ސުޕްރީމް ކޯޓުން ސަސްޕެންޑް ކޮށް ވަކި ކުރި ފަނޑިޔާރުންގެ މައްސަލައިގައި ހުރިހާ ކަމެއް ވެސް ހިނގާފައިވަނީ ގަވައިދާ ގާނޫނާއި އުސޫލު ތަކާ އެއްގޮތަށް ކަން ސަރުކާރުން ބެލި ބެލުންތަކުން ޔަގީން ކުރެވޭ ކަމަށް ބުނެ ދިވެހި ސަރުކާރުން އދ. އަށް ޖަވާބުދާރީ ވެއްޖެއެވެ.
ފަނޑިޔާރުންނާ މެދު އަމަލު ކުރި ގޮތް ދިފާއު ކުރުމުގެ ގޮތުން އދ. ގެ ސްޕެޝަލް ރެޕެޓުއަރ އޮން އިންޑިޕެންޑެންސް އޮފް ޖަޖަސް އެންޑް ލޯޔާރސް މާގްރެޓް ސެޓަރތްވެއިޓް އަށް ފޮރިން މިނިސްޓަރ އަބްދުﷲ ޚަލީލު ސޮއި ކުރައްވާފައިވާ 31 މެއި 2025 ގެ ތާރީޚް ގައި 101 ޕެރެގްރާފްގެ މައްޗަށް އެކުލެވޭ 21 ސޮފްހާގެ ސިޓީ އެއް ވަނީ ފޮނުއްވާފައެވެ.
އެ ސިޓީގައި، ސްޕެޝަލް ރެޕަޓުއަރުންގެ ޒިންމާ އަދާ ކުރާ ފަރާތްތަކުން ކަންކަމުގައި ގޮތް ކަނޑައެޅުމަށް މަޢުލޫމާތު ހޯދުމުގައި ފަރުވާތެރިވާން ޖެހޭނެ ކަމަށާއި، ހާމަކަމާއި، ވަކިފަރާތަކަށް ނުޖެހުމާއި އަދި ހަމަހަމަކަމުގެ އުސޫލު ގެންގުޅޭނެ ކަމަށް ދިވެހިރާއްޖެ އިން ދެކޭ ކަމަށް ބުނެ ސްޕެޝަލް ރެޕަޓުއަރ އަށް ފާޑު ކިޔާފައިވެއެވެ.
"މި މައްސަލަ ގައި ސްޕެޝަލް ރެޕަޓުއަރގެ ފަރާތުން ދިވެހި ސަރުކާރަށް ފޮނުވާފައިވާ ލިޔުން ތަކުގައި ހަވާލާދީފައިވާ މަޢުލޫމާތުގައި ދިވެހި ސަރުކާރާއި މިނިވަން މުއައްސަސާތަކާ ދެކޮޅަށް ޙަޤީޤަތްތަކާ ޚިލާފު އަސާސެއް ނެތް ތުހުމަތުތަކެއް ހިމެނިފައިވާކަން ދިވެހިރާއްޖެ އިން ފާހަގަ ކުރަނީ ވަރަށް ކަންބޮޑުވުމާ އެކުގައި؛" ކަމަށް ބުނެފައިވެއެވެ.
މީގެ އިތުރުން، ސަރުކާރުގެ ރަސްމީ ޖަވާބެއް ލިބުމުގެ ކުރިން، ސާބިތު ނުކުރެވޭ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް 17 އޭޕްރީލް 2025 ގައި އދ އިން ނޫސް ބަޔާނެއް ނެރެފައިވާތީ، އެކަމާމެދުވެސް ދިވެހިރާއްޖެއިން ކަންބޮޑުވެ ހިތާމަ ކުރާ ކަމަށް ބުނެފައިވެއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކަމުގައިވާ އަލްއުސްތާޛު ޙުސްނުއް ސުޢޫދު އާއި އަލްއުސްތާޛާ ޑރ. އަޒްމިރާލްދާ ޒާހިރު އަދި އަލްއުސްތާޛު މަޙާޒް ޢަލީ ޒާހިރު ސަސްޕެންޑް ކުރުމާއި، އޭގެ ފަހުން ފަނޑިޔާރު އަޒްމިރާލްދާ އާއި ފަނޑިޔާރު މަހާޒް ވަކިކުރުމުގެ މަސައްކަތް ކުރެވިފައިވަނީ ޤާނޫނުއަސާސީ އާއި، ކަމާގުޅޭ ޤާނޫނުތަކާއި، ކަނޑައެޅިފައިވާ އިޖުރާއަތުތަކާއި އަދި ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން ކަމަށް ދިވެހި ސަރުކާރުން ކަށަވަރުކޮށްދޭ ކަމަށް ސިޓީގައި ވެއެވެ.
"މިކަން ސަރުކާރުން ކަށަވަރު ކޮށް މިދެނީ، މި މައްސަލައިގައި ސަރުކާރުން ޖަވާބުދާރީ ވުމުގެ ގޮތުން، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އާއި، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އަދި ރައްޔިތުންގެ މަޖިލީހުގައި އެދިގެން މައްސަލައިގައި ކަންހިނގާފައިވާ ގޮތާ ބެހޭ ގޮތުން އެ ފަރާތްތަކުން ހިއްސާކޮށްފައިވާ މަޢުލޫމާތު ސަރުކާރުން ފުންކޮށް ދިރާސާ ކުރުމަށް ފަހުގައި؛" ކަމަށް މިނިސްޓަރު ޚަލީލު އދ އަށް ފޮނުއްވި ސިޓީ ގައި ވިދާޅުވެފައިވެއެވެ.
މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ބުނެދެމުން ފޮރިން މިނިސްޓަރުގެ ސިޓީގައި ބުނެފައިވަނީ 26 ފެބްރުއަރީ 2025 ވަނަ ދުވަހުގެ ހެނދުނު، އޭސީސީ އިން ޖޭއެސްސީ އަށް ސިޓީއެއް ފޮނުވައި، ފަނޑިޔާރު ސުޢޫދާ ދެކޮޅަށް ޖިނާއީ ތަހުގީގެއް ކުރިއަށްދާކަން އަންގާފައިވެއެވެ. އެކަމާ ގުޅިގެން ޖޭއެސްސީ ގެ މެންބަރުންގެ ބައްދަލުވުމެއް ބޭއްވުމަށް އިންތިޒާމު ކުރަމުން ދަނިކޮށް، އޭސީސީ އިން އިތުރު ދެ ސިޓީ އެއް ޖޭއެސްސީ އަށް ފޮނުވައި، އިތުރު ދެ ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު އަޒްމިރާލްދާ އާއި ފަނޑިޔާރު މަހާޒް އާ ދެކޮޅަށް ވެސް ޖިނާއީ ތަހުގީގު ތަކެއް ކުރިއަށްދާ ކަމަށް އަންގާފައިވެއެވެ.
ތަފްސީލު ދެމުން ސަރުކާރުން ބުނެފައިވަނީ ޖޭއެސްސީގެ މެންބަރުން ހަމަ އެދުވަހު - 26 ފެބްރުއަރީ ގައި ބައްދަލުވުމެއް ބާއްވައި، މި ތިން ފަނޑިޔާރުން ސަސްޕެންޑް ކުރުމަށް ނިންމި ކަމަށާއި އެހެން ނަމަވެސް އޭސީސީގެ ޖިނާއީ ތަހުގީގުތައް އަދިވެސް ކުރިއަށްދާ ކަމަށެވެ.
މީގެ އިތުރުން، ފަނޑިޔާރު ސުޢޫދު، ފަނޑިޔާރު އަޒްމިރާލްދާ އަދި ފަނޑިޔާރު މަހާޒް ގާނޫނާ ޚިލާފުވެފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ މައުލޫމާތު ޖޭއެސްސީ އަށް ލިބުނު ކަމަށާއި، 26 ފެބްރުއަރީ ގައި ބޭއްވުނު ޖޭއެސްސީ ގެ ބައްދަލުވުމުގައި، މި ތުހުމަތުތައް ތަހުގީގު ކުރުމަށް ނިންމި ކަމަށް ބުނެފައިވެއެވެ.
އޭސީސީ އާއި ޖޭއެސްސީގެ ތަހުގީގުތައް ކުރިއަށް ދަނިކޮށް، 4 މާރިޗު 2025 ގައި ފަނޑިޔާރު ސުޢޫދު އޭނާގެ ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވީ ކަމަށާއި އެހެން ކަމުން، ސުޢޫދުގެ މައްޗަށް ތުހުމަތުކުރެވުނު ސުލޫކީ މައްސަލައިގެ ތަހުގީގު ޖޭއެސްސީ އިން ނިންމާލި ކަމަށެވެ.
އޭގެ އިތުރުން ޖޭއެސްސީގެ އިޖުރާއަތުތަކާ އެއްގޮތަށް، ފަނޑިޔާރު އަޒްމިރާލްދާ އާއި ފަނޑިޔާރު މަހާޒުގެ ތަހްގީގުތައް ނިންމައި، މި ދެ ފަނޑިޔާރުން ވަކިކުރުމަށް ހުށަހަޅައި، މައްސަލައިގެ ރިޕޯޓުތައް ރައްޔިތުންގެ މަޖިލީހަށް ފޮނުވި ކަމަށާއި ތަހުގީގުން ދެ ފަނޑިޔާރުން ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާފައިވާކަން ފާހަގަކުރެވުނު ކަމަށް އިތުރު ތަފްސީލެއް ނުދީ ވަނީ ބުނެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ޖޭއެސްސީގެ ހޯދުންތައް މުރާޖައާ ކޮށް، އެ ކޮމިޓީގެ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ފޮނުވައި، ފަހުގެ ނިންމުމަކަށް ހުށަހެޅި ކަމަށާއި އަދި 14 މޭ 2025 ގައި ބޭއްވުނު މަޖިލީހުގެ ޖަލްސާއެއްގައި، އަޒްމިރާލްދާ އާއި މަހާޒް ވަކިކުރުމަށް ހުށަހެޅުނު ދެ މައްސަލަ ބޮޑު އަޣުލަބިއްޔަތަކުން ފާސް ކުރިކަން ސިޓީގައި ވަނީ ފާހަގަ ކޮށްފައެވެ.
"މި ދެ މައްސަލަ ފާސްކުރެވުނީ 68 މެންބަރުންގެ ތާއީދާއެކު (މުޅި މަޖިލީހުގެ 73%) އަދި 11 މެންބަރުން (މުޅި މަޖިލީހުގެ 11.8%) ދެކޮޅަށް ވޯޓު ދިނުމާއެކުގައެވެ."
26 ފެބްރުއަރީ 2025 ގެ ހެނދުނު ތިން ފަނޑިޔާރަކާ ދެކޮޅަށް އޭސީސީ އަށް ނަން ހާމަ ނުކުރާ ފަރާތަކުން ޝަކުވާއެއް ހުށަހެޅި ކަމަށް ސްޕެޝަލް ރެޕައުޓަރ އަށް ލިބިފައިވާ މައުލޫމާތަކީ ރަނގަޅު މައުލޫމާތެއް ނޫން ކަމަށާއި އެދުވަހު އޭސީސީ އަށް ޝަކުވާއެއް ހުށަހަޅާފައިވަނީ، ފަނޑިޔާރު ސުޢޫދު ކަނޑައެޅިފައިވާ އިޖުރާއަތުތަކާ ޚިލާފަށް ސުޕްރީމް ކޯޓުން ޙުކުމެއް ބާޠިލު ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އެއް ކަމަށް މިކަން ސާފުކޮށް ދެމުން ސިޓީ ގައި ވެއެވެ.
ފަނޑިޔާރު މަހާޒް އޭނާއާ ބެހޭ ގޮތުން އޭސީސީ އިން ބަލާ މައްސަލައާ ގުޅޭ މަޢުލޫމާތަށް އެދުމުން، "އޭސީސީ އިން ހިނގަމުންދާ ތަޙްގީގަށް އަސަރު ނުކުރާނެ މިންވަރަށް މައުލޫމާތު ހިއްސާކޮށްފައިވާ" ކަމަށާއި ފުރިހަމަ މައުލޫމާތު ހިއްސާ ނުކުރީ އޭސީސީ އަށް އެ ބާރު އެގޮތައް ލިބިދޭތީ ކަމަށް ވެސް ބުނެފައިވެއެވެ.
27 ފެބްރުއަރީ 2025 ގައި ފަނޑިޔާރު އަޒްމިރާލްދާ އޭސީސީ އަށް ޝަކުވާއެއް ހުށަހަޅައި، އެޓަރނީ ޖެނެރަލް އަދި ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ވަޒީރު މަޤާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށް، މޯލްޑިވްސް ޕޮލިސް ސަރވިސް މެދުވެރިކޮށް އޭނާ އާއި ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަން މަސައްކަތް ކޮށްފައިވާ ކަމަށް ތުހުމަތުކުރި ކަމަށާއި އަދި އިތުރަށް އޭނާ ތުހުމަތު ކުރިގޮތުގައި، ސުޕްރީމް ކޯޓުގައި ހިނގަމުންދިޔަ ޤާނޫނުއަސާސީއާ ގުޅޭ މައްސަލައެއްގެ އިޖުރާއަތުތައް ހުއްޓުވުމަށްޓަކައި ޖޭއެސްސީ އިން މި ތިން ފަނޑިޔާރުން ސަސްޕެންޑް ކުރުމަށް ނިންމާފައިވާ ކަމަށް ބުނެފައިވާ ކަމަށް ސިޓީގައި ވެއެވެ.
"އެ ޝަކުވާ މުރާޖަޢާ ކުރުމަށް ފަހު، އޭސީސީ އިން ނިންމީ މި ޝަކުވާ ބަލައިގަތުމުގެ ޝަރުޠުތައް ފުރިހަމަނުވާ ކަމަށެވެ. އެހެން ކަމުން، އޭސީސީ އިން ނިންމީ މި ޝަކުވާ ރަޖިސްޓްރީ ނުކޮށް، އެ މައްސަލައިގެ ތަހުގީގެއް ނުހިންގުމަށެވެ. މި ނިންމުން 4 މާރިޗު 2025 ގައި ލިޔުމުން ފަނޑިޔާރު އަޒްމިރާލްދާ އަށް އަންގާފައިވެއެވެ." ސިޓީގައި ވެއެވެ.
އޭގެފަހުން، 9 މާރިޗު 2025 ގައި ފަނޑިޔާރު އަޒްމިރާލްދާ އޭސީސީ ގައި އެ ނިންމުން އަލުން މުރާޖަޢާ ކޮށް ދިނުމަށް އެދުނު ކަމަށާއި އެ ގޮތުން އޭސީސީ އިން 16 މާރިޗު 2025 ގައި މި ކަމާ މެދު މަޝްވަރާ ކުރުމަށް ފަހު، "ކުރީގެ ނިންމުން ބަދަލު ކުރަން ޖެހޭ އެކަށީގެންވާ ސަބަބެއް ނެތްކަމަށް؛" ނިންމީ ކަމަށް ސިޓީގައި ބުނެފައިވެއެވެ.
10 މާރިޗު 2025 ގައި ފަނޑިޔާރު އަޒްމިރާލްދާ އޭސީސީ އަށް އިތުރު ޝަކުވާއެއް ހުށަހަޅައި، އޭސީސީގެ ރައީސްގެ ސުލޫކާމެދު ސުވާލު އުފެއްދި ކަން ފާހަގަ ކުރަމުން ސިޓީގައި ބުނެފައި ވަނީ މި ޝަކުވާގައި ފަނޑިޔާރު އަޒްމިރާލްދާ ތުހުމަތު ކުރި ގޮތުގައި، އޭސީސީގެ ރައީސް އޭނާގެ ބާރުގެ ބޭނުންކޮށް، އާންމު އިޖުރާއަތުތަކާ ޚިލާފަށް ޖޭއެސްސީ އަށް މަޢުލޫމާތު ދީފައިވަނީ ސުޕްރީމް ކޯޓުގައި ހިނގަމުން ދިޔަ ޤާނޫނުއަސާސީއާ ގުޅޭ މައްސަލައެއްގެ އިޖުރާއަތުތައް ހުއްޓުވުމަށް، ތިން ފަނޑިޔާރުން ސަސްޕެންޑް ކުރުމަށް ކަމަށް ބުނެފައިވާ ކަމަށް ސިޓީގައި ވެއެވެ.
"މިހާރު މި މައްސަލައިގެ ތަޙްޤީޤު ކުރިއަށްދެއެވެ." ސަރުކާރުން ޖަވާބުދާރީ ވަމުން ބުނެފައިވެއެވެ.
ސްޕެޝަލް ރެޕަޓުއަރ ލިބިފައިވާ މަޢުލޫމާތާ ޚިލާފަށް، ރައީސުލްޖުމްހޫރިއްޔާ އަދި ބަންޑާރަ ނައިބު މި މައްސަލައިގައި ނުވަތަ އެހެން އެއްވެސް ކަމެއްގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަން މަސައްކަތް ކޮށްފައެއް ނުވާނެ ކަމަށާއި، ބަންޑާރަ ނައިބު ތިންވަނަ ފަރާތެއް މެދުވެރިކޮށް ޤާނޫނުއަސާސީގެ މައްސަލައާ ގުޅޭގޮތުން ފަނޑިޔާރު އަޒްމިރާލްދާގެ ވިސްނުމަށް ނުފޫޒު ފޯރުވުމަށް މެސެޖު ފޮނުވި ކަމަށް ނުވަތަ އޭނާއަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދިން ކަމަށް ބުނާ ތުހުމަތަކީ މުޅިން ދޮގު ވާހަކަ އެއް ކަމަށް ސިޓީގައި ވެއެވެ.
"ފަނޑިޔާރު އަޒްމިރާލްދާ މި ތުހުމަތު ސާބިތު ކުރުމަށް އެއްވެސް ހެއްކެއް ހުށަހަޅާފައެއް ނުވެއެވެ. މި ބަޔާންތަކަކީ ޙަގީގަތް އޮޅުވާލުމުގެ ގޮތުން ދައްކާފައިވާ ވާހަކަތަކެއް، އެއްވެސް އަސާސެއްގެ މައްޗަށް ބިނާވެފައިވާ ވާހަކަތަކެއް ނޫނެވެ."
ބަންޑާރަ ނައިބާއި އެމަނިކުފާނުގެ އެކުވެރިއަކާ ދެމެދު ވާހަކައެއް ދެކެވުނު ކަމަށާއި އެހެން ނަމަވެސް މި ވާހަކައިގައި ފަނޑިޔާރު އަޒްމިރާލްދާ އަށް އެއްވެސް ބާވަތެއްގެ އިންޒާރެއް ދިން ކަމަށް ނުވަތަ ހުށަހެޅިފައިވާ މައްސަލައާ ގުޅޭގޮތުން އޭނާއަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރި ކަމަށް ބުނާ ވާހަކަތައް ސަރުކާރުން ވަރަށް ހަރުކަށި ގޮތެއްގައި ދޮގުކުރާ ކަމަށް ބުނެފައިވެއެވެ.
"އަދި ސަރުކާރުން ސްޕެޝަލް ރެޕޯޓުއަރގެ ސަމާލު ކަމަށް ވަރަށް މުހިންމު ނުކުތާއެއް ގެންނަން ބޭނުންވެއެވެ: އެއީ، ފަނޑިޔާރު އަޒްމިރާލްދާ އަށް އެއްވެސް ފަރާތެއް މެދުވެރިކޮށް އެއްވެސް ބާވަތެއްގެ ނުފޫޒެއް ފޯރުވި ކަމަށް ހަގީގަތުގައި ޤަބޫލު ކުރެއްވި ނަމަ، ޤާނޫނުއަސާސީގެ މައްސަލައާ ގުޅިގެން ބޭއްވުނު ސުޕްރީމް ކޯޓުގެ ދެ އަޑުއެހުމުގެ ތެރެއިން އެއްވެސް އަޑުއެހުމެއްގައި އެފަދަ ކަންބޮޑުވުމެއްގެ ވާހަކަ އޭނާ ފާހަގަ ކުރައްވާފައެއް ނުވެއެވެ. މިއީ ބަންޑާރަ ނައިބުގެ އޮފީސް ދަޢުވާލިބޭ ފަރާތެއްގެ ގޮތުގައި ބައިވެރިވި އަދި މި ވާހަކަ ދެކެވުނު ފަހުން ބޭއްވުނު އަޑުއެހުންތަކެކެވެ."
ސަރުކާރުން ފޮނުވި ސިޓީގައި ބުނެފައިވަނީ އަޒްމިރަލްދާ މި ތުހުމަތު ކުރީ "ޖޭއެސްސީން މިނިވަންކަމާއެކު އޭނާގެ މައްޗަށް ތަޙުޤީޤެއް ފެށުމަށް ނިންމުން،" ކަމަށެވެ.
"މިކަމުން މިފަދަ ތުހުމަތުތައް ކުރެވުނު ވަގުތާއި އޭގެ ޞައްޙަކަމާމެދު ސުވާލު އުފެދެއެވެ." ސިޓީގައި ވެއެވެ.