އާދީއްތަ 17 ނޮވެންބަރު 2019
04 ނޮރަ
1441 ރަބީއުލް އައްވަލް 20
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ވާހަކަ - ލޯބިން

އާމިރު ސަލީމް
produceramir

20 ފެބުރުއަރީ 2017 | ހޯމަ 06:21 8,726

ނިހާގެ އެއްޗެހިތައް ބޭރަށް އުކާލުމަށްފަހު އެއަންހެންމީހާ އެތެރެއަށްވަދެ ގޭގެ ދޮރު ވަރަަށް ބާރަށް ލައްޕާލައިފިއެވެ. އޭރު ނިހާ އިނީ އެއަންހެން މީހާ ކޮއްޕާލުމުންގޮސް ކާރުގެ ކައިރިއަށް ވެއްޓިފައެވެ. އޭރުވެސް ނިހާ އިނީ ރޯށެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. މިއީ ނިހާއަށް ބީރައްޓެހި ރަށެކެވެ. ދަންނަ މީހަކު ނެތެވެ. ވަންނާނެ ތަނެއް ނެތެވެ. އެއަށްވުރެ ބޮޑީ ނިހާގެ ނުކުޅެދުންތެރިކަމެވެ. ލޮލަށް ނުފެނުމެވެ. ނިހާ ބަލިވެއިން ކަމެވެ. އަތުގައި ފައިސާ ނެއްކަމެވެ.

ރޮމުން ރޮމުންގޮސް ނިހާއަށް އޭރު ގިސްލެވެން ފަށައިފިއެވެ. ދެރަވީވަރުންވެސް ކަންނޭނގެއެވެ. އޭރު ބިންމަތީގައި ހުރި ނިހާގެ ހެދުންތަކާއި ދަބަސް ޒައިނާ ނަގައިގެންގޮސް ކާރުގެ ޑިކީއަށް ލައިފިއެވެ. ދެން ނިހާގެ އަތުގައި ހިފާ ކޮޅަށް ނަގައިފިއެވެ. އެއީ އިންސާނިއްޔަތު ކަމެވެ. ތިމާފަދަ އަނެއް އަންހެނާގެ އިޙްސާސްތައް ދެނެގަތުމެވެ. އެނޫން ގުޅުމެއް އެދެމީހުންގެ ދެމެދަކު ނެތެވެ. ހަމައެހެންމެ ނިހާއަށް ޒައިނާއާއި ފުރަތަމަ ފަހަރަށް ބައްދަލުވީވެސް ހަމަ މިއަދުއެވެ. އެހީތެރިއެއްގެ ސިފައިގައެވެ.

އެ ހުރިހާކަމެއް ހިނގާދިޔައިރުވެސް ޒިޔާމްއިނީ ކާރުތެރޭގައެވެ. އެއްވެސް ޙަރަކާތެއްނެތިފައެވެ. ހިލައިން ހަދާފައިވާ ބުދެއް ފަދައިންނެވެ.

" ކިހިނެއް ހަދާނީ؟ "

ޒައިނާ ކާރުގެ ދޮރުފަތް ހުޅުވާލުމަށްފަހު ޒިޔާމްއާއި ވާހަކަ ދެއްކިއެވެ. މަޑަޑުންނެވެ.

" ތިބުނީ؟ "

އިސްޖަހާލައިގެން އިނދެ ޒިޔާމް ޖަވާބުދިނެވެ.

" މިބުނީ ނިހާ ބަހައްޓާފައި ދާންވީހޭ! މިހާރު އަނދިރިވެސް ވެއްޖެ؟ މަށަށް ހީވަނީ ނިހާގެ ދަންނަ ބަޔަކު މިރަށަކު ނޫޅޭހެން. އެކަހަލަ ކުއްޖަކު އެކަނި މަގުމައްޗަށް ދޫކޮށްލާފައި......"

" ދާން ނުކެރެންޏާ ގޮވައިގެން ހިނގާ "

ޒައިނާގެ ވާހަކަ ނުނިމެނީސް ޒިޔާމް އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

" ހިތްހަމައެއް ނުޖެހޭދޯ؟ "

ޒިޔާމް ވާހަކަ ދެއްކި ރާގުން ޒިޔާމްއިނީ ހިތްހަމަ ނުޖެހިފައިހެން ހީވެގެން ޒައިނާ ސުވާލުކޮށްލިއެވެ.

" ނޫން. ހިތްހަމަ ނުޖެހުނީއެއް ނޫން. ޒައިނާ ބޭނުންގޮތެއް! "

ޒިޔާމް ކާރު ސްޓާޓް ކޮށްލައިފިއެވެ. ޒައިނާވެސް ޒިޔާމްއާއި ދިމާލަށް ބަލަހައްޓައިގެން ކުޑައިރުކޮޅަކު ހުރުމަށްފަހު ދޮރުލައްޕާފައިގޮސް ނިހާ ކާރަށް އަރުވައިފިއެވެ.

" ކޮންތާކަށް އަހަރެން ތިގެންދަނީ؟ "

ދާންއުޅޭތަން ނިހާއަށް ޒައިނާ އޮޅުންފިލުވާ ދިނެވެ.

" ގޭމީހުން ޤަބޫލުވާނެތަ؟

ވާހަކަ ދައްކަމުން ދިޔައިރު ނިހާއަށް ގިސްލެވެން ފަށައިފިއެވެ.

" ގޭގައި ނޫޅޭނެ ބަޔަކު. އަހަރެންނާ އަހަރެންގެ ފިރިމީހާ އުޅޭނީ "

" ކޮބާ ފިރިމީހާ؟ "

ޒައިނާގެ ވާހަކަ ހަމަ ނިމުމާއިއެކު ނިހާ އަނެއްކާވެސް ބޮޑު ސުވާލެއް ޒައިނާގެ ބޯމަތި ކޮށްލިއެވެ. ނިހާ އެސުވާލު ކޮށްލުމުން ޒައިނާ ޒިޔާމްގެ މޫނަށް ވަލައިލިއެވެ. ޒިޔާމް ނޫނެކޭ ބުނުމުގެ ގޮތުން ބޯ ހޫރާލިއެވެ.

" ފިރިމީހާ މިދުވަސްކޮޅު ނޫލޭނެ. އެހެން ނޫނަސް އޭނަ ވަރަށް ހަމަޖެހޭނެ. ނޯންނާނެ މައްސަލައެއް "

ޒައިނާ މަސައްކަތްކުރީ ދޮގެއް ހަދައިގެން ނަމަވެސް ނިހާގެ ހިތް ހަމަޖައްސާ ދެވޭތޯއެވެ.

" އަރީފުއެއީ ފިރިމީހާތަ؟

އެއްވެސް މީހަކު އެއްވެސް ވާހަކައެއް ނުދައްކާ ހަމަހިމޭން ކަމާއިއެކު އެތައް ހިސާބަކަށް ދެވުމަށްފަހު ޒައިނާ އަނެއްކާވެސް ސުވާލެއް ކޮށްފިއެވެ. ހީވަނީ ޒައިނާ ބޭނުންވަނީ ނިހާއަކީ ކާކުކަން ދެނެގަންނަންް ހެންނެވެ.

" އެއީ އިންސާނެއް ނޫން. ހިތެއް އޮތް މީހަކަށް އެވާހަކަތައް އަޑުއަހާކަށް ފަސޭހައެއް ނުވާނެ. އޭނާ އަހަރެން މިރަށަށް ގެނައީ އިންނާނަމޭ ކިޔައިގެން. އަހަރެން އޭނާއަށް އިތުބާރުކުރިން. ބުނި ކޮންމެ އެއްޗެއް ޤަބޫލުކުރިން. އެކަމަކު ހުރިހާ ކަމެއް ދިމާވީ ހީކުރި ގޮތާ ޚިލާފަށް. މިރަށަށް އައި އިރުއްސުރެ އޭނާ އަހަރެން ގެންގުޅުނީ އޭނާ އިނދެގެން އުޅޭ އަނބިމީހާހެން އޭނާގެ ކޮޓަރީގަ. ކުރީކޮޅު ވަރަށް ހެޔޮ. އަހަރެން ހީކުރީ އޭނާ އަހަރެން ދެކެ ވަރަށް ލޯބިވާ ކަމަށް. އެކަމަކު އެގޮތުގައި ދުވަސްކޮޅެއް ފާއިތުވީއިރު އަހަރެންނަށް އިޙްސާސް ކުރެވެންފެށީ އަހަރެންނަކީ އޭނާ ކުޅެން ގެންގުޅޭ ކުޅޭ އެއްޗެއް ކަން. އޭނާ ބޭނުންވާ އުފާތަކެއް ހޯދަން ގެނެސްގެން އުޅޭ މެޝިނެއްކަމަށް. އޭނާ ބޭނުން ކޮންމެ ވަގުތަކު ބޭނުން ކޮންމެ ކަމެއް ކޮށްދިނުމަކީ އަހަރެންގެ ވަޒީފާ. ފުރަތަމަކޮޅު އެއްވެސް ފޫހިކަމެއް ޝަކުވާއެއް ނެތި އެވަޒީފާ އަހަރެން އަދާ ކުރަމުން ދިޔައިން. އަހަރެންނަކީ ކިހާވަރެއްގެ ފާފަވެރިއެއްކަމެއް އިޙްސާސެއް އޭރަކު ނުކުރެވޭ. އެކަމަކު އޭގެ ދުވަސްކޮޅެއް ފަހުން އޭނާ ބޭނުން ކޮންމެ ކަމެއް ކޮށްނުދެވޭ ކިންމެ ފަހަރަކު ތަޅާ އަނިޔާ ކުރަންފެށި. އަދި ދުވަހަކުވެސް އަހަރެންނާ ނުއިންނާނެ ކަމަށާއި، އަބަދުވެސް އަހަރެން ގެންގުޅޭނީ މިހެންނޭބުނި. ފަހުން ފަހުން އައިސް އަހަރެން ކޮޓަރިތެރޭގައި ބައިންދައިގެން އެކި ދުވަހު އެކި އަންހެންކުދިން ގޮވައިގެން ކޮޓަރިތެރޭގައި އުޅެންވެސް ފެށި. އަހަރެން އާދޭސްކުރިން އެހެން ނުހެދުމަށް އެދި، ދެފައިގައި ހިފާ  ސަލާންޖެހިން. އެކަމަކު އެއިން އެއްވެސް އަޑެއް އޭނައެއް ނާހާ. އެގޮތުގައި މަސްތަކެއް ފާއިތުވީއިރު އަހަރެން ބަލިވެއްޖެ. މީހާގެ ސިފަ ގެއްލި ހަށިގަނޑު ނިކަމެތިވާން ފަށައިފި. އެކަމކު އެއިން އެއްވެސް ކަމަކަށް އޭނާ އަޅައެއްނުލާ. ގެއަށް ވަންނަ ކޮންމެ ފަހަރަކު އޭނާ ބޭނުންކަމެއް ކޮށްފަ އޭނަ ދަނީ. އަދި އަހަރެންގެ ސިފައަށް ބަދަލު އަންނަން ފެށުމުން ކުރިއަށްވުރެ ބޮޑަށް އޭނާ އަހަރެންދެކެ ފޫހިވެ އަނިޔާ ކުރަންފެށީ.....

ރޮމުން ކަރުނައަޅަމުން އަސަރާއެކު ނިހާ ދައްކަމުންދިޔަ ވާހަކަތައް ހުއްޓާލައިފިއެވެ. ދެން ދެލޯ ފުހެލުމަށްފަހު ސީޓުގައި ރަނގަޅަށް ލެނގިލައިފިއެވެ. އޭރުވެސް ގިސްލަ ގިސްލާފައި ރުއިން ނޫންކަމެއް ނިހާއަކަށް ނުކުރެވެއެވެ. ކުޑަ އިރުކޮޅަކަށް ވާހަކަ ނުދައްކާ އިނުމަށްފަހު ހިތްވަރުކޮށްފައި ނިހާ އަނެއްކާވެސް އެހިތާމަވެރި ވާހަކަތައް ކިޔައިދޭން ފަށައިފިއެވެ.

" އެއްދުވަހަކު އޭނާ ގެއަށް އައިއިރު އަހަރެން އޮތީ  ވަރަށް ބޮޑަށް ހުންއައިސްފަ. އެކަމަކު ކޮޓަރިއަށް ވަންގޮތަށް އޭނާ ތަޅާ އަނިޔާ ކުރަންފެށި. އެނދުމަތީގައި އޮއްވާ ދަމާ ތިރިިއަށް ވައްޓާލި. އެވަގުތު ވެއްޓިގެންގޮސް އަހަރެންގެ މޫނު ޓައިލްސްތައް މަތީގައި ވަރަށް ބާރަށް ޖެހުނު. ހަމަ ޖެހުމާއިއެކު ނިއްކުރި ފަޅައިގެންގޮސް  ލޮލުންނާއި އެއްކޮށް ލޭއަންނަން ފެށި. އަހަރެންގެ މޫނުމައްޗަށް އަނދިރިވެ ޚަބަރު ހުސްވި. ދެން ވީގޮތެއް ނޭނގުނު. ހޭވެރިކަން ވީއިރު އޮވެވުނީ ކޮންތާކުކަމެއް ނޭނގުނު. ދެލޯ ބޮޑުކޮށްފަ ބަލަންފެށިން. އަނދިރިކަން ނޫންކަމެއް ނުފެނުނު. މީހުން ވާހަކަދައްކާ އަޑުއިވޭ. އެކަމަކު އެމީހުންނެއް ނުފެނޭ. އަހަރެން ވަރަށްބާރަށް ރޮއިގަތިން. އެކަމަކު އެއަޑު އަހާނެ މީހަކު ނެތް. އެތައްއިރަކު އެގޮތަށް ރޮނިކޮށް އައި ކުއްޖަކު ވާހަކަ ދެއްކި ގޮތުން އެނގުނީ އެއީ ނަރުސް ކުއްޖެއްކަމާއި މިއޮވެވުނީ ހޮސްޕިޓަލްގައިކަން. އަދި އެކުއްޖާ ބުނީ އަހަރެންގެ ބޮލަށް ލިބުނު ގެއްލުމެއްގެ ސަބަބުން ލޮލުގެ ފެނުން ގެއްލުނީކަމުގަ. އޮޕަރޭޝަނެއް ކޮށްގެން ރަނގަޅު ކުރެވިދާނެ ކަމުގަ. އެކަމަކު އަހަރެންގެ އެހީތެރިންގެ އަތުގައި އެވަރަށް ފައިސާ ނެތުމުން އެކަން މިވަގުތު އެމީހުނަށް ކުރެވެން ނެތްކަމަށް އެމީހުން ބުންޏޭވެސް އެކުއްޖާ ބުނި. އަހަރެންގެ ލަގޮނޑި ހީވީ ފަޅައިގެން ދިޔަހެން "

