Raajje.mv

ކޮވިޑް-19: އެންމެ ފަހުގެ

ނޮވެލް ކޮރޯނާވައިރަސް ގުޅޭ އެންމެ ފަހުގެ މައުލޫމާތު:

28 ޖެނުއަރީ 2020
61179852
ކޮރޯނާވައިރަސް

ކޮރޯނާވައިރަސް

08 މާރިޗު 2020 | 11:43

ކޮވިޑް-19: ލެޓިން އެމެރިކާއިން ފުރަތަމަ ފަހަރަށް ވައިރަސް ޖެހިގެން މީހަކު މަރުވެއްޖެ

ލެޓިން އެމެރިކާގެ ޤައުމަކުން ފުރަތަމަ ފަހަރަށް ކޮވިޑް-19 ޖެހިގެން މީހަކު މަރުވެއްޖެއެވެ.

ބައިނަލްއަޤުވާމީ މިޑިއާތަކުން ރިޕޯޓުކުރާގޮތުގައި، މިއަދު ކޮވިޑް-19 ގައި މަރުވެފައިވަނީ ލެޓިން އެމެރިކާގެ ޤައުމެއް ކަމަށްވާ އާޖެންޓީނާއިންނެވެ.

އާޖެންޓީނާގެ އިތުރުން ދެން މިވައިރަސް ރިޕޯޓުކޮށްފައިވަނީ ލެޓިން އެމެރިކާގެ ޤައުމުތަކުގެ ތެރެއިން ޕެރެގުއޭއި، ކޮލޮމްބިއާއި، ޗިލީ އަދި ޕޭރޫއެވެ. މިއިން އެއްވެސް ޤައުމަކުން އަދި ވައިރަސްގައި މީހަކު މަރުވެފައެއް ނުވެއެވެ.

08 މާރިޗު 2020 | 11:34

ކޮވިޑް-19: ދެކުނުކޮރެއާއިން އިތުރު 93 މީހުން ވައިރަސްއަށް ޕޮޒިޓިވްވެއްޖެ

ދެކުނު ކޮރެއާ ސަރުކާރުން މިއަދު ހާމަކުރެއްވި މައުލޫމާތުތަކައް ބަލާއިރު، މިއަދު އެކަނިވެސް 93 މީހުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އެހެންނަމަވެސް މިއީ، އިއްޔެއާ އަޅާ ބަލާއިރު ނިޞްބަތުން މަދު ޢަދަދެއް ކަމަށް އެ ޤައުމުގެ ސަރުކާރުން ބުނެއެވެ.

ދެކުނު ކޮރެއާއިން މިއަދާ ހަމަޔަށް ޖުމުލަ 7،134 މީހުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.

08 މާރިޗު 2020 | 11:31

ކޮވިޑް-19 : މޮލްޑޯވާއިން ވައިރަސް ރިޕޯޓުކޮށްފި

މޮލްޑޯވާއިން ފުރަތަމަ ފަހަރަށް ވައިރަސް ފެނިއްޖެއެވެ.

އެޤައުމުގެ ހެލްތު މިނިސްޓްރީން ބުނާ ގޮތުގައި، ވައިރަސްއަށް ޕޮޒިޓިވްވީ، އުމުރުން 48 އަހަރުގެ އަންހެނެކެވެ. އޭނާއަކީ އަމިއްލަ ބޭނުމަކު އިޓަލީވިލާތައް ދަތުރުކުރުމަށްފަހު އެނބުރި ޤައުމަށް އައި މީހެއްކަމަށް އެމިނިސްޓްރީން ބުނެފައިވެއެވެ. އޭނާ އެއަރޕޯޓުން ސްކްރީން ކުރިއިރު އޭނާއަށް ނިއުމޯނިއާ ޖެހިފައިވުމުން ހޮސްޕިޓަލުގައި އެދުމަތިކޮށްގެން ފަރުމާދެމުންދާކަމަށް ރިޕޯޓުތައް ބުނެއެވެ. މީގެއިތުރުން ހުން އައިސް،ކެއްސާ އޭނާއަށް ނޭވާލުމުގެ މައްސަލަ ކުރިމަތިވެފައިވާކަމަށްވެސް ރިޕޯޓުތައް ބުނެއެއެވެ. އޭނާއަށް މިހާރު ކަރަންޓީންކޮށްގެން ދަނީ ވަރުވާދެމުންނެވެ.

މޮލްޑޯވާއިން ވައިރަސް ފެނުމާއި ގުޅިގެން އިޓަލީއާއި، ވައިރަސް ފެނިފައިވާ އެހެން ޤައުމުތަކަށް ދަތުރުކުރުމުގެ އިލްތިމާސެއް ސަރުކާރުން ވަނީ އާންމުކޮށްފައެވެ. އޭގައި ވަނީ އިޓަލީއަށް ދަތުރުކުރުން މަނާކުރާ ކަމަށާއި، ވިލާތުގެ އެހެން ޤައުމުތަކައް ޒަރޫރީ ބޭނުމެއްގައި ނޫނީ ދަތުރު ނުކުރުމަށެވެ.

08 މާރިޗު 2020 | 11:31

ކޮވިޑް-19: ބަލްގޭރިއާއިން 4 މީހުން ވައިރަސްއަށް ޕޮޒިޓިވްވެއްޖެ

ބަލްގޭރިއާގެ ނެޝަނަލް ސެންޓަރ އޮފް އިންފެކްޝަސް އެންޑް ޕެރެސައިޓިކް ޑިޒީސްގެ އިސްވެރިޔާ، ޓޫޑޯ ކަންތާރްޒިއޭފް ވިދާޅުވެފައިވަނީ، ވައިރަސްށް ޕޮޒިޓިވްވެފައިވަނީ، އުތުރު ޕްލެވެން ސިޓީން ދެ ފިރިހެނުންނާއި، މެދުތެރޭ ގަބްރޯވޯ ސިޓީން ދެ އަންހެނުން ކަމަށެވެ.

ބަލްގޭރިއާގެ ޗީފް ސްޓޭޓް ހެލްތު އިންސްޕެކްޓަރ އެންޖެލް ކުންޗޭފް ވިދާޅުވީ،އެޤައުމުން އެންމެ ފުރަތަމަ ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވިކަން ރިޕޯޓުކުރެވުނީ މިއަދު ހެދުނު ކަމަށާއި، އެއީ ޕްލެވެން އަވަށުން އުމުރުން 27 އަހަރުގެ ފިރިހެނެއް ކަމަށާއި، ގެބްރޯވީ އިން އުމރުން 75 އަހަރުގެ އަންހެނެއް ކަމަށެވެ. އަދި މި ދެމީހުން ޕޮޒިޓިވްވުމާއެކު، މިމީހުންނާއި އެކި ޙައިޞިއްޔަތުތަކުން ދިމާވެފައިވާ މީހުން ޓްރެކްކުރުމުގެ މަސައްކަތް މަސްއޫލުވެރިން ފެށިކަމަށެވެ. އަދި މިހާތަނަށް ހޯދި ހޯދުމުން ، އިތުރު ދެމީހުން ހޯދާ ޓެސްޓް ކުރި އިރު އެ 2 މީހުންވެސް ޕޮޒިޓިވް ކަމަށެވެ. މި 4 މީހުންނަކީ ވެސް ވައިރަސް ޖެހިފައިވާ ޤައުމަކަށް ދަތުރުކޮށްފައިވާ މީހުން ނޫންކަމަށްވާތީ، މި މީހުންނަށް ވައިރަސް ޖެހުނު ސަބަބު ދެނެގަތުމަށް އިތުރު ތަހުލީލުތައް ކުރަމުންދާކަމަށެވެ.

08 މާރިޗު 2020 | 11:30

ކޮވިޑް-19: އިޓަލީވިލާތު ރައްޔިތުން، ޔޫރަޕުގެ އެހެނިހެން ޤައުމުތަކަށް ދަތުރުކުރުން މަނާކުރުމަށް ޗެކްރިޕަބްލިކުން ގޮވާލައިފި

ޗެކް ރިޕަބްލިކްގެ ބޮޑު ވަޒީރު އަދްރޭޖް ބަބިސް ވިދާޅުވެގައިވަނީ، ނޮވެލް ކޮރޯނާވައިރަސް ވިލާތު އިއްތާދުގެ ޤައުމުތަކުގައި ފެތުރުން މަނާކުރުމަށް، އިޓަލީ ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށެވެ. އެގޮތުން ފުރަތަމަ ކަމެއްގެ ގޮތުގައި، އެޤައުމުގެ ރައްޔިތުން ޤައުމުން ބޭރަށް ނިކުތުން ހުއްޓުވައި، ވިލާތު ޤައުމުތަކަށް ދަތުރުކުރުން ސަރުކާރުން މަނާކުރަން ޖެހޭ ކަމަށެވެ.

އިޓަލީގައި މިހާރު އެޤައުމުގެ ސަރުކާރަށް ނުކަތާވަރަށް ވައިރަސްގެ ކަންކަން ގޯސްވެފައިވާ ކަމަށް ބަޔާން ކުރައްވާ ބަބިސް ވިދާޅުވީ، ދަތުރުފަތުރު ހުއްޓުވުން އެއީ މިހާރު އެންމެ އެދެވިގެންވާ ގޮތްކަމަށެވެ. އަދި އިޓަލީގައި މިހާރު ތިބި ޗެކްރިޕަބްލިކްގެ ހުރިހައި ރައްޔިތުން އަނބުރާ ޤައުމަށް ގެންނަން މަސައްކަތްކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

ޖަރުމަންވިލާތާއި، ފަރަންސޭސި ވިލާތާއި، ސްޕެއިންއަށް ވައިރަސް ފެތުރުނީ އިޓަލީ މީހުންގެ ފަރާތުން ކަމަށްވާތީ، ވިލާތުގެ އެހެން ޤައުމުތަކުންވެސް މިކަމަށް ސަމާލުވުމަށް ބަބިސް ވަނީ އިލްތިމާސްކުރައްވާފައެވެ.

08 މާރިޗު 2020 | 11:30

ކޮވިޑް-19: އިޓަލީވިލާތުގައި 16 މިލިއަނެއްހާ މީހުން ކަރަންޓީންކޮށްފި

އިޓަލީވިލާތުގެ ބޮޑުވަޒީރު ގިއުސެޕޭ ކޯންޓޭ މިއަދު ވަނީ ރިޔާސީ ޤަރާރެއް ޢާންމު ކުރައްވާފައެވެ. އެ ޤަރާރުގައި ވަނީ އެޤައުމުގެ އުތުރު ލޮމްބާރޑީ ޞަރަޙައްދު އެއްކޮށް އެޕްރީލްމަހުގެ 3 ގެ ނިޔަލަށް ކަރަންޓީން ކުރަން ސަރުކާރުން ނިންމި ކަމަށެވެ. ވިލާތު ބައްރުގައި އެންމެ ނުރައްކާ މިންވަރަށް ނޮވެލް ކޮރޯނާވައިރަސް(ކޮވިޑް-19 )ގެ ބަލިމަޑުކަން ފެތުރެމިންދަނީ އިޓަލީވިލާތުގައި ކަމަށްވާއިރު، މި ކޮންޓްރޯލްކޮށް އިތުރަށް ފެތުރުނަ ނުދިނުމަށް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ލޮމްބާޑީ ޞަރަޙައްދުގެ އެންމެން ކަރަންޓިންކުރަން ނިންމާފައިވާކަމަށެވެ. ރިޔާސީ ޤަރާރުގައި ވަނީ ލޮމްބާޑީ ޞަރަޙައްދާއި، އެ ޞަރަހައްދުގެ ވަށައިގެންވާ އަވަށްތަކުން އެއްވެސް މީހަކު އެއްތަނިން އަނެއްތަނަށް އެއްވެސް ބާވަތެއްގެ ދަތުރެއް ކުރުމަކީ މަނާކަމެއް ކަމަށެވެ.

އިޓަލީ ސަރުކާރުން މިފަދަ ނިންމުމެއް މި ނިންމީ ފާއިތުވެދިޔަ 24 ގަޑިއިރު، އެޤައުމުގައި 1،247 މީހުން އަލަށް ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. ފާއިތުވެދިޔަ 24 ގަޑިއިރު އިޓަލީވިލާތުގައި ކޮވިޑް-19 ގައި 36 މީހުން މަރުވެފައިވާއިރު، މި ބަލީގައި މިހާތަނަށް 233 މީހުން ވަނީ މަރުވެފައެވެ.

08 މާރިޗު 2020 | 10:33

އެފްއޭއެމް އާއި އެތުލެޓިކްސް އެސޯސިއޭޝަނުގެ ހަރަކާތްތައް ހުއްޓައިލާފި

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހުރިހާ ހަރަކާތްތަކެއް ހުއްޓައިލައިފި އެވެ.

އެފްއޭއެމްއިން ބުނީ އެއިދާރާގެ ހަރަކާތްތައް ހުއްޓައިލި ނަމަވެސް މުބާރާތްތައް ކުރިއެކޭވެސް އެއްގޮތައް އޮންނާނެ ކަމަށެވެ. ނަމަވެސް ވައިޑީޕީގެ ހަރަކާތްތައް ވަނީ ހުއްޓާލެވިފަކަމަށް އެ އިދާރާއިން ބުނެއެވެ. އަދި އެއިދާރާއިން އަމަލު ކުރަމުން ގެންދާނީ އެޗްޕީއޭގެ ލަފާގެ މަތިން ކަމަށް ވެސް ބުނެއެވެ.

އެތްލެޓިކްސް އެސޯސިއޭޝަނުން ވަނީ އަތޮޅު ތެރޭގައި އާއި މާލޭގައި ބާއްވަން ހަމަޖެހިފައިހުރި ހުރިހާ ހަރަކާތެއް ފަސްކޮށްފައެވެ. އަދި އެ އެސޯސިއޭޝަނުންވަނީ ބައިނަލްއަގްވާމީ މުބާރާތްތަކަށް އެތުލީޓުން ތަމްރީނުކުރަން ނުފޮނުވާން ނިންމައިފައެވެ

08 މާރިޗު 2020 | 10:09

ކަރަންޓީން ފެސިލިޓީއެއް ޤާއިމްކުރުމަށް އިތުރު ރިސޯޓެއް ވަނީ ބަލާފައި، މަސައްކަތް ކުރިއަށް އެބަގެންދަން: އަލީ ވަހީދު

މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ކަރަންޓީން ފެސިލިޓީއެއް ޤާއިމްކުރުމަށް ރިސޯޓުގެ ގޮތުގައި ތަރައްޤީކުރަމުން އަންނަ އިތުރު ރަށެއް ބަލާފައިވާކަމަށާއި، އެރަށް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންގެންދާކަމަށެވެ. އަދި އިތުރު ކަރަންޓީން ފެސިލިޓީތައް ޤާއިމްކުރަމުން އަންނަކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

08 މާރިޗު 2020 | 10:03

ކ. ވިލިވަރު ޑިޒާސްޓަރ މެނޭޖްމެންޓް އެތޯރިޓީ އާއި ހަވާލުކޮށްފި

ކަރަންޓީނު ކުރުމަށް ވިލިވަރު ތައްޔާރުކޮށް، ޑިޒާސްޓަރ މެނޭޖްމެންޓް އެތޯރިޓީ އާއި ހަވާލުކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރިން ބުނީ، ކ. ވިލިވަރުގެ މަސައްކަތް ނިންމީ 10 ދުވަހުގެ ތެރޭގައި ކަމަށެވެ. އަދި ކަރަންޓީނު ކުރުމަށް އެ ރަށުގައި 30 ކޮޓަރި ތައްޔާރުކޮށްފައިވާކަމަށް މިނިސްޓްރީން ބުންޏެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ވިލިވަރުއަކީ އަތަމާއަށް ދޫކޮށްފައިވާ ރަށެއް ކަމަށެވެ. ނަމަވެސް އެ ރަށް ފަހުން މުހައްމަދު އަލީ ޖަނާހުއަށް ދޫކޮށްފައިވާކަމަށާއި، ޖަނާހު އަތުން ސަރުކާރުން އެ ރަށް ނެގީ އެގްރިމެންޓުގައިވާ މާއްދާއާއި ހަވާލާދީކަމަށެވެ. އަދި މިވަގުތަށް އެ ރަށް ނެގީ 3 މަސް ދުވަހަށް ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

08 މާރިޗު 2020 | 09:33

ޤައުމު ހުއްޓުވާލުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން: އަލީ ވަހީދު

މުސާރަތައް ކުޑަކޮށް، ފަތުރުވެރިން އައުން ހުއްޓުވާ، ޤައުމު ހުއްޓުމަކަށް ގެނައުމަކީ ސަރުކާރުގެ ވިސްނުން ނޫންކަމަށް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ސިޔާސީ މުވައްޒަފުންގެ މުސާރަ ކުޑަކޮށް، ސިވިލް ސަރވިސް މުވައްޒިފުންގެ މުސާރަ ކުޑަކުރުމަށް ސަރުކާރުން ނުނިންމާކަމަށެވެ. އަދި އެއީ މިވަގުތަށް އެޅުން މުހިންމު ފިޔަވަޅެއްގެ ގޮތުގައި ގަބޫލުނުކުރައްވާކަމަށްވެސް އަލީ ވަހީދު ވިދާޅުވި އެވެ.

މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ހުރިހާ ޤައުމަކުން ފަތުރުވެރިން އައު ހުއްޓުވައި، ޤައުމު ހުއްޓުމަކަށް ގެނައުމަކީ ސަރުކާރުން ކުރާނެކަމެއް ނޫން ކަމަށެވެ.

08 މާރިޗު 2020 | 09:26

ކުރެއްދޫގައި 696 ފަތުރުވެރިން އެބަތިބި، އޭގެތެރޭގައި 4 ދިވެހިން ތިބި: އަލީ ވަހީދު

ކުރެއްދޫގައި 696 ފަތުރުވެރިން އެބަތިބިކަމަށާއި، އޭގެތެރޭގައި 4 ދިވެހިން ފަތުރުވެެރިންގެ ގޮތުގައި އެބަތިބިކަމަށް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފިހުގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ކުރެއްދޫ އޮތީ އެކަނި ނޫންކަމަށާއި، ކުރެއްދޫއާއިއެކު، ސަރުކާރު އޮތްކަމަށެވެ. އަދި ކުރެއްދޫ ރިސޯޓުންދޭ އެހީތެރިކަމާއެކު، އެ ރިސޯޓުގައި ތިބި އެންމެންގެ ހާލު ގާތުން ބަލަމުން އަންނަކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

08 މާރިޗު 2020 | 09:21

ކުރެއްދޫ ރިސޯޓަށް ބޭނުންވާ ތަކެތި އެތެރެކުރެވޭނެ، މައްސަލައެއް ދިމައެއް ނުވާނެ: އަލީ ވަހީދު

ކޮވިޑް-19 އަށް ޕޮޒިޓިވްވި ދެ މީހުން ފެނުނު ކުރެއްދޫ ރިސޯޓަށް ކާބޯތަކެތި އެތެރެކުރުމުގެ އިންތިޒާމް ހަމަޖައްސާފައިވާކަމަށާއި، އެކަމުގައި މައްސަލައެއް ދިމާނުވާނެކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައިި މިނިސްޓަރ ވިދާޅުވީ ފުލުހުންނާއި، ސިފައިން މެދުވެރިކޮށް، ކުރެއްދޫއަށް ބޭނުންވާ ކާބޯތަކެތި އެތެރެކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވާކަމަށެވެ. އަދި ކުރެއްދޫގެ ހާލަތު އޮތީ ކޮންޓްރޮލް ހާލަތެއްގައިކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

08 މާރިޗު 2020 | 09:18

ޓޫރިޒަމް ސިނާއަތަށް ލޮޅުމެއް އަންނާނެ: އަލީ ވަހީދު

ޓޫރިޒަމް ސިނާއަތަށް ލޮޅުމެއް އަންނާނެކަން އެނގިތިބެ، އެކަމަށް ތައްޔާރަށް ތިބި ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

08 މާރިޗު 2020 | 09:18

ބައިމިލިއަން މާސްކް ރައްކާކުރެވިފައި އެބަހުރި، ސަރުކާރު އޮތީ ތައްޔާރަށް: އަލީ ވަހީދު

ބައިމިލިއަން މާސްކް ޓޫރިޒަމް މިނިސްޓްރީގައި ރައްކާކުރެވިފައި އެބަހުރިކަމަށާއި، ސަރުކާރު އޮތީ ދުރާލާ ތައްޔާރުވެފައިކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، އެއްވެސް ޝޯޓޭޖެއް ނާންނާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް އަރުވާކަމަށެވެ. އަދި ކޮރަންޓީންކުރާ ތަންތަން ފުރިއްޖެނަމަ، އެހެންތަންތަންވެސް ކޮރެންޓެއިން ކުރެވޭނެ އިންތިޒާމް ހަޖައްސާނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

08 މާރިޗު 2020 | 03:32

ކޮވިޑް-19 އަށް ޗައިނާއިން ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށަށް

ކޮވިޑް-19 އަށް ޗައިނާއިން ޕޮޒިޓިވްވާ މީހުންގެ އަދަދު ބޮޑުތަނުން މަދުވަމުން އަންނަ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޗައިނާ ސަރުކާރުން މާޗް މަހުގެ 7 ވަނަ ދުވަހު އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އަލަށް މި ބައްޔަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދަކީ 45 އެވެ. މިއީ އެންމެ ޕީކުގައި މި ބަލި ފެތުރެމުން ދިޔައިރު ފާހަގަކުރެވުނު އަދަދުތަކާ އަޅާބަލާއިރު 150 އިންސައްތަ ދަށް އަދަދެއްކަން ފާހަގަކޮށްލެވެއެވެ.

08 މާރިޗު 2020 | 03:20

ދެކުނު ކޮރެއާގައި ފޭސް މާސްކް ދޫކުރާ އަދަދު ލިމިޓުކޮށްފި

ހޯމަ ދުވަހުން ފެށިގެން ދެކުނު ކޮރެއާގައި، ކޮންމެ މީހަކަށް ހަފުތާއަކަށް ލިބޭނީ އެންމެ ފޭސް މާސްކެއް ކަމަށް އެ ގައުމުގެ ސަރުކާރުން ކަނޑައަޅައިފިއެވެ.

އެ ގައުމުގެ ބޮޑުވަޒީރު ޗުންގް ސައި-ކިޔުން މިކަން އިއުލާންކުރައްވަމުން ވިދާޅުވީ މިއީ ސިއްހީ މަސައްކަތްތެރިންނާއި ބަލި މީހުންނަށް އެކަށީގެންވާ ވަރަށް މާސްކް ބެހެއްޓުމުގެ ގޮތުން އަޅާ ފިޔަވަޅެއް ކަމަށެވެ. އަދި މިކަމުގައި އެންމެންގެ ބައިވެރިވުން މުހިންމު ކަން ފާހަގަކުރައްވާ ހުރިހާ ރައްޔިތުން އެއްބައިވަންތަވެ އެކަތިގަނޑަކަށް ވުމަށް އިލްތިމާސްކުރެއްވިއެވެ.

07 މާރިޗު 2020 | 21:26

ފޮޓޯ: ކޮވިޑް-19 އާއި ގުޅިގެން ރައީސް ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ކުއްލި ބައްދަލުވުން

07 މާރިޗު 2020 | 21:12

އިޓަލީއިން މިލާންއާއި ވެނިސްގެ އިތުރުން ގިނަ ސަރަޙައްދުތަކެއް ކަރަންޓީން ކުރަނީ

ކޮވިޑް-19 ހަލުވި މިނެއްގައި ފެތުރެމުންދާތީ އިޓަލީން އެ ޤައުމުގެ ބައެއް ސަރަޙައްދުތައް އެއްކޮށް ކަރަންޓީން ކުރުމަށް ނިންމައިފިއެވެ.

އެގޮތުން މިލާންއާއި ވެނިސް ކަރަންޓީން ކުރުމަށް ނިންމާފައިވާއިރު، އޭގެ އިތުރުންވެސް އިތުރު ސަރަޙައްދުތައް ކަރަންޓިން ކުރާނެ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓްކުރެއެވެ.

އިޓަލީގައި ހޮނިހިރު ދުވަހު އެކަނިވެސް 1200 އަށްވުރެ ގިނަ މީހުން ވައިރަސްއަށް ޕޮޒިޓިވްވެފައިވެއެވެ.

07 މާރިޗު 2020 | 21:05

މީހުން ބައިވެރިވާގޮތަށް ބާއްވާ އެއްވުންތައް މަދުކޮށް، ހަރަދުތައް ކުޑަކުރުމަށް ރައީސް އަންގަވައިފި

ކޮވިޑް-19އަށް ރާއްޖެއިން 2 މީހަކު ޕޮޒިޓިވްވިކަން ސަރުކާރުން އިޢުލާނުކުރިތާ މާގިނައިރުތަކެއްނުވެ މުލީއާގޭގައި ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ކުއްލި ޖަލްސާއާއި ހަވަލާދީ، ރައީސް އޮފީހުން ބުނީ ރާއްޖޭގައި ކޮވިޑް-19 އިތުރަށް ފެތުރެމުން ހިނގައިދާނެތީ، މިހާރުން މިހާރަށް ކަންކަން ގެންދާނެ ގޮތްތަކާބެހޭގޮތުންވެސް ވަޒީރުންގެ މެދުގައި މަޝްވަރާ ކުރެވުނު ކަމަށެވެ. އެގޮތުން މިވަގުތަށް އަޅަންޖެހޭ މުހިއްމު ފިޔަވަޅުތަކުގެ ތެރޭގައި ގިނަ މީހުން ބައިވެރިވާ ގޮތަށް ބާއްވާ އެއްވުންތައް މަދުކޮށް، ވީހާވެސް ޚަރަދުތައް ކުޑަކުރުމަށް ހުރިހާ ފަރާތްތަކުން މަސައްކަތް ކުރަންޖެހޭކަން ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

އޭގެއިތުރުން، އިޤްތިޞާދީގޮތުން ދިމާވެދާނެ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ކުރެވިދާނެ ކަންކަމުގެ ލަފާ ހޯއްދަވައި، އެޅުއްވިދާނެ ފިޔަވަޅުތަކާމެދުވެސް މަޝްވަރާ ކުރައްވާފައިވާއިރު، ރައްޔިތުންނަށް ދަތިނުވެ ކާޑުގެ ބާވަތްތަކާއި، ކާބޯތަކެއްޗާއި ބޭސް ލިބޭނެ އިންތިޒާމުތައް ހަމަޖެހިފައިވާކަން ކަށަވަރު ކުރުމާ ގުޅޭ މަޝްވަރާތައްވެސް ވަނީ ކުރައްވާފައެވެ.

07 މާރިޗު 2020 | 20:54

ސަމަރ އައިލެންޑް ރިސޯޓުން ކޮވިޑް-19 އަށް ޓެސްޓުކުރި އެންމެން ނެގެޓިވް ވެއްޖެ

ސަމަރ އައިލެންޑް ރިސޯޓުން ކޮވިޑް-19 އަށް ޓެސްޓުކުރި އެންމެން ބައްޔަށް ނެގަޓިވްވެއްޖެއެވެ.

އެކަމާ ގުޅޭގޮތުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ، ކޮވިޑް-19 އަށް ޝައްކު ކުރެވިގެން އެ ރިސޯޓުން ޓެސްޓުކުރި 7 މީހުންގެ ގައިން ނެގި ސާމްޕަލްތަކުގެ ނަތީޖާ ލިބިފައިވާ ކަމަށާއި، 7 މީހުންވެސް ވައިރަސްއަށް ނެގަޓިވް ކަމަށެވެ.

އެގޮތުން މިހާރު ސަމަރ އައިލެންޑް ރިސޯޓް ލޮކްޑައުންގެ ޙާލަތު އުވާލެވިފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

07 މާރިޗު 2020 | 20:51

ބަތަލާ އައިލަންޑް ރިސޯޓުވެސް ލޮކްޑައުންކޮށްފި

އަރިއަތޮޅު ދެކުނުބުރި، ސޭންޑީޒް ބަތަލާ އައިލަންޑް ރިސޯޓް "ލޮކްޑައުން" ކޮށްފިއެވެ.

އެކަމާ ގުޅޭގޮތުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ، ބަތަލާ އައިލަންޑް ރިސޯޓުގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ އިޓަލީވިލާތުގެ ފަތުރުވެރިއެއްގެ ކިބައިން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނިގެން މޮނިޓަރކުރުމާއި، ޓެސްޓު ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

07 މާރިޗު 2020 | 20:46

މިއީ ރައްޔިތުން ކަންބޮޑުނުވެ، ސަރުކާރުގެ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރަންވީ ވަގުތު: ރައީސް

މިއީ ރައްޔިތުން ކަންބޮޑުނުވެ، ސަރުކާރުގެ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރެއްވުމުގެ ވަގުތުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު ވިދާޅުވެއްޖެއެވެ.

ކޮވިޑް-19އަށް ރާއްޖެއިން 2 މީހަކު ޕޮޒިޓިވްވިކަން ސަރުކާރުން އިޢުލާނުކުރިތާ މާގިނައިރުތަކެއްނުވެ މުލީއާގޭގައި ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ކުއްލި ޖަލްސާ ފަށްޓަވަމުން ރައީސް ވިދާޅުވީ، ސަރުކާރުން އެންމެ ފުރަތަމަވެސް އަހަންމިއްޔަތުކަން ދިނީ ދެއްވީ ރައްޔިތުންނާ ހަމައަށް މި ޚަބަރު ގެނެސްދެއްވައި، ކަމުގެ ޙަޤީޤަތް ރައްޔިތުންނަށް ސާފުކޮށްދެއްވުމަށް ކަމަށެވެ. އެގޮތުން މިއީ މިއީ ރައްޔިތުން ކަންބޮޑުނުވެ، ސަރުކާރުގެ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރެއްވުމުގެ ވަގުތުކަމަށާއި އެންމެ ބޮޑު ސަމާލުކަމެއް ދެއްވަނީ މި ބަލިން ރައްޔިތުން ސަލާމަތް ކުރެއްވުމަށް އަޅުއްވަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް ވަގުތުން ވަގުތަށް އެޅުއްވުމަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

07 މާރިޗު 2020 | 16:49

ބޭސް ގެންނަނީ ހަމައެކަނި އިންޑިއާއަކުން ނޫން

ބޭސް ގެންނަނީ ހަމައެކަނި އިންޑިއާއިން ނޫން ކަމަށާއި އިންޑިއާއިން ބޭސް ނުލިބުނު ކަމުގައި ވިޔަސް އެހެން ޤައުމުތަކުންވެސް ބޭސް ލިބޭނެ ކަމަށް އެސްޓިއޯގެ އެމްޑީ ހުސައިން އަމްރު ވިދާޅުވިއެވެ.

07 މާރިޗު 2020 | 16:44

ކާޑުގެ ބާވަތްތައް ރައްކައުކޮށްފައި ނުބެހެއްޓުމަށް އެދުން

ކާޑުގެ ބާވަތްތައް ގިނައިން ގަނެގެން ގޭގައި ރައްކައު ކޮށްފައި ނުބެހެއްޓެވުން އެދެން: އެސްޓީއޯގެ އެމްޑީ ހުސައިން އަމްރު

07 މާރިޗު 2020 | 16:39

މާސްކު ވިއްކަމުންދާނީ 2 ރުފިޔާއަށް

އެސްޓީއޯގެ އެމްޑީ އަމްރު ވިދާޅުވީ މާސްކުވިއްކަމުންދާނީ 2 ރުފިޔާއަށް ކަމަށެވެ. އަދި އެއަށް ވުރެ އަގުބޮޑު ނުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

07 މާރިޗު 2020 | 16:38

އެސްޓީއޯގައި ރައްޔިތުން ބޭނުންވާ ވަރަށް ކާޑު އެބަހުރި

އެސްޓީއޯގައި ރައްޔިތުން ބޭނުންވާ ވަރަށް ކާޑު އެބަހުރި ކަމަށް އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ. އަމްރު ވިދާޅުވީ ހުސްނުވެ، ކާޑުގެ ބާވަތްތައް ލިބެން ހުންނާނެ ކަމަށެވެ.

07 މާރިޗު 2020 | 16:35

މާސްކު ވިއްކުން ވަނީ ކޮންޓްރޯލް ކުރެވިފައި

މާސްކު ވިއްކުން ވަނީ ކޮންޓްރޯލް ކުރެވިފައި ކަމަށް އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރ އަމްރު ވަނީ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައެވެ.

07 މާރިޗު 2020 | 16:35

މާސްކު ވިއްކުން ވަނީ ކޮންޓްރޯލް ކުރެވިފައި

މާސްކު ވިއްކުން ވަނީ ކޮންޓްރޯލް ކުރެވިފައި ކަމަށް އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރ އަމްރު ވަނީ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައެވެ.

07 މާރިޗު 2020 | 16:33

ކޯވިޑް-19: އާއްމުންނަށް ސެނިޓައިޒަރ ވިއްކުން މަޑުޖައްސާލައިފި

އާއްމުންނަށް ސެނިޓައިޒަރ ވިއްކުން މަޑުޖައްސާލައިފި ކަމަށް އެސްޓީއޯ އިން ހާމަކޮށްފިއެވެ،

ހޭންޑް ސެނިޓައިޒަރ އަކީ ހޮސްޕިޓަލް އަދި އިންސްޓިޓިއުޓް ތަކުގައި ބޭނުންކުރަން އެސްޓީއޯ އިން ގެންނަ އެއްޗެހި ކަމަށް އަމްރު ވިދާޅުވިއެވެ.

07 މާރިޗު 2020 | 16:02

ކޯވިޑް-19: ސަމަރ އައިލެންޑްގައި 2 މީހަކު އައިސޮލޭޝަންގައި

ސަމަރ އައިލެންޑްގައި 4 މީހަކު ކޮރޯނާއަށް ޓެސްޓު ކުރެވިފައިވާ ކަމަށާއި އަދި ދެ މީހަކު މިވަގުތު ތިބީ އައިސޮލޭޝަންގައި ކަމަށް : ނޫސްވެރިންގެ ބައްދުލުވުން

07 މާރިޗު 2020 | 15:57

ކޯވިޑް 19: ކެބިނެޓް ބައްދަލުވުމެއް މިރޭ ބާއްވާނެ

ކޯވިޑް-19 ގެ ދެ ކޭސް އެއް ރާއްޖެއިން ފެނުމާއި ގުޅިގެން ކެބިނެޓު ބައްދަލުވުމެއް ބޭއްވުމެއް ވަނީ ހަމަޖެހިފައި. އެގޮތުން މި ބައްދަލުވުމަށްފަހު އާއްމުން އެއްވެ އުޅުން ފަދަ ކަންކަމަށް ބަދަލުތައް ގެންނަން ޖެހޭ ނަމަ އަންގާނެ ކަމަށް.

07 މާރިޗު 2020 | 15:50

ކޯވިޑް-19: ރާއްޖެއިން ޕޮޒިޓިވް ވި ދެމީހުންނަކީ ރިސޯޓުގައި މަސައްކަތް ކުރާ ދެ ބިދޭސީ މުވައްޒަފުން

ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވް ވި ދެމީހުންނަކީ ކުރެއްދޫ އައިލެންޑް ރިސޯޓުގައި މަސައްކަތް ކުރާ ދެ ބިދޭސީ މުވައްޒަފުން ކަމަށް ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ހާމަކޮށްފައި. އަދި އެމީހުންގެ މައުލޫމާތު ހާމަކުރަމުންދާނީ ބައިނަލްއަގްވާމީ މިންގަނޑުތަކާއި އެއްގޮތަށް ކަމަށް ހެލްތު މިނިސްޓަރ ވިދާޅުވި.

07 މާރިޗު 2020 | 15:50

ކޯވިޑް-19: ރާއްޖެއިން ޕޮޒިޓިވް ވި ދެމީހުންނަކީ ރިސޯޓުގައި މަސައްކަތް ކުރާ ދެ ބިދޭސީ މުވައްޒަފުން

ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވް ވި ދެމީހުންނަކީ ކުރެއްދޫ އައިލެންޑް ރިސޯޓުގައި މަސައްކަތް ކުރާ ދެ ބިދޭސީ މުވައްޒަފުން ކަމަށް ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ހާމަކޮށްފައި. އަދި އެމީހުންގެ މައުލޫމާތު ހާމަކުރަމުންދާނީ ބައިނަލްއަގްވާމީ މިންގަނޑުތަކާއި އެއްގޮތަށް ކަމަށް ހެލްތު މިނިސްޓަރ ވިދާޅުވި.

07 މާރިޗު 2020 | 15:48

ކޯވިޑް-19: ރޯގާގެ އަސަރު ފެންނަ ނަމަ ގޭގައި މަޑުކުރުމަށް އިލްތިމާސްކޮށްފި

ރޯގާގެ އަސަރު ފެންނަ ނަމަ ގޭގައި މަޑުކުރުމަށް ނޫސްވެރިންގެ ބައްދަލުވުމުގައި ޑޮކްޓަރުން ވަނީ އިލްތިމާސްކުރައްވާފައި. އެގޮތުން ސައިބޯނި ލައިގެން އަތް ދޮވުމަށް އިލްތިމާސްކުރެއްވި. ކޮރޯނާގެ އަލާމާތްތަކަކީ އާދައިގެ ރޯގާގެ އަލާމާތްތައް ނަމަވެސް ރޯގާގެ އަލާމާތް ފެންނަ ކޮންމެ މީހަކީ ކޮރޯނާ ޖެހިފައިވާ މީހެއް ނޫން ކަމަށް

07 މާރިޗު 2020 | 15:44

ކޯވިޑް-19: މުޅި ރާއްޖެ އޮތީ ޔެލޯ އެލަރޓްގައި، ކުރެއްދޫ އޮތީ އޮރެންޖު އެލަރޓުގައި

ރާއްޖެއިން ކޮރޯނާއަށް ޕޮޒިޓިވް ދެ ކޭސްއެއް ފެނިފައިވާތީ ރާއްޖެ އޮތީ ޔެލޯ އެލަރޓުގައި ކަމަށް ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ހާމަކޮށްފައެވެ. އަދި ދެ ކޭސްވެސް ފެނުނު ކުރެއްދޫ އޮތީ އޮރެންޖު އެލަރޓުގައި ކަމަށް.

07 މާރިޗު 2020 | 15:40

ކޮރޯނާއަށް ސަރުކާރު އޮތީ ފުރިހަމަޔަށް ތައްޔާރުވެފައި

ކޮރޯނާއަށް ޕޮޒިޓިވް ދެ ކޭސްއެއް ރާއްޖެއިން ފެނިފައިވާއިރު، ރާއްޖޭގެ ސަރުކާރުން އޮތީ ފުރިހަމަޔަށް ތައްޔާރަށް ކަމަށް ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ވިދާޅުވެފައެވެ.

07 މާރިޗު 2020 | 15:37

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ދެ ކޭސްއެއް ފެނިއްޖެ

ޕޮސިޓިވް ވެފައިވަނީ ކުރެއްދޫ އައިލެންޑް ރިސޯޓުގައި މަސައްކަތް ކުރަމުންދާ ދެ މުވައްޒަފުން ކަމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވަނީ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައެވެ. އަދި އެމީހުން މިހާރު ތިބީ ފަރުކޮޅުފުށީގައި ގާއިމު ކުރެވިފައިވާ އައިސޮލޭޝަން ފެސިލިޓީގައި ކަމަށް މައުލޫމާތު ދީފައިވެއެވެ.

07 މާރިޗު 2020 | 07:24

ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރަން ރައީސް ނިންމަވައިފި

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 ބަލިން ރައްކާތެރިވުމުގެ ގޮތުން ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކަމާބެހޭ އިދާރާތަކަށް އިރުޝާދު ދެއްވައިފިއެވެ.

މިކަމާއި ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ކެބިނެޓުގެ ބައެއް ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ކަމާއިބެހޭ އިދާރާތަކުގެ އިސްވެރީންގެ އިތުރުން ޞިއްޙީ ދާއިރާގެ ތަޖުރިބާކާރުންނާއި ރައީސުލްޖުމްހޫރިއްޔާ ވަނީ ހުކުރު ދުވަހުގެ ރޭ މުލީއާގޭގައި ބައްދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އިޓަލީ ވިލާތުން ފުރައިގެން ނުވަތަ އެ ޤައުމުގައި ޓްރާންސިޓްކޮށްފައި އަންނަ އެއްވެސް ދަތުރުވެރިއަކު، އަދި ފާއިތުވި 14 ދުވަހުގެ ތެރޭގައި އެ ޤައުމަށް ޒިޔާރަތްކޮށްފައިވާ އެއްވެސް ދަތުރުވެރިއަކު ރާއްޖެ އެތެރެވުން ވަގުތީ ގޮތުން މަނާކުރަން، ކަމާބެހޭ އިދާރާތަކުގެ ލަފާގެ މަތިން، ނިންމަވާފައެވެ. މިގޮތަށް އަމަލުކުރަން ނިންމަވާފައިވަނީ، 8 މާރިޗު 2020 ވަނަ ދުވަހުގެ މެންދަމު 00:00 އިން ފެށިގެންނެވެ. މީގެ އިތުރުންވެސް، ކޯވިޑް-19 ބަލިން ރައްކާތެރިވުމުގެ ގޮތުން ކަމާބެހޭ އިދާރާތަކުން އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ ބައްދަލުވުމުގައި މަޝްވަރާ ކުރައްވާފައެވެ.

07 މާރިޗު 2020 | 07:24

ކޮވިޑް 19: ސަމަރ އައިލެންޑް ރިސޯޓުވެސް ލޮކްޑައުން ކޮށްފި

ސަމަރަ އައިލެންޑް ރިސޯޓް ލޮކްޑައުން ކުރުމާއިއެކު ރާއްޖެއިން ލޮކްޑައުން ކުރި ތަންތަނުގެ އަދަދު މިވަނީ 3 ކަށް އަރާފައެވެ. ވ. ތިނަދޫއަށް ދިޔަ އިޓަލީވިލާތުގެ 3 ފަތުރުވެރިންގެ ގައިން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނިވާތީ އާއި، ކުރެއްދޫ ރިސޯޓަށް ދިޔަ އިޓަލީވިލާތުގެ ފަތުރުވެރިއަކު އެނބުރި ގައުމަށް ދިޔަ ފަހުން އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާތީ އެ ދެ ރަށް ވަނީ ލޮކްޑައުންކޮށްފައެވެ. އަދި ބަލަންޖެހޭ ކަންކަން ބަލާ ޓެސްޓްތަކުގެ ނަތީޖާ ލިބެންދެން އަދި ވަކި އެއްޗެއް އަންގަންދެން އެ ދެ ރަށަށް މީހުން އެރުމާއި ފޭބުން ވެސް ވަނީ ވަގުތީ ގޮތުން މަނާކޮށްފައެވެ.

07 މާރިޗު 2020 | 07:23

ކޮވިޑް-19: އެމެރިކާގެ މަޝްހޫރު މިއުޒިކް ފެސިޓިވަލެއް 34 އަހަރުތެރޭ ފުރަތަމަ ފަހަރަށް ކެންސަލްކޮށްފި

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ނޮވެލްކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން އެމެރިކާގެ މަޝްހޫރު މިއުޒިކް ފެސްޓިވަލެއްކަމަށްވާ "ސައުތް ބައި ސައުތް ވެސްޓް" ކެންސަލްކޮށްފިއެވެ.

މާރޗު މަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިވެންޓް އިންތިޒާމްކުރާ ފަރާތްތަކާ ހަވާލާދީ ބީބީސީގައި ރިޕޯޓްކޮށްފައިވާ ގޮތުން މިއީ ފާއިތުވި 34 އަހަރުތެރޭ މި އިވެންޓް ކެންސަލްކުރި ފުރަތަމަ ފަހަރެވެ. އެގޮތުން އިވެންޓް ކެންސަލްކޮށްފައިވަނީ ކޮވިޑް-19 ގެ ބިރުވެރިކަން ބޮޑުވެ، އިވެންޓް ބޭއްވުމަށް ހަމަޖެހިފައިވާ ޓެކްސަސްގެ ވެރިރަށް އޮސްޓިންގައިވެސް އާންމު ކާރިސާގެ ޙާލަތު އިއުލާނު ކޮށްފައިވާތީއެވެ.

މި އިވެންޓް ކެންސަލްކޮށްފައިވަނީ އޮސްޓިންގެ މޭޔަރ ސްޓީވް އެޑްލަރގެ އޯޑަރަކަށެވެ. މޭޔަރުގެ މި ނިންމެވުމުގެ ކުރިންވެސް މި އިވެންޓްގައި ބައިވެރިވުމަށް ހަމަޖެހިފައިވާ ބޮޑެތި ކުންފުނިތައް އިވެންޓުގައި ބައިވެރި ނުވުމަށް ނިންމާފައިވާއިރު، އޭގެ ތެރޭގައި އެޕަލް، އެމެޒޯން، ޓްވިޓަރ އަދި ފޭސްބުކް ހިމެނެއެވެ.

ކޮންމެ އަހަރަކުވެސް ބާއްވާ މި އިވެންޓަކީ ޓެކްނޮލޮޖީއާއި، މިއުޒިކް ދާއިރާގެ ގިނަ ފަރާތްތައް ބައިވެރިވެގެން ކުރިއަށްދާ އިވެންޓެކެވެ. އެގޮތުން ފާއިތުވި އަހަރުވެސް މި އިވެންޓުގައި 74،000 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވާއިރު، އޭގެ ތެރެއިން 19،000 އަށްވުރެ ގިނަ މީހުންނަކީ އެމެރިކާއިން ބޭރުން އައި މީހުންނެވެ.

އެމެރިކާގެ އެކި ހިސާބުތަކުން ކޮވިޑް 19ގެ އަސަރު 200 އަށްވުރެ ގިނަ މީހުންނަށް ކޮށްފައިވާއިރު، 14 މީހަކު މި ވައިރަސްގައި މަރުވެފައިވެއެވެ.

13 / 81