ދިރިއުޅުމުގައި ވަރަށް ގިނަ ކަންކަން "މިސްކޮމިޔުނިކޭޝަން" ނުވަތަ މުއާމަލާތްތައް ރަނގަޅަށް ނުކުރެވި އޮޅިގެން އެކަމެއް ކުރަން އޮންނަ ގޮތް ނޫން އެހެން ގޮތްގޮތަށް ކުރެވެއެވެ. އެއީ ކޮންމެ މީހެއްގެވެސް ދިރިއުޅުމުގައި ހިނގާފައި ހުންނާނެކަންކަމެވެ.
އެންމެ ކުޑައިރު ސްކޫލަށް ދިޔައިރު އޮޅިގެން ނުވަތަ ރަނގަޅަށް ޓީޗަރު ބުނުއްވި އެއްޗެއް ސާފުނުވެގެން ގޯސް ޓައިމްޓޭބަލަށް ފޮތް ގެންދެވިފައި ހުރެއެވެ. ކުލާހުގެ އާރޓް ގަޑިއަށް ގެންދަން ބުނާ އެއްޗެއް ނޫން އެހެން އެއްޗެއް ގެންދެވިފައި ހުރެއެވެ. އެކަމުގެ އަދަބުވެސް ބައެއް ފަހަރު ލިބެއެވެ. ޓެސްޓް އޮންނަ މާއްދާ އޮޅިގެން ނުވަތަ ޓެސްޓް އޮންނަ ދުވަސް އޮޅިގެން ބޮޑެތި ލަނޑުތައް ލިބެއެވެ.
ގޭގޭގެ އާންމު ދިރިއުޅުމުގައި ކަމަށްވާނަމަ ފިރިމީހާ ކައްކަން ބުނި އެއްޗެއް އަނބިމީހާއަށް ރަނގަޅަށް ސާފުނުވެގެން ހިނގި "މިސްކޮމިޔުނިކޭޝަން"ގައި ގޯސް އެއްޗެއް ކެއްކި ދެ މީހުން ވަރިފަށަށް އަރައެވެ. އަނބިމީހާ ގޭގެ ސިޓިންގރޫމްގައި ލާން ބުނި ކުލަ ނުވަތަ ގަންނަން ބުނި ސޯފާސެޓް ފިރިމީހާއަށް ރަނގަޅަށް ސާފުނުވެގެން އޮޅިގެން އެހެން ކުލައެއްލާ ގޯސް ސޯފާސެޓެއް ގެނެވި މުޅި އުމުރު ދުވަހު އެވާހަކަ އަޑުއަހަންޖެހެއެވެ. ރަހުމަތްތެރިންނަށް ބަލާލިނަމަވެސް ބޮޑެތި ގެޓް ޓުގެދަރ ތައް ރާވާ ތާރީޚު އޮޅި ގެޓް ޓުގެދަރގައި ކުރަން ރާވާ ކަންކަން ރަނގަޅަށް ސާފުނުވެ މުޅި އެތި އޮޅުން ބޮޅުންވެގެންދެއެވެ.
މިއީ ހައްތާވެސް އާންމު މީހެއްގެ ދިރިއުޅުމުގައި ތަޖުރިބާކުރެވިފައި ހުރެދާނެ ނުވަތަ މިހާރުވެސް ތަޖުރިބާކޮށްފައި ހުންނާނެ އޮޅުން ބޮޅުންތަކެވެ.
ދުނިޔޭގެ ފެންވަރުގައި "މިސްކޮމިޔުނިކޭޝަން" ތައް ފެނެއެވެ. އެކަން އެންމެ ބޮޑަށް ފެންނާނެ އެއް ގައުމަކީ ދުނިޔޭގައި އެންމެ ބާރުގަދަ ކަމަށް ދައުވާކުރާ އެމެރިކާއެވެ. ރަނގަޅަށް މުއާމަލާތު ނުކުރެވިގެން އެމެރިކާއަށް މިފަހަކުން ހެދުނު އެންމެ ބޮޑު "މިސްޓޭކް" އަކަށް އިރާގަށް އެރުން ވާނެއެވެ. އެމެރިކާއިން ގައުމުތަކަށް އަރާ ކުރި ހަނގުރާމަ ތަކަށް ބަލާއިރު އޮޅިގެން ޑްރޯން ހަމަލާއެއް ދެވިދާނެއެވެ. ހަނގުރާމަވެރިން ކަމަށް ހީކޮށް އާންމު ރައްޔިތުންނަށެވެ.
ހަމައެގޮތަށް އިސްރާއީލަށްވެސް އޮޅިގެން ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނަށް ހަމަލާދެވެއެވެ. ހަނގުރާމަވެރިން ކަމަށް ހީކޮށެވެ. މިފަދަ ހުރިހާ "މިސްކޮމިޔުނިކޭޝަން" ތަކުގައިވެސް މައާފަށް އެދޭނެއެެވެ. ހީވަނީ މައާފަށް އެދުމުން އެކަން ދެން ނުވަނީ ހެންނެވެ. މީހެއްގެ ފުރާނަ ނަގާލާފައިވެސް ސޮރީއޭ މިސްކޮމިޔުނިކޭޝަން އޭ ބުނުމުން ދެން އެހިސާބުން އެވީ ނިންމާލާށެވެ. އެކަން ނުވީ ކަމަށް ހަދަންވީއެވެ.
ރާއްޖެއަށް ބަލާކަމަށްވާނަމަ ގައުމުގެ ފެންވަރުގައި "މިސްކޮމިޔުނިކޭޝަން" ހިނގާފައި އެބަހުއްޓެވެ. ބައެއްފަހަރު ގައިދީން ދޫވެގެން ދިޔުމުގައި އަނެއްބައި ފަހަރު ބޮޑެތި ކުށްކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ނުވަތަ ކޯޓުގައި ޝަރީއަތް ކުރިޔަށްދާ މީހުން ފުރައިގެން ދިޔުމުގައެވެ. މީހެއްގެ ގަޔަށް ވަޅިޖަހާ ފުރާނަ ނަގާލާފައި އެއީ އޮޅިގެން އެހެން މީހެއްކަމަށް ހީކޮށޭ ބުނެފައި އެބަހުއްޓެވެ. އަނެއް ބައިފަހަރު އޮޅިގެން ބޮޑެތި އަދަދުތަކުން މުސާރަވެސް ޖަމާކުރެއެވެ. މިހެން ގޮސް ރާއްޖޭގައިވެސް މިފަދަ ލިސްޓެއް ހެދިދާނެއެވެ.
އެފަދަ ލިސްޓެއް ހަދާއިރު އެންމެ ފަހުން އެލިސްޓުން ޖާގަ ލިބިގެންދާނީ ޔަގީނުންވެސް ބުރާސްފަތި ދުވަހު މާލެ ސިޓީ ކައުންސިލުން ކުނި ލޮރީ ގެންގޮސް ވެމްކޯގެ ސައިޓް ދޮރުމައްޗަށް އަޅާލުމެވެ.
މާލެ ސިޓީގައި ކުނި ނެގުމުގެ މަސައްކަތް 2016 ވަނަ އަހަރުން ފެށިގެން ކުރަމުން އަންނަނީ ވެމްކޯއިންނެވެ. ނަމަވެސް މިފަހަކުން އަލަށް އިންތިޚާބުވެފައިވާ މާލެ ސިޓީ ކައުންސިލުން މާލެ ސިޓީގެ ކުނި މެނޭޖްކުރުމުގެ ކަންކަމަށް ދީފައިވާ މާބޮޑު ޝައުގުވެރިކަމެއްގެ ސަބަބުން ވެމްކޯއާ ދެބައި މީހުން ވަނީ އެއްބަސްވުމަކަށް އައިސްފައެވެ. އެއީ ކޮވިޑާއި ގުޅިގެން މާލެ ސިޓީގައި ވެމްކޯއިން ކުނިނަގަމުން އައި ގޭގޭގެ އެންމެ ތިރިން ކުނި ނެގުމުގެ އުސޫލު ބަދަލުކޮށް ކުރިން ވެމްކޯއިން ކުނިނަގަމުން އައި ގޮތަށް ވަކިވަކި އެޕާޓްމެންޓްތަކަށް ގޮސް ކުނި ނެގުމެވެ.
ނަމަވެސް ވެމްކޯއިން މިފަހަރު ބުނަނީ ކުނި ނަގާނީ ރަޖިސްޓްރީކޮށް ފީ ދައްކާ ގޭބިސީތަކުން އެކަނި ކަމަށެވެ. އެއުސޫލަށް ބުދަ ދުވަހު އަމަލުކުރަން ފެށުމާއެކު ބުރާސްފަތި ދުވަހު އިރުއަރައިގެން އައިއިރު ރަޖިސްޓްރީނުކޮށް ހުރި ގޭބެސީތަކުގެ ކުނިތަކުން މަލޭގެ މަގުތައް ވަނީ ގޮނޑުވެފައެވެ. އެކި ހިސާބުތަކުގައި ކުނިކޮތަޅު ހުރިއިރު މެންދުރާ ހިސާބަށް އައިއިރު އެކަމުގެ ޝަކުވާގެ އަޑުތައް ވަނީ ގަދަވެފައެވެ. އެކަން ވެމްކޯއިން ކުރާނެކަމަށް ބަލައިގެން ސިޓީ ކައުންސިލުން އޮތުމަށްފަހު ތުރުކީގައި މިވަގުތު ހުންނެވި މާލެ ސިޓީގެ މޭޔަރ ޑރ މުހައްމަދު މުއިއްޒު ޓްވިޓަރ މެދުވެރިކޮށް ވެމްކޯއަށް ވަރުގަދަ މެސެޖެއް ދެއްވައިފިއެވެ.
ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މަގުމަތި ސާފުކޮށް ބޭއްވުމަށް ވެމްކޯއަށް ފައިސާ ދީގެން ސިޓީ ކައުންސިލުން ކުރުވާ މަސައްކަތް ވެމްކޯއިން ނުކޮށް ރައްޔިތުންނަށާއި ސިޓީ ކައުންސިލަށް ޖެއްސުންކުރާކަށް ފުރުސަތު ނުދޭނެ ކަމަށެވެ. އަދި އެ ކަމަށް ސިޓީ ކައުންސިލުން އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅަން ފަސްނުޖެހޭނެ ކަމަށެވެ.
އެއަށްފަހު ދެން ފެނިގެންދިޔައީ މާލޭގެ މަގުތަކުގައި ހުރި ކުނިތައް ސިޓީ ކައުންސިލުން ނަގައި ސިޓީ ކައުންސިލްގެ ލޮރީއެއްގައި ވެމްކޯގެ ސައިޓް ކުރިމައްޗަށް ގޮސް އަޅާލިތަނެވެ.
ފަހަރުގައި ޑރ މުއިއްޒު އެވިދާޅުވި ސިޓީ ކައުންސިލުން އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅަން ފަސްޖެހުމެއްނެތި އެޅުމަކީ މިއީ ކަމަށްވެސް ވެދާނެއެވެ. ނަމަވެސް އެއީ އަދި އެހެން ވީ ކަމެއް ނޫންކަމަށާއި އެއީ ނާތަހުޒީބީ އަމަލެއްކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ.
ދެން އެންމެންވެސް ކުރަން ފެށި ސުވާލަކީ މިވީ ކިހިނެއްހެއްޔެވެ؟ އޭރު އަދި މިއީ "މިސްކޮމިޔުނިކޭޝަން" ކަމެއް ސާފެއް ނުވެއެވެ. އެކަން ސާފުވީ މާލެ ސިޓީ ކައުންސިލްގެ ޑެޕިޔުޓީ މޭޔަރ މުހައްމަދު ނަރީޝް އެއީ މިސްކޮމިޔުނިކޭޝަނެއް ކަމަށާއި އެކަމަށް މައާފަށް އެދޭކަމަށް ވިދާޅުވުމުންނެވެ. ދެންޖެހޭނީ ނަރީޝް އެވިދާޅުވާ "މިސްކޮމިޔުނިކޭޝަން" ހިނގިގޮތް ބަލާށެވެ.
އެކަން ހިނގި ގޮތާއި ގުޅޭގޮތުން ނަރީޝް ވިދާޅުވީ އެމައްސަލަ ދިމާވީ ކުނި އުކާލާ ސަރަހައްދަށް ސިޓީ ކައުންސިލްގެ ވެހިކަލް ދިޔުމުން ވެހިކަލް އެތަނަށް ވަނުމުގެ ހުއްދަ ނުލިބި ދިމާވި މިސްކޮމިޔުނިކޭޝަންގެ ސަބަބުން ކަމަށެވެ. މިސްކޮމިޔުނިކޭޝަން ހިނގާފައިވަނީ ނަރީޝް ވިދާޅުވާ ގޮތުންނަމަ ކުނި ހިފައިގެންދިޔަ ވެހިކަލްގައި އިން ޑްރައިވަރާއި ވެމްކޯގެ ސުޕަރވައިޒަރުންނާ ދެމެދުއެވެ.
ދެން މިހިސާބުން މި މިސްކޮމިޔުނިކޭޝަން ހިނގާނެ ގޮތްގޮތަށް ބަލާލަމާހެއްޔެވެ؟ ވެހިކަލް ވަނުމުގެ ހުއްދަ ނުލިބުމުން ސިޓީ ކައުންސިލުން ވެމްކޯ ސައިޓް ދޮރުމައްޗަށް ކުނިތައް އަޅާލީ އެއީ ކުނި އަޅަން އޮތްތަން ކަމަށް ވާތީތޯ އެއީ މި މިސްކޮމިޔުނިކޭޝަންގައި އުފެދޭ އެންމެ ބޮޑު ސުވާލެވެ. ކޮންމެ ކަހަލަ މިސްކޮމިޔުނިކޭޝަނެއްގައިވެސް ވެމްކޯގެ ސައިޓް ދޮރުމައްޗަކީ ކުނި އަޅަން އޮތް ތަން ނޫންކަން ދޭހަނުވާވަރުގެ މުވައްޒަފުން ސިޓީ ކައުންސިލުގައި މަސައްކަތްކުރަނީ ހެއްޔެވެ؟
އަނެއްކޮޅުން ވެމްކޯގެ ކުނި އަޅާ ސަރަހައްދަށް ވަދެވެނީ ވެމްކޯއިން ހުއްދަދީފައި ހުންނަ ރަޖިސްޓަރޑް ވެހިކަލަށްކަން މާލެ ސިޓީ ކައުންސިލަށް ނޭންގެނީތޯއެވެ. ވެހިކަލަށް ވަނުމުގެ ހުއްދަ ނުލިބުމުގެ މާނައަކީ އެތަނަށް ކުނި އެޅުންތޯއެވެ. ވެމްކޯގެ ސައިޓް ދޮރުމައްޗަކީ ކުނި އަޅަން އޮންނަ ތަން ނޫންކަން އެއީ އެންމެންނަށްވެސް އެނގޭނެކަމެކެވެ.
އެހެންކަމަށްވާއިރު މައްސަލަ ހޫނުވެފައިވާ ދަނޑިވަޅެއްގައި މައްސަލަ އިތުރަށް ހޫނުވެ މާލެ ސިޓީ ކައުންސިލް ހޫނު ފެނަށް ވެއްޓޭވަރުގެ މިސްކޮމިޔުނިކޭޝަނެއް ހިނގުމަކީ ކުރިޔަށް އޮތްތަނުގައި އެކައުންސިލުން ކުރާ ކަންކަމުގައި މިސްކޮމިޔުނިކޭޝަންގެ ސަބަބުން ވާނެ ކަންތައްތަކާމެދު ރައްޔިތުން ވިސްނާލަން މަޖުބޫރުކުރުވާ ކަމެކެވެ.
ކޮންމެއަކަސް ނަރީޝްގެ ބަހުން މިފަހަރު މިއޮތީ މިސްކޮމިޔުނިކޭޝަން ހިނގާފައެވެ. އެރި އޮޅުމަކުން ކުނި އަޅަންވީތަން އޮޅި އާންމު މީހުންވެސް ތިބި ސަރަހައްދަކަށް ކުނި އެޅިފައެވެ. ދެން އުފެދޭ ސުވާލަކީ ކުރިޔަށް އޮތްތަނުގައި މިފަދަ "މިސްކޮމިޔުނިކޭޝަން" ތަކުގައި ޖެހި ކިތައް ކަންތައް ކައުންސިލުން ކުރާނެ ބާއެވެ.
ސިޓީ ކައުންސިލް މިހާރުވެސް އޮތީ ދެންމެ ދެންމެ މާލެއިން ކުނި ނެގުމުގެ ކަންކަން ވެމްކޯއިން ނަގާ ހިސާބުގައެވެ. އެކަންތައް މާލެ ސިޓީ ކައުންސިލުން ކުރަން ފަށައިފިނަމަ މިސްކޮމިޔުނިކޭޝަންގެ ދަށުން ސަރުކާރުގެ އިސް ބޭފުޅުން ދިރިއުޅުއްވާ ގެކޮޅު ކައިރިއަށް ކުނި ލޮރީތަކުން ކުނި ނުއުކައިފިއްޔާވެސް ކިތަންމެހާވެސް ރަނގަޅެވެ. އެއިން ކޮންމެ ފަހަރަކުވެސް ސޮރީ އޭ މިސްކޮމިޔުނިކޭޝަން އެކޭ ބުނެ ހަމަ ފުއްދާލާނީ ހެއްޔެވެ؟