Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
މީހުން
ދިވެހި އަންހެނުންގެ މަންމަ

އަނީސާ އަހުމަދު

އަނީސާ އަހުމަދު

ރާއްޖެ އެމްވީ | 4 ނޮވެމްބަރު 2021 | ބުރާސްފަތި 13:42
އަނީސާ އަހުމަދު

އަނީސާ އަހުމަދު

ދުނިޔޭގެ ކަންކޮޅުތަކުން އެންމެ ފާހަގަކުރެވޭ ޚިދުމަތްތެރި އަންހެނުންނަށް އެމެރިކާގެ ޚާރިޖިއްޔާގެ ފަރާތުން ވަރަށް ޚާއްސަ އެވޯޑެއް ދެއެވެ. "އަންހެނުންނާއި ހިތްވަރު" ގެ ނަމުގައި ދެވޭ މިއެވޯޑަކީ އަންހެނުންނަށް ޚާއްސަކުރެވިގެން ދެވޭ ދުނިޔޭގެ އެންމެ ޝަރަފުވެރި އެއް އެވޯޑެވެ. ކުޑަކުޑަ ދިވެހިރާއްޖެއަށް ނިސްބަތްވާ ދިވެހި ދެ އަންހެނަކު ވަނީ މިހާތަނަށް މި އެވޯޑް ހާސިލް ކުރައްވައިފައެވެ. އޭގެތެރެއިން އެއްބޭފުޅަކީ އޭދަފުށީ އަހުމަދު ކަލޭފާނުގެ އަނީސާ އަހުމަދެވެ. މި އެވޯޑު އަނީސާއަށް އެރުވުމުގެ ރަސްމިއްޔާތުގައި 2012 ވަނަ އަހަރު އެމެރިކާގެ އޭރުގެ ޚާރިޖީވަޒީރު ހިލަރީ ކުލިންޓަނާއި ފަސްޓްލޭޑީ މިޝޭލް އޮބާމާ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އެ ދެބޭފުޅުންވެސް ވަނީ އަންހެނުންގެ ހައްގުތައް ކަށަވަރުކޮށްދިނުމާއި އަންހެނުން ބާރުވެރިކުރުވުމަށް އަނީސާ އަހުމަދު ކުރެއްވި އަދި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ފާހަގަކުރައްވައި އެކަމަނާއަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފައެވެ.

މަތީގައި ބަޔާންކުރެވުނީ ދުނިޔޭގެ ފެންވަރުގައި އަނީސާގެ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ މިސާލެއްގެ ވާހަކައެވެ. ދިވެހިރާއްޖޭގައި އަނީސާގެ ޚިދުމަތުގެ އަގު ވަޒަންކޮށް އެވާހަކަ ދައްކަންޏާ އެކަމަށް ވަރަށް ދިގު ލިޔުމެއް ބޭނުންވާނެއެވެ. އެހައިވެސް އެކަމަނާގެ ޚިދުމަތުގެ ވަނަވަރު ދިގެވެ. އަނީސާ އުފަންވެވަޑައިގަތީ 1949 ވަނަ އަހަރުގެ އޮކްޓޫބަރު 29 ގައެވެ. އެހެންކަމުން އެކަމަނާއަށް މިހާރު 72 އަހަރެވެ. ތައުލީމީ ދައުރަށްފަހު އަނީސާ އެންމެ ފުރަތަމަ ތަމްރީނުވެވަޑައިގަތީ ސިއްހީ ދާއިރާގައެވެ. އަންހެނުންގެ ހައްގުތަކަށް މަސައްކަތް ކުރުމާއި އަންހެނުން ހޭލުންތެރިކުރުމާއި އަންހެނުން ބާރުވެރިކުރުމުގެ މަސައްކަތް ކުރުމުގެ ޝައިގުވެރިކަން އުފެދުނީ ސިއްހީ ދާއިރާގައި މަސައްކަތް ކުރެއްވި ދައުރުގައި ކަމަށް ވެދާނެއެވެ. މިއީ ބަޔަކު އިސްނަގައިގެން ކުރަންޖެހިފައިވާ ވަރަށް މުހިއްމު މަސައްކަތެއްކަމުގެ އިހުސާސް އެންމެ ބޮޑަށް ކުރެއްވުނީ އެ ދުވަސްވަރުކަމަށްވުން އެކަށީގެންވެއެވެ.

އަނީސާ އަހުމަދުގެ ކެރިއަރުގެ ފުރަތަމަ ބައި ސިއްހީ ދާއިރާއަށް ޚާއްސަ ކުރެވުނަސް ވަކި ހިސާބަކުން ވަނީ ކެރިއަރުގެ ބައްޓަމާއި މިސްރާބު ވަރަށް ބޮޑަށް ބަދަލުވެގެންގޮސްފައެވެ. ގިނަ ދުވަހު ޚިދުމަތް ކުރެއްވީ ރައީސް އޮފީހުގައެވެ. އެ އޮފީހުގައި 1980 ވަނަ އަހަރުން ފެށިގެން 1998 ގެ ނިޔަލަށް މަސައްކަތް ކުރެއްވިއިރު ޕްރެޒިޑެންޝަލް އެއިޑް ކަމާއި ސީނިއަރ ޕްރެޒިޑެންޝަލް އެއިޑް ކަމާއި ޑިރެކްޓަރ އޮފް ފޮރިން ރިލޭޝަންސް ކަމާއި ޑިރެކްޓަރ ޖެނެރަލް އޮފް ފޮރިން ރިލޭޝަންސް ކަން ކުރައްވާފައިވެއެވެ. އެހެންވީމާ އެދައުރުގައި އަނީސާގެ ޚާއްސަ ދާއިރާއަކީ ބައިނަލްއަގުވާމީ ގުޅުންތަކުގެ ދާއިރާއެވެ. އެމެރިކާއިން މާސްޓާރސް ޑިގްރީ ހާސިލް ކުރެއްވީވެސް ފޮރިން ރިލޭޝަންސްގެ ދާއިރާއިންނެވެ. މިއީ ފިރިހެނުންނަށް ޚާއްސަ ދާއިރާއެއް ކަމަށް ރާއްޖޭގައި ހީކުރެވިފައި އޮތް ހީކުރުންތަކަށް ނިމުމެއް ގެންނެވީ އަނީސާ އަހުމަދެވެ.

ރައީސް މައުމޫނުގެ ކެބިނެޓަށް ވަޑައިގެންނެވުމުގެ ކުރިން 1998 ވަނަ އަހަރުން 2002 ވަނަ އަހަރަށް އަނީސާ ވަނީ މިނިސްޓްރީ އޮފް ވިމެން އެފެއަރޒް އެންޑް ސޯޝަލް ސާރވިސަސްގެ ނާއިބުކަން ކުރައްވައިފައެވެ. ކެބިނެޓަށް ވަޑައިގެންނެވީ 2002 ގައެވެ. އެންމެ ފުރަތަމަ ޖެންޑަރ އެންޑް ސޯޝަލް ސިކިއުރިޓީ މިނިސްޓަރު ކަމެވެ. ޖެންޑަރގެ ނަމުގައި ރާއްޖޭގައި އެންމެ ފުރަތަމަ މިނިސްޓަރުކަމެއް ކުރެއްވީވެސް އަނީސާއެވެ. އެމަގާމުގައި 2005 ވަނަ އަހަރާ ހަމައަށް ދެމިހުންނެވިއެވެ. އޭގެފަހުން ދެން ފުރުއްވީ މިނިސްޓަރ އޮފް ހެލްތުގެ މަގާމެވެ. އެމަގާމުގައި ތިން އަހަރު ހުންނެވިއެވެ. އޭގެ ފަހުން ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ މިނިސްޓަރުކަންވެސް ދިގު މުއްދަތަކަށް ކުރެއްވިއެވެ. މިދެންނެވި ދުވަސްވަރު ދިވެހި އަންހެނުންގެ ތަސައްވުރު މަތި ކުރެއްވުމަށް އެކި ގޮތްގޮތުން ނުހަނު ގިނަގުނަ މަސައްކަތްޕުޅުތަކެއް ސަރުކާރުގެ ތެރެއިންނާއި ބޭރުންވެސް އަނީސާ ވަނީ ކުރައްވައިފައެވެ.

ދިވެހިރާއްޖޭގެ ބަރުލަމާނީ ހަޔާތް ނުވަތަ ޕާލަމެންޓަރީ ހަޔާތުގައި ދިވެހި އަންހެނުންގެ ތެރެއިން އެންމެ ފާހަގަކުރެވޭ ބޭފުޅަކީ ދެބަސްވެވެން ނެތް ފަދައިން އަނީސާ އަހުމަދެވެ. ގާތްގަޑަކަށް ފަންސަވީސް އަހަރަށްވުރެ ދިގު މުއްދަތެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރެއްވިއެވެ. އެއީ 1980 ވަނަ އަހަރުން ފެށިގެން 2009 ގެ ނިޔަލަށެވެ. ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ޚާއްސަ މަޖިލީސް ވެސް ހިމެނޭ ގޮތުންނެވެ. މިހާރު އަމަލު ކުރަމުންދާ ފެހި ގާނޫނުއަސާސީ ވުޖޫދު ކުރުމުގައިވެސް އަނީސާ ވަނީ އަމަލީ ދައުރެއް އަދާކުރައްވައިފައެވެ. އަނީސާގެ ބަރުލަމާނީ ހަޔާތުން އެންމެ ފާހަގަ ކުރެވެނީ އެންމެ ފަހު ދެއަހަރެވެ. އެއީ 2008 ވަނަ އަހަރާއި 2009 ވަނަ އަހަރެވެ. އެ ދެއަހަރު އަނީސާއަކީ ރައްޔިތުންގެ މަޖިލީހުގެ ނާއިބުރައީސެވެ. އެހެންވީމާ މިޒަމާނުގެ ދިވެހިރާއްޖޭގައި ރައްޔިތުންގެ މަޖިލީހުގެ ނާއިބުރައީސްކަން ކުރެއްވި ފުރަތަމަ އަންހެން ބޭފުޅަކަށްވުމުގެ ޝަރަފުވެސް އޮތީ އަނީސާއަށެވެ.

ސިއްހީ ދާއިރާގައި ޚިދުމަތް ކުރެއްވި ޒަމާނާއި ބައިނަލްއަގުވާމީ ގުޅުންތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ތަރައްގީއަށް މަސައްކަތް ކުރެއްވި ޒަމާނާއި އަދި އެކިއެކި ވުޒާރާތައް ހިންގެވި ޒަމާނުގައިވެސް އަނީސާ އެންމެ ބޮޑަށް ވަކާލާތު ކުރެއްވި އެއްކަމަކީ އަންހެނުންގެ ސިއްހަތާއި އަންހެނުންގެ ދުޅަހެޔޮކަމެވެ. އަންހެނުން ބާރުވެރި ކުރުމާއި އަންހެނުންނަށް ފުރުސަތުތައް އިތުރުކުރުމެވެ. ދިވެހިރާއްޖޭގައި އަންހެނުން ބާރުވެރި ކުރުމާއި އަންހެނުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް މިހާރު ހެދިފައިވާ ގަވާއިދުތަކާއި ގާނޫނުތައް ފަރުމާކުރުމުގައި އެއްވެސް ޝައްކެއްނެތި އެންމެ މުހިއްމު ދައުރެއް އަދާކުރައްވާފައިވާ އެއްބޭފުޅަކީ އަނީސާއެވެ. އެހެންވީމާ އެމެރިކާގެ ޚާރިޖިއްޔާއިން އެކަމަނާއަށް އެރުވި ހިތްވަރުގެ އެވޯޑަކީ ހުރިހައި ގޮތަކުންވެސް އެކަމަނާއަށް ހައްގު އެވޯޑެކެވެ. މި ދާއިރާގައި އެކަމަނާ ކުރެއްވި އަދި މިހާރުވެސް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ރިއާޔަތްކޮށްފައި މިޒަމާނުގެ ހުރިހާ ދިވެހި އަންހެނުންގެ މަންމަޔަކީ އަނީސާ އަހުމަދޭ ބުނަން ފުރުސަތު އެބައޮތެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޑރ އަހުމަދު ލަތީފު

ޑރ އަހުމަދު ލަތީފު

25 ނޮވެމްބަރު 2021
މާއެނބޫދޫ އަހުމަދު އާދަމް

މާއެނބޫދޫ އަހުމަދު އާދަމް

05 އޯގަސްޓު 2021

އަހަރުތަކުން މިއަދު

28 މާރިޗު
މިއަހަރުގެ ފިތުރު އީދު ދުވަހާ ގުޅިގެން ބޮޑު ބަހުސްއެއް
20251 އަހަރު ކުރިން
ރާއްޖެ

މިއަހަރުގެ ފިތުރު އީދު ދުވަހާ ގުޅިގެން ބޮޑު ބަހުސްއެއް

މަގޫދޫގެ އެއާޕޯޓް މަސައްކަތް ހުއްޓާލުމުން ރަށު ރައްޔިތުން މުޒާހަރާ އަށް
20242 އަހަރު ކުރިން
ރާއްޖެ

މަގޫދޫގެ އެއާޕޯޓް މަސައްކަތް ހުއްޓާލުމުން ރަށު ރައްޔިތުން މުޒާހަރާ އަށް

ދަގަނޑޭ އަލުން އަނބުރާ ނިއު ރޭޑިއަންޓަށް
20233 އަހަރު ކުރިން
ކުޅިވަރު

ދަގަނޑޭ އަލުން އަނބުރާ ނިއު ރޭޑިއަންޓަށް

މަރަން ޙުކުމް ކޮށްފައިވާ ނަޒީފަށް މިރުޒާގެ ވާރިސުން މައާފް ދީފި
20224 އަހަރު ކުރިން
ރާއްޖެ

މަރަން ޙުކުމް ކޮށްފައިވާ ނަޒީފަށް މިރުޒާގެ ވާރިސުން މައާފް ދީފި

ހެކި ނެތި ދަޢުވާއުފުލުމަކީ އަނބު ނެތް ގަހަކަށް ގާއުކުން، ޕީޖީގެ ނިންމެވުން ރަނގަޅު: ނިޝާން
20215 އަހަރު ކުރިން
ރާއްޖެ

ހެކި ނެތި ދަޢުވާއުފުލުމަކީ އަނބު ނެތް ގަހަކަށް ގާއުކުން، ޕީޖީގެ ނިންމެވުން ރަނގަޅު: ނިޝާން

ބިމުގެ ދަތިކަން ހައްލުކުރުމަށް 17 ރަށެއްގެ ބިން ހިއްކަނީ
20197 އަހަރު ކުރިން
ރާއްޖެ

ބިމުގެ ދަތިކަން ހައްލުކުރުމަށް 17 ރަށެއްގެ ބިން ހިއްކަނީ

ކަނޑުއަޑީގައި ކުރެހުންތައް ކުރެހި މަންޒަރު ދުށިންތަ؟
20188 އަހަރު ކުރިން
ރިޕޯޓު

ކަނޑުއަޑީގައި ކުރެހުންތައް ކުރެހި މަންޒަރު ދުށިންތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު