ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީ އަށް ދެ މެންބަރަކު އައްޔަންކޮށްފި
23 ޖެނުއަރީ 2019 | ބުދަ 15:13ދެ ބޭފުޅުން އައްޔަން ކޮށްފައި ވަނީ ދެ ބޭފުޅަކު އިސްތިއުފާ ދިނުމުން


ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ތަރައްގީކުރާ ފްލެޓްތައް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހް އުފައްދަވާފައިޥާ "ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީ" ގެ މެންބަރު ކަމަށް ދެ ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.
އެ ދެ ބޭފުޅުންނަކީ ގަލޮޅު ނޫމަރާވިލާ ޝީރީން ނާހިދާ ލަޠީފާއި މާފަންނު ގަސީމު, ފާޠިމަތު ރަޝީދުއެވެ.
މި ދެ ބޭފުޅުން ވެސް އައްޔަންކޮށްފައި ވަނީ މި މަހުގެ 21 ވަނަ ދުވަހުއެވެ. މި ދެ ބޭފުޅުން މި ކޮމިޓީގެ މެންބަރުކަމަށް ޢައްޔަން ކުރައްވާފައި ވަނީ އެ ކޮމިޓީގެ މެންބަރުކަމުން އައްޑޫ ސިޓީ މީދޫ، ގްރީންވިލާ ފާޠިމަތު ސާއިރާ، އާއި ގަލޮޅު ދާސްތާން ނުޒްހާ ޢަލީމް އިސްތިޢުފާ ދެއްވާފައި ވާތީ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.
މި ދެ ބޭފުޅުންނާއި އެކު ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީގައި ފަސް މެމްބަރުން ހިމެނިވަޑައިގަންނަވައެވެ. އެއީ މ. ގުލްފާމުގެ މުޙައްމަދު މުޢިއްޒު އަދުނާން، މއ. އަންޑާޕޫލްއާގެ އަޙްމަދު ޠަލާލްގެ އިތުރުން އެޓަރނީ ޖެނެރަލް އޮފީހުގެ ވަކީލެއްގެ ހައިސިއްޔަތުން އައްޔަން ކޮށްފައިވާ މ. ފެންގަސް ޢަލީ ޝުހައިލް މުޙައްމަދުއެވެ.








