ކ. މާލެ
|
6 ޑިސެންބަރ 2017 | ބުދަ 19:43
މާޒިޔާ އާއި ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗުގެ ތެރެއިން
މާޒިޔާ އާއި ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗުގެ ތެރެއިން
މާޒިޔާ ސްޕޯރޓްސް ކްލަބް
އެފްއޭ ކަޕް
އެފްއޭ ކަޕް: މާޒިޔާއަށް މިފަހަރު ތިން ވަނަ
 
މި ސީޒަނުގައި ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކުރުމުގެ ފުރުސަތު މާޒިޔާއަށް އޮންނާނެ
 
ފަސް އަހަރަށްފަހު މާޒިޔާއަށް ވަނީ އޭއެފްސީ ކަޕްގެ ޖާގައެއް ގެއްލިފަ
 
މާޒިޔާ ވަނީ 2-0 ގެ ނަތީޖާއަކުން ގްރީން ސްޓްރީޓްސް ބަލިކޮށްފައި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކުރިޔަށް ގެންދާ އެފްއޭ ކަޕްގެ ތިންވަނަ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ހޯދައިފިއެވެ.

މުބާރާތުގެ ތިން ވަނަ ޓީމު ކަނޑައެޅުމަށް ކުޅުނު މެޗުގައި މާޒިޔާ ވަނީ 2-0 ގެ ނަތީޖާއަކުން ގްރީން ސްޓްރީޓްސް ބަލިކޮށްފައެވެ.  

މި ދެ ޓީމުގެ ތެރެއިން މާޒިޔާއަށް ފައިނަލުގެ ޖާގައެއް ގެއްލުނީ ސެމީގައި 2-0 ގެ ނަތީޖާއަކުން ޓީސީ ސްޕޯޓްސް ކްލަބް އަތުން ބަލިވުމުންނެވެ. ހަމައެހެންމެ ގްރީންއަށް ފައިނަލުން ޖާގަ ގެއްލުނީ ސެމީގައި އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އަތުން 4-0 ގެ ނަތީޖާއަކުން ބަލިވުމުންނެވެ.  

މި މެޗުގައި މާޒިޔާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު އެ ޓީމުން ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. މި މެޗުގައި މާޒިޔާއިން ޖެހި ފުރަތަމަ ލަނޑު މެޗުގެ 30 ވަނަ މިނެޓުގައި އެ ޓީމަށް ޖަހައިދިނީ އެ ޓީމުގެ ޖާޒީ ނަމްބަރު 26 އަހުމަދު ޝަމީމެވެ. މާޒިޔާގެ ދެވަނަ ލަނޑު ވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައެވެ. އެގޮތުން މެޗުގެ 39 ވަނަ މިނެޓުގައި މާޒިޔާއަށް މި ލަނޑު ޖަހައިދިނީ ސަމްދޫހު މުހައްމަދެވެ.

އެއް ލަނޑުގެ ލީޑެއްގައި އޮވެ މާޒިޔާއިން ފުރަތަމަ ހާފު ނިންމާލި އިރު މާޒިޔާއިން ފުރަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ހާފުގައި ވެސް ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކޮށްފައިވެއެވެ. މިހާފުގައި މާޒިޔާއިން ތަނަވަސް ކުރި ފުރުސަތުތަކުގެ ބޭނުން އެ ޓީމަށް ހިފިފައި ނުވާއިރު ގްރީން އިން ވަނީ މި ހާފުގައި އެ ޓީމުގެ ކުޅުން ރަނގަޅު ކޮށްފައެވެ.
މި ފަހަރު އަލަށް ފުރަތަމަ ޑިވިޝަންގައި ވާދަކުރި ގްރީން އިން އެސްޓީއޯ މާލެ ލީގުގެ ދެވަނަ ހޯދިއެވެ. އެހެން ނަމަވެސް ސީޒަންގެ ފަހު ކޮޅުގައި އެ ޓީމަށް ހޯދިފައި ވަނީ އެންމެ އެދެވޭ ނަތީޖާތަކެއް ނޫނެވެ. އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ގަދަ ހަތަރަކުން އެ ޓީމަށް ޖާގަ ގެއްލުމާ ގުޅިގެން ގްރީންއަށް ވަނީ ޕްރެޒިޑެންޓްސް ކަޕްގެ ޖާގަ ވެސް ގެއްލިފައެވެ.

މާޒިޔާއަށް ވެސް މި ސީޒަނުގައި ލިބިގެންދިޔައީ އެ ޓީމު އުއްމީދުކުރި ނަތީޖާއެއް ނޫނެވެ. އެފްއޭ ކަޕް ކާމިޔާބުކޮށްގެން އެ ޓީމަށް އަންނަ އަހަރު އޮންނަ އޭއެފްސީ ކަޕްގެ ޖާގައެއް ލިބެން އޮތް ނަމަވެސް މުބާރާތުގައި އެ ޓީމުން ނެރުނު ނަތީޖާގެ ސަބަބުން، ފަސް އަހަރަށް ފަހު މާޒިޔާއަށް ވަނީ އޭއެފްސީ ކަޕްގެ ޖާގައެއް ގެއްލިފައެވެ. މި ސީޒަނުގައި ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކުރުމުގެ ފުރުސަތު މާޒިޔާއަށް އޮންނާނެއެވެ. އެގޮތުން އަންނަ ހޮނިހިރު ދުވަހުގެ ރޭ މާޒިޔާ ނުކުންނާނީ ގދ. ތިނަދޫއާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް