ކ. މާލެ
|
12 އޮކްޓޯބަރ 2023 | ބުރާސްފަތި 19:32
ފުލުހުން މާލޭ މަގުމަތީގައި
ފުލުހުން މާލޭ މަގުމަތީގައި
މޯލްޑިވްސް ޕޮލިސް ސާރވިސް
ޓްރެފިކް ޖޫރިމަނާ މައާފުކުރުމުގެ ޕްރޮގްރާމް
ޓްރެފިކް ޖޫރިމަނާ މައާފުކުރުމުގެ ޕްރޮގްރާމްގައި މިހާތަނަށް 850ށްވުރެ ގިނަ މީހުން ބައިވެރިވެފައިވޭ: ޓްރާންސްޕޯޓު މިނިސްޓްރީ
 
މިހާރު ކުރިއަށްދަނީ ޕްރޮގްރާމް ފެށުމަށްޓަކައި ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް
 
ފުލުހުން ފަރުމާކޮށް، ކަނޑައަޅާ 20 ގަޑިއިރުގެ ޓްރެއިނިންގ ޕްރޮގްރާމެއް ފުރިހަމަކުރަންޖެހޭ
 
މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 25ގެ ނިޔަލަށް ވަނީ ހުޅުވާލާފައި

ޓްރެފިކް ޖޫރިމަނާ މައާފުކުރުމުގެ ޕްރޮގްރާމުގައި ޖުމްލަ 850ށްވުރެ ގިނަ މީހުން މީހުން ބައިވެރިވެފައި ވާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

ރާއްޖެއެމްވީއަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސާލިހު ވިދާޅުވީ، ޓްރެފިކް ޖޫރިމަނާ މައާފުކުރުމުގެ ޕްރޮގްރާމަށް އާއްމު ރައްޔިތުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބޭކަމަށާއި، މިހާތަނަށް 850ށްވުރެ ގިނަ މީހުން ޕްރޮގްރާމްގައި ބައިވެރިވެފައި ވާކަމަށެވެ. މި ޕްރޮގްރާމް ފެށުމަށްޓަކައި މިނިސްޓްރީން ވަރަށް ބޮޑަށް ތައްޔާރުވަމުންދާ ކަމަށާއި، މިފެށޭ ހަފުތާތެރޭގައި ޕްރޮގްރާމް ފެށޭނެކަމަށް އުންމީދު ކުރައްވާ ކަމަށް އަލީ ސާލިހު ވިދާޅުވިއެވެ. އަދި ވިދާޅުވީ މިހާރު ކުރިއަށްދަނީ ޕްރޮގްރާމް ފެށުމަށްޓަކައި ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް ވަމުންދާކަމަށެވެ.

އަލީ ސާލިހު ވިދާޅުވީ މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 25ގެ ނިޔަލަށް ހުޅުވާލާފައިވާއިރު، ކުރިއަށް އޮތް ދުވަސްތަކުގައި ވަރަށް ގިނަ މީހުން ބައިވެރިވާނެ ކަމަށް ބެލެވޭ ކަމަށެވެ. މި ޕްރޮގްރާމް ހިންގާނީ ސެޝަނެއްގައި 65 މީހުން ބައިވެރިކޮށްގެން ކަމަށް އަލީ ސާލިހު ވިދާޅުވިއެވެ. އަދި ޖޫރިމަނާ މައާފުކުރެވޭނީ ޓްރެފިކާގުޅޭ ގަވާއިދުތަކާއި އިޖުތިމާއީ އެހެން މައްސަލަތަކަށް ހޭލުންތެރިކުރުމަށް ފުލުހުން ފަރުމާކޮށް ކަނޑައަޅާ 20 ގަޑިއިރުގެ ޓްރެއިނިންގ ޕްރޮގްރާމެއް ފުރިހަމަކުރުމުން ކަމަށްވާތީ، 7 ދުވަހަށް ޕްރޮގްރާމް ބަހާލައިގެން ކުރިއަށް ގެންދަން ނިންމާފައި ވާކަމަށް އޭނާ ވިދާޅުވިއެވެ.

ޓްރެފިކް ޖޫރިމަނާ މައާފުކުރުމުގެ ޕްރޮގްރާމަކީ، މިނިސްޓްރީއާއި ފުލުހުން ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގެ މަގުސަދަކީ ޓްރެފިކް ގަވާއިދާ ޚިލާފުވާ ފަރާތްތަކުން މިފަދަ މައްސަލަތައް ތަކުރާރުވާ މިންވަރު މަދުކުރުމެވެ. އަދި މީގެ ސަބަބުން ޓްރެފިކް ގަވާއިދުތަކާއި އިޖްތިމާއީ އެހެން މައްސަލަތަކާ ގުޅޭގޮތުން މީހުން އަހުލުވެރިވާ މިންވަރު އިތުރުވެގެންދާނެއެވެ.

މި ޕްރޮގްރާމްގައި ބައިވެރިވުމަށް ސިމްސް ޕޯޓަލް މެދުވެރިވެގެން އެޕްލައި ކުރެވޭނެއެވެ.

2018 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ މިހާތަނަށް ޕާކިންގ ސްޓިކަރ ޖޫރިމަނާގެ ތެރެއިން ދައުލަތަށް ނުލިބި ހުރި ފައިސާ މައާފުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ނިންމެވީ 5 ސެޕްޓެންބަރު 2023ގައެވެ.

މައާފުކުރެވިގެންދާ ޖޫރިމަނާގެ ބާވަތްތަކުގެ ތެރޭގައި ހިމެނެނީ ލައިސަންސް ލިބިފައިވާ މީހާ ދުއްވިއިރު އަތުގައި ލައިސަންސް ނެތި ދުއްވުމާއި، ލައިސަންސް ގެއްލިފައިވަނިކޮށް ނުވަތަ މުއްދަތު ހަމަވެފައިވަނިކޮށް ނުވަތަ ހަލާކުވެފައި ވަނިކޮށް ދުއްވުމާއި، އެއް ގިންތިއެއްގެ އުޅަނދު ދުއްވުމުގެ ލައިސަންސް ނެތި ދުއްވުން ނުވަތަ ބޭނުންކުރުން ހިމެނެއެވެ. އަދި މީގެ އިތުރުންވެސް ޖޫރިމަނާގެ ބާވަތުގެ ކުޑަ ބޮޑު މިނަށް ބެލުމަށްފަހު، މި ޓްރެއިނިންގ ޕްރޮގްރާމް ފުރިހަމަ ކުރުމުން މައާފުކުރެވޭ ކަންކަން ހިމަނާފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް