ކ. މާލެ
|
19 ނޮވެންބަރ 2017 | އާދީއްތަ 07:26
ހައުސިންގ މިނިސްޓަރު މުއިއްޒު: ގިނަބައެއްގެ ފާޑު ކިއުން ވަނީ އަމާޒުވެފައި
ހައުސިންގ މިނިސްޓަރު މުއިއްޒު: ގިނަބައެއްގެ ފާޑު ކިއުން ވަނީ އަމާޒުވެފައި
މުހައްމަދު ޝަރުހާން
ހައުސިން މިނިސްޓަރު މުއިއްޒު
ދިރާސީ އަހަރު ފެށުމުގެ ކުރިން ފްލެޓް ތަކުގައި މީހުން ދިރިއުޅޭނެ:މުއިއްޒު
 
ފްލެޓް ދިނުމުގައި އެހެން ކަމެއް ނުގެންގުޅެން
 
ހައްގުވެރިން ހޮވުމަށް ބުރަކޮށް މަސައްކަތް ކުރަން ޖެހުނު
 
ފްލެޓްތައް ދިނީ އެންމެ ނިކަމެތިންނަށް

ހުޅުމާލޭގައި އަލަށް އިމާރާތްކުރި 704 ފްލެޓުގައި އަންނަ ދިރާސީ އާ އަހަރު ފެށުމުގެ ކުރިން މީހުން ދިރިއުޅެން ފަށާނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހުޅުމާލެއަށް 80,000 މީހުން އެއްކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވެހިކަމުގެ މަޝްރޫއު، "ހިޔާ" މަޝްރޫއު ފެށުމުގެ ގޮތުން ހޮނިހިރު ދުވަހުގެރޭ  ހުޅުމާލޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، ރައީސް ޔާމީން 2013 ގައި ވެރިކަމަށް ވަޑައިގެންނެވީ އުއްމީދު ތަކަކާއި އެކީގައި ކަމަށެވެ. ހަމަ ހަޤީގަތުގައި ވެސް ރައްޔިތުންނަށް ކަންތައްތަކެއް ކޮށްދެއްވުމުގެ ބޭނުން ފުޅުގައި ކަމަށެވެ. އަދި ހަތަރު އަހަރު ފުރިގެން ދިޔައިރު ކޮންމެ ރަށަކުން ވެސް އަދި ކޮންމެ ގެއަކުން ވެސް ހެކިވަނީ އެކަން ކަމަށް ވިދާޅުވިއެވެ. 

މުއިއްޒު ވިދާޅުވީ، ރައީސް ޔާމީންގެ މެނިފެސްޓޯގައި އެމަނިކުފާނު ވެވަޑައިގެންނެވި އެންމެ މުހިއްމު އެއް ވައުދަކީ ރައްޔިތުންނަށް ގެދޮރުވެރިކަން ހޯދައިދިނުން ކަމަށާއި ރައްޔިތުންނަށް ގެދޮރުވެރިކަން ހޯދައިދިނުމުގެ ވައުދަކީ ރައްޔިތުންނަށް ވެވަޑައިގެންނެވި ވަރަށް މުހިއްމު ވައުދެއް ކަމަށެވެ.

މުއިއްޒު ވިދާޅުވީ މިއަދާ ހަމައަށް އައިއިރު ރާއްޖޭގެ އެކިކަންކޮޅު ތަކުގައި އެތައް ސަތޭކަ ހައުސިންގ ޔުނިޓްތަކެއް، ފްލެޓްތަކެއް، ގެތަކެއް ބިނާކޮށްދެއްވާފައި ކަމަށެވެ.

ހުޅުމާލޭގައި އަޅާފައިވާ 704 ހައުސިންގ ޔުނިޓަށް އިޝާރާތް ކުރައްވާ މުއިއްޒު ވިދާޅުވީ  އަންނަ އަހަރުގެ ސްކޫލުތަކުގެ ކިޔެވުން ފެށެންވާއިރަށް ފްލެޓްތަކުގައި މީހުން ދިރިއުޅެން ފެށޭނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ.  އަދި އެކަން ކާމިޔާބު ކުރުމަށް ހައުސިން މިނިސްޓްރީ އާއި އެޑިއުކޭޝަން މިނިސްޓްރީ އާއި އެހެންވެސް ކަމާބެހޭ އިދާރާތަކާއެކު މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިޖަލްސާގައި މުއިއްޒު ވިދާޅުވީ  އެ ފްލެޓްތައް ދީފައިވަނީ އެކަމަށް އެންމެ ހައްގު މީހުންނަށް ކަމަށެވެ. އަދި އެމީހުންނަކީ  ބޯހިޔާވަހިކަމަށް ވަރަށްބޮޑަށް ބޭނުންވެފައި ތިބި ނިކަމެތިން ކަމަށާއި އޭގެ އެންމެ ހައްގުވެރިން ހޮވުމަށް ބުރަކޮށް މަސައްކަތް ކުރަން ޖެހުނު ކަމަށެވެ. އަދި ހައްޤުވާ ނިކަމެތިން ހޮވާފައި އެވަނީ ވަކި ގޮތަކަށް ބަލައިގެން ނޫން ކަމަށާއި ކަނޑައަޅާފައި އެވަނީ އެންމެ ބޮޑަށް ފްލެޓް ހައްޤުވާ ނިކަމެތިން ކަމަށެވެ.

"ރައީސް ޔާމީން ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އެންމެ ނިކަމެތި ރައްޔިތުން ހޯދުމަށް ހޮވާލައިގެން ނެގޭނޭ ގޮތެއް ބެލީ. އަޅުގަނޑުމެންނެއް ނުބަލަން އެނޫން އެއްވެސް ކަމަކަށް. ވަރަށް ބުރަ މަސައްކަތް ކޮށްގެން އެފަރާތްތައް ހޮވީ" މިނިސްޓަރު މުއިއްޒު ވިދާޅުވިއެވެ.

ހައުސިންގ މިނިސްޓަރު ވިދާޅުވީ ފްލެޓަށް ކުރިމަތިލި އެންމެންނަކީ ވެސް އެއަށް ހައްގުވާ މީހުން ކަމަށާއި އިތުރު ފްލެޓްތައް އަޅަން ރައީސް އަބްދުﷲ ޔާމީން ނިންމެވީ އެ މީހުންނަށް ބޯހިޔާވަހިކަން ހޯއްދަވައިދިނުމަށް ކަމަށެވެ.

މުއިއްޒު ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމަށް ފަހު އެންމެ ފުރަތަމަވެސް މަސައްކަތް ކުރެއްވީ ސުނާމީގައި ގޯތިގެދޮރު ގެއްލުނު މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި އެއީ އޭގެ 10 އަހަރު ކުރިންސުރެ ހައްލު ނުވެފައި އޮތް މައްސަލައެއް ކަމަށާއި އެކަން، އެ މަނިކުފާނު އެންމެ އަހަރެއްގެ ތެރޭގައި ކޮށްދެއްވި ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ރައްޔިތުންނަށް ފެނިގެން މިދަނީ ރައްޔިތުންނަށް ހެޔޮއެދޭ އިޚްލާސްތެރިއަކު ވެރިކަން ކުރަމުންދާތަން ކަމަށެވެ. އެއްވެސް އެހެންތަނެއް ބަލަން ޖެހޭނެ ސަބަބެއް، ރައީސް ޔާމީންގެ ތަރައްޤީގެ ފިކުރު ނޫން ފިކުރެއް ބޭއްވުމުގެ ސަބަބެއް ނެތް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް