ކ. މާލެ
|
19 މެއި 2025 | ހޯމަ 19:38
މިނިސްޓަރު މުހައްމަދު ސައީދު އާއި ބަންކަރިން
މިނިސްޓަރު މުހައްމަދު ސައީދު އާއި ބަންކަރިން
ރާއްޖެއެމްވީ ގްރެފިކްސް
ބަންކަރިން ޚިދުމަތް
ބަންކަރިން އާ ބެހޭ ގޮތުން މުއިއްޒުގެ ސަރުކާރުން ދޮގު ހަދާ އޮޅުވާލަނީ...
އިހަވަންދިއްޕޮޅުގައި އައު ސިނާއަތެއްގެ ގޮތުގައި ދައުލަތައް ބޮޑު އާމްދަނީ އެއް ލިބޭނެ ކަމަށް ބުނެ ބޮޑު އިންވެސްޓެއް ކޮށްގެން ފެށި ބަންކަރިން ޚިދުމަތުން މިހާތަނަށް ލިބުނު އާމްދަނީ އެއް ހާމަ ކުރަން ނުކެރި، ސަރުކާރުން ގެންދަނީ އެސްޓީއޯ އިން މުޅި ރާއްޖޭގައި ކަނޑުމަތިން ވިއްކާ ހުރިހާ ތެލަކާ ފެނެއް އެއީ "އަލަށް ފެށި ސިނާއަތުގެ" އާމްދަނީގެ ގޮތުގައި ދައްކަން މަސައްކަތް ކޮށް އޮޅުވާލަމުންނެވެ.

ރާއްޖޭގެ އިގްތިސާދު ފުޅާ ކުރުމަށް ކަމަށް ބުނެ ރާއްޖޭގެ އެންމެ އުތުރުން އުލިގަމު ސަރަހައްދުގައި ވަރަށް ކުލަ ގަދަ ރަސްމިއްޔާތެއް ބާއްވާ ހުސްވި އަހަރު "މުޅިން އަލަށް ބަންކަރިން ޚިދުމަތް ފެށި" ކަމަށް ދެއްކިއެވެ.

އެއީ ރައީސުލް ޖުމްހޫރިއްޔާގެ ދުރު ވިސްނުންފުޅު ކަމަށް ބުނެ އެއީ އެހެން އެއްވެސް ބައެއްގެ ޚިޔާލަކަށް ފިކުރަކަށް ވެސް ނާންނަ ކަމެއް ކަމަށް ދައްކަން ވެސް ސަރުކާރުގެ އިސްވެރިން މަސައްކަތް ކުރިއެވެ.

ބަންކަރިންގެ ފޯރީގައި މުޅި ސަރަހައްދު އޮތީ އުފަލުން ފޮޅިފައެވެ. ސަރަހައްދުގައި ދަތުރުކުރާ އާގު ބޯޓުފަހަރަށް ތެޔޮ ބަންކަރިން އާއި ފެން ބަންކަރިން ޚިދުމަތް ފެށުމަށް ފުލުފުލުގައި އިހަވަންދިއްޕޮޅުގެ ރަށްތަކަށް މިނިސްޓަރުންނާއި އެމްޑީ އިން ދަތުރުކޮށް ފޮނި ވާހަކަތައް ދައްކަމުން ގެންދިޔަ މަންޒަރު ފެނުނެވެ. އެރަށުގައި އޮންނާނީ ފެން ބަންކަރިން އެވެ. މިރަށުގައި އޮންނާނީ ތެޔޮ ބަންކަރިން އެވެ. އެރަށުގައި އެވެނި ކަމެކެވެ. މިރަށުގައި މިވެނި ކަމެކޭ ކިޔަމުން ގެންދިޔައެވެ.

އިހަވަންދިއްޕޮޅުގައި ބަންކަރިން

އޯފްޝޯ ބަންކަރިން ފެށުމަށްޓަކައި، ބަންކަރިންގ 2 ބޯޓާއި ޓަގު ބޯޓު އަދި ޕައިލެޓު ބޯޓު އިހަވަން ދިއްޕޮޅަށް ގެންދިޔައެވެ. އިންޓަނޭޝަނަލް ޝިޕް އެންޑް ޕޯޓު ސެކިއުރިޓީ ގޭޓު (އައިއެސްޕީއެސް ގޭޓު) ވެސް ގާއިމްކުރިއެވެ. އޭރުގެ އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު ވިދާޅުވެފައި އޮތީ "ބަންކަރިންގ ޚިދުމަތައް ވާންޖެހޭ ހުރިހާ ތައްޔާރީއެއް އޮތީ ނިމިފައި،" ކަމަށެވެ.

ބަންކަރިން ޚިދުމަތާއެކު އިންޓަރނޭޝަނަލް ކަސްޓަމަރުންނަށް، އިތުރު 14 ޚިދުމަތްތަކެއް އެ ސަރަޙައްދުން ފޯރުކޮށްދޭން ފަށާނެކަމަށް ވެސް ވަޖީހު ވިދާޅުވިއެވެ. މީގެ ސަބަބުން ސަރުކާރުގެ އެހެން ކުންފުނިތަކަށާއި، އަމިއްލަ ކުންފުނިތަކަށް އަދި އަމިއްލަ ފަރުދުންނަށްވެސް އާމްދަނީ ހޯދުމުގެ އިތުރު ފުރުސަތުތައް ފަހި ވެގެންދާނެ ކަމަށް ވިދާޅުވެ ބޮޑެތި ވާހަކަތައް ދެއްކެވިއެވެ.

ބަންކަރިން އިން ބޮޑު އާމްދަނީ އެއް

މި ހުރިހާ ކަމަކަށް ވުރެ ވެސް ބޮޑަށް މީހުން އަޅައިގަތީ މިކަމުން ދައުލަތައް ލިބޭ ބޮޑު އާމްދަނީގެ ވާހަކައެވެ. "ސަރުކާރުން އަލަށް ފަށާ" ބަންކަރިންގެ ޚިދުމަތުން މުޅިން އަލަށް 400 މިލިއަން ޑޮލަރު ވަންނާނެ ކަމަށާއި، 6 ބިލިއަން ދިވެހި ރުފިޔާގެ މުޅިން އައު ސިނާއަތެއް އުފެދޭނެ ކަމަށް ވިދާޅުވެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ޖަލްސާތަކުގައި ވާހަކަ ދައްކަވަމުން ގެންދެވިއެވެ.

އަހަރަކު އެހާ ގިނަ ފައިސާ އާމްދަނީ އަށް އިތުރުވާތީ އެވާހަކަ އަޑުއެހި މީހުންވެސް ތިބެނީ ހިސާބުތައް ބަލަން ކެތް މަދުވެފައެވެ. ސައީދު އަށް ބައްދަލުވާ ނޫސްވެރިންވެސް އުއްމީދު ކޮށްގެން ތިބެނީ، ބަންކަރިންގެ އެންމެ ފަހުގެ އާމްދަނީގެ ހިސާބުތައް ސާފުކޮށްދެއްވާނެ ކަމަށެވެ.

އެހެން ނަމަވެސް އެ ސުވާލު ތަކުރާރުވަމުން ދިޔަ މިންވަރަކަށް ސައީދުގެ ހިތްހަމަ ނުޖެހުން ފާޅު ވުން ނޫން ކަމެއް މި ފަހަކުން ނުފެނެވެ. އެ ސުވާލު ކުރުމުން އެންމެ ފަހުން ނުރުހުމުގެ ރާގަކަށް ވިދާޅުވީ، ބަންކަރިން އިން ލިބޭ އާމްދަނީގެ މައުލޫމާތު އެނގޭނީ އެސްޓީއޯ އަށް ކަމުގައެވެ. ސައީދު މިހެން ވިދާޅުވިއިރު ގައިމު އެ ކަމުން ލިބޭނެ ބޮޑު އާމްދަނީގެ ވާހަކަ ކުރިން ދެއްކީ އަކީ އެސްޓީއޯ އަކުން ނޫން ވިއްޔާއެވެ.

މިކަންކަން މިހެން ހުރި އިރު، އިހަވަންދިއްޕޮޅުގައި ބައިނަލް އަގްވާމީ ބަންކަރިން ފެށުމަށް 15 އާއި 20 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ސަރުކާރުން ކުރި ކަމަށް ބުނެފައި އޮތުމާއެކު، އެމަސައްކަތުގެ ފައިދާ މިހާރު ދިވެހިންނަށް ލިބެން ފެށީކަން ދައްކާންވެސް އެބަޖެހެއެވެ.

އެއާ އެކު އިވުނީ އެސްޓީއޯ ގެ 2024 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ވާހަކަދައްކަވަމުން ބަންކަރިން ޚިދުމަތުން މިހާތަނަށް 124 މިލިޔަން ރުފިޔާގެ އާމްދަނީ އެއް ލިބިފައިވާ ކަމަށް އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހިމް ވިދާޅުވި ވާހަކައެވެ.

ޝިމާދު މިހެން ވިދާޅުވި ވާހަކަ ދައުލަތުގެ މީޑިއާ އިން ގެނައުމުގައި އެއީ ހުސްވި އަހަރު މި ސަރުކާރުން "މުޅިން އަލަށް ފެށި" ބަންކަރިން އިން ލިބުނު އާމްދަނީ ކަމަށް ދައްކަން ޚަބަރުތަކުގައި ލިޔެފައި ހުއްޓާ ފެނުނެވެ. އެ ގޮތުން "ރާއްޖޭގައި ބަންކަރިންގެ ޚިދުމަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހު،" ގައި ކަމަށް ބުނެފައިވެސް ވެއެވެ.

ކަން މިހެން އޮތް ނަމަވެސް، އެސްޓީއޯ ގެ އަހަރީ އާންމު ޖަލްސާގައި ޝިމާދު ދެއްކެވި ވާހަކައިން ބުޅާ އޮތީ ގޯނިން ބޭރުވެފައެވެ.

"އިހަވަންދިއްޕޮޅުން ބަންކަރިންގ ޚިދުމަތް ފެށި ނަމަވެސް، މި ވިޔަފާރީގެ އެންމެ ރަނގަޅު ނަތީޖާ ފެންނަމުން ދަނީ މާލެ ސަރަހައްދުން،" ކަމަށް ޝިމާދު ވިދާޅުވިއެވެ.

އަޖައިބެކެވެ. ބަންކަރިން ޚިދުމަތް ފެށީ އިހަވަންދިއްޕޮޅުގައެވެ. އެކަމަކު އެންމެ ބޮޑު ފައިދާ އެއް ވަނީ މާލެ ސަރަހައްދުގައެވެ. އެހެން ކަމަށްވާ ނަމަ އިހަވަންދިއްޕޮޅުގައި 20 މިލިއަން ޑޮލަރު އިންވެސްޓް ކޮށްގެން މި ކުރީ ދެން ކޮން ކަމެއް ބާވައެވެ؟

ސަރުކާރުން މިއޮތީ އިހަވަންދިއްޕޮޅުގައި ރައީސްގެ ދުރު ވިސްނުމުގެ ދަށުން ފެށި މަސައްކަތުން ލިބުނު އެއްޗެއް ހާމަ ކުރަން ނުކެރިފައެވެ. މާލެ އާއި މުޅި ރާއްޖޭގެ އެތައް މިތާނގައި އެސްޓީއޯ އިން ވިއްކާ ހުރިހާ ތެލެއް މިހާރު އެއީ "ބަންކަރިން" ގެ ތެރޭގައި ހިމަނާ އެގަހު ކޭލެއް މިގަހު ކޭލެއް ނޭނގޭ ގޮތައް އޮޅުވާލާފައި އޮތް ކަމަކަށް ހަދައިފިއެވެ.

ބަންކަރިންގެ ޚިދުމަތުން މިހާތަނަށް 124 މިލިއަން ރުފިޔާގެ އާމްދަނީ އެއް ލިބިފައިވާ ކަމަށް ޝިމާދު ވިދާޅުވި އިރު، ބެލެވެނީ އެއީ މައިގަނޑު ގޮތެއްގައި މާލެ ސަރަހައްދުން ލިބުނު އާމްދަނީ ކަމަށެވެ. މިއީ އެވިދާޅުވި "އަލަށް ފެށި ސިނާއަތުން" ލިބުނު އެއްޗެއް ނޫނެވެ.

ބަންކަރިން އަކީ އައު ކަމެއް ނޫން

ބަންކަރިންގެ ޚިދުމަތަކީ އެންމެ އަދައިގެ ގޮތަކަށް ބުނާ ނަމަ ކަނޑު އުޅަނދު ފަހަރަށް ތެޔޮ ނުވަތަ ފެން ވިއްކުމެވެ.

ބަންކަރިންގެ ޚިދުމަތުގެ ގޮތުގައި ކްރޫޒް ލައިން ތަކަށާއި، ސުޕަރ ޔޮޓް ފަހަރަށާއި، ނޭވީ ބޯޓު ފަހަރަށް ވެސް އެސްޓީއޯ އިން ތެލާއި ފެން ވިއްކާތާ ކިތަންމެ އަހަރެއް ވެއްޖެއެވެ. ބަންކަރިން އޭ ކިޔާފައި އޭރު ފޮނި ނުކަނޑަނީއެވެ. އެނެއްކޮޅުން އެއީ އެސްޓީއޯ އިން އެކަނި ދޭ ޚިދުމަތެއް ވެސް ނޫނެވެ. ވިލާ އަދި ހޯކްސް ފަދަ އަމިއްލަ ކުންފުނިތަކުން ވެސް ރާއްޖޭގައި ބަންކަރިން ޚިދުމަތް ދެއެވެ.

"މިހާރު މި ހަދާ ގޮތަކީ، ބަންކަރިން ޚިދުމަތޭ ބުނެ މާލެ ސަރަހައްދުގައި ކުރިންވެސް ދެމުން އައި ޚިދުމަތާއި، އިހަވަންދިއްޕޮޅުގައި ފެށި ޚިދުމަތާ މައްސުނި ކޮށްގެން ވާހަކަ ދައްކަނީ، އޭރުން އެޔެއް މިޔެއް އަޑުއަހާ ބަޔަކަށް ނޭނގޭނެ، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބޯޓުފަހަރަށް ވިއްކާ ފެނާ ތެޔޮ ބަންކަރިން ޚިދުމަތޭ ކިޔާފައި އަދަދުތަކެއް ކިޔަނީ، އޭރުން މީހުންނަށް ހީވާނީ ސަރުކާރުން އިހަވަންދިއްޕޮޅުގައި ފެށި ބަންކަރިން ޚިދުމަތުން އެތައް މިލިއަން ރުފިޔާ އެއް ލިބެނީއޭ.." މިދާއިރާގެ ތަޖުރިބާކާރާކު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، “އަލިހުރަސް” ނަމަކަށް ކިޔާ ބޯޓެއް ހުވަދޫ ސަރަހައްދުގައި ބާއްވާފައި، އެއަށް އެޅޭ 7 މިލިއަން ލިޓަރުގެ ތެޔޮ ބަންކަރ ބާޖުތައް ބޭނުން ކޮށްގެން އަޅާފައި އެއީވެސް އެސްޓީއޯ އިން ދިން ބަންކަރިން ޚިދުމަތުގެ ގޮތުގައި ހިސާބުގައި މި ޖަހަނީ،" ސަރުކާރުން މިކަން ކުރާ ގޮތް ސާފުކޮށްދެއްވަމުން އޭނާ ވިދާޅުވިއެވެ. "ހަގީގަތުގައި މިކުރާ ކަމަކީ އެސްޓީއޯ އިން އެފްއެސްއެމް އަށް ތެޔޮ ވިއްކަނީ."

އިހަވަންދިއްޕޮޅުގައި ކެނޑި ފޮންޏަށް މިވީ ކިހިނެއް؟

ހޯރަފުށީގައި "ބައިނަލްއަގުވާމީ ބަންކަރިން"ގެ ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް މަސައްކަތް ކުރައްވަނީ ރާއްޖޭގެ އިގްތިސާދު ސިންދަފާތު ކުރެވޭނެ ދާއިރާތައް ކުރިއެރުވުމަށް ކަމަށެވެ. އެ ގޮތުން އިހަވަންދިއްޕޮޅުގައި މި ޚިދުމަތް ފެށީ ސަރުކާރުގެ މޮޅު ކަމުން ކަމަށާއި، މި ސަރަހައްދުން ދުވާލަކު 300އެއްހާ ބޯޓު ހުރަސް ކުރާއިރު އޭގެ ކުޑަ އިންސައްތަ އެއް ރާއްޖެ އަށް ލިބިގެން ދިއުމަކީވެސް ކުރިއެރުމެއް ކަމަށެވެ.

"އަޅުގަނޑުމެން ޝައްކެއް ނުކުރަން މި ޓްރެފިކްގެ އެސްޓީއޯ އިން ޓާގެޓް ކުރަނީ އެންމެ ޕަސެންޓަކަށް ކަމުގައިވިޔަސް އަޅުގަނޑުމެންނަށް މިތާގައި އޮންޕޯޓް ޚިދުމަތް ފެށުމަށް ހެޔޮވަރު އަދަދެއް އެއީ." ސައީދު ވިދާޅުވިއެވެ.

އެވިދާޅުވި އެންމެ ޕަސެންޓެއްވެސް އިހަވަންދިއްޕޮޅު ބަންކަރިންގ އަށް އަތު ނުޖެހި އެންމެ ފަހުން އެސްޓީއޯ ބަންކަރިން ޚިދުމަތް ދޭން ވިޓޯލް ކުންފުނިން ގަތް ދެ ބޯޓު މާލެ ސަރަހައްދަށް ބަދަލު ކުރީ އެވެ.

ހުރިހާ ކަމެއްވެސް ސިއްރުކޮށް އޮޅުވާލައިގެން ކުރަމުން ގެންދާ މުއިއްޒުގެ ސަރުކާރުން އެސްޓީއޯ އާއި ވިޓޯލް އާ ދެމެދު ހެދި އެއްބަސްވުމުގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ. ވިޓޯލް ގެ ގަދަ ވާހަކަ އާއި، ވިޓޯލުން ރާއްޖޭގައި އިތުރު އިންވެސްޓް ކުރާނެ ވާހަކަ ފަދަ މޮޅު ވާހަކަ ދެއްކުން ނޫން ކަމެއް މިނިސްޓަރ ސައީދު ނުކުރައްވައެވެ.

ވިޓޯލް އާއެކު އެސްޓީއޯ އިން ހެދި އެއްބަސްވުމުގެ މައުލޫމާތު އެނގޭ ފަރާތަކުން މި ނޫހަށް މައުލޫމާތު ދެމުން ބުނީ، ވިޓޯލް އަށް ދެ ކަމެއް ހަވާލު ކުރި ކަމަށާއި، އެއީ އިހަވަންދިއްޕޮޅު ބަންކަރިންގ ޕްރޮމޯޓު ކުރުމާއި ތެޔޮ ވިއްކުން ކަމަށެވެ.

"މާކެޓިން އެއްބަސްވުމުގެ ދަށުން އެއްކަމެއްވެސް ނުކުރެވުނީ ކަމަށް ފެންނަނީ، އެފަދަ އެއްބަސްވުމަކަށް އަމަލު ނުކުރިއަސް ހެދޭނެ ގޮތެއްވެސް އޮތްހެނެއް ހިޔެއް ނުވޭ، ހަމަ އެކަނި އެސްޓީއޯގެ ފަރާތުން ތެޔޮ ވިއްކުމުގެ މަސައްކަތް ވިޓޯލް އިން ކުރި ކަމަށް ފެންނަނީ،" ނަން ނުޖެހުމަށް ޝަރުތުކޮށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ވިޓޯލް އާއެކު ހަދާފައިވާ ތެޔޮ ވިއްކުމުގެ އެއްބަސްވުން ވެސް ނިމުމަކަށް އައިސްފި ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

އުލިގަމު ސަރަހައްދުން މާގިނަ ބޯޓަކަށް ތެޔޮ އެޅިކަމެއް އެނގެން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

"ވަރަށް މަދު ފަހަރަކު އެތަނުން ޚިދުމަތެއް ދީފައިވަނީ، ބަންކަރިން ޚިދުމަތްދޭނެ ބޯޓެއް ނުވެސް އޮވޭ އުލިގަމު ސަރަހައްދުގައި، ތިން ހަތަރު މަސްވެސް ހޭދަވޭ، އެ ސަރަހައްދަށް އެސްޓީއޯގެ ކުޑަ ބޯޓެއް ވެސް ނުގޮސް،"

އެއްވެސް ރޭވުން ތެރިކަމެއް ނެތި ހަމަ އެކަނި ދައްކާލުމުގެ ގޮތުން ފަށައިގަތް ކަމެއް ކަން ހާމަކުރަމުން އޭނާ ވިދާޅުވިއެވެ.

މާލެ ސަރަހައްދުން ތެލާއި ފެން ވިއްކައިގެން "މުޅިން އަލަށް ފެށި ބަންކަރިން" އިން އެސްޓީއޯ އިން އާމްދަނީ ހޯދާކަމަށް ބުނާ އިރު އޭނާ ވިދާޅުވީ، އުތުރުގެ ސަރަހައްދަށް އެސްޓީއޯ އަށް އެކްސްކްލޫސިވް ކޮށް ތެޔޮ ވިއްކަން ހުއްދަ ދީފައި އޮއްވާ އެތަނުގައި އެކަން ނުވެ، އެހެން ވިޔަފާރިތަކަށް އޮތް ވާދަވެރި ސަރަހައްދުގައި އެސްޓީއޯ އިން މިކަން ކުރުމުން އެއީ ވަރަށް ބޮޑު ބޭއިންސާފެއް ކަމުގައެވެ.

އެވިދާޅުވާ އަލަށް ފެށި ބަންކަރިން ސިނާއަތް ފެށިގެން އައި ދުވަސްވަރު އެނޫން ވާހަކައެއް ސަރުކާރުން ނުދައްކައެވެ. ވާހަކަތައް އިވުނު ގޮތުން މީހަކަށް ހީވާނީ ބައިނަލް އަގްވާމީ ބަންކަރިންގް ޚިދުމަތް ދިނުމަށް ހުރިހާ ކަމެއް ފުރިހަމަވެފައި ހުރި ކަމަށާއި، 8 ޑިގުރީ ކަނޑުން ހުރަސްކުރާ އާގު ބޯޓު ފަހަރު އެސްޓީއޯގެ ބަންކަރިން ޚިދުމަތް ހޯދުމަށް ކިއު ހަދާފައި ތިބި ކަމަށެވެ.

އައު ސިނާއަތެއް ކަމަށް ދައްކައިގެން އިހަވަންދިއްޕޮޅުގައި ޖެހި ސަކަރާތް އެންމެ ފަހުން ކަރުބުލަކަށްވެ ހުލިވީއެވެ. އުލިގަމުގައި ބަންކަރިން ވިޓޯލް ކުންފުނިން ގަނެގެން ގެނައި ބާ ދެ ބޯޓަށް އިހަވަންދިއްޕޮޅުން ފެންފޮދެއްވެސް ތެޔޮ ފޮދެއްވެސް ވިއްކޭނެ ގޮތެއް ނުފެނި، ދުވަސްކޮޅެއް ނުވެ ޚިދުމަތް ދޭން ގެންދިޔަ އުޅަނދުފަހަރު އެ ސަރަހައްދުން ގެއްލިއްޖެއެވެ.

- ކޮމެންޓް