ކ. މާލެ
|
16 ނޮވެންބަރ 2025 | އާދީއްތަ 19:22
ސިޔާސީ ހަރަކާތްތަކުގައި 13،000 މީހުންނަށް ވުރެ އެތައް ބައިވަރު މީހުން ބައިވެރިވި ހަރަކާތްތައް ފޮޓޯތަކާ ލިޔެކިޔުމުން ފެންނަން އެބަހުރި
ސިޔާސީ ހަރަކާތްތަކުގައި 13،000 މީހުންނަށް ވުރެ އެތައް ބައިވަރު މީހުން ބައިވެރިވި ހަރަކާތްތައް ފޮޓޯތަކާ ލިޔެކިޔުމުން ފެންނަން އެބަހުރި
ރާއްޖެއެމްވީ
ޕީއެންސީ
ޕީއެންސީ އެއްވުން: ރައީސް މުއިއްޒު ރެކޯޑް ހެއްދެވި ކަމަށް ވިދާޅުވިޔަސް ހަގީގަތަކީ އެޔެއް ނޫން! އެ އެއްވުމުން ގަދަ ތިނެއްގައި ވެސް ނުހިމެނޭ
ފަހުގެ ތާރީޚުގައި އެންމެ ގިނަ އަދަދެއްގެ މީހުން ބައިވެރިވި ސިޔާސީ ހަރަކާތްތަކުގެ ލިސްޓެއް ހަދާނަމަ އެއްކަލަ ރިކޯޑު ހެދި ޕީއެންސީގެ ޖަލްސާ ގަދަ ތިނެއްގައި ވެސް ލައްވާނުލަ އެވެ. ގަދަ ފަހެއްގައި ލައްވާލާނަ ކަމާމެދު ވެސް ޝައްކެވެ.

މި ސަރުކާރު ވެރިކަމަށް އިންތިޚާބުވި ހިސާބުން އެންމެ ބާރު ސްޕީޑުގައި ކުރަމުން ދިއަ އެއް މަސައްކަތެއް މިއަދާ ހަމައަށް ވެސް ހަމަ އެ ސްޕީޑުގައި ކުރިއަށް އެބަ ދެ އެވެ. އެއީ ރައްޔިތުންނަށް އޮޅުވާލުމާ، ރައްޔިތުން ގުނބޯހެއްދުމެވެ. ކަންކަން އޮޅުވާލަމުން ގޮސް އެންމެ ފަހުން މިހާރު ކުރިމަތިން ފެންނަން އޮތް، ލިޔެވި ރައްކާކުރެވިފައި އޮތް ތާރީޚު އޮޅުވާލަން ވެސް މަސައްކަތް ކުރީ އެވެ. ކޮންމެ އަކަސް ތާރީޚާ މެދު މާސިންގާ ދޮގެއް ހެއްދެވީމާ އެއީ ދެން ބޮޑުވަރެވެ.

ހުކުރު ދުވަހުގެ ރޭ ސަރުކާރު ހިންގާ ޕީއެންސީ އިން މާ ސިންގާ ބޮޑު ޖަލްސާއެއް ބާއްވައިފި އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެއީ ވެސް ތާރީޚީ ރިކޯޑެއް ކަމަށެވެ. 13،000 މީހުން ބައިވެރިވި އެ ޖަލްސާއަކީ މިހާތަނަށް އެންމެ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި ސިޔާސީ ހަރަކާތް ކަމަށް އެމަނިކުފާނު ވިދާޅުވީމާ އައީ ހިންޏެވެ. ހިނި ނާންނަންވީ ސަބަބެއް ނެތެވެ. އެ އަދަދު ހޯއްދެވި ގޮތެއް ވެސް ނޭނގެއެވެ. އަދައިގެ މަތިން ހަމަ އަދަދެއް ވިދާޅުވީއެވެ. ބޮލަކުން ބޮލަކުން ގުނައިގެން ވެސް މީހުންނަށް އެ ވިދާޅުވި އަދަދެއް ދިމަލެއް ނުވިއެވެ. އެ ގޮތައް ގުނި މީހުން ވެސް ބުނަނީ 50 މިލިއަން ޚަރަދު ކޮށްގެން ބޭއްވި އެއްވުމުގައި ތިބީ ފަސްހާހަކަށް ބޯ ކަމަށެވެ.

2015 ވަނަ އަހަރު ބޭއްވުނު ސިޔާސީ ހަރަކާތްތަކަށް ބަލާއިރު އެ އަހަރު ބޭއްވުނު އެކި ހަރަކާތްތަކުގައި ވަރަށް ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި އެވެ. ރައީސް މުއިއްޒު ވިދާޅުވި 13,000 މީހުންނަށް ވުރެ ވެސް އެތައް ގުނައެއް ބޮޑު އަދަދުތަކުން އެ ހަރަކާތްތަކުގައި ބައިވެރިވި މީހުން މާލޭގެ މަގުތަކަށް ނުކުމެފައިވާކަން ލިޔެކިޔުންތަކުން ސާބިތުވެއެވެ.

އެގޮތުން އެ އަހަރުގެ ފެބްރުއަރީ 27 ގައި ބޭއްވި ބޮޑު މުޒާހަރާއަށް 17,000 އަށް ވުރެ ގިނަ މީހުން މާލޭގެ މަގުތަކަށް ނުކުތްކަމަށް މީޑިއާ ރިޕޯޓުތަކުން ސާފުކޮށް އެނގެ އެވެ. މި މުޒާހަރާ ބޭއްވީ އޭރުގެ ރައީސް އަބްދުﷲ ޔާމީން އިސްތިއުފާ ދެއްވުމަށް ގޮވާލުމާއި، ރައީސް ނަޝީދު ދޫކޮށްލުމަށް ގޮވާލާ، ކޮރަޕްޝަނާ އަނިޔާވެރިކަމާ ދެކޮޅަށެވެ. މި އަދަދަކީ 13,000 އަށްވުރެ 4,000 މީހުން އިތުރު އަދަދެކެވެ.

މީގެ އިތުރުން، އެ އަހަރުގެ މޭޑޭ (މެއި 1) ގައި ކުރި މުޒާހަރާއަކީ ރާއްޖޭގެ ތާރީޚުގައި އާންމުން އެންމެ ގިނައިން ބައިވެރިވި އެއް މުޒާހަރާ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. ރާއްޖެއާ ރާއްޖެ އިން ބޭރުގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން މި މުޒާހަރާގައި ގާތްގަނޑަކަށް 20,000 މީހުން ބައިވެރިވެފައިވެ އެވެ. މި އަދަދަކީ ރައީސް މުއިއްޒު ވިދާޅުވި އަދަދަށްވުރެ ވެސް 7,000 މީހުން އިތުރު އަދަދެކެވެ. މިއީ ގައުމީ ތާރީޚުގައި އެންމެ ބޮޑު ރެކޯޑު ހެދި އެއްވުންތަކުގެ ތެރޭގައި ހިމެނޭ އެއްވުމެކެވެ.

މާ ދުރަށް ނުގޮސް 2018 ވަނަ އަހަރުގެ ސިޔާސީ ހަރަކާތްތަކަށް ބަލައިލުމުން ވެސް އެނގެނީ ރައީސް މުއިއްޒު ތާރީޚު އޮޅުވާލަން ކުރެއްވި މަސައްކަތެވެ. އެގޮތުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ރައީސް ކަމުގެ ހުވާ ކުރެއްވި ދުވަހު ވެސް 12،000 އަށް ވުރެ ގިނަ މީހުން އެތަނުގައި ތިއްބެވެ. 12،000 އެއީ ސްޓޭޑިއަމް އެތެރޭގައި ތިބި މީހުންގެ އަދަދެވެ. ސްޓޭޑިއަމް ބޭރުގައި ވެސް އެތައް ހާސް މީހުން ތިބިކަމަށް ރިޕޯޓުތަކާ ފޮޓޯތަކުން ހާމަ ވެއެވެ.

ހަމަ އެހެންމެ 2018 ވަނަ އަހަރު ރާއްޖެ އިން ބޭރުގައި ހުންނެވުމަށް ފަހު ކުރީގެ ރައީސް މުހައްމަދު ނަޝީދު އަނބުރާ ވަޑައިގެންނެވި ދުވަހު އެމަނިކުފާނަށް މަރުހަބާ ކިއުމަށް ވެސް އެތައް ހާސް ބަޔަކު ތިއްބެވެ.

ފަހުގެ ތާރީޚުގައި އެންމެ ގިނަ އަދަދެއްގެ މީހުން ބައިވެރިވި ސިޔާސީ ހަރަކާތްތަކުގެ ލިސްޓެއް ހަދާނަމަ ރައީސް އެ ވިދާޅުވާ ބޮޑު އަދަދު ހިމަނައިގެން ވެސް އެއްކަލަ ރިކޯޑު ހެދި ޕީއެންސީގެ ޖަލްސާ ގަދަ ތިނެއްގައި ވެސް ލައްވާނުލަ އެވެ. ގަދަ ފަހެއްގައި ލައްވާލާނަ ކަމާމެދު ވެސް ޝައްކެވެ.

ކުރިން މިދެންނެވި މާ ސިންގާ އެއްވުން ތަކަކީ ބަޔަކު މިލިއަނުން މިލިއަނުން ޚަރަދު ވެސް ކުރި އެއްވުން ތަކެއް ނޫނެވެ. ރައްޔިތުން ހިތުން ރުހުމުން ހިތު ލޯބިން ނުކުތް ނުކުތުމެކެވެ. އޭރު އެ ބައްދަލުވުންތަކަށް އަންނަން ބޭނުންވި މީހުންނަށް ދެކޮޅު ޓިކެޓްދީ، ހުރުމާ ކެއުމާ ހަމަޖައްސައިދީ، ޕޮކެޓް މަނީ އަށް ދުވާލަކަށް 1000ރ ދޭން ހަމަ ޖެއްސި ނަމަ އެ އެއްވުންތަކަށް އައި މީހުންގެ އަދަދު ގުނާ އަދަދުވެސް ނުކުރެވުނީހެވެ. ދައުލަތުގެ ވަސީލަތްތަކުގެ ނުހަމަ ބޭނުން ހިފައިގެން، ބާރާ ނުފޫޒު ބޭނުން ކޮށްގެން އަދި 50 މިލިއަން ރުފިޔާ ހޭދަ ކޮށްގެން ނުކުތް ނަތީޖާ ނިސްބަތުން ހަމަ ސުމެކެވެ.

- ކޮމެންޓް