ޣައްޒާ ހިފުމަށް އިސްރާއީލުން ދެމުންދާ ހަމަލާތައް
އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން އަންނަނީ މެދުކެނޑުމެއްނެތި ޣައްޒާއަށް ހަމަލާދެމުން.

ގައްޒާއަށް ޔަހޫދީ ސިފައިން ދިން ހަމަލާތަކުގައި ޝަހީދުވި މީހެއް ގެންދަނީ
ފަލަސްތީނަށް އދ ގެ ފުރިހަމަ މެމްބަރުކަން ދޭން އާންމު މަޖިލީހުން ފާސްކޮށްފި
ފަލަސްތީނަށް އދ ގެ ފުރިހަމަ މެމްބަރުކަން ދޭން އާންމު މަޖިލީހުން ފާސްކޮށްފިއެވެ.
ފަލަސްތީނަށް އދ ގެ ފުރިހަމަ މެމްބަރުކަން ދޭން ފެންނަކަމަށް ވޯޓު ދީފައިވަނީ 143 ގައުމުންނެވެ. އެކަމާއި ދެކޮޅު ހެދީ 9 ގައުމަކުންނެވެ. އެއްވެސް ކޮޅަކަށް 25 ގައުމަކުން ވޯޓު ދީފައެއްނުވެއެވެ.
އައް ޝިފާ ހޮސްޕިޓަލުން މިއަދު ފެނުނު ކަށްވަޅުގައި 50ށް ވުރެ ގިނަ ހަށި
އައް ޝިފާ ހޮސްޕިޓަލުން މިއަދު ފެނުނު ކަށްވަޅުގެ ތެރެއިން 50ށް ވުރެ ގިނަ ހަށިގަނޑު ފެނިފައިވާކަމަށް ޣައްޒާގެ އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ޑިރެކްޓަރ މުތަސިމް ސަލާހް ވިދާޅުވެއްޖެއެވެ.
އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާއިން އެތައް ދުވަހެއް ވަންދެން އައް ޝިފާ ހޮސްޕިޓަލު ހިސޯރުކުރުމަށްފަހު އެތަނުން ދިޔަފަހުން މީގެކުރިން ވަނީ މިފަދަ ދެ ކަށްވަޅު ފެނިފައެވެ. އެންމެ ފަހުން ފެނުނު ކަށްވަޅުގައި ވާ މީހުންނަކީ ދިރިތިއްބާ ވަޅުލާފައިވާ މީހުންކަމަށް މުތަސިމް ވިދާޅުވިއެވެ. އެގޮތުން ރިސެޕްޝަނާއި، އެމަރޖެންސީ ޑިޕާޓްމަންޓް ފަދަ އިސްރާއީލުން އެއްކޮށްކަހަލަ ގޮތަކަށް ހަލާކުކޮށްފައިވާ ތަންތަނުން ހަށިތައް ފެނިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
ޝަހީދުވެފައިވާ މީހުންގެ މައްޗަށް އިމާރާތުގެ ބައިތަކާއި ކުނިތައް އަޅާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
ބައެއް ހަށިތައް ފެނިފައިވަނީ އެމީހުން ރިސެޕްޝަނާއި އެމަރޖެންސީ އޭރިއާގައި އެނދުތައް މަތީގައި ތިއްބާކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ މާނައަކީ އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާއިން އެތަންތަން ހަލާކުކޮށްފައިވަނީ ބަލި މީހުންނާއި ޒަޚަމްވެފައި ތިބި މީހުން އެނދުމަތީގައި ތިއްބާކަމަށް އޭނާ ވިދާޅުވިއެވެ.
ކޮންމެ ގަޑިއިރަކު 200 މީހުން ރަފަހް ދޫކޮށް އެހެން ހިސާބުތަކަށް ބަދަލުވޭ
އިސްރާއީލުން ރަފަހަށް ދެމުންދާ ހަމަލާތަކާއި ގުޅިގެން ކޮންމެ ގަޑިއިރަކުން 200 މީހުން ރަފަހު ދޫކޮށްދާކަމަށް އދ ގެ ފަލަސްތީނުގެ ރައްޔިތުންނާ ބެހޭ ރިލީފް އެޖެންސީން ބުނެފިއެވެ.
އެޖަމިއްޔާއިން ބުނީ ގިނަ އަދަދެއްގެ ބަޔަކު ދަނީ ޚާން ޔޫނުސް އާއި ޣައްޒާގެ މެދު ތެރެއަށް ބަދަލުވަމުންނެވެ. އަދި މިހާތަނަށް ހޯމަ ދުވަހުން ފެށިގެން 50،000 މީހުން ރަފަހު ދޫކޮށް އެކި ހިސާބުތަކަށް ގޮސްފައިވާކަމަށް އެޖަމިއްޔާއިން ބުނެއެވެ.
ސުލްހައިގެ ވާހަކަތަކަށް ހަމާސްގެ ވަފުދު މިސްރަށް ހިނގައްޖެ
ސުލްހައިގެ ވާހަކަތައް އިތުރަށް ކުރިޔަށްގެންދިޔުމަށް ހަމާސް ގެ ވަފުދު މިސްރަށް ގޮސްފައިވާކަމަށް އެ ޖަމާއަތުން ބުނެފިއެވެ.
ސުލްހައިގެ ވާހަކަތަކަށް ދޯހާއިން މިވަފުދު ގޮސްފައިމިވަނީ ސުލްހައިގެ ވާހަކަތައް މިހާރު ގޮސްފައިވާ ހިސާބުން ދެން ކުރިޔަށްދާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށެވެ. އެގޮތުން ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ގަތުލު އާންމު ނިމުމަކަށް ގެނައުމަށް އެެއްބަސްވުން ފުރިހަމަކުރުމަށް ވާހަކަތައް ކުރިޔަށްގެންދާނެކަމަށް ހަމާސް އިން ބުނެއެވެ.
ސުލްހައިގެ ވާހަކަތަކުގައި ބައިވެރިވާ ހަމާސްގެ ވަފުދު މިސްރުން ފުރާފައިވަނީ މިދިޔަ ހަފްތާ ތެރޭގައެވެ. އަދި ރޭގެ ވަގުތެއްގައި ހަމާސް އިން ވަނީ ހަމަލާ ދިނުން ހުއްޓާލަން އެއްބަސްވާކަން ހާމަކޮށްފައެވެ.
ވާހަކަތައް ކުރިޔަށްގެންދިޔުމަށް އިސްރާއީލުގެ ވަފުދުވެސް މިހާރު ވަނީ މިސްރަށް ގޮސްފައެވެ.
އަސީރުން މިނިވަންކުރުމަށް ރަފަހަށް އެރުމަކީ މުހިންމު ކަމެއް: ނަތަންޔާހޫ
ރަފަހުގެ ބޯޑަރު އިސްރާއީލުގެ ބާރުގެ ދަށަށް ގެނައުމަކީ ހަމާސްގެ ބާރު ކަނޑުވާލުމަށް އަޅަންޖެހޭ މުހިންމު ފިޔަވަޅެއްކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ބުނެފިއެވެ.
ނަތަންޔާހޫ ބުނެފައިވަނީ ހަމާސް އަށް އަސްކަރީ ގޮތުން ޕްރެޝަރ އިތުރުކުރުމަކީ އަސީރުން މިނިވަންކުރުމަށް ކުރަންޖެހޭ ކަމެއްކަމަށެވެ. އަދި ހަމާސް އިން އެއްބަސްވެފައިވާ އެއްބަސްވުމުގައި އިސްރާއީލުގެ މުހިންމު ޑިމާންޑްތައް ނެތްކަމަށްވެސް ނަތަންޔާހޫ ވަނީ ބުނެފައެވެ.
އިސްރާއީލުން ދިން ހަމަލާއެއްގައި އަސީރަކު މަރުވެފައިވާކަމަށް ހަމާސް އިން ބުނެފި
އިސްރާއީލުން ވައިގެ މަގުން މީގެ މަހެއްހާ ދުވަސްކުރިން ދިން ހަމަލާއެއްގައި ލިބުނު ޒަޚަމްތަކާއި ގުޅިގެން އަސީރަކު މަރުވެފައިވާކަމަށް ހަމާސް އިން ބުނެފިއެވެ.
ހަމާސްގެ އަސްކަރީ ގޮފި ޤައްސާމް ބްރިގޭޑްގެ ސްޕޯކްސްޕާސަން އަބޫ އުބައިދާ ބުނީ މަރުވެފައިވަނީ އުމުރުން 70 އަހަރުގެ ޖޫޑީ ފިންސްޓަން ކިޔާ މީހެއްކަމަށެވެ. އޭނާ އާ އެއްތަނެއްގައި ހުރި އެހެން އަސީރަކަށްވެސް ސީރިއަސް އަނިޔާތަކެއް ލިބިފައިވާކަމަށް އަބޫ އުބައިދާ ވަނީ ބުނެފައެވެ.
ބެލެވޭ ގޮތުގައި ހަމާސްގެ އަތްދަށުގައި އަދިވެސް 130 އަސީރުން ތިބޭނެއެވެ.
ސުލްހައި ވާހަކަތަކަށް އިސްރާއީލު ޓީމަށް މިސްރަށް ދާނެކަމަށް އިސްރާއީލުން ބުނެފި
ރޭގެ ވަގުތެއްގައި ހަމާސް އިން އެއްބަސްވި ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އިސްރާއީލުގެ ޓީމެއް މިސްރަށް ދާނެކަމަށް އިސްރާއީލު ސަރުކާރުގެ ތަރުޖަމާނަކު ބުނެފިއެވެ.
ކުރިން އިސްރާއީލުން ވަނީ މި އެއްބަސްވުމުގައި އިސްރާއީލުން ބޭނުންވާ އެންމެ މައިގަނޑު ކަންކަން ނުހިމެނޭކަމަށް ބުނެފައެވެ. އަދި އެއްގަމު މަގުން ރަފަހަށް ވަނީ އަރާފައެވެ.
އިސްރާއީލުގެ އޮފިޝަލަކާ ހަވާލާދީ ރޮއިޓަރސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިސްރާއީލުން ޣައްޒާގައި ކުރިޔަށްގެންދާ ގަތުލުއާންމު ނިމުމަކަށް ގެންނާނީ ޣައްޒާގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތްތަކުން ހަތިޔާރު ބަހައްޓާ އިސްރާއީލުގެ އަސީރުން މިނިވަންވުމުންނެވެ.
ރަފަހުގައި އިސްރާއީލުން އަސްކަރީ އޮޕަރޭޝަން ކުރިޔަށްގެންދާ ސަރަހައްދުތަކުން ބައިނަލްއަގްވާމީ ޖަމާއަތްތަކުން ފޭބުމަށް އިސްރާއީލުން އެދެފި
ބައިނަލްއަގްވާމީ ޖަމާއަތްތަކުގެ ތެރެއިން ރަފަހުގައި މިހާރު ހަރަކާތްތެރިވާ ޖަމާއަތްތަކުން އިސްރާއީލުން އަސްކަރީ އޮޕަރޭޝަން ހިންގަމުންދާ ސަރަހައްދުތަކުން ފޭބުމަށް އިސްރާއީލު ސަރުކާރުން ގޮވާލައިފިއެވެ.
އިސްރާއީލުން ތުހުމަތުކުރާ ގޮތުގައި ޣައްޒާއަށް ތަކެތި އެތެރެވާ މައި ބޯޑަރ ސަރަހައްދު ކަމުގައިވާ ރަފަހް ކްރޮސިންގ އިން އެތެރެވާ ތަކެއްޗަކީ ހަމާސް އާއި އެނޫންވެސް ހަނގުރާމަވެރި ޖަމާއަތްތަކުގެ ބޭނުމަށް ތަކެތި އެތެރެކުރާ ކްރޮސިންގ އެކެވެ.
އިސްރާއީލުން މިހާރު ވަނީ ރަފަހް ބޯޑަރ ކްރޮސިންގ ގެ ޣައްޒާ އާ ވީ ފަރާތް އިސްރާއީލުގެ ބާރުގެ ދަށަށް ގެނެސްފައެވެ. އެއާއެކު ޣައްޒާއަށް އެހީވަނުން ވަނީ އެއްކޮށްހެން ބަންދުވެފައެވެ. ނަމަވެސް އިސްރާއީލުން ބުނަމުން އަންނަނީ ޣައްޒާއަށް އެހީ ވަންނަމުންދާނެކަމަށެވެ.
ރަފަހްގެ މެދު ތެރޭގައި ހުރި މިސްކިތަކަށް އިސްރާއީލުން ހަމަލާދީފި
އިސްރާއީލުން ރަފަހަށް އަމާޒުކޮށް ދެމުންދާ ވައިގެ ހަމަލާތަކުގައި ރަފަހުގެ މެދު ތެރޭގައި ހުރި މިސްކިތަކަށް އަމާޒުކޮށް މިސައިލް ހަމަލާ ދީފިއެވެ.
އެސަރަހައްދުގައި ހުރި އަލްޖަޒީރާގެ ނޫސްވެރިޔާ ބުނާ ގޮތުގައި މި ހަމަލާދިނީ މިސްކިތާ ކައިރި ހިސާބުގައި ހުރި މާރުކޭޓެއްގައި ގިނަ އަދަދެއްގެ ބަޔަކު ހަރަކާތްތެރިވަމުން ދަނިކޮށެވެ. އަދި މިއީ ކުރިޔަށް އޮތްތަނުގައި އެސަރަހައްދަށް ހަމަލާދޭނެކަން އެންގުމަށް ދިން އިންޒާރެކެވެ.
މި 24 ގަޑިއިރު ހިނގާދިޔަ މައިގަނޑު ކަންކަން:
- ޣައްޒާގެ އެންމެ ދެކުނުގައި އޮންނަ ރަފަހަށް ވަދެވޭ ސަރަހައްދު އިސްރާއީލުގެ ބާރުގެ ދަށަށް ގެނައުން
- އިސްރާއީލުން ތުހުމަތުކުރާ ގޮތުގައި އެސަރަހައްދު ބޭނުންކުރަމުން އަންނަނީ ހަމާސް އިން
-ރަފަހު ކްރޮސިންގ ހުރަސްކުރުމަށް އދ ގެ މުވައްޒަފުންނަށް އިސްރާއީލުން ހުރަސްއަޅާފައިވާކަމަށް އދ ން ބުނުން
އިސްރާއީލުން ރަފަހަށް ހަމަލާދޭން ފަށައިފި
އިސްރާއީލުން ޣައްޒާގެ އެންމެ ދެކުނުގައި އޮންނަ ސިޓީ ކަމުގައިވާ ރަފަހަށް ހަމަލާ ދޭން ފަށައިފިއެވެ.
އިސްރާއީލު އަސްކަރިއްޔާއިން ބުނީ ވަކި ތަންތަނަށް އަމާޒުކޮށްގެން އިސްރާއީލު އަސްކަރިއްޔާއިން ހަމަލާދެމުން އަންނަކަމަށެވެ. އެކަމުގެ ތަފްސީލުތައް ދެމުން ގެންދާނެކަމަށްވެސް އިސްރާއީލު އަސްކަރިއްޔާއިން ބުނެއެވެ.
ހަނގުރާމަ ހުއްޓާލުމާއި ގުޅޭ ވާހަކަތައް ދެއްކުމަށް މީހުން ފޮނުވިނަމަވެސް ރަފަހުގައި އޮޕަރޭޝަން ކުރިޔަށްގެންދިޔުމަށް އިސްރާއީލުން ނިންމައިފި
ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ހަމާސް އިން އެއްބަސްވުމާއި ގުޅިގެން އެއެއްބަސްވުމާއި ގުޅޭގޮތުން ވާހަކަ ދެއްކުމަށް އިސްރާއީލުގެ ފަރާތުން މީހުން ފޮނުވުމަށް އިސްރާއީލުގެ ހަނގުރާމައާ ބެހޭ ކެބިނެޓުން ނިންމައިފިއެވެ.
ނަމަވެސް އިސްރާއީލުން ރަފަހުގައި އަސްކަރީ އޮޕަރޭޝަން ކުރިއެކޭ އެއްގޮތަށް ކުރިޔަށްގެންދިޔުމަށްވެސް ހަނގުރާމަ އާ ބެހޭ ކެބިނެޓުން ވަނީ ނިންމާފައެވެ. އިސްރާއީލުން ބުނާގޮތުގައި ރަފަހުގައި އިސްރާއީލުގެ އޮޕަރޭޝަން ކުރިޔަށް ގެންދަނީ ހަމާސްގެ އަސްކަރީ ބާރު ކަނޑުވާލާ އިސްރާއީލުން މިހަނގުރާމައިން ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ހާސިލުކުރުމަށެވެ.
ހަމަލާ ބަދަލުކުރުމުގެ ޑީލަށް އެއްބަސްވުމަށް ގޮވާލާ އަސީރުންގެ އާއިލާތައް ތަލް އަވީވްގެ މަގުތަކަށް
ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ހަމާސް އިން އެއްބަސްވުމާއެކު ހަމާސްގެ އަތްދަށުގައި ތިބި އިސްރާއީލުގެ ރައްޔިތުންގެ އާއިލާތަކުން ތަލް އަވީވްގެ މަގުތަކަށް ނިކުމެ މުޒާހަރާކުރަން ފަށައިފިއެވެ.
ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެމީހުން ގޮވަމުންދާއިރު އެކަމަށް އެއްބަސްނުވެއްޖެނަމަ މުޅި އިސްރާއީލު އަނދާ އަޅިއަށް ހަދާލާނެކަމަށްވެސް ބައެއް އާއިލާތަކުން އަންނަނީ ގޮވަމުންނެވެ.
ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ހަމާސް އިން އެއްބަސްވުމާއެކު ޣައްޒާގެ ރައްޔިތުން އުފާފާޅުކުރަނީ
ހަމަލާ ބަދަލުކުރުން ހުއްޓާލަން ހަމާސް އިން އެއްބަސްވުމާއެކު ޣައްޒާގެ ރައްޔިތުން އަންނަނީ އުފާފާޅުކުރަމުންނެވެ. ވަކިން ޚާއްސަކޮށް ރަފަހުގައި ތިބި އެތައް ހާސް ރައްޔިތުންނެއް އަންނަނީ އެމީހުންގެ ގެދޮރަށް އަނބުރާ ދެވޭނެތީވެ އެކަމުގެ އުފާފާޅުކުރަމުންނެވެ.


ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ހަމާސްއިން އެއްބަސްވުމުން އެމެރިކާއިން އެކަން ދިރާސާކުރަނީ
ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ހަމާސް އިން އެއްބަސްވި އެއްބަސްވުން އެމެރިކާއިން ދިރާސާކުރަމުން އަންނަކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ސްޕޯކްސްޕާސަން މިލާ ވިދާޅުވެއްޖެއެވެ.
އެއްބަސްވުން މުރާޖާކުރަން ނަގާނެ ވަގުތެއް އެމެރިކާއިން ހާމައެއްނުކުރެއެވެ. ނަމަވެސް އެއީ އެމެރިކާއިން އެންމެ އިސްކަމެއްދީގެން ކުރާނެ ކަންތައްކަމަށްވެސް މިލާ ވިދާޅުވިއެވެ.
ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން ތަންފީޒުކުރައްވާނެކަމަށް ބައިޑަން ވިދާޅުވި: ހަމާސް
ހަމަލާ ބަދަލުކުރުން ހުއްޓާލުމާ ގުޅޭގޮތުން ދެކެވުނު ވާހަކަތަކުގައި މެދުވެރިއެއްގެ ރޯލު އަދާކުރި ފަރާތްތަކުން ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން އެމެރިކާގެ ރައީސް ޖޯ ބައިޑަން ތަންފީޒުކުރައްވާނެކަމަށް ބުނެފައިވާކަމަށް ހަމާސް އިން ބުނެފިއެވެ.
ހަމާސްގެ ޑެޕިޔުޓީ ލީޑަރ އަލް ޖަޒީރާ އާ ވާހަކަދައްކަވަމުން ވިދާޅުވީ ހުދު ބައިޑަން ވަނީ މިއެއްބަސްވުން ތަންފީޒުކުރެއްވުމުގައި އަމަލީ ގޮތުން ކުރެވެން ހުރި މަސައްކަތްތައް ކުރައްވާނެކަމަށް ވިދާޅުވެފައިކަމަށް އެފަރާތްތަކުން ބުނެފައިވާކަމަށެވެ. އެކަމާއި ގުޅޭގޮތުން އެމެރިކާއިން އަދި ވަކި އެއްޗެއް ނުބުނެއެވެ.
ޚަލިލް އަލް ހައްޔާ އަލް ޖަޒީރާ އާ ވާހަކަދައްކަވަމުން ވިދާޅުވީ ފުރަތަމަ ފޭސްގެ ދަށުން ގެދޮރު ގެއްލިފައިވާ ޣައްޒާގެ ރައްޔިތުން އަނބުރާ އެމީހުންގެ ގެދޮރަށް ދާނެކަމަށާއި އަދި އެހީގެ ސާމާނު އޭގެތެރޭގައި ބޭހާއި ތެޔޮވެސް ހިމެނޭގޮތަށް ޣައްޒާއަށް އެތެރެކުރެވެމުންދާނެކަމަށެވެ.
މީގެއިތުރުން ހަމާސްގެ އަތްދަށުގައި ތިބި ކޮންމެ އަސީރެއްގެ ބަދަލުގައި އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ އަންހެނުންގެ ތެރެއިން 50 އަންހެނުން މިނިވަންކުރާނެއެވެ. އަދި ދެވަނަ ފޭސްގައި ހަމާސްގެ އަތްދަށުގައި ތިބި އިސްރާއީލުގެ އަސީރުންގެ ތެރެއިން ފިރިހެން އަސީރުން މިނިވަންކުރާނެއެވެ. އަދި އޭގެ ބަދަލެއްގެ ގޮތުގައި އިސްރާއީލު ޖަލުތަކުގައި ތިބި ފަލަސްތީނުގެ ރައްޔިތުން މިނިވަންކުރާނެއެވެ.
ތިން ވަނަ ފޭސް އަކީ ޣައްޒާ އަލުން އާރާސްތުކުރުމުގެ ފޭސް އެވެ. އެއީ ތިން އަހަރާއި ފަސް އަހަރާ ދެމެދު ކުރިޔަށްދާ ފޭސް އެކެވެ.
ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވުމަށް އުރުދުޣާން އިސްރާއީލަށް ގޮވާލައްވައިފި
ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ހަމާސް އިން އެއްބަސްވި އެއްބަސްވުމަށް ތުރުކީގެ ބޮޑުވަޒީރު ރަޖަބް ތޮއްޔިބު އުރުދުޣާން މަރުޚަބާ ވިދާޅުވެ އެކަމަށް އިސްރާއީލުންވެސް އެއްބަސްވުމަށް އުރުދުޣާން ގޮވާލައްވައިފިއެވެ.
އަދި އުރުދުޣާން ވަނީ ހުޅަނގުގެ ގައުމުތަކަށް އެކަމަށް އިސްރާއީލަށް ޕްރެޝަރ ކުރުމަށްވެސް ގޮވާލައްވާފައެވެ.
ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ހަމާސް އިން އެއްބަސްވުމާއެކު ނަތަންޔާހޫއަށް އޮތް ޕްރެޝަރ އިތުރަށް ބޮޑުވަނީ
ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ހަމާސް އިން އެއްބަސްވުމާއެކު އިސްރާއީލުގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ އަށް އޮތް ޕްރެޝަރ ބޮޑުވަމުންދާކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެފިއެވެ.
ނަތަންޔާހޫ އަންނަނީ ޣައްޒާގައި ދެކުނުގައި އޮންނަ ރަފަހް އަށް އެރުމުގެ އެންމެ ފަހުގެ ތައްޔާރީތައްވަމުންނެވެ. ރަފަހް ދޫކޮށްދިޔުމަށް އިސްރާއީލުގެ އަސްކަރިއްޔާއިން މިއަދު އެސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް އަންގާފައިވާއިރު ހަމާސް އިން މިވަނީ ހަމަލާބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވެފައެވެ.
މިއެއްބަސްވުން ދިރާސާކުރުމުގެ މަސައްކަތް އިސްރާއީލުން ކުރަމުން އަންނައިރު ހަނގުރާމައިން ހާސިލުކުރަން ބޭނުންވި އެއްވެސް ކަމެއް ހާސިލުނުވެ ހަނގުރާމަ ހުއްޓާލަން ނަތަންޔާހޫ އަށް ޖެހިއްޖެނަމަ މިއީ އޭނާގެ ސިޔާސީ ކެރިއަރ ގައި ޖެހޭ ސިއްކައެއްކަމަށް އަލް ޖަޒީރާއާ ވާހަކަދައްކަމުން އިސްރާއީލުގެ ކުރީގެ ޑިޕްލޮމެޓިކް ވަނީ ވިދާޅުވެފައެވެ. އަދި މި އެއްބަސްވުން ނަތަންޔާހޫ ބޮލާލާ ޖަހައިފިނަމަ ބައިނަލްއަގްވާމީ ޕްރެޝަރ ނަތަންޔާހޫއަށް މިހާރަށްވުރެ ބޮޑުވެގެންދާނެކަމަށްވެސް ޑިޕްލޮމެޓް ބުނެފައިވެއެވެ. ވަކިން ޚާއްސަކޮށް އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުގައި މައްސަލަ ކުރިޔަށްދިޔުމާއި ފަލަސްތީނަކީ ވަކި ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް އދ ގައި ކުރިޔަށްދާ ކަންތައްތަކާއެކު ނަތަންޔާހޫއަށް މިއެއްބަސްވުން ބޮލާލާ ޖަހަން އުނދަގޫވާނެކަމަށް އޭނާ ބުނެއެވެ.
ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވި އެއްބަސްވުމުގައި ހިމެނެނީ މައިގަނޑު ތިން ފޭސް
ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ހަމާސް އިން އެއްބަސްވި އެއްބަސްވުމުގައި ހިމެނެނީ މައިގަނޑު 3 ފޭހެކެވެ. އެއީ 42 ދުވަހުގެ މުއްދަތަކަށް ހަމަލާ ބަދަލުކުރުން ހުއްޓާލާފައި އޮންނަ މުއްދަތުގެ ތެރޭގައި ކުރިޔަށްދާނެ ކަންކަމެވެ.
އޭގެތެރޭގައި ފުރަތަމަ ފޭސްގައި ހިމެނެނީ ޣައްޒާގެ އުތުރާއި ދެކުނު ބައިކުރުމަށްފަހު އިސްރާއީލުން ހަދައިގެން އުޅޭ މަގުން އިސްރާއީލުގެ އަސްކަރިއްޔާ ފޭބުމެވެ.
ދެވަނަ ފޭސްގައި ހިމެނެނީ ދާއިމީ ގޮތެއްގައި ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވުމާއެކު އަސީރުން ބަދަލުކުރުމެވެ. މިއާއެކު ޣައްޒާއިން އިސްރާއީލުގެ އަސްކަރިއްޔާ ފޭބުމެވެ.
ތިން ވަނަ ފޭސްގައި ހިމެނެނީ ޣައްޒާއަށް އިސްރާއީލުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އެއްކޮށް ނައްތާލުމެވެ. އެއީ ޣައްޒާ އެއްކޮށް ބަންދުކޮށްގެން އިސްރާއީލުން އުޅޭ އުޅުން ނިމުމަކަށް ގެނައުމެވެ.
ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ހުށަހެޅި ހުށަހެޅުމަށް ހަމާސް އިން އެއްބަސްވެއްޖެ
އިސްރާއީލާއި ހަމާސް އާ ދެމެދު ކުރިޔަށްދާ ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ހުށަހަޅާފައިވާ ހުށަހެޅުމަށް ހަމާސް ޖަމާއަތުން އެއްބަސްވެފައިވާކަމަށް ހަމާސް އިން ބުނެފިއެވެ.
ހަމާސްގެ ޕޮލިޓިކަލް ބިޔުރޯގެ ހެޑް ޤަތަރުގެ ބޮޑުވަޒީރު އަދި މިސްރުގެ އިންޓެލިޖެންސް ކަންތައްތަކާއި ބެހޭ މިނިސްޓަރާއި ފޯނުން ގުޅުއްވާ ވަނީ ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ހަމާސް އިން އެއްބަސްވާކަމަށް ވިދާޅުވެފައެވެ.
ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ޤަތުލުއާންމު ހުއްޓާލާފަދަ އެއްވެސް އެއްބަސްވުމަކަށް އެއްބަސްނުވާނެކަމަށް ނަތަންޔާހޫ ބުނެފި
މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުން ފެށިގެން ޣައްޒާގައި އިސްރާއީލުން ހިންގަމުން އަންނަ ޤަތުލުއާންމު ހުއްޓާލާފަދަ އެއްވެސް އެއްބަސްވުމަށް އެއްބަސްނުވާނެކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ބުނެފިއެވެ. ނަތަންޔާހޫ މިމޭރުމުން ވާހަކަދައްކާފައިމިވަނީ އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންތަނީ ބްލިންކަން އިސްރާއީލަށް މިހާރު ކުރަމުންގެންދާ ދަތުރުގެ ތެރެއިން ބްލިންކަން އާ ބައްދަލުކޮށެވެ.
އިސްރާއީލުގެ މީޑިޔާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ހަމާސް އިން ހަނގުރާމަ ހުއްޓާލުމަށް ހުށަހަޅާ އެއްވެސް ހުށަހެޅުމަކަށް އިސްރާއީލުން އެއްބަހެއް ނުވާނެއެވެ. އަދި އޭގެ ބަދަލުގައި އިސްރާއީލުން އޮތީ ރަފަހަށް އަރައިގަތުމަށް ތައްޔާރަށްކަމަށް ނަތަންޔާހޫ ބުނެފައިވެއެވެ.
ހަމަލާތައް ދިނުން ހުއްޓާލުމަށް އދ ގެ އާންމު މަޖިލީހުން ފާސްކޮށްފި
ޣައްޒާއަށް އިސްރާއީލުން ދެމުންދާ ހަމަލާތައް ހުއްޓާލުމަށް އދ ގެ އާންމު މަޖިލީހުން ފާސްކޮށްފިއެވެ. މިގަރާރާ އެއްކޮޅަށް 153 ގައުމުން ވޯޓުދިންއިރު ވަކިކޮޅަކަށް ވޯޓު ނުދެނީ 23 ގައުމުންނެވެ. އަދި ގަރާރާ ދެކޮޅަށް 10 ގައުމަކުން ވޯޓު ދީފައިވެއެވެ.
މިގަރާރަށް އަމަލުކުރަން ލާޒިމްނުވާއިރު އދ ގެ ސަލާމަތީ މަޖިލީހުން ހަމަލާތައް ދިނުން ވަގުތުން ހުއްޓާލުމަށް ފާސްކުރަން މަސައްކަތްކުރި ގަރާރު އެމެރިކާއިން ވަނީ ވީޓޯކޮށްފައެވެ.
ހަމަލާތައް ދިނުން ވަގުތުން ހުއްޓާލުމަށް އދ ގެ ސަލާމަތީ މަޖިލީހުގައި ނެގި ވޯޓު އެމެރިކާއިން ވީޓޯކޮށްފި
އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން މެދުކެނޑުމެއްނެތި ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށް ގޮވާލާ އދ ގެ ސަލާމަތީ މަޖިލީހުގައި ނެގި ވޯޓު އެމެރިކާއިން ވީޓޯކޮށްފިއެވެ.
އޮކްޓޯބަރ 7 ގައި ހަމާސް އިން ދިން ރޮކެޓް ހަމަލާތަކެއް އިސްރާއީލުގެ ނިޔުކުލިއަރ މިސައިލް ބޭސްއަކަށް އަމާޒުވިކަން ހާމަވެއްޖެ
އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހު ހަމާސް އިން އިސްރާއީލަށް އަމާޒުކޮށް ފޮނުވާލި ރޮކެޓް ހަމަލާތަކުގެ ތެރެއިން ބައެއް ރޮކެޓްތައް އިސްރާއީލުގެ މެދު ތެރޭގައި ހުރި ނިޔުކުލިއަރ މިސައިލް ބަހަައްޓާފައި ހުރި ބޭސްއަކަށް އަމާޒުވިކަމަށް ނިއު ޔޯރކް ޓައިމްސް އިން ހާމަކޮށްފިއެވެ.
ރޮކެޓް އެ ބޭސްގައި ހުރި މިސައިލް އަށް ސީދާ އަމާޒުވެފައިނުވާކަމަށާއި ނަމަވެސް ރޮކެޓް ވެއްޓުމުގެ ސަބަބުން އަލިފާން ކަނި ބުރާ މިސައިލް ބަހައްޓާފައި ހުރި ބޭސް އާ ދިމާލަށް އަލިފާންގަނޑު ގޮސްފައިވާކަމަށް ބުނެފައިވެއެވެ.
އިސްރާއީލުން މިހާތަނަށް އައިއިރު އެގައުމުގައި ނިޔުކުއަލިޔަރ ހަތިޔާރު ހުރިކަމަށް ބުނެފައެއް ނުވެއެވެ. ނަމަވެސް އިސްރާއީލުގެ ވިސްލްބްލޯވަރސްގެ އިތުރުން އެމެރިކާގެ އޮފިޝަލުން ވަނީ އިސްރާއީލުގައި ނިޔުކުލިޔަރ ހަތިޔާރު ހުރިކަން ކަށަވަރުކޮށްފައެވެ.
ހަމަލާ ދިނުން ހުއްޓާލާ އިސްރާއީލު ޖަލުތަކުގައި ތިބި ފަލަސްތީނު ރައްޔިތުން މިނިވަންނުވާހާ ހިނދަކު އަސީރުން މިނިވަންނުކުރާނެކަމަށް ހަމާސް އިން ބުނެފި
ޣައްޒާއަށް އިސްރާއީލުން ދެމުންދާ ހަމަލާތައް ހުއްޓާނުލާހާ ހިނދަކު ހަމާސްގެ އަތްދަށުގައި ތިބި އެއްވެސް އަސީރެއް ދޫކޮށްނުލާނެކަމަށް ހަމާސްގެ ޑެޕިޔުޓީ ހެޑް ސަލާހް އަލް އަރޫރީ ވިދާޅުވެއްޖެއެވެ.
އަލްޖަޒީރާ އާ ވާހަކަދައްކަވަމުން ސަލާހް އަލް އަރޫރީ ވިދާޅުވީ ހަމަލާތައް ހުއްޓާލުމާއި ގުޅޭ އެއްވެސް މަޝްވަރާއެއް މިހާރު ކުރިޔަށްނުދާކަމަށެވެ. އަދި އަސީރުން ބަދަލުކުރުމާއި ގުޅޭ އެއްވެސް މަޝްވަރާއެއް އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާނުލާހާ ހިނދަކު ކުރިޔަށްނުދާނެކަމަށެވެ.
އިސްރާއީލުން ބުނަމުން އަންނަނީ އަދިވެސް އަންހެނުންނާއި ކުޑަކުދިން ހަމާސްގެ އަތްދަށުގައި ތިބިކަމަށެވެ. އެކަމާއި ގުޅޭގޮތުން ހަމާސް އިން ބުނީ ހަމާސްގެ އަތްދަށުގައި ތިބި ހުރިހާ އަންހެނުންނާއި ކުޑަކުދިން ދޫކޮށްލާފައިވާކަމަށެވެ. ދެން ވާކީ ތިބީ އިސްރާއީލު ސިފައިންނާއި ސިފައިންނަށް އެކި ގޮތްގޮތުން ޚިދުމަތްކުރާ މީހުންކަމަށެވެ.
އެހެންކަމުން ދެން ތިބި އަސީރުން މިނިވަންކުރެވޭނީ އިސްރާއީލު ޖަލުތަކުގައި ތިބި ހުރިހާ ފަލަސްތީނު ރައްޔިތުން މިނިވަންކޮށް ހަމަލާ ދިނުން ހުއްޓާލުމުންކަމަށް އޭނާ ވިދާޅުވިއެވެ. އަދި ހަނގުރާމަވެރިން ތިބީ ހުރިހާ ގޮތަކަށްވެސް ތައްޔާރުވެގެންކަމަށް ވިދާޅުވިއެވެ.
އަލްޤުދުސް ބްރިގޭޑްސް އިން އިސްރާއީލަށް ބޮން އަޅަން ފަށައިފި
ފަލަސްތީނު އިސްލާމިކް ޖިހާދުގެ ހަތިޔާރު އެޅި ގޮފިން އެ ޖަމާއަތުގެ ޓެލެގްރާމް ޗެނަލްގައި ބުނެފައި ވަނީ ކިސުފީމް ކިބުތުޒަށް އަމާޒުކޮށް 107 މިސައިލު ފޮނުވާލައިފައިވާ ކަމަށެވެ.
އިސްރާއީލުގެ ހަމަލާއެއްގައި އަނާޑޯލޫގެ ނޫސްވެރިއަކު މަރުވެއްޖެ
ޣައްޒާގެ އަނަޑޯލޫގެ ކެމެރާޕާސަން މޮންޓަސަރ އަލް ސަވާފް މަރާލާފައިވަނީ އިސްރާއީލުގެ ވައިގެ ހަމަލާއެއްގައި ކަމަށް އެ ނިއުސް އެޖެންސީން ބުނެފިއެވެ.
މިކަމާ ގުޅިގެން އިސްރާއީލުގެ އަސްކަރިއްޔާއިން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
ޣައްޒާސަރުކާރުގެ މީޑިއާ އޮފީހުން ބުނީ އޭނާ މަރައިލުމުން އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުގެ ހަމަލާތަކުގައި ޝަހީދުވި ނޫސްވެރިންގެ އަދަދު މަދުވެގެން 72 އަށް އަރާފައިވާ ކަމަށެވެ.
އެންމެ ފަހުން އެކުލަވާލި ކޮމެޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓުންގެ އަޕްޑޭޓްގައި ވަނީ މަރުވިކަން ކަށަވަރުވެފައިވާ ނޫސްވެރިންނާއި މީޑިއާގައި މަސައްކަތްކުރާ މީހުންގެ އަދަދު 57 އަށް އަރާފައެވެ.
އިސްރާއީލުގެ ވަރުގަދަ ހަމަލާތަކެއް ޣައްޒާއަށް ދޭން ފަށައިފި
ހަމަލާ ބަދަލުކުރުން 7 ދުވަހަށް މެދުކަނޑާލުމަށްފަހު ހަމަލާތައް ދޭން މިއަދު ފަށާފައިވާއިރު ޣައްޒާގެ އުތުރުގައި ފަލަސްތީނުގެ ހަނގުރާމަވެރިންނާއި އިސްރާއީލު އަސްކަރިއްޔާ އާ ދެމެދު ހަމަލާ ބަދަލުކުރުންތައް ކުރިޔަށްދާކަމަށް ރިޕޯޓްތައް ބުނެއެވެ.
އަލް ޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ސެންޓްރަލް ޣައްޒާ ސްޓްރިޕްގައި އިސްރާއީލުގެ ޓޭންކުތަކުން އަންނަނީ ހަމަލާތައް ދެމުންނެވެ. މީގެއިތުރުން ވައިގެ މަގުންވެސް ހަމަލާތަކެއް ދީފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.
ހަމަލާ ބަދަލުކުރުން މެދުކަނޑާލުމަށް ވީ އެއްބަސްވުން ނިމުމަކަށް އައިސް ހަމަލާ ބަދަލުކުރުންތައް އަލުން ފަށައިފި
އިސްރާއީލާއި ހަމާސް އާ ދެމެދު ހަމަލާތައް ބަދަލުކުރުން މެދުކަނޑާލަން އެއްބަސްވީ ނިމުމަކަށް އައިސް ހަމަލާ ދޭން ފަށައިފިއެވެ.
މީޑިޔާ ރިޕޯޓްތައް ކުރިން ބުނެފައިވާ ގޮތުގައި ހަމަލާ ބަދަލުކުރުންތައް އިތުރު އެއް ދުވަހަށް މެދުކަނޑާލަން ދެ ފަރާތުން ވަނީ އެއްބަސްވެފައެވެ. ނަމަވެސް އެއްބަސްވުމުގެ ގަޑި ހަމަވިއިރު އެއްވެސް ފަރާތަކުން ރަސްމީކޮށް އެކަމާއި ގުޅޭގޮތުން ބަހެއް ނުބުނެއެވެ.
އިސްރާއީލުން ބުނެފައިވަނީ ޣައްޒާއަށް އަލުން ހަމަލާދޭން ފަށާފައިވާކަމަށެވެ. އެއީ ޣައްޒާއިން އިސްރާއީލަށް ރޮކެޓް ހަމަލާތަކެއް އަމާޒުކުރުމާއި ގުޅިގެންކަމަށެވެ. އަނެއްކޮޅުން ޣައްޒާގެ އުތުރުގައި ހަމަލާ ބަދަލުކުރުންތަކުގެ އަޑު އިވެމުންދާކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.
އިތުުރު ގައިދީން ތަކެއް މިއަދު ދޫކޮށްލާނެ ކަމަށް އިސްރާއީލުން ބުނެފި
އިސްރާއީލުގެ މަސްދަރުތަކާ ހަވާލާދީ އޭއެފްޕީން ބުނީ ހަނގުރާމައިގެ އެއްބަސްވުމުގެ ދަށުން ފަލަސްތީނުގެ 42 ގައިދީންނާއި ޣައްޒާގައި ތިބި 14 ގައިދީން މިއަދު ދޫކޮށްލާނެ ކަމަށެވެ.
އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ 39 މީހުން ދޫކޮށްލައިފި
ހަމާސް އާއި އިސްރާއީލާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން އިސްރާއީލު ޖަލުތަކުގައި ތިބި 39 މީހުން މިރޭ ދޫކޮށްލައިފިއެވެ.
މިރޭ ދޫކޮށްލި މީހުންގެ ތެރޭގައި ހިމެނެނީ ފަލަސްތީނުގެ އަންހެނުންނާއި ކުޑަކުދިންނެވެ. އެމީހުން ދޫކޮށްލުމާއި ގުޅިގެން ފަލަސްތީނުގައި އަންނަނީ އުފާފާޅުކުރަމުންނެވެ.
ޣައްޒާގެ އިންޑޮނޭޝިއާ ހޮސްޕިޓަލް ކައިރީގައި އިސްރާއީލުން ދިން ހަމަލާއަށްފަހު އަލިފާނުގެ ހާދިސާއެއް ހިނގައިފި
ޣައްޒާގެ އިންޑޮނޭޝިއާ ހޮސްޕިޓަލް ކައިރީގައި އިސްރާއީލުން ދިން ހަމަލާއަށްފަހު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އަލްޖަޒީރާ އަރަބިކް އިން އެކްސްގައި އާންމުކޮށްފައިވާ ވީޑިއޯ ކްލިޕެއްގައި ފެންނަ ގޮތުގައި ޣައްޒާގެ އިންޑޮނޭޝިއާ ހޮސްޕިޓަލް ކައިރީގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގަމުންދާއިރު، ފަހަތުން ބާރު ގަދަ ގޮވުންތަކެއް އިވެމުން ދިޔަ އެވެ.
އެ ޕޯސްޓުގައި ވާގޮތުން އިސްރާއީލު ސިފައިން ޣައްޒާގެ އުތުރުގެ ސަރަހައްދަށާއި އިންޑޮނޭޝިއާ ހޮސްޕިޓަލްގެ ކައިރީގައި ބޮން އެޅުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، އެ ހޮސްޕިޓަލް މިހާރުވެސް ވަނީ ހިދުމަތުން ނެއްޓިފައި ކަމަށާއި ނަމަވެސް އަދިވެސް ގެދޮރު ދޫކޮށް ގޮސްފައިވާ ފަލަސްތީނު މީހުންނަށް އެ ހޮސްޕިޓަލުން ބޯހިޔާވަހިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.
އަދި އިޒްރޭލުގެ ޓޭންކްތައް އެ ހޮސްޕިޓަލް ހުންނަ ސަރަޙައްދަށް ޖަމާކުރަމުން އަންނަ ކަމަށްވެސް އަލްޖަޒީރާއިން ރިޕޯޓްކުރެއެވެ.
ޣައްޒާގެ އުތުރުގެ ގިނަ ތަންތަނަށް އަމާޒުކޮށް އިސްރާއީލުން އަންނަނީ ހަމަލާތައް ދެމުން
އިސްރާއީލުން މިރޭވެސް ޖަބާލިޔާ ރެފިޔުޖީ ކޭމްޕަށް އަމާޒުކޮށް ހަމަލާދެމުންދާއިރު އިންޑޮނޭޝިއަން ހޮސްޕިޓަލު ވަށައިގެންވާ ސަރަހައްދަށްވެސް ހަމަލާތައް ދެމުން އަންނަ ކަމަށް ފަލަސްތީނިއަން ސްޓޭޓް ނިއުސް އެޖެންސީ ވަފާއިން ބުނެއެވެ.
މިހަމަލާތަކުގައި ފުރާނަ ގެއްލިގެންދިޔަ މީހުންނާއި ޒަޚަމްވި މީހުންގެ މައުލޫމާތެއް ސާފެއް ނޫނެވެ. އުތުރުގެ ހުރިހާ ހޮސްޕިޓަލުތަކާއި މުވާސަލާތީ ގުޅުން ވަނީ ކެނޑިފައެވެ.
އިސްރާއީލުގެ ވަރުގަދަ ހަމަލާތަކެއް މިހާރު އަންނަނީ ހުޅަނގު އައްސޭރިއަށް އަމާޒުކުރަމުން
އިސްރާއީލުން ހުޅަނގު އައްސޭރިއަށް ވައިގެ މަގުން ވަރުގަދަ ހަމަލާތަކެއް ދެމުން އަންނަކަމަށް އަލްޖަޒީރާއިން ރިޕޯޓްކޮށްފިއެވެ.
މިހާތަނަށް މިހަމަލާތަކުގައި ފަސް މީހެއްގެ ފުރާނަ ގެއްލިފައިވާކަމަށް ބުނެފައިވެއެވެ. ޑްރޯން ހަމަލާތައް ފަތަހަ މޫވްމަންޓްގެ ހެޑް ކުއަރޓަރ އަށް އަމާޒުކޮށްފައިވާކަމަށްވެސް ބުނެއެވެ.
ޣައްޒާގައި ފީލްޑް ހޮސްޕިޓަލްތަކެއް ގާއިމުކުރަން ބޭނުންވާކަން ޑަބްލިޔުއެޗްއޯއިން ހާމަކޮށްފި
ޣައްޒާގައި ފީލްޑް ހޮސްޕިޓަލްތަކެއް ގާއިމުކުރަން ބޭނުންވާކަމަށް ފަލަސްތީނަށް ޑަބްލިޔުއެޗްއޯއިން ކަނޑައަޅާފައިވާ ރެޕްރެޒެންޓޭޓިވް ރިޗަރޑް ޕީޕަރކޮން ބުނެފިއެވެ.
ހަނގުރާމަ ފެށުނުއިރު ޣައްޒާގައި 3500 އެނދު ހޮސްޕިޓަލުތަކުގައި ހުރިއިރު މިހާރު ސަލާމަތުން ހުރީ 1400 އެނދެވެ. ދުވާލަކު 50 އާއި 60 އާ ދެމެދު ވަރަށް ބޮޑަށް ޒަޚަމްވެފައިވާ މީހުން ހޮސްޕިޓަލުތަކަށް ގެނެއެވެ. ވީއެންމެ އަވަހަކަށް އެންމެ ހާލަތު ގޯސް ބަލި މީހުން މިސްރަށް ބަދަލުކުރަންޖެހޭކަމަށް ރިޗަރޑް ބުންޏެވެ.
ފީލްޑް ހޮސްޕިޓަލު ގާއިމުކުރުމަށް އިސްރާއީލުން އެއްބަސްވެފައިވާކަމެއް ރިޗަރޑް ނުބުނެއެވެ.
އިސްރާއީލުން ޣައްޒާގައި ހިންގާ އޮޕަރޭޝަން ދެކުނަށް ފުޅާކުރަނީ
އިސްރާއީލުން ޣައްޒާ ހިފުމަށް އެއްގަމު މަގުން ހިންގާ އޮޕަރޭޝަން ދެކުނަށް ފުޅާކުރާނެކަމަށް އިސްރާއީލު އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފު ބުނެފިއެވެ.
ޣައްޒާގެ އުތުރުގައި އޮތް ހަމާސްގެ އަސްކަރީ ބާރު ނައްތާލުމާއި ގާތަށް އާދެވިފައިވާކަމަށާއި އެހެންކަމުން އެހެން ހިސާބުތަކަށް ހަމަލާތައް ދޭން ފަށާނެކަމަށް ވަނީ ބުނެފައެވެ.
އުތުރުގައި ހަނގުރާމަވެރިންނާއި އިސްރާއީލު އަސްކަރިއްޔާ އާ ދެމެދު ހަމަލާތައް ބަދަލުކުރަމުންދާއިރު ބުރާސްފަތި ދުވަހު އިސްރާއީލު އަސްކަރިއްޔާއިން ވަނީ ދެކުނަށް ލީފްލެޓްތަކެއް އަޅާފައެވެ. އޭގައި ބުނެފައިވަނީ ޚާން ޔޫނުސްގައި އުޅޭ އެތަން ދޫކޮށްދިޔުމަށެވެ.
އެކަމާއި ގުޅިގެން ބައިނަލްއަގްވާމީ މުޖުތަމައުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޣައްޒާގައި ރައްޔިތުންނަށް އަމާން އެއްވެސް ތަނެއް ނެތެވެ.
އައް ޝިފާ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ދުވަސްނުފުރާ ވިހެއި ކުޑަކުދިންގެ ތެރެއިން 4 ކުއްޖެއް ނިޔާވެއްޖެ
އައް ޝިފާ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ދުވަސްނުފުރާ ވިހެއި ކުޑަކުދިންގެ ތެރެއިން އިތުރު ހަތަރު ކުއްޖެއް ނިޔާވެފައިވާކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.
މީގެއިތުރުން ފަސް ކުއްޖެއްގެ ހާލަތު ވަރަށް ގޯސްކަމަށްވެސް ބުނެފައިވެއެވެ. ޝިފާ ހޮސްޕިޓަލުގައި މަސައްކަތްކުރާ ސިއްހީ މަސައްކަތްތެރިން ބުނާގޮތުގައި ތެލާއި އޮކްސިޖަން އާ ނުލާ އިންކިޔުބޭޓަރުގައި ތިބި ތުއްތުކުދިންގެ ފުރާނަ ސަލާމަތްކުރުމަކީ ނާދިރުކަމެއްކަމަށެވެ.
އިސްރާއީލުން އައް ޝިފާ ހޮސްޕިޓަލަށް ވަދެގަތްއިރު އެހޮސްޕިޓަލުގައި ދުވަސްނުފުރާ ވިހާފައިވާ 39 ކުއްޖަކަށް ފަރުވާދެމުން ގޮސްފައިވެއެވެ.
ޣައްޒާގެ އުތުރާއި ޣައްޒާ ސިޓީގައި އަދިވެސް އަށް ލައްކަ މީހުން އުޅެމުންދޭ
އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް އެންމެ ބޮޑަށް އަމާޒުކޮށްފައިވާ ޣައްޒާގެ އުތުރާއި ޣައްޒާ ސިޓީގައި އަދިވެސް 807،000 މީހުން ދިރިއުޅެމުންދަކަމަށް އަންދާޒާކުރެވޭކަމަށް ފަލަސްތީނިއަން ސެންޓްރަލް ބިޔުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުނެފިއެވެ.
ހަނގުރާމަ ފެށުނުއިރު އެ ދެ ސަރަހައްދުގައި 1.2 މިލިއަން މީހުން ދިރިއުޅެމުން ދިޔައެވެ. ނަމަވެސް ހަނގުރާމައާ ހެދި ހާލަތު ގޯސްވަމުންދާތީ އެއްބަޔަކު މިހާރު ވަނީ ދެކުނަށް ބަދަލުވެފައެވެ. ނަމަވެސް އިސްރާއީލުން މިހާރު އަންނަނީ ދެކުނަށް އަމާޒުކޮށްވެސް ގިނަ ހަމަލާތަކެއް ދެމުންނެވެ.
ދުވާލަކު ދެ ޓްރަކުގެ ތެޔޮ ޣައްޒާއަށް އެތެރެކުރުމަށް އިސްރާއީލުން އެއްބަސްވެއްޖެ
އިސްރާއީލުން ޣައްޒާއަށް ހަމަލާދެމުންދާތާ 41 ދުވަސްވެފައިވާއިރު ޣައްޒާއަށް އެއްގޮތަކަށްވެސް ތެޔޮ އެތެރެކުރުން އިސްރާއީލުން ވަނީ މަނާކޮށްފައެވެ.
ނަމަވެސް އިސްރާއީލުގެ މީޑިޔާތަކުން މިއަދު ރިޕޯޓްކޮށްފައިވާ ގޮތުގައި އިސްރާއީލު ހަނގުރާމައާ ގުޅޭ ކެބިނެޓުން ވަނީ ދުވާލަކު ދެ ޓްރަކުގެ ތެޔޮ ޣައްޒާއަށް އެތެރެކުރުމަށް ނިންމާފައެވެ.
ޣައްޒާއަށް ތެޔޮ އެތެރެކުުރުމަށް އިސްރާއީލުން އެއްބަސްވެފައިމިވަނީ އެމެރިކާއިން އެދުމުންކަމަށް ރިޕޯޓްތައް ބުނެއެވެ.
ޣައްޒާގެ ބައެއް ހިސާބުތަކަށް މުވާސަލާތީ ޚިދުމަތް އަލުން ދޭން ފަށައިފި
ޔޫއެންއާރުޑަބްލިޔުއޭ އިން މިއަދު ފޯރުކޮށްދިން ތެލާއެކު ފަލަސްތީނިއަން ޓެލެކޮމް ފަރމުން ޣައްޒާގެ ބައެއް ހިސާބުތަކަށް މުވާސަލާތީ ޚިދުމަތް އަލުން ދޭން ފަށައިފިއެވެ.
ޕަލްޓެލް އިން ބުނި ގޮތުގައި މިއަދު ލިބުނު ތެލާއެކު އެކުންފުނީގެ މައި ޖަނަރޭޓަރުތައް މިހާރު ހިނގަމުންދާކަމަށާއި ނަމަވެސް މުވާސަލާތީ ޚިދުމަތް މެދުނުކެނޑި ދިނުމަށް ޣައްޒާގެ ތެރެއަށް ތެޔޮ ގަވާއިދުން އެތެރެވާން ޖެހޭކަމަށެވެ.
ފާއިތުވި 24 ގަޑިއިރު ޣައްޒާގައި ވަނީ މުވާސަލާތީ ގުޅުން މެދުކެނޑިފައެވެ. އެހެންކަމުން ގިނަ މީހުން ބޭނުންކުރަނީ އީސިމްއެވެ.