8 އަަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލަ: ހައްޔަރުކުރި ބިދޭސީ މީހާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަނީ
27 ޖޫން 2021 | އާދީއްތަ 17:17މިމައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ޖޫން މަހުގެ 24ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި


އަންހެނުންނަށް ކުރާ ޖިންސީ ގޯނާއާ ދެކޮޅަށް ކުރި މުޒާހަރާއެއްގެ ތެރެއިން
އުމުރުން 8 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލާގެ ތުހުމަތުގައި ހައްޔަރުކުރި ބިދޭސީ މީހާގެ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން ނިންމައިފިއެވެ.
ފުލުހުން ބުނީ 8 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ޝަރީއަތް ނިންމެންދެން ބެހެއްޓުމަށް، ކޯޓުން އާދީއްތަ ދުވަހު އަމުރުކޮށްފައިވާ ކަމަށެވެ. މިމައްސަލާގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.
ޏ އަތޮޅާއި ސ. އަތޮޅު ހިމެނޭ ދެކުނު ޕޮލިސް ޑިވިޝަނުން ބަލަމުންދާ މިމައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ޖޫން މަހުގެ 24ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާތަކުގެ މައްސަލަތައް ދޭތެރެދޭތެރެއިން ފެންމަތިވަމުން އަންނައިރު، ދާދިފަހުން ވެސް އުމުރުން އެންމެ ތިން އަހަރުގެ ތުއްތު ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފައިވެއެވެ.