މާބޮޑަށް ގިސްލެވެން ފެށުމުން ދައްކަމުންދިޔަ ވާހަކަ ނިހާ އަނެއްކާވެސް ހުއްޓާލައިފިއެވެ. އޭރު ޒައިނާއަށްވެސް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. އޭރު އެމީހުނަށް ގެއަށް އާދެވިއްޖެއެވެ. ޒިޔާމް ކާރު މަޑުކުރުމުން ނިހާ ގޮވައިގެން ޒައިނާ ކާރުން ފައިބައިފިއެވެ. ދެން ނިހާގެ އަތުގައި ހިފައިގެން ގެއަށް ވަދުމަށްފަހު އައިސް ނިހާގެ އެއްޗެހިތައްވެސް ގެންގޮސް ގެއަށް ވައްދައިފިއެވެ. އޭރުވެސް ޒިޔާމް އިނީ ކާރުގައެވެ.

" ތާކަށް ދާންތަ ތިއުޅެނީ؟ "

ނިހާގެ ސާމާނުތައް ގެއަށް ވެއްދުމަށްފަހު އައިސް ޒައިނާ ޒިޔާމްއާއި ސުވާލުކޮށްލިއެވެ.

" އެބައަންނަން "

ދޮރު ލައްޕާލުމަށްފަހު ޒިޔާމް އަނެއްކާވެސް ކާރު ދުއްވާލައިފިއެވެ.

ވަރަށް ބާރަށް ކާރު ދުއްވާލާފައި ޒިޔާމް ގޮސް މަޑުކޮށްލީ ނިހާގެ ގޭގެ ކުރިމައްޗަށެވެ. ދެން ކާރުން ފައިބައިގެން ގޮސް އެގޭ ދޮރާށި ހުޅުވާލުމަށްފަހު އެތެރެއަށް ވަދެގެން ހިނގައްޖެއެވެ.

" އަރީފް އުޅުއްވާތަ؟ "

ސަލާމް ގޮވައިލުމަށްފަހު ގޭތެރެއިން ނުކުތް މީހަކާއި ޒިޔާމް ސުވާލުކޮށްލިއެވެ. ޖަވާބުދިނުމުގެ ގޮތުން އާނއެކޭ ބުނެފައި އެމީހަކު ގޭތެރެއަށް ވަދެގެން ހިނގައްޖެއެވެ.

" ޒިޔާމް ހީވެސް ނުކުރަން އަލުން ބައްދަލުވާނެ ކަމަކަށް. ކަމަކުތަ؟ :

އަރީފްއަށް ޒިޔާމް ފެނުމުން ޙައިރާންކަމާއިއެކު ސުވާލުކޮށްލިއެވެ. އެކަމަކު އަރީފަށް ޖަވާބެއްދިނުމުގެ ބަދަލުގައި ޒިޔާމް ނިކތީ ބޭރަށެވެ. ޒިޔާމް ނިކުތުމުން އަރީފުވެސް ބޭރަށް ނުކުމެއްޖެއެވެ.

" ޒިޔާމް މިރަށަށް އައިސް މިރަށު ކުއްޖަކާ އިންވާހަކަ އެހިން. އެކަމަކު ފަހުން ޚަބަރެއްނުވީ އަހަރެން ހީކުރީ އަންހެނުން ގޮވައިގެން މާލެ ދިޔައީކަމަށް "

ބޭރަށް ނުކުތުމަށްފަހު އަރީފް އަނެއްކާވެސް ވާހަކަ ދެއްކިއެވެ. އޭރު ޒިޔާމް ހުރީ ކާރުގައި ލެނގިލައިގެނެް އިސްޖަހާލައިގެންނެވެ.

" އަރީފް ކަލޭތީ ހާދަ ރަޙުމުވެސް ނެތް މީހެކޭ! "

އިސްޖަހާލައިގެން އިރުކޮޅަކު ހުރުމަށްފަހު ޒިޔާމް އަރީފުގެ މޫނަށް ބަލާލިއެވެ. އޭރު ޒިޔާމްގެ މޫނުމަތިން ފެންނަންހުރީ ރުޅިވެރިކަމުގެ އަސަރުތަކެވެ.

(ނުނިމޭ)

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް