ކޮވިޑް-19: އެންމެ ފަހުގެ
ނޮވެލް ކޮރޯނާވައިރަސް ގުޅޭ އެންމެ ފަހުގެ މައުލޫމާތު:

ކޮރޯނާވައިރަސް
ކޮވިޑް-19: ސްޕެއިންއިން މަރުވި މީހުންގެ އަދަދު ޗައިނާއަށް ވުރެމައްޗަށް، 3434 މީހުން މަރުވެއްޖެ
ސްޕެއިން އިން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު 3434 މީހުންނަށް އަރައިފި އެވެ. އެއާއެކު ސްޕެއިން ވެގެންގޮސްފައިމިވަނީ ޗައިނާއަށް ވުރެ ގިނައިން މިވައިރަސް ޖެހިގެން މީހުން މަރުވެފައިވާ ދެ ވަނަ ގައުމަށެވެ. ސްޕެއިން އިން މިއަދު އެކަނިވެސް 443 މީހުން ވަނީ މަރުވެފަ އެވެ. އެގައުމުން މިހާތަނަށް 47,610 މީހުންނަށް ވަނީ މިވައިރަސް ޖެހިފަ އެވެ.
ޕްރިންސް ޗަރލްސް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ
ޕްރިންސް ޗާރލްސް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް އިނގިރޭސިވިލާތުން ބުނެފި އެވެ. އެއާއެކު މިހާރު ހުންނެވީ އައިސޮލޭޝަންގައި ސްކޮޓްލޭންޑްގައި ކަމަށް އެކަމާއި ގުޅިގެން ނެރެފައިވާ ބަޔާނުގައި ބުނެފައިވެ އެވެ.
ކޮވިޑް-19: ވަޓްފޯޑުގެ ދަނޑު ނެޝަނަލް ހެލްތު ސާވިސަސްއަށް ދޭން ހުށަހަޅައިފި
އިނގިރޭސި ކްލަބު ވަޓްފޯޑުގެ ދަނޑު އެ ގައުމުގެ ނެޝަނަލް ހެލްތު ސާވިސަސްއަށް ދޭން ހުށަހަޅައިފި އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި ވާދަކުރަމުން އަންނަ ވަޓްފޯޑުން އެޓީމުގެ ދަނޑު ނެޝަނަލް ހެލްތު ސާވިސަސްއަށް ދޭން ހުށަހެޅިއިރު، އެ ދަނޑު ހުންނަނީ ވަޓްފޯޑް ޖެނެރަލް ހޮސްޕިޓަލާ ޖެހިގެންނެވެ. ވަޓްފޯޑުގެ ޗެއާމަން ސްކޮޓް ޑަކްސްބަރީ ވިދާޅުވީ މި ދަނޑިވަޅުގައި ނެޝަނަލް ހެލްތު ސާވިސަސްއަށް ދެވެން އޮތް އެހީތެރިކަމެއް ދޭން ތައްޔާރު ކަމަށާއި، ނެޝަނަލް ހެލްތު ސާވިސަސްއިން ބޭނުންވެއްޖެ ނަމަ އެ ދަނޑު ބޭނުންކުރެވޭނެ ކަމަށެވެ.
މައްކާ، މަދީނާ އަދި ރިޔާދު ލޮކްޑައުންކޮށްފި
ބުރާސްފަތި ދުވަހުން ފެށިގެން ސައުދީ އަރަބިއާގެ ވެރިރަށް ރިޔާދާއި، މުސްލިމުންގެ މުގައްދަސް ދެ ސަރަހައްދު ކަމުގައިވާ މައްކާ އަދި މަދީނާ ލޮކްޑައުން ކުރަން ނިންމައިފިއެވެ.
މިއީ ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒުގެ އޯޑަރަށް އެޅި ފިޔަވަޅުތަކެއް ކަމަށް ސައުދީ ޕްރެސް އެޖެންސީން ވަނީ ރިޕޯޓްކޮށްފައެވެ.
ކޮވިޑް-19 އާއި ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނޫސްވެރިންނާ ބައްދަލުކުރައްވަނީ
ކޮވިޑް-19: ވައިރަސް އާ ދެކޮޅަށް ކުރާ ކަންކަމުގައި އެހީވުމަށް އިނގިރޭސިވިލާތުގައި 158,000 މީހުން ވޮލަންޓިއަރުންނަށް ވާން އެދިއްޖެ
ކޮވިޑް-19 އާ ދެކޮޅަށް އިނގިރޭސިވިލާތުގެ ނޭޝަނަލް ހެލްތު ސަރވިސް އިން ކުރަމުން ގެންދާކަންކަމަށް އެހީތެރިވުމަށް 158،000 މީހުން އެހީތެރިވުމަށް ވޮލަންޓިއަރކޮށްފި އެވެ. ވޮލަންޓިއަރުން ހޯދުމަށް އިއުލާންކުރިތާ ގަޑީރެއްގެ ތެރޭގައި މިވަރަށް ވޮލަންޓިއަރުންނަށް ވާން އެދިފައިވާކަމަށް އެގައުމުން ބުނެއެވެ. އިނގިރޭސިވިލާތުގައި މަރުވި މީހުންގެ އަދަދު 422 އަށް އަރާފައިވާއިރު އަންގާރަ ދުވަހު އެކަނި 87 މީހުން ވަނީ މަރުވެފައެވެ.
ވިއެޓްނާމުން ހަނޑޫ އެކްސްޕޯޓްކުރުމުގެ އައު އެގްރިމެންޓްތަކުގައި ސޮއިނުކުރާން ނިންމައިފި
ވިއެޓްނާމުން ހަނޑޫ އެކްސްޕޯޓްކުރުމުގެ އައު އެގްރިމެންޓްތަކުގައި ސޮއިނުކުރާން ނިންމާފައިވާކަމަށް ރޮއިޓަރސް އިން ބުނެފި އެވެ. ރޮއިޓަރސް އިން ބުނެފައިވަނީ މިމަހުގެ 28 އާ ހަމައަށް ވިއެޓްނާމުން އައު އެގްރިމެންޓްގައި ސޮއެއް ނުކުރާނެ އެވެ. ކޮވިޑް-19 ފެތުރެމުންދާތީ އިގްތިޞާދު ދަށަށްދާއިރު ގިނަ ގައުމުތަކުން އަންނަނީ ކާބޯތަކެތި އެކްސްޕޯޓް ކުރުމުގެ ކަންކަން މަޑުޖައްސާލަމުންނެވެ.
ކޮވިޑް-19: ލޮކްޑައުންގައި އޮތްނަމަވެސް އިންޑިޔާއިން ރާއްޖެއަށް ކާޑުގެ ބާވަތްތައް ފޯރުކޮށްދޭނެ
އިންޑިއާ ލޮކްޑައުން ކުރި ނަމަވެސް އެގައުމުން ރާއްޖެއަށް އެތެރެކުރާ ކާޑުގެ ބާވަތްތައް އެއްވެސް ދައްޗެއް ނެތި ރާއްޖެއަށް އެތެރެކުރެވޭނެކަމަށް އިންޑިއާއިން ބުނެފިއެވެ. ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ބުނީ ރާއްޖެއަށް ބޭނުންވާ ކާޑުގެ ބާވަތްތައް އެތެރެކުރުމުގައި ދައްޗެއް ކުރިމަތި ނުވާނެ ކަމަށެވެ. އެގޮތުން ހަނޑޫ، ހަކުރު އަދި ފުށް އެތެރެކުރުމަށް ލޮޖިސްޓިކަލް ދަތިތަކެއް ހުރި ނަމަވެސް އެކަންތައް ހައްލުކޮށް ރާއްޖެއަށް އެތަކެތި އެތެރެކުރެވޭނެ މަގު ތަނަވަސް ކުރެވިފައިވާކަން ހައިކޮމިޝަނުން ބުނެއެވެ.
ވިހި ދުވަހަށް ބޭނުންކުރެވޭނެ ހަނޑުލާއި ހަކުރު މިހާރު ވަނީ ރާއްޖެ އައުމުގެ މަތީގައިކަމަށާއި އިތުރު 1،500 މެޓްރިކް ޓަނުގެ ހަނޑުލާއި 500 މެޓްރިކް ޓަނުގެ ހަކުރު ރާއްޖެއަށް އެކްސްޕޯޓު ކުރުމަށް މިހާރު ވަނީ ޓުޓިކޮރިން ބަނދަރަށް ގެންދެވިފައި ކަމަށް ހައި ކޮމިޝަނުން ބުނެއެވެ. އަދި ކާޑުގެ ބާވަތްތައް ހުސްވެދާނެތީ ޕެނިކް ނުވުމަށްވެސް ހައިކޮމިޝަނުންވަނީ ދިވެހިންގެ ފަރާތުން އެދިފައެވެ.
ކޮވިޑް-19: ރޮނާލްޑޯ އާއި މެސީގެ ދީލަތި އެހީތައް ހޮސްޕިޓަލްތަކަށް
ކޮރޯނާވައިރަސް (ކޮވިޑް-19) އާ ދެކޮޅަށް ހަނގުރުމާކުރުމަށް އެހީތެރިވުމުގެ ގޮތުން ޔުވެންޓަސްގެ ޕޯޗުގަލް ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ބާސެލޯނާގެ އާޖެންޓީނާ ފޯވާޑް ލިއޮނަލް މެސީ މާލީ އެހީތެރިކަން ފޯރުކޮށްދީފި އެވެ.
ރޮނާލްޑޯ އާއި އޭނާގެ އޭޖެންޓް ޖޯޖް މެންޑޭޒް ވަނީ ޕޯޗުގަލްގެ ދެ ސަރަހައްދެއްގެ ހޮސްޕިޓަލަކަށް އެހީވެފައެވެ. އެގޮތުން ރޮނާލްޑޯ އާއި އޭނާގެ އޭޖެންޓް ވަނީ ޕޯޗުގަލަށް އެއް މިލިއަން ޔޫރޯ ހަދިޔާކޮށްފައެވެ. އަދި މެސީގެ ފަރާތުން ވެސް އެހީގެ ގޮތުގައި އެއް މިލިއަން ޔޫރޯ ހަރަދުކުރަން ވަނީ ނިންމާފައެވެ. އެގޮތުން މެސީ އެހީވެފައިވަނީ ސްޕެއިންގެ ބާސެލޯނާގެ ހޮސްޕިޓަލެއްގެ އިތުރުން އާޖެންޓީނާގެ ހޮސްޕިޓަލަކަށެވެ.
ކޯވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ޖޭ. އޭ މަނަފަރު މޯލްޑިވްސް ރިސޯޓުން ދިވެއްސެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރަނީ
ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ޖޭ. އޭ މަނަފަރު މޯލްޑިވްސް ރިސޯޓުން ދިވެއްސެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށްގެންދާކަމަށް އެޗްޕީއޭއިން ބުނެފި އެވެ. ޓެސްޓްގެ ނަތީޖާ ލިބެންދެން އެރިސޯޓުގައި ވަނީ މޮނިޓަރިންގައި ހާލަތުގައި ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.
ކޮވިޑް-19 އަށް ތައްޔާރުވުމުގެ ގޮތުން މިއަދު ފަރިތަކުރުމެއް މާލޭގެ 3 ސަރަހައްދެއްގައި ކުރިޔަށްދަނީ
ކޮވިޑް-19 އަށް ތައްޔާރުވުމުގެ ގޮތުން، މިއަދު ވަނީ ފަރިތަކުރުމެއް (ޑްރިލް) ބާއްވަން ހަމަޖެހިފައިވާ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ. މި ހަރަކާތް ކުރިއަށްދަނީ މާލޭގެ 3 ސަރަހައްދެއްގައި 12:30 އިން 3:30އަށް އަދި މިހަރަކާތް ކުރިއަށް ދާއިރު މިހިސާބުތަކަށް ވަދެ ނުކުތުން ވަގުތީ ގޮތުން ހުއްޓުވުން އެކަށީގެންވާ ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ. މިފަރިތަކުރުން ކުރިއަށްދާއިރު ގުޅުންހުރި މުއައްސަސާތަކުން ދޭ އިރުޝާދާއި އެއްގޮތަށް ޢަމަލުކުރުމަށްވެސް އެޗްޕީއޭއިން އެދެއެވެ.
ކޮވިޑް-19: އެމެރިކާއިން އެ ޤައުމުގެ ރައްޔިތުންނަށް ޚާއްސަކޮށް 2 ޓްރިލިއަން އެމެރިކާ ޑޮލަރުގެ ޕެކޭޖެއް އެކުލަވާލައިފި
ކޮވިޑް-19: ޕާކިސްތާނުގައި އެތެރޭގެ އުދުހުންތައް އޭޕްރީލްމަހުގެ 2 ވަނަ ދުވަހާ ހަމައަށް މެދުކަނޑާލައިފި
ޕާކިސްތާނުގައި ކޮވިޑް-19 ފެތުރެމުންދާތީ އެގައުމުގެ އެތެރޭގެ އުދުހުންތަކާއި ޓްރެއިންގެ ޚިދުމަތް މެދުކަނޑާލައިފި އެވެ. އެގައުމުގެ އެތެރޭގެ އުދެހުންތައް އޭޕްރީލްމަހުގެ 2 ވަނަ ދުވަހާ ހަމައަށް މެދުކަނޑާލާފައިވާއިރު ޓްރެއިންގެ ޚިދުމަތް މިއަދުން ފެށިގެން މަރޗް މަހުގެ 31 ވަނަ ދުވަހާ ހަމައަށް ވަނީ މެދުކަނޑާލާފަ އެވެ. ޕާކިސްތާނުން މިހާތަނަށް 972 މީހަކަށް ވައިރަސް ޖެހިފައިވާއިރު 7 މީހަކު ވަނީ މިވައިރަސް ޖެހިގެން މަރުވެފަ އެވެ.
ކޮވިޑް-19: އޭޕްރީލް 14 އާ ހަމައަށް މެލޭޝިޔާ ލޮކްޑައުންގައި އޮތްއޮތުން ދިގުދައްމާލައިފި
މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން ދެ ހަފްތާގެ މުއްދަތަށް މެލޭޝިޔާ ލޮކްޑައުންކޮށްފައި އޮތް އޮތުން އޭޕްރީލް މަހުގެ 14 ވަނަ ދުވަހާ ހަމައަށް ދިގުދައްމާލައިފި އެވެ. މެލޭޝިޔާގެ ބޮޑުވަޒީރު މުހިއްޔުއްދީން ޔާސީން ޓީވީ މެދުވެރިކޮށް ގައުމާ މުޚާތަބުކުރައްވާ ވާހަކަދައްކަވަމުން ވިދާޅުވީ ބުދަ ދުވަހުން އެގައުމުން 172 މީހުންނަށް ވައިރަސް ޖެހިފައިވާކަމަށެވެ. އެއާއެކު މިހާތަނަށް އެގައުމުން 1796 މީހަކަށް ވަނީ ވައިރަސް ޖެހިފަ އެވެ. ބޮޑުވަޒީރުގެ ވާހަކަފުޅުގައި ވައިރަސްއަށް ޓެސްޓް ކުރުމުގެ ކަންކަން އަވަސްކުރައްވާނެކަމަށް ވިދާޅުވި އެވެ.
ކޮވިޑް-19: ތައިލެންޑްގައި ވައިރަސް ޖެހުނު މީހުންގެ އަދަދު 934 އަށް އަރައިފި
ތައިލެންޑްގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 934 ށް އަރާފައިވާކަމަށް އެގައުމުން ބުނެފި އެވެ. އެގައުމުގައި ބުރާސްފަތި ދުވަހު ސްޓޭޓް އޮފް އެމަރޖެންސީ އިއުލާންކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މިހާތަނަށް އާއިރު އެގައުމުން 107 މީހަކު ވަނީ ރަނގަޅުވެފަ އެވެ.
ކޮވިޑް-19: މެލޭޝިޔާގައި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 17 އަށް
ކޮވިޑް-19 ޖެހިގެން މެލޭޝިޔާއިން މަރުވި މީހުންގެ އަދަދު 17 އަށް އަރައިފި އެވެ. މެލޭޝިޔާއިން ބުނީ އެންމެފަހުން މަރުވެފައިވަނީ އުމުރުން 66 އަހަރުގެ ފިރިހެނެއްކަމަށެވެ. ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި މެލޭޝިޔާ ވަނީ ދެ ހަފްތާގެ މުއްދަތަށް ލޮކްޑައުންކޮށްފަ އެވެ. އެގައުމުގެ ބޮޑުވަޒީރު މިއަދު ގައުމާ މުޚާތަބުކުރައްވާ ވާހަކަ ދެއްކެވުމަށް ވަނީ ހަމަޖެހިފަ އެވެ.
ކޮވިޑް-19: ފާއިތުވި 24 ގަޑިއިރު ތެރޭގައި ސައުތުކޮރެއާއިން 100 މީހުންނަށް ވައިރަސް ޖެހިއްޖެ
ފާއިތުވި 24 ގަޑިއިރު ތެރޭގައި ސައުތުކޮރެއާއިން ކޮވިޑް-19 100 މީހުންނަށް ޖެހިފައިވާކަމަށް އެގައުމުން ބުނެފި އެވެ. އެއާއެކު އެގައުމުން ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު މިވަނީ 9,137 އަށް އަރާފަ އެވެ.
