މެއި 10 ވަނަ ދުވަހު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޢުލާނު ކުރެއްވީ އެމެރިކާ ސަރުކާރު މެދުވެރިވެގެން އިންޑިއާ އާއި ޕާކިސްތާނުން "ފުރިހަމައަށް އަދި ވަގުތުން" ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެއްޖެ ކަމަށެވެ. އެމެރިކާގެ މީޑިއާތަކުން ރިޕޯޓުކުރި ގޮތުގައި، އިތުރަށް ކަންކަން ގޯސްވެދާނެ ކަމަށް ލިބުނު އިންޓެލިޖެންސް މަޢުލޫމާތުތަކުން ކަންބޮޑުވެ، ނައިބު ރައީސް ޖޭ.ޑީ. ވާންސް އާއި ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ، އަދި ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފް ސޫޒީ ވައިލްސް އަވަސް މައްސަލަ އެއްގެ ގޮތުގައި ބައްލަވައި، މައްސަލަ ހައްލު ކުރުމަށް ހަލުއި ފިޔަވަޅުތަކެއް އެޅުއްވިއެވެ. ވާންސް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އަށް ދެންނެވީ ހަނގުރާމައިގެ ސަބަބުން ނުރައްކާތެރި ނަތީޖާތަކެއް ނުކުމެދާނެ ކަމަށާއި، އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ސީދާ ވާހަކަ ދެއްކުމަށެވެ.
ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވި ކަމުގެ އިޢުލާނު މުޅި ދުނިޔެ ބަލައިގަތީ ހިތްހަމަޖެހުމާ އެކުގައެވެ. ނިއުކްލިއަރ ހަތިޔާރުގެ ގާބިލުކަން ހުރި މި ދެ ގައުމުގެ ދެމެދުގައި އަދާވާތްތެރިކަން ބޮޑުވެ، ނިއުކްލިއަރ ހަނގުރާމަ އަކަށް މަގު ފަހިވެއްޖެ ނަމަ، 2019 ވަނަ އަހަރުގެ ދިރާސާއަކުން ދައްކާ ގޮތުގައި ހަފްތާއެއްގެ ތެރޭގައި 125 މިލިއަން މީހުން މަރުވެދާނެ ފަދަ ނުރައްކާ އޮތުމާއެކު، މަސްރަހު ފިނިވެއްޖެ ކަމުގެ ޚަބަރު ދުނިޔެއިން އުފަލާ އެކު ބަލައިގަތީ އެ ސަބަބު އެހެން އޮތުމާއެކުގައި ކަމަށް ބެލެވެއެވެ. އަދި އެމެރިކާ އިން އަވަސް ޑިޕްލޮމެޓިކް ފިޔަވަޅުތަކެއް އެޅީވެސް އެ ނުރައްކާ އެ ގޮތަށް އޮތުމުން ކަމަށް ބެލެވެއެވެ.
ނަމަވެސް، ހަނގުރާމަ ހުއްޓާލާނެ ކަމުގެ އިއުލާނު އެމެރިކާގެ ރައީސް ޓްރަމްޕް ކުރެއްވުމުން އިންޑިއާގައި ބައެއް ފަރާތްތަކުން އެކަން ދުށީ ތަފާތު ގޮތަކަށެވެ. އެމް.ޕީ އަސަދުއްދީން އޮވައިސީ އެކްސް ގައި ލިޔުއްވީ: "އަޅުގަނޑު އުއްމީދު ކުރީ ބޭރު ޤައުމެއްގެ ރައީސެއްގެ ބަދަލުގައި އަޅުގަނޑުމެންގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ހަނގުރާމަ ހުއްޓާލުމުގެ އިޢުލާނު ކުރެއްވުމަށް. ...ތިންވަނަ ފަރާތެއްގެ މެދުވެރިވުމާ އަޅުގަނޑުމެން އަބަދުވެސް އައީ ދެކޮޅު ހަދަމުން. މިހާރު އަޅުގަނޑުމެން އެކަން ޤަބޫލުކޮށްފައި މިވަނީ ކީއްވެގެންތޯ؟ އަޅުގަނޑު އުންމީދު ކުރަނީ ކަޝްމީރުގެ މައްސަލަ ބައިނަލްއަޤްވާމީ ނުކުރެވޭނެ ކަމަށް. އެއީ އަޅުގަނޑުމެންގެ އެތެރޭގެ މައްސަލައެއް."
އެމެރިކާގެ ރައީސް ހަނގުރާމަ ހުއްޓާލުމުގެ އިޢުލާނު ކުރެއްވުމުން އިންޑިއާގެ ބައެއް ފަރާތްތަކުން އެކަން ދުށީ މޯދީ ސަރުކާރުން އެމެރިކާގެ ފިއްތުންތަކަށް ބޯލަނބާލައިފި ކަމުގެ ނިޝާނެއްގެ ގޮތުގައެވެ. އަދި ކަޝްމީރުގެ މައްސަލަ ހައްލުކުރުމަށް އޭނާ މެދުވެރިވުމަށް ހުށަހެޅުއްވުން އެކަން މާނަ ކުރެވުނީ އިންޑިއާ އިން ކުރިން ދިގު މުއްދަތަކަށް ގެންގުޅެމުން އައި ތިންވަނަ ފަރާތެއްގެ މެދުވެރިވުން ބަލައިނުގަތުމުގެ އުސޫލު ބަލިކަށިވެގެންދާ ކަމުގެ އިޝާރާތެއްގެ ގޮތުގައެވެ.
ދެކުނު އޭޝިއާގެ ޖިއޯޕޮލިޓިކްސްގައި، ޙަޤީޤަތް އޮންނަ ގޮތް ބޭއްވުމަށް ފަހު މީހުންނަށް ކަންކަން އިހްސާސް ކުރެވޭ ގޮތަށް އިސްކަން ދެވޭތަން އާދެއެވެ. އިންޑިއާއިން މާޒީ ގައި ދައްކަމުން އައީ އެ ގައުމަކީ ސަރަޙައްދުގެ އިސްކަން ލިބިފައިވާ ޤައުމުގެ ގޮތުގައެވެ. އިޤްތިޞާދީ ކުރިއެރުމާއި ނިއުކްލިއަރ ބާރުން އެކަން އޮތީ އެ ގޮތައްކަން ދައްކުވައިދޭން އިންޑިއާ އިން ބޭނުންވެއެވެ. ނަމަވެސް އޭޕްރީލް 22 ގައި ރެޒިސްޓަންސް ފްރަންޓް (ޓީ.އާރް.އެފް) އިން ކަޝްމީރުގައި ހިންގި ހަމަލާ އާ ގުޅިގެން އިންޑިއާ އިން އަޅާފައިވާ ފިޔަވަޅުތަކުން ހާމަވެގެން ދިޔައީ ތަޖުރިބާކާރުންގެ ނަޒަރުގައި އިންޑިއާގެ ބަލިކަށިކަމެވެ. ބާރުގަދަކަން ދެއްކުމަށް ބޭނުންވި ނަމަވެސް، އިންޑިއާގެ ޖަވާބު ފެއިލްވެ، ޕާކިސްތާނުގެ ސަރަޙައްދީ މަޤާމު އުފުލި، މޯދީގެ ސަރުކާރު ޑިޕްލޮމެޓިކް ގޮތުން ބަލިކަށިވެގެން ދިޔަތަން ފެނުނެވެ. އަމިއްލަ ބާރުގައި ކަންކަން ނިންމުމުގެ ހިތްވަރު ނެތި އަދި ތިންވަނަ ފަރާތެއްގެ ނުފޫޒަށް ބޯލަނބަން ޖެހިދާނެ ގައުމެއް ކަން ހާމަވެގެން ދިޔައެވެ.
މެއި 7 ގައި، އިންޑިއާ އިން "އޮޕަރޭޝަން ސިންދޫރު" ގެ ނަމުގައި ފެށި އޮޕަރޭޝަން އަކީ ޓީ.އާރް.އެފް ފަދަ ގްރޫޕްތަކާ ގުޅުންހުރި ޓެރަރިސްޓް މަރުކަޒުތައް ނައްތާލުމަށް ފެށި އޮޕަރޭޝަނެއް ކަމަށް އިންޑިއާ އިން ބުންޏެވެ. އިންޑިއާ އިން ބުނާ ގޮތުގައި މި ގްރޫޕްތަކަށް ޕާކިސްތާނުން އެހީތެރިކަން ފޯރުކޮށްދެއެވެ. އެހެން ނަމަވެސް ޕާކިސްތާނުން ތަކުރާރުކޮށް އެ ތުހުމަތުތައް ވަނީ ދޮގު ކޮށްފައެވެ. ފްރާންސްގައި އުފެއްދި ރަފާލް ޖެޓްތަކުގެ އެހީގައި ހިންގުނު މި އޮޕަރޭޝަނުގެ މަޤްޞަދަކަށްވީ މޯދީގެ ވަރުގަދަ އިމޭޖް ދައްކާލުމެވެ. ނަމަވެސް މި އޮޕަރޭޝަނުގެ ކާމިޔާބީއާމެދު ވަނީ ސުވާލު އުފެދިފައެވެ. ޕާކިސްތާނުން ބުނީ އިންޑިއާ އިން ދިން ހަމަލާތަކުގައި ހަލާކުވީ މިސްކިތްތަކާއި، އާންމުންގެ ގެދޮރާއި އާންމު ޚިދުމަތްދޭ ތަންތަން ކަމުގައެވެ. މަންޒަރުތަކުން ވެސް ފެންނަނީ އެކަން އެހެންވި ތަނެވެ. ފުރާނަ ގެއްލުނު ފަރާތްތަކުގެ ތެރޭގައި ކުޑަކުދިން ހިމެނޭ ކަމަށް ވެސް ޕާކިސްތާނުން ބުންޏެވެ. އިންޑިއާ އިން ބުނާ "ޓެރަރިސްޓް އިންފްރާސްޓްރަކްޗަރ" ނައްތާލި މަންޒަރެއް ނުފެނުނެވެ.
