Raajje.mv

ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާ

15 ފެބުރުއަރީ 2017
28049
ރައްޔިތުންގެ މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ އިދާރާ

15 ފެބުރުއަރީ 2017 | 11:51

ތައުލީމުގެ ބިލަށް ބަހުސް ކުރުން ނިންމާލުން

އެ ބިލަށް ބަހުސް ކުރުމަށް އެދިލެއްވި މެމްބަރުންނަށް ފުރުސަތު ދެއްވުމަށްފަހު، އެބިލަށް ބަހުސް ކުރުން ނިންމާލައިފި. ދެން މަޖިލިސް ފެށޭނީ 13:30ގަ . ކުރިއަށް އޮތީ ވޯޓަށް އަހަންހުރި ކަންކަމަށް ވޯޓަށް އެހުން.

15 ފެބުރުއަރީ 2017 | 11:49

ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު

މިއީ ތައުލީމްގެ ނިޒާމް ސަރުކާރުގެ މުށުތެރެއަށް ގެންދިއުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރާކަމެއް. ސްކޫލްތަކުޔގެ ބޯޑުވެސް ސަރުކާރުގެ މުށުތެރެއަށް ގެންދެވޭ ގޮތަށް މިބިލް ފަރުމާކޮށްފައި މިވަނީ. މިބިލް މިއަށްވުރެ ރަނގަޅަށް މިބިލް އޮންނަންޖެހޭނެ ކަމަށް ގަބޫލު ކުރަން. ޓީޗަރުންގެ މުސާރަ މިހާރުން މިހާރަށް ބޮޑު ކޮށްދިނުމަށް ސަރުކާރަށް ގޮވާލަން.

15 ފެބުރުއަރީ 2017 | 11:45

ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ

ރާއްޖޭއަށް ބޭރު ޓީޗަރުން ގެންނަނީ ހައުސް މެއިޑުން، ނުވަތަ ލޭބަރުން ގެންނަ އުސޫލުން، އެއްވެސް ބެލުމެއް ނެތި.

15 ފެބުރުއަރީ 2017 | 11:42

އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން

އިއްޔެ މިބިލްގެ ފުރަތަމަ ކިޔުންއިއްވާ ބިލް ފެންނަވަރުވީ. މިއަދު މިއޮތީ މަރުހަލާތައް ކުރުގަޅުވާލާފަ، ބަހުސް ކުރަން ފަށާފަ. މިބިލަކީ ރައީސް ނަޝީދުގެ ވެރިކަމުގައި ތައްޔާރުކުމުގެ މަސައްކަތްކޮށްފައިވާ ބިލެއް.

15 ފެބުރުއަރީ 2017 | 11:28

އައްޑޫ މީދޫ ދާއިޜާގެ މެމްބަރު ރޮޒައިނާ އާދަމް

މިފަދަ ބޮޑެތި ބިލްތައް އަންނައިރު، އެބިލަތައް ބަލާލަން އެކަށީގެންވާ ފުރުސަތެއް ނުލިބޭ. މިއީ ވަރަށް މުހިއްމު ބިލެއް. ތައުލީމުގެ ސިޔާސަތު ކަނޑައަޅާއިރު ވަރަށް ބޮޑަށް ޕްރޮފެޝަނަލްވާންޖެހޭ. ޕްރޮފެޝަނަލް ބޮޑީއެއް އުފައްދަންޖެހޭ. ގައުމީ ފެންވަރެއްގަ. ދަރިވަރުން ކިޔަވާ ފޮތްތަކުގަ ރައީސް ޔާމީނާއި ޗައިނާގެ ރައީސްގެ ފޮޓޯ ޖަހާފަ އެއީއޭ ލީޑަރުންނަކީ ޖެހީމަ ކަމަކު ނުދޭ. ރާއްޖޭގަ ހުރި ހަމައެކަނި ލީޑަރަކީ ރައީސް ޔާމީނެއް ނޫން. އެހެން ބޭފުޅުންވެސް ރައީސްކަން ކޮށްފައިވޭ. ސަރުކާރުން އުޅޭނީ ތައުލީމީ ނިޒާމު ސިޔާސީކުރަން. މިބިލަށް ގިނަ އިސްލާހުތައް ގެންނަންޖެހޭ.

15 ފެބުރުއަރީ 2017 | 11:21

އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދު

ރައީސް ޔާމީންގެ މި ސަރުކާރުގެ ތައުލީމީ ސިޔާސަތުގެ ދަށުން ދަރިވަރުންނަށް ބޮޑެތި ކާމިޔާބުތަކެއް ދަނީ ލިބެމުން. ތައުލީމީ ދާއިރާއަށް މިއިން ދުވަހަކު ނާންނަ ހެޔޮ ބަދަލެއް މިވަނީ އައިސްފަ. މިއީ ވަރަށް މުހިއްމު ބިލެއް. މިއީ ތައުލީމުގެ ކަންކަން ގާނޫނެއްގެ ދަށުން ހިންގުމަށް ކުރާކަމެއް. ތައުލީމީ ދާއިރާ ހަރުދަނާ ކުރުމަށް ކުރެވޭ މުހިއްމު މަސައްކަތެއް.

15 ފެބުރުއަރީ 2017 | 11:17

ތައުލީމުގެ ބިލަށް ބަހުސް އަލުން ފެށުން

އައްޑޫ ހިތަދޫ މެދުދާއިރާގެ މެމްބަރު އިބްރާހީމް މުހައްމަދުދީދީ: މިބިލަކީ ވަރަށް މުހިއްމު ބިލެއް. ވަރަށް ރަނގަޅަށް މިބިލް ދިރާސާ ކުރަންޖެހޭ. ބައެއް ފަހަރު ސްކޫލްތަކުގެ ޓީޗަރުންނަށް ދަރިވަރުންނަށް އެޅޭ ފިޔަވަޅެއްގެ ސަބަބުން އިންޒާރު އަންނަތަން ފެނޭ. އެކަންކަމަށް މިބިލުގައި ބަލާލަށް ޖެހޭ.

15 ފެބުރުއަރީ 2017 | 11:13

މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން ނިންމި ގޮތުގެ ރިޕޯޓަށް ބަހުސް ކުރުން ނިންމާލުން

އެ ރިޕޯޓަށް ބަހުސް ކުރުމަށް ކޮންމެ ޕާޓީއަކަށް ވެސް ދެއްވީ ފަސް މިނެޓް. އެގޮތުން ބަހުސް ކުރުމަށް އެދިލެއްވި މެމްބަރުންނަށް ފުރުސަތު ދިނުމަށްފަހު، އެ ރިޕޯޓަށް ބަހުސް ކުރުން ނިންމާލައިފި. އެ ރިޕޯޓަށް ވޯޓަށް އެހުން މިއަދުގެ ޖަލްސާގެ 13:30 ގައި

15 ފެބުރުއަރީ 2017 | 11:11

ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ

މި ރިޕޯޓަށް ތާއީދު ކުރަން. މި ރިޕޯޓް ފާސްކޮށްދެއްވުމަށް އެދެން.

15 ފެބުރުއަރީ 2017 | 11:10

މިނިވަން މުއައްސަސާއިން ނިންމި ގޮތުގެ ރިޕޯޓަށް ބަހުސް ކުރުން

އިމްތިޔާޒު ފަހުމީ: ކޮމެޓީއިން ރުހުން ދިނުމަށް ފސްކޮށްފައިވާ ބޭފުޅަށްވުރެ، ތައުލީމީ އަދި ތަޖުރިބާގެ ގޮތުން ގާބިލް ބޭފުޅުން ކުރިމަތި ލައްވާފައިވޭ. ނަމަވެސް ސަރުކާރަށް ފެންނަ ގޮތަށް ސިޔާސީ ފިކުރުގަ އޭނާއަށް ކޮމެޓީއަށް ރުހުން ދިނުމަށް ފާސްކޮށްފައި ވަނީ. މިއީ ވަރަށް ކަންބޮޑުވާ ކަމެއް.

15 ފެބުރުއަރީ 2017 | 11:06

ޖަލްސާ ފެށުން

ސިވިލް ސާރވިސް ކޮމިޝަން (ސީއެސްސީ)ގައި ހުސްވެފައިވާ މެމްބަރު ކަމަށް ރުހުން ދިނުމަށް މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓިން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް. އެރިޕޯޓް މަޖިލީހަށް އިއްވަވައިދެއްވީ ކޮމެޓީގެ މުގައްރިރު އަލީ ސަލީމް. ކޮމެޓީން ފާސްކޮށްފައި ވަނީ އިބްރާހީމް ޝަފީގް، ސޯސަންގެ، ބ. ގޮއިދޫ އަށް ރުހުން ދިނުމަށް.

ސިވިލް ސާރވިސް ކޮމިޝަނުގެ މެމްބަރު ކަމަށް 11 މެމްބަރަކު ކުރިމަތިލެއްވި.

15 ފެބުރުއަރީ 2017 | 10:35

ޖަލްސާ މެދުކަނޑާލުން- 30 މިނިޓްގެ ބްރޭކް

މަޖިލީހުގެ މިއަދުގެ ޖަލްސާގެ ހެނދުނު ދަންފަޅީގެ 30 މިނެޓް ބްރޭކަށް. ދެން ޖަލްސާ ފެށޭނީ 11:00ގަ

15 ފެބުރުއަރީ 2017 | 10:33

ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު

މިބިލްގައި ކަންބޮޑުވާ ކަންތައްތަކެއް އެބަހުރި. ކޮމެޓީ މަރުހަލާގައި އެކަންކަން އިސްލާހުކޮށް، ހެޔޮބަލަދެއް ގެންނާނެ ކަމަށް އުއްމީދު ކުރަން. ސްކޫލްތަކަށް ބޭރު ޓީޗަރުން ގެންނައިރު، ގެންނަނީ ވަކި ކުންފުންޏަކުން، ވަކި ބަޔަކަށް މަންފާ ލިބޭގޮތަށް. އެ ޓީޗަރުން ސެޓިފިކޭޓްތަކަކީ ސައްހަ އެއްޗެއްކަން ވެސް އެޑިއުކޭޝަނުން ބަލާފައެއް ނުވޭ. އެކަން އެއޮތީ އޯޑިޓް ރިޕޯޓުން ފެންނަން. މިފަދަ ޖަރީމާތައް ހިންގަމުން އެދަނީ. އެހެންކަމުން ކައުންސިލެއް އުފެއްދިޔަސް ގާބިލް ކައުންސިލެއް އުފައްދަންޖެހޭ.

15 ފެބުރުއަރީ 2017 | 10:28

މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިއާ އަހުމަދުދީދީ

މިބިލުން އެބަފެނޭ ސްކޫލްތަކުގެ ބޯޑު މެމްބަރުންވެސް މިނިސްޓަރު ބޭނުންވެއްޖެ ހިނދެއްގައި ވަކިކުރެވޭގޮތް. މިއީ ކަންބޮޑުވާ ކަމެއް. މިބިލުގައި މިފަދަ ކަންބޮޑުވާ ގިނަ ކަންކަން އެބަހުރި.

15 ފެބުރުއަރީ 2017 | 10:21

މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު

މިއި ވަރަށް މުހިއްމު ބިލެއް. ޓީޗަރުންނަށް މުސާރަ ވަނީ ބޮޑު ކޮށްފަ. ޓީޗަރުންގެ ފެންވަރު ވެސް ވަނީ ރަނގަޅުކޮށްފަ. މިހާރު އެއްވެސް ސްކޫލެއްގައި ޑިޕްލޮމާ ނުވަތަ ޑިގްރީ ފެންވަރަށް ވުރެ ދަށް ޓީޗަރުންނެއް ނުތިބޭނެ. މިބިލުން ރަނގަޅު ހެޔޮ ބަދަލުތަކެއް ތައުލީމީ ދާއިރާއަށް އަންނާނެ.

15 ފެބުރުއަރީ 2017 | 10:17

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް

ކޮންެމެހެން ގާނޫނު ހެދުމެއް ނޫން މުހިއްމީ. ގާނޫނުތައްވެސް ހަދަންވީ އުސޫލްތައް ވެސް ހަދަންވީ. އެކަމަކު އެގާނުނުތަކާއި އުސޫލްތައް ހިފަހައްޓާ ދެމެހެއްޓުން މާ މުހިއްމު. މިބިލްގައި ރަނގަޅު ކަންކަން އެބަހުރި.

15 ފެބުރުއަރީ 2017 | 10:15

ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން

ސްކޫލްތަކަކީ މީހުން ބިނާ ކުރާ ތަންތަންގެ ގޮތުގައި ހަދަން އެބަޖެހޭ. އެއްދަންފަޅިއަށް ކިޔެވުން ބަދަލު ކުރަންޖެހޭ. ޓީޗަރުން ދެވޭ މުސާރަ ވެސް ބޮޑު ކުރަންޖެހޭ. މިހާރު ޓީޗަރުން ދުވާލުދާ ހަތަރުދަމު މަސައްކަތްކޮށްގެންވެސް ގޭގެ ކުލި ދައްކާލެވޭ ވަރެއް ނުވޭ.

15 ފެބުރުއަރީ 2017 | 10:06

ބިލަތްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީން

މިއީ ވަރަށް މުހިއްމު ބިލެއް. މި ގާނޫނަށް ބަދަލުވުމުން، ހެޔޮ ބަދަލުތަކެއް އަންނާނެ. ޒިންމާ އަދާކުރާ ފަރާތްތަށް ޒިންމާދާ ކުރެވޭނެ. ޒިންމާ އަދާކުރަންވެސް ޖެހޭ. މިއީ ވަރަށް ފުރިހަމަ ބިލެއް.

15 ފެބުރުއަރީ 2017 | 10:02

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ

މިއޮތީ އެއްކަލަހެން ތިން މަރުހަލާ އެއްކޮށްލައިގެން ބިލެއް ހުށަހަޅާފަ. ރައިސުލްޖުމްހޫރިއްޔާ ވިދާޅުވަނީ ވައްކަމަކީ ތޮބީއީ ކަމެކޭ. އެއީ ފަންނެކޭ އެވިދާޅުވަނީ. ހަލާލެއް ހަރާމެއް ބެލުމެއްނެތި ލިބެންއޮތް އެއްޗެއް ލިބިގަތުމަށް ރައީސް އެވިދާޅުވަނީ. އެވެސް ސްކޫލްތަކުގެ ދަރިވަރުން އެއްކޮށް. ސަރުކާރުގެ އަމަލުތައް ހުރީވެސް އެގޮަތަށް. ސަރުކާރުގެ ސިޔާސަތުގެ ދަށުން ޓިޗަރުންނަށާއި ދަރިވަރުންނަށް ނުފޫޒު ފޯރުވާ މަންޒަރު ފެންނަމުން މިދަނީ.

15 ފެބުރުއަރީ 2017 | 09:57

މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމު

މިއީ ވަރަށް މުހިއްމު ބިލެއް. އެއްދަންފަޅިއަށް ސްކޫލްތަކުގެ ކިޔެވުން ބަދަލު ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ދެކެން. އަދި ތައުލޫމަށް ކުރާ ހޭދަ ވެސް އިތުރު ކުރަންޖެހޭ. މިއަހަރަށް ކަނޑައަޅާފައިވާ ބަޖެޓްވެސް ކުޑަ ކަމަށް ތައުލީމީ ބައެއް އިދާރާތަކުން ބުނެފައިވޭ. އެހެންކަމުން އެކަށީގެންވާ ރަނގަޅު ބަޖެޓެއް މުހިއްމު.

15 ފެބުރުއަރީ 2017 | 09:54

ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަލީލު

މި ބިލަކީ ވަރަށް މުހިއްމު ބިލެއް. ރާއްޖޭގެ ތައުލީމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތް އިދިކޮޅު ފަރާތްތަކުން ވެސް ގަބޫލު ކުރޭ. ޓީޗަރުންނަށް ތައުލީމް ދިނުމާއި ޓީޗަރުންގެ ކަންކަން ބެލެހެއްޓުމަކީ ވަރަށް މުހިއްމު ކަމެއް. އެގޮތުން އެފަދަ ކައުންސިލެއް މި ގާނޫނުގެ ދަށުން އެކުލަވާލެވޭނެ. މިއީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި އަމަލުކުރަމުންދާ ކަމެއް.

15 ފެބުރުއަރީ 2017 | 09:47

ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް

މިއީ ވަރަށް މުހިއްމު ބިލެއް. އެމްޑީޕީގެ ސަރުކާރުގެ ދުވަސްވަރު އެއްދަންފަޅިއަށް ބަދަލުކޮށް ތައުލީމަށް ބޮޑުތި ހެޔޮ ބަދަލުތަކެއް ވަނީ ގެނެސްފަ. އެއްދަންފަޅިއަށް ކިޔަވާދިނުމަކީ ކުރިއަރާފައިވާ ގައުމުތަކުގައި ގާއުމުކޮށްފައިވާ ރަނގަޅު ނިޒާމެއް. ނަމަވެސް މިސަރުކާރުން ވަނީ އެއްދަންފަޅިއަށް ކިޔަވާދިނުންވަނީ ނިމުމަކަށް ގެނެސްފަ. ސްކޫލްތަކުގައި އެއްދަންފަޅިއަށް ކިޔަވާދިނުމަކީ މުހިއްމު ކަމެއްކަމަށްދެކި އެކަން އެގޮތަށް ބަދަލު ކުރާނެ ކަމަށް އުއްމީދު ކުރަން.

15 ފެބުރުއަރީ 2017 | 09:41

ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް

މިއީ ވަރަށް މުހިއްމު ބިލެއް. މިބިލަށް ވަރަށް ފުޅާދާއިރާއެއްގައި މަޝްވަރާ ކުރަންޖެހޭ. މިބިލް ގާނޫނަކަށް ބަދަލުވާއިރު، ހަމަހަމަ ގޮތެއްގައި ތައުލީމުގެ ފުރުސަތު އެންމެނަށް ލިބެންޖެހޭ. ހާއްސަކޮށް ކުޑަ ކުދިންނަށް ދެވޭ ތައުލީމަށް އިސްކަމެއް ދޭންޖެހޭ.

15 ފެބުރުއަރީ 2017 | 09:36

ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު

މިއި މިހާތަނަށް މަޖިލީހަށް ހުށަހެޅި ބިލްތަކުގެ ތެރެއިން އެންމެ ހިތްހަމަޖެހޭ އެންމެ މުހިއްމު އެއް ބިލް. މިބިލަށް ތާއީދު ކުރަން. މިބިލްގެ ސަބަބުން ދަރިވަރުންނާއި ޓީޗަރުންނާއި ބެލެނެވެރިންނަށް އިތުރު ފުރުސަތުތައް ލިބި ދައުލީމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ. ދަރިވަރުންނަށް ސްކޫލްތަކަށް ނުވެއްދޭނެ ގޮތަށް ހަދަންޖެހޭ.

15 ފެބުރުއަރީ 2017 | 09:32

ގެމަނަފުށި ދާއިރާގެ މެމްބަރު ޖަމީލު އުސްމާން

ދަރިވަރުން ގޭގައި ހޭދަކުރާ ވަގުތަށްވުރެ، ސްކޫލްގައި ހޭދަކުރާ ވަގުތު ގިނަ. އެހެންކަމުން ތައުލީމުގެ މިފަދަ ބިލެއްގެ މުހިއްމުކަން ވަރަށް ބޮޑު. ކަންކަން ކުރަން ފަސޭހަވާނީ ގާނޫނުގައި އެކަންކަން ބަޔާން ކޮށްފައިވާނަމަ. މިސަރުކާރުން ދަނީ ދަރިވަރުންގެ ތައުލީމަށް ބޮޑު ހޭދައެއް ކުރަމުން. ދައުލީމު ކުރިއެރުވުމަށް ވަރަށް ބޮޑު މަސައްކަތްތަކެއް ސަރުކާރުންދަނީ ކުރަމުން. ރާއްޖޭގެ ދަރިވަރުން އެދަނީ މުޅި ދުނިޔޭގެ ދަރިވަރުންނާ ވާދަކޮށް ވަނަ ހޯދަމުން. މިއީ މިސަރުކާރުގެ މަސައްކަތުން ހޯދިފައިވާ ނަތީޖާއެއް.

15 ފެބުރުއަރީ 2017 | 09:27

ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު

ކޮންމެ ސަރުކާރަކުން ވަކި ސިޔާސަތެއް ގާއިމު ކުރުމެއް ނޫން މުހިއްމީ. މުހިއްމީ ރަނގަޅު ގާނޫނުތަކެއް ހަދާ ރައްޔިތުންނާއި ހިދްމަތް ކުރުން. ބޭނުންވަނީ ދަރިންނަށް ރަނގަޅު ތަރުބިއްޔަތެއް ދިނުން. ރަނގަޅު ތައުލީމެއް ދިނުން. އެބިލަށް ތާއީދު ކުރަން. އަލުގަނޑުމެންގެ މި މަޖިލިސް ހިމެނޭ ސަރަހައްދުގައި މިހުރީ އެންމެ ގިނަ ކުދިން އެޅޭ ދެ ސްކޫލް. އެ ސްކޫލްތަކުގެ ދަރިވަރުން ގޮވާތަކެއްޗާއި ކުޑަދޮރުން އުކާ ތަކެތި އެޑިއުކޭޝަން މިނިސްޓަރަށް ނުފެންނަނީ ތޯ. އެހެންކަމުން މިފަދަ ކަންކަން އިސްލާހު ކުރަންޖެހޭ.

15 ފެބުރުއަރީ 2017 | 09:23

މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް

މިހާރަކަށް އައިސް މަޖިލީހުން ގާނޫނުތައް ހަދަނީ ބަޔަކި ބަޔަކަށް ފައިދާވާ ގޮތަށް. ވަކި މީހަކަށް ޓާގެޓް ކޮށްގެންވެސް ގާނޫނުތައް ހަދާފައިވޭ. މިބިލްގައި ވެސް ކަންބޮޑުވާ ކަންކަން އެބަހުރި. ރީޗަރުންނަށް ލައިސަންސެއް ދިނުމަށް މިބިލްގައި ބަޔާން ކޮށްފައިވޭ. އެބިލްގައި އެ ލައިސަންސް ދޫކުރުމަށް ހަމަޖެހިފައިވަނީ މިގާނޫނުން އެކުލަވާލާ ކައުންސިލަކުން. މިއީ ޓީޗަރުންނަށް ނުފޫޒު ފޯރުވުމާއި ބިރުދަންކަން ކުރާ ކަމެއް. އަޅުގަނޑުމެން ވެސް ބޭނުންވަނީ ފެންވަރު ރަނގަޅު ޓީޗަރުންގެ އަރިހަށް ކިޔަވަން ފޮނުވަން. އެކަމަކު މުސްތަލްބަލުގައި ޓިޗަރުންގެ ގޮތުގައި އެކްޓިވިސްޓުން އުޅުމަކީ އެކަށީގެންވާ ކަމެއް. ގިނަ ފަހަރަށް ގާނޫނާ އެއްގޮތަކަށް ނޫން ސަރުކާރުންނާއި މަޖިލީހުންވެސް އަމަލު ކުރަމުންދަނީ

15 ފެބުރުއަރީ 2017 | 09:16

ތައުލީމުގެ ބިލަށް ބަހުސް ކުރުމަށް އެ ބިލް މަޖިލީހަށް ހުށަހެޅުން

އެ ބިލް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ފުނަދޫ ދާއިރާގެ މެމްބަރު އަލީ ސަލީމް.

ސަލީމް: މިބިލަކީ ވަރަށް ގައުމީ ބިލެއް. މިބިލަކީ ރާއްޖޭގައި ޑިމޮކްރެސީ ހަރުދަނާ ކުރުމަށްވެސް ހުށަހެޅޭ ބިލެއް. މިއީ ވަކި މީހެއްގެ ބިލެއް ނޫން. މިއީ ކުދި ބޮޑު އެންމެންނަށް އުނގެނުމުގެ ހައްގު ހޯދައިދިނުމަށް ހުށަހަޅާފައިވާ ބިލެއް. މިއީ ގާނޫނުއަސާސީން ވެސް ރައްޔިތުންނަށް ލިބިދޭ ހައްގެއް. މިބިލް އެކުލެވިގެންވަނީ 19 މާއްދާގެ މައްޗަށް، 57 މާއްދާ މިބިލްގައިވޭ.

15 ފެބުރުއަރީ 2017 | 09:11

އިބްތިދާއީ ބަހުސް

ތައުލީމުގެ ބިލަށް ބަހުސް ކުރުން މިއަދުގެ ޖަލްސާގައި ފެށުމަށް ފެންނަ ކަމަށް 23 މެމްބަރުންގެ އަޣްލަބިއްޔަތުން ފާސްވެއްޖެ. ނުފެން ކަމަށް ދެ މެމްބަރުން ވޯޓް ދެއްވިއިރު، ވަކިގޮތަކަށް ވޯޓް ދެއްވަން ބޭނުންނުވާ ކަމަށް ވެސް ދެ މެމްބަރުން ވޯޓް ދެއްވި.

15 ފެބުރުއަރީ 2017 | 09:07

އިބްތިދާއީ ބަހުސް ކުރުން

ސަރުކާރުގެ ފަރާތުން، ފުނަދޫ ދާއިރާގެ މެންބަރު އަލީ ސަލީމް ހުށަހަޅުއްވާފައިވާ، ތައުލީމުގެ ބިލުގެ އިބްތިދާއީ ބަހުސް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 25 ވަނަ މާއްދާގެ (ނ)ގައިވާ ގޮތުގެމަތިން ކުރިއަށް ގެންދިއުމުގެ ފުރުސަތު ދިނުމަށްޓަކައި، މަޖިލީހުގައި ވޯޓު ނެގުން އަދި ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދިއުމަށް މަޖިލީހުން ފާސްވެއްޖެނަމަ އެ ބިލުގެ އިބްތިދާއީ ބަހުސް ފެށުން. މިހާރު ކުރިއަށް ދަނީ އެކަމަށް ނަގަންޖެހޭ ވޯޓު ނެގުމުގެ މަސައްކަތް.

15 ފެބުރުއަރީ 2017 | 09:04

ޖަލްސާ ފެށުން

މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު: ޖަލްސާއަށް މިވަގުތު ހާޒިރުވެވަޑައިގަންނަވާފައިވަނީ 23 މެމްބަރުން

15 ފެބުރުއަރީ 2017 | 08:13

ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާ

ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހު ބާއްވާ ޖަލްސާއަކީ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ހަ ވަނަ ޖަލްސާ އެވެ.