ޣައްޒާ ހިފުމަށް އިސްރާއީލުން ދެމުންދާ ހަމަލާތައް

1,034,078
  • ހަމަލާތައް ދިނުން ހުއްޓާލުމަށް އދ ގެ އާންމު މަޖިލީހުން ފާސްކޮށްފި
  • ހަމަލާތައް ދިނުން ވަގުތުން ހުއްޓާލުމަށް އދ ގެ ސަލާމަތީ މަޖިލީހުގައި ނެގި ވޯޓު އެމެރިކާއިން ވީޓޯކޮށްފި
  • އޮކްޓޯބަރ 7 ގައި ހަމާސް އިން ދިން ރޮކެޓް ހަމަލާތަކެއް އިސްރާއީލުގެ ނިޔުކުލިއަރ މިސައިލް ބޭސްއަކަށް އަމާޒުވިކަން ހާމަވެއްޖެ
 
Writer Profile Picture
އާއިޝަތު ޝިއުރާ
ހަމަލާތައް ދިނުން ހުއްޓާލުމަށް އދ ގެ އާންމު މަޖިލީހުން ފާސްކޮށްފި

ޣައްޒާއަށް އިސްރާއީލުން ދެމުންދާ ހަމަލާތައް ހުއްޓާލުމަށް އދ ގެ އާންމު މަޖިލީހުން ފާސްކޮށްފިއެވެ. މިގަރާރާ އެއްކޮޅަށް 153 ގައުމުން ވޯޓުދިންއިރު ވަކިކޮޅަކަށް ވޯޓު ނުދެނީ 23 ގައުމުންނެވެ. އަދި ގަރާރާ ދެކޮޅަށް 10 ގައުމަކުން ވޯޓު ދީފައިވެއެވެ.

މިގަރާރަށް އަމަލުކުރަން ލާޒިމްނުވާއިރު އދ ގެ ސަލާމަތީ މަޖިލީހުން ހަމަލާތައް ދިނުން ވަގުތުން ހުއްޓާލުމަށް ފާސްކުރަން މަސައްކަތްކުރި ގަރާރު އެމެރިކާއިން ވަނީ ވީޓޯކޮށްފައެވެ.

13 ޑިސެންބަރ 2023 | ބުދަ 02:57
Writer Profile Picture
އާއިޝަތު ޝިއުރާ
ހަމަލާތައް ދިނުން ވަގުތުން ހުއްޓާލުމަށް އދ ގެ ސަލާމަތީ މަޖިލީހުގައި ނެގި ވޯޓު އެމެރިކާއިން ވީޓޯކޮށްފި

އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން މެދުކެނޑުމެއްނެތި ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށް ގޮވާލާ އދ ގެ ސަލާމަތީ މަޖިލީހުގައި ނެގި ވޯޓު އެމެރިކާއިން ވީޓޯކޮށްފިއެވެ.

9 ޑިސެންބަރ 2023 | ހޮނިހިރު 02:14
Writer Profile Picture
އާއިޝަތު ޝިއުރާ
އޮކްޓޯބަރ 7 ގައި ހަމާސް އިން ދިން ރޮކެޓް ހަމަލާތަކެއް އިސްރާއީލުގެ ނިޔުކުލިއަރ މިސައިލް ބޭސްއަކަށް އަމާޒުވިކަން ހާމަވެއްޖެ

އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހު ހަމާސް އިން އިސްރާއީލަށް އަމާޒުކޮށް ފޮނުވާލި ރޮކެޓް ހަމަލާތަކުގެ ތެރެއިން ބައެއް ރޮކެޓްތައް އިސްރާއީލުގެ މެދު ތެރޭގައި ހުރި ނިޔުކުލިއަރ މިސައިލް ބަހަައްޓާފައި ހުރި ބޭސްއަކަށް އަމާޒުވިކަމަށް ނިއު ޔޯރކް ޓައިމްސް އިން ހާމަކޮށްފިއެވެ.

ރޮކެޓް އެ ބޭސްގައި ހުރި މިސައިލް އަށް ސީދާ އަމާޒުވެފައިނުވާކަމަށާއި ނަމަވެސް ރޮކެޓް ވެއްޓުމުގެ ސަބަބުން އަލިފާން ކަނި ބުރާ މިސައިލް ބަހައްޓާފައި ހުރި ބޭސް އާ ދިމާލަށް އަލިފާންގަނޑު ގޮސްފައިވާކަމަށް ބުނެފައިވެއެވެ.

އިސްރާއީލުން މިހާތަނަށް އައިއިރު އެގައުމުގައި ނިޔުކުއަލިޔަރ ހަތިޔާރު ހުރިކަމަށް ބުނެފައެއް ނުވެއެވެ. ނަމަވެސް އިސްރާއީލުގެ ވިސްލްބްލޯވަރސްގެ އިތުރުން އެމެރިކާގެ އޮފިޝަލުން ވަނީ އިސްރާއީލުގައި ނިޔުކުލިޔަރ ހަތިޔާރު ހުރިކަން ކަށަވަރުކޮށްފައެވެ.

5 ޑިސެންބަރ 2023 | އަންގާރަ 02:29
Writer Profile Picture
އާއިޝަތު ޝިއުރާ
ހަމަލާ ދިނުން ހުއްޓާލާ އިސްރާއީލު ޖަލުތަކުގައި ތިބި ފަލަސްތީނު ރައްޔިތުން މިނިވަންނުވާހާ ހިނދަކު އަސީރުން މިނިވަންނުކުރާނެކަމަށް ހަމާސް އިން ބުނެފި

ޣައްޒާއަށް އިސްރާއީލުން ދެމުންދާ ހަމަލާތައް ހުއްޓާނުލާހާ ހިނދަކު ހަމާސްގެ އަތްދަށުގައި ތިބި އެއްވެސް އަސީރެއް ދޫކޮށްނުލާނެކަމަށް ހަމާސްގެ ޑެޕިޔުޓީ ހެޑް ސަލާހް އަލް އަރޫރީ ވިދާޅުވެއްޖެއެވެ.

އަލްޖަޒީރާ އާ ވާހަކަދައްކަވަމުން ސަލާހް އަލް އަރޫރީ ވިދާޅުވީ ހަމަލާތައް ހުއްޓާލުމާއި ގުޅޭ އެއްވެސް މަޝްވަރާއެއް މިހާރު ކުރިޔަށްނުދާކަމަށެވެ. އަދި އަސީރުން ބަދަލުކުރުމާއި ގުޅޭ އެއްވެސް މަޝްވަރާއެއް އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާނުލާހާ ހިނދަކު ކުރިޔަށްނުދާނެކަމަށެވެ.

އިސްރާއީލުން ބުނަމުން އަންނަނީ އަދިވެސް އަންހެނުންނާއި ކުޑަކުދިން ހަމާސްގެ އަތްދަށުގައި ތިބިކަމަށެވެ. އެކަމާއި ގުޅޭގޮތުން ހަމާސް އިން ބުނީ ހަމާސްގެ އަތްދަށުގައި ތިބި ހުރިހާ އަންހެނުންނާއި ކުޑަކުދިން ދޫކޮށްލާފައިވާކަމަށެވެ. ދެން ވާކީ ތިބީ އިސްރާއީލު ސިފައިންނާއި ސިފައިންނަށް އެކި ގޮތްގޮތުން ޚިދުމަތްކުރާ މީހުންކަމަށެވެ.

އެހެންކަމުން ދެން ތިބި އަސީރުން މިނިވަންކުރެވޭނީ އިސްރާއީލު ޖަލުތަކުގައި ތިބި ހުރިހާ ފަލަސްތީނު ރައްޔިތުން މިނިވަންކޮށް ހަމަލާ ދިނުން ހުއްޓާލުމުންކަމަށް އޭނާ ވިދާޅުވިއެވެ. އަދި ހަނގުރާމަވެރިން ތިބީ ހުރިހާ ގޮތަކަށްވެސް ތައްޔާރުވެގެންކަމަށް ވިދާޅުވިއެވެ.

2 ޑިސެންބަރ 2023 | ހޮނިހިރު 23:40
Writer Profile Picture
އަހްމަދު ދާއޫދު
އަލްޤުދުސް ބްރިގޭޑްސް އިން އިސްރާއީލަށް ބޮން އަޅަން ފަށައިފި

ފަލަސްތީނު އިސްލާމިކް ޖިހާދުގެ ހަތިޔާރު އެޅި ގޮފިން އެ ޖަމާއަތުގެ ޓެލެގްރާމް ޗެނަލްގައި ބުނެފައި ވަނީ ކިސުފީމް ކިބުތުޒަށް އަމާޒުކޮށް 107 މިސައިލު ފޮނުވާލައިފައިވާ ކަމަށެވެ.

1 ޑިސެންބަރ 2023 | ހުކުރު 21:03
Writer Profile Picture
އަހްމަދު ދާއޫދު
އިސްރާއީލުގެ ހަމަލާއެއްގައި އަނާޑޯލޫގެ ނޫސްވެރިއަކު މަރުވެއްޖެ

ޣައްޒާގެ އަނަޑޯލޫގެ ކެމެރާޕާސަން މޮންޓަސަރ އަލް ސަވާފް މަރާލާފައިވަނީ އިސްރާއީލުގެ ވައިގެ ހަމަލާއެއްގައި ކަމަށް އެ ނިއުސް އެޖެންސީން ބުނެފިއެވެ.

މިކަމާ ގުޅިގެން އިސްރާއީލުގެ އަސްކަރިއްޔާއިން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ޣައްޒާސަރުކާރުގެ މީޑިއާ އޮފީހުން ބުނީ އޭނާ މަރައިލުމުން އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުގެ ހަމަލާތަކުގައި ޝަހީދުވި ނޫސްވެރިންގެ އަދަދު މަދުވެގެން 72 އަށް އަރާފައިވާ ކަމަށެވެ.

އެންމެ ފަހުން އެކުލަވާލި ކޮމެޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓުންގެ އަޕްޑޭޓްގައި ވަނީ މަރުވިކަން ކަށަވަރުވެފައިވާ ނޫސްވެރިންނާއި މީޑިއާގައި މަސައްކަތްކުރާ މީހުންގެ އަދަދު 57 އަށް އަރާފައެވެ.

1 ޑިސެންބަރ 2023 | ހުކުރު 19:56
Writer Profile Picture
އާއިޝަތު ޝިއުރާ
އިސްރާއީލުގެ ވަރުގަދަ ހަމަލާތަކެއް ޣައްޒާއަށް ދޭން ފަށައިފި

ހަމަލާ ބަދަލުކުރުން 7 ދުވަހަށް މެދުކަނޑާލުމަށްފަހު ހަމަލާތައް ދޭން މިއަދު ފަށާފައިވާއިރު ޣައްޒާގެ އުތުރުގައި ފަލަސްތީނުގެ ހަނގުރާމަވެރިންނާއި އިސްރާއީލު އަސްކަރިއްޔާ އާ ދެމެދު ހަމަލާ ބަދަލުކުރުންތައް ކުރިޔަށްދާކަމަށް ރިޕޯޓްތައް ބުނެއެވެ.

އަލް ޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ސެންޓްރަލް ޣައްޒާ ސްޓްރިޕްގައި އިސްރާއީލުގެ ޓޭންކުތަކުން އަންނަނީ ހަމަލާތައް ދެމުންނެވެ. މީގެއިތުރުން ވައިގެ މަގުންވެސް ހަމަލާތަކެއް ދީފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

1 ޑިސެންބަރ 2023 | ހުކުރު 10:40
Writer Profile Picture
އާއިޝަތު ޝިއުރާ
ހަމަލާ ބަދަލުކުރުން މެދުކަނޑާލުމަށް ވީ އެއްބަސްވުން ނިމުމަކަށް އައިސް ހަމަލާ ބަދަލުކުރުންތައް އަލުން ފަށައިފި

އިސްރާއީލާއި ހަމާސް އާ ދެމެދު ހަމަލާތައް ބަދަލުކުރުން މެދުކަނޑާލަން އެއްބަސްވީ ނިމުމަކަށް އައިސް ހަމަލާ ދޭން ފަށައިފިއެވެ.

މީޑިޔާ ރިޕޯޓްތައް ކުރިން ބުނެފައިވާ ގޮތުގައި ހަމަލާ ބަދަލުކުރުންތައް އިތުރު އެއް ދުވަހަށް މެދުކަނޑާލަން ދެ ފަރާތުން ވަނީ އެއްބަސްވެފައެވެ. ނަމަވެސް އެއްބަސްވުމުގެ ގަޑި ހަމަވިއިރު އެއްވެސް ފަރާތަކުން ރަސްމީކޮށް އެކަމާއި ގުޅޭގޮތުން ބަހެއް ނުބުނެއެވެ.

އިސްރާއީލުން ބުނެފައިވަނީ ޣައްޒާއަށް އަލުން ހަމަލާދޭން ފަށާފައިވާކަމަށެވެ. އެއީ ޣައްޒާއިން އިސްރާއީލަށް ރޮކެޓް ހަމަލާތަކެއް އަމާޒުކުރުމާއި ގުޅިގެންކަމަށެވެ. އަނެއްކޮޅުން ޣައްޒާގެ އުތުރުގައި ހަމަލާ ބަދަލުކުރުންތަކުގެ އަޑު އިވެމުންދާކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.

1 ޑިސެންބަރ 2023 | ހުކުރު 10:17
Writer Profile Picture
އަހްމަދު ދާއޫދު
އިތުުރު ގައިދީން ތަކެއް މިއަދު ދޫކޮށްލާނެ ކަމަށް އިސްރާއީލުން ބުނެފި

އިސްރާއީލުގެ މަސްދަރުތަކާ ހަވާލާދީ އޭއެފްޕީން ބުނީ ހަނގުރާމައިގެ އެއްބަސްވުމުގެ ދަށުން ފަލަސްތީނުގެ 42 ގައިދީންނާއި ޣައްޒާގައި ތިބި 14 ގައިދީން މިއަދު ދޫކޮށްލާނެ ކަމަށެވެ.

25 ނޮވެންބަރ 2023 | ހޮނިހިރު 13:56
Writer Profile Picture
އާއިޝަތު ޝިއުރާ
އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ 39 މީހުން ދޫކޮށްލައިފި

ހަމާސް އާއި އިސްރާއީލާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން އިސްރާއީލު ޖަލުތަކުގައި ތިބި 39 މީހުން މިރޭ ދޫކޮށްލައިފިއެވެ.

މިރޭ ދޫކޮށްލި މީހުންގެ ތެރޭގައި ހިމެނެނީ ފަލަސްތީނުގެ އަންހެނުންނާއި ކުޑަކުދިންނެވެ. އެމީހުން ދޫކޮށްލުމާއި ގުޅިގެން ފަލަސްތީނުގައި އަންނަނީ އުފާފާޅުކުރަމުންނެވެ.

25 ނޮވެންބަރ 2023 | ހޮނިހިރު 03:54
Writer Profile Picture
އަހްމަދު ދާއޫދު
ޣައްޒާގެ އިންޑޮނޭޝިއާ ހޮސްޕިޓަލް ކައިރީގައި އިސްރާއީލުން ދިން ހަމަލާއަށްފަހު އަލިފާނުގެ ހާދިސާއެއް ހިނގައިފި

ޣައްޒާގެ އިންޑޮނޭޝިއާ ހޮސްޕިޓަލް ކައިރީގައި އިސްރާއީލުން ދިން ހަމަލާއަށްފަހު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އަލްޖަޒީރާ އަރަބިކް އިން އެކްސްގައި އާންމުކޮށްފައިވާ ވީޑިއޯ ކްލިޕެއްގައި ފެންނަ ގޮތުގައި ޣައްޒާގެ އިންޑޮނޭޝިއާ ހޮސްޕިޓަލް ކައިރީގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގަމުންދާއިރު، ފަހަތުން ބާރު ގަދަ ގޮވުންތަކެއް އިވެމުން ދިޔަ އެވެ.

އެ ޕޯސްޓުގައި ވާގޮތުން އިސްރާއީލު ސިފައިން ޣައްޒާގެ އުތުރުގެ ސަރަހައްދަށާއި އިންޑޮނޭޝިއާ ހޮސްޕިޓަލްގެ ކައިރީގައި ބޮން އެޅުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، އެ ހޮސްޕިޓަލް މިހާރުވެސް ވަނީ ހިދުމަތުން ނެއްޓިފައި ކަމަށާއި ނަމަވެސް އަދިވެސް ގެދޮރު ދޫކޮށް ގޮސްފައިވާ ފަލަސްތީނު މީހުންނަށް އެ ހޮސްޕިޓަލުން ބޯހިޔާވަހިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

އަދި އިޒްރޭލުގެ ޓޭންކްތައް އެ ހޮސްޕިޓަލް ހުންނަ ސަރަޙައްދަށް ޖަމާކުރަމުން އަންނަ ކަމަށްވެސް އަލްޖަޒީރާއިން ރިޕޯޓްކުރެއެވެ.

20 ނޮވެންބަރ 2023 | ހޯމަ 06:07
Writer Profile Picture
އާއިޝަތު ޝިއުރާ
ޣައްޒާގެ އުތުރުގެ ގިނަ ތަންތަނަށް އަމާޒުކޮށް އިސްރާއީލުން އަންނަނީ ހަމަލާތައް ދެމުން

އިސްރާއީލުން މިރޭވެސް ޖަބާލިޔާ ރެފިޔުޖީ ކޭމްޕަށް އަމާޒުކޮށް ހަމަލާދެމުންދާއިރު އިންޑޮނޭޝިއަން ހޮސްޕިޓަލު ވަށައިގެންވާ ސަރަހައްދަށްވެސް ހަމަލާތައް ދެމުން އަންނަ ކަމަށް ފަލަސްތީނިއަން ސްޓޭޓް ނިއުސް އެޖެންސީ ވަފާއިން ބުނެއެވެ.

މިހަމަލާތަކުގައި ފުރާނަ ގެއްލިގެންދިޔަ މީހުންނާއި ޒަޚަމްވި މީހުންގެ މައުލޫމާތެއް ސާފެއް ނޫނެވެ. އުތުރުގެ ހުރިހާ ހޮސްޕިޓަލުތަކާއި މުވާސަލާތީ ގުޅުން ވަނީ ކެނޑިފައެވެ.

18 ނޮވެންބަރ 2023 | ހޮނިހިރު 05:07
Writer Profile Picture
އާއިޝަތު ޝިއުރާ
އިސްރާއީލުގެ ވަރުގަދަ ހަމަލާތަކެއް މިހާރު އަންނަނީ ހުޅަނގު އައްސޭރިއަށް އަމާޒުކުރަމުން

އިސްރާއީލުން ހުޅަނގު އައްސޭރިއަށް ވައިގެ މަގުން ވަރުގަދަ ހަމަލާތަކެއް ދެމުން އަންނަކަމަށް އަލްޖަޒީރާއިން ރިޕޯޓްކޮށްފިއެވެ.

މިހާތަނަށް މިހަމަލާތަކުގައި ފަސް މީހެއްގެ ފުރާނަ ގެއްލިފައިވާކަމަށް ބުނެފައިވެއެވެ. ޑްރޯން ހަމަލާތައް ފަތަހަ މޫވްމަންޓްގެ ހެޑް ކުއަރޓަރ އަށް އަމާޒުކޮށްފައިވާކަމަށްވެސް ބުނެއެވެ.

18 ނޮވެންބަރ 2023 | ހޮނިހިރު 05:05
Writer Profile Picture
އާއިޝަތު ޝިއުރާ
ޣައްޒާގައި ފީލްޑް ހޮސްޕިޓަލްތަކެއް ގާއިމުކުރަން ބޭނުންވާކަން ޑަބްލިޔުއެޗްއޯއިން ހާމަކޮށްފި

ޣައްޒާގައި ފީލްޑް ހޮސްޕިޓަލްތަކެއް ގާއިމުކުރަން ބޭނުންވާކަމަށް ފަލަސްތީނަށް ޑަބްލިޔުއެޗްއޯއިން ކަނޑައަޅާފައިވާ ރެޕްރެޒެންޓޭޓިވް ރިޗަރޑް ޕީޕަރކޮން ބުނެފިއެވެ.

ހަނގުރާމަ ފެށުނުއިރު ޣައްޒާގައި 3500 އެނދު ހޮސްޕިޓަލުތަކުގައި ހުރިއިރު މިހާރު ސަލާމަތުން ހުރީ 1400 އެނދެވެ. ދުވާލަކު 50 އާއި 60 އާ ދެމެދު ވަރަށް ބޮޑަށް ޒަޚަމްވެފައިވާ މީހުން ހޮސްޕިޓަލުތަކަށް ގެނެއެވެ. ވީއެންމެ އަވަހަކަށް އެންމެ ހާލަތު ގޯސް ބަލި މީހުން މިސްރަށް ބަދަލުކުރަންޖެހޭކަމަށް ރިޗަރޑް ބުންޏެވެ.

ފީލްޑް ހޮސްޕިޓަލު ގާއިމުކުރުމަށް އިސްރާއީލުން އެއްބަސްވެފައިވާކަމެއް ރިޗަރޑް ނުބުނެއެވެ.

18 ނޮވެންބަރ 2023 | ހޮނިހިރު 03:07
Writer Profile Picture
އާއިޝަތު ޝިއުރާ
އިސްރާއީލުން ޣައްޒާގައި ހިންގާ އޮޕަރޭޝަން ދެކުނަށް ފުޅާކުރަނީ

އިސްރާއީލުން ޣައްޒާ ހިފުމަށް އެއްގަމު މަގުން ހިންގާ އޮޕަރޭޝަން ދެކުނަށް ފުޅާކުރާނެކަމަށް އިސްރާއީލު އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފު ބުނެފިއެވެ.

ޣައްޒާގެ އުތުރުގައި އޮތް ހަމާސްގެ އަސްކަރީ ބާރު ނައްތާލުމާއި ގާތަށް އާދެވިފައިވާކަމަށާއި އެހެންކަމުން އެހެން ހިސާބުތަކަށް ހަމަލާތައް ދޭން ފަށާނެކަމަށް ވަނީ ބުނެފައެވެ.

އުތުރުގައި ހަނގުރާމަވެރިންނާއި އިސްރާއީލު އަސްކަރިއްޔާ އާ ދެމެދު ހަމަލާތައް ބަދަލުކުރަމުންދާއިރު ބުރާސްފަތި ދުވަހު އިސްރާއީލު އަސްކަރިއްޔާއިން ވަނީ ދެކުނަށް ލީފްލެޓްތަކެއް އަޅާފައެވެ. އޭގައި ބުނެފައިވަނީ ޚާން ޔޫނުސްގައި އުޅޭ އެތަން ދޫކޮށްދިޔުމަށެވެ.

އެކަމާއި ގުޅިގެން ބައިނަލްއަގްވާމީ މުޖުތަމައުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޣައްޒާގައި ރައްޔިތުންނަށް އަމާން އެއްވެސް ތަނެއް ނެތެވެ.

18 ނޮވެންބަރ 2023 | ހޮނިހިރު 03:02
Writer Profile Picture
އާއިޝަތު ޝިއުރާ
އައް ޝިފާ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ދުވަސްނުފުރާ ވިހެއި ކުޑަކުދިންގެ ތެރެއިން 4 ކުއްޖެއް ނިޔާވެއްޖެ

އައް ޝިފާ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ދުވަސްނުފުރާ ވިހެއި ކުޑަކުދިންގެ ތެރެއިން އިތުރު ހަތަރު ކުއްޖެއް ނިޔާވެފައިވާކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.

މީގެއިތުރުން ފަސް ކުއްޖެއްގެ ހާލަތު ވަރަށް ގޯސްކަމަށްވެސް ބުނެފައިވެއެވެ. ޝިފާ ހޮސްޕިޓަލުގައި މަސައްކަތްކުރާ ސިއްހީ މަސައްކަތްތެރިން ބުނާގޮތުގައި ތެލާއި އޮކްސިޖަން އާ ނުލާ އިންކިޔުބޭޓަރުގައި ތިބި ތުއްތުކުދިންގެ ފުރާނަ ސަލާމަތްކުރުމަކީ ނާދިރުކަމެއްކަމަށެވެ.

އިސްރާއީލުން އައް ޝިފާ ހޮސްޕިޓަލަށް ވަދެގަތްއިރު އެހޮސްޕިޓަލުގައި ދުވަސްނުފުރާ ވިހާފައިވާ 39 ކުއްޖަކަށް ފަރުވާދެމުން ގޮސްފައިވެއެވެ.

18 ނޮވެންބަރ 2023 | ހޮނިހިރު 02:48
Writer Profile Picture
އާއިޝަތު ޝިއުރާ
ޣައްޒާގެ އުތުރާއި ޣައްޒާ ސިޓީގައި އަދިވެސް އަށް ލައްކަ މީހުން އުޅެމުންދޭ

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް އެންމެ ބޮޑަށް އަމާޒުކޮށްފައިވާ ޣައްޒާގެ އުތުރާއި ޣައްޒާ ސިޓީގައި އަދިވެސް 807،000 މީހުން ދިރިއުޅެމުންދަކަމަށް އަންދާޒާކުރެވޭކަމަށް ފަލަސްތީނިއަން ސެންޓްރަލް ބިޔުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުނެފިއެވެ.

ހަނގުރާމަ ފެށުނުއިރު އެ ދެ ސަރަހައްދުގައި 1.2 މިލިއަން މީހުން ދިރިއުޅެމުން ދިޔައެވެ. ނަމަވެސް ހަނގުރާމައާ ހެދި ހާލަތު ގޯސްވަމުންދާތީ އެއްބަޔަކު މިހާރު ވަނީ ދެކުނަށް ބަދަލުވެފައެވެ. ނަމަވެސް އިސްރާއީލުން މިހާރު އަންނަނީ ދެކުނަށް އަމާޒުކޮށްވެސް ގިނަ ހަމަލާތަކެއް ދެމުންނެވެ.

18 ނޮވެންބަރ 2023 | ހޮނިހިރު 02:37
Writer Profile Picture
އާއިޝަތު ޝިއުރާ
ދުވާލަކު ދެ ޓްރަކުގެ ތެޔޮ ޣައްޒާއަށް އެތެރެކުރުމަށް އިސްރާއީލުން އެއްބަސްވެއްޖެ

އިސްރާއީލުން ޣައްޒާއަށް ހަމަލާދެމުންދާތާ 41 ދުވަސްވެފައިވާއިރު ޣައްޒާއަށް އެއްގޮތަކަށްވެސް ތެޔޮ އެތެރެކުރުން އިސްރާއީލުން ވަނީ މަނާކޮށްފައެވެ.

ނަމަވެސް އިސްރާއީލުގެ މީޑިޔާތަކުން މިއަދު ރިޕޯޓްކޮށްފައިވާ ގޮތުގައި އިސްރާއީލު ހަނގުރާމައާ ގުޅޭ ކެބިނެޓުން ވަނީ ދުވާލަކު ދެ ޓްރަކުގެ ތެޔޮ ޣައްޒާއަށް އެތެރެކުރުމަށް ނިންމާފައެވެ.

ޣައްޒާއަށް ތެޔޮ އެތެރެކުުރުމަށް އިސްރާއީލުން އެއްބަސްވެފައިމިވަނީ އެމެރިކާއިން އެދުމުންކަމަށް ރިޕޯޓްތައް ބުނެއެވެ.

18 ނޮވެންބަރ 2023 | ހޮނިހިރު 02:30
Writer Profile Picture
އާއިޝަތު ޝިއުރާ
ޣައްޒާގެ ބައެއް ހިސާބުތަކަށް މުވާސަލާތީ ޚިދުމަތް އަލުން ދޭން ފަށައިފި

ޔޫއެންއާރުޑަބްލިޔުއޭ އިން މިއަދު ފޯރުކޮށްދިން ތެލާއެކު ފަލަސްތީނިއަން ޓެލެކޮމް ފަރމުން ޣައްޒާގެ ބައެއް ހިސާބުތަކަށް މުވާސަލާތީ ޚިދުމަތް އަލުން ދޭން ފަށައިފިއެވެ.

ޕަލްޓެލް އިން ބުނި ގޮތުގައި މިއަދު ލިބުނު ތެލާއެކު އެކުންފުނީގެ މައި ޖަނަރޭޓަރުތައް މިހާރު ހިނގަމުންދާކަމަށާއި ނަމަވެސް މުވާސަލާތީ ޚިދުމަތް މެދުނުކެނޑި ދިނުމަށް ޣައްޒާގެ ތެރެއަށް ތެޔޮ ގަވާއިދުން އެތެރެވާން ޖެހޭކަމަށެވެ.

ފާއިތުވި 24 ގަޑިއިރު ޣައްޒާގައި ވަނީ މުވާސަލާތީ ގުޅުން މެދުކެނޑިފައެވެ. އެހެންކަމުން ގިނަ މީހުން ބޭނުންކުރަނީ އީސިމްއެވެ.

18 ނޮވެންބަރ 2023 | ހޮނިހިރު 02:24
Writer Profile Picture
އާއިޝަތު ޝިއުރާ
އައް ޝިފާ ހޮސްޕިޓަލުގައި ކުރިޔަށްގެންދާ އޮޕަރޭޝަން ހުއްޓާނުލާނެކަމަށް އިސްރާއީލުން ބުނެފި

ހަމާސްގެ ކޮމާންޑަރު ސެންޓަރު އައް ޝިފާ ހޮސްޕިޓަލުގައި ހުރިކަމަށް ބުނެ އައް ޝިފާ ހޮސްޕިޓަލުގައި އިސްރާއީލު އަސްކަރިއްޔާއިން ކުރިޔަށްގެންދާ އޮޕަރޭޝަން އެގޮތުގައި ކުރިޔަށްގެންދާނެކަމަށް އިސްރާއީލު އަސްކަރިއްޔާއިން ބުނެފިއެވެ.

އައް ޝިފާ ހޮސްޕިޓަލުގައި ހަމާސްގެ ހަނގުރާމަވެރިން ތިބިކަމަށާއި އެތަނުގެ ހަމާސްގެ ޓަނަލުތައް ހުންނަކަމަށް އިސްރާއީލު އަސްކަރިއްޔާއިން އަންނަނީ ބުނަމުންނެވެ.

ނަމަވެސް މިހާތަނަށް އެމީހުން ދައްކަމުން އަންނަ އެއްވެސް ވާހަކައެއްގެ ހެއްކެއް ދެއްކިފައެއްނުވެއެވެ.

17 ނޮވެންބަރ 2023 | ހުކުރު 09:17
Writer Profile Picture
އާއިޝަތު ޝިއުރާ
ޖެނިން ރެފިޔުޖީ ކޭމްޕްގައި ހުރި ހޮސްޕިޓަލެއް ހުސްކުރުމަށް އިސްރާއީލުން އަންގައިފި

ޖެނިން ރެފިޔުޖީ ކޭމްޕުގައި ހުންނަ އިބުނު ސިނާ ހޮސްޕިޓަލު ހުސްކުރުމަށް އިސްރާއީލު ސިފައިން އަންގައިފިއެވެ.

އިސްރާއީލުން ވަނީ ދެ ޕެރެމެޑިކްސް ހައްޔަރުކޮށްފައެވެ. އިސްރާއީލު ސިފައިން ވަނީ މިހޮސްޕިޓަލު ވަށާލާފައެވެ. އަދު އެމްބިޔުލަންސްތައް ބަލާފައިވާއިރު ލައުޑް ސްޕީކަރުން އަންނަނީ ހޮސްޕިޓަލު ހުސްކުރުމަށް ގޮވާލަމުންނެވެ.

17 ނޮވެންބަރ 2023 | ހުކުރު 09:12
Writer Profile Picture
އާއިޝަތު ޝިއުރާ
ފާއިތުވި 24 ގަޑިއިރުގެ އުސްއަލިތައް:

- އައް ޝިފާ ހޮސްޕިޓަލުގައި އިސްރާއީލުން ހިންގަމުން އަންނަ ރެއިޑް އަދިވެސް ކުރިޔަށްދާއިރު ހޮސްޕިޓަލުގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައިކަމަށް އެހޮސްޕިޓަލުން ބުނޭ

- ޣައްޒާގެ ޓެލެކޮމިޔުނިކޭޝަން ފަރމުން ބުނެފައިވަނީ ތެޔޮ ނެތުމުގެ ސަބަބުން ޣައްޒާއަށް މުވާސަލާތީ ޚިދުމަތްދެން ނުދެވޭނެކަމަށް

- ޣައްޒާގައި އުތުރުގައި ހުންނަ އިންޑޮނޭޝިއަން ހޮސްޕިޓަލުން ދެން އިތުރަށް ޚިދުމަތް ނުދެވޭނެކަމަށް އެހޮސްޕިޓަލުން ބުނެފި

- ހަނގުރާމައިން ނަސްރު ލިބޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ހަމާސްގެ ވެރިޔާ އިސްމާއީލު ހަނިއްޔާ ބުނެފި

- ހުޅަނގު އައްސޭރީގައި ހުންނަ ޖެނިން ރެފިޔުޖީ ކޭމްޕުގައި އިސްރާއީލުން އަނެއްކާވެސް ރެއިޑް ކުރިޔަށް ގެންގޮސްފި

- އައް ޝިފާ ހޮސްޕިޓަލާއި ކައިރީގައި ހުރި އިމާރާތަކުން ހަމާސްގެ އަތްދަށުގައި ހުރި އަސީރަކު މަރުވެފައި އޮއްވާ ފެނިފައިވަކަމަށް އިސްރާއީލުން ބުނެފި

- މުވާސަލާތީ ޚިދުމަތް ޣައްޒާގައި އެއްކޮށް މެދުކެނޑިފައިވުމުން ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަކީ މިހާރު ވަރަށް ނާދިރު ކަމެއްކަމަށް އދ ރެފިޔުޖީންނާ ބެހޭ ފަލަސްތީނު ގޮފިން ބުނެފި

- އައް ޝިފާ ހޮސްޕިޓަލުގެ ތެރޭގައި މަރުވެފައި ވަޅުލެވޭނެ ގޮތެއްނެތް އެތައް ހަށިތަކެއް އިސްރާއީލުން ގެންގޮސްފައިވާކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެފި

17 ނޮވެންބަރ 2023 | ހުކުރު 05:33
Writer Profile Picture
އާއިޝަތު ޝިއުރާ
އިސްރާއީލުން އަނެއްކާވެސް ޖަބާލިޔާ ރެފިޔުޖީ ކޭމްޕަށް ބޮން އަޅަން ފަށައިފި

އިސްރާއީލުން އަނެއްކާވެސް ޖަބާލިޔާ ރެފިޔުޖީ ކޭމްޕަށް ބޮން އަޅަން ފަށާފައިވާކަމަށް އަލްޖަޒީރާއިން ރިޕޯޓްކޮށްފިއެވެ.

ޣައްޒާގެ އުތުރުގައި އޮންނަ މި ރެފިޔުޖީ ކޭމްޕަކީ އިސްރާއީލުގެ ހަމަލާތައް ކޮންމެ ދުވަހަކުހެން އަމާޒުކުރަމުން އަންނަ ކޭމްޕެކެވެ. މިހަމަލާތަކުގައި އެތައް ބަޔެއްގެ ފުރާނަ ގެއްލިފައިވާކަމަށާއި އިމާރާތްތަކުގެ ދަށުގައިވާ މީހުން ސަލާމަތްކުރުމުގެ މަސައްކަތްކުރަމުން އަންނަ އަލް ޖަޒީރާއިން ބުނެއެވެ.

17 ނޮވެންބަރ 2023 | ހުކުރު 05:26
Writer Profile Picture
އާއިޝަތު ޝިއުރާ
ޣައްޒާއިން ތެޔޮ ހުސްވެ މުވާސަލާތީ ގުޅުން ކެނޑިފައިވާތީ ބައިނަލްއަގްވާމީ ޖަމާއަތްތަކުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި

ޣައްޒާއިން ތެޔޮ ހުސްވެ މުވާސަލާތީ ގުޅުން އެއްކޮށް މެދުކެނޑިފައިވާތީ ބައިނަލްއަގްވާމީ މުޖުތަމައުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

އެގޮތުން މީޑިޔާ ރައިޓް ގްރޫޕު ތަކުން ޣައްޒާގެ ތެރޭގައި ވާނުވާ ނޭންގޭތީ އާއި ނޫސްވެރިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދީފައިނުވާތީ އެކަމުގެ ކަންބޮޑުވުން ވަނީ ފާޅުކޮށްފައެވެ. އަދި ވީއެންމެ އަވަހަކަށް ޣައްޒާއަށް ތެޔޮ އެތެރެކުރުމަށް ވަނީ އެދިފައެވެ.

17 ނޮވެންބަރ 2023 | ހުކުރު 03:22
Writer Profile Picture
އާއިޝަތު ޝިއުރާ
ޚާން ޔޫނުސް އަށް އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައި 10 މީހުން ޝަހީދުކޮށްލައިފި

ޚާން ޔޫނުސްގެ އިރުމައްޗަށް ދިން އިސްރާއީލުން ވައިގެ މަގުން ދިން ހަމަލާތަކުގައި 10 މީހުން ޝަހީދުކޮށްލާފައިވާކަމަށް އަލްޖަޒީރާއިން ބުނެފިއެވެ.

ޝަހީދުވި މީހުންގެ ތެރޭގައި ކުޑަ އަންހެންކުއްޖަކާއި ތުއްތުކުއްޖެއްވެސް ހިމެނެއެވެ.

17 ނޮވެންބަރ 2023 | ހުކުރު 03:18