ކޮވިޑް-19: މީޑިޔާއިން ބިރުވެރިކަން އުފައްދަން މަސައްކަތްކުރާ ކަމަށް ވިދާޅުވެ ބްރެޒިލްގެ ރައީސްގެ ނުރުހުން މީޑިޔާއަށް
ކޮވިޑް-19 އާ ގުޅިގެން ބްރެޒިލްގެ ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފައްދާ ހަގީގަތް އޮތް މިންވަރަށް ވުރެ އިތުރަށް ދައްކަން މީޑިޔާއިން މަސައްކަތްކުރާކަމަށް ވިދާޅުވެ ބްރެޒިލްގެ ބޮޑުވަޒީރު ނުރުހުން ފާޅުކުރައްވައިފި އެވެ. ބްރެޒިލްގެ ރައީސް ގައުމާ މުޚާތަބުކުރައްވާ ހަތަރު މިނެޓާއި ތިރީސް ސިކުންތުވަންދެން ދެއްކެވި ވާހަކަފުޅުވަނީ އެގައުމުގެ ނޭޝަނަލް ޓީވީ އާއި ރޭޑިއޯއިން ބްރޯޑްކާސްޓްކޮށްފަ އެވެ. މި ވާހަކަފުޅުގައި ރައީސް ވަނީ އެގައުމުގެ މޭޔަރުންނާއި ގަވަރުނަރުން ވައިރަސްގެ ކަންކަމުގައި ޑަބްލިޔުއެޗްއޯއިންނާއި އެހެން ގައުމުތަކުން އަޅަމުންދާ ފިޔަވަޅުތައް ތަންފީޒުކުރުމަށް އެދިވަޑައިގަންފަ އެވެ. އެގޮތުން ސޯޝަލް ޑިސްޓޭންސް އާއި ސެލްފް ކަރަންޓީނުގެ ކަންކަން ތަންފީޒުކުރުމަށް ވަނީ ގޮވާލައްވާފަ އެވެ. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވެފައިވަނީ ދުނިޔެއިން ފެންނަމުންދަނީ ވައިރަސް 60 އަހަރުން މަތީގެ މީހުންނަށް ޖެހޭތަންކަމަށާއި އެހެންކަމުން ސްކޫލްތައް ބަންދުކުރަނީ ކީއްކުރަންތޯ ވަނީ ސުވާލުކުރައްވާފަ އެވެ. އަދި ފިހާރަތައް ބަންދުކުރުމާއި ދަތުރުފަތުރުކުރުން ހުއްޓުވުމަކީ މައްސަލައެއްގެ ގޮތުގައި ބްރެޒިލްގެ ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ. ވައިރަސް މިވަނީ އައިސްފައިކަމަށާއި ނަމަވެސް މިވައިރަސް އަދި ދާނެކަމަށް ރައީސް ވިދާޅުވި އެވެ. އެހެންކަމުން އާންމު ދިރިއުޅުމުގެ ކަންކަން ކުރިޔަށްދާން ޖެހޭނެކަމަށާއި ވަޒީފާތައް ދެމެހެއްޓެންޖެހޭނެކަމަށް ރައީސް ވިދާޅުވި އެވެ.
މިހާތަނަށް އާއިރު އެގައުމުން 2,201 މީހުންނަށް ވައިރަސް ޖެހިފައިވާއިރު 46 މީހުން ވަނީ މަރުވެފަ އެވެ.
ކޮވިޑް-19: އޮސްޓްރޭލިޔާގައި ފިޔަވަޅުތައް ވަރުގަދަކޮށްފި
ކޮވިޑް-19 ފެތުރި ކޮންޓްރޯލްނުވެ ހިނގައިދާނެތީ އޮސްޓްރޭލިއާގައި ފިޔަވަޅުތައް ވަރުގަދަކޮށްފި އެވެ. އެގޮތުން ކައިވެނީގެ ހަފްލާތަކަށް ފަސް މީހުންނަށް އަދި ޖަނާޒާތަކަށް ދެވޭނީ ދިހަ މީހުންނަށްކަމަށް ވަނީ ކަނޑައަޅާފައެވެ. އޮސްޓްރޭލިޔާގައި މިހާތަނަށް 2341 މީހަކަށް ވަނީ ވައިރަސް ޖެހިފަ އެވެ. ނަމަވެސް ވައިރަސް ފެތުރި ކޮންޓްރޯލުން ނުކުރެވިއްޖެނަމަ އައިސީޔޫތައް ފުރޭނެކަމުގެ ބިރަށް އެގައުމުން އަންނަނީ ފިޔަވަޅުތައް ވަރުގަދަކުރަމުންނެވެ.
ކޮވިޑް-19: ނިއުޒިލެންޑް ގައި ސްޓޭޓް އޮފް އެމަރޖެންސީ އިއުލާންކޮށްފި
ނިއުޒިލެންޑް ގައި ނޭޝަނަލް ސްޓޭޓް އޮފް އެމަރޖެންސީ އިއުލާންކޮށްފި އެވެ. ސްޓޭޓް އޮފް އެމަރޖެންސީ އިއުލާންކޮށްފައި މިވަނީ މުޅި ގައުމު އެއް މަސްދުވަހުގެ ލޮކް ޑައުންއަކަށް ދާން ތައްޔާރުވެފައި ވަނިކޮށެވެ. ނިއުޒިލެންޑްގައި މިހާތަނަށް 205 މީހުންނަށް މިވައިރަސް ޖެހިގެން ރިޕޯޓްކޮށްފައިވެ އެވެ.
ކޮވިޑް-19: އަންގާރަ ދުވަހު ޗައިނާއިން ވައިރަސް ޖެހިފައިވަނީ 47 މީހުންނަށް
އަންގާރަ ދުވަހު ޗައިނާއިން ކޮވިޑް-19 ޖެހިފައިވަނީ 47 މީހުންނަށް ކަމަށް އެގައުމުން ބުނެފި އެވެ. މިއެންމެންނަކީވެސް އެހެން ގައުމުތަކުން ޗައިނާއަށް އެތެރެވި މީހުންނެވެ. ހޯމަ ދުވަހު އެގައުމުން 78 މީހުންނަށް ވައިރަސް ޖެހިފައިވެއެވެ. ޗައިނާއިން މިހާތަނަށް 81,218 މީހުންނަށް ވައިރަސް ޖެހިފައިވެއެވެ. އަދި 3,163 މީހުން ވަނީ ވައިރަސް ޖެހިގެން މަރުވެފަ އެވެ.
ކޮވިޑް-19: ލީބިޔާއިން ވައިރަސް ޖެހުނު ފުރަތަމަ މީހާ ފެނިއްޖެ
ކޮވިޑް-19 ޖެހިފައިވާ ފުރަތަމަ މީހާ ލީބިޔާއިން ފެނިފައިވާކަމަށް އެގައުމުން ބުނެފި އެވެ. އެގައުމުގެ ނޭޝަނަލް ސެންޓަރ ފޯރ ޑިޒީސް އިން ބުނެފައިވާ ގޮތުގައި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަންނަނީ އަޅަމުންނެވެ. ވައިރަސް ޖެހުނު މީހާ އާ ގުޅޭ އެއްވެސް މައުލޫމާތެއް އެގައުމުން ހާމަކޮށްފައެއްނުވެއެވެ.
ކޮވިޑް-19: މަރުވި މީހުންގެ އަދަދު 18,891 އަށް
ކޮވިޑް-19 ޖެހިގެން މިހާތަނަށް މުޅި ދުނިޔެއިން މަރުވި މީހުންގެ އަދަދު 18،891 އަށް އަރައިފި އެވެ. މިހާތަނަށް އާއިރު އެންމެގިނައިން މީހުން މަރުވެގެން ރިކޯޑްކޮށްފައިވަނީ އިޓަލީންނެވެ. އެއީ 6,820 އެވެ. އިޓަލީން މިހާތަނަށް މިވައިރަސް 69,176 މީހުންނަށް މިވައިރަސް ޖެހިފައިވެ އެވެ. ދެން އެންމެ ހަލުވި މިނުގައި ވައިރަސް ފެތުރެމުން އަންނަނީ އެމެރިކާގަ އެވެ. އެއީ 54,808 މީހުންނެވެ. އެގައުމުގައި މިހާތަނަށް 775 މީހުން މިވައިރަސް ޖެހިގެން މަރުވެފައިވެ އެވެ. ސްޕެއިނުން މިހާތަނަށް 2,991 މީހުން މިވައިރަސް ޖެހިގެން މަރުވެފައިވެ އެވެ. އަދި އެގައުމުން 42,058 މީހުންނަށް ވައިރަސް ޖެހިފައިވެ އެވެ. ދެން އެންމެ ގިނަ އަދަދަކަށް މީހުން މަރުވެގެން ރިޕޯޓްކުރަމުން އަންނަނީ އިރާނުންނެވެ. އިރާނުން މިހާތަނަށް 1,934 މީހުން މިވައިރަސް ޖެހިގެން މަރުވެފައިވެ އެވެ. އަދި އެގައުމުގެ 24,811 މީހުންނަށް ވައިރަސް ޖެހިފައިވެ އެވެ.
ކޮވިޑް-19: ވައިރަހުން އަމިއްލަ ގައުމު ސަލާމަތްކުރަން ގާޑިއޯލާގެ ދީލަތި އެހީއެއް
ކޮރޯނާވައިރަސް (ކޮވިޑް-19) އިން އަމިއްލަ ގައުމު ކަމަށްވާ ސްޕެއިން ސަލާމަތްކުރުމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ދީލަތި އެހީއެއް ވެއްޖެ އެވެ.
ސްޕެއިން އަށް އުފަން ގާޑިއޯލާ ވަނީ ކޮވިޑް-19 އިން ސަލާމަތްވުމަށް އެ ގައުމުން ކުރަމުންދާ މަސައްކަތަށް އެހީވުމުގެ ގޮތުން އެއް މިލިއަން ޔޫރޯ ހަދިޔާކޮށްފައެވެ.
ކޮވިޑް-19: ވައިރަސް ޖެހުނު މީހުންގެ އަދަދު ހަތަރު ލައްކައަށްވުރެ މައްޗަށް
ކޮވިޑް19 ދުނިޔޭގެ 196 ޤައުމަކަށް ފެތުރިފައިވާއިރު، މިހާރު ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ ހަތަރު ސަތޭކަ ހާހަށްވުރެ މައްޗަށް އަރާފައެވެ.
ޔޫއޭއީގައި ދިވެއްސަކު ކޮރޯނާ ވައިރަސް އަށް ޕޮސިޓިވް ވެއްޖެ ކަމަށް ރިޕޯޓް ކޮށްފި
ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫ.އޭ.އީ) ގައި ކޮރޯނާ ވައިރަސްއަށް ދިވެއްސަކު ޕޮސިޓިވް ވެފައިވާ ކަމަށް އެޤައުމުގެ މިނިސްޓްރީ އޮފް ހެލްްތު އެންޑް ޕްރިވެންޝަން އިން ބުނެފިއެވެ.
ކޮވިޑް-19: ބޯޓެއް މޮނީޓަރންގެ ހާލަތަށް ގެނެސްފި
"މާހާ ސަފާރީ" ނަމަކަށް ކިޔާ ބޯޓެއް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާކަމަށް ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން އެކުލަވާލާފައިވާ ޓާސްކްފޯސްގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ބޯޑަރުތައް ބަންދުކުރަން ނިންމާފައެއް ނުވޭ، ފަތުރަމުންދަނީ ދޮގު ޚަބަރެއް: މަބްރޫކް
ރާއްޖޭގެ ބޯޑަރުތައް ބަންދުކުރަން މިހާތަނަށް އެއްވެސް ނިންމުމެއް ނިންމާފައި ނެތް ކަމަށް ސަރުކާރުން ބުނެފިއެވެ.
މިރޭ 12 އިން ފެށިގެން 21 ދުވަހަށް އިންޑިއާ ލޮކްޑައުންކޮށްފި
ކޮވިޑް-19 ހުއްޓުވުމަށް އަޅާ ފިޔާވަޅެެއްގެ ގޮތުން އަންގާރަ ދުވަހުގެރޭ 12 އިންފެށިގެން 21 ދުވަހުގެ މުއްދަތަކަށް އިންޑިއާ ލޮކްޑައުންކުރަން އެ ގައުމުގެ ސަރުކާރުން ނިންމައިފިއެވެ.
ޖަރުމަނު ލީގުގެ މެޗުތައް އޭޕްރީލް މަހުގެ ނިޔަލަށް ފަސްކޮށްފި
ޖަރުމަނުގައި މިހާރު ފެތުރެމުން އަންނަ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ޖަރުމަނު ލީގުގެ މެޗުތައް އޭޕްރީލް މަހުގެ ނިޔަލަށް ފަސްކުރުމަށް ނިންމައިފިކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
ކޮވިޑް-19: މުއައްޒަފުންގެ މުސާރައަށް އެއްވެސް ބަދަލެއް ނުގެންނަން: ފެނަކަ
ކޮވިޑް-19 އާ ގުޅިގެން ފެނަކައިގެ އެއްވެސް މުއައްޒަފެއްގެ މުސާރައަށް ބަދަލެއް ނުގެންނަ ކަމަށް އެކުންފުނިން ބުނެފި އެވެ.
އެޕްރީލް އަދި މެއި މަހުގެ ބިލްތައް ތައްޔާރުކުރާނީ ސަބްސިޑީ ހިމަނައިގެން: ސްޓެލްކޯ
އެޕްރީލް އަދި މެއި މަހުގެ ބިލުތައް ތައްޔާރުކުރާނީ ސަބްސިޑީ ހިމަނައިގެން ކަމުގެ ޔަގީންކަން ސްޓެލްކޯއިން ދީފިއެވެ.
މާލެއިން ކޮވިޑް-19 ކޭސްއެއް ފެނިއްޖެ ނަމަ އަމަލުކުރާނެގޮތުގެ އެކްސަސައިޒެއް ހިންގައިފި
ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން، ރާއްޖޭގެ އެއްވެސް ރަށަކުން ހާއްސަކޮށް، ގްރޭޓަރ މާލެ އޭރިއާއިން ކޮވިޑް-19 އަށް ޕޮޒިޓިވް ކޭސްއެއް ފެނިއްޖެނަމަ އަމަލުކުރާނެ ގޮތުގެ އެކްސަސައިޒެއް ބާއްވައިފި އެވެ.
ކޮވިޑް-19 ވެކްސިން ޗައިނާގައި ޓެސްޓް ކުރަން ފަށައިފި
ކޮވިޑް-19 އަށް ޗައިނާގައި ތައްޔާރު ކުރި ވެކްސިން ޓެސްޓް ކުރުމުގެ ގޮތުން އިންސާނުންނަށް ދޭން ފަށައިފިއެވެ.
ފުޑްކޯޓުތައް ބަންދުކޮށްފައި ހުންނަ މުއްދަތަށް ކުލި މައާފުކޮށްދީފި
ފުޑްކޯޓުތައް ބަންދުކޮށްފައި ހުންނަ މުއްދަތަށް ކުލި އެސްޓީއޯއިން މައާފުކޮށްދީފިއެވެ.
ރާއްޖޭގެ ބޯޑަރުތައް ބަންދުކުރަން އުޅޭކަމުގެ ވާހަކަތައް ދޮގުކުރައްވައިފި
ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމަށް މިހާތަނަށް ނިންމާފައިނުވާކަމަށް މަބްރޫކް ވިދާޅުވި. މަބްރޫކް ވިދާޅުވީ ކޮންމެ ދުވަހަކުވެސް ރާއްޖެގެ ހާލަތު ބަލަމުން ދާ ކަމަށާއި އަދި އެހާލާތާއި ގުޅިގެން ފިޔަވަޅުތައް އަޅަމުންގެންދާ ކަމަށެވެ.
ރާއްޖެއަށް ހޯމަ ދުވަހު 187 ފަރާތެއް އައިސްފައިވޭ
ރާއްޖެއަށް ހޯމަ ދުވަހު ދަތުރުކޮށްފައިވާ އަދަދުތައް
ދިވެހިން: 54
ޓުއަރިސްޓު: 133
އެހެނިހެން ވިސާތަކުގައި: 0
ޖުމްލަ: 187
ކޯރޯނާވައިރަސް ޖެހިގެން ސައުދީގައި ފުރަތަމަ މަރު
ސައުދީ އަރަބިއްޔާގައި ކޮރޯނާވައިރަސް ޖެހިގެން މީހަކު މަރުވެއްޖެ ކަމަށް އެ ގައުމުގެ ސިއްހަތާ ބެހޭ ވުޒާރާގެ އޮފިޝަލުން ހާމަކޮށްފިއެވެ.
ކޮވިޑް-19 ގެ ބިރުވެރި ދުވަސްތަކަށް ފަހު ޗައިނާ އާއްމު ހާލަތަށް!
ކޮރޯނާވައިރަސް (ކޮވިޑް-19) ޖެހޭ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް ދަށަށް ދިއުމާއެކު ޗައިނާގެ ދިރިއުޅުން މަޑުމަޑުން އާއްމު ހާލަތަކަށް ބަދަލުވާން ފަށައިފިއެވެ.