ބުއްފުޅި އާއި ބުއްފުޅި ތުން އަދި ކުޑަކުދިންނަށް ޖައްސާ ތުނބާއި ބުއްފުޅި ތައްޔާރު ކުރުމަށް ބޭނުންކުރާ ތަކެތި ރާއްޖޭގައި އިޝްތިހާރު ކުރުން މަނާ ކުރުން ހިމެނޭ ގޮތައް ކާބޯތަކެތި އިޝްތިހާރު ކުރުމުގެ ގަވައިދެއް ނެރެފިއެވެ.
ގިނަ ކަންތައްތައްތަކެއް މަނާކޮށްފައިވާ މި ގަވައިދު ބުނާ ގޮތުން، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ހުއްދަ ނެތި އެއްވެސް ބާވަތެއްގެ ކާބޯތަކެތި އިޝްތިހާރު ކުރުމަކީ މަނާ ކަމެކެވެ. އަދި ހުއްދަ ލިބިފައިވާ އިޝްތިހާރެއް ބަދަލު ކުރުމަކީ ވެސް މަނާ ކަމެކެވެ.
ގަވައިދު ބުނާ ގޮތުން ކާބޯތަކެތީގެ ބާވަތަކުން ވަކި ބާވަތެއްގެ ފައިދާ އެއް ސިއްހަތައް ކުރާނެ ކަމަށް ނުވަތަ ވަކި ބައްޔަކަށް ފަރުވާ އެއް ލިބިދާނެ ކަމަށް ބުނެ އިޝްތިހާރެއް ނުކުރެވޭނެއެވެ.
ކާބޯތަކެތީގެ އިޝްތިހާރު 18 އަހަރުން ދަށުގެ ކުދިންނަށް ޚާއްސަ ކޮށްގެން ގެނެސްދޭ ޕްރޮގްރާމްތަކުގައި ދެއްކުން ވެސް ވަނީ މަނާ ކޮށްފައެވެ.
މީގެ އިތުރުން ކުޑަކުދިން އެއްވެ އުޅޭ ތަންތާނގައި އެނާޖީ ޑްރިންކްސް އާއި ސޮފްޓް ޑްރިންކްސް އަދި ކާބަނޭޓެޑް ޑްރިންކްސް އިޝްތިހާރު ކުރުންވެސް ވަނީ މަނާކޮށްފައެވެ.
އާންމުން އެއްވެ އުޅޭ ތަންތާގައި ބާއްވާ ޕްރޮމޯޝަނަލް އިވެންޓު ތަކުގައި ވެސް އެނާޖީ ޑްރިންކްސް އާއި ކާބަނޭޓެޑް ޑްރިންކްސް އަދި ފުޑް ސަޕްލިމެންޓްސް ވެސް އިޝްތިހާރު ނުކުރެވޭނެ ކަމަށް ގަވައިދުގައި ވެއެވެ.
ޅަފަތުގެ ކުދިންނާއި ކުޑަކުދިންނާއި މާބަނޑު އަންހެނުންނާއި ގާތުން ކިރުދޭ މައިންނަށް ތައްޔާރު ކޮށްފައިވާ ކާބޯތަކެތި އެ ފަރާތްތަކަށް ޚާއްސަ ކޮށްގެން އިޝްތިހާރު ކުރުންވެސް ވަނީ މަނާ ކޮށްފައެވެ.
ގަވައިދާ ޚިލާފު ވާ ފަރާތްތައް ފުރަތަމަ ފަހަރު 10،000ރ ގެ ޖުރިމަނާ އެއް އަދި ދެވަނަ ފަހަރު 100،000 ރުފިޔާގެ ޖުރިމަނާ އެއް އަދި ތިންވަނަ ފަހަރު 300،000ރ އިން ޖުރިމަނާ ކުރުމުގެ އިތުރުން ތިން ފަހަރަށް ވުރެ އިތުރުވާ ކޮންމެ ފަހަރަކު 500،000ރ އިން ޖުރިމަނާ ކުރާނެ ކަމަށް ވެސް ގަވައިދުގައި ވެއެވެ.
ކާބޯތަކެތީގެ އިޝްތިހާރުތައް ފާސް ކުރުމަށް 1،500ރ ގެ ފީއެއް ދައްކަން ޖެހޭނެއެވެ. މީގެ އިތުރަށް ބުނެފައިވަނީ އެނަރޖީ ޑްރިންކްސް ނުވަތަ ކާބޯނޭޓެޑް ޑްރިންކެއްގެ އިޝްތިހާރު ފާސް ކުރުމަށް 3000ރ ގެ ފީއެއް ދައްކަން ޖެހޭނެ ކަމަށެވެ.