީން ކުރުމަށެވެ. އެމީހުން ކަރަންޓީން ކުރުމަށް ނިންމަފައިވަނީ ކެންޔާގެ އަސްކަރީ މަރުކަޒެއްގައި ނުވަތަ ގާޑުކުރެވޭ ގޮތަށް މެޑިކަލް ފެސިލިޓީއެއްގައެވެ.
ގުއަންޒޫއިން އައި ޗައިނާ ސައުތު އެއަރލައިނުގެ ފުލައިޓް ނަންބަރު CZ 6043 އައި އެންމެން ކަރަންޓީންކޮށް އެ އެންމެން ކޮރޯނާ ވައިރަސްއިން ސަލާމަތްވެފައިވޭތޯ ބެލުމަށް ކޯޓު އަމުރުގައިވެއެވެ.
ކޮރޯނާވައިރަސްއާއި ގުޅިގެން އައިޓީބީ ޓުއަރިޒަމް ފެއާ ކެންސަލްކޮށްފި

ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ނޮވެލް ކޮރޯނާވައިރަސް (ކޮވިޑް-19) އާއި ގުޅިގެން ޖަރުމަނުވިލާތުގައި ބައްވާ ފަތުރުވެރިކަމުގެ އެންމެ ބޮޑު ފެއަރ އައިޓީބީ ފެއަރ ކެންސަލްކޮށްފިއެވެ.
ފެއަރ އިންތިޒާމްކުރާ މެސް އިން ބުނީ ކޮރޯނާވައިރަސް ފެތުރެމުންދާތީ މިއަހަރު ބާއްވާ އައިޓީބީ ފެއަރ ކެންސަލްކޮށްފައިވާ ކަމަށެވެ. ފެއަރ ކެންސަލް ކޮށްފައިވަނީ އަންނަ ހަފްތަގައި ފެއަރ ބޭއްވުމަށް ނިންމަ ހުރިހާކަމެއް ނިންމަފައިވަނިކޮށެވެ. މިއަހަރުގެ ފެއަރ އަށް 10000 އަށްވުރެ ގިނަ އެގްޒެބިޓަރުން ބައިވެރިވާނެ ކަމަށް އިންތިޒާމްކުރާ ފަރާތުން ވަނީ ހާމަކޮށްފައެވެ.
ފެއަރ ކެންސަލް ކޮށްފައިވަނީ ބަރލިންގެ ހެލްތް އަދި އިކޮނަމިކް މިނިސްޓްރީން އެންގި އެންގުމާއި ގުޅިގެންނެވެ. އަދި ފެއަރ އަށް ޒިޔާރަތްކުރާ ހުރިހާ ފަރާތްތަކަކީ ކޮރޯނާވައިރަސްގެ ހައި ރިސްކް ސަރަހައްދުތަކުން ދަތުރުކުރި ފަރާތްތަކަށް ނުވުމާއި އެ ސަރަހައްދުގައި އުޅޭ އެއްވެސް މީހަކާއި ކޮންޓެކްޓް ވެފައި ނުވާ މީހަކަށްވުން ކަށަވަރު ކުރަން ޖެހޭ ކަމަށް ބަރލިންގެ ހެލްތް އަދި އިކޮނަމިކް މިނިސްޓްރީން ވަނީ އަންގާފައެވެ.
އެހެންކަމުން އެކަމަކީ ކުރެވޭނެކަމެއް ކަމަށް ނޫންކަމަށާއި، އިންތިޒާމްކުރާ ފަރާތުން އެކަން ނުކުރެވޭނެ ކަމަށް ގަބޫލުކުރާތީ މިއަހަރުގެ ފެއަރ ކެންސަލް ކުރަން ނިންމި ކަމަށް ފެއަރ އިންތިޒާމް ކުރާ މެސް އިން ވަނީ ބުނެފައެވެ.
މިއީ މިގޮތަށް ބައްވާ ބޮޑު ފެއަރތަކުގެ ތެރެއިން ދެވަނައަށް ކެންސަލްކުރި އެންމެ ބޮޑު އެއް ފެއަރއެވެ. ކޮރޯނާވައިރަސްއާއި ގުޅިގެން ސުވިސްގެ އިދާރަތަކުން ވަނި ޖެނީވާ ކާރު ޝޯވެސް ހުއްޓުވާފައެވެ.
ކޮރޯނާވައިރަސްގެ އަސަރު ނުކުރާނެކަމަށް ހީކުރުމަކީ ބޮޑު ގޯހެއް: ދުނިޔޭގެ ސިއްހަތު ޖަމިއްޔާ
ކޮރޯނާވައިރަސްގެ އަސަރު ނުކުރާނެކަމަށް ހީކުރުމަކީ ބޮޑު ގޯހެއްކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޗީފް ވިދާޅުވެއްޖެ. އެގޮތުން ޗައިނާއިން ބޭރުން މި ވައިރަސް އެންމެ ބޮޑަށް ފެތުރެމުންދާ އިރާނުގައިވެސް ހީނުކުރެވިފައިވާ މިންވަރަކަށް މި ވައިރަސް ފެތުރިގެންދާނެކަމަށް ބެލެވޭކަމަށާއި، އިޓަލީއަކީވެސް އެކަމުގެ މިސާލެއްކަމަށް އޭނާ ވިދާޅުވި.
އޭގެ އިތުރުން، ޖުލައި މަހު ޖަޕާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ އޮލިމްޕިކް ގޭމްސް ބޭއްވުމާ ގުޅޭގޮތުން ނިންމާނެ ގޮތަކާ ގުޅޭގޮތުންވެސް ގޭމް އިންތިޒާމް ކުރާ ފަރާތްތަކާ އެކު މިހާރު މަޝްވަރާތައް ކުރެވެމުންދާކަމަށް ވިދާޅުވި.
އަންނަ ހަފްތާގައި ޓްރެވަލް ކްލިނިކެއް ހުޅުވިގެންދާނެ
އަންނަ ހަފްތާގައި ޓްރެވަލް ކްލިނިކެއް ހުޅުވިގެންދާނެ، އެގޮތުން މި ވައިރަސް ބޮޑަށް ފެތުރެމުންދާ ޤައުމުތަކުން އަންނަ މީހުން ޓްރެވަލް ކްލިިނިކަށް ގޮސް ދައްކައިގެން ކުރިއަށްދެވޭނެ،
(ކޮވިޑް-19 އާ ގުޅިގެން ބޭއްވި ޕެނަލް ޑިސްކަޝަންގައި ޑޮކްޓަރުން ހާމަކުރެއްވި މައުލޫމާތުތައް)
ކަރަންޓީން އަދި އައިސޮލޭޝަން ފެސިލިޓީތައް
ފަރުކޮޅުފުށި: 40 ބެޑްގެ ކެޕޭސިޓީ ހުންނާނެ، 2 އައިސީޔޫ ބެޑް އަދި 12 ކަރަންޓީން ރޫމް ހުންނާނެ، މިހާތަނަށް (27 ފެބްރުއަރީގެ ނިޔަލަށް) 18 މީހަކު ވަނީ ކަރަންޓީން ކުރެވިފައި
ވިލިވަރު ކަރަންޓީން: 30 ކޮޓަރީގެ ކަރަންޓީންއެއް
އޭގެ އިތުރުން، ރާއްޖޭގެ އަތޮޅުތަކުގައިވެސް ވަނީ ކަރަންޓީން ފެސިލިޓީތައް ޤާއިމުކޮށްފައި. އެގޮތުން އަތޮޅުތަކުގައި ޖުމުލަ 406 އެނދުގެ ކެޕޭސިޓީގެ ކަރަންޓީން ވަނީ ޤާއިމުކޮށްފައި.
