2023 ހޯދުމަށްޓަކަށް ހޮނިހިރު ދުވަހުގެ ވޯޓުގައި ރަނގަޅު ކެނޑިޑޭޓެއް ހިޔާރު ކުރައްވާ - ފައްޔާޒު އާއި އިންތި
2023 ގައި އަނެއްކާ ވެސް މިގައުމުގައި އަނިޔާވެރި ވެރިކަމެއް ގާއިމްވިޔަ ނުދިނުމަށްޓަކައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރައްވާނަން


ޗެއަރޕާސަން ބަހުސް 2022ގެ ތެރެއިން ޗެއަރޕާސަންގެ މަގާމަށް ވާދަކުރައްވާ ދެ ކެނޑިޑޭޓުން ސަލާން ކުރައްވަނީ
ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޗެއަރޕާސަން ހޮވުމަށް ވޯޓު ދެއްވާ އިރު، ރަނގަޅު ކެނޑިޑޭޓެއް ހޮވުމަށާއި، އެ ވޯޓަކީ 2023 ހޯދުމަށް ލެވޭ ވޯޓެއް ކަމަށް ޗެއަރ ޕާސަންގެ މަގާމަށް ކުރިމަތިލެއްވި ދެ ކެނޑިޑޭޓުން ކަމުގައިވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ އާއި އިކޮނަމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގެ ތެރެއިން އެންމެ ފޯރިގަދަވާނެކަމަށް ބެލެވޭ ޗެއަރޕާސަންގެ އިންތިހާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުން ވެސް މިފަދައިން ވިދާޅުވެފައިވަނި ރާއްޖެޓީވީން އިންތިޒާމްކުރި ޗެއަރޕާސަން ބަހުސް 2022 ގައި ވާހަކަ ދައްކަވަމުންނެވެ.
މި ބަހުސު ގައި ފަހު ބަސް އިއްވުމަށް ދެވުނު ފުރުސަތުގައި އިކޮނަމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވީ އޭނާ ގަބޫލުކުރައްވާ ގޮތުގައި ދިވެހިރާއްޖޭގެ ޑިމޮކްރަސީގެ މި ހަޔާތުގައި 2018 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިހާބުގެ ފަހުން ހަގީގަތުގައި އެމްޑީޕީގެ އެތެރޭގެ އިންތިހާބެއްކަމަކު، މިއީ ދެން ބޭއްވޭ އެންމެ މުހިންމު އިންތިހާބު ކަމަށެވެ. އޭނާ ގަބޫލުކުރައްވާގޮތުގައި މި ޕާޓީއާއި ދިވެހިރާއްޖޭގެ ކުރިމަގު ބިނާވެގެންދާނީ މި އިންތިހާބުގެ ނަތީޖާނިކުންނަ ގޮތެއްގެ މައްޗަށް ކަމަށާއި، އެމްޑީޕީއަށް ނިސްބަތްވާ ވެރިކަމެއް 2023 ގައި މިގައުމުގައި އޮންނާނެތޯ ނުވަތަ ނޫންތޯ މި އިންތިހާބުގެ ނަތީޖާއިން ވަރަށް ބޮޑަށް ނިމިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ފައްޔާޒު ވިދާޅުވީ އެމްޑީޕީގެ މެންބަރުން ވަޒީފާ ބޭނުންވާ ކަމަށެވެ. އަދި އޭނާގެ ޗެއަރޕާސަން ކަމެއްގައި އެމްޑީޕީގެ މެންބަރުންނަށް ވަޒީފާ ހޯދައިދިނުމަށް ކުރެވެން ހުރި ހުރިހާކަމެއް ކުރައްވާނެ ކަމަށެވެ. ސަރުކާރުގެ ވައުދުތައް ފުއްދުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ކުރައްވާނެ ކަމަށާއި، 2023 ގައި އަނެއްކާ ވެސް މިގައުމުގައި އަނިޔާވެރި ވެރިކަމެއް ގާއިމްވިޔަ ނުދިނުމަށްޓަކައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރައްވާނެ ކަމަށެވެ.
މީގެ އިތުރުން ސަރުކާރާއި ފޭއަށް ޖެހި 2023 ދޫކޮށްލާފައި 2028 ހޯދުމުގެ ވިސްނުމަކީ ވަރަށް ގޯސް ވިސްނުމެއް ކަމަށާއި، އެ ވިސްނުމަށް ޖާގަ ދިނުމަށް ޖާގައެއް ނުދެއްވާނެ ކަމަށެވެ.
ފަހުބަސް އިއްވަމުން މާފަންނު އުތުރުދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ އަންނަ ހޮނިހިރ ދުވަހަކީ ވަރަށް ނާޒުކު، ވަރަށް މުހިންމު ވަގުތުކޮޅެއް ކަމަށާއި، ވަރަށް މުހިންމު ނިންމުމެއް އާންމު މެންބަރުން ނިންމަންޖެހިފައިވާ ވަގުތުކޮޅެއް ކަމަށެވެ. އެއީ މި ޕާޓީގެ މުސްތަގުބަލާއި ވަރަށް ގުޅިފައިވާ ވޯޓެއް ލާ ދުވަހެއް ކަމަށާއި، ވަރަށް ވިސްނަވާފައި އާންމު މެންބަރުން އެމްޑީޕީއަށް އޮތް ލޯބި، 5000 ގެއަކަށް ޒިޔާރާތްކުރެވުނީމަ އިތުރަށް އެނގިއްޖެ ކަމަށާއި، މި ޕާޓީއަށް އަލުން އިތުބާރު ހޯދަންޖެހޭކަން އެނގިގެން ހިނގައްޖެ ކަމަށެވެ.
އިމްތިޔާޒު ވިދާޅުވީ ޕާޓީއަށް އަލުން އަނބުރާ ފޯރާއި ޖޯޝް ގެންނަންޖެހޭކަން އެނގިގެން ހިނގައްޖެ ކަމަށެވެ. މި ޕާޓިއަކީ ދެންވެސް ރާއްޖެއަށް އޮތް އެންމެ ބޮޑު އުއްމީދުކަމުގައި ވާންޖެހޭ ކަމަށާއި، ޕާޓީން ދަމާލާ ބެނާއަކީ އެއީ ހަގީގަތަކަށް ހަދާނެ ޕާޓީއެއްކަމުގައި އަބަދުވެސް ވާނެކަމުގެ ޔަގީންކަން އަބަދުވެސް ދޭންޖެހޭ ކަމަށެވެ.
އިމްތިޔާޒު ވިދާޅުވީ އޭނާ އެދިވަޑައިގަންނަވަނީ އަދި ގޮވާލައްވަނީ މި ފުރުސަތުގެ ބޭނުން އާންމު މެންބަރުން ހިއްޕަވާ 2023 ހޯދުމަށްޓަކައި، އެ އިތުބާރު މި ޕާޓީއަށް ހޯއްދުމަށްޓަކައި ކުރެއްވެން ހުރި ހުރިހާ މަސައްކަތްތަކެއް އަދިވެސް ފުރިހަމަކުރެއްވުމަށްޓަކައި، އަދި ޕާޓީއަށް ހިދުމަތްކުރުމަށްޓަކައި އާންމު މެމްބަރުންގެ އުއްމީދުތައް އަލުން އަނބުރާ ޕާޓީއާއެކުގައި އެކުލަވާލުމަށް ގޮވާލެއްވިއެވެ. އަދި އެމްޑީޕީގެ އެންމެ އަގުހުރި އެއްޗަކީ ޕާޓީގެ އުސޫލުތައް ކަމަށް އިމްތިޔާޒު ވިދާޅުވިއެވެ.
މީގެ އިތުރުން އެ ޕާޓީގެ އެންމެ ވަރުގަދަ ތަބުތަކަކީ އަދި ބިނާއަކީ އަދި ކިއްލާއަކީ ހަގީގަތުގައި ޕާޓީ އެމައްޗަށް ބިނާވެގެންވާ އަސާސްތަކެއް ކަމަށާއި، އެ އަސާސްތައް ފުނޑާލިކަމުގައި ވަނީ ނަމަ، އެއީ އެ ޕާޓީއަށް ދެވޭ އެންމެ ބޮޑު އުދުވާނީ ހަމަލާ ކަމަށް އިމްތިޔާޒު ވިދާޅުވިއެވެ. އަދި އެފުރުސަތު ނުދެއްވާނެ ކަމުގެ 100 އިންސައްތައް ޔަގީންކަން ދެއްވާ ކަމަށް އިންތި ވިދާޅުވިއެވެ.








