ލޯބިން
އާމިރު ސަލީމް
1 ޖެނުއަރީ 1970 | ބުރާސްފަތި 05:00

      ވާހަކަ ދައްކަމުން ދިޔައިރު ޒައިނާގެ މޫނުމަތިން އެއްވެސް އުފާވެރިކަމެއް ފެންނާކަށް ނެތެވެ. ހީވަނީ ކޮންމެވެސް ކަމަކާ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައި އިންހެންނެވެ. ނުވަތަ އެތައް ޝަކުވާތަކެއް ހިތުގެ ތެރޭގައި ޖަމާކޮށްގެން އެއަޑުތަައް އިއްވާނެ ގޮތެއް ނޭނގިފައި އިންހެންނެވެ.

" ކަމަކު ނުދާނެ. ގޮސްލާފައި އަވަހަށް އަންނާނީ. މިހާރު ދުއްވާލަން ނުދާތާ ކިހާ ދުވަހެއް؟ "

      ޒިޔާމް ތެދުވަމުން ޒައިނާގެ އަތުގައި ހިފާ ޒައިނާވެސް ނަގައިފިއެވެ. ޒައިނާވެސް މާބޮޑަށް ދެކޮޅުހަދާކަށް ނޫޅެއެވެ. ބޭރަށް ނުކުންނަމުން ގޮސް ނިހާގެ ކޮޓަރީގެ ދޮރު ހުޅުވާލައިފިއެވެ. އޭރު ނިހާ އޮތީ އެނދުގައި އޮށޯވެލައިގެންނެވެ.

" ނިހާ ކާރު ދުއްވާލަން ދާނަންތަ؟ "

      ޒައިނާ ވާހަކަދެއްކީ ކޮޓަރީގެ ދޮރުމަތީގައި ހުރެގެންނެވެ.

" ކުޑަކޮށް ބޮލުގައި ރިއްސާތީ މިއުޅެނީ. ގޮސްލާފަ އާދޭ. އަހަރެން ގޭގަ އޮންނާނަން. "

" ގެ ތަޅުލާފަ މިދަނީ. އެހާ ލަހެއް ނުވާނެ "

      ނިހާ ނުދާވާހަކަ ބުނުމުން ދޮރު ލައްޕާލުމަށްފަހު ޒައިނާ ހިނގައްޖެއެވެ. އޭރު ކާރުތެރޭގައި ޒިޔާމް އިނެވެ. ޒައިނާ އައިސް ކާރަށް އެރުމުން ޒިޔާމް ކާރު ދުއްވާލިއެވެ.

      ހިތަދޫގެ ހިތްފަސޭހަ މަގުތަކުގެ މަތިން މަޑުމަޑުން ކާރު ދުއްވަމުން ލިންކް ރޯޑަށް ނުކުމެއްޖެއެވެ. އެއީ މިފަދަ ބުރުތަކުގައި ޢާއްމުކޮށް ގިނަ މީހުން އައިސް އުޅޭ މަގެވެ. އެތައްހިސާބަކަށް ދުއްވުނު އިރުވެސް ކާރުތެރޭގައި މަޑުމަޑުން ޖަހާފައި ހުރި އިނގިރޭސި ލަވައެއްގެ އަޑުނޫން އަޑެއް ކާރުތެރެއަކުން ނީވެއެވެ. ޖެހިޖެހިގެން ހުރި ދެސީޓުގައި ދެމީހުން ތިބި އިރުވެސް އެދެމެދުގައި އެތައް ދުރުމިނެއް ވާހެން ހީވަނީ ކީއްވެގެން ކަމެއް ނޭނގެއެވެ. ހީވަނީ ކޮންމެ މީހަކުވެސް އަނެކަކު ވާހަކަ ދައްކަން ފަށަންދެން އިންނަނީ ހެންނެވެ. އިރުއިރުކޮޅާ ޒިޔާމް ޒައިނާއާއި ދިމާއަށް ބަލާލައެވެ. އެކަމަކު ޒައިނާގެ ނަޒަރު މަގުގެ އެއްފަރާތުން ފެންނަ އެއްޗެއްސަށާއި މަންޒަރުތަކަށް ނޫން ދިމާލަކަށް ސީދަލެއް ނުވެއެވެ.

" ކީއްވެ އެއްޗެކޭ ނުބުނެ ތީނީ؟ "

      މިހާބޮޑު ބީރައްޓެހިކަމަކާއި ދުރުކަމެއް ދެމީހުންގެ ދެމެދަށް ވެރިވެފައި އޮތުން ޒިޔާމަށް އުނދަގޫ ވާކަމަކަށް ވެއްޖެއެވެ. އެހެންކަމުން ކާރު ބިއްލޫރިގަނޑުން ބޭރުބަލަންއިން ޒައިނާގެ ދަތްދޮޅިގައި ހިފާ ޒިޔާމް އޭނައާއި ދިމާއަށް ޒައިނާގެ މޫނު އަނބުރާލައިފިއެވެ.

" ކޮންވާހަކައެއްތަ ދައްކާނީ؟ "

ޒިޔާމްގެ އަތުގައިހިފާ ޒައިނާ ޒިޔާމްގެ އަތް ތިރިކޮށްލިއެވެ. ޒައިނާއިނީ ޙަޤީގަތުގައިވެސް ކަމަކާއި ހިތްހަމަ ނުޖެހިފައެވެ.

" ދެން ކޮންމެވެސް ވާހަކައެއް. ޒައިނާ ހީވަނީ ކަމަކާ ހިތްހަމަނުޖެހިފައި.........."

" އިރު އޮއްސުނުއިރު ގެއަށް ގުޅިންތަ؟ "

      ޒިޔާމް ދައްކަމުންދިޔަ ވާހަކަ ނިމުމުގެ ކުރިން ޒައިނާ ހަމައެއިންގޮތަށް ޒިޔާމްއާއި ދިމާއަށް ބަލަހައްޓައިގެން އިނދެ ސުވާލުކޮށްލިއެވެ. ހީވަނީ އެއީ އޭނާ ކުރަން ބޭނުންވެގެން އުޅޭ އެތައް ސުވާލެއްގެ ތެރެއިން އެއް ސުވާލުހެންނެވެ.

" އިރު އޮއްސުނުއިރު.......އާނ ގުޅިން. "

ކުޑަކޮށް މަޑުކޮށްލުމަށްފަހު ކަމެއް ހަނދާންވެގެން ބުނާކަހަލަ ގޮތަކަށް ޒިޔާމް ޒައިނާއަށް ޖަވާބު ދިނެވެ.

" ޒައިނާ އޭރު ފެންވަރަން ކަންނޭނގެ ހުރީ. ފޯނު ނެގީ ނިހާ. އެކަހަލަ އެއްޗެކޭ އޭނަ ބުނީ. "

      ޒިޔާމް އިތުރަށް ތަފްސީލުކޮށް ދިނެވެ.

" އެހެންވިއްޔާ އޭނަ ރުއީ ކީއްވެގެން؟ "

" އޭނަ ރުއީއޭ. އަހަންނަކަށް ނޭނގެ. އޭނަ ޒައިނާ ފެންވަރާ ވާހަކަ ބުނީމަ އަހަރެން ފޯނު ބޭއްވީ. "

      ޒިޔާމް ކުއްލިއަކަށް ޒައިނާގެ މޫނަށް ބަލާލިއެވެ. ޙައިރާންކަމާއި އެކުގައެވެ.

      އެހާހިސާބުން ޒައިނާވެސް އިތުރު ވާހަކައެއް ނުދެއްކިއެވެ. އަދި ޒިޔާމްއަށްވެސް އެކަން އިތުރަށް ސާފުކޮށްލަން ސުވާލެއް ކޮށްލަންވެސް ނުކެރުނެވެ. ކީއްވެގެންކަމެއް ނޭނގެއެވެ. ނިހާ ރޯންޖެހުނީ ކީއްވެގެންހެއްޔެވެ. އެސުވާލު އުފެދުނީ ހަމައެކަނި ޒިޔާމްގެ ހިތުގައެވެ.

      އެހެންރޭރެއާ ޚިލާފަށް މިރޭގެ ކާރު ބުރު އެހާ ދިގެއް ނޫނެވެ. ދެމީހުންގެ މޫޑުހުރި ގޮތުންވެސް ކަންނޭނގެއެވެ. އެހެންކަމުން ގެއިން ނިކުތްތާ ގަޑިއެއްހާއިރު ތެރޭގައި އަނބުރާ އެމީހުނަށް ގެއަށް އާދެވިއްޖެއެވެ.

      ގެއަށް އާދެވުމާއިއެކު އާދައިގެ މަތިން ޒައިނާ ނިހާގެ ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު ނިހާ ކޮބައިތޯ ބަލާލިއެވެ. އެކަމަކު ކޮޓަރިތެރެއިން ނިހާއެއް ނުފެނުނެވެ. އެހެންކަމުން ޒައިނާ ނިންމީ ނިހާވީ ފާޚާނާގައި ކަމުގައެވެ.

" ނިހާ! "

      ކޮޓަރީގެ ދޮރުމަތީގައި ކުޑައިރުކޮޅަކު މަޑުކޮށްލިއިރުވެސް ނިހާގެ އަޑެއް ބަޑެއް ފާޚާނާ ތެރެއިންވެސް ނީވުމުން ޒައިނާ ތަންކޮޅެއް ބާރަށް ނިހާއަށް ގޮވާލިއެވެ. އެކަމަކު އެއްވެސް ޖަވާބެއް ނުލިބުމުން ކުޑައިރުކޮޅަކު މަޑުކޮށްލުމަށްފަހު ޒައިނާ ނިހާގެ ކޮޓރިއަށް ވަދެގެންގޮސް ފާޚާނައިގެ ދޮރުގެ ތަޅުގައި ހިފާލައިފިއެވެ. ތަޅުހުރީ ހުޅުވާލާފައެވެ. އެހެންކަމުން ދެތިންފަހަރަކު ދޮރުގައި ޓަކި ޖަހާލުމަށްފަހު ޒައިނާ ދޮރު ހުޅުވާލައިފިއެވެ.

"ޒިޔާމް. "

      ޒައިނާ ވަރަށް ބާރަށް ހަޅޭއްލަވައި ގެންފިއެވެ. ހީވީ ބިރެއް ފެނިގެން ހަޅޭއްލަވައިގެން ހެނެވެ. އޭރު ޒިޔާމް ހުރީ ކޮޓަރިތެރެއެވެ.

" ކިހިނެއްވީ؟ "

      ދުވެފައި ކަހަލަ ގޮތަކަށްގޮސް ޒިޔާމް ނިހާގެ ކޮޓަރި ތެރެއަށް ވަދެއްޖެއެވެ.

" ނިހާ.............."

      ޒައިނާއަށް ވާހަކަ ދެއްކުނީ ވަރަށް އުނދަގުލުންނެވެ.

" ނިހާ ކިހިނެއްތަވީ......."

      ޒިޔާމް ގޮސް ޒައިނާ ދުރުކުރުމަށްފަހު ފާޚާނާތެރެއަށް ބަލައިލިއެވެ. ޒިޔާމްއަށް ފެނުނީ ފާޚާނާ ތެރެއަށް ވެއްޓިފައި އޮތް ނިހާއެވެ. މުޅި މީހާ އޮތީ ލެއިން ތަތްތެޅިފައެވެ. އެންމެފުރަތަމަ ޙައިރާންކަމާއިއެކު ޒިޔާމްއަށް ވެސް ބަލަހައްޓައިގެން ހުރެވުނީއެވެ.

" އެމްބިއުލަންސް އަށް ގުޅަންތަ؟ "

      ޒައިނާ ވާހަކަ ދެއްކީ ރޮމުން ރޮމުންނެވެ. އޭރު ގިސްލަ ލިސްލާފައި ނުރޮވުނަސް ޒިޔާމްއަށް ވެސް ހުރެވުނީ ފެންކަޅިވެފައެވެ. އާނއެކޭ ބުނުމުގެ ގޮތުން ޒިޔާމް ބޯޖަހާލިއެވެ. ނިހާ ހޮސްޕިޓަލަށް ގެންދެވުމާއިއެކު އަވަސް ފަރުވާ ދޭން ފަށައިފިއެވެ. ނަތީޖާއެއްގެ ގޮތުން ހޮސްޕިޓަލަށް ގެންދެވުނުތާ ބައިގަޑިއެއްހާއިރު ތެރޭގައި ނިހާ ހޭއަރައިފިއެވެ. ހޮސްޕިޓަލުގެ އިންޓެންސިވް ކެއަރ ރޫމްގެ ކުރިމަތީގައި ޒައިނާމެން އިށީންދެލައިގެން ތިއްބެވެ. އިރުކޮޅަކުން ނަރުސް ކުއްޖަކު ގޮވާލުމުން ޒައިނާ ނިހާ ބާއްވާފައި އޮތްތަނަށް ވަދެއްޖެއެވެ. އޭރު ޒިޔާމް އިނީ ބޭރުގައެވެ.

" ނިހާ ކިހިނެއްތޯ؟ "

      ނިހާއޮތް އެނދުކައިރިއަށް ހުއްޓުމުން ޒައިނާ ޑޮކްޓަރާ ސުވާލުކޮށްލިއެވެ. އޭރު ނިހާ އޮތީ ލޯމަރާލައިގެންނެވެ.

" ހުރިހާ ކަމެއްވެސް ރަނގަޅު. އެކަމަކު ބަންޑުން ވެއްޓި ބަނޑުޖެހުމުގެ ސަބަބުން ބަނޑަށްލިބުނު އަނިޔާއަކާއި ގުޅިގެން ބަޑުގައިވާ ދަރިފުޅުވަނީ ވެއްޓިފަ. "

0%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް