ކ. މާލެ
|
20 މެއި 2025 | އަންގާރަ 14:25
ޣައްޒާގެ އުތުރުގައި އޮންނަ ޖަބަލިއާގައި ހިލޭ ސާބަހަށް ކާތަކެތި ފޯރުކޮށްދޭ ޕޮއިންޓެއްގައި ފަލަސްތީނުގެ ރައްޔިތުން ކާއެތި ކޮޅެއް ހޯދަން އުޅެން ޖެހޭ ގޮތް - 19 މެއި 2025
ޣައްޒާގެ އުތުރުގައި އޮންނަ ޖަބަލިއާގައި ހިލޭ ސާބަހަށް ކާތަކެތި ފޯރުކޮށްދޭ ޕޮއިންޓެއްގައި ފަލަސްތީނުގެ ރައްޔިތުން ކާއެތި ކޮޅެއް ހޯދަން އުޅެން ޖެހޭ ގޮތް - 19 މެއި 2025
ގެޓީއިމޭޖަސް
ޣައްޒާ ހަނގުރާމަ
'އަހަރެމެންގެ ދަރިންނަށް ކާންދޭނެ ރޮށިކޮޅެއް ވެސް ނެތް'
އެހީގެ ތަކެތި ފޯރުކޮށް ނުދެވިއްޖެ ނަމަ ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި ޣައްޒާގައި 14،000 ކުޑަކުދިންގެ ފުރާނަ ގެއްލޭނެ ކަމުގެ އިންޒާރު އދ ގެ އަންޑަރ ސެކްރެޓަރީ ޖެނެރަލް ވަނީ ދެއްވާފައި.

ދަރިންނަށް ކާންދޭނެ ރޮށިކޮޅެއްގެ މިންވަރުވެސް ނެތް ކަމަށް އުތުރު ޣައްޒާގައި ތިބި ފަލަސްތީނުގެ ރައްޔިތުން ކާބޯތަކެތި ހޯދުމުގައި ދިމާވާ ދަތިތަކާ ބެހޭ ގޮތުން ބީބީސީ އާ ވާހަކަ ދައްކަމުން ބުނެފިއެވެ.

ޣައްޒާ އަށް އެތެރެ ކުރުމަށް މިހާރު އިސްރާއީލު ހުއްދަ ދީފައިވާ މަދު މިންވަރުގެ އެހީވެސް އެމީހުންނާ ހަމައަށް ނުފޯރާނެކަމުގެ ކަންބޮޑުވުން ހާލުގައި ޖެހިފައިވާ މީހުން ވަނީ ފާޅު ކޮށްފައެވެ.

އދ ގެ އޮފިޝަލަކު ބީބީސީ އާ ވާހަކަދައްކަމުން ހާމަ ކޮށްފައިވާ ގޮތުގައި ހޯމަ ދުވަހު އިސްރާއީލުން ބްލޮކޭޑް ލުއިކުރި ފަހުން ޣައްޒާ އަށް ވަދެފައިވަނީ އެހީ ހިފައިގެން ދިޔަ އެންމެ 5 ލޮރީ ކަމަށެވެ.

"އަހަރެމެންނަށް ދަރިންނަށް ކާންދޭނެ ރޮށިކޮޅެއް ވަރު ނުލިބޭ... ދެކުނުން އެހީ ލިބޭނީ ކިހިނެއް؟ އަހަރެމެންނަށް އެތަނަށް ދިއުމަކީ އުނދަގޫ ކަމަކަށް ވާނެ. އަހަރެމެން ދިރި މިއުޅެނީ ބޮޑު ހިތްދަތި ކަމެއްގެ ތެރޭގައި،" ޣައްޒާ ސިޓީގެ އުތުރުގައި އުޅޭ މީހަކު ބީބީސީ އަށް ބުނެފައިވެއެވެ.

"ބަނޑުހައިހޫނު ކަމުގައި މީހުން އަނބުރައިގަނެގެން އެބަވެއްޓޭ. އަހަރެމެންނަކަށް ނޭނގެ ދަރިންނަށް ކާންދޭނީ ކޮން އެއްޗެއް ކަމެއް. މުގު، ހަނޑޫ ނުވަތަ ފުށެއްވެސް ނުލިބޭ، ނުވަތަ އެހެން އެއްވެސް ބާވަތެއްގެ ކާނާއެއް ނުލިބޭ. ތަރުކާރީއެއްވެސް ނުލިބޭ. އެކަކު އަތުގައިވެސް ނެތް ޓޮމާޓޯ އެއް ގަންނާނެ ވަރުވެސް. ފުށް ކޮޅެއް ގަންނާނެ މިންވަރުވެސް."

ބީބީސީ އާ ވާހަކަ ދެއްކި އެހެން މީހަކު ބުނީ، އެންމެ އަސާސީ ތަކެތި ކަމުގައިވާ ތެލާއި، ހަކުރާއި، ގޭސް ފަދަ ތަކެތިވެސް އެމީހުންގެ އަތުގައި ނެތް ކަމަށާއި، ދަރިންނަށް ކާންދޭނެ އެއްޗެއް ކޮންމެ ގޮތަކުން ވެސް ބޭނުންވާނެ ކަމަށެވެ.

އދ ގެ އިންސާނީ ކަންކަމާބެހޭ އަންޑަރ ސެކްރެޓަރީ ޖެނެރަލް ޓޮމް ފްލެޗަރ ބީބީސީގެ ރޭޑިއޯ ފޯރ އާ ވާހަކަ ދައްކަވަމުން ވިދާޅުވީ، އެހީގެ ތަކެތި ފޯރުކޮށް ނުދެވިއްޖެ ނަމަ ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި ޣައްޒާގައި 14،000 ކުޑަކުދިންގެ ފުރާނަ ގެއްލޭނެ ކަމަށެވެ.

އެ އަދަދަށް އދ އިން ވާސިލުވީ ކިހިނެއްތޯ އެހުމުން، ފްލެޗަރ ވިދާޅުވީ: "އދ ގެ ވަރުގަދަ ޓީމްތައް އެތާ ތިބި" ކަމަށެވެ.

އޭނާ ވިދާޅުވީ، އިސްރާއީލުން 11 ހަފްތާގެ ބްލޮކޭޑެއް ނިމުމަކަށް ގެނައުމަށްފަހު ހޯމަ ދުވަހު 5 އެހީގެ ލޮރީ ވަދެފައިވާ ކަމަށާއި، ނަމަވެސް އެ ތަކެތި އަދި ރައްޔިތުންނާ ހަމައަކަށް ނުފޯރާ ކަމަށެވެ.

ފްލެޗަރ އިތުރަށް ވިދާޅުވީ އަންގާރަ ދުވަހު ޣައްޒާ އަށް 100 ލޮރީ ވެއްދުމަށް އުންމީދުކުރައްވާ ކަމަށާއި އިންސާނީ އެހީ އިން ޣައްޒާ ފުރާލަން ޖެހޭ ކަމަށެވެ.

- ކޮމެންޓް