ކ. މާލެ
|
1 މާރޗް 2018 | ބުރާސްފަތި 15:41
ރައީސުލްޖުމްހޫރިއްޔާގެ އޮފީސްހުގެ ފޮޓޯއެއް
ރައީސުލްޖުމްހޫރިއްޔާގެ އޮފީސްހުގެ ފޮޓޯއެއް
މުހައްމަދު ޝަރުހާން
ސަރުކާރަށް ސަނާކިޔުން
ރަސްގެފާނުގެ ގަނޑުވަރުގެ ފާރަށް ކުޅުޖެހި ތަކުރަށްވުރެ ނިހާނުމެންގެ ހާލު ނިކަމެއްޗެވެ!
 
އަތެއް ބުރިކޮށްލުމުން ވެސް ތަކުރު ދިޔައީ ސަނާ ކިޔަމުން
 
ފުރަތަމަ އަދަބަކީވެސް މަރު
 
ރަސްގެފާނުގެ ގަނޑުވަރުގެ ފާރަށް ތަކުރު ކުޅުޖެހީ ގަސްތަކު ނޫން

ފުރަތަމަ ތަކުރަށްވީގޮތް އަޑުއަހާލަމާ ހިނގާށެވެ. އެއްސަހަރެއްގައި ވަރަށް މުއްސަނދި ނުފޫޒުގަދަ ރަސްކަލެއް އުޅުނެވެ. ދިރުއުޅުމުގެ ފެންވަރުހުރީ އާސްމާނުގަ އެވެ. ގަނޑުވަރެކޭ ބުންޏަސް އެއީ ފިސާރި ރީތި ގަނޑުވަރެކެވެ. އަގު ބޮޑުކޮށް ހަދާފައިވާ ގަނޑުވަރެކެވެ. އެ ގަނޑުވަރު ހެދީ ރައްޔިތުންގެ ފައިސާއާއި މުދާ ބޭނުން ކޮށްގެންނެވެ.

އެއްދުވަހަކު އެ ސަހަރުގައި އުޅުނު ތަކުރު ކިޔާ ނިކަމެތި މަސްވެރިޔަކު ރަސްގެފާނުގެ  ގަނޑުވަރު ކައިރިން ދަމުން އެ ގަނޑުވަރުގެ ފާރަށް ކުޅެއް ޖަހައިފި އެވެ. މާބޮޑު ވިސްނުމެއް ނެތި އެވެ. ހަމަ އެހެންދަމުން ކުޅެއް ޖަހާލީ އެވެ. ކޮންމެހެން ރަސްގެނފާނުގެ ގަނޑުވަރު ވީމާ ކުޅުޖަހަން ޖެހީކީވެސް ނޫނެވެ.

އެއްކަލަ ތަކުރު ކުޅުޖެހިތަން ގަނޑުވަރުގެ ސިކިއުރިޓީ ބަލަހައްޓަން ތިބޭ ސިފައިންގެ މީހަކަށް ފެނިއްޖެ އެވެ. އޭނާ ގޮސް ބޮޑުވަޒީރު ގާތު ބުނުމުން، ބޮޑުވަޒީރު ގޮސް ރަސްގެފާނު ކައިރީ އެވާހަކަ ބުނުމާއެކު ވަރަށް ރުޅިގަދަވެފައި ބުނެފި އެވެ. މާދަމާ ހެނދުނު ތަކުރު ގަނޑުވަރަށް ހާޒިކުރާށެވެ.

ހެނދުނު އިރުއެރުމާއެކު އެއްކަލަ ތަކުރުބަލާ ސިފައިން އެގެއަށް ހިނގައްޖެ އެވެ. ކަންދިމާކުރި ގޮތުން އެ ދުވަހު ކުޑަކޮށް ބަލިކޮށް އުޅޭތީ އާއި އަނބިގޮއްޔެވެސް ބަލިކޮށް އުޅޭތީ ތަކުރު އެދުވަހު މަހަކަށް ނުފުރަ އެވެ.

ސިފައިންގޮސް ތަކުރު ނަގާ ގެންދިޔަގޮތަށް ގަނޑުވަރަށް ވައްދައިފި އެވެ. ރަސްގެފާނު ކުރިމައްޗަށެވެ. ރަސްގެފާނު ސުވާލު ކުރަން ފަށައިފި އެވެ. ރަސްގެފާނު ފުރަތަމަވެސް އެހީ ގަނޑުވަރު ފާރަށް ކުޅު ޖެހިންތޯ އެވެ. ތަކުރު ބުނެފި އެވެ. އާއެކެވެ. ގަނޑުވަރު ފާރަށް ކޮންމެހެން ކުޅުޖަންވެގެން ޖެހީ ނޫން ކަމަށް ވެސް ތަކުރު ވަރަށް ބިރުން ހުރެ ބުނެފި އެވެ.

ތަކުރު އެހެން ބުނުމާއެކު ރަސްގެފާނު ބުނެފި އެވެ. ރަސްގެފާނުގެ ހައިބަތާ ގަދަރަށް އުނިކަން އަންނަފަދަ އަމަލެއް ތަކުރު ކުރީތީ ، ތަކުރު މަރާލުމަށް ނިންމާ ކަމަށް ރަސްގެފާނު އިއުލާން ކޮށްފި އެވެ.

އެއްކަލަ ތަކުރު ގޮތް ހުސްވެ ރޯން ފަށައިފި އެވެ. ކުޑަ އިރުކޮޅެއްފަހުން ރޮމުން ރޮމުން ތަކުރު ބުނެފި އެވެ. އޭނާއަކީ ނިކަމެތި މަސްވެރިއެއް ކަމަށެވެ. މަސްވެރިކަމުން ލިބޭ އެއްޗަކުން އަނބި ގޮއްޔެއާއި ދެ ދަރިން ބަލަހައްޓަމުންދާ ނިކަމެއްޗެއް ކަމަށެވެ. އޭނާ މަރާލައިފިނަމަ އަނބި ގޮއްޔެއާއި ދެ ދަރިން ވެސް ވަރަށް ނިކަމެތި ވާނެ ކަމަށެވެ. މަރާލުން ނޫން ގޮތެއް ނެތް ތޯ ތަކުރު ރޮމުން ރޮމުން ބުނެފި އެވެ.

ތަކުރު އެހެން ބުނުމާއެކު ރަސްގެފާނު ކުޑައިރުކޮޅަކު ވިސްނާލުމަށްފަހު ބުނެފި އެވެ. އެންމެ ރަނގަޅެވެ. ކަލޭގެ އަނބިދަރިންނަށްޓަކައި ކަލޭ މަރާ ނުލުމަށް ނިންމާ ކަމަށެވެ. އެވާހަކަ އަޑުއިވުމާއެކު ތަކުރަށް ރަނގަޅަށް ފުންނޭވާއެއް ނުލެވި އުޅެނީސް ރަސްގެފާނު ބުނެފި އެވެ. ތަކުރަށް ދެން އޮތް އަދަބަކީ ހަތަރެސްފައި ބުރި ކޮށްލުން ކަމަށެވެ. އެއްކަލަ ތަކުރު އަނެއްކާވެސް ރޮއެ ގަނެފަ ބުނެފި އެވެ. އަނބިދަރިން ބަލަހައްޓަނީ މަސްވެރިކަމުން ލިބޭ އެއްޗަކުން ކަމަށާއި ހަތަރެސްފައި ބުރި ކޮށްލާނަމަ މަހަކަށް ނުދެވޭނެ ކަމަށެވެ. މަހަށް ނުދެވޭނަމަ އަނބިދަރިން ނިކަމެތިވާނެ ކަމަށެވެ.

ރަސްގެފާނު އަނެއްކާވެސް ކުޑަ ވަގުތުކޮޅަކު ވިސްނާލުމަށްފަހު ބުނެފި އެވެ. އެންމެ ރަނގަޅެވެ. ހަމައެކަނި ދެ އަތް ބުރިކޮށްލަން ނިންމާއިފިން ކަމަށެވެ. އަނެއްކާވެސް އެއްކަލަ ތަކުރު ރޮމުން ރޮމުން ބުނެފި އެވެ. މަހަށް ފުރުނަސް ދެ އަތް ނެތިއްޔާ ދޮށި އަޅާނީ ކިހިނެއްތޯ އެވެ. ދޮށި ނޭޅޭނަމަ މަހަކަށް ނުދެވޭނެ އެވެ. ވަރަށް ދެރަ އެވެ. އަނބިދަރިން ނިކަމެތިވާނެ އެވެ.

އަނެއްކާވެސް ކުޑަ ވަގުތު ކޮޅަކު ވިސްނާލުމަށްފަހު ރަސްގެފާނު ބުނެފި އެވެ. އެންމެ ރަނގަޅެވެ. ތަކުރުގެ އެއް އަތް ބުރިކޮށްލަން ނިންމީ ކަމަށެވެ. ދެން އިތުރު އެހެން ގޮތެއް ނެތްކަމަށް ވެސް ރަސްގެފާނު ބުނެފި އެވެ.

