ކ. މާލެ
|
27 މެއި 2025 | އަންގާރަ 18:50
އިސްރާއީލުގެ ހަމަލާތައް ކުރިއަށް ދާއިރު، ޣައްޒާ ސިޓީގެ ޖަބާލިއާ ރެފިއުޖީ ކޭމްޕްގައި ޗެރިޓީ އޯގަނައިޒޭޝަންތަކުން ބަހާ ކާނާ ކޮޅު ހޯދުމަށް ކުޑަކުދިންތަކެއް މަސައްކަތް ކުރަނީ
އިސްރާއީލުގެ ހަމަލާތައް ކުރިއަށް ދާއިރު، ޣައްޒާ ސިޓީގެ ޖަބާލިއާ ރެފިއުޖީ ކޭމްޕްގައި ޗެރިޓީ އޯގަނައިޒޭޝަންތަކުން ބަހާ ކާނާ ކޮޅު ހޯދުމަށް ކުޑަކުދިންތަކެއް މަސައްކަތް ކުރަނީ
ގެޓީއިމޭޖަސް
ޣައްޒާ ހަނގުރާމަ
ޣައްޒާގެ ރައްޔިތުން ބަނޑަށް ޖެހި ގޮނޑު ހޮވަނީ
ޣައްޒާ އަށް ކާބޯތަކެތި އެތެރެވިޔަ ނުދީ 3 މަސް ދުވަސް ވަންދެން ހިފެހެއްޓުމަށް ފަހު އެންމެ ފަހުން ދުނިޔޭގެ ޕްރެޝަރަށް ހުސްވި ހަފްތާ ގައި ކޮންމެވެސް ވަރަކަށް ކާބޯތަކެތި އެތެރެ ކުރަން އިސްރާއީލުން ހުއްދަ ދިން ނަމަވެސް އެއީ ސައިސަމުސަލެއްގެ މިންވަރު ކަމަށް އދ ގެ ސެކްރެޓަރީ ޖެނެރަލް ވަނީ ވިދާޅުވެފައެވެ. ކާބޯތަކެއްޗަށް ދަތިވެ، ގޮނޑު ހޮވައިގެން ބަނޑުފުރާނަ މުއްތި ކުރާ މީހުން ދުވަހެއް ދުވަހަކަށް ޣައްޒާ ގައި ދަނީ އިތުރުވަމުންނެވެ.

ވަށައިގެން ބޯކޮށް މެހި ބުރަމުންދެއެވެ. އަންހެނަކާއި އޭނާގެ ދަރިފުޅު ޣައްޒާ ސިޓީގައި ހަލާކުވެފައިވާ އިމާރާތެއްގެ ކައިރީގައި ހުރި ކުނި ކޮތަޅުތައް ހާވައިގެން ކާއެއްޗެއް ހޯދަމުން ދިޔައެވެ. ހާވަމުން ދިޔަ ކޮތަޅު ތަކުގެ ތެރެއިން ބާކީވެ އުކާލާފައިވާ ބަތް ކޮޅަކާއި، ޕާން ކޮޅަކާއި، ޗީޒް ކޮޅެއް އޭނާގެ ލޮލުގައި އަޅައިގަތެވެ.

އިސްލާމް އަބޫ ތައީމާ އަށް މި ފެނުނު ކާއެތި ކޮޅުން ތެތް ކޮށް ހުރި ބައި ވަކި ކޮށްލުމަށްފަހު ހިކި ބައިތައް ނަގާ އޭނާގެ އަތުގައި އޮތް ކޮތަޅަށް ލިއެވެ. އޭނާ ބުނި ގޮތުގައި އޭނާގެ ފަސް ދަރިންނަށް ކާން ދެނީ މިގޮތައް ހޯދާ ތަކެތިންނެވެ.

"އަހަރެމެން ބަނޑަށް މަރުވަނީ،" އޭނާ އަލް އަރަބިއްޔާ ނިއުސްއާ ވާހަކަ ދައްކަމުން ބުންޏެވެ. "އަހަރެމެން މީތި ކޮޅު ނުކައިފިއްޔާ، މަރުވާނެ."

މަންޒަރު ދުށް ނޫސްވެރިޔާ ބުނާ ގޮތުގައި ގޮނޑު ހޮވައިގެން ކާއެއްޗެއްހި ހޯދައިގެން ބަނޑުފުރާނަ މުއްތި ކުރަން މީހުން އުޅޭ ހިތްދަތި މަންޒަރުން ޣައްޒާގެ ހާލަތު ވެއްޓިފައި އޮތް ހިސާބު ކިތަންމެ ރަނގަޅަކަށް ވެސް ހާމަ ވެއެވެ.

ޣައްޒާގެ އާބާދީގެ 2.3 މިލިއަން މީހުންނަށް ކާއެއްޗެއް ލިބުމަށް ހުރަސްތައް ކުރިމަތިކޮށް އިސްރާއީލުގެ ޖައްބާރު ސަރުކާރުން ޣައްޒާ ބަންދުކޮށްގެން ތިބޭތާ 3 މަސް ދުވަހަށް ވުރެ ގިނަ ދުވަސް ވީއެވެ. ދުނިޔޭގެ ފާޑު ކިޔުމާއި ފިއްތުންތަކާއި އިންޒާރު އިތުރުވުމުން ދަޅަ ދައްކާލަން ހުސްވި ހަފްތާ ގައި ކާބޯތަކެތި އެތެރެ ކުރަން ދިން ހުއްދަ އަކީ ނަމެއް ގައި ކުރި ކަމެކެވެ. އދ. ގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ އިސްރާއީލުން ހުއްދަ ދިނީ "ސައިސަމުލެއްގެ" މިންވަރުގެ ކާނާ ޣައްޒާ އަށް އެތެރެ ކުރާށެވެ. އެދިން ހުއްދައިން އެތެރެވި ކާ އެއްޗަކުން ޣައްޒާގެ ހާލަތު ރަނގަޅު ކުރަން އެއް ކަމެއްވެސް ނުވިއެވެ.

ހަނގުރާމައިގެ ސަބަބުން ވީރާނާވެފައިވާ ޣައްޒާގެ ރައްޔިތުން އެތައް ފަރަހެއްގެ މަތިން އެމީހުންގެ ގޯތި ގެދޮރުން ނެރެ ބޭރުކޮށް އެތައް މިތާނގައި ގަނަތެޅެން އިސްރާއީލުން މަޖުބޫރު ކުރުވިއެވެ. އެހެން ނަމަވެސް ނޫސްވެރިން ބުނަނީ މީގެ ކުރިން ދުވަހަކުވެސް ކާބޯތަކެތި ހޯދަން ގޮނޑު ހޮވަން ޖެހުނު ހާލަތަކަށް ނުދެއެވެ.

7 އޮކްޓޯބަރ 2023 ގައި އިސްރާއީލުން ޣައްޒާ އަށް ދޭން ފެށި ހަމަލާތަކާ އެކު ކުނި ގޮނޑު ހޮވައިގެން ދަރު ހޯދުމާއި ނުވަތަ އަގެއް ލިބިދާނެ އެއްޗެއް ފެނޭތޯ ގޮނޑުގައި އުޅޭ ކުޑަކުދިންނާއި ބޮޑެތި މީހުން ވެސް ފެނިފައިވާ ކަމަށް ނޫސްވެރިން ބުނެއެވެ. އެހެން ނަމަވެސް ކާއެއްޗެއް ހޯދުމަށް ގޮނޑު ހާވާ މަންޒަރު ފެނިފައި ނުވާ ކަމަށް އެމީހުން ބުނެއެވެ.

ނަމަވެސް އަބޫ ތައީމާ ނޫސްވެރިން ގާތު ބުނީ އޭނާ އަށް އެހެން ގޮތެއް ނެތް ކަމަށެވެ. އޭނާ އާއި އޭނާގެ 9 އަހަރުގެ ދަރިފުޅާ ދެމައިން ވެގެން ކުރަން ޖެހޭ ކަމަކީ ގޮނޑު ހޮވުން ކަމަށް ބުންޏެވެ.

"މިއީ އަހަރެމެންގެ ކޮންމެ ދުވަހެއްގެ ދިރިއުޅުން،" އޭނާ ބުންޏެވެ. "އަހަރެމެންނަށް ގޮނޑުން އެއްޗެއް ނުލިބިއްޖެ ނަމަ، ތިބޭނީ ނުކައި."

އަލް އަރަބިއްޔާގައި ބުނެފައިވާ ގޮތުގައި ގޮނޑު ހޮވައިގެން ކެއުމަކީ އަދިވެސް އެހާ އާންމު ކަމެއް ކަމުގައި ނުވި ނަމަވެސް ގޮނޑު ހޮވައިގެން ކާތަކެތި ހޯދާ މީހުން އަންނަނީ ގިނަ ވަމުންނެވެ. އެއީ ލަދުވެތިވެސް ކަމެއް ކަމަށް އެމީހުން ދެކެއެވެ. އެހެންވެ ބައެއް މީހުން ގޮނޑަށް ދަނީ އިރު އޮއްސި އަނދިރިވުމުންނެވެ.

"އަހަރެން އަމިއްލަ ނަފްސަށް ލަދު ގަނޭ އަހަރެންނަކީ ކިޔަވައިގެން ހުރި މީހަކަށް ވެފައި، ގޮނޑު ހޮވައިގެން ކާން ޖެހޭތީ،" އަލް-ޤުދުސް އޯޕަން ޔުނިވަރސިޓީ އިން އިނގިރޭސި ބަހުގެ ބެޗްލަރޒް ޑިގްރީއެއް ހާސިލުކޮށްފައިވާ އަބޫ ތައީމާ ބުންޏެވެ.

އަބޫ ތައީމާ ވަނީ ކުރު މުއްދަތަކަށް ފަލަސްޠީނު ރެފިއުޖީންގެ މައި އޭޖެންސީ ކަމުގައިވާ އަންރުވާގައި ސެކްރެޓަރީއެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ. އޭނާގެ ފިރިމީހާ ކުރު މުއްދަތަކަށް އަންރުވާގައި ސެކިއުރިޓީ ގާޑެއްގެ ގޮތުގައި މަސައްކަތްކޮށްފައި ވަނިކޮށް އޭނާ 2021 ވަނަ އަހަރު ހަނގުރާމައިގައި ޒަޚަމްވެ، އޭގެ ފަހުން މަސައްކަތްކުރުމަށް ނުކުޅެދިފައިވެއެވެ.

އިސްރާއީލުން މިއަހަރުގެ މާރޗް މަހު ޣައްޒާ އަށް ހުރިހާ ބާވަތެއްގެ ކާނާ އާއި ބޭސް ވެއްދުން މުޅިން ހުއްޓާލިއެވެ.

ފާއިތުވި ހަފްތާގައި ކޮންމެވެސް މިންވަރަކަށް ޣައްޒާ އަށް އެހީގެ ތަކެތި ވެއްދުމަށް ހުއްދަދިނެވެ. ނަމަވެސް ގިނަ ބަޔަކަށް އެހީގެ އެއްވެސް މިންވަރެއް ފޯރާފައެއް ނުވެއެވެ.

އަބޫ ތައީމާ ބުނާ ގޮތުގައި އޭނާގެ އާއިލާ އަށް މާރުކޭޓުން އެއްވެސް އެއްޗެއް ގަތުމުގެ ތަނަވަސް ކަމެއް ނެތެވެ. އެތަނުގައި ވިއްކަން ހުރި މަދު ކާނާގެ އަގުތައް ހުރީ އަތް ނުފޯރާ ފަށުގައި ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނާ ގޮތުގައި ހިލޭ ކާބޯތަކެތި ދޫކުރާ ކަމުގެ ޚަބަރު ލިބޭ އިރު އެތަނަކަށް ވެސް އޭނާ ދެއެވެ. އެހެން ނަމަވެސް މީހުން ގިނަކަމުން އެތަންތަނުން ވެސް އިސާހިތަކު އެއްޗެހި ހުސްވެ އެއްޗެއް ލިބޭ ގޮތެއް ނުވެއެވެ.

"މީހުން ވަރަށް ދަތި ހާލުގައި އުޅެނީ، އެހެންވެ އެކަކުވެސް އަނެކަކަށް މާ ބޮޑު ދީލަތި ކަމެއް ނުދައްކާނެ،" އޭނާ ބުންޏެވެ. "އެހެންވީމާ ގޮނޑު ހޮވުން މާ ރަނގަޅު."

ގޮނޑުގައި އުޅެން ޖެހުމުން ބަލިވެދާނެ ކަމަށް ނުވިސްނަންތޯ އެހުމުން އޭނާ ބުނީ އެއީ އިސްކަންދޭ ކަމެއް ނޫން ކަމުގައެވެ.

"ބަނޑުހައިހޫނުކަމަކީ އެންމެ ބޮޑު ބައްޔެވެ،" އޭނާ ބުންޏެވެ.

- ކޮމެންޓް