ކ. މާލެ
|
22 ޑިސެންބަރ 2017 | ހުކުރު 18:30
ނޭމާ އަދި މެސީ - މި ދެ ކުޅުންތެރިންނަކީ ވެސް ގާތް ދެ އެކުވެރިން
ނޭމާ އަދި މެސީ - މި ދެ ކުޅުންތެރިންނަކީ ވެސް ގާތް ދެ އެކުވެރިން
ގެޓީ އިމޭޖަސް
ނޭމާ - މެސީ
ނޭމާ މަތިން ވަރަށް ހަދާންވޭ: މެސީ
 
މެސީ މިހެން ބުނެފައިވަނީ ޔޫޓިއުބް މެދުވެރިކޮށް ނޭމާއަށް ފޮނުވި ވީޑިއޯ މެސެޖަކުން

މިދިޔަ ސީޒަނުގައި ބާސެލޯނާއަށް ކުޅުނު ބްރެޒިލްގެ ފޯވާޑް ނޭމާ މަތިން ވަރަށް ހަދާންވާ ކަމަށް އެ ޓީމަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ބުނެފިއެވެ.   

މެސީއާއި ނޭމާއަކީ ގާތް ދެ އެކުވެރިންނަށްވާއިރު މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި ނޭމާ ވަނީ ބާސާ ދޫކޮށްލުމަށް ފަހު ފްރާންސްގެ ޕީއެސްޖީއަށް ބަދަލުވެފައެވެ. އޭނާ ޕީއެސްޖީއަށް ބަދަލުވީ ދުނިޔޭގެ ރެކޯޑު ޓްރާންސްފާ ފީއެއް ކަމަށްވާ 222 މިލިއަން ޔޫރޯއަށެވެ. ބާސާ ދޫކޮށް ޕީއެސްޖީއަށް ބަދަލުވެ ނޭމާ އަންނަނީ އެ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އުމުރުން 25 އަހަރުގެ ނޭމާ ވަނީ މިހާތަނަށް ޕީއެސްޖީއަށް ކުޅުނު 20 މެޗުގައި އެ ޓީމަށް 17 ލަނޑު ޖަހައިދީފައެވެ.

ޔޫޓިއުބް މެދުވެރިކޮށް ނޭމާއަށް ފޮނުވި ވީޑިއޯ މެސެޖެއްގައި މެސީ ބުނީ ނޭމާ ބާސާ ދޫކޮށްލުމުގެ ކުރިން ބުނަން ބޭނުންވި ހުރިހާ ވާހަކައެއް ދައްކާފައިވާ ކަމަށާއި އެހެން ނަމަވެސް ހަގީގަތަކީ އަދިވެސް އޭނާ މަތިން ހަދާންވާ ކަމަށެވެ. ބޭނުންވަނީ ނޭމާ ކްލަބް ބަދަލުކުރުމުގެ ކުރިން ލުއިސް ސުއަރޭޒްއާއެކު ޑްރެސިން ރޫމްގައި މަޖާކުރިގޮތަށް މަޖާކޮށްލަން ކަމަށް ވެސް މެސީ މި ވީޑިއޯގައި ބުނެފައިވެއެވެ.

އެދެނީ ކޮންމެ ޓީމެއްގައި ހުރި ނަމަވެސް ނޭމާއަށް ކާމިޔާބު ލިބުން ކަމަށާއި ކައިރި މުސްތަގުބަލެއްގައި އޭނާއާ ދެކޮޅަށް ކުޅެން ޖެހުމަކީ ވެދާނެ ކަމެއް ކަމަށްވެސް މެސީ ބުނެފައިވެއެވެ. މި ވީޑިއޯގައި ނޭމާއަށް މެސީ ހަދިޔާއެއް ފޮނުވާ މަންޒަރު ވެސް އެކުލެވިފައިވެއެވެ.

ހަމައެހެންމެ ނޭމާއަށް މި ހަދިޔާ ލިބުމާއެކު އޭނާ މެސީއަށް ނިސްބަތްކޮށް ބުނެފައިވަނީ އޭނާއަކީ ނަމޫނާއެއްގެ ގޮތުގައި އަބަދުވެސް ބަލާނެ ކުޅުންތެރިޔެއް ކަމަށާއި އަދި އެކުގައި ކުޅުނު ކުޅުންތެރިޔަކަށް ވުރެ މެސީ ބަލައިގަންނަނީ ގާތް އެކުވެރިއެއްގެ ގޮތުގައި ކަމަށެވެ.

ނޭމާ ބާސާއާ ގުޅުނީ 2013 ވަނަ އަހަރުއެވެ. އޭނާ ބާސާގައި ހޭދަކުރި ހަތަރު އަހަރުގެ ތެރޭގައި ވަނީ އެ ޓީމަށް 186 މެޗު ކުޅެދީ 105 ލަނޑު ޖަހައިދީފައެވެ. މި ހަތަރު އަހަރުގެ ތެރޭގައި އޭނާވަނީ ބާސާއާއެކު ދެ ސްޕެނިޝް ލަލީގާއާ ތިން ސްޕެނިޝް ކޮޕާ ޑެލްރޭ އަދި ޔުއެފާ ޗެމްޕިއަންސް ލީގެއްގެ އިތުރުން ފީފާ ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
100%
0%
0%
0%
0%
ކޮމެންޓް