ކޮވިޑް-19: އެންމެ ފަހުގެ
ނޮވެލް ކޮރޯނާވައިރަސް ގުޅޭ އެންމެ ފަހުގެ މައުލޫމާތު:

ކޮރޯނާވައިރަސް
ކޮވިޑް-19: "އޯ" ގްރޫޕް ގެ ލޭހުންނަ މީހުންނަށް ވައިރަސް ޖެހުމުގެ ފުރުޞަތު ކުޑަ: ދިރާސާ
ކޮވިޑް-19 ފެތުރެމުންދާ ޒާތައް ބަލާއިރު، "އޯ" ގްރޫޕުގެ ލޭ ހުންނަ މީހުންނަށް ވައިރަސް ޖެހޭ މިންވަރު ދަށް ނުވަތަ ވައިރަސް ޖެހުމުގެ ފުރުޞަތު ކުޑަ ކަމަށް ޗައިނާގައި ހެދި ދިރާސާއަކުން ދައްކައިފިއެވެ. "ރިލޭޝަންޝިޕް ބިޓްވީން ދަ އޭބީއޯ ބްލަޑް ގްރޫޕް އެންޑް ދަ ކޮވިޑް-19 ސަސްޕެކްޓިބިލިޓީ" ގެ ނަމުގައި ވައިރަސް އަލަށް ފެނުނު ޗައިނާގެ ވުހާން ސިޓީގެ ޖިންޔިންތާން ހޮސްޕިޓަލުން ހެދި މި ދިރާސާ ބިނާކޮށްފައިވަނީ ވައިރަސް ޖެހުނު 1،775 މީހެއްގެ ލޭގެ ސާމްޕަލް ބޭނުންކޮށްގެންނެވެ. ދިރާސާގައި ބޭނުން ކުރި ލޭގެ ސާމްޕަލް ތަކުން ހޯދުނު ހޯދުންތަކައް ބަލާއިރު، "އޯ" ލޭގެ ގްރޫޕް މީހުންނަށް ވައިރަސް ޖެހުމުގެ ފުރުޞަތު ކުޑައެވެ. އަދި ވައިރަސް ޖެހުމުގެ ފުރުޞަތު އެންމެ ބޮޑީ "އޭ" ގްރޫޕް މީހުންނަށްކަން މި ދިރާސާއިން ދައްކައެވެ.
ކޮވިޑް-19: ވައިރަސްއާއި ބެހޭ މަޢުލޫމާތު ފެތުރުމަށް އެމްއާރްސީން މީހުން ތަމްރީނު ކުރަނީ
ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތު ފެތުރުމަށް މޯލްޑިވްސް ރެޑް ކްރެސެންޓުން ކުރަމުންދާ މަސައްކަތުގެ ދަށުން އެޖަމާއަތުގެ މާލެ ގޮފިން، ވައިރަސްއާއި ބެހޭ މަޢުލޫމާތުދޭ މީހުން ތަމްރީނުކުރުމުގެ މަސައްކަތް ފަށައިފިއެވެ. އެގޮތުން މި ތަމްރީނު ޕްރޮގުރާމުގައި ބައިވެރިވާން އެދޭ ފަރާތްތަަކައް މިހާރު ވަނީ އެފުރުޞަތު ހުޅުވާލާފައެވެ.
މި ތަމްރީނު ޕްރޮގުރާމުގެ މައިގަނޑު މަޤްޞަދަކީ ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތު ޢާންމު ރައްޔިތުންނަށް ފޯރުކޮށްދޭން މަސައްކަތްކުރާ ފަރާތްތަކަކީ ވައިރަސްއާއި، ވައިރަސްއިން ރައްކާތެރިވުމާއި ބެހޭ ޞައްޙަ ނުވަތަ ކަށަވަރު މަޢުލޫމާތު ލިބިގެން ތިބެ، އެކަންކުރާ ބަޔަކަށް ހެދުމެވެ.
ކޮވިޑް-19: ސަރުކާރު ބަންދުވި ނަމަވެސް އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތްތައް ކުރިޔަށްދާނެ
ސަރުކާރު ބަންދުވީ ނަމަވެސް، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސްގެ "ސޯޝަލް ޕްރޮޓެކްޝަސް ސަރވިސް" އާއި، ދައުލަތުގެ ބެލުމުގެ ދަށުގައި ކުދިންނާއި މީހުން ބައިތިއްބައިގެން ބަލަހައްޓަމުންދާ މަރުކަޒުތަކުގެ ޚިދުމަތްތައް ލިބެމުންދާނެކަމަށް އެމިނިސްޓްރީން ބުނެފިއެވެ. ޖެންޑަރ މިނިސްޓްރީން ބުނެފައިވަނީ ވިލިނގިލީގައި ހުންނަ ކުޑަކުދިންގެ ހިޔާއާއި، ހުޅުމާލޭގައި ހުންނަ ފިޔަވައްޗާއި، ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ކުރިޔެކޭ އެއްގޮތައް ލިބެމުންދާނެކަމަށެވެ.
އަދި އެމިނިސްޓްރީގެ ހޮޓްލައިން 3328393 އާއި ޗައިލްޑް ހެލްޕް ލައިން 1412ގެ ޚިދުމަތްވެސް ލިބެން ހުންނާނެކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
ކޮވިޑް-19: ވައިރަސްގައި 178 ޤައުމަކުން 10،000 މަރު
ކޮވިޑް19- ގެ އެންމެ ފަހުގެ ޑޭޓާއަށް ބަލާލާއިރު، ދުނިޔޭގެ 178 ޤައުމަކަށް މިހާރު ވަނީ ވައިރަސް ފޯރާފައެވެ. އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު:
* ވައިރަސް ޖެހުނު މީހުންގެ އަދަދު:244,097
* ވައިރަސްޖެހި މަރުވީ މީހުންގެ އަދަދު:10,005
* ފަރުވާ ހޯދައިގެން ރަނގަޅުވީ މީހުންގެ އަދަދު:86,714
* ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު:147,378
އައިލެންޑް ސަފާރީން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހަކު ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކުރަނީ
ކޮވިޑް-19: ލޮކްޑައުން މުއްދަތުގައި ވިސާ ހަމަވެފައިވާ ދިވެހިންނަށް މެލޭޝިޔާއިން ފުރައިގެން ދެވޭނެ
މެލޭޝިޔާގައި ހުންނަ ދިވެހި ރާއްޖޭގެ ހައިކޮމިޝަނުން ބުނެފައިވަނީ، މެލޭޝިޔާ ސަރުކާރުން އިޢުލާންކޮށްފައިވާ "ލޮކްޑައުން" މުއްދަތުގެ ތެރޭގައި، އެޤައުމުގައި ދިރިއުޅެމުންދާ ދިވެހިންނަަށް މުއްދަތު ހަމަނުވާ ޕާސްޕޯޓެއް އޮތްނަމަ މެލޭޝިޔާއިން ފުރޭނެކަމަށް، އެކޮމިޝަނަށް އަންގާފައިވާކަމަށެވެ.

ކޮވިޑް-19: ވައިރަސްއަށް ޝައްކުކުރެވޭތީ، އެކުއެޓަރ ސަފާރީ ގައި ހުރި ދިވެއްސަކު ޓެސްޓުކުރަނީ
ރައްކާތެރިކަމުގެ ގޮތުން ޢަމަލު ކުރަމުންދާ އުޞޫލުގެ ދަށުން، ކޮވިޑް19އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން އެކުއެޓަރ ސަފާރީ ގައި ހުރި ދިވެއްސެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށްދާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނެފިއެވެ. އަދި ޓެސްޓްގެ ނަތީޖާ ލިބެންދެން އެއުޅަނދު މޮނިޓަރިންގްއަށް ލެވިފައިވާކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.
ކޮވިޑް-19: ވައިރަސް ފެނުނު ޗައިނާއަށްވުރެ ގިނަ މީހުން އިޓަލީއިން ވައިރަސްގައި މަރުވެއްޖެ
ކޮވިޑް-19 ޖެހިގެން އިޓަލީވިލާތުން މަރުވީ މީހުންގެ އަދަދު 3،405 އަށް އަރައިފިއެވެ.
މިއީ މި ވައިރަސް ފުރަތަމަ ފެނުނު ޗައިނާއިން މަރުވެގެން ރެކޯޑް ކުރި 3،245 އަށް ވުރެ، އިތުރު އަދަދެކެވެ. ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް އިޓަލީވިލާތުން 427 މީހަކު ވަނީ މަރުވެފައެވެ.
އިޓަލީވިލާތުން ޖުމްލަ 41،035 ކޭސްއެއް ވަނީ ރެކޯޑްކޮށްފައެވެ. އަދި އާބާދީގެ ކޮންމެ އެއް މިލިއަން މީހުންގެ ތެރެއިން 679 މީހުންނަށް ވައިރަސް ވަނީ ޖެހިފައެވެ. މިއީ މުޅި ދުނިޔެއަށް ބަލާއިރު ރެކޯޑް އަދަދެކެވެ.
މާހިރުން ގަބޫލުކުރާ ގޮތުގައި، އިޓަލީވިލާތުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު މިހާރު ހުރި އަދަދުތަކަށް ވުރެ ވެސް ގިނަވާނެއެވެ. މި ވަގުތު އިޓަލީވިލާތުގައި ޓެސްޓް ކުރެވެމުން ދަނީ ހަމައެކަނި ވައިރަސްގެ އަލާމާތްތައް ފެނިގެން ހޮސްޕިޓަލަށް އަންނަ ފަރާތްތައް އެކަންޏެވެ.
ކޮވިޑް-19: ކާބޯތަކެތީގެ ޚިދުމަތް ދޭ ތަންތަނުގައި ޝީޝާ ބުއިމާއި ޝީޝާގެ ޚިދުމަތް ދިނުން މަނާކޮށްފި
ދިވެހިރާއްޖޭގައި ހިންގާ ކެފޭތަކާއި، ރެސްޓޯރަންޓްތަކާއި، ކާބޯތަކެތީގެ ޚިދުމަތް ދޭ އެހެނިހެން ތަންތަނުގައި ޝީޝާ ބުއިމާއި ޝީޝާގެ ޚިދުމަތް ދިނުން މަނާކޮށްފިއެވެ.
މިއީ، ރާއްޖޭގައި ކޮވިޑް-19 ކޮންޓްރޯލްކުރުމަށް ކުރަމުންދާ މަސައްކަތުގައި، ޢާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކާތެރިކަމަށްޓަކައި ޢާންމު ޞިއްޙަތުގެ ޤާނޫނުގެ ދަށުން، އެޅި ފިޔަވަޅެކެވެ.
ޞިއްޙީ ނުރައްކަލުގެ ޙާލަތު ނިމެންދެން "މަޑިސީލަ" ޕްރޮގުރާމް ހުއްޓާލަން އަންގައިފި
ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ނިމެންދެން ޗެނެލް 13 އިން ދައްކަމުން އަންނަ "މަޑިސީލަ" ޕްރޮގުރާމް ހުއްޓާލަން އަންގައިފިއެވެ.
މުސާރަ ލިބޭގޮތައް ޔުނިވަރސަލްގެ މުވައްޒަފުންނަށް 3 މަހުގެ ޗުއްޓީއެއް ދީފި
މުސާރައާއި ރޯދަ އިނާޔަތް އަދި މިމަހުގެ ސަރވިސް ޗާޖް ލިބޭ ގޮތަށް ޔުނިވަރސަލްގެ ރިސޯޓް މުވައްޒަފުންނަށް 3 މަހުގެ ޕޭ ލީވް އެކުންފުނިން ދޭން ނިންމައިފިއެވެ. ޔުނިވަރސަލްއިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނި އެއްވެސް އުނިކުރުމެއް ނެތި ހުރިހާ މުވައްޒިފުންނަށް ޤާނޫނުގައި ވާގޮތުގެ މަތިން މުސާރަ ދޭނެކަމަށެވެ.

މާލެ، ހުޅުމާލެ، އަދި ވިލިގިލީގައި ތިބި ރައްޔިތުން މާދަމާ ގޭގައި ކުރާނީ 4 ރަކުޢަތުގެ މެންދުރު ނަމާދެއް: އިސްލާމިކް މިނިސްޓްރީ
މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ބުނީ، ހުކުރު ، ޢީދު، ކޭތަ، އިސްތިސްޤާ ނަމާދު ފަދަ ޝިޢާރުތައް ޤާއިމުކުރުމަކީ ޝަރީޢަތުގައި ޙާކިމާއާ މަތިކުރެވިގެންވާ ޒިންމާއެއްކަމަށެބެ. އަދި ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން، އެމިނިސްޓްރީން ނެރެފައިވާ ސަރކިއުލާގުޅިގެން މާލެ، ހުޅުމާލެ، އަދި ވިލިގިލީގައި ތިބި ރައްޔިތުން މާރޗް 20 ވާ ހުކުރު ދުވަހު ގޭގައި ކުރާނީ 4 ރަކުޢަތުގެ މެންދުރު ނަމާދެއްކަމަށް އެމިނިސްޓްރީން ބުނެއެވެ.
މެލޭޝިޔާގައި ދިރިއުޅޭ އަދި މިވަގުތު ތިބި ދިވެހިންގެ ސަމާލުކަމަށް
19 މާރިޗު 2020 މުޅި ދުނިޔޭގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، 18 މާރިޗު 2020 އިން 31 މާރިޗު 2020 އަށް މެލޭޝިޔާ ސަރުކާރުން ކުރިއަށް ގެންދާ "މޫވްމަންޓް ކޮންޓްރޯލް އޯޑަރ" ގެ ދަށުން، އެ ޤައުމުގައި ތިއްބާ ވިސާގެ މުއްދަތު ހަމަވާ ބިދޭސީންނަށް، މުއްދަތު ހަމަނުވާ ޕާސްޕޯޓެއް އޮތްނަމަ، ސްޕެޝަލް ޕާސް އަކާ ނުލާ ފުރޭނެކަމަށް އެ ޤައުމުން ވަނީ އަންގާފައެވެ.
އެހެންކަމުން، މިވަގުތު މެލޭޝިޔާގައި ތިބި ދިވެހިން މިކަމަށް ސަމާލުވުމަށާއި، އަދި މި ފިޔަވަޅުތަކަށް ބަދަލުއައުން އެކަށީގެންވުމާއެކު، ދަތުރުކުރުމުގެ ކުރިން މައުލޫމާތު ސާފުކުރުމަށް ފޮރިން މިނިސްޓްރީން ވަނީ އެދިފައެވެ. މީގެ އިތުރުން، މި ދަނޑިވަޅުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި، އެހެން ދަތުރުތައް ނުކުރުމަށް ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
އަދި މެލޭޝިޔާގައި މި ވަގުތު ދިރިއުޅެމުންދާ ދިވެހި ރައްޔިތުން އެޤައުމުގެ ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް ސަމާލުވުމަށްވެސް ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
އިންޑިއާއަށް ދަތުރުކުރާ އަދި އިންޑިއާގައި ދިރިއުޅޭ ދިވެހިންގެ ސަމާލުކަމަށް
19 މާރިޗު 2020 މުޅި ދުނިޔޭގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، އިންޑިއާ ސަރުކާރުން ވަނީ މި ބަލި އިތުރަށް ފެތުރުނަނުދިމަށްޓަކައި، މި މަހުގެ 22 ން 29 އަށް (އިންޑިއާ ގަޑިން 0530 އިން ފެށިގެން)، ފަސިންޖަރުން ގޮވައިގެން ދަތުރުކުރާ ބައިނަލްއަޤްވާމީ ކޮމާޝަލް އެއާލައިންތަކުގެ ދަތުރުތައް ވަގުތީގޮތުން ހުއްޓާލަން ނިންމާފައެވެ. އެހެންކަމުން، މި ދުވަސްތަކުގައި އިންޑިއާއަށް ދަތުރުކުރަން ގަސްދުކުރާ ދިވެހިން މިކަމަށް ސަމާލުވުވެ، އަދި މި ފިޔަވަޅުތަކަށް ބަދަލުއައުން އެކަށީގެންވުމާއެކު، ދަތުރުކުރުމުގެ ކުރިން މައުލޫމާތު ސާފުކުރުމަށް ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ. މީގެ އިތުރުން، މި ދަނޑިވަޅުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި، އެހެން ދަތުރުތައް ނުކުރުމަށާއި، އަދި އިންޑިއާގައި މި ވަގުތު ދިރިއުޅެމުންދާ ދިވެހި ރައްޔިތުން އެޤައުމުގެ ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް ސަމާލުވުމަށްވެސް ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
އަދި ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުން، އެ މިނިސްޓްރީގައާއި އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންގައި ރެޖިސްޓަރ ކުރުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން، އިންޑިއާއަށް ދަތުރުކުރާ، އަދި އެ ޤައުމުގައި ދިރިއުޅޭ ދިވެހި ރައްޔިތުން އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަން ނުވަތަ ތިރުވަނަންތަޕޫރަމްގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސުލޭޓް ޖެނެރަލްގައި ރެޖިސްޓަރ ކުރުމަށް ފޮރިން މިނިސްޓްރީން ވަނީ އެދިފައެވެ. ހަމައެހެންމެ، ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިން ޓްރެވަލް އިންޝުއަރެންސް ހޯދުމަކީވެސް، ޚާއްޞަކޮށް މި ދުވަސްވަރު ވަރަށް ބޭނުންތެރި ކަމެއްކަމުގެ ގޮތުގައި މި މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
އޮސްޓްރޭލިއާގައި ދިރިއުޅޭ އަދި އެ ޤައުމަށް ދަތުރުކުރާ ދިވެހިންގެ ސަމާލުކަމަށް
19 މާރިޗު 2020 މުޅި ދުނިޔޭގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، އޮސްޓްރޭލިއާގެ ސަރުކާރުން ވަނީ އެ ޤައުމުގެ ރައްޔިތުން ފިޔަވައި، އެހެން ފަރާތްތަކުން އެ ޤައުމަށް އެތެރެވުން 20 މާރިޗު 2020 (އޮސްޓްރޭލިއާ އީސްޓަން ސްޓެންޑަޑް ޓައިމްއިން ރޭގަނޑު 9 ން ފެށިގެން) މަނާކޮށްފައެވެ.
އޮސްޓްރޭލިއާގެ ރައްޔިތުންނާއި، ދާއިމީ ރައްވެހިންނާއި، އެމީހުންގެ ގާތް އާއިލީ ބޭފުޅުން (ފުރަތަމަ ދަރަޖައިގެ އާއިލީ ގުޅުން އޮންނަ ބޭފުޅުން) އޮސްޓްރޭލިއާއަށް އެތެރެވުމަށްފަހު، 14 ދުވަހު ގޭގައި ހޯމް އައިސޮލޭޝަންގައި ތިބެން ޖެހޭނެކަމަށްވެސް އިއުލާނުކޮށްފައިވެއެވެ. އެހެންކަމުން، މި ދުވަސްތަކުގެ ތެރޭގައި އޮސްޓްރޭލިއާގައި ދިރިއުޅޭ އަދި އޮސްޓްރޭލިއާއަށް ދަތުރުކުރުމަށް ގަސްދުކުރާ ދިވެހިން މިކަމަށް ސަމާލުވުމަށް ދިވެހި ޚާރިޖިއްޔާއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މި ފިޔަވަޅުތަކަށް ބަދަލުއައުން އެކަށީގެންވުމާއެކު، ދަތުރުކުރުމުގެ ކުރިން މައުލޫމާތު ސާފުކުރުމަށްވެސް އެދެމެވެ.
މީގެ އިތުރުން، މި ދަނޑިވަޅުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި، އެހެން ދަތުރުތައް ނުކުރުމަށް އިލްތިމާސްކުރަމެވެ. އަދި އޮސްޓްރޭލިއާގައި މި ވަގުތު ދިރިއުޅެމުންދާ ދިވެހި ރައްޔިތުން އެޤައުމުގެ ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް ސަމާލުވުމަށްވެސް އިލްތިމާސްކުރަމެވެ. އަދި ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުން، މި މިނިސްޓްރީގައާއި އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންގައި ރެޖިސްޓަރ ކުރުމަށްވެސް އިލްތިމާސްކުރަމެވެ. އެގޮތުން، އޮސްޓްރޭލިއާއަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި އޮސްޓްރޭލިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުން ސިންގަޕޫރުގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަންގައި ރެޖިސްޓަރ ކުރުމަށްވެސް މިނިސްޓްރީން ވަނީ އެދިފައެވެ. ހަމައެހެންމެ، ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިން ޓްރެވަލް އިންޝުއަރެންސް ހޯދުމަކީވެސް، ޚާއްޞަކޮށް މި ދުވަސްވަރު ވަރަށް ބޭނުންތެރި ކަމެއްކަމުގައި މި މިނިސްޓްރީއިން ވަނީ ފާހަގަކޮށްފައެވެ.
އައިސޮލޭޝަން އަދި ކަރަންޓީނުގައި ތިބި ފަރާތްތައް
ވިލިވަރުގައި 25 މީހެއް
އެޗްއައިއެޗް ގައި 75 މީހެއް
ފަރުކޮޅުފުށީގައި މީހަކު ނެތް
ޑީއެޗް 11 ގައި އެޑްމިޓްކޮށްފައި 2 މީހެއް
ވެލިދޫ އައިސޮލޭޝަންގައި 16 މީހެއް
ފަން އައިލެންޑްގައި ކަރަންޓީނުކޮށްފައި 51 މީހެއް
މީގެ އިތުރުން ޓެސްޓް ކުރެވިފައިވާ ސާމްޕަލްތަކުގެ ތެރެއިން 506 ސާމްޕަލް ވަނީ ނެގެޓިވް ވެފައި ކަމަށާއި
ޕެންޑިންގައި 11 ސާމްޕަލް އެއް ހުރި ކަމަށް މަބްރޫކް ވިދާޅުވިއެވެ.
މާލެ ތެރެއަށް ބޭހެއް ޖަހުމަށް އެންމެން ގޭގައި މަޑުކުރަން ދެކެވޭ ވާހަކަ އަކީ ހަޤީގަތާއި ޚިލާފް ވާހަކަތަކެއް: މަބްރޫކް
މާލެ ތެރެއަށް ބޭހެއް ޖަހަން މިރޭ ބަންދު ކުރާ ކަމަށާއި މިކަމާއި ގުޅިގެން އެންމެން ގޭގައި މަޑުކުރުމަށް ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަ މަބްރޫކް ދޮގުކުރައްވައިފިއެވެ. މަބްރޫކް ވިދާޅުވީ އެއީ ސްރީލަންކާގައި މިވަގުތު ދެކެވޭ ވާހަކައެއް ކަމަށާއި އެއީ ރާއްޖޭގައި ދެކެވޭ ވާހަކަ އެއް ނޫން ކަމަށެވެ.
ކޯވިޑް-19: ކަރަންޓީން އަދި އައިސޮލޭޝަންގައި ތިބި ފަރާތްތަކަށް އާއިލާ ތަކުން ތަކެތި ފޮނުވުމުގެ އިންތިޒާމް ވަނީ ހަމަޖެހިފައި
ބޭރުގައުމުތަކުން ރާއްޖެ އައި މީހުންގެ ތެރެއިން ކަރަންޓީން އަދި އައިސޮލޭޝަންގައި ތިބި ފަރާތްތަކަށް އެފަރާތްތަކުގެ އާއިލާ ތަކުން ތަކެތި ފޮނުވުމުގެ އިންތިޒާމް ވަނީ ހަމަޖެހިފައި ކަމަށާއި އެ ތަކެތި ބަލައިގަތުމަށް ހަަމަޖެހިފައިވަނީ ހެނދުނު 9:00 އިން 11:00 އަށެވެ. އެކަމަށް ކަނޑައަޅާފައިވާ ހޮޓް ލައިން ނަމްބަރަކީ 7290223 އެވެ. ހެނދުނު 9:00 އިން ރެގަނޑު 23:00 އަށް މި ނަމްބަރު އެކްޓިވް ވާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ. ހުކުރު ދުވަހު މެންދުރު ފަހު 14:30 އިން ރޭގަނޑު 23:00 އަށެވެ.
ކޯވިޑް-19: ހޮލިޑޭ ވިލެޖް (ބޮޑު ފުޅަދޫ) މޮނިޓަރިންގެ ހާލަތުގައި
ހޮލިޑޭ ވިލެޖް ( ބޮޑު ފުޅަދޫ) އެއް ބިދޭސީއެއް ކޮވިޑް-19 ގެ އަލާމާތްތައް ފެނިގެން ރިސޯޓްވަނީ މޮނިޓަރިންގެ ހާލަތުގައި ކަމަށާއި ޑޮކްޓަރުންގެ ޓީމެއް ދަރުތު ކުރަމުންދާ ކަމަށް ކޯވިޑް- 19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވަނީ ވިދާޅުވެފައެވެ.
އީކުއޭޓަރ ސަފާރީން އެއް ދިވެއްސެއް ބަލީގެ އަލާމާތްތައް ހުރިކަމަށް ރިޕޯޓްކޮށްފައިވާތީ އެސަފާރީވެސް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެވިފައި ކަމަށާއި ޑޮކްޓަރުންގެ ޓީމެއް ދަތުރުކުރަމުންދާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ކޯވިޑް-19: އައިލެންޑް ސަފާރީ އޮތީ މޮނިޓަރިންގެ ހާލަތުގައި
އައިލެންޑް ސަފާރޯ އޮތީ އަދިވެސް މޮނިޓަރިންގެ ހާލަތުގައި ކަމަށް ކޯވިޑް-19 އާ ގުޅިގެން އުފައްދާފައިވާ ޓާސްކްޕޯސްގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވިއެވެ.
މީގެ އިތުރުން މައި ސްކައި އޮތީ ކަރަންޓީން ކުރެވިފައި ކަމަށް މަބްރޫކް ވިދާޅުވިއެވެ. ޕެރަޑައިސް އައިލެންޑް ރިސޯޓްވެސް އޮތީ މޮނިޓަރިންގައި ކަމަށް މަބްރޫކް ވިދާޅުވިއެވެ. އައިސޮލޭޝަންގައި ތިބި ފަރާތްތައް އެކަހެހެރި ކުރުމަށްފަހު ޝެވަލް ބްލޮންކް ރަންދެލި ވަނީ އާންމު ހާލަތަށް ގެނެވިފައި ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ފިލިޕީންސްގައި "އެންހޭންސްޑް ކޮމިއުނިޓީ ކަރަންޓީން" ގެ ހާލަތު އިއުލާންކުރުމާއި ގުޅިގެން ދިވެހިން ސަމާލުވުމަށް އެދިއްޖެ
މުޅި ދުނިޔޭގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، ފިލިޕީންސްގެ ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، 17 މާރިޗު 2020 ވަނަ ދުވަހުގެ ރޭ 00:00 އިން 13 އޭޕްރިލް 2020 ވަނަ ދުވަހުގެ ރޭ 00:00 އަށް، އެ ޤައުމުގައި "އެންހޭންސްޑް ކޮމިއުނިޓީ ކަރަންޓީން" ގެ ހާލަތު ވަނީ އިއުލާންކޮށްފައެވެ. މި މުއްދަތުގެ ތެރޭގައި އެ ޤައުމުން ފުރާ ފަރާތްތައް ފިޔަވައި، އެހެން ފަރާތްތަކަށް އަންނަނިވި ކަންތައްތައް މަނާކުރަން ވަނީ ނިންމާފައެވެ.
1) މިހާރު އޮތް ވިސާ އެހެން ކެޓެގަރީއެއްގެ ވިސާ އަކަށް ބަދަލުކުރުން.
2) ފިލިޕީންސްގެ ރައްޔިތަކަށް ވުމަށްޓަކައި ސިޓިޒަންޝިޕް އެޕްލިކޭޝަނެއް ހުށަހެޅުން.
3) ޓޫރިސްޓް ވިސާގެ މުއްދަތު އިތުރުކުރުމަށް ހުށަހެޅުން.
4) ހާއްސަ ވަރކް ޕަރމިޓަކަށް އެދުން.
މީގެ އިތުރުން، މަތީގައި ބަޔާންކޮށްފައިވާ "އެންހޭންސްޑް ކޮމިއުނިޓީ ކަރަންޓީން" ހާލަތުގެ މުއްދަތުގެ ތެރޭގައި އެއްވެސް ފަރާތެއްގެ ވިސާ ހަމަވެއްޖެނަމަ، "އެންހޭންސްޑް ކޮމިއުނިޓީ ކަރަންޓީން" ހާލަތުގެ މުއްދަތު ހަމަވުމުގެ ފަހުން، 30 ދުވަހުގެ ތެރޭގައި އެ ފަރާތެއްގެ ވިސާގެ މުއްދަތު އިތުރުކުރަން ހުށަހެޅޭނެކަމަށް ވަނީ އަންގާފައެވެ.
ވީމާ، މި ދުވަސްތަކުގެ ތެރޭގައި ފިލިޕީންސްގައި ދިރިއުޅޭ އަދި މިވަގުތު ތިބި ދިވެހިން މިކަމަށް ސަމާލުވުމަށް އެދެމެވެ. އަދި މި ފިޔަވަޅުތަކަށް ބަދަލުއައުން އެކަށީގެންވުމާއެކު، ދަތުރުކުރުމުގެ ކުރިން މައުލޫމާތު ސާފުކުރުމަށްވެސް އެދެމެވެ.
މީގެ އިތުރުން، މި ދަނޑިވަޅުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި، އެހެން ދަތުރުތައް ނުކުރުމަށް އިލްތިމާސްކުރަމެވެ. އަދި ފިލިޕީންސްގައި މި ވަގުތު ދިރިއުޅެމުންދާ ދިވެހި ރައްޔިތުން އެޤައުމުގެ ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް ސަމާލުވުމަށްވެސް އިލްތިމާސްކުރަމެވެ.
އަދި ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުން، މި މިނިސްޓްރީގައާއި އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންގައި ރެޖިސްޓަރ ކުރުމަށްވެސް އިލްތިމާސްކުރަމެވެ. އެގޮތުން، ފިލިޕީންސްއަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ފިލިޕީންސްގައި ދިރިއުޅޭ ދިވެހި ރައްޔިތުން ބަންގްލަޑޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަންގައި ރެޖިސްޓަރ ކުރުމަށް އެދެމެވެ.
ހަމައެހެންމެ، ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިން ޓްރެވަލް އިންޝުއަރެންސް ހޯދުމަކީވެސް، ޚާއްޞަކޮށް މި ދުވަސްވަރު ވަރަށް ބޭނުންތެރި ކަމެއްކަމުގައި ފޮރިން މިނިސްޓްރީއިން ފާހަގަކުރަމެވެ.
ރިޒޯޓްތަކުގައި ޤާއިމުކޮށްފައިވާ ސްޕާތައް ފިޔަވައި ދިވެހިރާއްޖޭގައި ހިންގާ އެހެނިހެން ސްޕާތައް ބަންދު ކުރުމަށް ނިންމައިފި
ރިޒޯޓްތަކުގައި ޤާއިމުކޮށްފައިވާ ސްޕާތައް ފިޔަވައި ދިވެހިރާއްޖޭގައި ހިންގާ އެހެނިހެން ސްޕާތައް ބަންދު ކުރުމަށް އެޗްޕީއޭއިން ނިންމައިފި އެވެ. އެޗްޕީއޭއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މަރޗް މަހުގެ 19 ވަނަ ދުވަހުގެ ރޭ 12:00 އިން ފެށިގެން މިނިންމުމަށް އަމަލުކުރަމުންދާނެ ކަމަށެވެ.
އެހެން ޤައުމަކުން ފުރާ ޔޮޓާއި ސަފާރީ ފަދަ އުޅަނދު ރާއްޖެ އައުމާއި ރާއްޖޭގެ އެއްވެސް ރަށެއްގައި ބަނދަރުކުރުން މަނާކޮށްފި
އެހެން ޤައުމަކުން ފުރާ ޔޮޓާއި ސަފާރީ ފަދަ އުޅަނދު ރާއްޖެ އައުމާއި ރާއްޖޭގެ އެއްވެސް ރަށެއްގައި ބަނދަރުކުރުން މަނާކަމެއް ކަމަށް އެޗްޕީއޭއިން ހާމަކޮށްފި އެވެ. އެކަން ހާމަކޮށް އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މަރޗް މަހުގެ 19 ވަނަ ދުވަހުގެ 12:00 އިން ފެށިގެން ބަނދަރުކުރުން އެއީ މަނާކަމެއް ކަމަށެވެ.
ކޮވިޑް-19 ޖެހިގެން ރަޝިއާގައި ފުރަތަމަ ފަހަރަށް މީހަކު މަރުވެއްޖެ
ރަޝިއާއިން ބުނެފައިވަނީ ކޮވިޑް-19 ޖެހިގެން މަރުވެފައިވަނީ 79 އަހަރުގެ އަންހެނެއް ކަމަށް.
ކޮވިޑް-19 ޖެހިގެން ސްޕެއިންގައި މަރުވި މީހުންގެ އަދަދު 767 އަށް
މިއަދު އެކަނި ސްޕެއިން ވަނީ 209 މީހުން މަރުވެފައިވާކަން ހާމަކޮށްފައި. އަދި މިއާއެކު މިހާތަނަށް 767 މީހަކު މި ބަލީގައި އެގައުމުން ވަނީ މަރުވެފައި.
ކޮވިޑް-19: އައިލެންޑާސް ފުޓްސަލް ޗެލެންޖު ފަސްކޮށްފި
މެދުރާއްޖެ ތެރޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ އައިލެންޑާސް ފުޓްސަލް ޗެލެންޖު 2020 ފަސްކުރުމަށް ނިންމައިފި އެވެ.
މުބާރާތް އިންތިޒާމުކުރާ ޓީއެފްއެމް ސްޕޯޓްސް ކްލަބުން ބުނީ މުބާރާތް ފަސްކުރީ ރާއްޖެއިން މިހާރު ފެނިފައިވާ ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން ދައުލަތުގެ މުއައްސަސާތަކުން އިރުޝާދު ދެއްވާފައިވާ ގޮތަށް އަމަލުކުރުމަށް ކަމަށެވެ. އަދި މި މުބާރާތް ދެން ބާއްވާނެ ތާރީޚެއް ފަހުން އިއުލާނުކުރާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
ކޮވިޑް-19: އިނގިރޭސި ޕްރިމިއާ ލީގުގެ މެޗުތައް އަނެއްކާވެސް ފަސްކޮށްފި
ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން އިނގިރޭސި ޕްރިމިއާ ލީގުގެ މެޗުތައް އަނެއްކާވެސް ފަސްކޮށްފި އެވެ.
މީގެ ކުރިން ލީގު މެދު ކަނޑާލާފައި އޮތީ އަންނަ އޭޕްރީލް މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށެވެ. އެކަމަކު ބުރާސްފަތި ދުވަހު ކްލަބުތަކާއެކު ބޭއްވި ކުއްލި ބައްދަލުވުމުގައި ވަނީ އޭޕްރީލް 30 ގެ ނިޔަލަށް ލީގުގެ މެޗުތައް މެދުކަނޑާލަން ނިންމާފައެވެ.
ރޯދަ އެލަވަންސް ކުޑަކުރުމަށް ނުވަތަ ކަނޑާލަން ނުވިސްނަން
ރޯދަ އެލަވަންސް ކުޑަކުރުމަށް ނުވަތަ ކަނޑާލުމަށް ވިސްނާފައިނުވާކަމަށް އިކޮނޮމިކް މިނިސްޓަރ ވިދާޅުވެއްޖެ އެވެ.
މަރޗް މަހުން ފެށިގެން ނަގާފައިވާ ލޯންތަކުގެ އިންޓަރެސްޓް ރޭޓް 4% ކުޑަވާނެ، ދައްކަންޖެހޭނީ 6 މަސް ފަހުން
މަރޗް މަހުން ފެށިގެން ނަގާފައިވާ ލޯންތަކުގެ އިންޓަރެސްޓް ރޭޓް 4% ކުޑަވާނެ، އަދި ދައްކަންޖެހޭނީ 6 މަސް ދުވަސް ފަހުންކަމަށް އިކޮނޮމިކް މިނިސްޓަރ ވިދާޅުވި އެވެ.
ރިކަރަންޓް ޚަރަދު ކުޑަކުރިޔަސް ޕީއެސްއައިޕީ މަޝްރޫޢުތައް ކުރިޔަށްދާނެ: ފިނޭންސް މިނިސްޓަރ
ކޮވިޑް-19 އާ ގުޅިގެން ޚަރަދުކުޑަކުރުމުގެ ގޮތުން 1 ބިލިއަން ރުފިޔާ ރިކަރަންޓްގެ ޚަރަދުގެ ބައިން ކުޑަކުރިނަމަވެސް ޕީއެސްއައިޕީ މަޝްރޫޢުތައް ކުރިޔަށްދާނެކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވެއްޖެ އެވެ.
ފައިނޭންޝަލް ޕެކޭޖްގެ އެންމެ މައިގަނޑު ކޮންޑިޝަންއަކީ އެއްވެސް ދިވެއްސެއްގެ ވަޒީފާ ނުގެއްލުން: އިކޮނޮމިކް މިނިސްޓަރ
ސަރުކާރުން ހުށަހަޅާ ފައިނޭންޝަލް ޕެކޭޖްގެ އެންމެ މައިގަނޑު ކޮންޑިޝަންއަކީ އެއްވެސް ދިވެއްސެއްގެ ވަޒީފާ ނުގެއްލުންކަމަށް އިކޮނޮމިކް މިނިސްޓަރ ވިދާޅުވެއްޖެ އެވެ. މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވީ އެހީތެރިކަން ފޯރުކޮށްދޭނީ އެކަމަށް އެއްބަސްވާ ވިޔަފާރިތަކަށް ކަމަށެވެ. ލޯނު ފެސިލިޓީ އާއި އެހެންކަންކަން ލިބިގެންދާނީ އެގޮތުގެ މަތިންކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
ސަރުކާރު ފިޔަވަޅު އަޅަމުންދާނީ އެއްވެސް ދިވެއްސެއް ބާކީ ނުވާނެ ގޮތަށް: ފިނޭންސް މިނިސްޓަރ
ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ފިޔަވަޅު އަޅަމުންދާނީ އެއްވެސް ދިވެއްސެއް ބާކީ ނުކޮށްކަމަަށާއި އެކަމުގެ ޔަގީންކަން އަރުވާކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވެއްޖެ އެވެ. މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރ ވަނީ ދިވެހިން ތިބި ވަޒީފާތަކުގައި ބައިތިއްބައިގެން ހުރިހާ ސެކްޓަރތަކުންވެސް ކަންކަން ކުރިޔަށް ގެންދިޔުމަށް އިލްތިމާސްކުރައްވާފަ އެވެ.
އެސްޓީއޯއިން ވިއްކާ ތެލުގެ އަގު ހެޔޮކުރުމަށް ވަނީ ވިސްނާފައި- ފިނޭންސް މިނިސްޓަރ
އެސްޓީއޯއިން ވިއްކާ ތެލުގެ އަގު ހެޔޮކުރުމަށް ވިސްނާފައިވާކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވެއްޖެ އެވެ. އެކަމުގެ ތަފްސީލު އެސްޓީއޯއިން ހާމަކުރާނެކަމަށް މިނިސްޓާރ ވިދާޅުވި އެވެ.
ކުރިޔަށް އޮތް ދެ މަހުގެ ކަރަންޓް ބިލުން %40 އަދި ފެންބިލުން %30 ސަރުކާރުން ސަބްސިޑީ ކޮށްދޭނެ- ފިނޭންސް މިނިސްޓަރ
ކޮވިޑް-19 އަށް ގުޅިގެން އާންމު ރައްޔިތުންނަށް ދަތިތައް ދިމާވާނެތީ ކުރިޔަށް އޮތް ދެ މަސްދުވަހުގެ ( އޭޕްރީލް އަދި މެއި) މަހުގެ ކަރަންޓް ބިލުން 40% އަދި ފެންބިލުން %30 ސަބްސިޑީ ކޮށްދޭނެކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ. މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އަމީރު ވިދާޅުވީ މާލީ ހާލަތަށް ނޭދެވޭ އަސަރުކޮށްފައިވާ ފަރުދުންނަށް ވިޔަފާރިތަކަށް ބޭންކް އޮފް މޯލްޑިވްސް އިން ނަގާފައި ހުރި ދަރަނީގެ ޕްރިންސިޕަލް އަދި އިންޓަރެސްޓް ޕޭމަންޓް ހަ މަސްދުވަހުގެ މުއްދަތަށް ލަސްކުރުމަށް ވަނީ ނިންމާފައިކަމަށެވެ. މިކަމަށް އެދޭ ފަރާތްތަކުން ކޮވިޑް-19 އާ ގުޅިގެން ލިބިފައިވާ ގެއްލުންތައް ބޭންކަށް ދައްކައިދޭންޖެހޭނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ. ކުރިޔަށް އޮތް ހަފްތާގެ ތެރޭގައި ބޭންކުން މިކަމުގެ ތަފްސީލު ހާމަކުރަމުން ގެންދާނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
ކޮވިޑް-19: ވައިރަސް ފެތުރޭތީ އަންނަ މަހުގެ 25 ވަނަ ދުވަހު އިންތިޚާބު ނުބާއްވާނެކަމަށް ސްރީލަންކާއިން ބުނެފި
ކޮވިޑް-19 ފެތުރޭތީ ސްރީލަންކާގައި އަންނަ މަހުގެ 25 ވަނަ ދުވަހު ބޭއްވުމަަށް ހަމަޖެހިފައިވާ ޤާނޫނު ހަދާ މަޖިލީހުގެ އިންތިޚާބު އެތާރީޚުގައި ނުބާއްވާނެކަމަށް ސްރީލަންކާއިން ބުނެފި އެވެ. ލަންކާގައި ވައިރަސް ފެތުރޭތީ ކުރިޔަށް އޮތް ދެ ހަފްތާ އެގައުމަށް ވައިގެ މަގުން އެއްވެސް ފްލައިޓެއް އައުން ވަނީ މަނާކޮށްފަ އެވެ. އަދި ބައެއް އޭރިއާތަކުގައި ވަނީ ކާފިއު އިއުލާންކޮށްފަ އެވެ.
ކަމެއް ފޮރުވަން އަންގާ ދުވަހު ޕްރެސްކޮންފެރެންސްދޭން ނީންނާނަން: މަބްރޫކް
ކޮވިޑް-19 އާ ގުޅިގެން ކަމެއް ފޮރުވުމަށް އަންގަން ބުނާ ދުވަހަކު ޕްރެސްކޮންފެރެންސް ދޭން ނީންނާނެކަމަށް ކޮވިޑް-19 ގެ ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް ވިދާޅުވެއްޖެ އެވެ. މަބްރޫކް ވިދާޅުވީ ކަމެއް ފޮރުވުމުގެ ވިސްނުމެއް ސަރުކާރުގައި ނެތްކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން ސީދާ ލިބިފައިވާ އިރުޝާދަކީ މިބަލިން ސަލާމަތްވުމަށާއި މިކަމުން ދިމާވެފައިވާ ހާސްކަމުން އަރައިގަތުމަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ ވަގުތުން ވަގުތަށް ގަޑިން ގަޑިއަށް މައުލޫމާތު ފޯރުކޮށްދިނުން ކަމަށެވެ. ޕްރެސްކޮންފެރެންސް ދުވާލު ދެ އިރު ބާއްވަނީ ގަޑިން ގަޑިއަށް މައުލޫމާތު ދިނުމަށްކަމަށް މަބްރޫކް ވިދާޅުވި އެވެ. ތަނެއްގައި ތޯތޯކޮށް ދައްކާ ވާހަކައެއް ނަގައިގެން އެވާހަކަ ބޮޑު ސިންގާ ކަމަކަށް މިދަނޑިވަޅުހެދީމާ އިއްޔެގައި މާލޭގައި މީހުންގެ ހާސްކަން އިތުރުވީކަމަށް މަބްރޫކް ވިދާޅުވިއެވެ. މީޑިޔާއަކަށް މީޑިޔާއިން ބޭނުންވާ މައުލޫމާތު އެކަމުގެ ޒިންމާ ނަގައިގެން ފެތުރޭނެކަމަށް މަބްރޫކް ވިދާޅުވި އެވެ. ނަމަވެސް މިކަމުގައި ހާސްކަން އިތުރުވާ ގޮތަށް އެކަން ނުކުރުމަށް މަބްރޫކް ވިދާޅުވި އެވެ.
މިވަގުތު އެންމެ ރަނގަޅުގޮތަކީ ތިބި ތަނެއްގައި މަޑުކޮށްގެން ތިބުން: ޑރ ނަޒްލާ
މިވަގިތު ރާއްޖޭގެ ހާލަތު އޮތްގޮތުން އެންމެ ރަނގަޅު ގޮތަކީ އެމީހަކު ތިބިތަނެއްގައި މަޑުކޮށްގެން ތިބުންކަމަށް ޑރ. ނަޒްލާ ވިދާޅުވެއްޖެ އެވެ. ކޮވިޑް-19 ގެ ޕްރެސްކޮންފެރެންސްގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ ފާއިތުވި ދެތިން ދުވަހު މީހުން ފުރައިގެން އަތޮޅު ތެރެއަށް ގޮސްފައިވާކަމަށާއި ގިނަ މީހުން ފުރަން ދިޔުމަކީވެސް މީހުން އެއްވުންކަމަށެެވެ. އެއްވާ ތަންތަން މަދުކޮށް އެއްތަނުން އަނެއްތަނަށް ދަތުރުނުކުރުމަށް ޑރ.ނަޒްލާ އެދިލެއްވި އެވެ.
ކްލިނިކްތައް
ފްލޫ ކްލިނިކުން 1029 މީހެއް ވަނީ ބަލާފައި
ޓްރެވަލް ކްލިނިކުން 271 މީހެއް ވަނީ ބަލާފައި
އެކްސްޕެޓް ކްލިނިކުން ވަނީ 65 މީހެއް ވަނީ ބަލާފައި
މިއަދުގެ އަދަދުތައް:
ފްލޫ ކްލިނިކަށް ދައްކާފައިވަނީ 169 މީހުން
ޓްރެވަލް ކްލިނިކުން 34 މީހުން
އެކްސްޕެޓް ކްލިނިކުން 23 މީހެއް
ކޮވިޑް-19 އާއި ގުޅިގެން މިހާތަނަށް އިންޑިޔާ، އެމެރިކާ އަދި ޖަޕާނުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައި
އިންޑިޔާއިން މިހާތަނަށް ވަނީ 53 ވައްތަރެއްގެ ބޭސް އެއީ 5 ޓަނުގެ ބޭސް ފޯރުކޮށްދީފައި.
އަދި 14 މެމްބަރުންގެ މައްޗަށް އެކުލެވޭ މެޑިކަލް ޓީމެއްވެސް ވަނީ އައިސްފައި.
ޖަޕާނުގެ ފަރާތުން ވަނީ 9000 ސަރޖިކަލް މާސްކް ރާއްޖެއަަށް ފޮނުވައިދީފައި.
އެމެރިކާގެ ފަރާތުން 470 ބޫޓާއި 485 ކަވަރޯލް އާއި 400 އަންގި ވަނީ ފޯރުކޮށްދީފައި
މެލޭޝިޔާ، ފިލިޕީންސް އަދި ލަންކާގައި ތިބި ދިވެހިންގެ ހާލަތު އަންނަނީ ބަލަމުންކަމަށް މަބްރޫކް ވިދާޅުވެއްޖެ
މެލޭޝިޔާގައި އިތުރު ޓްރެވަލް ރެސްޓްރިކްޝަނެއް އައިސްފައިވާތީ އެގައުމުގެ ހާލަތު އޮތްގޮތާއި ހާލަތު ބަދަލުވަމުން އަންނަ ގޮތް ބަލަމުންދާކަމަށް މަބްރޫކް ވިދާޅުވި އެވެ. ސްރީލަންކާއަށް ވަދެ ނިކުތުން މިވަގުތު ހުއްޓާލާފައިވާތީ ލަންކާގައި ޓޫރިސްޓް ވިސާގައި އަދި އެހެން ވިސާގައި ތިބި ފަރާތްތަކުގެ ވިސާ 30 ދުވަހަށް އިތުރުކުރެވިއްޖެ ކަމަށް މަބްރޫކް ވިދާޅުވި އެވެ. ފިލިޕީންސުން ނިކުމެ އުޅުމަށް ވަގުތީ ގޮތުން އެޅި ފިޔަވަޅު ވަނީ ނިމުމަކަށް އައިސްފަ އެވެ. ފިލިޕީންސުން ނިކުންނަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ވަނީ ލިބިފައި މިހާރު އެވެ. ވިސާގެ މައްސަލަ ދިމާވެފައިވާ ފަރާތްތަކަށް އެމައްސަލަ ހައްލުކުރުމަށް ގައުމުގައި އޮންނަ ކުއްލި ހާލަތު ނިމުމަކަށް އައުމުން އެކަން ކޮށްދެއްވާނެކަމުގެ ޔަގީންކަން އަރުވާކަމަށް މަބްރޫކް ވިދާޅުވި އެވެ.