އިރާނަށް ހަމަލާ ދިނުމަށް އެމެރިކާ އިން އިސްރާއީލާ ބައިވެރި ވެއްޖެ ނަމަ އެމެރިކާގެ އުޅަނދު ފަހަރަށް ހަމަލާ ދޭނެ ކަމަށް ޔަމަނުން ބުނެފި
ޙޫޘީން ޣައްޒާގެ ފަލަސްޠީނު ރައްޔިތުންނާ އެއްބައިވަންތަކަން ފާޅުކުރުމުގެ ގޮތުން އިސްރާއީލާއި އެމެރިކާ އާ ގުޅުން ހުރި އުޅަނދު ފަހަރަށް ޙަމަލާ ދިނުން ހުއްޓާލާފައި އޮތީ އެމެރިކާ އާ އެކު ހެދި އެއްބަސްވުމެއްގެ ދަށުން

ޔަމަނުގެ ހޫތީން ބުނާ ގޮތުގައި އެމީހުން އެމެރިކާގެ ހަނގުރާމަ މަނަވަރު ލޫއިސް ބީ ޕުލާރ އަދަން ކަނޑުން ދަތުރު ކުރަމުން ދަނިކޮށް މިސައިލް ހަމަލާ އެއް ދިން (ފައިލް).
އިރާނާ ދެކޮޅަށް ހަމަލާ ދިނުމަށް އެމެރިކާ އިން އިސްރާއީލާ ބައިވެރި ވެއްޖެ ނަމަ ރަތް ކަނޑުން ދަތުރު ކުރާ އެމެރިކާގެ އުޅަނދު ފަހަރަށް ހަމަލާ ދޭނެ ކަމަށް ޔަމަނުން ބުނެފިއެވެ.
ޔަމަނުގެ ސަރުކާރު ތަމްސީލު ކުރާ ޙޫޘީން، އެމެރިކާ ސިފައިން އީރާނަށް ޙަމަލާ ދިނުމުގައި ބައިވެރި ވެއްޖެ ނަމަ، އެމެރިކާގެ އުޅަނދު ފަހަރަށް އަމާޒުކޮށް ޙަމަލާ ދޭނެ ކަމަށް އެމެރިކާ އަށް އިންޒާރު ދީފައިވާ ކަމަށް އޭއެފްޕީ ނިއުސް އޭޖެންސީން ބުނެފައި ވެއެވެ.
ރަތްކަނޑުން ދަތުރު ކުރާ އިސްރާއީލަށް ވާގިވެރިވާ އުޅނަދު ފަހަރަށް ހޫޘީން ހަމަލާ ދެމުން ގެންދަނިކޮށް އެމެރިކާ އާއި ޙޫޘީން މެއި މަހު އެއްބަސްވުމަކަށް އައިސް، ރަތު ކަނޑުގައި ދަތުރުކުރާ އުޅަނދު ފަހަރަށް އަމާޒުކޮށް ޙަމަލާ ދިނުން ހުއްޓާ ލާފައި ވެއެވެ.
ޙޫޘީން ބުނެފައިވަނީ، ޣައްޒާގެ ފަލަސްޠީނު ރައްޔިތުންނާ އެއްބައިވަންތަކަން ފާޅުކުރުމުގެ ގޮތުން އިސްރާއީލާއި އެމެރިކާ އާ ގުޅުން ހުރި އުޅަނދު ފަހަރަށް ޙަމަލާ ދެމުން ދިޔަ ކަމަށެވެ. މިކަމަށް ރައްދު ދިނުމުގެ ގޮތުން، ކުރީގެ ރައީސް ރައީސް ޖޯ ބައިޑެން ވަނީ ޙޫޘީންނަށް އަމާޒުކޮށް އެމެރިކާގެ ވައިގެ ހަމަލާތަކެއް ފަށާފައެވެ. އަދި ޓްރަމްޕްގެ ވެރިކަމުގެ ފުރަތަމަ ކޮޅު އެ ހަމަލާތައް އިތުރަށް ވަރުގަދަ ކުރިތަން ވެސް ފެނިގެން ދިޔައެވެ.






