ބައިނަލްއަގުވާމީ ގުރުއާން މުބާރާތުން ދެކުނު އޭޝިއާގެ ބައިވެރިން ބޮޑު ކާމިޔާބީއެއް ހޯދައިފި
21 އޯގަސްޓު 2026 | ހުކުރު 09:15ސައުދީ އަރަބިއްޔާގައި ބޭއްވި 46 ވަނަ ކިންގް އަބްދުލްއަޒީޒް ބައިނަލްއަގުވާމީ ގުރުއާން މުބާރާތުގައި ދެކުނު އޭޝިއާގެ ގައުމުތަކުން ބޮޑު ކާމިޔާބީއެއް ހޯދައިފި. ޖުމްލަ 133 ގައުމަކުން ވާދަކުރި މި މުބާރާތުގައި ރާއްޖޭގެ ފާތިމަތު ޝާޔާ ޒާހިރު މުޅި ގުރުއާން ހިތުދަސްކުރުމުގެ ގޮފިން ހަތަރުވަނަ ހޯދިއިރު، ބަންގްލަދޭޝް އާއި ބަރުމާ އަދި ސްރީލަންކާގެ ބައިވެރިން ވެސް ވަނީ އެކި ގޮފިތަކުން މަތީ ވަނަތައް ހާސިލްކޮށްފައި

މި މުބާރާތުގެ ވަނަތައް ހާސިލުކުރި ފިރިހެން ބައިވެރިންނަށް އިނާމުދެއްވީ މައްކާގެ ޑެޕިއުޓީ އަމީރު، އަމީރު ސައުދު ބިން މިޝްއާލް | އެސް.ޕީ.އޭ
ސައުދީ އަރަބިއްޔާގައި ބޭއްވި ދުނިޔޭގެ އެންމެ ބޮޑު އެއް ބައިނަލްއަގުވާމީ ގުރުއާން މުބާރާތުގައި ދެކުނު އޭޝިއާގެ ބައިވެރިން ބޮޑު ކާމިޔާބީއެއް ހޯދައިފި އެވެ. ބަންގްލަދޭޝް، ބަރުމާ، ދިވެހިރާއްޖެ އަދި ސްރީ ލަންކާގެ ބައިވެރިން ވަނީ ފިރިހެން އަދި އަންހެން ގޮފިތަކުން ޖުމްލަ ނުވަ ވަނައެއް ހާސިލްކޮށްފަ އެވެ.
މައްކާގައި އޮގަސްޓް މަހުގެ 19 ވަނަ ދުވަހު ނިމިގެންދިޔަ، ކީރިތި ގުރުއާން ހިތުދަސްކުރުމާއި، ތިލާވަތްކުރުމާއި އަދި ތަފްސީރު ކުރުމުގެ 46 ވަނަ ކިންގް އަބްދުލްއަޒީޒް އިންޓަނޭޝަނަލް މުބާރާތުގައި، ދެކުނު އޭޝިއާގެ ތިން ބައިވެރިއަކު ވަނީ އެކި ގޮފިތަކުން އެއްވަނަ ހޯދާފަ އެވެ. މި މުބާރާތުގައި ދުނިޔޭގެ 133 ގައުމަކުން 334 ބައިވެރިން ވާދަކުރި އެވެ.
ދެކުނު އޭޝިއާގެ ހަތަރު ގައުމުގެ ތެރެއިން އެންމެ ގިނަ ވަނަ ހޯދާފައިވަނީ ބަންގްލަދޭޝްއިންނެވެ. އެ ގައުމުން ވަނީ ޖުމްލަ ހަތަރު ވަނައެއް ކާމިޔާބުކޮށްފަ އެވެ.
ބަންގްލަދޭޝްގެ ޝެއިޚް މުހައްމަދު މަހްމޫދު އަލް ހަސަން ވަނީ ތަޖުވީދު މަގުން މުޅި ގުރުއާން ހިތުދަސްކުރުމުގެ ފިރިހެން ގޮފިން ތިންވަނަ ހޯދާފަ އެވެ. އޭނާއަށް އިނާމެއްގެ ގޮތުގައި 180،000 ސައުދީ ރިޔާލް (48،000 އެމެރިކާ ޑޮލަރު) ލިބިފައިވެ އެވެ.