ތަކުރުހުރީ ރޮއެރޮއެ ހަލާކުވާވަރު ވެއްޖެ އެވެ. ނަމަވެސް ތަކުރު ރޮމުން ރޮމުން އަނެއްކާވެސް ބުނެފި އެވެ. ރަސްގެފާނު އެވެ. މަސް ބާނަން ދޮށީގައި ހިފަނީ ކަނާއަތުން ކަމަށާއި އެހެންކަމުން ވައަތުގެ މުލަށްދަޑި ބަހައްޓަފައި ބުރިކޮށްލިޔަސް އެންމެ ރަނގަޅެވެ. އެއީ މަސް ބާނާއިރު އެއް އަތުން ދޮށީގައި ހިފާއިރު އަނެއްއަތުން ސަޕޯޓެއް ބޭނުންވާތީ އެވެ.  

ތަކުރު އެހެން ބުނުމާއެކު ތަކުރުގެ ވައަތުގެ މުލައްދަނޑިން ބައެއް ބައިންދާފައި ބުރިކޮށްލުމަށް ބޮޑުވަޒީރަށް އަމުރުކޮށްފި އެވެ.

އެއްކަލަ ތަކުރު އުފަލުން ބުނެފި އެވެ. ރަސްގެފާނު އެވެ. މަނިކުފާނަކީ ރައްޔިތުންނަށް ހެޔޮ އެދޭ ވެރިއެއް ކަމަށެވެ. މަރަށް ނިންމި ނިންމުން ބަދަލުކޮށް، ވައަތުން ބައެއް ބުރިކޮށްލަން ނިންމާ ދެއްވީތީ ޝުކުރު ދަންނަވާ ކަމަށް ތަކުރު ބުނެފި އެވެ. ތިޔަފަދަ އޯގާތެރި ވެރިއެއް މިސަހަރުގައި މިހާތަނަށް ރަސްކަން ކުރައްވާފައެއް ނުވާ ކަމަށާއި ކުރިއަށް އޮތްތާނގައިވެސް ތިޔަފަދަ އޯގާތެރި ވެރިއެއް ނާންނާނެ ކަމަށާއި މަނިކުފާނުގެ އުމުރު ދިގު ކުރެއްވުމަށް ދުއާ ކުރާ ކަމަށްވެސް ތަކުރު ބުނެފި އެވެ.

މިއީ ތަކުރުގެ ހާލަތެވެ. ތަކުރަށް އޮޅިގެން ރަސްގެފާނުގެ ގަނޑުވަރުގެ ފާރަށް ކުޅުކޮޅެއް ޖެހުނީ އެވެ. އެވެސް އޮޅުމަކުންނެވެ. ގަސްތުގައެއްވެސް ނޫނެވެ. އެކަމަކު ތަކުރަށް ނުވިސްނުނީ އެވަރުގެ ކަމެއްގައި މީހަކު މަރަށް ރަސްގެފާނު ނިންމެވި ނިންމުމެވެ. ރޮއެ އާދޭސް ކޮށްގެން ވައަތުން ބައެއް ބުރިކޮށްލަން ވެސް ތަކުރަށް "އޯކޭ" އެވެ. އަތް ބުރިކޮށްލުމުން ވެސް ރަސްގެފާނަށް ސަނާ ކިޔާ ރަސްގެފާނަށް ފުރިހަމަ ސިއްހަތަކާއި ދިގު އުމުރެއް ދެއްވާ، އުމުރު ދުވަހު ރަސްކަމުގައި ލެހެއްޓުމަށް ދުއާވެސް ކުރި އެވެ. އެއީ ތަކުރުގެ ހާލަތެވެ.

މިފަދަ ތަކުރުންތަކެއް ރާއްޖެއިން ވެސް އެބަފެނެ އެވެ. ސަރުކާރުގެ ތެރެއިން ނެވެ. ރައްޔިތުންގެ މަޖިލީހުގެ ތެރެއިންނާއި ޝަރުއީ ކޯޓުތަކުންވެސް ފެނެ އެވެ.

ސަރުކާރުގެ ތެރެއިން ވަޒީރުންނާއި ނައިބުންނާއި ކޯޑިނޭޓަރުންނެވެ. ރައްޔިތުންގެ މަޖިލީހުން މަޖިލިސް ރައީސް އާއި ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެމްބަރުންގެ ފަރާތުން ނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
40%
0%
0%
13%
47%
ކޮމެންޓް