Raajje.mv

ކޮވިޑް-19: އެންމެ ފަހުގެ

ނޮވެލް ކޮރޯނާވައިރަސް ގުޅޭ އެންމެ ފަހުގެ މައުލޫމާތު:

28 ޖެނުއަރީ 2020
61179852
ކޮރޯނާވައިރަސް

ކޮރޯނާވައިރަސް

23 މާރިޗު 2020 | 07:26

ކޮވިޑް-19: ސައުދީ އަރަބިއްޔާގައި 21 ދުވަހުގެ ކާފިއު އިއުލާންކޮށްފި

ކޮވިޑް-19 ފެތުރޭތީ ސައުދީ އަރަބިއްޔާގައި 21 ދުވަހުގެ ކާފިއު އިއުލާންކޮށްފި އެވެ. ސައޫދީގެ ރަސްމީ ނޫސް އެޖެންސީ، ސާނާ ބުނާގޮތުން ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒު ވަނީ ރޭގަނޑު 7:00 އިން ހެނދުނު 6:00 އަށް 21 ދުވަސްވަންދެން މަގުތަކަށް މީހުން ނިކުތުމާއި އެއްވެއޮޅުން މަނާކުރުމުގެ ޝާހީ އަމުރެއްގައި ސޮއިކުރައްވައި އެކަން ތަންފީޒު ކުރުމަށް ސައޫދީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް އަމުރު ކުރައްވާފަ އެވެ.

23 މާރިޗު 2020 | 06:28

ވިލާތާއި މެދުއިރުމައްޗަށް ދަތުރުކޮށްފައި އައި ދިވެއްސެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެޗްޕީއޭއިން ބުނެފި

ރައްކާތެރިކަމުގެ ގޮތުން ޢަމަލު ކުރަމުންދާ އުޞޫލުގެ ދަށުން، ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން، ވިލާތާއި މެދުއިރުމައްޗަށް ދަތުރުކޮށްފައި އައި ދިވެއްސެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

23 މާރިޗު 2020 | 06:26

ޖަޕާނުން އެއް ދުވަހާ އެންމެ ގިނަ މީހުން ކޮވިޑް-19 ޖެހިގެން މަރުވެފައިވަނީ އާދިއްތަ ދުވަހު

ޖަޕާނުން އާދިއްތަ ދުވަހު 5 މީހުން ކޮވިޑް-19 ޖެހިގެން މަރުވެފައިވާއިރު މިއީ މިހާތަނަށް އެގައުމުން އެއް ދުވަހާ އެންމެ ގިނަ މީހުން މަރުވެގެން ރިޕޯޓްކޮށްފައިވާ ދުވަހެވެ. އެއާއެކު އެގައުމުން މިވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 49 އަށް އަރާފަ އެވެ. މިހާތަނަށް އެގައުމުން 1,801 މީހުންނަށް މިވައިރަސް ޖެހިފައިވެ އެވެ.

23 މާރިޗު 2020 | 05:36

ކޮވިޑް-19: މާލޭ މަގުތައް ދޮވެ ސާފުކުރުމުގެ މަސައްކަތް ފަށައިފި

ކޮވިޑް-19 އިން ގައުމު ސަލާމަތް ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، މާލޭގެ މަގުތައް ދޮވެ ސާފުކުރުމުގެ މަސައްކަތް ފަށައިފި އެވެ. މަގުތައް ދޮވެ ސާފުކުރަނީ ކްލޮރިން އަޅައިގެންނެވެ. މާލޭ ސިޓީން މި މަސައްކަތް ކުރަމުން އަންނަނީ ސިފައިންނާއި އެމްޑަބްލިއުއެސްސީ އާއި ގުޅިގެންނެވެ.

23 މާރިޗު 2020 | 05:32

ނިއުދިއްލި އާއި އިތުރު ސިޓީތަކެއް މަރޗް މަހުގެ 31 ވަނަ ދުވަހާ ހަމައަށް ލޮކްޑައުން ކޮށްފި

ކޮވިޑް-19 އިންޑިޔާގައި ފެތުރެމުންދާތީ އެކަމުން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އިންޑިޔާގެ މައި ސިޓީ ނިއުދިއްލި އާއި އިތުރު ސިޓީތަކެއް މަރޗް މަހުގެ 31 ވަނަ ދުވަހާ ހަމައަށް ލޮކްޑައުން ކުރުމަށް ނިންމައިފި އެވެ. އެންމެ ފުރަތަމަ އިންޑިޔާއިން ނިންމާފައިވަނީ 14 ގަޑިއިރު ވަންދެން ލޮކްޑައުންކޮށްފައި ބޭއްވުމަށެވެ. ނަމަވެސް ފަހުން މިވަނީ ލޮކްޑައުންގެ މުއްދަތު އިތުރުކޮށްފަ އެވެ. ލޮކްޑައުންކުރުމަށް ހަމަޖެހިފައިވާ ސިޓީތަކުގެ ތެރޭގައި ހިމެނެނީ މުމްބާއީ، ބެންގަލޯރު، ޕޫނޭ، ހައިދްރައާބާދު އަދި ކޮލްކަތާ އެވެ. މިނިންމުމާއެކު އިންޑިޔާގެ އެތައް މިލިއަން ބަޔަކަށް ގޭގައި ތިބެގެން މަސައްކަތް ކުރުމަށް މިވަނީ މަޖުބޫރުވެފަ އެވެ.

23 މާރިޗު 2020 | 05:12

ކޮވިޑް-19: އޮލިމްޕިކްސްގައި ވާދަނުކުރަން ކެނެޑާ އާއި އޮސްޓްރޭލިއާއިން ނިންމައިފި

ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި ބޭއްވުމަށް ހަމަޖެހިފައިވާ އޮލިމްޕިކް ގޭމްސް 2020 ފަސްނުކޮށްފިނަމަ، މި ގޭމްސްގައި ވާދަނުކުރަން ކެނެޑާ އާއި އޮސްޓްރޭލިއާއިން ނިންމައިފި އެވެ.

މިއަހަރުގެ އޮލިމްޕިކްސް ޓޯކިޔޯގައި ބޭއްވުމަށް ތާވަލުކޮށްފައިވަނީ ވަނީ ޖުލައި 24 އިން އޮގަސްޓް 9 އަށެވެ.

23 މާރިޗު 2020 | 04:25

ހޫބޭ ޕްރޮވިންސުން ވައިރަސްއަށް ޕޮޒިޓިވް މީހަކު ނުފެންނަތާ ޖެހިޖެހިގެން 5 ވަނަ ދުވަސް

ކޮވިޑް-19 އެންމެ ފުރަތަމަ ފެނުނު ޗައިނާގެ ހޫބޭ ޕްރޮވިންސުން ވައިރަސް ޖެހިފައިވާ މީހަކު ނުފެންނަތާ މިއަދަށް މިއީ 5 ވަނަ ދުވަހެވެ. އާދިއްތަ ދުވަހު ޗައިނާގެ 39 މީހަކު ވައިރަސް އަށް ޕޮޒިޓިވްވެފައިވާއިރު 9 މީހަކު ވަނީ މަރުވެފަ އެވެ. މި 39 މީހުންނަކީ ޗައިނާއަށް އެތެރެވި މީހުންކަމަށް ޗައިނާއިން ބުނެއެވެ. މިހާތަނަށް އާއިރު ޗައިނާއަށް އެތެރެވާ މީހުންގެ ތެރެއިން 353 މީހުން ވަނީ ވައިރަސް ޖެހިގެން ރިޕޯޓްކޮށްފަ އެވެ. މިހާތަނަށް އާއިރު ޗައިނާއިން 72,703 މީހުން ވަނީ ވައިރަސް ޖެހިގެން އެއްކޮށް ރަނގަޅުވެގެން ހޮސްޕިޓަލްތަކުން ދޫކޮށްލާފަ އެވެ.

23 މާރިޗު 2020 | 04:16

ކޮވިޑް-19: މަރުވި މީހުންގެ އަދަދު 14,687 އަށް

ކޮވިޑް-19 ޖެހިގެން މިހާތަނަށް އާއިރު މަރުވި މީހުންގެ އަދަދު 14,687 އަށް އަރައިފި އެވެ. ދުނިޔޭގެ 192 ގައުމަކުން މިވައިރަސް ފެނިފައިވާއިރު މިހާތަނަށް 338,724 މީހަކަށް ވަނީ މިވައިރަސް ޖެހިފަ އެވެ. އަދި 99,003 މީހުން ވަނީ ވައިރަސް ޖެހިގެން ރަނގަޅުވެފަ އެވެ. ޗައިނާއިން މިވައިރަސް 81,093 މީހުންނަށް ޖެހިފައިވާއިރު އިޓަލީން މިވައިރަސް ޖެހިފައިވާ މީހުންގެ އަދަދު 59,138 އަށް އަރައެވެ.

22 މާރިޗު 2020 | 19:59

އެފްރިކާ ބައްރުގެ ޤައުމުތަކުން ސަމާލުވުމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން އިލްތިމާސްކޮށްފި

ކޮވިޑް-19 އާ ގުޅިގެން އެފްރިކާ ބައްރުގެ ޤައުމުތަކުން ސަމާލުވުމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އިލްތިމާސްކޮށްފިއެވެ.

ކޮވިޑް-19 ގެ އަސަރު އެފްރިކާ ބައްރުގެ 42 ޤައުމަކަށް ކޮށްފައިވާއިރު، 1000 އަށްވުރެ ގިނަ މީހުން ވައިރަސްއަށް ޕޮޒިޓިވްވެފައިވެއެވެ.

އެކަމާ ގުޅިގެން ދުނިޔޭގެ ސިއްޙަތު ޖަމިއްުޔާއިން ވަނީ އެންމެ ނުރައްކާތެރި ޙާލަތަކަށްވެސް ތައްޔާރުވެ ތިބުމަށް އެފްރިކާގެ ޤައުމުތަކަށް ގޮވާލާފައެވެ.

22 މާރިޗު 2020 | 19:15

ކޮވިޑް-19: ޔޫއެސް ސެނެޓުގެ މެމްބަރެއް ވައިރަސްއަށް ޕޮޒިޓިވްވެއްޖެ

ކެންޓަކީ ރިޕަބްލިކަން އިން ޔޫއެސް ސެނެޓުގެ މެމްބަރެއް ގޮތުގައި އިންނަވާ ރޭންޑް ޕޯލް ވައިރަސްއަށް ޕޮޒިޓިވްވެފައިވާއިރު، އޭނާއަކީ ޔޫއެސް ސެނެޓުން ވައިރަސްއަށް ޕޮޒިޓިވްވި ފުރަތަމަ މެމްބަރެވެ.

ޕޯލް މިހާރު ހުންނެވީ ކަރަންޓީންގައި ކަމަށާއި، އޭނާގެ ޙާލު ރަނގަޅުކަމަށް ރިޕޯޓްތައް ބުނެެއެވެ.

އޭގެ އިތުރުން، ޕޯލް ޓެސްޓުކޮށްފައިވަނީ އޭނާގެ ފަރާތުން ވައިރަސްގެ އަލާމާތެއް ފެނިގެން ނޫން ކަމަށާއި، އޭނާގެ ޓްރެވަލް ހިސްޓޮރީއަށް ބެލުމަށްފަހު ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ކަރަންޓީންގެ މުއްދަތު ފުރިހަމަކުރެއްވުމަށްފަހު، ޙާލު ރަނގަޅުވުމުން އެނބުރި މަޤާމުގެ މަސްއޫލިއްޔަތުތަކާއި ހަވާލުވެވަޑައިގަންނަވާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

22 މާރިޗު 2020 | 18:41

ކޮވިޑް-19: ރައީސުލްޖުމްހޫރިއްޔާ ޓާސްކް ފޯރސްގެ ބޭފުޅުންނާއި މަޝްވަރާ ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ކޮވިޑް-19 ވިލަރެސް ކުރުމަށް އެކުލަވާލާފައިވާ ޓާސްކްފޯރސްއާއި، އަދި ކަމާއި ގުޅުންހރުި އިދާރާތަކުގެ އިސް މަސްއޫލުވެރިންނާއި ބައްދަލުކުރައްވައިފިއެވެ. މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި މަޝްވަރާކުރައްވާފައިވަނި ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތައް އިތުރަށް ތަންފީޒުކުރެއްވުމާއި ގުޅޭގޮތުންނެވެ.

22 މާރިޗު 2020 | 18:35

ބޮޑު ވަޒީރުގެ އެދިވަޑައިގަތުމަށް އިންޑިއާ ރައްޔިތުން ގެއަށް ވަދެއްޖެ!

ކޮރޯނާވައިރަސް އާ ދެކޮޅަށް އިންޑިއާގެ ރައްޔިތުން ކުރާ ހަނގުރާމައިގައި 14 ގަޑީއިރުގެ މުއްދަތަކަށް މަގުތައް ދޫކޮށްލުމަށްފަހު ގޭގައި ހޭދަ ކޮށްފިއެވެ. އެޤައުމުގެ ބޮޑުވަޒީރު މޯދީ ހުސްވި ހަފުތާގައި އިއުލާން ކުރެއްވި ކާފިއު އާ ގުޅިގެން ބިލިއަނަކަށް ވުރެ ބޮޑު އާބާދީ އެއް އޮންނަ އިންޑިއާގެ މަގުތައް އާދިއްތަ ދުވަހު ފެނުނީ މުޅިންހެން ފަޅުވެފައި އޮއްވައެވެ.

22 މާރިޗު 2020 | 18:32

ކޮވިޑް-19: މާލޭގެ މަގުތައް ދޮވެ ސާފުކުރުމުގެ މަސައްކަތް މާދަމާ

މާލެ ސިޓީ ކައުންސިލުން އިސްނަގައިގެން މާލެސިޓީގެ މަގުތައް ސާފު ކުރުމުގެ މަސައްކަތް މާދަމާ ފަށަން ނިންމައިފިއެވެ. މިމަސައްކަތް ކުރިޔަށް ގެންދަން ހަމަޖެހިފައިވަނީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސްގެ އެހީތެރިކަމާއި އެކުގައެވެ.

22 މާރިޗު 2020 | 18:26

ޖަރުމަނުގެ ޗާންސެލާ އެންގެލާ މާކެލް އަމިއްލަފުޅަށް ކަރަންޓީންވެ ވަޑައިގެންފި

22 މާރިޗު 2020 | 18:20

ކޮވިޑް-19: ރާއްޖޭގައި އެކްސްކަރޝަން ހުއްޓާލަން އަންގައިފި

ރާއްޖޭގައި އެކްސްކަރޝަން ހުއްޓާލުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު އަންގަވައިފިއެވެ.

މިކަން ހާމަކުރައްވާ މައިމޫނާ ނެރުއްވި އެންގެވުމުގައި ވަނީ އެކްސްކަރޝަންގެ ގޮތުގައި އެއްވެސް ތަނަކުން (ރަށްރަށުން، ރިޒޯޓުތަކުން، ސަފާރީތަކުން، ގެސްޓްހައުސްތަކުން) މީހުން އައުމާއި ދިޔުން ހުއްޓާލުމަށް އަންގާ ކަމަށެވެ.

22 މާރިޗު 2020 | 18:05

ވެލިގަނޑު އައިލެންޑް ރިސޯޓާއި، ސެންތާރާ ގްރޭންޑް އަދި "އެލިއޯން" ގެ ސާމްޕަލްތައް ނެގެޓިވް

22 މާރިޗު 2020 | 17:57

އަދާރަން ސެލެކްޓް ހުދުރަން ފުށި ރިސޯޓުން ދިވެއްސެއް ޓެސްޓު ކުރަނީ، ރިސޯޓް މޮނިޓަރިންގ ގައި

22 މާރިޗު 2020 | 16:22

ކޮންމެ މީހެއްގެވެސް ފަރުދީ ޒިންމާއެއް އޮވޭ، ތިމާތިމާއަށް ތެދުވެރިވާންޖެހޭ: މަބްރޫކް

ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަކީ އޮބާލާ ހިފަހައްޓައިގެން ކުރެވޭނެ ކަމެއް ނޫން. ފަރުދީޒިންމާ މިކަމުގައި ބޮޑު. ތިމާތިމާއަށް ތެދުވެރިވާންޖެހޭ ފުރަތަމަ. ކޮންމެ މީހެއްގެ ފަހަތުގައި ފުލުހަކު ނުބެހެއްޓޭނެ.

22 މާރިޗު 2020 | 16:17

ރާއްޖެއަށް ބޭނުންވާ ވަރަށް ޕްރޮޓެކްޓިވް އިކްވިޕްމަންޓް އެބަހުރި

ފްރަންޓްލައިންގައި މަސައްކަތް ކުރާ ފަރާތްތަކަށް ބޭނުންވާ ޕްރޮޓެކްޓިވް އިކްވިޕްމެންޓް އަދި މާސްކްފަދަ ތަކެތި ދަތިކަމެއް ނެތި ލިބޭނެކަމުގެ ޔަގީންކަން އެސްޓީއޯއިން ވަނީ ދީފައި.

22 މާރިޗު 2020 | 16:15

ފެލައިނީއާއި ކޮންޓެކްޓްވި މީހުން އެމައުލޫމާތު ހިއްސާނުކޮށް އެބަހުރި

ފުޓްބޯޅަ ކުޅުންތެރިޔާ ފެލައިނީއާއި ކޮންޓެކްޓްވި ބައެއް ފަރާތްތަކުން އެޗްޕީއޭއިން ޓްރޭސްކުރަންދެން އެ މައުލޫމާތު ފޯރުކޮށްދީފައި ނުވޭ. އެފަދަ މީހެއްވާނަމަ ވަގުތުން އެ މައުލޫމާތު ހާމަކުރުމަށް ވަނީ އަންގާފައި.

22 މާރިޗު 2020 | 16:13

ޕޮޒިޓިވްވި އިތުރު މީހަކު އަދި ނެގެޓިވް ނުވޭ

ރާއްޖޭގައޮ ކޮވިޑް-19 އަށް ޕޮޒިޓިވްވި 13 މީހުންގެ ތެރެއިން އިތުރު އެއްވެސް މީހަކު ނެގެޓިވް ވެފައި ނުވޭ

22 މާރިޗު 2020 | 16:12

ވެލިދޫ ރިސޯޓް

ވެލިދޫ ރިސޯޓުގެ ކޮންޓެކްޓް ޓްރޭސިން ނިމި ރަށް އާންމު ހާލަތަކަށް ވަނީ ގެނެސްފައި

22 މާރިޗު 2020 | 16:12

އަދާރަން ސެލެކްޓް ހުދުރަން ފުށި

ދިވެއްސެއްގެ ގައިން އަލާމަތްތައް ފެނިގެން ރަށް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައި

22 މާރިޗު 2020 | 16:11

ފުޓްބޯޅަ ކުޅުންތެރިޔާ ފެލައިނީ ހުރީ ރީތިރަށް ރިސޯޓުގައި

ފެލައިނީއާއި ކޮންޓެކްޓްވެފައި ހުރި މީހަކު ވާނަމަ 1676 އަށް ގުޅުމަށް އެދިއްޖެ

22 މާރިޗު 2020 | 16:10

ފުޓްބޯޅަ ކުޅުންތެރިޔާ ފެލައިނީ

ފެލައިނީ ރާއްޖެ އައިއިރުވެސް ބަލި ޖެހިފައި ހުރިކަމަށް ވެދާނެ. އެކަމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ދަނީ ކުރަމުން.

ޑައިރެކްޓް ކޮންޓެކްޓްވި 2 މީހަކު ވަނީ އައިސޮލޭޝަނަށް ގެންގޮސްފައި

22 މާރިޗު 2020 | 15:30

ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހަކާއި ކްލޯސް ކޮންޓެކްޓްވި ދެ ދިވެއްސެއް އައިސޮލޭޓްކޮށްފި

22 މާރިޗު 2020 | 14:01

ކޮވިޑް-19: ބަންގްލަދޭޝަށް ދަތުރުކުރާ އަދި ބަންގްލަޑޭޝްގައި ދިރިއުޅޭ ދިވެހިންގެ ސަމާލުކަމަށް

22 މާރިޗު 2020 ވަނަ ދުވަހުގެ ރޭ 00:00 އިން 31 މާރިޗު 2020 އަށް ބަންގްލަޑޭޝްއަށް ވަނުމަށް ދޫކުރާ އޮން-އެރައިވަލް ވިސާ ވަގުތީ ގޮތުން މެދުކަނޑާލަން އެޤައުމުގެ ސަރުކާރުން ވަނި ނިންމާފައެވެ. މީގެ އިތުރުންވެސް ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، ބަންގްލަދޭޝްގެ ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، އިތުރު ފިޔަވަޅުތަކެއް އެޅުމަށް ވަނީ ނިންމާފައެވެ. މިކަމާއި ގުޅިގެން، ބަންގްލަދޭޝަށް ދަތުރުކުރާ އަދި ބަންގްލަދޭޝްގައި ދިރިއުޅޭ ދިވެހިން ސަމާލުވުމަށް ދިވެހި ޚާރިޖިއްޔާއިން ވަނީ އިލްތިމާސްކޮށްފައެވެ.

22 މާރިޗު 2020 | 13:57

ކޮވިޑް-19: މޯލްޑިވިއަންގައި މަސައްކަތްކުރާ 55 އަހަރުން މަތީގެ މުވައްޒަފުންނަށް ޚާއްޞަ ލުއިތަކެއް ހަމަޖައްސައިދެނީ

މޯލްޑިވިއަނުން ބުނީ އެކުންފުނީގައި މަސައްކަތްކުރާ އުމުރުން 55 އަހަރުން މަތީގެ މުވައްޒަފުންގެ ތެރެއިން، ހިތުގެ ބަލިތަކާއި، ނޭވާލާ ނިޒާމުގެ ބަލިތަކާއި، ކެންސަރާއި، ލޭމައްޗަށް ދިއުންފަދަ ބަލިތައް ތަޙައްމަލް ކުރަމުންދާ މުވައްޒަފުންގެ އިތުރުން މާބަނޑު މުވައްޒަފުންނަށް މުސާރަ ހިނގާ ގޮތައް އެއް މަސްދުވަހުގެ ޗުއްޓީއެއް ދިނުމަށް ނިންމާފައިވާކަމަށެވެ.

22 މާރިޗު 2020 | 13:53

މޯލްޑިވިއަންގެ މޭނޭޖްމެންޓާއި ބޯޑް މެންބަރުންގެ މުސާރައިން 20 އިން ސައްތަ އުނިކުރަނީ

މޯލްޑިވިއަންގެ މޭނޭޖްމެންޓާއި ބޯޑް މެންބަރުންގެ މުސާރައިން 20 އިން ސައްތަ އުނިކުރަން ނިންމައިފިއެވެ. މިއީ ކޮވިޑް019 އާއި ގުޅިގެން ޚަރަދުކުރުމުގެ ގޮތުން އެކުންފުނިން އެޅި ފިޔަވަޅެކެވެ.

މީގެ އިތުރުން، މުސާރަ ނުހިނގާ ގޮތައް މުވައްޒަފަކު އަމިއްލައަށް ޗުއްޓީ ނަގަން ބޭނުންވާނަމަ އެފުރުޞަތުވެސް ވަނީ ހުޅުވާލާފައެވެ.

22 މާރިޗު 2020 | 13:51

ކޮވިޑް-19: ސިންގަޕޫރަށް ދަތުރުކުރާ އަދި ސިންގަޕޫރުގައި ދިރިއުޅޭ ދިވެހިންގެ ސަމާލުކަމަށް

23 މާރިޗު 2020 ވާ ހޯމަ ދުވަހުގެ ރޭ ސިންގަޕޫރު ގަޑިން 23:59 އިން ފެށިގެން އެ ޤައުމަށް ފަތުރުވެރިން ވަނުން އަދި ޓްރާންސިޓްކުރުން މަނާކުރަން ވަނީ ނިންމާފައެވެ. މީގެ އިތުރުން، ސިއްޙީ އަދި ދަތުރުފަތުރުގެ ދާއިރާ ފަދަ ހާއްސަ ދާއިރާތަކުގައި މަސައްކަތް ކުރާ ބިދޭސީން ފިޔަވައި، ސިންގަޕޫރުގައި މަސައްކަތް ކުރާ އެހެން ބިދޭސީން އެޤައުމަށް އެނބުރި ދިއުން އަދި ވަނުންވެސް މަނާކުރަން އެޤައުމުގެ ސަރުކާރުން ވަނީ ނިންމާފައެވެ.

މިކަމާއި ގުޅިގެން ދިވެހި ޚާއްރިޖިއްޔާއިން ވަނީ ދިވެހިން ސަމާލުުވުމަށް އިލްތިމާސްކޮށްފައެވެ.

22 މާރިޗު 2020 | 13:39

ކޮވިޑް-19: ފާއިތުވެދިޔަ 24 ގަޑިއިރު ވައިރަސްޖެހިގެން ދުނިޔެއިން 500އަށް ވުރެ ގިނަ މަރު

ދުނިޔޭގެ 188 ޤައުމަކުން ކޮވިޑް-19 ފެނިފައިވާއިރު، ފާއިތުވި 24 ގަޑިއިރު މިވައިރަސް ޖެހިގެން 592 މީހުން ވަނީ މަރުވެފައެވެ. މިއާއެކު، މުޅި ދުނިޔެއިން މި ވައިރަސްގައި މަރުވީ މީހުންގެ އަދަދު ވަނީ، 13,599 އަށް އަރާފައެވެ. މިއަދު އެކަނިވެސް 11,639 މީހުން ވައިރަސްއަށް ޕޮޒިޓިވްވެފައިވާއިރު، ވައިރަސް ޖެހުނު މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 316,629 އަށް އަރާފައެވެ. މިހާރުވެސް ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކަރަންޓީންކޮށްގެންނާއި އެކަހެރިކޮށްގެން 207,108 މީހުންނަށް ފަރުވާދެމުންދާއިރު، މީގެތެރެއިން 10,140 މީހެއްގެ ޙާލަތު ވަރަށް ސީރިއަސްކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި ފަރުވާ ދީގެން މިހާތަނަށް 95,922 މީހުން ވަނީ ރަނގަޅުވެފައެވެ.

22 މާރިޗު 2020 | 13:27

ކަރަންޓީން ފެސިލިޓީގެ ގޮތުގައި 2288 އެނދު ހަމަޖައްސައިފި

22 މާރިޗު 2020 | 13:24

އަނަންތަރަ ދިގުގެ ތިން މީހަކު ޓެސްޓުކުރަނީ

ކޮވިޑް-19 އަށް ޝައްކުވާ އަލާމާތްތަކެއް ފެނިގެން އަންނަތަރަ ދިގު މޯލްޑިވްސް ރިސޯޓުގެ ތިން މީހެއްގެ ސާމްޕަލް ނެގުމުގެ މަސައްކަތް ފަށައިފިއެވެ.

22 މާރިޗު 2020 | 13:24

ކޮވިޑް-19: ބަންގްލަދޭޝުން އަޅާފައިވާ އިތުރު ފިޔަވަޅުތަކާއެކު ދިވެހިން ސަމާލުވާން އަންގައިފި

ކޮވިޑް-19 އާއި ގުޅިގެން ބަންގުލަދޭޝްގައި އިތުރު ފިޔަވަޅުތައް އަޅާފައިވާތީ އެގައުމަށް ދަތުރުކުރާ އަދި ބަންގްލަދޭޝްގައި ދިރިއުޅޭ ދިވެހިން ސަމާލުވުމަށް އަނެއްކާ ވެސް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

22 މާރިޗު 2020 | 13:23

ފެލައިނީ އަށް ވައިރަސް ޖެހިފައިވަނީ ޗައިނާއިން ކަމަށް ބެލެވޭ، ކްލޯޒް ކޮންޓެކްޓެއް އައިސޮލޭޝަންގައި: މަބްރޫކް

މެންޗެސްޓަރ ޔުނައިޓެޑްގެ ކުރީގެ މިޑްފީލްޑަރު މައުރޯނޭ ފެލައިނީ ކޮރޯނާވައިރަސް (ކޮވިޑް-19) ޖެހިފައިވަނީ ޗައިނާއިން ކަމަށް ބެލެވޭ ކަމަށް ކޮވިޑް-19 ޓާސްކްޕޯސްގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.

22 މާރިޗު 2020 | 13:20

ހެލްތު މިނިސްޓްރީގެ އެންގުމާއި ޚިލާފަށް ސަފާރީ އަކުން ހުޅުމާލެއަށް ފޭބި މީހަކު ހައްޔަރުކޮށްފި

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގެވުމާއި ޚިލާފަށް ސަފާރީއަކުން ހުޅުމާލެއަށް ފޭބި މީހަކު ފުލުހުން ހައްޔަރު ކޮށްފިއެވެ.

22 މާރިޗު 2020 | 11:03

ކޮވިޑް-19: އޮލިމްޕިކްސް ފަސްކުރަނީ

ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި ބޭއްވުމަށް ހަމަޖެހިފައިވާ އޮލިމްޕިކް ގޭމްސް 2020 ފަސްކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

މިއަހަރުގެ އޮލިމްޕިކްސް ޓޯކިޔޯގައި ބޭއްވުމަށް ތާވަލުކޮށްފައިވަނީ ވަނީ ޖުލައި 24 އިން އޮގަސްޓް 9 އަށެވެ.

22 މާރިޗު 2020 | 10:55

ކޮވިޑް-19: ސްރީލަންކާގެ ކޭސްތަކުގެ އަދަދު 80 އަށް!

ސްރީލަންކާއިން އިތުރު ތިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަމަށް އެގައުމުގެ ސިއްހަތާއި ބެހޭ ވުޒާރާއިން ބުނެފިއެވެ. މިއާއި އެކު އެގައުމުގެ ކޮވިޑް-19ގެ ކޭސްތަކުގެ އަދަދު ވަނީ 80 އަށް އަރާފައެވެ.

22 މާރިޗު 2020 | 09:57

މިހާތަނަށް 637 މީހަކު ކޮވިޑް-19 އަށް ޓެސްޓް ކުރެވިފައިވޭ

މަބްރޫކް ވިދާޅުވީ، މިހާތަނަށް 637 މީހެއްގެ ސާމްޕަލް ނެގިފައިވާ ކަމަށް. އޭގެތެރެއިން މިހާތަނަށް 621 މީހަކު ނެގަޓިވް ވެފައިވާއިރު، ޕޮޒިޓިވްވީ، 13 މީހުން ކަމަށް. އަދި ޕޮޒިޓިވްވި 13 މީހުންގެ ތެރެއިން 3 މީހެއް މިހާރު ރަނގަޅު ވެފައިވާ ކަމަށް. މީގެއިތުރުން މަބްރޫކް ވިދާޅުވީ ދެ މީހެއްގެ ޓެސްޓްގެ ނަތީޖާ އަދި ނުލިބޭ ކަމަށް.

22 މާރިޗު 2020 | 09:51

ކޮވިޑް-19: ޕްރެސް:- އިއްޔެ ރާއްޖެއަށް އައި މީހުންގެ އަދަދުތައް

އިއްޔެ ރާއްޖެއަށް 393 މީހަކު އައި ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ، 160 ދިވެހިން ކަމަށާއި އަދި ފަތުރުވެރިންގެ ގޮތުގައި 204 މީހަކު އައި ކަމަށާއި އެހެނިހެން ނުވަތަ ވޯކްވިސާގައި 29 މީހަކު ރާއްޖެއައިސްފައިވާ ކަމަށް މަބްރޫކް ވިދާޅުވި

71 / 81