ތަޢާރަަފް
ފަލަކް ވާހަކައަކީ އެކަނިވެރިކަމަށާއި ގުދުރަތީ ރީތިކަމަށް ލޯބިކުރާ ޒުވާން އަންހެން ކުއްޖަކަށް އުޅެވުނު ގޮތެއްގެ ސަބަބުން ކުރިމަތިވާ، އާދަޔާޚިލާފު ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ލޯބީގެ ވާހަކައެކެވެ. މިވާހަކައިން ތަފާތު އެކި ރަހަތައް ކިޔުންތެރިންނަށް އިހުސާސްކުރެވޭނެއެވެ. ލޯތްބާއި އޯގާވެރިކަމެވެ. ހިތާމައާއި ހިތްދަތިކަމެވެ. ރުޅިވެރިކަމާއި ބަދަލުހިފުމެވެ.
(ހޯމަދުވަހުގެ ބަޔާ ގުޅޭ)
އެ ދުވަހުގެ މެންދުރެއްހައިއިރު، ޖަމާލުގެ މަސައްކަތް އޭނާ ކާމިޔާބުކޮށްފިއެވެ. އޭނާގެ ހިތްވަރާއި މަސައްކަތުން، ފަލަކާ އަޅައިގަނެގެން އުޅޭ ޝައިޠާނާ ބަލިކޮށްފިއެވެ. އޭތީގެ އާދޭހަށް ބީރުކަންފަތެއްދީ، އަންދައި އަޅިއަށް ހަދައިލީއެވެ.
ރޫޙާނީ މަޚުލޫޤުގެ ކިބައިން ފަލަކް ސަލާމަތްކުރުމަށްފަހު، ބަޝީރާއި ނަޖުމާގެ ކިބައިން ކަމަކަށް ޖަމާލު އެދުނެވެ. ވީ އެންމެ އަވަހަކަށް ފަލަކް މީހަކާ ދެވުމަށެވެ. ފަލަކްގެ ކިބައިން ޖަމާލު އެދުނީ، އޮއްސޭ އިރާ ދިމާކޮށް، އަތިރިމައްޗަށް ނުދިޔުމަށެވެ. ބުރުގާ އަޅައި، ރަނގަޅަށް އައުރަ ނިވާކުރުމަށެވެ. ފަރުޟު ފަސް ނަމާދު އަދާކުރުމަށާއި ހެނދުނާއި ހަވީރުގެ ޒިކުރުތައް ކިޔުމަށެވެ. ކީރިތި ޤުރުއާން ކިޔެވުމަށާއި ދީނީ ކަންކަމަށް ދޭ ސަމާލުކަން އިތުރުކުރުމަށެވެ. މި އެންމެހައި ކަންކަމަށް، ޖަމާލުގެ ކުރިމަތީގައި ފަލަކް އެއްބަސްވިއެވެ.
މި ވާހަކަތައް އަޑުއަހަން އިން ނަވީލު އިނީ ވަރަށް އުފާވެފައެވެ. ޖަމާލު ދެއްކި ވާހަކަތަކަށް ފަލަކް އެއްބަސްވީމައެވެ. އިސްލާމްދީނަށް ލޯބިކުރާ، ދީނީ ކަންކަމަށް ސަމާލުކަންދޭ ކުއްޖެއްގެ ގޮތުގައި ފަލަކް ފެނުމަކީ، އޭނާ އަބަދުވެސް ދެކޭ ހުވަފެނެކެވެ.
"ގިނަ ފަހަރަށް މި ބާވަތުގެ ކަންކަމާ ދިމާވަނީ އަޅުކަމާ ދުރުވެގެން އުޅެވޭތީ. ދީނުގައި އަންގަވާފައި އޮންނަ ގޮތަށް އުޅެވޭ ނަމަ، މި ކަހަލަ ކަންކަން ވަރަށް ދިމާނުވާނެ!" ޖަމާލު ވާހަކަ ނިންމާލިއެވެ.
ފަލަކް މީހަކާ ދެވަން ޖަމާލު ބުނުމުން، ނަވީލްގެ އުއްމީދު ވަރަށް ބޮޑަށް އާވިއެވެ. ބަޝީރާއި ނަޖުމާގެ ހޮވުމަކަށް ވާނީ އޭނާކަން ޔަޤީންކުރެވޭތީއެވެ. އޭނާގެ ހިތް ބުނަނީ، މިއަދު ނޫނީ މާދަމާ، ބަޝީރު އޭނާއާ އެ ވާހަކަ ދައްކާނޭ ކަމަށެވެ.
ފަލަކަށް ކުރިމަތިވި ބޮޑު ގުޖަޑުގަނޑުން އޭނާ މިންޖުވެއްޖެއެވެ. ﷲގެ ހެޔޮ ރަޙުމަތާ އެކު، ޖަމާލު ކޮށްދިން ބުރަ މަސައްކަތުންނެވެ. އެ ކަމުން ސަލާމަތްވިޔަސް، ފަލަކްގެ ސިއްހީ ހާލަތު އަދި އެހައި ރަނގަޅެއް ނޫނެވެ. ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ލިބިފައިވާ ބަލިކަށިކަން ވަރަށް ބޮޑެވެ. އެހެންކަމުން ބަޝީރަށާއި ނަޖުމާއަށް އެއްބަސްވެވުނީ ދެ ދުވަހަކު މާލޭގައި މަޑުކުރާށެވެ. ހަސީނާ މަޝްވަރާކޮށްލުމުން އޭނާއަށް ވެސް ފެނުނީ އެ ގޮތެވެ.
"އެ މަންޖެ މީހަކާ ދެވަން ޖަމާލު ވެސް އެ ބުނީ." ބަޝީރާއި ނަޖުމާ މަޑުކޮށްލައިގެން ތިބީ އެ މީހުން ތިބޭ ގެސްޓް ހައުސްގެ ސިޓީންރޫމުގައެވެ. ވަގުތަކީ، އެ ރޭގެ ނުވައެއް ޖަހައި އެހައިކަންހައި އިރެވެ. ފަލަކް އޮތީ ކޮޓަރީގައެވެ.
"މިހާރު އެ ކަން މާ ބޮޑަށް ވެސް ލަސް ވެއްޖެއެއްނު!" ބަޝީރުގެ ވާހަކައާ ވިދިގެން ނަޖުމާ ބުންޏެވެ.
"މަގޭ ހިތަށް މި އަރަނީ ހަސީނަށް ގުޅަން."
"ކޮން ކަމަކު؟"
"ކައިވެނީގެ ކަންތަކާ. މި ކަމަށް ހުރިހައި ޚަރަދެއް ކުރި މީހަކީ ވެސް އޭނައެއްނު!"
"އޭނަ އެއްބަސްވާނެ ބާ؟"
"މަގޭ ހިތް ބުނޭ އާނއެކޭ ބުނެފާނެއޭ." ގެސްޓް ހައުސްތެރެއިން އެކި ދުވަސްދުވަހު ފެނުނު ބައެއް މަންޒަރުތައް ހަނދާނަށް ގެންނަމުން ބަޝީރު ބުންޏެވެ.
"ފަލަކް ކީކޭބާ ބުނާނީ؟"
"ނަޖުމާއާ އެކަން ހަވާލު. ޖަމާލުގެ ކުރިމަތީގައި މީހަކާ އިންނަން އެ މަންޖެ ވަނީ އެއްބަސްވެފައެއްނު!"
"ފުރަތަމަ ހަސީނުގެ ގާތުގައި އަހައިލަބަލަ! އޭގެ ފަހުން ފަލަކާ ވާހަކަ ދައްކާނީ." ނަޖުމާ ވެސް އެއްބަސްވިއެވެ.
"މާދަމާ އެ ވާހަކަ ދައްކަން ގުޅައިލާނަން!"
"މަ ބުނީ ނަވީލަށް ވެސް ކޮންމެވެސް ހަދިޔާއެއް ދޭންވާނެއެއްނު! އެ ސޮރު ވެސް ކިހައި ދުވަހެއް އެ ހޭދަކުރީ އަހަރެމެންނަށް ޓަކައި."
"މަ މި ހުންނަނީ ހަސީނު ގާތުގައި އަހައިލައިފައި، އޭނާއަށް އެއްޗެއް ދޭން ނިންމައިގެން."
"އެއީ ހާދަ ރަނގަޅު ކުއްޖެކޭ. އަމިއްލަ ކަމެއްހެން ވިއްޔަ އެ އުޅުނީ."
"އާނ! މި ޒަމާނުގައި އެ ކަހަލަ ކުދިން ވަރަށް މަދުވާނެ!"
"ކޮން ދުވަހަކުން އޭނަ ފުރަނީ؟"
"އަހަރެމެންނާ އެކުގަޔޯ ދާނީ. މިއަދު މަ އެހީމަ އެހެން ބުނީ."
"އެހެންތަ؟"
"އާނ! ހިނގާ ދެން ނިދަން ދާން! މިހާރު އެ މަންޖެ އޮންނާނީ އަހަރެމެން ނައިސްގެން ފޫހިވެފަ." ބަޝީރު ތެދުވިއެވެ. އޭނާގެ ފަހަތުން ނަޖުމާ ވެސް ހިނގައިގަތެވެ.
ޖެހިގެން އައި ދުވަހުގެ ހެނދުނު ސަޔަށްފަހު ފަލަކް ގޮވައިގެން ބަޝީރުގެ ދެމަފިރިން ދިޔައީ ހަސްފަތާލަށެވެ. އެކަން ނިންމާފައި އައިސް މެންދުރުފަހު، އެންމެ އިސްކަމަކަށް ބަޝީރު ހެދީ ހަސީނަށް ގުޅައި ކައިވެނީގެ ވާހަކަ ދެއްކުމަށެވެ. ދުރުދުރުން ފެށި ވާހަކަ، ވަކި ހިސާބަކުން ހަސީނާ ހަމައަށް ތިލަކޮށް، އެ ސުވާލު ބަޝީރު ކުރިއެވެ.
"ބަޝީރުބެއާ ނަޖުމާއްތަ ރުހޭކަމެއް ކަމަށް ވަންޏާ، ކުރެވިދާނެ! އަހަރެން ވެސް މިހާރު ބޭނުންވޭ މިހަކާ އިންނަން!"
ހަސީނުގެ މި ޖަވާބާއެކު، ބަޝީރު ވަރަށް އުފާވިއެވެ. ފޯނު ނިންމާލި ގޮތަށް އައިސް، އެ އުފާވެރި ޚަބަރު ނަޖުމާއަށް ދިނެވެ. އެހައިތަނުން އެ ދެމަފިރިން އެންމެ އިސް ކަމަކަށް ހެދީ، ފަލަކާ ވާހަކަ ދެއްކުމެވެ. ނަޖުމާއަށް އެ ވާހަކަ ދައްކަން ފުރުސަތު ދީފައި، ނަވީލަށް ގުޅައިގެން ބަޝީރު ދިޔައީ ބާޒާރަށެވެ. ދަތުރަށް އަރަންވާއިރަށް ބައެއް ކަހަލަ އެއްޗެހި ގަނެލާށެވެ.
ބާޒާރަށް ދާން ގުޅީއްސުރެ ނަވީލް ހުންނަނީ ފޮނިފޮނި އުއްމީދެއްގައެވެ. އޭނާގެ ހިތް ބުނަނީ، ފަލަކްގެ ކައިވެނީގެ ވާހަކަ މިއަދު އޭނާއާ ބަޝީރު ދައްކާނޭކަމަށެވެ. ދައްކައިފި ނަމަ، ވިސްނައިލާކަށް ވެސް މަޑެއް ނުކުރާނެއެވެ. ލޮލުން ބޮލުން ރުހި އެއްބަސްވާނެއެވެ. މި ދަތުރުގައި އެނބުރި ރަށަށް ދާނީ ކައިވެންޏަށް ބޭނުންވާ ތަކެތި ވެސް ހިފައިގެންނެވެ. ކައިވެނި ލަސްކުރާކަށް އޭނާ ބޭނުމެއް ނުވެއެވެ. ފަލަކަށް ރަނގަޅުވާނީ ވެސް ލަސްނުކޮށް ކައިވެނި ކުރުމެވެ.
ކައިވެނީގެ ފޮނި ޚިޔާލުތަކުގައި ބާޒާރުގައި ވަގުތުތައް ހޭދަކުރަމުން ނަވީލް ގެންދިޔައެވެ. ހަމަ ދެންމެދެންމެ ބަޝީރު އެ ވާހަކަ ފަށައިފާނެއޭ ހީވެފައި ހުއްޓާ، އެކަހަލަ އެއްވެސް ވާހަކައެއް ނެތި ބާޒާރުކޮށް ނިމިއްޖެއެވެ. ދެ މީހުން ވަކިވިއިރު ވެސް، އެ ކަހަލަ އެއްވެސް އެއްޗެއް ބަޝީރު ނުބުންޏެވެ. އެހެންނަމަވެސް ނަވީލުގެ އުއްމީދަކަށް ފަނޑުކަމެއް ނާދެއެވެ. އޭނާގެ ހިތް ބުނަނީ އަދި ވަގުތު ނުޖެހެނީ ކަމަށެވެ.
ބާޒާރުން ނިމިގެން ގެއަށް ގޮސް، ބަޝީރު އެންމެ ފުރަތަމަ ވެސް އޮޅުންފިލުވަން ބޭނުންވީ، ކައިވެންޏާ ބެހޭގޮތުން ފަލަކް ބުނީ ކީކޭތޯއެވެ. އެއްވެސް މީހަކާ ކައިވެނިކުރާކަށް ފަލަކް އެހައި ބޭނުންމެއް ނޫނެވެ. އެހެންނަމަވެސް ދެކޮޅެއް ނުހަދައެވެ. އެހެންކަމުން ބަޝީރު ބޭނުންވީ، ވަގުތުން ހަސީނަށް ގުޅައި ކައިވެނީގެ ކަންކަން ފެށުމަށެވެ.
"ފިހާރަ ހުޅުވާފައި ކައިވެނީގެ ކަންކަމާ އުޅޭނީ." ހަސީނު ބޭނުންވާ ގޮތް ބަޝީރުގާތު ބުންޏެވެ.
ބުރާސްފަތި ދުވަހުގެ ލޯޗުން ރަށަށް ދާން ނިންމައިގެން ތިބި ނަމަވެސް، އެ ދުވަހު އެކަމާ އުޅެވުނުލެއް ލަސްވެ، ބަޝީރުމެންނަކަށް ލޯންޗަކުން ޖާގައެއް ނުލިބުނެވެ. އެހެންކަމުން އެ ރޭ ފުރާން ތައްޔާރުވެފައި އޮތް ކަންނެލި އޮޑިން ރަށަށް ދާން އެ މީހުން ނިންމިއެވެ. ތަންކޮޅެއް އަވަހަށް އައުމަށް ހަސީނު އެދިފައިވާތީއެވެ. ފިހާރައިގެ މަސައްކަތް އަވަސްކުރަން ބަޝީރު ބޭނުންވާތީ ވެސް މެއެވެ.
އެ ރޭ މެންދަމު ބާރަޖެހި އިރު ފުރި ކަންނެލި އޮޑިން، ބަޝީރާއި ފަލަކާއި ނަޖުމާއާއި ނަވީލު ރަށަށް ދިޔުމަށް ފުރިއެވެ. ރެއަކީ ހަނދުވަރުގެ ރިހި އަލި ދުނިޔޭގެ ހަތަރު ބިތަށް ފޯރާފައިވާ، މޫސުން ރީތި ރެއެކެވެ. ފުންމިން އެނގުން ނުވާ ބިޔަ ކަނޑުގައި ދޯނި ދުވަމުން ދަނީ، ފަތިސްވުމުގެ ކުރިން މަތިވެރީ ބަނދަރު ހިފޭތޯއެވެ.
ދެގަޑި ބައިވިއިރު، ދޯނި ވަނީ ދެއަތޮޅުދޭތެރޭގައެވެ. ނަވީލު އޮތީ ވީލްހައުސް ބޭރުގައި ހުރި ޖޯލިފަތީގައި އޮށޯވެލައިގެން މެދު އުޑުން ލަނބާލައިފައިވާ ހަނދާ ދިމާއަށް ނަޒަރު ހުއްޓާލައިގެންނެވެ. އޭނާގެ ސިކުނޑީގައި ވަނީ ފަލަކެވެ. އޭނާ ނިންމައިގެން ހުރީ، އޮޑިއަށް އަރައި ބަޝީރާ ވާހަކަ ދައްކާށެވެ. އެހެންނަމަވެސް ދަތުރަށް ފުރި ހިސާބުން ބަޝީރު ނިދައިފިއެވެ.
ވީލްހައުސްގައި ދަތުރާ ހަވާލުވެ އިން އާދަނު ފިޔަވައި، އޮޑީގައި ލޮލުގެ އެތެރެ ފެންނަ މީހަކު މިހާރަކު ނެތެވެ. އެންމެން ތިބީ ނިދާ މަރުވެފައެވެ. ނަވީލް ވެސް ޖޯލީގައި ޖައްސާލީ ނިދޭތޯއެވެ. އެހެންނަމަވެސް އޭނާގެ ލޮލަކަށް ނިންޖެއް ނާދެއެވެ. ލޯ މަރާލައި ހިތެއް ވެސް ނުވެއެވެ. ފިކުރާއި ޚިޔާލުގެ ފުނުގައި އޮއްވާ، އިރުކޮޅަކުން އެ ތަނަށް އައިސް މަޑުކޮށްލީ ބަޝީރެވެ.
ބަޝީރު ފެނުމުން ނަވީލްގެ އުއްމީދު އާވިއެވެ. ހިތް ބުނާންފެށީ މިއޮތީ ވަގުތު ޖެހިފައި ކަމަށެވެ. އަވަހަށް ތިޔަ ވާހަކައެއް ދައްކާށެވެ. ނިދާން ނޯވެވިގެން އޭނާ އެ އައީ ހަމަ ތިޔަ ވާހަކަ އަޑުއަހާހިތުންނެވެ. ނަވީލުގެ ކުލަ އޮއްސި ފަނޑުވެފައިވާ މޫނުމަތީގައި ތާޒާ ލޭގެ ރަތްކުލަ ހިފައިލިއެވެ.
"ރަށަށް ދާ ހިތުން ނުވެސް ނިދަން ދޯ؟" ނަވީލާ ޖެހިގެން އެއް ޖޯލި ދޫކޮށްފައި ބަޝީރު ޖައްސާލިއެވެ.
"ނިދި ނައިސްގެން މި އޮންނަނީ."
"މި ތަނަށް ވަރަށް ވައިޖެހޭ ދޯ! އަޑާބައިތެރޭގައި ހޫނު ވާވަރުން ނުނިދިގެން މި އައީ. ފަލަކާ ނަޖުމާއާ އެބަ ތިބި ގަދަ ނިދީގަ. އެވެރިންނަން ހޫނުވާހެން ވެސް ހީނުވޭ!"
ބޭކާރު ވާހަކަ ދައްކާކަށް ނަވީލް މި ވަގުތު ބޭނުމެއް ނޫނެވެ. އޭނާ ބޭނުންވަނީ ވަގުތުން މައުޟޫއަށް ވަންނާށެވެ. އޭނާގެ ހިތުގައި މިހައި ދުވަސްވާންދެން ރައްކާކޮށްފައި އޮތް ވާހަކަ ބަޝީރުގެ ކުރިމަތީގައި ހާމަކުރާށެވެ. އިރުކޮޅަކުން އަނެއްކާ މާ ބޮޑަށް ފިނިވަނީއޭ ކިޔާފައި، ބަޝީރު ހިނގައި ވެސް ދާނެއެވެ.
"ބަޝީރުބޭ ގާތު ވަރަށް ބޮޑު ވާހަކައެއް ދައްކާލަން ބޭނުންވެފައި މި އޮންނަނީ." އިރުކޮޅަކު އޮވެފައި ނަވީލް ބުނެލިއެވެ.
"ކޮން ވާހަކައެއް؟ އަވަހަށް ބުނޭ!" ޖޯލީގައި އޮށޯވެ އޮތް ބަޝީރު ތެދުވެ އިށީންނަމުން ނަވީލާ ދިމާއަށް ބަލައިލިއެވެ.
އަޑާބައިގައި އަރާމް ނިންޖަށް އިންސާފުކުރަމުން ދިޔަ ފަލަކް އޮތީ ހުވަފެނެއްގެ ތެރޭގައެވެ. އޭނާއަށް ފެންނަނީ ރީތިރީތި ދޮންވެލި ތުނޑިއެކެވެ. އެކަނިމާއެކަނި އޭނާ އިންތިޒާރެއް ކުރަނީއެވެ. އިރުކޮޅަކުން އޭނާގެ ގާތަށް އައިސް ތިރިކޮށްލިތަން ފެނުނީ އޭނާގެ ލޯބިވާ އާފާޤެވެ. ޒަމާންތަކެއް ކޮށްފައި ފެނުމުން، އޭނާއަށް އާފާޤު އަދި މާ ރީތި ވެއްޖެއެވެ. އޭނާ ދުވެފައި ގޮސް އާފާޤުގެ ގައިގައި އޮޅުލައިގަތެވެ.
"މިހާ ދުވަހު ނުފެނި ތިޔަ އުޅުނީ ކޮންތާކު؟" ފަލަކަށް ވަގުތުން ރޮވިއްޖެއެވެ. "އަހަރެން ހާދަ އިންތިޒާރެއް ކޮށްފީމޭ. ކީއްވެ އަހަންނަށް ތިހެން ތި ހެދީ؟ އަހަރެން މަރު ނުވީ ކިރިޔާ."
"ވަރަށް ދެރަ ގޮތެއް އަހަންނަށް ދިމާވީ." ފަލަކްގެ ގައިގައި ބައްދާލައިގެން ހުރެ އާފާޤް ބުންޏެވެ.
"އާފަޤާ ނުލައި ހާދަ އެކަނިވެރި ދުވަސްތަކެކޭ އަހަރެން މި ހޭދަކުރީ."
"ފަލަކްގެ ހާލު އަހަރެން ބަލަމުން އައީ. އެނގޭ ދިމާވި ހުރިހައި ކަމެއް ވެސް."
އަހަރެން ދޫކޮށްފައި ދެން ނުދައްޗޭ! އާފާޤާ ނުލައި އަހަންނަކަށް ނޫޅެވޭނެ!" ފަލަކް އަދިވެސް ހުރީ ރޮވިފައެވެ.
"އެނގޭތަ ވީ ގޮތް؟ އަހަރެން ފަލަކާ ބައްދަލުވާން އަންނަން އޮތް ރޭ އަހަރެން ހައްޔަރުވީ. މިހައި ދުވަހު އަހަރެން މި ހުރީ ޖަލެއްގައި ހައްޔަރުވެފަ. އަހަރެން ހައްޔަރުކޮށްފައި އެ މީހަކު އައިސް ފަލަކާ ދިމާކޮށްގެން އެ އުޅުނީ. އަހަރެން މިނިވަންވީ އޭނާ މަރުވުމުން. އެހެންވެ މިހައި ދުވަހު ޚަބަރެއް ނުވީ." އާފަޤަށް ކަން ދިމާވިގޮތް އޭނާ ކުރުގޮތަކަށް ފަލަކަށް ކިޔައިދިނެވެ.
"ނަސީބެއްނު ސަލާމަތްވިކަން." ފަލަކަށް މަޑުމަޑުން ބުނެވުނެވެ.
"ފަރުދާގެ ނިވަލުގައި ކަންތައްތަކެއް ރޭވެމުންދާކަން އެނގޭތަ؟"
"ކޮން ކަމެއް؟"
"ފަލަކްގެ ކައިވެނި. ފަލަކްގެ ބައްޕަ ބޭނުންވަނީ ހަސީނާ ފަލަކް ދެވަން. ނަވީލް މިހާރު ވެސް ފަލަކްގެ ކައިވެންޏަށް ބައްޕަ ގާތުގައި އެބަ އެދޭ."
"އާފާޤު ހުއްޓާ އެއިން އެކަކާ ވެސް އިންނާކަށް އަހަރެން ބޭނުމެއް ނޫން!" އަވަސް އަވަހަށް ފަލަކް ބުންޏެވެ. "އާފާޤު ނޫން މީހަކު އަހަރެން ބޭނުމެއް ނޫން! އަހަރެން ގެންދޭ އާފާޤުގެ ދުނިޔެއަށް! މި ދުނިޔެއަކުން އަހަންނަކަށް ހަމަޖެހުމެއް ނުލިބޭ!"
"ތީ އަހަރެން ވެސް ބޭނުންވާ ގޮތް!" އަވަސްއަވަހަށް އާފާޤު ބުންޏެވެ. "ތެދުވެގެން އާދޭ ބޭރަށް. އަހަރެން ހުންނާނަން ބޭރުގަ."
ގިނަ އިރެއް ނުވެ ފަލަކަށް ހޭލެވުނެވެ. އޭރު އޭނާގެ ކަންފަތުގައި ވަނީ އާފާޤުގެ އެ ޖުމުލަތައް ގުގުމާފައެވެ. އޭނާ ފުންމައިގެން ތެދުވިއެވެ. ވަށައިގެން ބަލައިލިއެވެ. އެ ތަނުގައި އޮތީ ނަޖުމާ އެކަންޏެވެ. އޭނާ މަޑުން ކޮޅަށް ތެދުވިއެވެ. އަޑާބައިން ބޭރަށް ނިކުތެވެ. ފިނިފިނި ވައިރޯޅިތައް އައިސް އޭނާގެ ހަށިގަނޑު ވަށާލިއެވެ. އެކި ދިމަދިމާގައި ފިރުމާންފެށިއެވެ. އިސާހިތަކު މުޅި ގައިން ހީބިހި ނަގައިގަތެވެ. އޭރު ދޯނި ހަރު ދުވެލީގައި ރާޅުތައް ކަފައި ދެ ފަރާތަށް އުކަމުން ކުރިއަށް ދެއެވެ.
ފަލަކްގެ ދެ ލޯ އިންތިޒާރުކުރަނީ އޭނާގެ ލޯބިވެރިޔާއަށެވެ. ކުއްލިއަކަށް ފަލަކްގެ ލޮލުގައި އަޅައިގަތީ ދޯނީގެ އެއް ފަރާތުގައި މަތިކަން މަތީގައި ކަނޑަށް މޫނުލައިގެން ހުރި ފިރިހެނެކެވެ. ފުރަގަހަށް މަޅާލައިފައި އޮތް ދެ ވަރަ ފެނުމާ އެކު، އެއީ އާފާޤުކަން އޭނާއަށް ކަށަވަރުވިއެވެ. ފަލަކަށް ވަގުތުން ހިނގައިގަނެވުނެވެ. ދަގަތްފާނަށް ދަގަނޑުގަނޑެއް ދަމައިގަތް ކަހަލަ ގޮތަކަށެވެ. އޭނާ ގޮސް އަރައި ހަމަވުމާ އެކު، އާފާގު އޭނާއާ ދިމާއަށް އެނބުރުނެވެ. އެއީ ހަމަލޮލުން އޭނާއަށް އާފާޤު ފެނުނު ފުރަތަމަ ފަހަރެވެ. ފަލަކަށް ހުރެވުނީ ކަޅިޖަހައި ނުލައި އާފާޤުގެ މޫނަށް ބަލަހައްޓައިގެންނެވެ. ހުވަފެނުން ފެންނަ ވަރަށްވުރެ ވެސް އެ މޫނު މާ ރީއްޗެވެ. ފަލަކަށް ހުރެވުނީ އެ މޫނުގެ ޖާދޫގައި ހައްޔަރުވެފައެވެ. ދުނިޔަވީ ހުރިހައި ޚިޔާލަކާއި ފިކުރަކުން އެއްފަރާތްވެފައެވެ.
"ސަޕްރައިޒްވީތަ؟" އާފާޤް ހިނިތުންވެލިއެވެ.
"ވަރަށް.... ވަރަށް ބޮޑަށް."
"ހިނގާދާން!" އާފާޤް ފުރަގަހަށް އެނބުރުނެވެ. އޭގެ މާނަ ފަލަކް ދެނެގަތެވެ. އޭނާ މަޑުމަޑުން ކުރިއަށް ޖެހިލައި، އާފާޤްގެ ފުރަގަހުން ބައްދާލިއެވެ. ހުވަފެނުގައި ވެސް ބައްދައިލާ ގޮތަށެވެ. އެއާއެކު އާފާޤު ދެ ވަރަ ފޮޅުވައިލިއެވެ. އުޑުމަތީގައި މި މަންޒަރު ދެކެން ހުރި ހަދާ ދިމާއަށް އުދުހިގަތެވެ.
"ދެން އެނބުރި މި ދުނިޔެއަކަށް ނާންނާނަން! އެންމެ ރަނގަޅުތަ؟"
"އެންމެ ރަނގަޅު!" އާފާޤުގެ ބުރަކަށިމަތީގައި އޮށޯވެލައިގެން އޮވެ ފަލަކް ލޯ މަރައިލިއެވެ. އުފަލުން ފޮޅިފައިވާ ހިތަކާ އެކުގައެވެ.
ފުރަތަމަ ބައި ނިމުނީ