ކ. މާލެ
|
4 ޖުލައި 2025 | ހުކުރު 18:18
މޯލްޑިވްސް-ސިންގަޕޫރު ބިޒްނަސް ފޯރަމްގައި ސޯލަރ ސިޓީ މަޝްރޫއު އޭޕީއެމް އެސްޕީވީ ޕްރައިވެޓް ލިމިޑެޓް އާ ހަވާލު ކުރަނީ - 1 ޖުލައި 2025
މޯލްޑިވްސް-ސިންގަޕޫރު ބިޒްނަސް ފޯރަމްގައި ސޯލަރ ސިޓީ މަޝްރޫއު އޭޕީއެމް އެސްޕީވީ ޕްރައިވެޓް ލިމިޑެޓް އާ ހަވާލު ކުރަނީ - 1 ޖުލައި 2025
ރައީސް އޮފީސް
ސޯލަރ ސިޓީ މަޝްރޫއު
ސިންގަޕޫރުގައި ސޮއި ކުރި ސޯލާ ސިޓީ މަޝްރޫއު – ބަޔަކަށް އަގުބޮޑު ފަޅެއް ދޭން ދެއްކި ޗަރުކޭހެއް!
ސަތޭކަ މިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެއް އިންވެސްޓް ކުރާނެ ކަމަށް ސަރުކާރުން ބުނި ސޯލަރ ސިޓީ މަޝްރޫއު ހަވާލު ކުރީ މުޅިން އައު ކުންފުންޏަކަށް ވުމުގެ އިތުރުން، އެ ކުންފުނީގެ މޭޖަރ ޝެއަރހޯލްޑަރު ކަމަށް ބުނާ ބޭރުގެ ކުންފުންޏަކީ ވެސް ދުވަހަކު ސޯލަރ އެނާޖީ މަޝްރޫއެއް ހިންގި ކަން އެނގޭ ކުންފުންޏެއް ނޫން
f

ދިވެހިރާއްޖޭގެ ފުރަތަމަ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) މަޝްރޫޢުގެ ގޮތުގައި ސަރުކާރުން ކަނޑައަޅާ އިއުލާނު ކުރި ސޯލާ ސިޓީގެ 'ބިޔަ މަޝްރޫއު" އެވޯޑް ކުރި ކުންފުންޏަކީ އަލަށް އުފައްދާފައިވާ އެއްވެސް ތަޖުރިބާ އެއް ނެތް ކުންފުންޏެއް ކަން ހާމަވި އިރު މި މަޝްރޫއަކީ އަޑި ނޭނގޭ އެތައް ކަމެއް ހިމެނޭ މަޝްރޫއެއްގެ ގޮތުގައި ބެލެން ފަށައިފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ސިންގަޕޫރަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ބޭއްވި ބިޒްނަސް ފޯރަމްގައި ޖުލައި މަހުގެ 1 ވަނަ ދުވަހު މި މަޝްރޫއު ހަވާލު ކޮށްފައިވަނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ރަޖިސްޓަރީ ކޮށްފައިވާ އޭޕީއެމް އެސްޕީވީ ޕްރައިވެޓް ލިމިޑެޓް އަށެވެ.

މަޝްރޫޢު ކުރިއަށް ގެންދަން ބޮޑެތި ލުއިތަކެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފައިވާ ކަމަށް ރައީސް އޮފީހުން ބުނެފައިވާ އިރު، މަޝްރޫއު ހަވާލު ކުރި ކުންފުންޏަކީ، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިތާ މަހެއްހާ ދުވަސް ފަހުން، 11 ޑިސެމްބަރު 2023 ގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުންޏެއްކަން މިނިސްޓްރީގެ ވެބްސައިޓުގައިވާ މައުލޫމާތުން ހާމަވެއެވެ.

ސޯލާ ސިޓީ މަޝްރޫއު އަކީ އެސްއީޒެޑްގެ މަޝްރޫޢެއްގެ ގޮތުގައި ހިންގުމަށް ރައީސް މުއިއްޒުގެ ސަރުކާރުން ހުއްދަ ދިން ފުރަތަމަ މަޝްރޫޢު ކަމަށް ވާއިރު އެ މަޝްރޫއު ހަވާލު ކުރި އޭޕީއެމް އެސްޕީވީ އަކީ އިއާދަ ކުރަނިވި ހަކަތައިގެ ދާއިރާ އިން ވިޔަސް އަދި އެހެން ދާއިރާ އަކުން ވެސް، އެއްވެސް މަޝްރޫއެއް އަދި ވިޔާފާރި މުއާމަލާތެއް މިހާތަނަށް ހިންގާފައިވާ ކުންފުންޏެއް ކަމެއް ވެސް އެނގޭކަށް ނެތެވެ.

މިނިސްޓްރީގެ ވެބްސައިޓްގައިވާ މައުލޫމާތައް ބަލާއިރު، އޭޕީއެމް އެސްޕީވީ ކުންފުނީގެ ޑިރެކްޓަރުންގެ ގޮތުގައި އަހްމަދު ޒަޔާން އަބްދުﷲ ސާލިހް އާއި ބޭރުގެ ދެމީހުން ހިމެނޭ އިރު، ކުންފުނީގެ ޝެއަރހޯލްޑަރުންގެ ގޮތުގައި ބޭރުގެ ކުންފުންޏަކާއި ދިވެހި ކުންފުންޏެއް ހިމެނޭ ކަން ފާހަގަ ކުރެވެއެވެ. އެ ދެ ކުންފުނިވެސް އޭޕީއެމް އެސްޕީވީ ގެ ޝެއަރހޯލްޑަރުންގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާނީ 27 ޑިސެމްބަރު 2023 ގައެވެ.

ޝެއަރހޯލްޑަރުންގެ ގޮތުގައި ލިސްޓު ކޮށްފައިވާ ދެ ކުންފުންޏަކީ، އެބްރަކްސާސް ޕަވަރ ކޯޕް އާއި ޑަޔޯނިސަސް ކެޕިޓަލް ޕްރައިވެޓް ލިމިޓެޑް އެވެ.

ސިންގަޕޫރުގައި އޮތް ރަސްމިއްޔާތުގައި އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު އިކޮނޮމިކް މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި، އޭޕީއެމް އެސްޕީވީ ގެ މޭޖަރ ޝެއަރހޯލްޑަރަކީ އެބްރަކްސާސް ކަމަށް ބުނެފައިވެއެވެ. އެހެން ނަމަވެސް އެ ބަޔާނުގައި މަޝްރޫއުގެ ޕްރޮޕޯސަލް ފުރަތަމަ ހުށަހަޅާފައި ވަނީ 12 ޑިސެމްބަރު 2023 ގައި ކަމަށް ބުނެފައި ވުމާއެކު މަޝްރޫއުގެ ޕްރޮޕޯސަލް ސަރުކާރަށް ފުރަތަމަ ހުށަހެޅި އިރު އޭޕީއެމް އެސްޕީވީ ޕްރައިވެޓް ލިމިޓެޑްގެ ޝެއަރހޯލްޑަރެއްގެ ގޮތުގައި ހަމަވެސް ނުޖެހޭ ކަން އިކޮނޮމިކް މިނިސްޓްރީގެ ރެކޯޑްތަކުން ސާފުކޮށް އެނގެއެވެ.

މޭޖަރ ޝެއަރހޯލްޑަރަކީ އެބްރަކްސާސް ޕަވަރ ކަމަށް ބުނެފައިވުމުގެ އިތުރުން، މިއީ އިއާދަ ކުރަނިވި ހަކަތައިގެ ރޮނގުން ވަރަށް ފުޅާ ދާއިރާ އެއްގައި ތަޖުރިބާ ލިބިފައިވާ ކުންފުންޏެއް ކަމަށް ބުނެފައިވެއެވެ. އިކޮނޮމިކް މިނިސްޓްރީން މިހެން ބުނެފައިވާ އިރު، މި ކުންފުންޏަކީ މިހާތަނަށް އަވިން ކަރަންޓު އުފެއްދުމުގެ އެއްވެސް މަޝްރޫއެއް ދުނިޔޭގެ އެއްވެސް ތާކު ހިންގާފައިވާ ކުންފުންޏެއްކަން އެނގޭކަށް ނެތެވެ. ކުންފުނީގެ ވެބް ސައިޓްގައި ކުންފުނިން ހިންގާ ކަމަށް ބުނެފައިވަނީ އެންމެ ދެ މަޝްރޫއެކެވެ. އޭގެ ތެރެއިން އެއް މަޝްރޫއަކީ ކެނެޑާގެ ނިއުފައުންޑްލޭންޑް ގައި ވައިން ކަރަންޓު އުފައްދާ މަޝްރޫއަކާއި ރާއްޖޭގެ ސޯލަރ ސިޓީ މަޝްރޫއެވެ.

ޝެއަރހޯލްޑަރުންގެ ތެރޭގައި ހިމެނޭ ދެ ވަނަ ކުންފުންޏަކީ 2023 ވަނަ އަހަރު ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ އެއްވެސް މަޝްރޫއެއް މިހާތަނަށް ހިންގާފައިވާ ކުންފުންޏެއް ނޫނެވެ. ޑަޔޯނިސަސް ކެޕިޓަލް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި އުފައްދާފައިވާ މިކުންފުނީގައި ޑިރެކްޓަރުންގެ ތެރޭގައި ވެސް އަހްމަދު ޒަޔާން އަބްދުﷲ ސާލިހް ހިމެނޭ ކަން ފާހަގަ ކުރެވެއެވެ. އޭގެ އިތުރުން ހިމެނެނީ މުހައްމަދު އައްފާން ޒާހިރު އެވެ.

ފުރަތަމަ އެސްއީޒެޑް މަޝްރޫޢުގެ ގޮތުގައި ރައީސުލް ޖުމްހޫރިއްޔާ މި މަޝްރޫއު ކަނޑައަޅުއްވާ، މަޝްރޫއުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން އޭޕީއެމް އެސްޕީވީ ޕްރައިވެޓް ލިމިޓެޑާ އެކު ސިންގަޕޫރުގައި އޮތް "މޯލްޑިވްސް-ސިންގަޕޯރ ބިޒްނަސް ފޯރަމްގައި ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު، ޠާރިޤް އިބްރާހީމް ސޮއި ކުރެއްވި އިރު، އެ ފޯރަމް އާ މި މަޝްރޫއާ އޮތީ ކޮން ގުޅުމެއްތޯ ވެސް ސުވާލު އުފެދެއެވެ. ބެލެވޭ ގޮތުގައި އެއީ އެ ފޯރަމް އިން ނުކުތް ނަތީޖާ އެއްގެ ގޮތުގައި ސަރުކާރުން ދެއްކުމަށް ކުރި ކަމެކެވެ. އިކޮނޮމިކް މިނިސްޓްރީން ބުނެފައިވަނީ މަޝްރޫއު ހިންގުމުގެ ފުރިހަމަ ހުއްދަ 12 ފެބްރުއަރީ 2025 ގައި އެ ކުންފުންޏަށް ދީފައިވާ ކަމަށެވެ. އެހެން ކަމަށްވާނަމަ ސިންގަޕޫރުގައި އޮތް ސޮއި ކުރުމަކީ ހަމައެކަނި ދައްކާލުމުގެ ގޮތުން ކުރި ބޭކާރު ކަމެކެވެ.

މި ބޮޑު މަޝްރޫއު ހިންގުމަށް އެއްވެސް ތަޖުރިބާ އެއް އަދި މާލީ ގާބިލުކަން ހުރިކަން އެނގެން ނެތް ކުންފުންޏަކާ ހަވާލު ކުރި އިރު، ސަރުކާރުން ބުނެފައި ވަނީ މަޝްރޫއަށް 100 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ އިންވެސްޓް ކުރާނެ ކަމަށެވެ. އެހެން ނަމަވެސް މަޝްރޫއު ހަވާލު ކުރި ކުންފުނިން އެ ފައިސާ ހޯދާ ގޮތެއް ސަރުކާރުން ހާމަ ކޮށްފައެއް ނުވެއެވެ.

މަޝްރޫއު ހިންގުމަށް ރާއްޖޭގެ އެންމެ އަގު ބޮޑު ސަރަހައްދުން، ހުޅުމާލެ އާ 4 ކިލޯ މީޓަރު ދުރުމިނުގައި ކުޑަ ބަނޑޮހުގެ އިރުން އޮންނަ ބޮޑު ފަޅެއް ދޫކުރުމަށް ވަނީ ހަމަ ޖެހިފައެވެ.

ސޯލާ ސިޓީ މަޝްރޫޢުގެ ދަށުން އެ ސަރަހައްދުގައި ބޮޑެތި ލުއިތަކާ އިނާޔަތްތަކާ އެކު ވިޔަފާރީގެ ގޮތުން ބޮޑެތި ނަފާތަކެއް ހޯދި ދާނެ އެތައް ކަމެއް ކުރުމަށް ސަރުކާރުން ވަނީ ހުއްދަ ދީފައެވެ. އެގޮތުން:

1. 100 މެގަވޯޓް ގެ ސޯލަރ ނިޒާމެއް ޤާއިމްކޮށް އޮޕަރޭޓް ކުރުމާއި،

2. އެކި ހަރަކާތްތަކާއި، ކޮންފަރެންސް އަދި ބައްދަލުވުންތައް ބޭއްވޭ ގޮތަށް ފަތުރުވެރިކަމަށް ހާއްސަކޮށް ސަރަހައްދު ތަރައްޤީކުރުމާއި،

3. މުދާ ގެނެސް ބެހެއްޓޭ ގޮތަށް އިންޑަސްޓްރިއަލް ހަބެއް ތަރައްޤީ ކުރުމާއި؛

4. އެކި ބޭނުންތަކަށް ދިރިއުޅެވޭ ގޮތަށް ސަރަހައްދު ތަރައްޤީ ކުރުން ހިމެނެއެވެ.

