އެމެރިކާގެ "އައު ރަން ޒަމާނެއް މި ފެށުނީ" ކަމަށް ވިދާޅުވަމުން އެމެރިކާގެ ރައީސް ކަމުގެ އައު ދައުރެއް ޑޮނަލްޑް ޓްރަމްޕް ހޯމަ ދުވަހު ފައްޓަވައިފިއެވެ.
އެމެރިކާގެ 47 ވަނަ ރައީސް ކަމުގެ ހުވާ ކުރެއްވުމަށް ފަހު ޓްރަމްޕް ގައުމާ މުޚާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ގިނަ އައު ސިޔާސަތުތަކެއް ވަނީ އިއުލާނު ކުރައްވާފައެވެ. މީގެ ތެރޭގައި މެކްސިކޯ ކަނޑު "އެމެރިކާގެ ކަނޑު" ގެ ނަމަށް ބަދަލުކުރައްވާނެ ކަމަށާއި ޕަނަމާ ކެނަލް ޗައިނާގެ ކިބައިން އަނބުރާ ހޯއްދަވާނެ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑު ކޮންމެ ކަމެއްގައި ވެސް އެންމެ ކުރީގައި ބާއްވާނީ އެމެރިކާ... އިންސާފުގެ މީޒާން އަލުން ހަމަހަމަ ކުރާނަން،" އޭނާ އިތުރުކުރެއްވިއެވެ. "މި ވަގުތުން ފެށިގެން، އެމެރިކާ ފަހަތައް ދިއުން ނިމުމަކަށް އައީ."
މި ތަޤްރީރުގައި، އޭނާ ވަނީ މެކްސިކޯއާ އިންވެގެންވާ ދެކުނު ސަރަޙައްދުގައި "ޤައުމީ ކުއްލި ނުރައްކަލުގެ ޙާލަތު" އިއުލާނު ކުރައްވާނެ ކަމަށާއި "ޤައުމީ ހަކަތައިގެ ކުއްލި ނުރައްކަލުގެ ޙާލަތު" އިޢުލާނު ކުރައްވާނެ ކަމަށް ވަޢުދުވެވަޑައިގެންފައެވެ.
އޭނާ ވިދާޅުވީ އެމެރިކާގެ "ސިޓީތަކަށް ޤާނޫނުގެ ވެރިކަން އަނބުރާ ގެންނާނަން" ކަމަށާއި "ކުލައަށް ބަލާ ތަފާތު ނުކޮށް މެރިޓަށް ބަލައިގެން ބިނާކުރާ މުޖުތަމަޢުއެއް" ބިނާކުރައްވާނެ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ އިންސާނުންގެ ތެރޭގައި އޮންނާނީ "ދެ ޖިންސް އެކަނި ކަމަށާއި – އެއީ ފިރިހެނުންނާ އަދި އަންހެނުން" ކަމަށެވެ.
ޓްރަމްޕްގެ ތަގުރީރުގައި އެމެރިކާ ރައްޔިތުން ތަނަވަސް ކުރުމަށްޓަކައި ބޭރު ޤައުމުތަކަށް ނަގާ ޓެކްސް ބޮޑު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
އެމެރިކާގެ އަސްކަރީ ބާރާއި ބޭރު ދުނިޔޭގައި ހިނގަމުންދާ ހަނގުރާމަ ތަކަށް ބައްލަވާލައްވަމުން ޓްރަމްޕް ވިދާޅުވީ، "އަޅުގަނޑުގެ އެންމެ ފަޚުރުވެރި ލެގަސީއަކަށް ވާނީ ސުލްޙަވެރިކަން ގެނެސްދޭ އަދި އެއްބައިވަންތަކަން ގެނެސްދޭ މީހެއް" ކަމުގައި ވުން ކަމަށެވެ.
ޓްރަމްޕް ވިދާޅުވީ ދުނިޔޭގެ އެންމެ ބާރުގަދަ އަސްކަރިއްޔާ ކަމުގައި އެމެރިކާގެ އަސްކަރިއްޔާ އޭނާ ހައްދަވާނެ ކަމަށެވެ.
2020 ގެ ރިޔާސީ އިންތިޚާބުން ބަލިވެވަޑައިގަތުމަށް ފަހު، އަލުން ވެރިކަމަށް ވަޑައިގަތުމަށް ކުރެއްވި ދަތުރާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން، އޭނާ ވިދާޅުވީ "ގައުމު އަލުން ހޯދުމަށް ކުރި ދަތުރަކީ ފަސޭހަ ދަތުރެއް ނޫން." ކަމަށެވެ.
އޭނާ އަވަހާރަ ކޮށްލަން ދިން ހަމަލާ އާ ބެހޭ ގޮތުން ވިދާޅުވީ އެ ހަމަލާ އިން ކަލާނގެ އޭނާ ސަލާމަތް ކުރެއްވީ އެމެރިކާ އަކީ ގަދަރު އުފުލިގެންވާ ގައުމަށް ހެއްދެވުމުގެ މަސައްކަތަކަށް ކަމުގައެވެ.
އޭނާ ވިދާޅުވީ ނިމިގެން ދިޔަ ރިޔާސީ އިންތިޚާބު ތާރީޚުގައި ލިޔެވޭނީ އެމެރިކާގެ އެންމެ މަތިވެރި އަދި އެންމެ މުހިންމު އިންތިޚާބުގެ ގޮތުގައި ކަމަށެވެ.
47 ވަނަ އެމެރިކާގެ ރައީސްގެ ވެރިކަން ފެށުން ފާހަގަކުރީ ބަޑީގެ ސަލާމަކުންނެވެ.
ޓްރަމްޕްގެ ދެވަނަ ދައުރުގެ ފުރަތަމަ ދުވަހު ގިނަ އަދަދެއްގެ ރިޔާސީ އަމުރުތަކެއް ނެރުއްވާނެ ކަމަށް ބެލެވެއެވެ. މީގެ ތެރޭގައި މެކްސިކޯއާ އިންވެގެންވާ ސަރަޙައްދުގައި ޤައުމީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރެއްވުމާއި، އެމެރިކާގައި އުފަންވުމުން ލިބޭ ރައްޔިތުކަން ނިމުމަކަށް ގެނައުން ހިމެނެއެވެ.