ބަންގްލަދޭޝްގެ އެހެން ބައިވެރިއެއް ކަމަށްވާ މުހައްމަދު ޒަކަރިއްޔާ ވަނީ ތަރުތީބުން 15 ފޮތް ހިތުދަސްކުރުމުގެ ފިރިހެން ގޮފިން އެއްވަނަ ހޯދާފަ އެވެ. އޭނާއަށް އިނާމެއްގެ ގޮތުގައި 150،000 ސައުދީ ރިޔާލް (40،000 އެމެރިކާ ޑޮލަރު) ލިބުނެވެ.
ކީރިތި ގުރުއާން ބެހިފައިވަނީ ގާތްގަނޑަކަށް އެއްވަރުގެ 30 ފޮތުގެ މައްޗަށެވެ. އެހެންކަމުން މި ގޮފީގައި ވާދަކުރާ ބައިވެރިން ގުރުއާނުގެ ދެބައިކުޅަ އެއްބައި ތަރުތީބުން ހިތުދަސްކުރަން ޖެހެ އެވެ. ސައުދީ މުބާރާތުގެ އުސޫލުތައް ބުނާގޮތުން ހިތުދަސްކުރުމުގެ އިތުރުން ރަނގަޅަށް ތިލާވަތްކުރުމަކީ ވެސް ލާޒިމް ކަމެކެވެ.
ބަންގްލަދޭޝްގެ އަންހެން ބައިވެރިން ވެސް ވަނީ ދެ ވަނައެއް ހާސިލްކޮށްފަ އެވެ. މުސްފިރާ ބިންތި މަހްމޫދު ތަޖުވީދު މަގުން މުޅި ގުރުއާން ހިތުދަސްކުރުމުގެ އަންހެން ގޮފިން ތިންވަނަ ހޯދައި 180،000 ސައުދީ ރިޔާލް (48،000 އެމެރިކާ ޑޮލަރު) ހޯދިއިރު، ރާބިތާ ބިންތި ރަމަޟާން ވަނީ 15 ފޮތް ހިތުދަސްކުރުމުގެ ގޮފިން ތިންވަނަ ހޯދައި 130،000 ސައުދީ ރިޔާލް (34،700 އެމެރިކާ ޑޮލަރު) ހޯދާފަ އެވެ.
ބަރުމާގެ ބައިވެރިން ވަނީ ތިން ވަނައެއް ހާސިލްކޮށްފަ އެވެ. މީގެ ތެރޭގައި ދެ ގޮތްޕަކުން އެއްވަނަ ހޯދުން ހިމެނެ އެވެ.
ބަރުމާގެ ތެއިން ގީ މޮން އަންހެނުންގެ 15 ފޮތް ހިތުދަސްކުރުމުގެ ގޮފިން އެއްވަނަ ހޯދައި 150،000 ސައުދީ ރިޔާލް (40،000 އެމެރިކާ ޑޮލަރު) ހޯދިއިރު، ތުރިއާ ނައުންގް ވަނީ ފިރިހެނުންގެ 5 ފޮތް ހިތުދަސްކުރުމުގެ ގޮފިން އެއްވަނަ ހޯދައި 65،000 ސައުދީ ރިޔާލް (17،300 އެމެރިކާ ޑޮލަރު) ހޯދާފަ އެވެ.
ފަސް ފޮތުގެ މުބާރާތުގައި ބައިވެރިން ތަރުތީބުން ފަސް ފޮތް ހިތުދަސްކުރަން ޖެހެއެވެ. މިއީ މުޅި ގުރުއާނުގެ ގާތްގަނޑަކަށް ހަބައިކުޅަ އެއްބަ އެވެ. މި ގޮފީގައި ވެސް ރަނގަޅަށް ތިލާވަތްކުރުމަށް ސަމާލުކަން ދޭންޖެހެ އެވެ.
މި ބައިނަލްއަގުވާމީ މުބާރާތުގެ ރަސްމީ އުސޫލުތައް ކުރިން ބުނާގޮތުން، މި ގޮފި ހާއްސަކޮށްފައިވަނީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) ގައި ނުހިމެނޭ ގައުމުތަކުގެ ބައިވެރިންނަށެވެ.
ބަރުމާގެ ތިންވަނަ ބައިވެރިޔާ ޝައިން ހްޓެއިކް ވަނީ ފިރިހެނުންގެ 15 ފޮތް ހިތުދަސްކުރުމުގެ ގޮފިން ފަސްވަނަ ހޯދާފަ އެވެ. އޭނާއަށް އިނާމެއްގެ ގޮތުގައި 110،000 ސައުދީ ރިޔާލް (29،300 އެމެރިކާ ޑޮލަރު) ލިބުނެވެ.