އެސްއީޒެޑްގެ މި މަޝްރޫޢު ތަރައްޤީ ކުރުމަށް، އަސާސީ ޚިދުމަތްތައް ޤާއިމްކުރަން ޑިވެލޮޕަރަށް ޓެކުހާއި އިމްޕޯޓް ޑިއުޓީގެ ލުއިތައް ދިނުމަށް ވަނީ ހަމަ ޖެހިފައެވެ. އަދި ވިޔަފާރި ހިންގުމަށް ވެސް މިފަދަ އިނާޔަތް ތަކެއް ދިނުމަށް ނިންމާފައި ވާއިރު އެކި ބޭނުންތަކުގައި އެ ސަރަހައްދު ތަރައްޤީ ކުރާއިރު އެ ބޭނުމަކާއި ގުޅޭގޮތަށް މިފަދަ އިނާޔަތްތަކެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ޤަރާރުގައި ހިމަނާފައިވެއެވެ. އެހެން ނަމަވެސް އެންމެ އަގުބޮޑު ސަރަހައްދުން ބޮޑު ފަޅެއް ބޮޑެތި އިނާޔަތްތަކާ އެކު އައު ބަޔަކަށް ދީގެން އެކަމުން ދައުލަތަށާއި ރައްޔިތުންނަށް ލިބެނީ ކޮން ފައިދާ އެއް ކަމެއްވެސް ހާމަ ކޮށްފައެއް ނުވެއެވެ.

މިނިސްޓަރު ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން 100 މެގަވޮޓުގެ ކަރަންޓު އަވިން އުފައްދާނެ ކަމަށެވެ. މި އުފައްދާ ކަރަންޓު އެ ފަރާތުން ވިއްކާ ރޭޓަކާ އެއިން ރާއްޖެ އަށް ލިބޭ މަންފާ އެއްގެ އެއްވެސް ތަފްސީލެއް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

ސަރުކާރުން ބުނެފައިވާނީ ސިންގަޕޫރުގައި މިބޭއްވި ބިޒްނަސް ފޯރަމް އަކީ މި ސަރުކާރުން ބޭއްވި 7 ވަނަ ބިޒްނަސް ފޯރަމް ކަމަށެވެ. ސިންގަޕޫރުގައި ބޭއްވި ބިޒްނަސް ފޯރަމް ގައި މިނިސްޓަރ ސައީދު ވާހަކަފުޅު ދައްކަވަމުން އެސްއީސެޑް އަށް 680 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ފުރުސަތު މިހާތަނަށް ކަށަވަރު ވެއްޖެ ކަމަށް ވިދާޅުވެފައިވެއެވެ. އެހެން ނަމަވެސް އެ އިންވެސްޓްމަންޓްތަކުގެ ތަފްސީލެއް ދެއްވާފައެއް ނުވެއެވެ. މީގެ ކުރިން ސައީދު ދައްކަވާފައިވާ މިފަދަ އެއްވެސް ވާހަކަފުޅެއް ހަގީގަތަކަށް ވެފައި ނެތް ކަން ވެސް ފާހަގަ ކުރެވެއެވެ. އެ ގޮތުން އިހަވަންދިއްޕޮޅުގައި ފެށި ބަންކަރިންގ ގެ މަސައްކަތުން މުޅިން އަލަށް ދައުލަތައް 400 މިލިއަން ޑޮލަރު ވަންނާނެ ކަމަށް ވިދާޅުވެފައިވެއެވެ. އެހެން ނަމަވެސް ކުލަގަދަ ރަސްމިއްޔާތުތަކާ އެކު ވަރަށް އަދައިގެ ގޮތަކަށް މަޝްރޫއު ފަށައިގެން މިހާ ހިސާބަށް އައި އިރު އެ މަޝްރޫއަކީ އެއްވެސް އެދެވޭ ނަތީޖާ އެއް ނުކުތް މަޝްރޫއެއްގެ ގޮތުގައި ފެންނަން ނެތްކަން ފާހަގަ ކުރެވެއެވެ.

- ކޮމެންޓް