އައްޑޫ ޑަބްލިއުޑީސީ ފަންތޮށި ކޯސް
އައްޑޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން އިންތިޒާމްކޮށްގެން ހިންގާ ފަންތޮށި ކޯހުގެ ބައެއް ބައިވެރިން ކޯހުގައި ތައްޔާރުކުރި އަމިއްލަ އުފެއްދުންތަކާއެކު.

އައްޑޫ ޑަބްލިއުޑީސީ ފަންތޮށިިި ކޯސް - ކޯހުގެ ބައެއް ބައިވެރިން. ފަޚުރުވެރިކަމާއެކު އެމީހުން އަމިއްލަ އަތުން ވިއެގެން އުފެއްދި ބިޔަ ދަބަސް ދައްކާލަނީ. އައްޑޫ ޑަބްލިއުޑީސީން އިންތިޒާމް ކުރި މިކޯހުގައި ފޭދޫން 30 ، މަރަދޫން އާއި މަރަދޫފޭދޫން 34 ، ހިތަދޫން 15 ، އަދި ހުޅުމީދޫން 24 ބައިވެރިންނާއެކު ޖުމްލަ 103 މީހުން ބައިވެރިވެފައިވޭ. ކާމިޔާބު މިކޯސް ނިމިގެންދާއިރު އައްޑޫސިޓީގެ ކޮންމެ އަވަށެއްގައި ފަންތޮށީގެ މަސައްކަތް ކުރާ ކަނބަލުންތަކެއް ތަމްރީން ވެފައި މިބޭނެކަމަށް އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާ ނުސްރަތު ރަޝީދު ވިދާޅުވި. – ފޮޓޯ: ޑަބްލިއުޑީސީ

އައްޑޫ ޑަބްލިއުޑީސީ ފަންތޮށިިި ކޯސް - ކޯހުން ދަސްކުރި ހުނަރު ބޭނުންކޮށްގެން ބައިވެރިއަކު ހަދާފައިވާ ފްރުޓް ބާސްކެޓެއް. މިކޯހުގައި ބައިވެރިންނަށްވަނީ ފަންތޮށި ބޭނުންކޮށްގެން 10 ބާވަތެއްގެ އައިޓަމް ތައްޔާރު ކުރާނެ ގޮތް ދަސްކޮށްދީފަ – ފޮޓޯ: ޑަބްލިއުޑީސީ

އައްޑޫ ޑަބްލިއުޑީސީ ފަންތޮށިިި ކޯސް - ބައިވެރިއަކު ހަދާފައިވާ "މުޑޭށި" ނުވަތަ މުޅޯއްޓެއް. މުޅޯއްޓަކީ އިހުގެ ކާބަފައިން ގިނަ ބޭނުންތަކުގައި އެއްތަނުން އަނެއްތަކަށް ތަކެތި އުފުލުމުގައި ބޭނުން ކުރި އަމިއްލަ އުފެއްދުމެއް. އޭރުގެ ދަނޑުވެރި އަންހެނުން ކައްޓަލަ ، އަލަ، ފަޅޯ، ޒުވާރި ފަދަ ތަކެތި ދަނޑުބިންތަކާއި ގަސްގަހުން ކަނޑާ ބިނދެގެން މުޅޯއްޓަށް އަޅައިގެން ބޯމަތީ ގައި ގެއާއި ހަމަޔަށް އުފުލާހެދި. – ފޮޓޯ: ޑަބްލިއުޑީސީ

އައްޑޫ ޑަބްލިއުޑީސީ ފަންތޮށިިި ކޯސް - ފަންތޮށި ބޭނުންކޮށްގެން ބައިވެރިން ވިޔެފައިވާ އަތްމަތީ ދަބަހެއް. މިއީ ޒަމާނީ ފަހުގެ ފެޝަނަށް ލޯބިކުރާ ފަރާތްތަކަށްވެސް ބޭނުންކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ރީތި ދަބަހެއް. އައްޑޫ ޑަބްލިއުޑީސީން މިފަދަ ކޯހެއް ހިންގާ އެންމެ ބޮޑު މަގްސަދަކީވެސް ތިމާވެއްޓާއި ރައްޓެހި އަމިއްލަ އުފެއްދުންތަކެއް ހަދަން ދަސްކޮށްދިނުމާއެކު މިފަދަ ތަކެތީގެ މުހިއްމުކަން ވަޒަންކޮށްދީ އުވެމުން ނެތެމުންދާ ދިވެހި ސަގާފީ މަސައްކަތްތަކަށް މީހުން އަހުލުވެރިކުރުވުން ކަމަށް އެކޮމިޓީން މައުލޫމާތުދެއްވާ – ފޮޓޯ: ޑަބްލިއުޑީސީ

އައްޑޫ ޑަބްލިއުޑީސީ ފަންތޮށިިި ކޯސް - ފަންތޮށި ކޯހުގެ ބައިވެރިން ހަދާފައިވާ އިތުރު އައިޓަމެއް. މިއީވެސް ތަކެތި އަޅައިގެން އުފުލޭގޮތަށް ހަދާފައިވާ ދަބަހެއްގެ ވައްތަރެއް. މިކޯހުގެ ބައިވެރިންދަނީ ބާޒާރު ކުރުމަށާއި ދަތުރު ދިއުންފަދަ ކަންތަކަށް އެމީހުން ދަސްކުރި ތަކެތި ވަރަށް އެކަށޭނަ ކަމަށް ބުނެ އެފަދަ ކަންކަމަށް އެތަކެތި ބޭނުންކުރަމުން . މިއީ ޒީރޯ ޕްލާސްޓިކް ގައުމަކަށް ރާއްޖެ ހެދުމަށް ކުރާ މަސައްކަތުގައި، މިހާރު ބޭނުންކުރާ ޕްލާސްޓިކް ސާމާނާއި ބާޒާރު ކޮތަޅުގެ ބަދަލުގައި ވެސް ގެންގުޅެވިދާނެ މުހިއްމު ސާމާނުތަކެއް. – ފޮޓޯ: ޑަބްލިއުޑީސީ

އައްޑޫ ޑަބްލިއުޑީސީ ފަންތޮށިިި ކޯސް - ކޯހުގެ ބައިވެރިއަކު ހަދާފައިވާ މުޅޯށީގެ އިތުރު ވައްތަރެއް. ފަންތޮށި ކޯހުގައި މުޅޯށީގެ 3 ވައްތަރެއް ބައިވެރިން ވަނީ ދަސްކޮށްފަ. އޭގެ އިތުރުން އެކި ވައްތަރުގެ ހޭންޑްބޭގްތަކާއި ފްރުޓް ބާސްކެޓްތަކާއި ތޮފި ފަދަ ތަކެތި ހަދާނެގޮތް މިކޯހުގައި ވަނީ ބައިވެރިންނަށް ދަސްކޮށްދީފައި. ކޯހުގެ ބައިވެރިންވަނީ އެމީހުން ދަސްކުރި ތަކެތި ބާޒާރަށް ނެރޭނެކަމަށް ބުނެފައި. މިހާރުވެސް ސްކޫލްތަކުގައި ހިންގާ ހަރަކާތްތަކަށާއި މެހްމާނުންނަށް ހަދިޔާ ދިނުންފަދަ ކަންކަމަށް ފަންތޮށީގެ އުފެއްދުންތައް ބޭނުންވެގެން އެދިފައިވާކަމަށް ޑަބްލިއުޑިސީން ހާމަކުރި. – ފޮޓޯ: ޑަބްލިއުޑީސީ

އައްޑޫ ޑަބްލިއުޑީސީ ފަންތޮށިިި ކޯސް - ކޯހުގެ ބައިވެރިން ހަދާފައިވާ ވަށިގަނޑެއް. މިއީވެސް އަލަމާރީގައި އޯގަނައިޒަރ އެއްގެ ގޮތުން ބޭނުން ކުރުން ނުވަތަ ކުނިއަޅާ ޑަސްބިނެއްގެ ގޮތުގައިވެސް ނޫންނަމަ ކުޑަކުދީން ކުޅޭ ސާމާނު އެޅުން ފަދަ ކަމަކަށް ބޭނުން ކުރެވިދާނެ ރީތި އުފެއްދުމެއް. މިކޯހުގެ ބައިވެރިން ވަނީ ފަސޭހައިން ދިވެހިންނަށް ލިބެން ހުންނަ ފަންތޮށީގެ ބޭނުން ކޮށްގެން ދިރިއުޅުމުގެ ބޭނުންތަކުގައި ހިފައިގެންގުޅޭ ސާމާނުތައް ބޭނުން ސައިޒަކަށް ބޭނުން ބައްޓަމަކަށް ހަދައިގެން ބޭނުންކުރުމުގެ ހިތްހަމަޖެހުން ހާސިލުކޮށްފައި. – ފޮޓޯ: ޑަބްލިއުޑީސީ