ސްރީ ލަންކާގެ މުހައްމަދު އިމްދާދު އިލްޔާސް މުހައްމަދު ވަނީ ފިރިހެނުންގެ ފަސް ފޮތް ހިތުދަސްކުރުމުގެ ގޮފިން ތިންވަނަ ހޯދައި 55،000 ސައުދީ ރިޔާލް (14،700 އެމެރިކާ ޑޮލަރު) ހޯދާފަ އެވެ.
މި މުބާރާތުގެ ވަނަ ހޯދި ފަރާތްތަކުގެ ތެރޭގައި ދިވެހިރާއްޖެ ވެސް ހިމެނެ އެވެ. އެގޮތުން ފާތިމަތު ޝާޔާ ޒާހިރު ވަނީ ތަޖުވީދު މަގުން މުޅި ގުރުއާން ހިތުދަސްކުރުމުގެ އަންހެން ގޮފިން ހަތަރުވަނަ ހޯދާފަ އެވެ. އޭނާއަށް އިނާމެއްގެ ގޮތުގައި 170،000 ސައުދީ ރިޔާލް (45،300 އެމެރިކާ ޑޮލަރު) ލިބިފައިވެ އެވެ.
ބަންގްލަދޭޝް، ބަރުމާ، ދިވެހިރާއްޖެ އަދި ސްރީ ލަންކާގެ މި ނުވަ ބައިވެރިންނަށް ޖުމްލަ 1.19 މިލިއަން ސައުދީ ރިޔާލް (317،300 އެމެރިކާ ޑޮލަރު) އިނާމުގެ ގޮތުގައި ލިބިފައިވެ އެވެ.
މި މުބާރާތް ބާއްވާފައިވަނީ އޮގަސްޓް މަހުގެ 6 އިން 19 އަށް، އިސްލާމްދީނުގެ އެންމެ މުގައްދަސް ބިނާ ކަމަށްވާ މައްކާގެ މަސްޖިދުލް ހަރާމްގަ އެވެ.
މި މުބާރާތުގެ ގޮފިތަކުގެ ތެރޭގައި ގުރުއާނުގެ ބައެއް ހިތުދަސްކުރުމުން ފެށިގެން، ތަޖުވީދު މަގުން މުޅި ގުރުއާން ހިތުދަސްކުރުމާއި، ތަފްސީރު އަދި ގުރުއާން ކިޔެވުމުގެ ހަތް ރިވާޔަތަށް ކިޔެވުން ހިމެނެ އެވެ.
ސައުދީ އަރަބިއްޔާގެ އިސްލާމިކް އެފެއާޒް މިނިސްޓްރީން ބުނާގޮތުގައި، މި މުބާރާތަކީ ހަމައެކަނި ބައިވެރިން ހިތުދަސްކޮށްފައިވާ މިންވަރު ބަލާ މުބާރާތެއް ނޫނެވެ. މީގެ އިތުރުން ކިޔެވުމުގެ ފެންވަރާއި އަކުރުތައް މަޚްރަޖުން ކިޔާ މިންވަރު ވެސް މި މުބާރާތުގައި ވަޒަންކުރެ އެވެ.
މުޅި ގުރުއާން ހިތުދަސްކުރުމުގެ ފިރިހެން ގޮފިން އެއްވަނަ ހޯދީ ސައުދީ އަރަބިއްޔާގެ އަބްދުއްރަހްމާން ބިން މުޚްތާރު ބިން އަހުމަދު މުހައްމަދެވެ. އަދި އަންހެން ގޮފިން އެއްވަނަ ހޯދީ އަލްޖީރިއާގެ ޖުމާނާ ޝްރައިތިޔާ އެވެ. މިއިން ކޮންމެ ބައިވެރިއަކަށް އިނާމެއްގެ ގޮފީގައި 500،000 ސައުދީ ރިޔާލް (133،300 އެމެރިކާ ޑޮލަރު) ލިބުނެވެ.
މި އަހަރުގެ މުބާރާތުގައި އިނާމުގެ ގޮތުގައި ޖުމްލަ 10.26 މިލިއަން ސައުދީ ރިޔާލް (2.74 މިލިއަން އެމެރިކާ ޑޮލަރު) ވަނީ ދީފަ އެވެ. މިއީ މި މުބާރާތުގެ ތާރީޚުގައި ވެސް ދެވުނު އެންމެ ބޮޑު އިނާމު ފައިސާ އެވެ.




