Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޑިމޮކްރަސީގެ އަސާސްތައް

ޑިމޮކްރަސީގެ ރަނުން ކިތަންމެ ގިރިޓީއެއް ކުރިއަސް، އާޚިރުގައި ދަބަރު ހިލޭނެ!

ޑިމޮކްރަޓިކް އުސޫލު، ވޯޓުން ކަންކަން ނިންމުން މިއީ ގިނަ މީހުންގެ އަނގަމަތީ ބަސްތަކެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 5 ޖޫން 2023 | ހޯމަ 10:57
ޑިމޮކްރެޓިކް އުސޫލު، ވޯޓުން ކަންކަން ނިންމުން މިއީ ގިނަ މީހުންގެ އަނގަމަތީ ބަހެއް

ޑިމޮކްރެޓިކް އުސޫލު، ވޯޓުން ކަންކަން ނިންމުން މިއީ ގިނަ މީހުންގެ އަނގަމަތީ ބަހެއް

ހޯރަފުށީ އާދަމް ސަލީމް ހެއްދެވި ޅެމެއްގައިވެ އެވެ. "ދަގަނޑުކަމުގައި ވަނީނަމަ ރަނުން އުއްތިޔަސް، ދަބަރު ހިލުވާނެކަން އަންގައިދޭ ދަރެހެކޭ" އެވެ.

ބައު ދަގަނޑުގަނޑެއްގެ ބޭރު ކިތަންމެ ވަރަކަށް ރަނުން ޖަރީކޮށް ގިރިޓީ ކުރިޔަސް، ކޮންމެ ކަހަލަ ދަވާދެއް ލިޔަސް، އާޚިރުގައި އެއިން ހަމަ ދަބަރު ހިލޭނެއެވެ. މިއީ އިންސާނުންގެ ލޯމައްޗަށް ދުނިޔޭގައި ފެންނާނެ ބޮޑު ހަގީގަތެކެވެ. 

މި ހަގީގަތް އެންމެ ގާތުން ފެންނަ އެއް ކަމަކީ ޑިމޮކްރަސީގެ ތޮފި ނަންގަވައިގެން ތިއްބަވާ ސިޔާސީ ވެރިންގެ ބަސްތަކާއި އަމަލުތަކެވެ. ދުނިޔޭގެ ކޮންމެ ހިސާބަކަަށް ނަޒަރު ހިންގައިލިޔަސް، މި ނޫން މަންޒަރެެއް ފެންނާކަށް ނެތެވެ.

ޑިމޮކްރަސީގެ ބައްޕަކަމަށް ދައުވާކުރައްވާ ސިޔާސީ ވެރިން ގައުމުތަކުގައި މަދެއް ނޫނެވެ. ޑިމޮކްރަސީއަކީ ތިމަން މަނިކުފާނަށް ސީދާ ހެޔޮވަރުކޮށްފައިވާ ކޯޓެއްކަމަށް ވިދާޅުވެ، ތިމަން މަނިކުފާނު މި ހުންނަވަނީ ރެޔާއި ދުވާލު އެ ކޯޓު ތުރުކުރައްވައިގެންކަމަށް ވިދާޅުވާ ބޭފުޅުންވެސް މަދެއްނޫނެވެ. ނަމަވެސް އާޚިރުގައި އެ ދަގަނޑުގަނޑުން ދަބަރު ހިލެއެވެ.

އެފަދަ ބޭފުޅުންގެ ދޫފުޅުން އެންމެ ގިނައިން ބޭރުވާ ބަސްތަކުގެ ތެރޭގައި؛ "ޑިމޮކްރަޓިކް އުސޫލު"، "ވޯޓުން ކަންކަން ނިންމުން"، "މެޖޯރިޓީއަށް ތަބާވުން"، "ބަލި ގަބޫލުކުރުން"، "ޚިޔާލާއި މަޝްވަރާ ހޯދުން"، ހިމެނެއެވެ. މިއީ ހަމަ ހަގީގަތުގައިވެސް ޑިމޮކްރަސީގައި ކަން ހިނގަމުން އަންނާންވާނެ ގޮތެވެ.

އެހެންނަމަވެސް ވޯޓުން ކަމެއް ނިންމައިފިނަމަ، އެ ނިންމުމަކަށް އިހުތިރާމުކުރައްވާ ތަން ނުފެނުން، އަދި އެބޭފުޅާ ބޭނުންފުޅުވާ ގޮތް ނޫން ގޮތެއް ރަނގަޅުނުވުން، މެޖޯރިޓީއެއް މައިނޯރިޓީއެއް ބެއްލެވުމެއްނެތި އަމިއްލަ އެދުންފުޅު އިސްކުރެއްވުން، މިއީ އެ ބޭފުޅުންގެ ދޫފުޅުން ބޭރުނުވާ، އެހެނަސް އެއްކަލަ ގިރިޓީކަން ކެނޑިގެންދާއިރު ހާމަވާ ދަބަރުގެ މިސާލެކެވެ.

ބައެއް މީހުން ބުނާގޮތުގައި ރާއްޖެއިންވެސް އެ މަންޒަރު ފެނެއެވެ. ޑިމޮކްރަސީއޭ ވިދާޅުވަމުން، ހަމަ އަނެއް ސިކުންތުގައި ޑިމޮކްރަސީއަށް "މޮކް" ކުރައްވާ ބޭފުޅުން ރާއްޖެއިންވެސް ފެނެއެވެ. ދުނިޔޭގެ އެހެން ތަންތަނުގައިވެސް އޮންނަ ކަމެއް ރާއްޖެއަށްވެސް ވަކި ލައްވާނުލައި ނުދާނެތާއެވެ.

ކޮންމެއަކަސް، ދެރައީ، ބާ ދަގަނޑުގަނޑެއްގައި ގިރިޓީކުރައްވައިގެން އެއީ ރަންކަމުގައި ހައްދަވައިގެން ރައްޔިތުންނަށް އެ ވިއްކެވުމަށް ވަޑައިގަންނަވާކަމެވެ. އާންމު އާދައިގެ ރައްޔިތުމީހާ ބޮޑު އަގު ދީފައި އެ ދަގަނޑުގަނޑު ގަންނަކަމެވެ.

ދިރިއުޅުން އުޖާލާވާނެކަމުގެ އުއްމީދުގައި މި ގަނެވެނީ ރަނުން ގިރިޓީކޮށްފައިވާ އާދައިގެ ދަގަނޑުގަނޑެއްކަމެއް ނިކަމެތި ރައްޔިތުމީހާއަކަށް ގިނަ ފަހަރު ނޭނގެއެވެ. އެހާވެސް ރަނުގެ ގިރިޓީގެ އޮފުދާރުކަން ބޮޑެވެ.

ގިނަފަހަރު އެ ގިރިޓީކަން ނެތިގޮސް، އަސްލު ދަބަރުގެ ކުލަގަނޑު ފާޅުވާއިރު، އޮންނަނީ ރައްޔިތުނަށް "ވާންވީ ހައެތި" ވެފައެވެ.

އެހައިހިސާބުން ދެން ތިބެންޖެހެނީ ހިތުހުރި ގޮތަކަށް އާރާއި ބާރުގެ ބޭނުންކުރައްވައިގެން، އަމިއްލަ އެދުންފުޅުތައް ހާސިލުކުރެއްވުމަށް މުޅި ގައުމު ގުރުބާންކުރާ މަންޒަރު ބަލާށެވެ.

މަރުހޫމް އާދަމް ސަލީމް އެ ވިދާޅުވެފައިވަނީ ނިކަން ބުއްދިވެރި ވާހަކަފުޅެކެވެ. ދަގަނޑުކަމުގައި ވަނީނަމަ ރަނުން އުއްތިޔަސް، ދަބަރު ހިލުވާނެކަން ހަމަ ގައިމެވެ.

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2019

ފުލުހުން ކިތަންމެހާވެސް ގިނަ، ވަސީލަތްވެސް އެބަހުރި، ނަމަވެސް ނަތީޖާއެއް ނުނެރެވޭ!

08 ޑިސެމްބަރު 2019
ފުލުހުން ކިތަންމެހާވެސް ގިނަ، ވަސީލަތްވެސް އެބަހުރި، ނަމަވެސް ނަތީޖާއެއް ނުނެރެވޭ!
23 ނޮވެމްބަރު 2019

ވަދު ކިތަންމެ މޮޅަސް، ޖާނުގައި ވަރު ނެތް ފަޅުވެރިންތަކެއް ގޮވައިގެން ހިބަރެއް ނުބޭނޭނެ!

23 ނޮވެމްބަރު 2019
ވަދު ކިތަންމެ މޮޅަސް، ޖާނުގައި ވަރު ނެތް ފަޅުވެރިންތަކެއް ގޮވައިގެން ހިބަރެއް ނުބޭނޭނެ!
19 ޖެނުއަރީ 2019

ނާކާމިޔާބުވި ކެންޑިޑޭޓުންގެ ފަރާތުން ޑިމޮކްރަސީގެ ރީތި ނަމޫނާއެއް!

19 ޖެނުއަރީ 2019
ނާކާމިޔާބުވި ކެންޑިޑޭޓުންގެ ފަރާތުން ޑިމޮކްރަސީގެ ރީތި ނަމޫނާއެއް!
14 ފެބުރުއަރީ 2018

ކިތަންމެ ބާރެއް ލިބިފައިވީ ނަމަވެސް ތަގުދީރެއް ބަދަލެއް ނުކުރެވޭނެއެވެ!

14 ފެބުރުއަރީ 2018
ކިތަންމެ ބާރެއް ލިބިފައިވީ ނަމަވެސް ތަގުދީރެއް ބަދަލެއް ނުކުރެވޭނެއެވެ!
12 ޑިސެމްބަރު 2017

ޒަޔަނިސްޓުން ކިތަންމެ ބޭނުންވިޔަސް، ފަލަސްތީނަކީ ޔަހޫދީންގެ ތަނަކަށް ނެހެދޭނެ!

12 ޑިސެމްބަރު 2017
ޒަޔަނިސްޓުން ކިތަންމެ ބޭނުންވިޔަސް، ފަލަސްތީނަކީ ޔަހޫދީންގެ ތަނަކަށް ނެހެދޭނެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު