ރައީސް މައުމޫނުގެ ޕީޕީއެމް އޮފީހަށް ފުލުހުން ވަނުން

ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ނަމުގައި ތެމާގައި ހިންގަމުންދާ އޮފީސް ހިންގުން ހުއްޓުވުމަށާއި އެ ޕާޓީގެ ރައީސްގެ ނަމުގައި އެއްވެސް ހަރަކާތެއް ހިންގާ ނަމަ އެކަން ހުއްޓުވަން ސިވިލް ކޯޓުން ނެރުނު އަމުރާ އެކު ފުލުހުން އެ އޮފީހަށް ހުކުރު ދުވަހުގެ ރޭ ވަނީ ވަދެފައި.

ހ.ތެމާގައި ހުރި ޕީޕީއެމްގެ ނަންބޯޑު ފުލުހުން ނަގައިގެން ގެންދަނީ.

ފުލުހުން މިރޭ ކޯޓް އަމުރެއްގެ ދަށުން ޕީޕީއެމް އޮފީސްގައި ހަރަކާތްތެރިވިވަގުތު ގިނަބަޔަކު ވަނީ އެސަރަހައްދަށް އެއްވެ ހިތްހަމަނުޖެހުން ފާޅުކޮށްފައި.

ފުލުހުން ޕީޕީއެމްގެ ރައީސް އޮފީހުގައި ހަރަކާތްތެރިވި ވަގުތު ގިނަބަޔަކު ނުރުހުން ފާޅު ކުރަމުން ގެންދިޔަ.

ރައީސް މައުމޫން ވިދާޅުވެފައިވަނީ ހުއްދަ ނުހޯދައި ޕީޕީއެމްގެ ރައީސްގެ އޮފީހަށް ވަދެ ގެއްލުން ދިން މީހުންގެ މައްޗަށް ދައުވާ ކުރައްވާނެ ކަމަށް.

ފުލުހުން ވަނީ ނަން ބޯޑުގެ އިތުރުން އޮފީހުގައި ނަގާފައި ހުރި ޕީޕީއެމްގެ ދިދަވެސް ނަގައިގެން ގެންގޮސްފައި

ކޯޓު އަމުރު ތަންފީޒު ކުރުމަށްކަމަށް ބުނެ، ފުލުހުން ޕީޕީއެމް އޮފީހަށް ވަނީ ތަޅު ހަލާކު ކޮށްލައިގެން ހުކުރު ދުވަހުގެ ރޭ 7:30 ގައި.

ހ. ތެމާގައި ހިނގަމުން ދިޔަ ޕީޕީއެމްގެ ރައީސް، އަދި ކުރީގެ ރައީސް މައުމޫނުގެ އޮފީހުގައި ހުރި ޕީޕީއެމްގެ ދިދައާއި ނަންބޯޑު ނަގަން ފުލުހުންގެ ފައުޖެއް އައިސް އެތައް ބައެއްގެ ކުރިމަތީގައި ހަރަކާތްތެރި ވެއްޖެ.