ކޮވިޑް-19: އެންމެ ފަހުގެ
ނޮވެލް ކޮރޯނާވައިރަސް ގުޅޭ އެންމެ ފަހުގެ މައުލޫމާތު:

ކޮރޯނާވައިރަސް
ޗައިނާގައި ކޮރޯނާވައިރަސް ޖެހިގެން މަރުވި މީހުންގެ ޢަދަދު 361 އަށް އަރައިފި
ޗައިނާގެ ނެޝަނަލް ހެލްތު ކޮމިޝަން އިން ކޮރޯނާ ވައިރަސްގެ ޙާލަތާއި ބެހޭ ގޮތުން މިއަދު ހެދުނު ޢާންމު ކުރި ބަޔާނުގައި ވަނީ ކޮރޯނާވައިރަސް ގައި މިހާތަނަށް 361 މީހުން މަރުވެފައިވާއިރު، އިތުރު 2،829 މީހަކު މިބައްޔަށް ޕޮޒިޓިވް ވެފައިވާކަމަށެވެ. މިއާއެކު ޗައިނާގައި ކޮރޯނާވައިރަސް ޖެހުނު މީހުންގެ ޖުމުލަ ޢަދަދަކީ 17،205 ކަމަށް ކޮމިޝަނުގެ ބަޔާނުގައިވެއެވެ.
ރާއްޖޭން ޓެސްޓްކުރި އެންމެން ކޮރޯނާވައިރަހަށް ނެގެޓިވް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
މިއަހަރަށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކޮރޯނާވައިރަސް އަށް ރާއްޖެއިން ޓެސްޓުކުރި އެންމެންގެ ނަތީޖާ ލިބިފައިވާ ކަަމަށާއި އެންމެންގެ ނަތީޖާވެސް ނެގެޓިވް ކަމަށެވެ.
ޗައިނާއިން އަންނަ ފަތުރުވެރިން އެމެރިކާއަށް ވަނުން މަނާކޮށްފި
ޗައިނާގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސްއާއި ގުޅިގެން، ޗައިނާގެ ފަތުރުވެރިން އެމެރިކާއަށް އެެރުން މަނާކޮށްފިއެވެ.
އެމެރިކާގެ ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީ އިން ބުނެފައިވަނީ ކޮރޯނާ ވައިރަސްއާއި ގުޅިގެން ޗައިނާއަށް ދަތުރުކޮށްފައިވާ ފަރަތްތަކާއި ޗައިނާއިން އަންނަ ފުލައިޓްތައް އެގައުމަށް އެތެރެވުން މަނާކޮށްފައިވާ ކަމަށެވެ.
ވުހާންގައި ތާށިވެ ޕާކިސްތާން ދަރިވަރުން ގޮތްހުސްވެފައި
ވުހާންގައި ތިބި ޕާކިސްތާނުގެ ދަރިވަރުން ގޮތް ހުސްވެ އެ ސިޓީގައި ތަށިވެފައިތިިބި ކަމަށް އެ ދަރިވަރުން ބުނެފިއެވެ. އެ ދަރިވަރުން ވަނީ ވީހާވެސް އަވަހަކަށް އެ ސިޓީން ނެރެ ޕާކިސްތާނަށް އަބުރާ ގެންދިއުމށް އެދިފައެވެ.
ވުހާންގައި ތިބި ޕާކިސްތާން ދަރިވަރުން ބުނެފައިވަނީ ކުރިއަށް އޮތް 10 ވަރަކަށް ދަވަހު އެ ސިޓީގައި ވައިރަސް ފެތުރެމުންދާ މިންވަރު އިތުރުވެގެންދާނެކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި މި ވަގުތު އެމީހުން ތިބީ ހާސްކަމެއްގެ ތެރޭގައި ކަމަށާއި، ސަރުކާރުގައި އެދެނީ ވީހާ ވެސް އަވަހަކަށް އަބުރާ ރައްކާތެރި ތަނަކަށް ގެންދިއުމަށް ކަމަށެވެ.
ވުހާންގައި ތިބި ޕާކިސްތާނުގެ ދަރިވަރުންގެ ތެރޭގައި ކުޑަކުދިންވެސް ތިބި ކަމަށް އެ ދަރިވަރުން ވަނީ ބުނެފައެވެ. އަދި ކުޑަކުދިންނަކީ ކޮރޯނާވައިރަސްގެ ނުރައްކާ އެންމެ ބޮޑު އެއް ބައެއްކަން ފާހަގަކުރަމުން ޕާކިސްތާނުގެ ދަރިވަރުން ބުނެފައިވަނީ މިހާތަނަށް ފޯނުން ގުޅުން ނޫން އިތުުރު ކަމެއް ކޮށްފައިނުވާ ކަމަށެވެ.
ކޮރޯނާވައިރަސްއާއި ގުޅިގެން އެމެރިކާއިން ކަންބޮޑުވާންޖެހޭ ކަމެއް ނެތް: ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު
އެމެރިކާގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ރޮބަރޓް އޯ ބްރެއިން ވިދާޅުވީ މިވަގުތައް އެމެރިކާ ރައްޔިތުން ކޮރޯނާވައިރަސްއާއި ގުޅިގެން ހާސްވާންޖެހޭ އެއްވެސް ކަމެއް ނެތް ކަމަށެވެ. އަދި މިއީ އެމެރިކާގެ ރައްޔިތުންނަށް ބިރު އޮތް ކަމެއް ނޫން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ޗައިނާގެ ކަމާބެހޭ އިދާރާތަކާއި ގާތުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި، ވައިރަސް ފެތުރެން ދިމާއި އަސްލު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މީގެ އިތުރުން މި ކާރިސާއާއި ގުޅިގެން ޗައިނާއަށް އެހީތެރިވުމަށް އެގައުމުން ނިންމި ނަމަވެސް، އެގައުމުން އެކަމާއި ގުޅިގެން ޗައިނާއިން މިހާތަނަށް ވަކި އެއްޗެއް ހާމަކޮށްފައި ނުވާކަމަށެވެ. އަދި މިކަމުގައި ޗައިނާއިން ކުރަމުންދާ ކަންކަން ދެފުށް ފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
އެމެރިކާއިން ޗައިނާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެދި ހުށަހެޅި ހުށަހެޅުން އަދި ޗައިނާއިން ގަބޫލުނުކުރާ ކަމަށް އެމެރިކާއިން ބުނެފި
ޗައިނާގައި ހަލުވިމިނުގައި ކޮރޯނާވައިރަސް ފެތުރެމުންދާތީ އެމެރިކާއިން ޗައިނާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެދި ހުށަހެޅި ހުށަހެޅުން އަދި ޗައިނާއިން ގަބޫލުނުކުރާ ކަމަށް އެމެރިކާއިން ބުނެފި އެވެ.
ކޮރޯނާވައިރަސް އަށް ޝައްކުކުރެވިގެން ކަރަންޓީނުކުރާ މުވައްޒަފުންނަށް ޚާއްސަ ޗުއްޓީ އެއް ދެނީ
ކޮރޯނާވައިރަސް އަށް ޝައްކުކުރެވިގެން ކަރަންޓީނުކުރާ މުވައްޒަފުންނަށް ޚާއްސަ ޗުއްޓީ އެއް ދިނުމަށް ނިންމާފައިވާކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ބުނެފި އެވެ.
އެކޮމިޝަނުން ބުނީ ރޯގާއާ ގުޅިގެން ރައްކާތެރިވުމުގެ ގޮތުން ސަރުކާރުން އަޅުއްވަމުންގެންދަވާ ފިޔަވަޅެއްގެ ގޮތުގައި މި ރޯގާއަށް ޝައްކުކުރެވޭ މީހުން ކަރަންޓީނުކުރުމަށް ނިންމަވާފައިވާތީ، މި ރޯގާއާ ގުޅިގެން ކަރަންޓީނުކުރެވޭ ސިވިލް ސަރވިސްގެ މުވައްޒަފުން، ކަރަންޓީނުކުރެވިފައި ހުންނަ މުއްދަތުގައި އޮފީހަށް ހާޟިރުނުވެވޭނެތީ، އެ ދުވަސްތަކަށްޚާއްސަ ޗުއްޓީއެއް ހަމަޖައްސައި ދިނުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ. ވުމާއެކު، މި ގޮތުން ކަރަންޓީނުކުރެވޭ މުވައްޒަފުން ކަރަންޓީނުކުރެވޭ މުއްދަތަށް ޗުއްޓީގެ ކަންތައްތައް އެ އިދާރާއަކުން ހަމަޖައްސައިދިނުމަށް އެދޭކަމަށް ސިވިލް ސަރވިސް ކޮމިޝަނުން އެދެއެވެ.
ކޮރޯނާވައިރަސް ޖެހިފައިވާ މީހަކު މެކްސިކޯގައި އުޅުމަށްފަހު އެގައުމުން ފުރައިފި
ކޮރޯނާވައިރަސް ޖެހިފައިވާ މީހަކު މެކްސިކޯގައި އުޅުމަށްފަހު އެގައުމުން ފުރައިގެންގޮސްފައިވާ ކަމަށް މެކްސިކޯއިން ބުނެފި އެވެ.
މެކްސިކޯއިން ބުނީ އެކަން އެނގިފައިވަނީ ބައިނަލްއަގްވާމީ ފަރާތްތަކުން ދިން މައުލޫމާތުގެ އަލީގައި ކަމަށެވެ. މިހާތަނަށް އާއިރު މެކްސިކޯއިން މިވައިރަސްގެ އަސަރު ހުރި މީހަކު ފެނިފައެއްނުވެ އެވެ.
ކޮރޯނާވައިރަސްގެ އަސަރު ކޮށްގެން ހޮސްޕިޓަލްގައި އެޑްމިޓްކުރި 37 މީހަކު ދޫކޮށްލައިފި
ކޮރޯނާވައިރަސްގެ އަސަރުކޮށްގެން ވުހާންގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްފައި ތިބި 37 މީހަކު ރަނގަޅުވެގެން ދޫކޮށްލައިފި އެވެ.
މީގެތެރޭގައި 88 އަހަރުގެ މުސްކުޅިއަކުވެސް ހިމެނެއެވެ. މިމީހުން ދެ ހަފްތާވަންދެން ގޭގައި ކަރަންޓީނުވެގެން ތިބޭނެކަމަށް ވުހާންގެ އޮފިޝަލުން ބުނެއެވެ.
ހޫބޭ ޕްރޮވިންސްގެ ހާލަތު އަދިވެސް ރަނގަޅުނޫން ކަމަށް އެޕްރޮވިންސްގެ ވައިސް ގަވަރނަރ ވިދާޅުވެއްޖެ
ހޫބޭ ޕްރޮވިންސްގެ ހާލަތު އަދިވެސް ރަނގަޅުނޫން ކަމަށް އެޕްރޮވިންސްގެ ވައިސް ގަވަރނަރ ވިދާޅުވެއްޖެ އެވެ.
މީގެއިތުރުން ބޭނުންވާ ސިއްހީ އާލާތްތައް ލިބުމުގައި ދަތިތަކާ ކުރިމަތިބެފައިވާ ކަމަށްވެސް ވައިސް ގަވަރނަރ ވިދާޅުވި އެވެ.
ފޮރިން މިނިސްޓަރ ޗައިނާގެ ސަފީރާ ބައްދަލުކުރައްވާ ޝުކުރު އަދާކުރައްވައިފި
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒެންގް ލިޒޮން އާ ބައްދަލުކުރައްވާ ޝުކުރުއަދާ ކުރައްވައިފި އެވެ.
ޗައިނާގައި ތިބި ރަޝިޔާގެ ރައްޔިތުން ގެނައުމަށް އަސްކަރީ ފަސް މަތިންދާ ބޯޓު ބޭނުންކުރަނީ
ޗައިނާގައި ތިބި ރަޝިޔާގެ ރައްޔިތުން ގެނައުމަށް އަސްކަރީ ފަސް މަތިންދާ ބޯޓު ބޭނުންކުރާނެ ކަމަށް އެގައުމުން ބުނެފި އެވެ.
ރަޝިޔާގެ 130 ރައްޔިތުން ހޫބޭ ޕްރޮވިންސުން ފުރުމަށް ވަނީ ތައްޔާރުވެފައެވެ.
ކޮރޯނާވައިރަސް އާ ގުޅޭގޮތުން ސައިން ލޭންގުޔެޖުން ދޭ އެނައުންސްމެންޓް
ކޮރޯނާ ވައިރަސް އިން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަށް އެކުލަވާލި ޓާސްކްފޯސްގެ މެންބަރުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއިއެކު ފެތުރެމުންދާ "ނޮވެލް ކޮރޯނާވައިރަސް" އިން ރައްކާތެރިވުމަށް އެޅެން ހުރި ފިޔަވަޅުތަކަކީ ކޮބައިތޯ ބަލައި އެ ފިޔަވަޅުތައް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެކުލަވާލެއްވި ޚާއްޞަ ޓާސްކްފޯހުގެ މެންބަރުންނާ އެމަނިކުފާނު މިއަދު ބައްދަލުކުރައްވައި ކަމާގުޅޭ އެންމެ ފަހުގެ މަޢުލޫމާތު އޮޅުންފިލުއްވައި އިރުޝާދު ދެއްވައިފިއެވެ.
ރާއްޖޭގެ ހާރިޖީ ވުޒާރާއިން އަދި ރާއްޖޭގެ އެމްބަސީތަކުން ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދަނީ ދެމުން
ރާއްޖޭގެ ހާރިޖީ ވުޒާރާއިން އަދި ރާއްޖޭގެ އެމްބަސީތަކުން ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދަނީ ދެމުން، ދިވެހި ރާއްޖޭގައި ކޮރޯނާ ވައިރަސް އައިއިރު މިނިސްޓްރީގައި މަސައްކަތް ކުރަން ހުރި ޒުވާނެއް އަމިއްލައަށް ވޮލަންޓިޔަރ ކުރައްވައިގެން މިހާރު ވީ ޗައިނާއަށް ގޮސް، އަދި ތަފާތު އެކި ލެވެލްގައި ތިބި މުވައްޒަފުންވެސް ފަސްޖެހުމެއް ނެތި ރައްޔިތުންނަށް އެހީތެރިވުމަށް ރެއާ ދުވާލު އެބަ މަސައްކަތް ކުރައްވާ، -މިނިސްޓަރ އަލީ ވަޙީދު
އެ ނިންމެވުމުގެ މަޤްސަދަކީ ރައްޔިތުންގެ ސިއްޙަތާއި ސަލާމަތްތެރިކަން އެންމެ އިސްކަމެއްގެގޮތުގައި ކަނޑައެޅުން
ޑަބްލިއުއެޗްއޯ އިން އެމަރޖެންސީ އިއުލާނުކުރާއިރު އެމަރޖެންސީ އިއުލާނުކުރާ މައިގަނޑު އަސާސްގައި ވަނީ އެ ޤައުމެއްގެ ސިއްޙީ ޙާލަތު ރަނގަޅު ކުރުމަށް އެ ޤައުމަކަށް ލިބިފައިހުރި ފުރުސަތުތަކާއި ޙާލަތަށް ރިއާޔަތްކޮށް އެ ޤައުމަކުން ކަންކަން ނިންމުމަށް ބާރު އެޅުން، އެހެންވީމާ ރައީސްގެ މި ނިންމެވުމަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ރައްޔިތުންގެ ސިއްޙަތާއި ސަލާމަތްތެރިކަން އެންމެ އިސްކަމެއްގެގޮތުގައި ކަނޑައަޅައި ނިންމެވި ނިންމެވުމެއް- ހެލްތް މިނިސްޓަރ އަބްދުﷲ އަމީން
ޗައިނާއިން އަންނަ މީހުން ރާއްޖެ ވަނުން މަނާކުރީ މިވަގުތަށް އެޅޭނެ އެންމެ ރަނގަޅު ފިޔަވަޅަކީ އެއީކަމަށް ވުމުން
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓޫރިޒަމް މިނިސްޓަރ އަލީ ވަޙީދު ވިދާޅުވީ، މިއީ ދުނިޔޭގައި މި ބަލި ފެތުރެމުންދާ ބާރުމިނަށް ބަލައި، ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ނިންމި ނިންމުމެއްކަމަށް، އަދި މިއީ ސީދާ ރައީސް ސޯލިޙުގެ އިސްނެންގެވުމުގެ މަތިން ނިންމެވި ނިންމުމެއްކަން މިނިސްޓަރ ފާހަގަކުރެއްވި ، އަދި މި ނިންމުން ނިންމެވުމުގެ އިތުރުން، ޑަބްލިއު އެޗް އޯގެ މިންގަނޑުތަކަށްވެސް އަމަލު ކުރަމުންދާނެ ކަމަށް މިނިސްޓަރ ވިދާޅުވި.
ޗައިނާއިން އަންނަ މީހުން ރާއްޖެ ވަނުން މަނާކޮށްފި
ކޮރޯނާ ވައިރަސްއާ ގުޅިގެން ޗައިނާއިން މީހުން ރާއްޖެއަށް އެތެރެވުން ސަރުކާރުން މަނާކޮށްފި
މިވަގުތާ ހަމައަށް ޗައިނާގައި ކޮރޯނާއަށް ޔަޤީން ކުރެވިފައިވާ 14380 ކޭސް، އަދި ޝައްކު ކުރެވޭ 19544 ކޭސް- ސަފީރު
އިންޑިއާއާ ޗައިނާ ސަރުކާރަށް ރައީސް ވަނީ ޝުކުރު އަދާ ކުރައްވާފައި
ވުހާންގައި ދިރިއުޅެމުންދިޔަ 7 ދިވެހިން އެއަރ އިންޑިއާގެ B747 ފްލައިޓުން އިންޑިއާގެ ދިއްލީއަށް ގެނެސްފައިވާއިރު، އެކަމާ ގުޅޭގޮތުން އާދިއްތަ ދުވަހު ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެކަމަށްޓަކައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި، އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޑރ ޖައި ޝަންކަރުގެ އިތުރުން، އިންޑިއާ ސަރުކާރަށް ޝުކުރު އަދާ ކުރައްވާ ކަމަށް.
އޭގެ އިތުރުން، ރައީސް ކުރެއްވި ޓްވީޓެއްގައި ވަނީ ވުހާންގައި ތިބި ދިވެހިން އަނބުރާ ގެނައުމުގައި ޗައިނާއިން ވެދިން އެހީތެރިކަމަށް ޗައިނާ ސަރުކާރަށާއި، ޗައިނާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޒަންގް ލީ ޖޮންގްއަށްވެސް ޝުކުރު އަދާ ކުރައްވާފައި.
ވުހާންގައި ތިބި ދިވެހިން އިންޑިއާއަށް ގެނައުމުގައި އެހީވި ފަރާތްތަކަށް ރައީސް ޝުކުރު އަދާ ކުރައްވައިފި
ކޮރޯނާވައިރަސް އާއި ގުޅިގެން ޗައިނާއަށް އުދުހުން ހުއްޓާލި އެއަރ ލައިންތައް
* ޑެލްޓާ އެއަރލައިންސް
* ބްރިޓިޝް އެއަރވޭސް
* އެއަރ އޭޝިޔާ
* ކެތޭއި ޕެސިފިކް
* އެއަރ އިންޑިއާ
* އިންޑިގޯ
* ލުފްތެންސާ
* ފިންއެއަރ
* ކުއާންތާސް
* ޤަތަރު އެއަރވޭސް
ފަރުކޮޅުފުށީގައި އިތުރު ފެސިލިޓީއެއް ޤާއިމު ކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުން
ފަރުކޮޅުފުށީގައި އިތުރު ފެސިލިޓީއެއް ޤާއިމު ކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުން، މިރެއާ ހަމައަށް (އާދިއްތަ ދުވަހުގެ ރެއާ ހަމައަށް)ވެސް އިތުރު ރޫމްސްތައް ނިމިގެންދާނެ، އަދި އޭގެ އިތުރުން ޓޯޓަލް އައުޓްބްރޭކްއަކަށް ގޮސްދާނެ ޙާލަތަކަށް ވަކި އައިސޮލޭޝަން ރަށެއް (ހަމައެކަނި ކޮރޯނާ އަަށް ޚާއްސަ) ޤާއިމު ކުރުމުގެ މަސައްކަތްވެސް އެބަ ކުރަން، - މިނިސްޓަރ އަލީ ވަޙީދު
އާރަށް ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ރައީސް އަމިއްލަފުޅަށް ހުށައަޅުއްވައިފި
އިތުރު ކަރަންޓީން ފެސިލިޓީސްއާ ގުޅޭގޮތުން އިސްނަންގަވައި ރައީސުލްޖުމްހޫރިއްޔާ ވަނީ އާރަށް ބޭނުން ކުރުމަށް އޮފަރ ކުރައްވާފައި، އެހެންވީމާ އާރަށް އެހުރީ ފުލީ ތައްޔާރުވެ ކޮރޯނާ ވައިރަސްއާ ގުޅިގެން ދިވެހި ރައްޔިތުންވެސް އަދި ފަތުރުވެރިންވެސް ކަރަންޓީން ކުރަން ޖެހިއްޖެނަމަ އެންމެ ފުރަތަމަ ފެސިލިޓީއެއްގެ ގޮތުގައި އެ އޮޕްޝަން ރައީސުލްޖުމްހޫރިއްޔާ ވަނީ ޓާސްކްފޯސްއަށް ދެއްވާފައި، - މިނިސްޓަރ އަލީ ވަޙީދު
ރާއްޖޭގެ އެއްވެސް ރިސޯޓެއްގައި ފުރައިގެން އަނބުރާ ޤައުމަށް ނުދެވޭ ވަރުގެ ބަލި ހާލުގައި އޮތް ފަތުރުވެރިއަކު ނެތް،
ރާއްޖޭގެ އެއްވެސް ރިސޯޓެއްގައި ފުރައިގެން އަނބުރާ ޤައުމަށް ނުދެވޭ ވަރުގެ ބަލި ހާލުގައި އޮތް ފަތުރުވެރިއަކު ނެތް، ރިސޯޓް ތަކާއި ގުޅިގެން އަސްލެއް ނެތް ހަޤީޤަތާ ޚިލާފު ވާހަކަތައްވެސް ފެތުރެމުންދާކަން ފާހަގަ ކުރެވޭ، މިނިސްޓަރ އަލީ ވަހީދު
އާދިއްތަ ދުވަހުގެ ރެއާ ހަމައަށް ރާއްޖޭގެ އާބާދީއަށް ކޭޓަރ ކުރެވޭ ވަރަށް މާސްކް ލިބެން ހުންނާނެ
އާދިއްތަ ދުވަހުގެ ރެއާ ހަމައަށް ރާއްޖޭގެ އާބާދީއަށް ކޭޓަރ ކުރެވޭ ވަރަށް މާސްކް ލިބެން ހުންނާނެ، އަދި އޭގެ އިތުރުން އިތުރު ޝިޕްމަންޓްތައްވެސް މި ހަފްތާގެ އެކި ތާރީޚުތަކުގައި ރާއްޖެއަށް އަންނާނެ، އެންމެ "ވޯރސް ކޭސް ސިނާރިއޯ"އަކަށްވެސް ތައްޔާރުވާ ވަރަށް ރައީސް ވަނީ ކަންކަން ތަރުތީބު ކުރައްވާފައި.
26 ޖެނުއަރީން ފެށިގެން މިއަދާ ހަމައަށް ގާތްގަނޑަކަށް 11،115 ކެންސެލޭޝަން އެބަ އޮތް- މިނިސްޓަރ އަލީ ވަހީދު
26 ޖެނުއަރީން ފެށިގެން މިއަދާ ހަމައަށް ގާތްގަނޑަކަށް 11،115 ކެންސެލޭޝަން އެބަ އޮތް، އެއީ 26 ޖެނުއަރީން ފެށިގެން 2 ފެބްރުއަރީ އާ ހަމައަށް. 24،759 ބުކިންގ ވެސް ހަމަ އެ މުއްދަތުގެ ތެރޭގައި ކޮށްފައިވޭ،
ރިސޯޓެއްގައި ކަންބޮޑުވާ ކަމެއް ދިމާވިޔަސް މެނޭޖް ކުރެވޭނެކަން ވަނީ ކަށަވަރު ކުރެވިފައި- މިނިސްޓަރ
މިހާރު އޮޕަރޭޓް ކުރަމުންދާ ރިސޯޓް ތަކުގެ ތެރެއިން 3 ރިސޯޓެއް ނޫން އެހެން ހުރިހާ ރިސޯޓެއްގައި މެޑިކަލް އުސޫލުން އެޗްޕީއޭ މިންގަނޑަށް ބަލާއިރު މީހަކަށް ޝައްކު ކުރެވުނަސް ދެން ހަދާނެ ގޮތުގެ ތަރުތީބުތައް ރޭވިފައި އެބަހުރި، އަދި އެ 3 ރިސޯޓުގައި އެ މިންގަނޑު ނެތުމާއި ގުޅިގެން އެ ރިސޯޓްތަކުގެ މެނޭޖްމަންޓާއި ގުޅިގެން އެ ސެޓަޕް ހަދާނެ ގޮތް ވަނީ ތަރުތީބު ކުރެވިފައި، އަދި ރިސޯޓެއްގައި ކަންބޮޑުވާ ކަމެއް ދިމާވިޔަސް މެނޭޖް ކުރެވޭނެކަން ވަނީ ކަށަވަރު ކުރެވިފައި- މިނިސްޓަރ އަލީ ވަހީދު
ރާއްޖެއިން ފުރާނެ ގޮތެއް ނެތިފައި ތިބި ބައެއް ފަތުރުވެރިން ފުރޭނެ އިންތިޒާމް ހަމަޖައްސައިދީފި
ޗައިނާއިން ޑައިރެކްޓް ފްލައިޓްތައް ހުއްޓާލުމަށް ނިންމި ނިންމުމާ ގުޅިގެން ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައި އާޖެންޓީނާގެ 8 ފަތުރުވެރިން އަދި ޗައިނާގެ 16 ފަތުރުވެރިން ރާއްޖެއިން ފުރާނެ ގޮތެއް ނެތިފައި ތިއްބައި ގަޑި އިރެއްގެ ތެރޭގައި ސަރުކާރުން އެކޮމޮޑޭޝަން ހަމަޖައްސާދީފައިވޭ އަދި އާދިއްތަ ދުވަހުގެ (މިއަދުގެ) ވަގުތެއްގައި އެ ފަތުރުވެރިން ފުރޭނެ އިންތިޒާމް ވަނީ ހަމަޖެހިފައި، - މިނިސްޓަރ އަލީ ވަޙީދު
31 ޖެނުއަރީން ފެށިގެން އިތުރު ތަރމަލް ކެމެރާތައް ވަނީ ރާއްޖެއަށް ގެނެވިފައި
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، 31 ޖެނުއަރީން ފެށިގެން އިތުރު ތަރމަލް ކެމެރާތައް ރާއްޖެ ގެނެވިފައިވާ ކަމަށް، އަދި ރާއްޖެއަށް އެތެރެވާ ތަންތަނުގައި ތަރމަލް ކެމެރާތައް ހަރު ކުރެވި ގާތުން ބަލަމުން ގެންދާ ކަމުގެ ޔަޤީންކަން މިނިސްޓަރ ދެއްވި، އަދި 4 ފެބްރުއަރީގައި ކަމާބެހޭ ފަރާތްތަކާއި ގުޅިގެން އިތުރު ކެމެރާ ސެޓަޕްތަކެއްވެސް ގެނައުމަށް މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވި،
މިވަގުތު ޗައިނާގައި ތިބީ 43 ދިވެހިން- ފޮރިން މިނިސްޓަރ
ފޮރިން މިނިސްޓަރ ވިދާޅުވީ މިވަގުތު ޗައިނާގައި ތިބީ 43 ދިވެހިން ކަމަށް، އަދި ހުރިހާ ދިވެހިންގެ ހާލުވެސް ގާތުން ބަލަމުންދާ ކަމަށާއި، ދިވެހިންނަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދެއްވާނެ ކަމަށް މިނިސްޓަރ ވިދާޅުވި، އޭގެ އިތުރުން، މިހާރު ޗައިނާއިން ރާއްޖެއަށް ޑައިރެކްޓް ފްލައިޓްތައް ހުއްޓާލާފައިވާއިރު، މިހާރު ހަމައެކަނި އަންނާނީ ރާއްޖޭގައި ތިބި ޗައިނާ ފަތުރުވެރިން ގެންދިއުމަށް އަންނަ ފްލައިޓްތައްކަމަށް މިނިސްޓަރ ވިދާޅުވި، އަދި އެކަމުގައި ޗައިނާގެ ހައި ކޮމިޝަނާ ގުޅިގެން މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވި،
ދިއްލީއަށް ގެންދިޔަ ދިވެހިން ބައިނަލްއަޤުވާމީ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަރަންޓީންގެ މުއްދަތު ފުރިހަމަކުރާނެ
ރައީސްގެ އިރުޝާދުފުޅަށް ވުހާންގައި ތިބި ދިވެހިން ވަނީ ދިއްލީއަށް ގެންދެވިފައި، ދިއްލީގެ ވައިގެ ބަނދަރުން އެ 7 ދިވެހިންނާއި، ބޯޓުގައި ދަތުރުކުރި އިންޑިއާގެ ރައްޔިތުން އިންޑޯ ޓިބެޓަން ބޯޑަރ ޕޮލިސް ޗައުލާ ކޭމްޕަށް މިއަދު ގެންދާނެ، ގޮސް ކޭމްޕަށް ފޯރާނެ މިއަދު މެންދުރު 12 ޖަހާއިރު، ކޭމްޕުގައި ބައިނަލްއަޤުވާމީ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަރަންޓީންގެ މުއްދަތު ފުރިހަމަކުރާނެ، އަދި އެ ފަރާތްތައް އާއިލާތަކާއި ގުޅޭނެ ގޮތް ހައި ކޮމިޝަނަރު ހަމަޖައްސަވައިދެއްވާނެ، ސަރުކާރުން ވަރަށް ގާތުން އެމީހުންގެ ހާލަތު ބަލަމުން ގެންދާނެ- ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު (ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން)
ކޮރޯނާވައިރަސްއާއި ގުޅިގެން އެމެރިކާގައި ކަރަންޓީން ކުރާ މީހުންނަށް ޕެންޓެގަން އިން އެހީވަނީ
ނޮވެލް ކޮރޯނާވައިރަސްއާއި ގުޅިގެން އެމެރިކާގައި ކަރަންޓީން ކުރާ މީހުން ބައިތިއްބާ ތަނެއް އެޤައުމުގެ ދިފާޢީ ވުޒާރާ ޕެންޓެގަން އިން ހަމަޖައްސައިދީފިއެވެ. ޕެންޓެގަން އިން ބުނީ، 10،000 މީހުން ކަރަންޓީން ކުރެވޭ ވަރުގެ ހައުސިންގ ފެސިލިޓީއެއް ، އެޤައުމުގެ ޞިއްޙަތާއި ބެހޭ ވުޒާރާގެ އެދުމުގެ މަތިން، ޕެންޓެގަން އިން ހަމަޖައްސައިދީފައިވާނެކަމަށެވެ. އެމެރިކާއިން ވަނީ ފާއިތުވެ ދިޔަ 14 ދުވަހު ޗައިނާއަށް ޒިޔާރަތްކޮށްފައިވާ އެޤައުމުގެ ރައްޔިތުން ވަކި މުއްދަތަކަށް ކަރަންޓީން ކުރަން ނިންމާފައެވެ.
އިންޑިއާގެ ކެރެލާއިން އަނެއްކާވެސް ކޮރޯނާވައިރަސް ޖެހިފައިވާ މީހަކު ފެނިއްޖެ
އިންޑިއާގެ ހެލްތު މިނިސްޓްރީން ބުނީ ނޮވެލް ކޮރޯނާވައިރަސް ޖެހިފައިވާ މީހަކު ކެރެލާއިން ފެނިފައިވާކަމަށެވެ. އޭނާއަށް ފަރުވާދެމުންދާކަމަށާއި އޭނާނެ ޙާލަތު ރަނގަޅުކަމަށް އެމިނިސްޓްރީން ބުނެއެވެ.
މިއާއެކު އިންޑިއާއިން ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ ޢަދަދު ވަނީ 2 އަށް އަރާފައެވެ.
ޗައިނާގައި ދުވާލަކު 8 މިލިއަން ފޭސް މާސް އުފައްދާ،އެވަރުންވެސް ނުވޭ
ޗައިނާއަށް މިހާރު ކުރިމަތިވެފައިވާ ނޮވެލް ކޮރޯނާވައިރަސް އިން ރައްކާތެރިވުމަށް އެޤައުމުން ދަނީ ހަރުދަނާ ފިޔަވަޅުތައް އަޅަމުންނެވެ. އޭގެ ތެރެއިން އެއްކަމަކީ އެޤައުމުގެ އެންމެހައި ރައްޔިތުން ފޭސް މާސްކް ބޭނުންކުރަން އިލްތިމާސް ކުރުމެވެ. ޗައިނާގެ ބާޒާރުގައި މިހާރު މާސްކަށް ޖެހިފައިވާއިރު، އެޤައުމުން ދަނީ ދުވާލެއްގެ މައްޗަށް 8 މިލިއަން މާސްކް އުފައްދަމުންނެވެ. މީގެ ސަބަބުން މާސްކް ހޯދުމުގައި ހުރި ދަތިތަކައް ޙައްލެ ލިބިގެންދާނެކަމަށް ބެލެވެއެވެ. ޗައިނާއިން ވަނީ ޞިއްޙީ ޕްރޮކިއުމެންޓް އާލާތްތައް ހޯދުމަށް އެކުވެރި ދައުލަތްތަކުގެ އެހީތެރިކަމަށްވެސް އެދިފައެވެ. މީގެތެރޭގައި މާސްކްވެސް ހިމެނެއެވެ.
ނޮވެލް ކޮރޯނާވައިރަސްއާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު މިއަދު 11 ޖަހާއިރު
މިނިސްޓްރީ އޮފް ހެލްތުން ބުނީ ނޮވެލް ކޮރޯނާވައިރަސްއާއި ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ޙިއްސާ ކުރުމަށް ބާއްވާ ޕްރެސް ކޮންފަރެންސެއް މިއަދު ހެދުނު 1100 ޖަހާއިރު އޮންނާނެކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބާއްވާ މި ޕްރެސްގައި ބައިވެރިވެވަޑައިގަންނަވާނީ 3 ޑޮކްޓަރުންކަމަށް މިނިސްޓްރީ އޮފް ހެލްތުން ބުނެއެވެ.
މި ޕްރެސް ރާއްޖެ ޓީވީން ވަގުތުން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.
ފިލިޕީންސް މީހަކު ކޮރޯނާވައިރަސްގައި މަރުވުމާއި ގުޅިގެން އެޤައުމުން ދަތުރުފަތުރުގެ ސަމާލެއް ނެރެފި
ފިލިޕީންސްގައި ނޮވެލް ކޮރޯނާ ވައިރަސް ޖެހިގެން މީހަކު މަރުވުމާއި ގުޅިގެން އެޤައުމުން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފިއެވެ. އެގޮތުން ފިލިޕީންސް ގެ ރައީސް ރޮޑްރިގޯ ޑުޓާރެޓޭ ވަނީ ޗައިނާއިގެ މެއިން ލޭންޑުންނާއި،މަކާއޯ އަދި ހޮންކޮންގ އަށް ދަތުރުކޮށްފައިވާ އެއްވެސް ޤައުމެއްގެ މީހަކު ފިލިޕީންސްއަށް ނާރުވަން ނިންމަވާފައެވެ. އަދި ޗައިނާއިން އަންނަ ފިލިޕީންސް ރައްޔިތުން ކޮރޯނާވައިރަސްގެ އަލާމާތެއް ނެތް ނަމަވެސް 14 ދުވަސްވަންދެން ކަރަންޓީންކުރުމަށް ވެސް ރައީސް ވަނީ ނިންމަވާފައެވެ.
ކޮރޯނާވައިރަސްގެ ބަލިމަޑުކަމާބެހޭ ގޮތުން ކެނެޑާއާއި އެމެރިކާގެ ވެރިން މަޝްވަރާކުރައްވައިފި
މިކަމާއި ގުޅޭގޮތުން އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓްހައުސްއިން ޢާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ ނޮވެލް ކޮރޯނާވައިރަސްގެ ބަލިމަޑުކަމާއި ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާ ކުރައްވާފައިވަނީ ފޯނުން ގުޅުއްވައިގެން ކަމަށެވެ. އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާއި، ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑީޯގެ މި ފޯންކޯލުގައި ކޮރޯނާ ވައިރަސް މޮނިޓަރ ކުރުމަށާއި، ކޮންޓްރޯލް ކުރުމަށާއި، މިކަމަށް ހުރި ހިރާސްތައް ނައްތާލުމާއި ބެހޭ ގޮތުން ކަމަށް މިކަމާއި ބެހޭ ގޮތުން ވައިޓްހައުސް އިން ޢާންމު ކުރި ބަޔާނުގައި ވެއެވެ.
ވޫހާން ސިޓީގައި ތިބި ހަތް ދިވެހިން އިންޑިއާއަށް ގެންގޮސްފި
ދިވެހި ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން މަޢުލޫމާތުދޭ ގޮތުގައި ޗައިނާގެ ވޫހާން ސިޓީގައި ތިބި 9 ދިވެހިންގެ ތެރެއިން 7 ދިވެހިން އިންޑިއާގެ އެހީތެރިކަމާއެކު މިހާރު ވަނީ އިންޑިއާގެ ވެރިރަށް ނިއުދިއްލީއަށް ގެންގޮސްފައެވެ.
ޗައިނާގެ ވުހާންގައި ތިބި އިންޑިއާގެ 323 މީހުން އިންޑިއާއަށް ގެންގޮސްފި
އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއަރޒުން މަޢުލޫމާތުދޭ ގޮތުގައި މިމީހުން އިންޑިއާއަށް ގެނައިީ އެއަރ އިންޑިއާގެ ޚާއްޞަ ފްލައިޓެއްގައި ވެރިރަށް ނިއުދިއްލީއަށެވެ. މިއީ ވުހާން ސިޓީން އިންޑިއާގެ ރައްޔިތުން ބޭލި ދެވަނަ ފަހަރެވެ. އިންޑިއާއިން ދަނީ ވުހާން ސިޓީގައި ތިބި އެހެން ޤައުމުތަކުގެ ރައްޔިތުން އެސިޓީން ބޭލުމުގައި ވެސް އެހީތެރިވަމުންނެވެ. އޭގެ ތެރޭގައި ރާއްޖޭގެ މީހުންވެސް ހިމެނެއެވެ.