އިންޑިއާ އިން ދެމުން ދިޔަ ގަދަފަދަ ހަމަލާތަކުގެ ކުރިމަތީގައި ޕާކިސްތާނުގެ ވައިގެ ސިފައިން ދިޔައީ ސާބިތު ކަމާ އެކު ކުރިމަތިލާ ހަމަލާތައް މަތަކުރަމުންނެވެ. ޕާކިސްތާނުގެ އެއަރ ފޯސް އިން ބުނީ އިންޑިއާގެ ފަސް ޖެޓް ވައްޓާލެވުނު ކަމަށެވެ. އޭގެ ތެރޭގައި ފަރަންސޭސި އުފެއްދުމެއް ކަމަށްވާ ތިން ރަފާލް ޖެޓް ހިމެނެއެވެ. ރޮއިޓަރސް ނިއުސް އޭޖެންސީއަށް އެމެރިކާގެ ދެ އޮފިޝަލަކު ކަށަވަރުކޮށްދިން ގޮތުގައި ޗައިނާގައި އުފެއްދި ޖޭ-10 ޖެޓަކުން މަދުވެގެން އިންޑިއާގެ ދެ މަތިންދާބޯޓު ވައްޓާލިއެވެ. މިކަމުގައި ޗައިނާގެ އިންޓެލިޖެންސް، ސަރވެއިލަންސް އަދި ރެކޮނައިސަންސް (އައި.އެސް.އާރް) ގެ އެހީތެރިކަން ލިބުނެވެ. މިކަން މިހެން އޮތް ނަަމަވެސް އިންޑިއާ އިން އެއްވެސް ގެއްލުމެއް ލިބުނު ކަމަށް ޤަބޫލުކޮށްފައެއް ނުވެއެވެ.
އިންޑިއާގެ މީޑިއާތަކުން ފުރަތަމަ ބުނީ ކަރާޗީގެ ބަނދަރަށް ބޮޑެތި ހަމަލާތައް ދެވުނު ކަމަށެވެ. އަދި ކަރާޗީ ފަދަ މުހިންމު ސިޓީތަކަށް ހަމަލާ ދިން ކަމަށެވެ. ނަމަވެސް މި ރިޕޯޓުތަކަކީ ޕްރޮޕެގަންޑާގެ ބައެއްގެ ގޮތުގައި ކަނޑައެޅިގެން ދޮގު ކަން ފަހުން ސާބިތުވިއެވެ.
މެއި 9 ގައި، އިންޑިއާއިން މިސައިލް ހަމަލާތައް ދިން ކަމަށް ޕާކިސްތާނުން ބުނެފައިވެއެވެ. އޭގެ ތެރޭގައި އިސްލާމާބާދާ ކައިރީގައި ހުރި އެއް ބޭސް އަށް ދެވުނު ހަމަލާ ހިމެނެއެވެ. ޕާކިސްތާނުގެ ސިފައިން ޖަވާބު ދިނީ ކުރު ދުރުމިނުގެ މިސައިލް އަދި ޑްރޯން ބޭނުން ކޮށްގެން އުދަމްޕޫރު، ޕަތަންކޯޓު، އަދަމްޕޫރު އަދި ބުޖްގައި ހުރި އިންޑިއާގެ އެއަރ ބޭސްތަކަށް އަމާޒުކޮށެވެ. އިންޑިއާގެ އެއަރ ފޯސް އޮފިސަރ ވިޔޯމިކާ ސިންގް ބުނެފައިވަނީ ޕާކިސްތާނުގެ ޑްރޯންތަކާއި ހަތިޔާރުތަކުން އާންމުންނާއި މިލިޓަރީ އަމާޒުތަކަށް ހަމަލާދިން ކަމަށެވެ.
އިންޑިއާ ސަރުކާރުން ފްރާންސްގައި އުފައްދާފައިވާ ރަފާލް ޖެޓްތަކުގެ ބާރުގަދަވާނެ ކަމަށް ތިބީ މާބޮޑަށް ޔަގީން ކޮށްގެންނެވެ. އޭގެ އިތުރުން ޕާކިސްތާނަށް ޗައިނާގެ އެހީގައި ލިބިފައިވާ އައި.އެސް.އާރް ސިސްޓަމްތަކުގެ ބާރު ކުޑަވާނެ ކަމަށްވެސް ތިބީ އަންދާޒާކޮށްގެންނެވެ. އިންޑިއާ އިން ހީކުރި ގޮތާ ޚިލާފަށް މި ސިސްޓަމްތަކުން ހަނގުރާމައިގެ މައިދާނުގައި ޓާގެޓް ކުރުމުގެ ގާބިލުކަން މާ ބޮޑުތަނުންވެސް ރަނގަޅުކަން ފާހަގަ ވެގެން ދިޔަކަން ފާހަގަ ކުރެވުނެވެ.
ފާއިތުވި އަހަރުތަކުގައި ޗައިނާއިން ޕާކިސްތާނަށް ދިން އަސްކަރީ އެހީތެރިކަން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. 2020 އިން ފެށިގެން، އިސްލާމާބާދުގެ މިލިޓަރީ އިމްޕޯޓްތަކުގެ 81 އިންސައްތަ ހިއްސާކޮށްފައިވަނީ ޗައިނާއިންނެވެ.
ދެ ގައުމުގެ ދެމެދުގައި ހަމަލާތައް ފެށުނު އިރު އޭގެ އެތައް އަހަރެއް ކުރިން އިންޑިއާގެ އަސްކަރީ އެނަލިސްޓުން ބުނަމުން އައިސްފައިވަނީ ޗައިނާގެ މަދަދު ލިބިފައިވާ ޕާކިސްތާނާ ކުރިމަތިލުމުގެ ގާބިލުކަން ކުޑަކަމަށެވެ. އަދި އެކަމަށް އެކަށީގެންވާ ގޮތެއްގައި ތައްޔާރުވެސް ވެފައި ނެތް ކަމަށެވެ. އަނެއްބައި މީހުން ފާޑުކިޔާފައިވަނީ މޯދީ ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ ސަބަބުން ޗައިނާ-ޕާކިސްތާން ގުޅުން ބަދަހިވުމަށް މަގުފަހިކޮށްދިން ކަމަށެވެ. މިފަދަ ފާޑުކިޔުން ތަކަށް އިންޑިއާ ސަރުކާރުން މާ ބޮޑު ސަމާލުކަމެއް ދީފައެއް ނުވެއެވެ.
ތަޖުރިބާކާރުންގެ ނަޒަރުގައި ނިއު ދިއްލީ އާއި އިސްލާމް އާބާދުން ބޮޑެތި ބަސްބުނުމުގެ ބަދަލުގައި އޮތް އެންމެ ރަނގަޅު މަގަކީ ޙިކުމަތްތެރިކަން އިސްކުރުމެވެ. އެއް ބަޔަކު އަނެއް ބަޔަކަށް ވުރެ ގަދަފަދަކަން ދައްކަން އުޅުމެއް ނޫނެވެ. އެހެން ނުވެއްޖެނަމަ ސަރައްދުގެ ހަލަބޮލިކަމާއި ނުތަނަވަސްކަން އިތުރުވެ، އިޤްތިޞާދީ ގެއްލުންތައް ކުރިމަތިވުމުގެ ފުރަސަތު ބޮޑުވުން ނޫން ކަމެއް ނުވާނެއެވެ. އޭގެ އާޚިރު ނަތީޖާ އަކަށް ވާނީ، އެތައް މިލިއަން މީހުންނަށް ދަތިއުނދަގޫތަކާ ކުރިމަތިލާންޖެހުމެވެ. ދުނިޔޭގެ އެންމެ ފަގީރު މީހުންގެ ހަތަރުބައިކުޅަ އެއްބައި ދިރިއުޅޭ އަދި ތައުލީމުން މަހްރޫމު ވެފައިވާ 350 މިލިއަނަށްވުރެ ގިނަ ބޮޑެތި މީހުން ދިރިއުޅޭ އިންޑިއާ އާއި ޕާކިސްތާނަށް ދިގު މުއްދަތަކަށް ދެމިގެންދާ ހަމަނުޖެހުމެއް ތަޙައްމަލު ނުކުރެވޭނެއެވެ. އަދާވާތްތެރިކަން ދެމިގެން ދިއުމުން އިންޑިއާގެ އިގްތިސާދީ ކުރިއެރުން ހުއްޓި، ޕާކިސްތާނުގެ ނާޒުކު އިޤްތިޞާދު ފުނޑުފުނޑުވެގެން ހިނގައިދާނެ ކަމަށް ތަޖުރިބާކާރުން އަންނަނީ ބުނަމުންނެވެ.