(ކޮވިޑް-19 އާ ގުޅިގެން ބޭއްވި ޕެނަލް ޑިސްކަޝަންގައި ޑޮކްޓަރުން ހާމަކުރެއްވި މައުލޫމާތުތައް)
މިހާރު ތައްޔާރީ ކެޕޭސިޓީ ހުރި މިންވަރު
ހުރިހާ ބައިނަލްއަޤުވާމީ ބަނދަރުތަކުގައި ސްކްރީން ކުރުމުގެ އިންތިޒާމް ވަނީ ހަމަޖެހިފައި، މިހާތަނަށް އެއްލައްކަ އަށާވީސްހާސް ހަސަތޭކަ ފަންސާސް ހަތް މީހަކު ވަނީ ސްކްރީން ކުރެވިފައި، އަދި ނުރައްކާ ބޮޑު ޤައުމުތަކުން މީހުން އައުމާ ފްލައިޓް އައުން ވަނީ ހުއްޓުވިފައި، އެގޮތުން ފުރަތަމަ ހުއްޓާލާފައިވަނީ ޗައިނާއިން އަންނަ ނުވަތަ ޗައިނާގައި ޓްރާންސިޓް ކޮށްފައި އަންނަ ފްލައިޓް، މިހާރު ޗައިނާގެ އިތުރުން، އިރާނުން އަންނަ ކްރޫޒް ލައިނަރތަކާއި، ސައުތް ކޮރެއާގެ ޑޭގޫ، ޖިއޮންބޮކް، ބޫސާން، ސޯލް، ޖިއޮންގީ އަދި ޖިއޮންގނަމް އިން ޓްރެވަލް ރެސްޓްރިކްޝަންތަކެއް ވަނީ ނެރިފައި (ދިވެހިން ނޫން މީހުންނަށް)
ނަމަވެސް އިރާނާއި ސައުތް ކޮރެއާއިން ރާއްޖެ އަންނަ ދިވެހިންވެސް 14 ދުވަހުގެ ކަރަންޓީން މުއްދަތު ފުރިހަމަ ކުރަންޖެހޭނެ،
އޭގެ އިތުރުން، އަންނަ މީހުން އެއާޕޯޓްގައި އައިސޮލޭޓް ކުރެވިގެންދާނެ، އަދި ހުޅުމާލޭގައިވެސް ސްކްރީން ކުރުމުގެ އިންތިޒާމް ވަނީ ހަމަޖެހިފައި.
(ކޮވިޑް-19 އާ ގުޅިގެން ބޭއްވި ޕެނަލް ޑިސްކަޝަންގައި ޑޮކްޓަރުން ހާމަކުރެއްވި މައުލޫމާތުތައް)
ކޮވިޑް 19 އާ ގުޅިގެން ކަންބޮޑުވާ ކަމެއް ދިމާވެއްޖެ ނަމަ 1676 އަށް ގުޅުއްވާ
ކޮވިޑް 19 އާ ގުޅިގެން ކަންބޮޑުވާ ކަމެއް ދިމާވެއްޖެ ނަމަ 1676 އަށް ގުޅުއްވުމަށް ޑޮކްޓަރުން އިލްތިމާސްކުރޭ. އެގޮތުން އެ ނަންބަރަށް ހިލޭ ގުޅައިގެން މައުލޫމާތު ސާފު ކުރެވޭނެ، އެހެން ގުޅާ ކޮންމެ މީހެއްގެ މައުލުމާތު ވަކިން ނޯޓުކޮށް، ބެލިގެންދާނެ،
(ކޮވިޑް-19 އާ ގުޅިގެން ބޭއްވި ޕެނަލް ޑިސްކަޝަންގައި ޑޮކްޓަރުން ހާމަކުރެއްވި މައުލޫމާތުތައް)
ކޮވިޑް 19 ގެ ވެކްސިންތަކާއި ބޭސްތައް ހުރީ ތަހުލީލް ސްޓޭޖުގައި
(ކޮވިޑް-19 އާ ގުޅިގެން ބޭއްވި ޕެނަލް ޑިސްކަޝަންގައި ޑޮކްޓަރުން ހާމަކުރެއްވި މައުލޫމާތުތައް)
ޑރ ނަޒްލާ ވިދާޅުވީ، ކޮވިޑް 19 އަށް އުފައްދާފައިވާ ވެކްސިން މިހާރު އޮތީ "ހިއުމަން ޓްރަޔަލް" ސްޓޭޖުގައި ކަމަށް، އަދި ބޭސްވެސް ހުރީ ތަހުލީލު ކުރުމުގެ ސްޓޭޖުގައިކަން ފާހަގަކުރެއްވި، އަދި ވެކްސިން އުފެއްދެންދެން ރާއްޖެއަށް މި ބަލި ފެތުރުނަ ނުދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ވަރުގަދަކޮށް، އެ މަސައްކަތް ކުރެވޭނެކަމަށް އޭނާ ވިދާޅުވި.
ކޮވިޑް-19 އާ ގުޅިގެން އަތޮޅު ފެންވަރުގައާއި ރަށު ފެންވަރުގައި ކުރާނެ ކަންކަން
(ކޮވިޑް-19 އާ ގުޅިގެން ބޭއްވި ޕެނަލް ޑިސްކަޝަންގައި ޑޮކްޓަރުން ހާމަކުރެއްވި މައުލޫމާތުތައް)
ކޮވިޑް-19 އާ ގުޅިގެން އަޅަމުންދާ ފިޔަވަޅުތައް
ބަލި އެކަކަށް ޖެހިއްޖެނަމަ އޭނާގެ ފަރާތުން މި ބަލި އިތުރު 3 މީހަކަށް ފެތުރުމުގެ ފުރުސަތު އޮވޭ، އެގޮތަށް މި ބަލި ޖެހޭ މީހުންގެ ނިސްބަތް އިތުރުވެގެންދަނީ، އެންމެ މީހެއް ހުރި ނަމަ އެލަރޓް ލެވެލް ހުންނާނީ ރީނދޫގައި، ނަމަވެސް އޭނާގެ ފަރާތުން ބަލި ފެތުރޭ ޙާލަތްތަކުގައި އެލަރޓް ލެވެލް މަތި ކުރެވިގެންދާނެ،
4 ޒޯނަކަށް މުޅި ރާއްޖެ ބަހާލައިގެން އަޅުގަނޑުމެން މި ކުރިއަށްގެންދަނީ، އެންމެ ރަށެއްގައި ބަލި ފެނިއްޖެނަމަ އެރަށެއް ދާނީ ރެޑް ލެވެލްއަށް، އެއް ރަށަށްވުރެ ގިނައިން ފެނިއްޖެނަމަ މުޅި އަތޮޅު ބަދަލުވާނެ ރެޑް ލެވެލްއަށް، އެހިސާބުން ރެޑް ލެވެލްގައި އަތޮޅަކަށް އަޅަންޖެހޭ ހުރިހާ ރައްޖާތެރިކަމުގެ ފިޔަވަޅުތަކެއް އެ އަތޮޅަކަށް އެޅިގެންދާނެ،
އޭގެ އިތުރުން، އެ އަތޮޅުން ރެޑް ލެވެލްއަށް ރަށްތަކެއް ގޮސްފައި އޮއްވައި އެ ޒޯންގެ އެހެން އަތޮޅަކުން ކޭސްއެއް ފެނިއްޖެނަމަ މުޅި ޒޯން ރެޑް އެލަރްޓަށް ބަދަލުކުރެވޭނެ،
ނަމަވެސް 4 ޒޯންގެ ތެރެއިން އެއް ޒޯނަށްވުރެ ގިނައިން ފެނިއްޖެނަމަ ބަލާނީ މުޅި ޤައުމު ރެޑް އެލަރޓަށް ދިޔައީ ކަމަށް،
(ކޮވިޑް-19 އާ ގުޅިގެން ބޭއްވި ޕެނަލް ޑިސްކަޝަންގައި ޑޮކްޓަރުން ހާމަކުރެއްވި މައުލޫމާތުތައް)
ނުރައްކާތެރިކަން ވަޒަން ކުރުމަށް 4 ދަރަޖައަކަށް ބަލާ
ގިންތި ކުރެވިފައިވާ ދަރަޖަތަކަކީ ހުދު، ރީނދޫ، އޮރެންޖް އަދި ރަތް
މިއިން ކަމެއް ފެނިއްޖެނަމަ މުޅި ޤައުމު ރެޑް އެލަރޓަށް ނުވަތް ޔެލޯ އެލަރޓަށް ދަނީއެއް ނޫން، އެކި ޒޯންތަކަށް އަޅުގަނޑުމެން ބަހާލާނީ، ރަށު ފެންވަރުގައާ އަދި އަތޮޅު ފެންވަރުގައި އަދި ޤައުމީ ފެންވަރުގައި އެލަރޓް ލެވެލްތައް ނެރޭނެ ގޮތް ކަނޑައެޅިގެންދާނެ،
(ކޮވިޑް-19 އާ ގުޅިގެން ބޭއްވި ޕެނަލް ޑިސްކަޝަން)
ކޮވިޑް-19 އާ ގުޅިގެން ބޭއްވި ޕެނަލް ޑިސްކަޝަން
މި ބަލީގެ ނުރައްކާތެރިކަން ބެލުމަށް ދަރަޖަތަކެއް ވަނީ ގިންތި ކުރެވިފައި، އެގޮތުން ނުރައްކާތެރިކަން ވަޒަން ކުރުމަށް 4 ދަރަޖައަކަށް ބަލާ، އަދި ރާއްޖޭގައި ފާހަގަވެފައެއް ނެތް ރޯގާތައް އިތުރުވަމުންދާކަމެއް، އަޅުގަނޑުމެންނަށް އެނގިފައެއް ނުވޭ ކުރީ އަހަރުތަކާ އަޅާބަލާއިރު ރޯގާ ޖެހިގެން އެޑްމިޓް ކުރާ މީހުންގެ އަދަދު އިތުރުވާތަނެއް، - ޑރ ނަޒްލާ
ކޮވިޑް-19 އާ ގުޅިގެން ބޭއްވި ޕެނަލް ޑިސްކަޝަން
މި ބަލީގެ އެންމެ ނުރައްކާ ބޮޑުވަނީ ދުވަސްވީ މީހުންނަށް، އޭގެ ތެރެއިންވެސް 80 އަހަރުން މަތީ ބޭފުޅުންނަށް ނުރައްކަލުގެ ފުރުސަތު ބޮޑު، އަދި ދާއިމީ ބައްޔަށް ބޭސްކުރާ މީހުން (މިސާލަކަށް ހަކުރު ބަލި، ސްޓްރޯކް ޖެހުން، ފުއްޕާމޭގެ ބަލިތައް އަދި ކެންސަރ ފަދަ ބަލިތައް، )
ވީމާ އެފަދަ ފަރާތްތަކުން ބޮޑަށް ރައްކާތެރިވާން ޖެހޭ،- ޑޮކްޓަރުން
އެމެރިކާގެ ނިއުޔޯކުގެ ހޮސްޕިޓަލްތަކުގައި ކޮވިޑް-19 އަށް ޚާއްޞަކޮށްގެން 12،00 އެނދު ތައްޔާރުކޮށްފި
އެމެރިކާގެ ވެރިރަށް ނިއު ޔޯކް ސިޓީން ކޮވިޑް-19 އަށް ތާއްޔާރުވުމުގެ ގޮތުން، އެސިޓީގެ ހޮސްޕިޓަލްތަކުގައި 12،00 އެނދު، ވައިރަސްއަށް ފަރުވާ ދިނުމަށް ތައްޔާރުކޮށްފިއެވެ.
އެމެރިކާގެ ސީއެންއެން ނެޓްވަރކްއިން ޚަބަރު ފަތުރާގޮތުގައި، ނިއު ޔޯކް ސިޓީގެ މޭޔަރ ބިލް ޑެ ބްލޭސިއޯ އެކަން އިޢުލާން ކުރައްވާފައިވަނީ އެކަމަށް ޚާއްޞަކޮށްގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ބިލް ވިދާޅުވެފައިވަނީ ނިއު ޔޯކް ސިޓީން އަދި ވައިރަސް ނުފެނުނު ނަމަވެސް، އެމެރިކާގެ އެހެން ސިޓީތަކުގައި ވައިރަސް ފެތުރެމުންދާތީ، ކޮންމެ ދަނޑިވަޅެއްގައިވެސް އެސިޓީއަށް ވައިރަސް އައިސްދާނެކަމަށް ބެލެވޭތީ ދުރާލާ ތައްޔާރުވީ ކަމަށެވެ.
އަދި ކޮރޯނާވައިރަސްއަށް 12،00 އެނދު ޚާއްޞަ ކުރީ، އެހެން ބަލި ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންނަށް އޭގެ ތަކުލީފެއް ނުޖެހި ފަރުވާގެ ކަންކަން ކުރިޔަށް ގެންދެވޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން ކަމަށެވެ.
ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިހާރުވެސް ސަރުކާރުން އެ ސިޓީގައި 1.5 މިލިއަން ފޭސް މާސްކް ބަހަމުންދާކަމަށާއި، އިތުރު 300،000 މާސްކަށް އޯޑަރުދީފައިވާކަމަށް ބިލް ޕްރެސްގައި ވިދާޅުވެފައިވާކަމަށް، ސީއެންއެން އިން ރިޕޯޓުކުރެއެވެ.
ކޮވިޑް-19 އަށް އެެމެރިކާ އޮތީ ފުރިހަމަޔަށް ތައްޔާރުވެފައި: ޑޮނާލްޑް ޓްރަމްޕް
ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ނޮވެލް ކޮރޯނާވައިރަސް(ކޮވިޑް-19) އަށް އެމެރިކާ އޮތީ ފުރިހަމަޔަށް ތައްޔާރުވެފައިކަމަށް، އެޤައުމުގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެމެރިކާގައި ވައިރަސް ފެތުރެމުންދާތީ ކަންބޮޑުވެވަޑައިގަންނަވާތޯ، ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޓްރަމްޕް ވިދާޅުވީ، ކަންބޮޑުވެ ވަޑައިނުގަންނަވާ ކަމަށެވެ. ސަބަބެއް ކަމުގައި ވިދާޅުވީ، އެމެރިކާއިން ވައިރަށްއާއި ހަނގުރާމަކުރުމަށް ފުރިހަމައަށް ތައްޔާރުވެފައިވާތީ ކަމަށެވެ. ޓްރަމްޕް ވިދާޅުވީ، ކޮރޯނާވައިރަސްއާއި ގުޅުން ހުރި ކަންކަމުގައި ޙަރަކާތްތެރިވާން ޖެހޭ ހުރިހައި އިދާރާއަކުން، އެކަމަށް ސަމާލުވެ، ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅު އަޅަމުންދާކަމަށާއި، މިހާތަނަށް ވައިރަސް ޖެހުނު 60 މީހުންގެ ކަންކަންވެސް ގާތުން ބަލަމުންދާކަމަށެވެ.
އުންމީދަކީ، މި ވައިރަސް ފެތުރުނަނުދީ ހިފެހެއްޓުން ކަމަށާއި، އަދި މިހާރު މިވައިރަސް ޖެހިފައިވާ މީހުންނަށް އަވަސް ފަރުވާދެވި ބަލިން ރަނގަޅުވުން ކަމަށެވެ.
އެމެރިކާގައި މިގާރު ކޮރޯނާ ވައިރަސް އިންފެކްޓްވެފައިވާ 60 މީހުން ތިބި އިރު، އޭގެއިން 42 މީހުންނަނީ ޑައިމަންޑް ޕްރިންސެސްގައި ދަތުރު ކުރި އެޤައުމުގެ މީހުންނެވެ.
ރާއްޖެ ފަދަ ހޫނު ޤައުމުތަކުގައިވެސް ކޮވިޑް-19 ފެތުރުމުގެ ފުރުޞަތު އޮވޭތަ؟
ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ޞިއްޙީ މާހިރުން ބުނާ ގޮތުގައި ރާއްޖެ ފަދަ ހޫނު ޤައުމުތަކައް ކޮވިޑް-19 ފެތުރުމުގެ ފުރުޞަތު އޮވެއެވެ. އެހެންކަމުން، ހުރިހައި ބޭފުޅުން މިކަމަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.
ޖޯރޖިއާއިން ކޮރޯނާވައިރަސް ޖެހިފައިވާ މީހަކު ފެނިފައިވާކަމަށް އެގައުމުން ބުނެފި
ޖޯރޖިއާއިން ކޮރޯނާވައިރަސް ޖެހިފައިވާ މީހަކު ފެނިފައިވާކަމަށް އެގައުމުން ބުނެފި އެވެ. އެމީހާއަކީ އިރާނަށް ދަތުރުކޮށްފައިވާ މީހެއްކަމަށާއި އެމީހާއަށް ހޮސްޕިޓަލްގައި ފަރުވާދެމުންދާކަމަށް އެގައުމުން ބުނެއެވެ.
ކޮރޯނާވައިރަސް ޖެހިފައިވާ ފުރަތަމަ މީހާ ނޯވޭ އިން ފެނިއްޖެ
ކޮރޯނާވައިރަސް ޖެހިފައިވާ ފުރަތަމަ މީހާ ނޯވޭ އިން ފެނިފައިވާ ކަމަށް އެގައުމުން ބުނެފި އެވެ. ނޯވޭއިން ބުނީ ޗައިނާއިން އައި އެގައުމުގެ ރައްޔިތެއްގެ ގައިން މިވައިރަސް ފެނިފައިވާކަމަށެވެ.
ކޮވިޑް-19 ފެތުރޭތީ އުމްރާ އަށް މީހުން އައުން ސައުދީން ވަގުތީ ގޮތުން މަނާކޮށްފި
ހަލުވިކަމާއެކު ދުނިޔޭގައި ކޮވިޑް-19 ފެތުރެމުންދާތީ އުމްރާ އަށް މީހުން އައުމާއި މަސްޖިދުއް ނަބަވީ އަށް ޒިޔާރަތްކުރުން ސައޫދީ އަރަބިއްޔާ އިން ވަގުތީ ގޮތުން މަނާކޮށްފި އެވެ.
ސައުދީގެ ފޮރިން އެފެއަރޒް އިން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮރޯނާވައިރަސް ހަލުވިކަމާއެކު ފެތުރެމުންދާ ގައުމުތަކުން ސައުދީއަށް ޓޫރިސްޓު ވިސާގައި އައުންވެސް މަނާކޮށްފައިވާ ކަމަށެވެ. އުމްރާއަށް މީހުން އައުން މަނާކުރީ ކިހާ މުއްދަތަކަށް ކަމެއް މިބަޔާނުގައި ހާމަކޮށްފައެއްނުވެ އެވެ. މިވައިރަސް ފެތުރެމުންދާގޮތް ގާތުން ބަލަމުންދާ ކަމަށްވެސް އެގައުމުން ވަނީ ބުނެފަ އެވެ.
ބައްޔާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އާއި ސިއްހީ އެހެން ޖަމާއަތްތަކުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް ސައޫދީން ވެސް އަމަލުކުރަމުން ދާނެ ކަމަށް މިބަޔާނުގައި ބުނެފައިވެ އެވެ. މިބަޔާނުގައި އިތުރަށް ބުނެފައިވަނީ މިއީ ސައޫދީ ރައްޔިތުންނާއި ހަރަމްފުޅުތަކަށް ޒިޔާރަތްކުރާ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅި ފިޔަވަޅެއް ކަމަށެވެ.
މިވައިރަސް ފެތުރޭ ގައުމުތަކަށް ސައޫދީ ރައްޔިތުން ދަތުރު ނުކުރުމަށް އިލްތިމާސްކޮށް، އެ ގައުމުން ވަނީ ވިސާއާ ނުލާ އައިޑެންޓިޓީ ކާޑު ބޭނުންކޮށްގެން ސައޫދީ އާއި ގަލްފުގެ ގައުމުތަކުގެ މީހުން އެ ގައުމުތަކުގެ ދެމެދުގައި ދަތުރުކުރެވޭ ގޮތަށް އޮތް އޮތުން ވެސް މި ވަގުތަށް މެދުކަނޑާލާފަ އެވެ. މެދުއިރުމަތީގައި މިވަގުތު ހަލުވި މިނެއްގައި މިވައިރަސް ފެތުރެމުންދާތީ އެކަމަށް ރައްކާތެރިވުމުގެ ގޮތުން އެގައުމުތަކަށް ނުދިޔުމަށްވެސް އެގައުމުން ވަނީ ރައްޔިތުންނަށް އިލްތިމާސްކޮށްފަ އެވެ.
ވުހާންގައި ބާކީ ތިބި 2 ދިވެހިން އެ ސިޓީން ނެރެ އިންޑިއާއަށް ގެންގޮސް ކަރަންޓީންކޮށްފި
ނޮވެލް ކޮރޯނާވައިރަސް ހަލުވިކަމާއެކު ފެތުރެމުންދާ ޗައިނާގެ ވުހާން ސިޓީގައި ބާކީ ތިބި 2 ދިވެހިން އިންޑިއާގެ އެހީތެރިކަމާއެކު އެ ސިޓީން ބޭރުކޮށް, އިންޑިއާއަށް ގެނެސް ކަރަންޓީންކޮށްފިއެވެ.
ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވުހާންގައި ތިބި 2 ދިވެހިން އިންޑިއަން އެއަރފޯސް ފުލައިޓްގައި އެ ސިޓީން ނެރެފައިވާ ކަމަށާއި، އެ ދެމީހުން ނިއު ދިއްލީގައި ކަރަންޓީން ކުރާނެ ކަމަށެވެ. ފޮރިން މިނިސްޓަރު ވަނި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށާއި، އިންޑިއާގެ އެކަސްޓަރނަލް އެފެއަރޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރަށް މިކަމާއި ގުޅިގެން ޝުކުރު އަދާކުރައްވާފައެވެ.
އިންޑިއަން އެއަރފޯސް ފުލައިޓަކީ ޗައިނާއަށް ޞިއްޙީ އާލަތްތަކާއި ބޭހާއި ސާމާނު ހިފައިގެން ދިޔަ ފުލައިޓެކެވެ. މި ފުލައިޓުގައި 15 ޓަނުގެ ޞިއްޙީ ސާމާނާއި އާލާތްތައް އަދި ބޭސް ގެންގޮސްދިނުމަށްފަހު 112 މީހުން ވަނީ ވުހާން ސިޓީން އިންޑިއާއަށް ގެނެސްދީފައެވެ.
މި 2 ދިވެހިންނަކީ މީގެ ކުރިން ވުހާންއިން ދާން ބޭނުން ނުވާ ކަމަށް ބުނުމުން އެ ސިޓީން ނެރެފައިނުވާ 2 ދިވެހިންނެވެ. މީގެ ކުރިން ވެސް ދިވެހި ސަރުކާރުން ވަނީ އިންޑިއާއާއި ގުޅިގެން ވުހާންގައި ތިބި 7 ދިވެހިން އެ ސިޓީން ނެރެ އިންޑިއާގައި ކަރަންޓީން ކޮށްފައެވެ. އަދި 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީންގައި ތިބުމަށްފަހު ކޮރޯނާ ވައިރަސްގެ އަސަރެއް ނުފެނުމުން އެމީހުން ވަނީ ކަރަންޓީނުން ދޫކޮށް ރާއްޖެ ގެނެސްފައެވެ. މިއާއެކު ޗައިނާގެ ވުހާންގައި ތިބި ހުރިހާ ދިވެހިން އެ ސިޓީން ވަނީ ނެރެފައެވެ. އަދި ފަހުން ނެރުނު 2 ދިވެހިން ވެސް ދިއްލީގައި 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީން ކުރެވިގެންދާނެއެވެ.
ކޮރޯނާވައިރަސް ފެތުރެމުންދިޔަ ކޮންޓްރޯލް ކުރުމަށް ޕާކިސްތާނުގެ ސްކޫލްތައް ބަންދުކޮށްފި
ކޮރޯނާވައިރަސް ފެތުރެމުންދިޔަ ކޮންޓްރޯލް ކުރުމަށް ޕާކިސްތާނުގެ ސްކޫލްތައް ބަންދުކޮށްފި އެވެ.
ޕާކިސްތާނުން ދެ މީހަކަށް މިވައިރަސް ޖެހިގެން ރިޕޯޓްކޮށްފައިވެ އެވެ. ސްކޫލްތައް ބަންދުކޮށްފައިވަނީ މަރޗް މަހުގެ 15 ވަނަ ދުވަހާ ހަމައަށެވެ.
ކޮރޯނާވައިރަސް ފެތުރޭތީ އިރާގުން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފި
ކޮރޯނާވައިރަސް ފެތުރެމުންދާތީ އިރާގުން ރައްކާތެރިކުރުމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފި އެވެ. އެގައުމުން ވަނީ ސްކޫލްތަކާއި ، ކެފޭތަކާއި، ސިނަމާތައް އެކިކަހަލަ އެއްވުންތައް މަރޗްމަހުގެ 7 ވަނަ ދުވަހާ ހަމައަށް ބަންދުކޮށްފަ އެވެ. އަދި ކޮރޯނާވައިރަސް ހަލުވި މިނެއްގައި ފެތުރެމުންދާ ގައުމުތަކަށް އެގައުމުގެ ރައްޔިތުން ދިޔުންވަނީ މަނާކޮށްފަ އެވެ. މީގެއިތުރުން ބަހްރެއިން އާއި ކުވެއިތުން އެގައުމަށް މީހުން އެތެރެވުން ވެސް ވަނީ މަނާކޮށްފަ އެވެ.
ސައުތުކޮރެއާއިން ކޮރޯނާވައިރަސް އަލަށް 344 މީހުންނަށް ޖެހިފައިވާ ކަމަށް އެގައުމުން ބުނެފި
ސައުތުކޮރެއާއިން ކޮރޯނާވައިރަސް އަލަށް 344 މީހުންނަށް ޖެހިފައިވާ ކަމަށް އެގައުމުން ބުނެފި އެވެ. އެއާއެކު އެގައުމުން މިވައިރަސް ޖެހިފައިވާ މީހުންގެ އަދަދު ވަނީ 1,595 ށް އަރާފަ އެވެ.
އެގައުމުން މިހާތަނަށް މިވައިރަސް ޖެހިގެން 12 މީހުން ވަނީ މަރުވެފަ އެވެ.
ކޮރޯނާވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 2800 ށް
ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 2801 ށް އަރައިފި އެވެ.
ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި ބުދަ ދުވަހު ޗައިނާއިން ވަނީ މިވައިރަސް ޖެހިގެން 29 މީހުން މަރުވެފަ އެވެ. އެއާއެކު އެގައުމުން މިވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 2,744 އަށް އަރާފަ އެވެ. ޗައިނާއިން ބޭރު ގައުމުތަކުން މިވައިރަސް ޖެހިގެން 57 މީހުން ވަނީ މަރުވެފަ އެވެ.
ޗައިނާއިން ބޭރު ގައުމުތަކުން މިވައިރަސް ޖެހިގެން އެންމެ ގިނަ އަދަދެއްގެ މީހުން މަރުވެފައިވަނީ އިރާނުންނެވެ. އެއީ 19 މީހުންނެވެ. ސައުތުކޮރެއާއިން 12 މީހުން މަރުވެފައިވާއިރު ޖަޕާނުން 7 މީހުން ވަނީ މަރުވެފަ އެވެ. ފްރާންސް އާއި ހޮންގ ކޮންގ އިން ކޮންމެ ގައުމަކުން 2 މީހުން މަރުވެފައިވާއިރު ފިލިޕީންސް އާއި ޓައިވާނުން ވަނީ އެކަކު މަރުވެފަ އެވެ.
އަނެއްކޮޅުން މިވައިރަސް އަންނަނީ ދުނިޔޭގެ އެހެން ގައުމުތަކުންވެސް ފެންނަމުންނެވެ. އެގޮތުން ބުދަ ދުވަހު ޕާކިސްތާނާއި ،ޖަރުމަނު އަދި ބްރެޒިލުން ވަނީ އަލަށް މިވައިރަސް ޖެހިގެން ރިޕޯޓްކޮށްފަ އެވެ.
ދެމަސްދުވަހުގެ ތެރޭގައި ނޮވެލް ކޮރޯނާ ވައިރަސް މުޅި ދުނިޔެއަށް ފެތުރިގެންދިޔަ ގޮތް އިނގެން ބޭނުންތަ؟
ކޮރޯނާ ވައިރަސް އެންމެ ފުރަތަމަ ފެނުނީ މިދިިޔަ އަހަރުގެ ޑިސެންބަރުމަހުގެތެރޭގައި، ޗައިނާގެ މެދުތެރޭ ހުބޭއި ޕްރޮވިންސްގެ ވުހާން ސިޓީންނެވެ. މިހާތަނަށް އައިއިރު ދުނިޔޭގެ 40 ޤައުމަކަށް ވަނީ މި ބަލި ފެތުރިފައެވެ.
