ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ގާއިމް ވުމަށް ތާއީދު ކުރާކަން އެތައް ފަހަރެއްގެ މަތިން އިންޑިއާ އިން ހާމަ ކޮށްފައިވެއެވެ. އަނެއް ކޮޅުން މައްސަލަތައް ހައްލު ކުރަން ހަނގުރާމަ އިސްކުރުމުގެ ބަދަލުގައި ޑިޕްލޮމަސީ އިސްކުރަން އިންޑިއާގެ އެކި ފެންވަރުގެ ވެރިން ވަނީ ވާހަކަފުޅު ދައްކަވާފައެވެ. މިކަންކަން މިހެން އޮތް އިރު، ގާޒާގައި އިޒްރޭލުން ހިންގާ އަނިޔާވެރި ހަނގުރާމައިގައި އިންޑިއާ އިން އިޒްރޭލަށް އަސްކަރީ ގޮތުން އެހީތެރިވެދިނުމަކީ، އިންޑިއާ އިން ދައްކާ ވާހަކަތަކާ ވަރަށް ބީރައްޓެހި އަދި ގަބޫލު ކުރަން ފަސޭހަ ކަމަކަށް ނުވެދާނެއެވެ.
ކަމުގެ ހަގީގަތް ހާމަ ކޮށް އަލްޖަޒީރާ އިން ވަނީ ވަރަށް ފުރިހަމަ ދިރާސާ އެއް ކޮށް، އެ ދިރާސާގެ މައްޗަށް މީޑިއާ ރިޕޯޓެއް ތައްޔާރު ކޮށް އާއްމު ކޮށްފައެވެ.
އަލްޖަޒީރާގެ ރިޕޯޓް ފެށިފައިވަނީ، މި އަހަރުގެ މެއި މަހުގެ 15 ގައި ބޯކަމް ކިޔާ ކާގޯ ބޯޓެއް ސްޕެއިންގެ ކާޓަހޭނާގެ އައްސޭރިފަށާ މާ ދުރު ނޫން ހިސާބަކަށް އައިސް މަޑުކުރި ހިސާބުންނެވެ.
ބޯޓް އަންނަ ކަން އެނގިގެން ސްޕެއިންގެ ބަނދަރަށް ފަލަސްތީނުގެ ދިދަ ހިފައިގެން ބަޔަކު އައިސް ތިއްބެވެ. އެމީން ބަނދަރުގެ އޮފިޝަލުން ގާތުގައި ބުނަމުން ދިޔައީ އެ ބޯޓު ޗެކް ކުރަން ޖެހޭނެ ކަމަށާއި އޭގައި އިޒްރޭލަށް ގެންދާ ހަތިޔާރު ހުރި ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.
މި ދަތުރާ ގުޅިގެން، ބޯޓު ސްޕެއިންގައި ބަނދަރު ކުރުން ހުއްޓުވަން ޔޫރަޕިއަން ޕާލިމެންޓަށް ނިސްބަތްވާ މެމްބަރުން ތަކެއް ސްޕެއިންގެ ރައީސަށް ސީޓި އެއް ފޮނުވިއެވެ. އެސިޓީގައި ލިޔެފއިވަނީ، އެ ބޯޓް ސްޕެއިން ގައި މަޑު ކުރަން ހުއްދަ ދިނުމަކީ، ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތާލަން މަސައްކަތް ކުރާ ކަމުގެ ތުހުމަތު ކުރެވޭ ގައުމަކަށް ހަތިޔާރު ފޯރުކޮށް ދިނުމުގައި މެދުވެރިއެއްގެ ރޯލު ސްޕެއިނުން އަދާ ކުރުން ކަމުގައެވެ.
ސްޕެއިންގެ ސަރުކާރުން ފިޔަވަޅެއް އެޅުމުގެ ކުރިން ބޯޓު ސްޕެއިންގެ ބަނދަރުގައި މަޑުކުރަން އޮތް އޮތުން ކެންސަލަ ކުރުމަށް ފަހު ބޯޓު މަޑުކުރަން ނިންމީ ސްލޮވީނިއާ ގެ ކޯޕަރ ބަނދަރުގައެވެ.
ކޮންމެ އަކަސް މިކަން ހިނގައި ދިޔައިރު އެ މައުޟޫއު ގައި ނުދެކިވި އޮތް ވާހަކަ އަކީ އެއީ ކޮންތާކުން ބަރުކުރި އަސްކަރީ ކާގޯ އެއްތޯ ކުރެވޭ ސުވާލާ ގުޅޭ ވާހަކައެވެ.
އަލްޖަޒީރާގެ ހޯދުން ތަކުގެ މައްޗަށް ބިނާކޮށް ބުނެފައިވަނީ، އެ ބޯޓުގައި ހުރީ ގޮވާތަކެތި ކަމާއި އެތަކެތި އެރުވީ އިންޑިއާ އިން ކަން ލިޔެކިޔުންތަކުން ސާބިތުވާ ކަމަށެވެ.
އަލްޖަޒީރާ އަށް ފެނުނު ލިޔެކިޔުންތަކުން، ގޮވާތަކެތީގެ ޝިޕްމަންޓް ދަނީ ގާޒާ އާއި 30 ކިލޯމީޓަރު ދުރުގައި އޮތް އިޒްރޭލުގެ އަޝްދޮދް ބަނދަރަށެވެ.
ބޯޓު ފަހަރުގެ ދަތުރުފަތުރު ހުންނަ ގޮތް ބަލާ މެރިން ޓްރެކިންގ ސައިޓްތަކުން އަލްޖަޒީރާ އިން ހޯދި މައުލޫމާތުން އެނގުނީ ގޮވާތަކެތި ހިފައިގެން ބޯޓު ފުރީ އޭޕްރީލް މަހުގެ 2 ވަނަ ދުވަހު އިންޑިއާގެ ޗެންނާއީ އިން ކަމަށެވެ. ބޯޓު ކާގޯ ހިފައިގެން ދިޔައީ އެފްރިކާ ވަށާލާފައިކަން އެނގެއެވެ. ރަތް ކަނޑުން ބޯޓު ދަތުރު ނުކުރީ އިޒްރޭލާ ގުޅުން އޮންނަ ބޯޓު ފަހަރަށް ރަތް ކަނޑުން ހޫތީން ހަމަލާދޭތީ ކަމަށް ވެދާނެ ކަމަށް އަލްޖަޒީރާ އިން ބުނެފައިވެއެވެ.
ބޯޓުގެ ޑޮކިއުމެންޓޭޝަން ކޯޑްތަކަށް ބަލާ އަލްޖަޒީރާ އިން ދެނެގަނެފައިވާ މައުލޫމާތައް ބަލާއިރު ބޯޓުގައި ހުރީ 20 ޓަނުގެ ރޮކެޓް އިންޖީނާއި، ގޮވާ ތަކެތި ލޯޑް ކޮށްފައިވާ 12.5 ޓަނުގެ ރޮކެޓާއި، 1500 ކިލޯގެ ގޮވާ ތަކެއްޗާއި، ރޮކެޓް އިންޖީނުގެ ބައިތަކެވެ. މުދަލާއެކު ބޯޓަށް ހަވާލު ކުރާ ލިޔުމުގައި އެއްވެސް ހާލަތެއްގައި ހަތިޔާރު އުފެއްދި ފަރާތުގެ ނަމާއި، އިޒްރޭލްގެ ނަން ހާމަ ކޮށްގެން ނުވާނެ ކަމަށާއި އެ މައުލޫމާތު ސިއްރު ކުރަން ޖެހޭނެ ކަމަށް ބުނެފައި ވެއެވެ.
މެއި 21 ގައި ދެވަނަ ބޯޓެއް ހަމަ ސްޕެއިންގެ ކާޓަހޭނާ ގައި ބަނދަރު ކުރުން މަނާ ކުރިއެވެ. އެ ބޯޓަކީ ވެސް އިންޑިއާ އިން ފުރި ބޯޓެއްކަން ވަނީ އެނގިފައެވެ. މި ބޯޓާ ބެހޭ ގޮތުން ސްޕެއިންގެ ނޫހެއް ކަމަށްވާ އެލް ޕާއިސް އިން ބުނެފައިވަނީ މަރިއާން ޑެނިކާ ނަމަކަށް ކިޔާބޯޓަކީ އިންޑިއާގެ ޗެންނާއީން ފުރައިގެން 27 ޓަނުގެ ގޮވާތަކެތި ހިފައިގެން އިޒްރޭލްގެ ހައިފާ އަށް ދަތުރު ކުރާ ބޯޓެއް ކަމަށެވެ. މި މައްސަލައިގައި ސްޕެއިންގެ ޚާރިޖީވަޒީރު ހޯސޭ މަނުއަލް އަލްބާރޭސް ވަނީ އެ ބޯޓު ސްޕެއިން އަށް ވަނުން މަނާ ކުރި ކަމަށާއި އެއީ އިޒްރޭލަށް އަސްކަރީ ކާގޯ އުފުލާ ބޯޓެއް ކަމަށް ވާތީ ކަމަށް އެނާ ވިދާޅުވިއެވެ.
ގާޒާ އަށް އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ރާޑަރަށް ނާރާ ގޮތައް އިންޑިއާ އިން އިޒްރޭލަށް ސިއްރިއްޔާތުގައި އެހީތެރިވަމުން ދާކަން މި އޮތީ އެނގޭށެވެ.
ތަޖުރިބާކާރުންނާ ހަވާލާދީ އަލްޖަޒީރާ އިން ބުނެފައިވަނީ، އިންޑިއާ އިން އިޒްރޭލާ ގުޅިގެން މަސައްކަތް ކުރާތާ އަހަރު ތަކެއް ވެއްޖެ ކަމަށެވެ. އެހެން ކަމުން އިންޑިއާގެ އަސްކަރީ އުފެއްދުންތައް ގާޒާ ހަނގުރާމައިގައި އިޒްރޭލުން ބޭނުން ކުރަމުން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
މި އަހަރުގެ ޖޫން މަހުގެ 6 ވަނަ ދުވަހު ގާޒާގެ ނުސީރަތު ރެފިއުޖީ ކޭމްޕަށް އިޒްރޭލް ސިފައިން ބޮން އެޅި ހާދިސާގައި އެ ސަރަހައްދަށް އެޅި ބޮމުގެ ބައިތަކެއް އަލް ގުދްސް ނެޓްވޯކް އިން ވަނީ ވީޑިއޯ ކޮށް ސޯޝަލް މީޑިއާގައި ހާމަ ކޮށްފައެވެ. އޭގައި ފެންނަ ލޭބަލް ވަރަށް ސާފެވެ. އޭގައި ސާފު އަކުރުން ކަނޑާ ނަގާފައިވަނީ "މޭޑް އިން އިންޑިއާ" އެވެ.
ތަޖުރިބާކާރުން ބުނާ ގޮތުގައި އިންޑިއާ އާއި އިޒްރޭލާ ދެމެދުގައި އަސްކަރީ ރޮނގުން އޮންނަ ގުޅުމުގެ ތެރެއިން ސާފަސް ޓު ސާފަސް މިސައިލް "ބަރަކް" އުފެއްދުމުގައި އިންޑިއާ އިން އިޒްރޭލް އާ ގުޅިގެން މަސައްކަތް ކުރާ ކަމަށް ބެލެވެއެވެ.
އިންޑިއާގެ ޕްރީމިއަރ އެކްސްޕްލޯސިވްސް ލިމިޑެޓް އަކީ މިސައިލްގެ ރޮކެޓް އިންޖީނުގެ ޕްރޮޕެލަންޓް އުފައްދާ ކުންފުންޏެކެވެ. ކުންފުނީގެ އެގްޒެކެޓިވް ޑިރެކްޓަރ ޓީ ޗައުދަރީ މާޗް މަހުގެ 31 ގައި ގާޒާގެ ހަނގުރާމައިގެ ތެރޭގައި އިޒްރޭލަށް މިސައިލްގެ ބައިތައް އެ ކުންފުނިން އެކްސްޕޯޓް ކުރާ ކަމަށް އެއްބަސްވެފައިވާ ކަމަށް އަލްޖަޒީރާގައި ވެއެވެ. އޭނާ ބުނެފައިވަނީ، މި އަހަރުގެ ފުރަތަމަ ކުއަރޓާ އަކީ އެ ކުންފުންޏަށް މިހާތަނަށް އެންމެ ބޮޑު އާމްދަނީ ލިބުނު ކުއަރޓާ ކަމަށެވެ.
ޑިސެމްބަރު 2018 ގައި އިންޑިއާގެ އަދާނީ ޑިފެންސް އެންޑް އެއޮރޯސްޕޭސް އާއި އިޒްރޭލްގެ އެލްބިޓް ސިސްޓަމްސް އާ ގުޅިގެން ޑްރޯން އުފައްދާ ކާރުޚާނާ އެއް ހައިދަރުއާބާދުގައި ވަނީ އިފްތިތާހް ކޮށްފައެވެ. މިއީ މިސައިލް ހަރުކުރެވޭ ގޮތައް އުފައްދާ ހަމަލާ ދިނުމަށް ބޭނުން ކުރެވޭ ޑްރޯންއެވެ. މިއީ ގައުމުން ބޭރުގައި އިޒްރޭލުން މިފަދަ ޑްރޯން އުފެއްދުމަށް އިންވެސްޓް ކުރި ފުރަތަމަ ފަހަރެވެ. އެހެން ކަމުން ގައުމުން ބޭރުގައި ހުރި މިފަދަ އިޒްރޭލުގެ ހަމައެކަނި ފެކްޓަރީ ހުރީ އިންޑިއާގައެވެ.
މި ހާދިސާ ތަކުން އެނގިގެންދަނީ ފަލަސްތީނުގެ މައްސަލައިގައި އިންޑިއާ އިން ފާޅުގައި ދައްކާ ވާހަކަ އާއި ވަންހަނާ ގައި ކުރާ ކަންކަމާ އެއީ މުޅިން ދެ ކަމެއް ކަމުގައެވެ.
އިންޑިއާއިން ބުނަމުން އައިސްފައިވަނީ ދެބަސްވުންތައް ހައްލު ކުރަން ޖެހޭނީ ވާހަކަ ދައްކައިގެން ކަމަށާއި އަސްކަރީ ހަރަކާތްތަކުން ނޫން ކަމަށެވެ.
އިޒްރޭލްގެ ދައުލަތް ގާއިމް ކުރިތާ ދެ އަހަރު ފަހުން އިންޑިއާ އިން 1950 ވަނަ އަހަރު އިޒްރޭލް ބަލައިގަނެފައިވެއެވެ. އެހެން ނަމަވެސް ސިޔާސީ ރަސްމީ ގުޅުން ގާއިމް ކުރީ 1992 ވަނަ އަހަރުއެވެ. އިންޑިއާ އަކީ ފަލަސްތީން ރައްޔިތުން ތަމްސީލް ކުރުމަށް ޕަލަސްޓައިން ލިބަރޭޝަން އޮގަނައިޒޭޝަން (ޕީއެލްއޯ) 1988 ވަނަ އަހަރު ބަލައިގަތް ފުރަތަމަ އަރަބި ނޫން ގައުމެވެ.
ބޮޑުވަޒީރު މޯދީގެ ޒައާމަތުގައި އިންޑިއާ އިން ވަނީ އިޒްރޭލް އާ އެހެން އެއްވެސް އިންޑިއާގެ ސަރުކާރެއްގައި ނުބާއްވާ ގާތްކަން އުފައްދަވަން މަސައްކަތް ކުރައްވާފައެވެ.
އިންޑިއާގެ އެންމެ މަތީ ވެރިއަކު އިޒްރޭލަށް ކުރެއްވި ދަތުރުފުޅަކީ ވެސް 2017 ވަނަ އަހަރު މޯދީ އިޒްރޭލަށް ކުރެއްވި ދަތުރުފުޅެވެ. އެ ދަތުރުފުޅުގައި އިންޑިއާ އާ އިޒްރޭލާ ދެމެދު ސްޕޭސް ޓެކްނޮލޮޖީ ގެ ރޮނގުން ގުޅުން ބަދަހި ކުރުމަށް ދެގައުމުން އެއްބަސް ވިއެވެ. އެ ދަތުރުފުޅަށް ފަހު އިޒްރޭލުގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ މޯދީ ސިފަ ކުރައްވާފައިވަނީ "ރަހުމަތްތެރިއެއް" ގެ ގޮތުގައެވެ.