ކ. މާލެ
|
17 ޖޫން 2025 | އަންގާރަ 00:32
ރައީސް މުއިއްޒު ގެންދަވަނީ ހުރިހާ ބާރުތަކެއް އަތްޕުޅަށް ނަންގަވާ ރާއްޖޭގައި ކުޑަވަރެއްގެ ރަސްކަމެއް ގާއިމު ކުރައްވަންހެން ހީވާ ވަރަށް ކަންކަން ދަނީ ގޯސް ވަމުން
ރައީސް މުއިއްޒު ގެންދަވަނީ ހުރިހާ ބާރުތަކެއް އަތްޕުޅަށް ނަންގަވާ ރާއްޖޭގައި ކުޑަވަރެއްގެ ރަސްކަމެއް ގާއިމު ކުރައްވަންހެން ހީވާ ވަރަށް ކަންކަން ދަނީ ގޯސް ވަމުން
ރާއްޖެއެމްވީ ގްރެފިކްސް
ލާމަރުކަޒީ ނިޒާމު
މުއިއްޒުގެ ސަރުކާރުން ލާމަރުކަޒީ ނިޒާމު ފުނޑާލާނެ ކަމުގެ ރަނގަބީލު ޖަހައިފި
ފާއިތުވި 15 ވަރަކަށް އަހަރުގެ ތެރޭގައި އެގާނޫނަށް 15 އިސްލާހު ހުށަހެޅުނު ނަމަވެސް އަދުގެ ސަރުކާރުން މިހާރު މި ގާނޫނަށް ގެންނަން މި އުޅޭ ފަދަ ފަނާ ކުރަނިވި ބަދަލުތަކެއް މީގެ ކުރިން މިގާނޫނަށް ގެނެސްފަ އެއް ނުވެއެވެ.

ދެން އެންމެ އަވަހަކަށް ބޮޑު އިންތިޚާބަކަށް އޮތީ ކައުންސިލް އިންތިޚާބެވެ.

ސަރުކާރުގެ ވިސްނުން މިކަމުގައި ހުރި ގޮތް ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު މެދުވެރިކޮށް ރައްޔިތުންގެ މަޖިލީހަށް ގަރާރެއްގެ ސިފައިގައި މި ވަނީ ހުށަހަޅާފައެވެ.

ކުރިން މާލެ ސިޓީ ކައުންސިލުގައި ހުޅުމާލެ ދާއިރާގެ ކައުންސެލަރު ކަން ވެސް ކުރެއްވި ޝުޖާޢު ހޯމަ ދުވަހު މަޖިލިހަށް ހުށަހެޅުއްވި ގަރާރުގައި ފާހަގަ ކުރައްވާފައިވާ ނުކުތާތަކަށް ބަލާއިރު އޭރު ލާމަރުކަޒީ ނިޒާމުގެ ދަށުން ކައުންސިލް ރަނގަޅުވި ނަމަވެސް މިހާރު އެއީ ބޭކާރު، ޚަރަދު ބޮޑު އެއްވެސް ނަތީޖާ އެއް ނެރެވޭ ނިޒާމެއް ނޫނެވެ.

މާލެ އަށް ހުރިހާ ޚިދުމަތެއް ހޯދުމަށް ބަރޯސާ ވެފައި, ޒަމާނުއް ސުރެ އޮތް އޮތުން ބަދަލު ކޮށް މީހުން ދިރިއުޅޭ ރަށްރަށުގައި ގިނަ ޚިދުމަތްތަކެއް ލިބޭ ގޮތައް ކަންކަން އިންތިޒާމު ކުރެވުނު މި ނިޒާމަކީ ގާނޫނު އަސާސީ އިން ބާރު ލިބިގެން ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަޒުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ބައްޓަން ކުރެވުނު ނިޒާމެކެވެ.

ފާއިތުވި 15 ވަރަކަށް އަހަރުގެ ތެރޭގައި އެގާނޫނަށް 15 އިސްލާހު ހުށަހެޅުނު ނަމަވެސް އަދުގެ ސަރުކާރުން މިހާރު މި ގާނޫނަށް ގެންނަން މި އުޅޭ ފަދަ ފަނާ ކުރަނިވި ބަދަލުތަކެއް މީގެ ކުރިން މިގާނޫނަށް ގެނެސްފަ އެއް ނުވެއެވެ.

ދައުލަތުގެ ހުރިހާ ބާރުތަކެއް އަތްޕުޅަށް ނަންގަވައިގެން ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު އެ ފެއްޓެވީ ސީދާ ލާމަރުކަޒީ ނިޒާމު ފުނޑާލުމުގެ މަސައްކަތް ކަމަށް މި ހުށަހެޅުނު ހުށަހެޅުމުން ސާފުކޮށް އެނގެއެވެ.

މިހާރު ވެސް ރައްޔިތުންގެ މަޖިލިހުގެ ބާރު އޮތީ މުއިއްޒުގެ އަތްޕުޅުގައެވެ. އެތަނުގައި ބުނިއްޔާ ބުނިހާ ގޮތެއް ހަދައި މުއިއްޒު އެންގެވި ގޮތަކަށް ކަން ކުރަމުން ގެންދާއިރު، މި ގެންނަ ބަދަލުތައް ވެސް އިސާހިތަކު ފާސްވެގެން ދާނެއެވެ. ގަރާރެއް، ބަހުސެއް މީހެއްގެ މަޝްވަރާ އެއް މި ސަރުކާރަކަށް ހަގީގަތުގައި ބޭނުމެއް ނުވެއެވެ.

ސަރުކާރަށް ރައްޔިތުންގެ ހިތުގައި ނުރުހުމާއި ނުތަނަވަސް ކަން އޮތް މިންވަރަށް ބަލާއިރު މިހާރު އޮތް ގޮތައް ކައުންސިލްތަކުގެ ގިނަ ގޮނޑިތަކެއް ހޯދުމަށް ސަރުކާރުން ކުރަން ޖެހޭ މަސައްކަތާއި ކުރަން ޖެހޭ ހޭދަ ބޮޑުތަނުން މަތި ވާނެ ކަމަށް ސިޔާސީ ވެރިން އަންދާޒާ ކުރާ އިރު، މި އިންތިޚާބު ކާމިޔާބު ކުރުމަށް ހެދޭނެ އެއް އުކުޅަކީ ކައުންސިލްތަކުގެ ގޮނޑިތަކުގެ އަދަދު މަދު ކުރުމެވެ. އެހެން ކަމުން ސިޔާސީ ތަޖުރިބާކާރުން ދެކޭ ގޮތުގައި ސަރުކާރުން މިހާރު އެ ފެށީ އެ މަސައްކަތެވެ.

އޭރުން ވެރިކަމާއި، މަޖިލިހާއި، ކޯޓުތަކާއި، މިނިވަން މުއައްސަސާ ތަކާއި ކައުންސިލުތައް އެކަކުގެ އަތްދަށުވެ ކުޑަވަރެއްގެ ރަސްކަމަކަށް ރާއްޖެ ކޮލިލާނެއެވެ.

ހުރިހާ ބާރުތަކެއް އެކެއްގެ އަތްމައްޗަށް ޖަމާ ކުރުމުގެ އެދުމުގައި މި ކުރާ ކަންތަކުން އާޚިރު ނަތީޖާ އަކަށް ވެގެން ދާނީ އެތައް ބައެއްގެ ވަޒީފާ ގެއްލި މަގުމަތިވުމެވެ. އެތަކެއް އާއިލާ ނިކަމެތި ވުމެވެ.

މެމްބަރު ޝުޖާއު މަޖިލިހަށް ހުށަހެޅުއްވި ގަރާރުގައި ފުރަތަމަ ވެސް ވަނީ ދައުލަތުގެ ޚަރަދު ބޮޑުވެ، އިގްތިސާދު ކުރަން ޖެހިފައިވާ މިފަދަ ދަނޑިވަޅެއްގައި ގާނޫނު ގައި ބަޔާން ކުރާތީ ކޮންމެހެން ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ރާއްޖޭގެ ކޮންމެ ރަށަކުން 5 ކައުންސިލަރުން ތިބެން ކޮންމެހެން ލާޒިމު ކޮށްފައި އޮތުން އެއީ އެންމެ ރަނގަޅު ގޮތްތޯ ސުވާލު އުފައްދާފައެވެ.

ދައުލަތުގެ ޚަރަދުގެ ކޮންމެވެސް މިންވަރެއް ކައުންސިލަރުންގެ މުސާރަ ވެސް ހިއްސާ ކުރާނެއެވެ. އެހެން ނަމަވެސް އެއީ ދައުލަތުގެ ޚަރަދު ބޮޑުވާ މައިގަނޑު ސަބަބެއްގެ ގޮތުގައި ދެއްކި އިރު އަމިއްލަ އިޚްތިޔާރުގައި ސިޔާސީ މަގާމުތަކަށް މީހުން އިސްކުރަމުން އެ ގެންދަވާ އިރު އިގްތިސާދު ކޮބާތޯއެވެ؟ ކިތައް ކުންފުނީގެ ކިތައް މުވައްޒަފުން، ކިތައް މިނިސްޓްރީގެ ކިތައް މީހުން ބޮޑެތި މުސާރަ ނަގައިގެން އެއް ކަމެއް ވެސް ނުކޮށް އެތިބީ ކޮން އިގްތިސާދު ކުރުމުގެ ވިސްނުމެއްގައި ތޯއެވެ؟ އަމިއްލަ ބާލީހަށް ބަންޑާރަ ކަފަ ލާ އުސޫލުން ދައުލަތުގެ މާލިއްޔަތު ހިތުހުރި ގޮތަކަށް ބޭނުން ކޮށް ހުސް ކުރަމުން ގެންދާއިރު، އާދައިގެ ރަށްރަށުގައި ތިބި ކައުންސިލަރުން ކޮޅެއް ބޭރުކޮށް މަގުމަތި ކުރުމުން ރާއްޖޭގެ އިގްތިސާދު ރަނގަޅު ވަންޏާ ދެން އެކަންވެސް އެއުޅެނީ ކުރަންތާއެވެ.

މައްސަލައިގެ ސީރިއަސް ކަން ބަޔަކަށް ވިސްނައިދެވޭތޯ "ފާއިތުވި 15 އަހަރުގެ ތެރޭގައި ލޯކަލް ކައުންސިލުގެ 4 އިންތިޚާބެއް ބޭއްވި އެތަކެއް ހާސް ކައުންސިލަރުން އިންތިޚާބު ކޮށް އެތަކެއް ބިލިއަން ރުފިޔާ ދިވެހި ދައުލަތުގެ ބަޖެޓުން މި ނިޒާމުން ޚަރަދުވެފައިވާ ކަމަށް" ގަރާރުގައި ބުނެފައި ވެއެވެ.

އެހެން ކަމުން، ކައުންސިލަރުންގެ އަދަދު މިހާރު މި ހުންނަ ވަރެއްގައި ހުރުމަކީ "ވަރަށް ހައްސާސީ މައްސަލަ އަކަށް" ވެއްޖެއެވެ. އަދި މިއީ ކޮންމެހެން ހައްލު ހޯދަން މަޝްވަރާ ކުރަން ޖެހޭ ކަމަކަށް ވެސް ވެއްޖެއެވެ. އެހެންވެ މުޅި ދައުލަތުގެ އެންމެހާ މުއައްސަސާ ތައް ގުޅިގެން މިވަގުތު މި ޖެހެނީ ކައުންސިލަރުންގެ އަދަދު މަދުކުރަން އުޅޭށެވެ.

އެއީ ބޭކާރު ބައެއްގެ ގޮތުގައި ދެއްކުމަށް ގަރާރުގައި މި ބުނަނީ "މި ނިޒާމުގެ ސަބަބުން ހިންގުމަށް އައި އިތުރު ބަދަލަކާއި ފަސޭހަ އެއް މި ނިޒާމުގެ ސަބަބުން ރަށްތަކާއި އަތޮޅުތަކުގެ ތަރައްގީ އަށް ގެނެވުނު އިތުރު ބަދަލެއް ފެންނާކަށް ނެތް" ކަމަށެވެ.

ކައުންސިލުގެ އިންތިޚާބީ މަގާމުތަކުގައި ތިއްބެވި އިރު ރައީސް މުއިއްޒު އަށް ވެސް މެމްބަރު ޝުޖާއު އަށް ވެސް އެއީ ވަރަށް ފައްކާ ނިޒާމެކެވެ. އޭރު އެޗްޑީސީ ވެސް އުވާލާ އެތަނުގެ މަސައްކަތްތައް ވެސް އޮންނަން ޖެހޭނީ މާލޭ ސިޓީ ކައުންސިލުގެ ދަށުގައި ކަމަށް ވިދާޅުވަމުން ގެންދެވިއެވެ. މިއަދު ގޯސް މިވީ ކައުންސިލެވެ.

"ސިޔާސީ ޕާޓީތަކުގެ އިސް ހަރަކާތްތެރިން ރަށްތަކުގެ އިދާރީ ހިންގުމުގެ އެންމެ އިސް ވެރިންގެ ގޮތުގައި އިންތިޚާބު ކުރާ ނިޒާމެއް" ކަމަށް ބުނެ މިއަދު މި ނިޒާމަށް މިވެރިން މަލާމާތް ކުރަން ފެށީއެވެ.

މިހެން މި ވިދާޅުވީ ކައުންސިލްތަކަށް އިންތިޚާބުވާ މީހުންނަކީ އަގެއް ނެތް ބައެއްގެ ގޮތުގައި ސިފަ ކުރެއްވުން ކަމުގައި ވާނަމަ މަޖިލީހަށް އިންތިޚާބު މިވަނީ ދެން ކޮން ބައެއް ތޯއެވެ؟

ކޮންމެ އަކަސް ކައުންސިލްތަކުގެ މެމްބަރުންގެ އަދަދު މިއޮތީ ދައްކުރަން ހިފާފައެވެ. ކައުންސިލުތަކުގެ މެމްބަރުންގެ އަދަދާ މެދު "އާންމުގެ މެދުގައި ނުހަނު ކަންބޮޑުވުން އެބައޮތް ކަމަށް" ވެސް ގަރާރުގައި ބުނެފިއެވެ.

އެއްވެސް ދިރާސާ އަކަށް ރިފަރ ކުރުމެއް ނެތި މިހާތަނަށް އެކި ސިފަސިފައިގައި ކުރި އެންމެހާ ދިރާސާތަކުގައި ވެސް އެންމެ ކަންބޮޑުވުން އޮތީ ކައުންސިލަރުންގެ އަދަދާ މެދުގައި ކަމަށް ވެސް ބުނެފައި ވެއެވެ.

ކުދި ރަށްރަށުގައި މަދުވެގެން 5 ކައުންސިލަރުން ތިބެން ޖެހުމީ "ހުރިހާ ގޮތަކުން ބެލި ނަމަވެސް ބޮޑެތި އިސްލާހުތައް ބޭނުންވާ" ކަމެއް ކަމަށް ވަނީ ބުނެފައެވެ.

ޚަރަދުތައް ބޮޑުވާ ވާހަކަ އާއި ޚަރަދު ކުޑަކުރަން މިކަން ކުރުމުގެ މުހިންމު ކަމުގެ ވާހަކައިގެ ތެރެއިން ކައުންސިލަރުންގެ އަދަދު މަދުކުރަން ވަކާލާތު ކުރަމުން، ދެން އޮތީ އަދި މާ ހެއްވާ ވާހަކައެކެވެ. އެއްވެސް ބޭނުމެއް ނެތި އުފެއްދި ލޯކަލް ގަވަންމަންޓް މިނިސްޓްރީ އަކީ ބޭނުންތެރި ތަނެއްގެ ގޮތުގައި މި ގަރާރުގައި ދައްކަން މަސައްކަތް ކޮށްފައިވެއެވެ.

މި ގަރާރުގައި އެ މިނިސްޓްރީ އަކީ ގާނޫނު އަސާސީގައި ރާއްޖެ ހިންގަން ވާނީ ލާމަރުކަޒީ އުސޫލުން ކަމަށް ލާޒިމު ކޮށްފައިވާތީ، އެކަމަށް "އިހްތިރާމް" ކުރެއްވުމުގެ ގޮތުން ގާނޫނުގައިވާ ގޮތުގެ މަތިން ވެރިކަން ހިންގަވާ ލާ މަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް ޓަކައި އުފެއްދެވި މިނިސްޓްރީ އެއް ކަމަށް ބުނުމުން ހިނި ނާންނަ ވަރެއް ނޫނެވެ. ލޯކަލް ގަވަމަންޓް އޮތޯރިޓީ ކިޔާ އޮފީހެއް ހުއްޓާ އޭގެ އިތުރުން ލޯކަލް ގަވަންމަންޓް މިނިސްޓްރީ އެއް އުފެއްދީ އެއްވެސް އެހެން ބޭނުމެއްގައެއް ނޫނެވެ. އާދަމް ޝަރީފަށް މިނިސްޓަރުކަން ދިނުމަށެވެ.

އެތަނުން ފާއިތުވި 15 މަސް ދުވަހުގެ ތެރޭގައި "ނުހަނު ބޮޑެތި މަސައްކަތް" ކޮށްފައިވާ ކަމަށް ބުނި އިރު އީދު ބޮކި ބެހުމާއި، އަޑިގުޑަން ހުންނަ މަގުތަކަށް ޕަބްލިކް ވޯކްސް މީހުން ލައްވާ ވެލި އެޅުން ނޫން ދެން ކުރީ ކޮން މަސައްކަތެއް ހެއްޔެވެ؟

ލާމަރުކަޒީ ނިޒާމު ހިންގުމަށް ކުރަމުން އަންނަ ހޭދަ އަކީ "ފުންކޮށް ވިސްނާލަން" ޖެހޭ ކަމެއް ކަމަށާއި، "އެންމެ ކަންބޮޑުވާން ޖެހޭ ކަމަކީ ނަތީޖާ އެއް ނުނެރެވޭތީ" ކަމަށް ބުނެފައިވެއެވެ.

މިވަރަކުން ވެސް އަދި ނުފުދެއެވެ. ކައުންސިލަރުންގެ މުސާރަ ވެސް އެކި ރަށްރަށުގައި ދޭންވީ އެކި ވަރަށް ކަމަށް ބުނެފައިވެއެވެ.

"ޒިންމާތައް ބޮޑު އާބާދީ ބޮޑު ރަށާއި މީހުން މަދު އަދި ކުރާނެ މަސައްކަތް ވެސް މަދު ކުޑަ ރަށުގެ ކައުންސިލަރުންގެ މުސާރަ އާއި އިނާޔަތްތައް އެއްވަރެވެ." ގަރާރުގައި ވެއެވެ.

ފުލްޓައިމް ކޮށް ފަސް ކައުންސިލަރުން ތިބެން ޖެހޭ ތޯ ވެސް ވަނީ ސުވާލު އުފައްދާފައެވެ.

އޭގެ ބަދަލުގައި ފުލްޓައިމް ކޮށް އެކެއް ދޭއް ތިބެފައި ދެން ތިބި ކައުންސިލަރުނނަށް ސިޓިންގ އެލަވަންސް ދިނުމުން ފުދޭނެ ކަމަށް ބުނެ ސަރުކާރުން މި އޮތީ ކައުންސިލުތައް ފުނޑާލުމާ ދިމާލަށް މާ ރަނގަޅަށް ވެސް މިސްރާބު ޖަހާފައެވެ.

- ކޮމެންޓް