ތާރީޚުގެ ތެރެއިން ކޮވިޑް-19:
* ޑިސެންބަރު 8: ވުހާން ސިޓީގައި މީހެއްގެ ހަށިގަނޑުން ކޮރޯނާވައިރަސްގެ އަލާމަތް ފެނުނު
* ޑިސެންބަރު 31: ދުނިޔޭގެ ޞިއްހަތު ޖަމްޢިއްޔާއަށް، ޗައިނާއިން ފުރަތަމަ ކޭސް ރިޕޯޓުކުރި
* ޖެނުއަރީ 01: ނޮވެލް ކޮރޯނާވައިރަސް ފެތުރުނުކަމަށް ބުނާ ވުހާން ސިޓީގެ ސީ ފިޑް އެންޑް ވައިލްޑް ލައިފް މަރކެޓް ބަންދުކޮށް، ޖަރާސީމު މަރާލުމުގެ މަސައްކަތްފެށި
* ޖެނުއަރީ 07: ޗައިނާގެ ކަމާއިބެހޭ މަސްއޫލު ވެރިން "ނޮވެލް ކޮރޯނާވައިރަސް" ދެނެގަނެ އެއަށް ނަމެއްކި
* ޖެނުއަރީ 09: ކޮރޯނާވައިރަސްޖެހިގެން މީހަކު މަރުވި. އެހެންނަމަވެސް މި ކޭސް ރިޕޯޓުކުރީ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހު
* ޖެނުއަރީ 13: ތައިލޭންޑުން ފުރަތަމަ ފަހަރަށް ވައިރަސް ޖެހިފައިވާ މީހަކު ފެނުނު. އެމީހާއަކީ ވުހާން ސިޓީން ދަތުރުކުރި ޗައިނާ މީހެއްކަން އެނގުނު
* ޖެނިއަރީ 16: ޖަޕާނުން ކޮރޯނާވައިރަސް ރިޕޯޓުކުރި
* ޖެނުއަރީ 21: އެމެރިކާއިން ފުރަތަމަ ކޭސް ފެނުނު
* ޖެނުއަރީ 21: ވުހާން އާއި ހުބެއިން ޕްރޮވިންސްގެ ބައެއް ސިޓީތައް "ލޮކްޑައުން" ކުރި. އަދި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން މިއީ، ޕަބްލިކް ހެލްތު އެމަރަޖެންސީއެއް އިޢުލާންކުރާ މިންވަރަށް ވައިރަސްގެ ކަންކަން ނުދާކަމަށް ބުނި.
* ޖެނުއަރީ 28: ނޮވެލް ކޮރޯނާވައިރަސްގައި މަރުވި މީހުންގެ އަދަދު 100އަށް އެރި. މިއީ 2003 ވަނަ އަހަރު ފެތުރުނު ސިވިއަރ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް(ސާރސް) ގައި ޗައިނާއިން މަރުވި މީހުންގެ ޢަދަދަށް ވުރެ އިތުުރު އަދަދެއްކަން ޗައިނާއިން ހާމަކުރި.
* ޖެނުއަރީ 30: ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ޕަބްލިކް ހެލްތު އެމަރޖެންސީގެ ޙާލަތުގެ ގޮތުގައި ކަނޑައަޅާ އެކަން އިޢުލާންކުރި.
* ފެބްރުއަރީ 02: ފިލިޕީންސްގައި ޗައިނާ މީހަކު ކޮރޯނާވައިރަސް ޖެހިގެން މަރުވި. މިއީ ޗައިނާއިން ބޭރުން މި ވައިރަސްގައި މީހަކު މަރުވި ފުރަތަމަ ފަހަރު
* ފެބްރުއަރީ 04: ޖަޕާނުގެ ޔޮކޮހާމާ ސިޓީގައި، އެޤައުމުގެ ކްރޫސްލައިނަރ "ޑައިމަންޑް ޕްރިންސެސް" ކަރަންޓީން ކުރި. އޭގައި ފަޅުވެރިންނާއި، ފަސިންޖަރުންނާއެކު 3،700 މީހުން ތިބި
* ފެބްރުއަރީ 06: ކޮރޯނާވައިރަސްގައި މުޅި ދުނިޔެއިން މަރުވި މީހުންގެ ޢަދަދު 500އަށް އެރި
* ފެބްރުއަރީ 07: ކޮރޯނާވައިރަސްއާ ގުޅޭގޮތުން މީޑިއާއަށް މައޫލޫމާތު ހާމަކުރި ޗައިނާގެ ޑޮކްޓަރ ލި ވެންލިއާންގ ކޮރޯނާ ވައިރަސް ޖެހިގެން މަރުވުން. މިއީ އެޤައުމުގެ ފުލުހުން ހޯދަމުން ދިޔަ މީހެއް.
* ފެބްރުއަރީ 08: ޗައިނާގެ ބެއިޖީންގ ގައި ހުންނަ އެމެރިކާ އެމްބަސީން، ވުހާން ސިޓިގައި ހުރި އެމެރިކާ މީހަކު ވައިރަސްޖެހިގެން މަރުވިކަން ހާމަކުރުން. މިއީ، ޗައިނާގައި އެހެން ޤައުމެއްގެ މީހަކު މަރުވި ފުރަތަމަ ފަހަރު.
* ފެބްރުއަރީ 11: ކޮރޯނާ ވައިރަސް ޖެހިގެން މަރުވީ މީހުންގެ އަދަދު 1.000އަށް އެރުން. އަދި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ކޮވިޑް-19 ގެ ގޮތުގައި ނަން ކަނޑައަޅާ އިޢުލާންކުރުން.
* ފެބްރުއަރީ 15: ޔޫރަޕުން ފުރަތަމަ ފަހަރަށް މީހަކު ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވުން
* ފެބްރުއަރީ 17: ޑައިމަންޑް ޕްރިންސެސްގައި ތިބި އެމެރިކާ ރައްުޔިތުން އަނބުރާ ގެންދަން ޖަޕާނުން ހުއްދަ ދިން
* ފެބްރުއރީ 20: މަރުވީ މީހުންގެ އަދަދު 2،000އަށް އެރި
* ފެބްރުއަރީ 23: ދެކުނު ކޮރެއާއިން ވައިރަސް ޖެހުނު މީހުންގެ އަދަދު 600 އަށް އެރި. އިޓަލީގައި ވައިރަސް ޖެހުނު މީހުންގެ އަދަދު 152 އަށް އެރި.
އެމެރިކާގެ އިދިކޮޅު ފަރާތްތަކުން ކޮވިޑް-19 އަށް ޚާއްޞަ ބަޖެޓެއް ތައްޔާރުކުރައްވަނީ
އެމެރިކާގެ މައިނޯރިޓީ ލީޑަރު ޗަކް ޝޫމަރއާއި، ސެނެޓުގައި ހިމެނިވަޑައިގަންނަވާ ޑިމޮކްރޭޓުން ގެންދަވަނީ، ކޮވިޑް-19 ފގެ ބަލިމަޑުކަމުން އަރައިގަތުމަށް އެމެރިކާ ސަރުކާރުން ކުރަމުންދާ މަސައްކަތައް ޚާއްޞަ ބަޖެޓެއް އެކުލަވާލުމުގެ މަސައްކަތްކުރައްވަމުންނެވެ. ޗަކް ޝޫމަރއާއި ވަނީ 8.5 ބިލިއަން ޑޮލަރުގެ ބަޖެޓެއް އެކުލަވާލުމަށް ތައްޔާރުވަމުންދާކަމަށް ވިދާޅުވެ، އެމެރިކާގެ ބައެއް މިޑިއާތަކާއި މި ޕްލޭން ހިއްސާ ކުރައްވާފައެވެ. މިއީ ކޮވިޑް-19 ފެތުރުން ހުއްޓުވުމަށާއި، އަދި މިކަމާއި ގުޅުން ހުރި އެހެނިހެން ކަންކަން ތަންފީޒުކުރުމަށް ޚަރަދުކުރަން އެކުލަވާލި ބަޖެޓެއް ކަމަށްވެއެވެ.
ޝޫމަރ އެކުލަވާލާ ބަޖެޓުގެ ތަފުޞީލު:
*1.5 ބިލިއަން ޑޮލަރު:އެމެރިކާގެ ސެންޓަރ ފޮރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އިން ކުރަމުންދާ މަސައްކަތްތަކައް، އަދި އިންފެންޝަސް ޑިޒީސް ރެޕިޑް ރެސްޕޮންސް ރިޒަރވް ފަންޑު އަދި ގްލޯބަލް ހެލްތު ސެކިޔުރިޓީ ފަންޑަށް
* 3 ބިލިއަން ޑޮލަރު:ޕަބްލިކް ހެލްތު އެންޑް ސޯޝަލް ސަރވިސް އެމަރޖެންށީ ފަންޑަށް
* 2 ބިލިއަން ޑޮލަރު:ދައުލަތާއި، ރައްޔިތުންނަށް އަނބުރާ ދައްކާގޮތައް ދޭފައިސާގެގޮތުގައި
* 1 ބިލިއަން ޑޮލަރު:ޔުނައިޓެޑް ސްޓޭޓްސް އެޖެންސީ ފޮރ އިނޓަނޭޝަނަލް ޑެވެލޮޕްމެންޓްސް އަށް
* 1 ބިލިއަން ޑޮލަރު:ނެޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތުން މިހާރު ކުރިޔަށް ގެންދާ ވެކްސިން ތަރައްޤީ ކުރުމުގެ ޕްރޮގުރާމަށް
އިންޑިއާއިން ޗައިނާގެ ވުހާން ސިޓީއަށް 15 ޓަނުގެ ޞިއްޙީ އާލާތްތައް ހަދިޔާކޮށްފި
ވުހާން ސިޓީއަށް 15 ޓަނުގެ ޞިއްޙީ އާލާތްތައް ހަދިޔާކުރިކަން އިޢުލާން ކުރެއްވީ އިންޑިއާގެ ޚާރިޖީ ވަޒިޜު ޖެއި ޝަންކަރެވެ. ޖެއި ޝަންކަރް ވިދާޅުވީ، މިއީ، ޗައިނާއަށް ކުރިމަތިވެފައިވާ މި ދަތި ދުވަސްވަރުގައި އިންޑިއާއިން ޗައިނާއާއި އެކު އޮތްކަން އަންގައިދިނުމުގެ ގޮތުން ކުރިކަމެއް ކަމަށެވެ. މިއީ ވަރަށް ހެޔޮ ނިޔަތުގައި ޗައިނާގެ ރައްޔިތުންނަށް ވެދިން އެހީއެއްގެ ގޮތުގައި ޖެއި ޝަންކަރް ފާހަގަކުރައްވާފައިވެއެވެ.
ޖެއި ޝަންކަރުގެ ވާހަކަފުޅުގައި ވަނީ މިކަން މަގުފަހިކޮށްދިނުމަށް، އިންޑިއާގެ ވައިގެ އަސްކަރިއްޔާއާއި، ޗައިނާގައި ހުންނަ އިންޑިއާ އެމްބަސީން ކުރި މަސައްކަތައް ތައުރީފުކުރައްވާ ޝުކުރު އަދާކުރައްވާފައެވެ.
ޚަބަރު ލިބިފައިވާ ގޮތުގައި ވުހާން ސިޓީއަށް އެހީގެ ތަކެތި ހިފައިގެން ދިޔަ އިންޑިއާގެ ވައިގެ އަސްކަރިއްޔާގެ ބޯޓުން، މިހާރު ވުހާން ސިޓީގައި ތާށިވެފައި ތިބި އިންޑިއާ ރައްޔިތުން އިންޑިއާއަށް ގެންނާނެއެވެ.
ދެކުނު އެމެރިކާގެ ފުރަތަމަ ކޭސް ބްރެޒިލްއިން ފެނިއްޖެ
ބްރެޒިލްގެ 61 އަހަރުގެ ފިރިހެނަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް އެ ގައުމުގެ ސިއްހަތު ވުޒާރާއިން ކަށަވަރުކޮށްދީފިއެވެ.
މިއީ ދެކުނު އެމެރިކާގެ ގައުމަކުން މި ވައިރަސް ފެނުނު ފުރަތަމަ ފަހަރެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ވައިރަސްއަށް ޕޮޒިޓިވްވީ މީހާއަކީ ދާދި ފަހުން އިޓަލީވިލާތަށް ދަތުރުކޮށްފައިވާ މީހެކެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ ގައުމުގެ ސިއްހަތާބެހޭ ވަަޒީރު ލުއިޒް ހެންރީކް މަންޑެއްޓާ ވިދާޅުވީ، ވައިރަސް އިތުރަށް ފެތުރުނަ ނުދިނުމަށް ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ސަރުކާރުން މިހާރުވެސް އަޅާފައިވާ ކަމަށެވެ.
ބްރެޒިލްއިން ފެނުނު މި ކޭސްއާއެކު މިހާރު އެންޓަރޓިކާ ބައްރު ފިޔަވާ އެހެން ހުރިހާ ބައްރަކުން މި ބަލި ވަނީ ފެނިފައެވެ. އަދި މިއީ މި ބަލި ފެނުނު 45 ވަނަ ގައުމެވެ. މުޅި ދުނިޔެއަށް އަޅާ ބަލާއިރު، 81،293 މީހަކު ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އަދި މަރުވީ މީހުންގެ އަދަދު ވަނީ 2770 އަށް އަރާފައެވެ.
އެންޓާޓިކާ ފިޔަވައި ދުނިޔޭގެ ހުރިހައި ޞަރަޙައްދަކުން ކޮވިޑް-19 ފެނިއްޖެ
އެންޓާޓިކާ ފިޔަވައި ދުނިޔޭގެ ހުރިހައި ބައްރަކުން ނޮވެލް ކޮރޯނާވައިރަސްގެ ކޭސްތައް ރިޕޯޓުކޮށްފައިވާކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ބުނެފިއެވެ. މިއާއެކު ދުނިޔޭގެ 7 ބައްރުގެ ތެރެއިން 6 ބައްރަށް މިވަނީ ނޮވެލް ކޮރޯނާވައިރަސް ފެތުރިފައެވެ.
ކޮރޯނާ ފެތުރިފައިވާ ބައްރުތަކާއި، ޤައުމުތަކުގެ ތަފުޞީލު:
*ދެކުނު އެމެރިކާ:
ބްރެޒިލް އިން ކޮރޯނާވައިރަސްގެ ފުރަތަމަ ކޭސް ރިޕޯޓުކޮށްފައިވަނީ މިއަދުގެ ވަގުތެއްގައެވެ. މިއީ ދެކުނު އެމެރިކާ ބައްރުގެ ޤައުމަކުން މި ވައިރަސް ރިޕޯޓުކުރި ފުރަތަމަ ފަހަރެވެ.
* އެފްރިކާ:
މިޞްރުން މިދިޔަ ހަފުތާގައި ވައިރަސް ފެނިފައިވާއިރު، އިއްޔެ ވަނީ އަލްޖީރިއާއިން ފުރަތަމަ ކޭސް ރިޕޯޓުކޮށްފައެވެ.
* އޭޝިޔާ:
އޭޝިޔާގެ ޤައުމުތަކައް ބަލާއިރު، އެންމެ ފުރަތަމަ މިވައިރަސް ފެނުނީ ޗައިނާއިންނެވެ. އަދި މިހާތަނަށް އައިއިރު، ދެކުނު ކޮރެއާ، ޖަޕާން، އިންޑިއާ، ސްރީ ލަންކާ، ވިއެޓްނާމް، ހޮންގކޮންގ، ސިންގަޕޫރު ފަދަ ޤައުމުތަކުން މި ވައިރަސް ވަނީ ފެނިފައެވެ.
* މެދުއިރުމަތި:
މެދުއިރުމަތިން އެންމެ ގިނަ ޢަދަދަކަށް ކޮރޯނާ ވައިރަސް ފެނިފައިވަނީ އިރާނުންނެވެ. މިހާތަނަށް އައިިރު އެޤައުމުން 139 މީހުންވަނީ މި ވައިރަސްއަށް ޕޮޒިޓިވްވެ، 15 މީހަކު ވަނީ މަރުފައެވެ.
* އޮސްޓްރޭލިޔާ
އޮސްޓްރޭލިޔާއިން 22 މީހަކު ކޮރޯނާވައިރަސް ޖެހިގެން ރިޕޯޓުކޮށްފައިވެއެވެ.
* ޔޫރަޕް:
ޔޫރަޕްުގެ ޤައުމުތަކުން ފްރާންސުން މިއަދު އަލަށް ވަނީ މީހަކު ޕޮޒިޓިވްވެފައިވާއިރު، އިޓަލީން 320 މީހުންނަށް މި ވައިރަސް ޖެހި 12 މީހުން ވަނީ މަރުވެފައެވެ.
* އުތުރު އެމެރިކާ
ކެނެޑާއާއި އެމެރިކާއިން މިހާތަނަށް މީހުން ނޮވެލް ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެފައިވާއިރު، އެމެރިކާއިން އެކަނި 59 މީހުންނަށް ވަނީ މިވައިރަސް ޖެހިފައެވެ.
ރާއްޖެ އައުން މަނާކުރި ގައުމުތަކުގެ ލިސްޓަށް ކޮރެއާ އަދި އީރާން އިތުރުކޮށްފި
ދުނިޔޭގައި ހަލުވި މިނެއްގައި ފެތުރެމުންދާ ކޯވިޑް-19އާ ގުޅިގެން، ދެކުނު ކޮރެއާގެ ދެ ސަރަހައްދަކުންނާއި އިރާނު މަގުން ރާއްޖެ އައުން މަނާކުރުމަށް ދިވެހި ސަރުކާރުން ނިންމައިފިއެވެ. ސަރުކާރުގެ މި ނިންމުން އިޢުލާން ކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިހާރު ކުރިޔަށްދާ ޕްރެސް ކޮންފަރެންސްގައި ހެލްތު މިނިސްޓަރ އަމީނެވެ.
މިއާއެކު، ރާއްޖެ އައުން މަނާކުރި ގައުމުތަކުގެ ލިސްޓު ވަނީ 3 އަށް އަރާފައެވެ.
ކުރިން ރާއްޖެ އައުން މަނާކުރީ ޗައިނާގެ ރައްޔިތުންނެވެ.
ކްރޫޒް ލައިނަރތައް ރާއްޖެ އައުން ވަގުތީ ގޮތުން މަނާކޮށްފި
މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާވައިރަސްއާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކްރޫޒަ ލައިނަރތައް ރާއްޖެ އައުން ވަގުތީ ގޮތުން މަނާކޮށްފި އެވެ.
ސަރުކާރުގެ މި ނިންމުން އިއުލާންކުރެއްވީ ހެލްތް މިނިސްޓަރު އަބްދުﷲ އަމީން އެވެ. އެގޮތުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމީން ވިދާޅުވީ، މިއީ ކޮވިޑް-19 ބަލި ރާއްޖެ އައުން ހުއްޓުވަން ސަރުކާރުން އެޅި ފިޔަވަޅެއް ކަމަށެވެ.
މި ހަފުތާގެ ތެރޭގައި ރާއްޖެ އައި 3 ކްރޫސްލައިނަރ އެއް ވަނީ ނޮވެލް ކޮރޯނާވައިރަސްއަށް ސްކްރީންކޮށްފައެވެ.
ކޮރޯނާވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 2,763 ށް
ކޮރޯނާވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 2,763 ށް އަރައިިފި އެވެ. ޗައިނާއިން މިވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު އުޅެނީ 2,715 ގަ އެވެ. މިހާތަނަށް އާއިރު މިވައިރަސް މުޅި ދުނިޔެއިން 80,970 އަށް މީހުންނަށް ޖެހިފައިވެ އެވެ. ޗައިނާއިން މިވައިރަސް ޖެހުނު މީހުންގެ އަދަދު އުޅެނީ 78,064 ގައެވެ. ޗައިނާއިން މިވައިރަސް ޖެހިގެން މިހާތަނަށް 29,745 މީހުން ވަނީ ރަނގަޅު ކުރެވިފަ އެވެ.
އިރާނުގެ ޑެޕިޔުޓީ ހެލްތު މިނިސްޓަރ ކޮރޯނާވައިރަސް އަށް ޕޮޒިޓިވް ވެއްޖެ
އިރާނުގެ ޑެޕިޔުޓީ ހެލްތު މިނިސްޓަރ ކޮރޯނާވައިރަސް އަށް ޕޮޒިޓިވް ވެފައިވާކަމަށް އެގައުމުން ބުނެފި އެވެ.
އިއްޔެގައި އިރާނުގެ ރައްޔިތުންނަށް ކޮރޯނާވައިރަސް އާ ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށްފަހު ޑެޕިޔުޓީ ހެލްތު މިނިސްޓަރ މިއަދު ވަނީ މިވައިރަސް އަށް ޕޮޒިޓިވް ވެފައެވެ. އިރާނަކީ މިހާރު އެންމެ ބާރު މިނުގައި މިވައިރަސް ފެތުރެމުންދާ އަދި ޗައިނާއަށް ފަހު އެންމެ ގިނަ އަދަދެއްގެ މީހުން މިވައިރަސްގައި މަރުވަމުންދާ ގައުމެވެ.
ކޮރޯނާވައިރަސް ޖެހިފައިވާ ފުރަތަމަ މީހާ އޮސްޓްރިއާއިން ފެނިއްޖެ
ކޮރޯނާވައިރަސް ޖެހިފައިވާ ފުރަތަމަ މީހާ އޮސްޓްރިއާއިން ފެނިއްޖެ ކަމަށް އެގައުމުން ބުނެފި އެވެ. އެގައުމުން ބުނީ 2 މީހަކު މިވައިރަސް އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
އިޓަލީގައި ކޮރޯނާވައިރަސް ޖެހުނު މީހުންގެ އަދަދު 283 ށް އަރައިފި
އިޓަލީގައި ކޮރޯނާވައިރަސް ޖެހުނު މީހުންގެ އަދަދު 283 ށް އަރައިފި އެވެ. މިހާތަނަށް އާއިރު އެގައުމުން 7 މީހުން މިވައިރަސް ޖެހިގެން މަރުވެފައިވާއިރު އެކަކު ވަނީ ރަނގަޅުވެގެން ދޫކޮށްލާފަ އެވެ.
ކޮރޯނާވައިރަސް ޖެހިގެން އިރާނުން މަރުވި މީހުންގެ އަދަދު 14 ށް އަރައިފި
ކޮރޯނާވައިރަސް ޖެހިގެން އިރާނުން 14 މީހުން މަރުވެއްޖެ ކަމަށް އެގައުމުން ބުނެފި އެވެ.
މިހާތަނަށް އާއިރު މިވައިރަސް އިރާނުން 61 މީހުންނަށް ވަނީ ޖެހިފަ އެވެ.