ކ. މާލެ
|
6 ޑިސެންބަރ 2017 | ބުދަ 17:40
ބައްދަލުވުން ނިންމަން އެޖެންޑާ ކުރެވިފައި އޮތް ދުވަހުގެ ކުރިން ވަނީ ނިންމާލާފައި
ބައްދަލުވުން ނިންމަން އެޖެންޑާ ކުރެވިފައި އޮތް ދުވަހުގެ ކުރިން ވަނީ ނިންމާލާފައި
ރޮއިޓަރސް
ޖީސީސީ ސަމިޓް
ޖީސީސީގެ އޮނިގަނޑަށް ބަދަލު ގެންނަން ޖެހިދާނެ: ކުވެއިތު
 
ސަމިޓްގެ އެޖެންޑާ ހާމަކޮށްފައެއް ނުވޭ
 
ގަތަރާ ގުޅުންކަނޑާލި ގައުމުތަކުން ބައްދަލުވުމަށް އެންމެ އިސްވެރިން ފޮނުވާފައެއް ނުވޭ

ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލުމަށްޓަކައި، ހަ މެމްބަރުންގެ މައްޗަށް އެކުލެވޭ ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ)ގެ އޮނިގަނޑަށް އަވަސް މުސްތަގްބަލެއްގައި ބަދަލު ގެންނަން ޖެހިދާނެ ކަމަށް ކުވެއިތުގެ އަމީރު ވިދާޅުވެއްޖެއެވެ.

ޝެއިޚް ސަބާހް އަލް-އަހުމަދު އަލް ސަބާހް މިހެން ވިދާޅުވީ ބުދަ ދުވަހު ނިންމުމަށް އޮތް ސަމިޓް ކުއްލި ގޮތަކަށް އަންގާރަ ދުވަހު ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ޖީސީސީގެ އެންމެ އިސްވެރިންގެ ސިއްރު ބައްދަލުވުމަށް ފަހު މަންދޫބުން ވަނީ ކުވެއިތު ދޫކުރައްވާ ވަޑައިގެންފައެވެ.

"ގޮންޖެހުންތަކާ ރަނގަޅަށް ކުރިމަތިލުމަށް އަޅުގަނޑުމެން އެބަޖެހޭ ޖީސީސީގެ ނިޒާމް ބަދަލުކުރަން" ޖޫން މަހުގެ 5 ވަނަ ދުވަހުން ފެށިގެން ގަލްފުގައި އުފެދިފައިވާ މައްސަލައަށް ރިއާޔަތްކުރައްވައި ސަބާހް ވިދާޅުވިއެވެ. އެއީ ސައުދީ އަރަބިއްޔާ އާއި، ބަހްރެއިނާއި ކުވެއިތު އަދި ޔޫއޭއީ އިން ޤަތަރާ ގުޅުން ކަނޑާލި ދުވަހެވެ. އެ ގައުމުތަކުން ގަތަރާ ގުޅުން ކަނޑާލީ ޓެރެރިޒަމަށް ހިތްވަރުދޭ ކަމަށް ބުނެ، ނަމަވެސް ޤަތަރުން އެ ތުހުމަތުތައް ދޮގުކުރެއެވެ.

ޝެއިޚް ސަބާހް ވަނީ ގަލްފުގައި އުފެދިފައިވާ ނުތަނަވަސްކަން ހައްލުކުރުމަށް ޓާސްކް ފޯހެއް އުފައްދަވާފާނެކަމުގެ އިޝާރާތެއް ވެސް ދެއްވާފައެވެ.

"ހަގީގަތަކީ ޖީސީސީގައި މިހާރު ވެސް އޮވޭ އެތެރޭގެ ޚިލާފްތައް ހައްލުކުރުމަށް ޓާސްކް ފޯހެއް"

ގަލްފުގެ މައްސަލައަށް ހަ މަސްދުވަސްވެފައިވާއިރު މި ޓާސްކް ފޯސް ކޮބައިތޯ ސުވާލުކޮށް ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.

ކުވެއިތު ސިޓީގައި ބޭއްވި ޖީސީސީގެ 38 ވަނަ ސަމިޓް ބާއްވާފައި މިވަނީ ޤަތަރުގެ މައްސަލަ އުފެދުނުތާ ހަ މަސް ފުރުނު ދުވަހުއެވެ.

އަންގާރަ ދުވަހުގެ ހެނދުނު ޔޫއޭއީ އިން ވަނީ ޖީސީސީއާ ވަކިން އެ ގައުމުން ސައުދީ އަރަބިއްޔާއާ އެކު އިގްތިސާދީ، އަދި އަސްކަރީ ގުޅުމެއް ގާއިމްކޮށްފި ކަމަށް ބުނެފައެވެ.

އަހަރަކު އެއްފަހަރު ބާއްވާ ޖީސީސީގެ ސަމިޓަކީ މެމްބަރު ގައުމުތަކުގެ ވެރިންގެ ބައްދަލުވުމެއް ނަމަވެސް ގަތަރާ ގުޅުން ކަނޑާލި ގައުމުތަކުން ބައްދަލުވުމަށް ފޮނުވާފައި ވަނީ އާއްމު ޑިޕްލޮމޭޓުންނެވެ.

ބަހްރެއިނުން މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންފައި ވަނީ ބޮޑުވަޒީރުގެ ނައިބެވެ. ޝާހީ އާއިލާގެ ބޭފުޅެއްގެ ބަދަލުގައި ސައުދީ އަރަބިއްޔާއިން ފޮނުވާފައި ވަނީ ޚާރިޖީ ވަޒީރު އާދިލް އަލް ޖުބެއިރުއެވެ.

ޖީސީސީގެ މިފަހަރުގެ ބައްދަލުވުމުގެ އެޖެންޑާ އާއްމުކޮށްފައި ނުވާއިރު ދިރާސާކުރައްވާ ފަރާތްތަކުން ގަބޫލުކުރައްވާ ގޮތުގައި އެންމެ އިސްކަމަކަށް އޮންނާނީ ގަލްފް މައްސަލައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް