މާލެ ސިޓީގެ ޑަބްލިއުޑީސީ މެމްބަރުންނާ ރައީސްގެ އަނބިކަނބަލުން ބައްދަލުކުރައްވައިފި
5 އޯގަސްޓު 2021 | ބުރާސްފަތި 03:52މި ބައްދަލުވުން ބޭއްވީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ އެދުމުގެ މަތިން


މާލެ ސިޓީ ޑަބްލިއުޑީސީ މެމްބަރުންނާ މެޑަމް ފަޒްނާ ބައްދަލުކުރެއްވުން
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު މާލެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނާ ބައްދަލުކުރައްވައިފިއެވެ.
ރައީސް އޮފީހުން ކުރި ޓްވީޓެއްގައި ބުނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މާލޭ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނާ ބައްދަލުކުރައްވާފައިވަނީ އެ ކޮމިޓީގެ އެދުމުގެ މަތިން ކަމަށެވެ.
މި ބައްދަލުވުމުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންގެ ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން ރައީސްގެ އަނބިކަނބަލުންނާ މަޝްވަރާކުރައްވާފައިވާކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޖުލައި މަހު ބޮޑު ތިލަދުންމަަތީގެ ތިން ރަށަކަށް ކުރެއްވި ދަތުުރުފުޅުގައި އަނބިކަނބަލުން ފަޒްނާ ވަނީ ހދ. ހަނިމާދޫ އަދި ހދ. ކުޅުދުއްފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުންތަކުގައި ދެރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުން ވަނީ އެމީހުންގެ ކަންބޮޑުވުންތައް ރައީސްގެ އަނބިކަނބަލުން ފަޒްނާއާ ހިއްސާކުރައްވާފައެވެ. މި ބައްދަލުވުންތަކުގައި ފަޒްނާ ވަނީ ބައެއް ކަންކަމުގައި އެކަމަނާގެ ޚިޔާލު ހިއްސާކުރައްވާފައެވެ.











