ކ. މާލެ
|
23 ޖޫން 2025 | ހޯމަ 16:11
ޕާޝިއަން ގަލްފް އާއި ގަލްފް އޮފް އޯމާން އާ ގުޅުވައިދޭ ހޯމޫޒް ކަނޑުއޮޅި އަކީ ދުނިޔޭގެ ވިޔަފާރީގެ އެންމެ މުހިންމު އެެއް ތަން
ޕާޝިއަން ގަލްފް އާއި ގަލްފް އޮފް އޯމާން އާ ގުޅުވައިދޭ ހޯމޫޒް ކަނޑުއޮޅި އަކީ ދުނިޔޭގެ ވިޔަފާރީގެ އެންމެ މުހިންމު އެެއް ތަން
ގްލޯބަލް ނިއުސް
އިސްރާއީލް-އީރާން ހަނގުރާމަ
ހޯމޫޒް ކަނޑުއޮޅި ބަންދު ކުރުމުން ވާނީ ކިހިނެއް؟
އިންޓަނޭޝަނަލް އެނަރޖީ އޭޖެންސީގެ މަޢުލޫމާތު ދައްކާގޮތުގައި ދުނިޔޭގެ ތެލުގެ ފަސްބައިކުޅަ އެއްބައި ކޮންމެ ދުވަހަކު ހޯމޫޒް ކަނޑުއޮޅިން ދަތުރު ކުރެއެވެ. އަދި މި ކަނޑުއޮޅި ބަންދު ކޮށްފިނަމަ، ފަހަކަށް އައިސް ތެލުގެ އަގު މައްޗަށް ނުދާ މިންވަރަށް ތެލުގެ އަގު މައްޗަށް ދާނެ ކަމަށް ވަނީ ބެލެވިފައި

އީރާން-އިސްރާއީލު ހަނގުރާމަ ހޫނު ވަމުން ދާއިރު މިހާރު ދުނިޔޭގައި އުފެދިފައިވާ އެންމެ މުހިންމު ސުވާލަކީ "އިރާނުން ހޯމޫޒް ކަނޑުއޮޅި ބަންދުކޮށްފާނެ ބާވައެވެ؟"

ހޯމޫޒް ކަނޑުއޮޅި އަކީ އޭގެ އެންމެ ހަނި ހިސާބުގެ ފުޅާ މިނުގައި ގާތްގަނޑަކަށް 30 ކިލޯމީޓަރު ހުންނަ، ޕަރޝިއަން ކަނޑާއި އޮމާން ކަނޑު ގުޅުވައިދޭ ހަނި ކަނޑުއޮޅިއެކެވެ.

ކަނޑު އޮޅީގެ އެއް ފަރާތުގައި އީރާނެވެ. އަނެއް ފަރާތުގައި އޮމާން އެވެ. އުތުރުން އިރާނު އޮތުމުގެ ސަބަބުން، އުޅަނދު ފަހަރަށް ހަމަލާ ދިނުމުގެ ނުވަތަ ހުއްޓުވުމުގެ ނުރައްކާ އޮންނާނެއެވެ.

ކަނޑުއޮޅި ބަންދު ކޮށްފި ނަމަ އިޤްތިޞާދީ، ސިޔާސީ އަދި އަސްކަރީ ގޮތުން ވަރަށް ނުރައްކާތެރި ނަތީޖާ ތަކެއް ނުކުމެދާނެ ކަމަށް މާހިރުން އަންނަނީ ވިދާޅުވަމުންނެވެ.

ފާއިތުވި ހަފުތާގައި އީރާނުގެ ޕްރެސް ޓީވީއަށް ވާހަކަދައްކަމުން، އެ ގައުމުގެ ސްޓްރެޓެޖިކް މާހިރުން ބުނެފައިވަނީ އެމެރިކާގެ ސީދާ އަސްކަރީ އަމަލުތަކުގެ އަގު އެމެރިކާ އަށާއި ޑޮނަލްޑް ޓްރަމްޕްގެ އިދާރާ އަށް ބޮޑުވާނެ ކަމަށެވެ. ޚާއްޞަކޮށް ހޯމޫޒް ކަނޑުއޮޅި ބަންދު ކޮށްފި ނަމަ އޭގެ އަގު ވަރަށް ބޮޑު ވާނެ ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ޔޫރަޕިއަން ޔޫނިއަން ގެ އެންމެ އިސް ޑިޕްލޮމެޓް ހޯމަ ދުވަހު ވިދާޅުވީ އިރާނުން ހޯމޫޒް ކަނޑުއޮޅި ބަންދު ކުރުމަކީ ނުރައްކާތެރި އަދި "އެއްވެސް ފަރާތަކަށް ރަނގަޅު ކަމަކަށް ނުވާނެ" ކަމެއް ކަމަށެވެ.

"ބަދަލު ހިފުމުގެ ކަންބޮޑުވުން ތަކާއި މި ހަނގުރާމަ އިތުރަށް ފުޅާވެގެން ދިއުމުގެ ބިރު ވަރަށް ބޮޑެވެ. ޚާއްޞަކޮށް އިރާނުން ހޯމޫޒް ކަނޑުއޮޅި ބަންދު ކުރުމަކީ ވަރަށް ނުރައްކާތެރި އަދި އެއްވެސް ފަރާތަކަށް ރަނގަޅު ކަމަކަށް ނުވާނެ ކަމެކެވެ،" ކަޖާ ކަލާސް ޔޫރަޕިއަން ޔޫނިއަންގެ ފޮރިން މިނިސްޓަރުންނާ އެކު ބޭއްވޭ ބައްދަލުވުމުގެ ކުރިން ނޫސްވެރިންނަށް ވިދާޅުވިއެވެ.

ހޯމޫޒް ކަނޑުއޮޅި މުހިންމު ވަނީ ކީއްވެ؟

ޕާރޝިއަން ގަލްފުގެ އަނގަމަތީގައި އޮންނަ ހޯމޫޒް ކަނޑުއޮޅި އަކީ ދުނިޔޭގެ ވިޔަފާރީގައި އެންމެ މުހިންމު ތަންތަނުގެ ތެރެއިން އެއް ތަނެވެ.

ހޯމޫޒް ކަނޑުއޮޅި އަކީ ޕާރޝިއަން ގަލްފު ހުޅުވޭ ކަނޑާ ގުޅުވައިދޭ ހަމައެކަނި ކަނޑުމަގެވެ. އަދި އިރާނު، ސަޢޫދީ އަރަބިއްޔާ، އިރާޤު، ކުވެއިތު އަދި ޔޫއޭއީ ފަދަ ބޮޑެތި ތެޔޮ އުފައްދާ ޤައުމުތައް އޮންނަނީ މި ސަރަޙައްދުގައެވެ.

ކޮންމެ ދުވަހަކު މި ކަނޑުއޮޅިން ދަތުރު ކުރާ ގިނަ އަދަދެއްގެ އުޅަނދުފަހަރު ގައި އެކި ބާވަތުގެ މުދާ އުފުލާ އިރު، އޭގެ ތެރެއިން ގިނަ އަދަދެއްގެ އުޅަނދުފަހަރު ގައި އުފުލަނީ ތެޔޮ، ގުދުރަތީ ގޭސް، ޕްރޮޕޭން އަދި ދުނިޔޭގެ އިޤްތިޞާދު ތަކަށް ކޮންމެހެން ބޭނުންވާ އެހެނިހެން ހަކަތައިގެ އުފެއްދުން ތަކެވެ.

އެމެރިކާގެ އެނަރޖީ ޑިޕާޓްމަންޓުގެ ތަފާސްހިސާބުގެ ބަލަހައްޓާ ޔޫ.އެސް. އެނަރޖީ އިންފޮމޭޝަން އެޑްމިނިސްޓްރޭޝަނުން ބުނާ ގޮތުގައި، 2024 ވަނަ އަހަރު މި ކަނޑުއޮޅިން ދުވާލަކު 20 މިލިއަން ބެރަލް ތެޔޮ ދަތުރު ކޮށްފައި ވެއެވެ. މިއީ ދުނިޔޭގެ ޖުމްލަ ބޭނުން ތަކުގެ ގާތްގަނޑަކަށް 20 އިންސައްތައެވެ.

މި ކަނޑުއޮޅި މެދުވެރިކޮށް ގިނަ އަދަދެއްގެ ޤުދުރަތީ ގޭސް (އެލްއެންޖީ) ވެސް ދަތުރުކުރެއެވެ. ޚާއްޞަކޮށް ދުނިޔޭގެ އެންމެ ބޮޑެތި އެލްއެންޖީ އެކްސްޕޯޓަރުންގެ ތެރޭގައި ހިމެނޭ ޤަޠަރުގެ އުފެއްދުންތައް ދުނިޔެއަށް ފޯރާނީ މި ކަނޑުއޮޅީގެ ތެރެއިންނެވެ.

މާހިރުން ކުރިން ވެސް އިންޒާރު ދީފައިވާ ގޮތުގައި މި ހަނިކަނޑުގެ ދަތުރުފަތުރަށް ހުރަސް އެޅުމުން ނުވަތަ ބަންދުކުރުމަކުން ދުނިޔޭގެ ތެލުގެ އަގަށް ކުއްލި އަދި ބޮޑެތި ބަދަލު ތަކެއް އަންނާނެއެވެ. އަދި ދުނިޔޭގެ ހަކަތައިގެ ޔަގީން ކަމަށް ބުރޫ އަރާނެ އެވެ.

އީރާނުން ހޯމޫޒް ކަނޑުއޮޅި ބަންދު ކޮށްފާނެތަ؟

އާދިއްތަ ދުވަހުގެ ފަތިހު އެމެރިކާ އިން އިރާނުގެ ނިއުކްލިއަރ ފެސިލިޓީތަކަށް ހަމަލާ ދިނުމުގެ ކުރިން، މާހިރުން އިންޒާރު ދީފައި ވަނީ އިރާނާ ދެކޮޅަށް ކުރިއަށްދާ ހަނގުރާމަ ކަނޑަށް ފެތުރިގެން ދިއުމުގެ ފުރުޞަތު އޮތް ކަމަށެވެ.

އީރާނުގެ ނިއުކްލިއަރ ސައިޓުތަކަށް ދިން ހަމަލާ އަށް ފަހު އިރާނުގެ ޕްރެސް ޓީވީން އާދިއްތަ ދުވަހު ރިޕޯޓުކުރި ގޮތުގައި، އީރާނުގެ ޕާލިމެންޓުން ވަނީ މި ކަނޑުއޮޅި ބަންދު ކުރަން ތާއީދު ކުރާ ކަމަށް ފާސް ކޮށްފައެވެ. އަދި އެއާއެކު އީރާނުގެ ސުޕްރީމް ނެޝަނަލް ސެކިއުރިޓީ ކައުންސިލުން ކަނޑުއޮޅި ބަންދުކުރުމާ މެދު ފަހުގެ ނިންމުމެއް ނިންމަން ޖެހޭނެއެވެ.

އިރާނުގެ އިސް ޕާލަމެންޓް މެންބަރެއް ކަމުގައިވާ އިސްމާއީލް ކޮވްސަރީ އާދިއްތަ ދުވަހު ވިދާޅުވީ، އެމެރިކާގެ އަނިޔާވެރިކަމާއި ބައިނަލްއަޤްވާމީ މުޖުތަމަޢުން އެމެރިކާގެ އުދުވާނަށް ހަނުތިބުމާ ގުޅިގެން، ދުނިޔޭގެ ހަކަތައިގެ ވިޔަފާރީގެ މުހިންމު މަގު ބަންދު ކުރުމަށް އިރާނުގެ ޕާލަމެންޓް އެއްބަސްވެފައިވާ ކަމަށެވެ.

ޕާލަމެންޓުގެ ޤައުމީ ސަލާމަތާއި ބޭރު ސިޔާސަތު ކޮމިޓީގެ މެންބަރެއް ކަމުގައިވާ ކޮވްސަރީ ވިދާޅުވީ، ކަނޑުއޮޅި ބަންދުކުރުމާ މެދު ޕާލަމެންޓް މެންބަރުން އެއްބަސްވެފައިވާ ކަމަށާއި، ނަމަވެސް ފަހުގެ ނިންމުން ނިންމާނީ އިރާނުގެ ސުޕްރީމް ނެޝަނަލް ސެކިއުރިޓީ ކައުންސިލުން ކަމަށެވެ.

"ޕާލަމެންޓުން ނިންމާފައި ވަނީ ހޯމޫޒް ކަނޑުއޮޅި ބަންދުކުރަން ޖެހޭނެ ކަމަށެވެ. ނަމަވެސް ފަހުގެ ނިންމުން ނިންމާނީ ސުޕްރީމް ނެޝަނަލް ސެކިއުރިޓީ ކައުންސިލުންނެވެ،" ކޮވްސަރީ ވިދާޅުވިއެވެ.

މިކަން މިހެން އޮތް ނަމަވެސް "އިރާނަށް މިއީ ބޭނުން ކުރަން އުނދަގޫ އޮޕްޝަނެކެވެ. އެއީ މިކަމުގެ ސަބަބުން ޔޫ.އެސް އަދި އެހެން ޤައުމުތައް މި ހަނގުރާމައިގެ ތެރެއަށް އިތުރަށް ވަދެގެން ދާނެކަން ގާތްގަނޑަކަށް ޔަޤީންވާތީއެވެ،" ސްޓްރެޓެޖީކޯޕްގެ ސީނިއަރ ޖިއޯޕޮލިޓިކަލް އެޑްވައިޒަރ، އަދި ކުރިން މެދުއިރުމަތީގެ ގިނަ ގައުމުތަކެއްގައި ކެނެޑާގެ ސަފީރެއްގެ ގޮތުން މަސައްކަތް ކުރެއްވި އާރިފް ލަލާނީ ގްލޯބަލް ނިއުސް އަށް ވިދާޅުވިއެވެ.

ހޯމޫޒް ހަނިކަނޑު ބަންދުކޮށްފިނަމަ ވާނީ ކިހިނެއް؟

ޔޫ.އެސް އެނަރޖީ އިންފޮމޭޝަން އެޑްމިނިސްޓްރޭޝަންގެ ތަފާސްހިސާބު ތަކުން ދައްކާގޮތުގައި ޕާރޝިއަން ގަލްފުން އަންނަ ގިނަ ތެލުގެ މަންޒިލަކީ ޗައިނާ، ކޮރެއާ، ޖަޕާން އަދި އިންޑިއާއެވެ. އަދި މަދު މިންވަރެއް އެމެރިކާ އަށްވެސް ދެއެވެ.

ނަމަވެސް މި ހާލަތުގެ ސަބަބުން އަސަރު ކުރާނީ ވަކިވަކި ޤައުމުތަކަކަށް ނޫނެވެ. މުޅި ދުނިޔޭގެ ތެލުގެ މާކެޓަށެވެ.

އިންޓަނޭޝަނަލް އެނަރޖީ އޭޖެންސީގެ މަޢުލޫމާތު ދައްކާގޮތުގައި ދުނިޔޭގެ ތެލުގެ ފަސްބައިކުޅަ އެއްބައި ކޮންމެ ދުވަހަކު ހޯމޫޒް ކަނޑުއޮޅިން ދަތުރު ކުރެއެވެ. އަދި މި ކަނޑުއޮޅި ބަންދު ކޮށްފިނަމަ، ފަހަކަށް އައިސް ތެލުގެ އަގު މައްޗަށް ނުދާ މިންވަރަށް ތެލުގެ އަގު މައްޗަށް ދާނެ ކަމަށް ތަޖުރިބާކާރުން އަންނަނީ ބުނަމުންނެވެ.

މި ކަނޑުއޮޅި ބަންދު ކޮށްފިނަމަ ދުނިޔޭގެ ގިނަ ބައިނަލްއަޤްވާމީ ކުންފުނިތައް ދުވަސްތަކެއްގެ ތެރޭގެރޭގައި ހުއްޓާލަން ޖެހިދާނެ ކަމަށް އެ މާހިރުން އިންޒާރު ދީފައި ވެއެވެ. އެއީ އެ ކުންފުނިތައް ހިންގުމަށް ބޭނުންވާ ހަކަތައިގެ ސަޕްލައި ހުސްވެގެން ދާނެތީއެވެ.

ބައެއް ލަފާކުރުންތަކުން ދައްކާ ގޮތުގައި، ހޯމޫޒް ހަނިކަނޑު ބަންދުކޮށްފިނަމަ، ފުރަތަމަ ހަފުތާގައި ތެލުގެ އަގު 80 އިންސައްތައިން އުފުލިދާނެއެވެ. އެއީ އެހެން މަގުތަކުން ދަތުރުކުރުމުގެ ޚަރަދު ބޮޑުވާނެތީއެވެ.

ތަޖުރިބާކާރުންގެ ނަޒަރުގައި މި ހާލަތުގައި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ދައުރު ވަރަށް މުހިންމެވެ. ހަނގުރާމަ އިތުރަށް ފުޅާވެ، ކަނޑުގެ ސަރަޙައްދަށް ފެތުރިގެން ދިއުން ހުއްޓުވުމަށް ޑިޕްލޮމެޓިކް މަސައްކަތްތަކެއް ކުރަން ޖެހެއެވެ. އެހެންނޫނީ، ދުނިޔޭގެ އިޤްތިޞާދަށާއި ހަކަތައިގެ ސަލާމަތަށް ނުރައްކާވެ، އޭގެ ނޭދެވޭ އަސަރު ދުނިޔޭގެ ހުރިހާ ކަންކޮޅުތަކަށް ފޯރާނެއެވެ.

ހޯމޫޒް ހަނިކަނޑު ބަންދުކުރުމުގެ މައްސަލައަކީ ހަމައެކަނި އިރާނާއި އެމެރިކާގެ މައްސަލައެއް ނޫނެވެ. އެއީ މުޅި ދުނިޔެއަށް ނުހަނު މުހިންމު، އަދި ފުޅާ ދާއިރާއެއްގައި އަސަރުކުރާނެ މައްސަލައެކެވެ. އެހެންކަމުން، މި މައްސަލަ ޙައްލުކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެއްބާރުލުމާއި މަސައްކަތް ކޮންމެހެން ބޭނުންވެއެވެ.

- ކޮމެންޓް