ކ. މާލެ
|
22 ސެޕްޓެންބަރ 2024 | އާދީއްތަ 23:37
ނޭޝަނަލް ޕީޕަލްސް ޕަވަރ (އެންޕީޕީ) ގެ ލީޑަރު އަނޫރާ ކުމާރާ ޑިސެނަޔަކަ
ނޭޝަނަލް ޕީޕަލްސް ޕަވަރ (އެންޕީޕީ) ގެ ލީޑަރު އަނޫރާ ކުމާރާ ޑިސެނަޔަކަ
އޭޕީ
އަނޫރަ ކުމާރަ ޑިސެނަޔަކަ
އަނޫރާ ކުމާރާ ޑިސެނަޔަކަ – އެއީ ކޮން ބޭފުޅެއް؟
ނޭޝަނަލް ޕީޕަލްސް ޕަވަރ (އެންޕީޕީ) ގެ ލީޑަރު އަނޫރާ ކުމާރާ ޑިސެނަޔަކަ، ސްރީ ލަންކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާ އެ ގައުމުގެ ނުވަ ވަނަ އެގްޒެކެޓިވް ރައީސްގެ މަގާމަށް ވަނީ އިންތިޚާބުވެފައެވެ. އާދައިގެ އާއިލާ އަކަށް އުފަން ޑިސެނަޔަކަ އަކީ ސްކޫލް ދައުރުން ފެށިގެން ސިޔާސީ ކަންކަމުގައި ހަރަކާތްތެރިވި އަދި އޭނާ ގަބޫލު ކުރެއްވި ސިޔާސީ ފިކުރުގައި ނާކާމިޔާބާއި ކާމިޔާބުގެ ތެރޭގައިވެސް ދެމިހުންނެވި ފަރާތެކެވެ.

ނޭޝަނަލް ޕީޕަލްސް ޕަވަރ (އެންޕީޕީ) ގެ ލީޑަރު އަނޫރާ ކުމާރާ ޑިސެނަޔަކަ، ސްރީލަންކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާ އެ ގައުމުގެ ނުވަ ވަނަ އެގްޒެކެޓިވް ރައީސްގެ މަގާމަށް ވަނީ އިންތިޚާބު ވެފައެވެ.

ރިޔާސީ އިންތިޚާބުގެ ނަތީޖާ އާ ހަމައަށް އުމުރުން 55 އަހަރުގެ އަނޫރާ ކުމާރާ ޑިސެނަޔަކަ އަކީ ސްރީ ލަންކާގެ ސިޔާސީ މައިދާނުގައި އެންމެ ބާރުގަދަ ފަރާތެއް ނޫނެވެ. އޭނާ ލީޑަރޝިޕްގެ ދަށުން އިއްތިހާދުވެފައިވާ ނެޝަނަލް ޕީޕަލްސް ޕަވަރ އަކީ މައި އިދިކޮޅު ފަރާތެއް ވެސް ނޫނެވެ. ޤައުމުގެ 225 މެންބަރުންގެ ގާނޫނު ހަދާ މަޖިލީހުގައި އެ އިއްތިހާދަށް ލިބިފައިވަނީ އެންމެ 3 ގޮނޑިއެވެ.

މިކަންކަން މިހެން ހުރި ނަމަވެސް ފާއިތުވި މަސްތަކުގައި ޑިސެނަޔަކަ ފާހަގަ ކުރެވިގެން ގޮސްފައިވަނީ ސްރީ ލަންކާގެ ސިޔާސީ މައިދާނުގައި ފާހަގަކުރެވޭ ޝަޚުސިއްޔަތެއްގެ ގޮތުގައެވެ.

ސެޕްޓެމްބަރ 21 ވަނަ ދުވަހު ސްރީ ލަންކާގެ ރައްޔިތުން އެމީހުން އައު ރައީސް އިންތިޚާބު ކުރުމަށް ވޯޓުލާން ނުކުތް އިރުވެސް، އިންތިޚާބުގައި ވާދަ ކުރާ 38 ކެންޑިޑޭޓުންގެ ތެރެއިން އެންމެ ކުރިހޯދާނެ ކަމަށް ބެލެވިފައި އޮތީ ޑިސެނަޔަކަ އެވެ. އިންތިޚާބުގެ ނަތީޖާ ނުކުތީވެސް އެގޮތަށެވެ.

ރަށްފުށުގެ އާއިލާއަކަށް އުފަން އާދައިގެ މީހެއް

ނިމިގެން ދިޔަ ސްރީ ލަންކާގެ ރިޔާސީ ރޭހުގައި އެ ޤައުމުގެ އެންމެ ފާހަގަކޮށްލެވޭ ސިޔާސީ ޢާއިލާތަކުގެ މޫނުތައް ފެނިގެން ދިޔައެވެ. ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ދޮށީ ދަރިކަލުން ނަމާލް ރާޖަޕަކްސާ އާއި ކުރީގެ ރައީސް އާރު. ޕްރެމަދާސާގެ ދަރިކަލުން ސަޖިތު ޕްރެމަދާސާ އާއި އަދި މިހާރުގެ ރައީސް ރަނިލް ވިކްރަމަސިންހަ ރޭހުގައި ވަނީ ވާދަ ކުރައްވާފައެވެ.

މި މޫނުތަކުގެ ތެރެއިން ޑިސެނަޔަކަ ފާހަގަކޮށްލެވެނީ އާއިލީ ގޮތުން ސިޔާސީ ބުރަދަން ކުޑަ ފަރާތެއްގެ ގޮތުގައެވެ. އެއީ އާއިލީ ގޮތުން ބަލާއިރު އާދައިގެ މީހެކެވެ.

ސްރީ ލަންކާގެ ވެރިރަށް ކޮޅުނބުން 177 ކިލޯމީޓަރު (110 މޭލު) ދުރުގައިވާ އަނުރާދަޕުރަ ސަރަޙައްދުގެ ތަމްބުއްޓެގަމާ ކިޔާ އަވަށެއްގެ، މެދުފަންތީގެ އާއިލާއަކަށް އުފަން ޑިސެނަޔަކަގެ ބައްޕަ އަކީ ދުވަހު މުސާރައަށް މަސައްކަތް ކޮށް އުޅުނު އާދައިގެ މީހެކެވެ. މަންމަ އަކީ ގޭތެރޭގެ މަސައްކަތް ކުރުމަށް ހުސްވެ ހުރި މީހެކެވެ. އެހެން ނަމަވެސް މައިންބަފައިންގެ މަސައްކަތުން ޑިސަނަޔަކަ އަށް މަތީ ތައުލީމްއާ ހަމައަށް ވާސިލްވެވުނެވެ. އޭނާ ވަނީ ކެލަނިޔާ ޔުނިވަރސިޓީން ސައިންސް ޑިގްރީއެއް ހާސިލުކޮށްފައެވެ.

ބަޣާވާތާއި ހަމަ ނުޖުހުމުގެ ޕާޓީ އެއް

އޭނާގެ ޕާޓީ – ޖޭވީޕީ އަކީ މީގެ ކުރިން ގައުމުގެ ވެރިކަމާ ގާތައްވެސް އެއްވެސް ގޮތަކުން އާދެވުނު ޕާޓީއެއް ނޫނެވެ. އެއާ ޚިލާފަށް އެ ޕާޓީ ފާހަގަ ކުރެވިފައި އޮތީ ދައުލަތާ ދެކޮޅަށް ބަޣާވާތް ކުރުމާއި ހަމަނުޖެހުން އުފެއްދި ޕާޓީއެއްގެ ގޮތުގައެވެ. ޖޭވީޕީން ވަނީ ސަރުކާރާ ދެކޮޅަށް ދެ ފަހަރެއްގެ މަތިން ބަޣާވާތް ކޮށްފައެވެ - އެއް ފަހަރު 1971 ގައި އަދި އަނެއް ފަހަރު 1987-1989 ގައެވެ.

މި ދެ ފަހަރުވެސް މަޤްޞަދަކަށްވީ ސޯޝަލިސްޓް ދައުލަތެއް އެ ގައުމުގައި ޤާއިމްކުރުމެވެ.

ލޭއޮހޮރުވުން ބޮޑު މި ދެ ބަޣާވާތުގައި 80،000 އަށްވުރެ ގިނަ މީހުން މަރުވިއެވެ.

ސިޔާސީ ހަޔާތް

ތައުލީމް ހާސިލްކުރަން ސްކޫލްގައި އުޅުނު ދުވަސްވަރު ވެސް އޭނާ ވަނީ ޖޭވީޕީއާ ގުޅުން އުފައްދާ ޕާޓީއާ އެކު މަސައްކަތް ކޮށްފައެވެ.

ޑިސަނަޔަކަ ވަނީ ސްކޫލް ދުވަސްވަރުން ފެށިގެން ކޮމިއުނިސްޓް ފިކުރުގެ ޖޭވީޕީ ގެ ހަރަކާތްތަކުގައި ބައިވެރިވެފައެވެ. ކެލަނިޔާ ޔުނިވަރސިޓީގައި ކިޔަވަމުންދިޔަ ދުވަސްވަރުވެސް ދަރިވަރުންގެ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެފައިވެއެވެ. އަދި 1995 ގައި ޖޭވީޕީގެ ސިޔާސީ ބިއުރޯއާ އޭނާ ގުޅުނެވެ.

ޑިސަނަޔަކަ ވަނީ 2000 ވަނަ އަހަރުގެ ސެޕްޓެމްބަރުން ފެށިގެން ޕާލިމަންޓް މެމްބަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ. އަދި 2004-2005ށް ދަނޑުވެރިކަމާ ބެހޭ މިނިސްޓަރުކަން އަދާ ކުރައްވާފައެވެ.

2014 ވަނަ އަހަރު ކުރިން އިންޤިލާބީ ހަރަކާތެއްގެ ގޮތުގައި އޮތް ޖޭވީޕީގެ ލީޑަރުކަމަށް ޑިސެނަޔަކަ އިންތިޚާބު ކުރިއެވެ. އެއާއެކު ޕާޓީގެ ކިލަނބުވެފައިވާ އިމޭޖް ބަދަލު ކުރައްވަން އޭނާ ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ.

ނާކާމިޔާބުން ކާމިޔާބަށް

ޑިސެނަޔަކަ ވަނީ 2019 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ނޭޝަނަލް ޕީޕަލްސް ޕަވަރ (އެންޕީޕީ)ގެ ކެންޑިޑޭޓެއްއްގެ ގޮތުގައި ވާދަ ކުރައްވާފައެވެ. އެ އިންތިޚާބުގައި އޭނާ އަށް ހޯއްދެވުނީ އެންމެ 3 އިންސައްތަ ވޯޓެވެ.

2020 ވަނަ އަހަރުގެ އޯގަސްޓް މަހު ބޭއްވުނު ޕާލިމަންޓް އިންތިޚާބުގައި ޖޭވީޕީއަށް ލިބުނީ 4 އިންސައްތަ އަށްވުރެ މަދު ވޯޓެވެ.

2019 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ދަށް ނަތީޖާއެއް ލިބުނު ނަމަވެސް، 2022 ވަނަ އަހަރު ދިމާވި އިޤްތިޞާދީ ހީނަރުކަމުގެ ތެރެއިން އޭރު އޮތް ސަރުކާރު ވައްޓާލުމަކީ ޑިސަނަޔަކަ އަށް ލިބުނު ފުރުޞަތަކަށް ވިއެވެ.

ޖޭވީޕީ އާއި އެ ޕާޓީގެ ލީޑަރޝިޕްގެ ދަށުން މަސައްކަތްކުރާ އެންޕީޕީ ކޯލިޝަން ގެ ފިކުރަށް ބޮޑު ބަދަލެއް އައީ މިހިސާބުން ކަމަށް ބެލެވެއެވެ.

ގައުމުގެ އިގްތިސާދު އިނދަޖެހުނު ހިސާބުން ރައްޔިތުން ރުޅިގަވެ މަގުމައްޗަށް ނުކުމެ ސަރުކާރާ ދެކޮޅަށް ބޮޑު އިހުތިޖާޖީ ހަރަކާތެއް – "އަރަގަލަޔާ" ގެ ނަމުގައި އުފެދި ހަރަކާތްތެރިވަމުން ދިޔުމުގެ ސަބަބުން އޭރުގެ ރައީސް ގޮތަބާޔާ ރާޖަޕަކްސާ އިސްތިއުފާ ދެއްވަން މަޖުބޫރުވިއެވެ. ބޮޑު ވަޒީރު ކަމުގައި ހުންނެވި އޭނާގެ ބޭބެ މަހިންދާ ވެސް އިސްތިއުފާ ދެއްވަން ޖެހިވަޑައިގަތެވެ. ރުޅިގަދަވެފައި ތިބި ރައްޔިތުންނާ ކުރިމަތި ނުލައްވަން އެބޭފުޅުން ގައުމުން ބޭރަށް ވަޑައިގަތެވެ.

އެއްވެސް ސިޔާސީ ޕާޓީއަކުން ރަސްމީކޮށް އަރަގަލަޔާ ހަރަކާތުގެ އޮނަރޝިޕް ނަގާފައި ނުވިނަމަވެސް، ޖޭވީޕީ އިން އޭގައި އަމަލީގޮތުން ބައިވެރިވިއެވެ. ކޮންމެ ދުވަހަކު އިހުތިޖާޖުތައް ބާއްވައި، ކޮޅުނބުގެ ހިތްގައިމު ގޯލް ފޭސްގައި ޓެންޓުތައް ޖަހައި މުޒާހަރާތައް އިންތިޒާމުކުރަމުން ދިޔައެވެ. ރާޖަޕަކްސާ ދެބެންގެ އިސްތިއުފާއިން އުފެދުނު ހުސްކަމުގެ ފައިދާ ނަގާ، ޖޭވީޕީން އިޖުތިމާއީ އިންސާފަށް ވަކާލާތުކުރަން ފެށިއެވެ. ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލާ އިންސާފު ހޯދުމަށް ގޮވާލަން ފެށުމާއެކު، ރާޖަޕަކްސާގެ އާއިލީ ވެރިކަމާ މެދު ހިތްހަމަނުޖެހޭ ރައްޔިތުންގެ ޝައުގު ޖޭވީޕީ އާ ދިމާލަށް ދީލާލިއެވެ. އެއާއެކު އެ ޕާޓީ ބޮޑުވެ، އިތުބާރުހުރި، މުހިންމު ސިޔާސީ ބާރަކަށް ޖޭވީޕީ ވެގެންދިޔައެވެ. އެއާއެކު ޑިސެނަޔަކަ ގެ މަގުބޫލުކަން ބޮޑުތަނުން އިތުރުވެގެން ދިޔައެވެ.

އަދިވެސް ގޮންޖެހުން

އަށަގެންފައިވާ ކޮރަޕްޝަނާ ކުރިމަތިލުމުގެ އިތުރުން، ވެއްޓިފައިވާ އިޤްތިޞާދު އަލުން ރަނގަޅުކޮށް ދެމެހެއްޓުމަށް އައު ރައީސްގެ ހައިސިއްޔަތުން ޑިސެނަޔަކަ ބުރަ މަސައްކަތްތަކެއް ކުރައްވަން ޖެހޭނެ ކަމަށް ތަޖުރިބާކާރުން ދެކެއެވެ.

ސްރީ ލަންކާގެ ފަގީރުންގެ ނިސްބަތް 2021 އާއި 2022 އާ ދެމެދު ދެގުނަ އިތުރުވެ، 25 އިންސައްތައަށް ވަނީ އަރާފައެވެ. މިއީ ދުވާލަކަށް 3.65 ޑޮލަރަށްވުރެ މަދުން އާމްދަނީ ލިބޭ މީހުންގެ އަދަދަށް 2.5 މިލިއަނަށްވުރެ ގިނަ މީހުން އިތުރުވުމެވެ.

މާހިރުން އިންޒާރުދެނީ ސްރީ ލަންކާގެ އިޤްތިޞާދު އަދިވެސް ހަމަ މަގަށް ނޭޅޭ ކަމުގައެވެ. އެއީ 2022 ގައި ބަނގުރޫޓު ވުމުގެ ސަބަބުން އަދާނުކުރެވި އޮތް 46 ބިލިއަން ޑޮލަރުގެ ބޭރުގެ ދަރަނި އަދާކުރަންޖެހޭ އިރު އަދި އެ ދަރަނި ދައްކަން ވެސް ފަށާފައެއް ނުވެއެވެ.                 

ޑިސެނަޔަކަ ވެރިކަމަށް ވަޑައިގެންނެވި އިރު އޭނާ ވަނީ ފަގީރުންނަށް އެހީވުމުގެ ގޮތުން އެ ގައުމުން އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އާ އެކު ވެފައިވާ އެހީގެ އެއްބަސްވުމުގެ ޝަރުތުތައް ބަދަލު ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ދިރާސާކުރާ ފަރާތްތަކުން ދެކޭގޮތުގައި އައިއެމްއެފްގެ ޕްރޮގްރާމް ކުރިއަށް ގެންދަމުން، އަދި އެއާއެކު ފަޤީރުންނަށް ލުއިވާނެ ގޮތަށް އެހީގެ ޝަރުތުތަކަށް ބަދަލު ގެނައުމަކީ އައު ރައީސަށް ފަސޭހަ ކަމަކަށް ނުވާނެއެވެ.

- ކޮމެންޓް
23 ސެޕްޓެންބަރ 2024 | ހޯމަ 09:06
ހެހެހެ
މަ ހީކުރީ ރައީސް ޔާމީނާއެކު އުޅޭ އިކުރާމް ކަމަށް