Raajje.mv
📚 ސީރީޒްPart 31

ލޯބިން

5681
31 ބައި

ތަޢާރަަފް

އަނެކާގެ މާޒީ އަކީ ބައެއް މިހުންނަށް އެހާ މުހިއްމު އެއްޗަކަށް ނުވެއެވެ. އެކަމަކު އެއީ ހަޔާތުގެ ކޮންމެވެސް ހިސާބަކުން އެކަމުގެ ވާހަކަތައް ދެކެވި ހަޔާތް ބަދަލުކޮށްލާފަދަ އެއްޗަކަށް ވެއެވެ. މިއީ މައުސޫމް މޫނެއްގެ ނިވަލުގައި އަންހެން ކުއްޖަކު ހިންގަމުންދިޔަ ވިޔާނުދާ އަމަލުތަކެއްގެ ސަބަބުން ދިރިއުޅުމެއް ހަލާކުވެގެންދިޔަ ގޮތުގެ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ.

(30 ވަނަ ބަޔާ ގުޅޭ)

"ނާހީ ވަރަށް ރީތި. އެކަމަކު އަހަރެން ތިކަން ކުރަން ބޭނުމެއް ނޫނޭ ބުނެފިއްޔާ!؟"

އަހަރެން ވާހަކަ ދެއްކީ މަޑުމަޑުންނެވެ. އެއީ އޭރު ނާހީ އިނީ އަހަރެން ކިތަންމެ މަޑުން ދައްކާ ވާހަކައެއްވެސް އިވޭހާ އަހަރެންނާއި ކައިރީގައެވެ. އޭރު އޭނާގެ ނޭވާތަކުގެ ހޫނުކަން އަހަރެންގެ ކަނދުރާއަށް އިޙްސާސްވަމުންދެއެވެ. 

"ވަރަށް ހީނުވޭ ބޭނުމެއް ނޫނޭ ބުނާނެހެން. ހަމަގައިމުވެސް މިވީހާ ތަނަކަށް މީހަކު އެހެން ބުނެފައެއް ނެތް" 

ނާހީ ހީކުރީ އަހަރެން އަހަރެން އެހެން ބުނީ އޭނާ އިމްތިހާން ކުރުމުގެ ގޮތުންކަމަށެވެ. އެހެންކަމުން އަމިއްލައަށް ލިބިފައިވާ ޔަޤީންކަން ހާމަކޮށްދޭން އޭނާ މަސައްކަތްކުރިއެވެ. އަދި އެހެން މީހުންގެ ހިތްތަކާއި ކުޅެލެވޭފަދަ އަސަރުގަދަ އަމިއްލަ ހަށިގަނޑާއިމެދު އޭނާ ފަޚްރުވެރިވެލިއެވެ. 

"ތިކަންއެންގޭ. ދުވަހަކުވެސް މީހަކު ނާހީއަށް ނޫނެކޭ ނުބުނާނެކަން. ޤަބޫލުކުރަން. އެކަމަކު މިރޭ އަހަރެންނަށް ހުރެވޭކަށް ނެތް. ފަހުން ގުޅާނަން. 

އެއަންހެން ކުއްޖާގެ ގަދަފަދަ އަސަރުތަކުގެ ކުރިމަތީގައި އަހަރެންނަށް ނޫނެކޭ ބުނެވުނީ ވަރަށް ހިތްވަރުންނެވެ. އެހެންކަމުން އަވަސް އަވަހަށް ސައިކަލް ދުއްވާފައިގޮސް ނާހީ ސައިކަލަށް އެރުވި ހިސާބަށް ބާލައިފީމެވެ. 

"ނަންބަރު ބުނޭ. އަހަރެން މާދަމާރޭ ގުޅާނަން" 

ނާހީ ބެލުމަށްފަހު ސައިކަލް ދުއްވާލުމުން އޭނާ އަހަރެންނަށް ގޮވާލިއެވެ. 

"އަހަރެން ގުޅާފާނަން. ގުޑްނައިޓް. 

އިތުރު މަޑުކުރުމަކާއި ނުލާ އަހަރެން ސައިކަލް ދުއްވާލައިފީމެވެ. 

ޖެހިގެން އައިދުވަހުގެ މެންދުރު ވަގުތެވެ. އަހަރެން ހުރީ ތަރުކާރީ ކޮޅެއް ގަންނަންވެގެން ފިހާރެއެއްގެ ތެރޭގައެވެ. ކުއްލިއަކަށް ފަހަތުން މީހަކު އަހަރެން ކޮންޑުގައި ޖަހާލުމުން އަހަރެން ފަހަތަށް އެނބުރިލައިފީމެވެ. އޭރު ފަހަތުގައި އަރީފް ހުއްޓެވެ. 

"ރޭގަ ކިހިނެއްތަ ހެދީ!" 

އަހަރެން ފެނުމުން ނުބައި ފާޑެއްގެ ހިންޏެއް އައިސްހުރެގެން ވާހަކަދެއްކިއެވެ. 

"ގޮތެއް ނުހަދަން. ކިހިނެއްތަވީ؟" 

އަރީފް އެހެން އެހުމުން ރޭ ކަނަތައް ދިމާވިގޮތް ހިތަށް އަރާފައި އަހަރެންގެ ގާތަށްވެސް ހިސާބަކަށް ހިނިއަންނަ ގޮތްވިއެވެ. 

"ގޮތެއް ނުހަދާކަން އެނގެޔޭ. އެހެންވެއެންނު އެމަންޖެ ނައްޓާފަ އެހުރީ. ރޭގަ ފަހުން މަށާ ދިމާވިއޭ. ބުނީ އަރީފް ތިގެނައީ ކޮންކަހަލަ މީހެއްހޯ؟ ސައިކަލަށް އަރުވައިގެން ތަންކޮޅަކަށް ގޮސްފަ ބުންޏޯ އަހަރެން އުޅެނީ މެރީ ކޮށްގެންނޭ. ތިކަން ކުރާކަށް ބޭނުމެއް ނޫނޭ. އަހަރެން ކައިރިއަށް ހިނިވެސް އައި އެވާހަކަ އަޑުއަހާފަ. އެކަމަކު އަހަރެން ބުނިން ފަހުން ރަނގަޅުވާނޭ. މިރޭ އަދި ގެނެސް ދޭސޭވެސް ބުނި. ޖައްސާލަންވާނެއެއްނު.

ހީވަނީ އެކަން އަރީފްއަށް ބޮޑު މަޖާގަނޑަކަށް ވެގެން އުޅޭހެންނެވެ.

"ދެވިދާނެ. އެކަމަކު އަހަރެން ބޭނުންވަނީ އޮފީހެއްގަ އުޅޭ ކުއްޖެއް. އޭރުން މަގޭ ޖީބަށްވެސް ތަންކޮޅެއް ލުއިވާނެއެއްނު. އޭރުން ސީރިއަސް ވާންޖެހުނަސް އޯކޭއެއްނު"

ކޮތަޅަކަށް އަޅާފައިހުރި ތަރުކާރީކޮޅު ހިފައިގެން ފައިސާދެއްކުމަށްޓަކައި ކައުންޓަރާއި ދިމާއަށް ހިނގައިގަންނަމުން އަހަރެން ވާހަކަދެއްކީމެވެ. އޭރު އަރީފް އެތަނުގައި ހުއްޓިލައިގެން ހުއްޓެވެ.

ކައުންޓަރަށް ފައިސާ ދެއްކުމަށްފަހު އަހަރެން ބޭރަށް ނުކުތުމަށްޓަކައި ހިނގައިގަތުމުން އަރީފްވެސް އަހަރެންނާއިއެކު ހިނގައިގެންފިއެވެ.

"ތިކަހަލަ ކުއްޖަކުވެސް ހުންނާނެ. ބޮލުން ސަލާމަތް ނުވެވިގެން މިއުޅެނީ. އެކަމަކު އަހަރެން ވަރަށް ދުވަސްވަންދެކަ ގެންގުޅެފަ ހުރި ކުއްޖެއް އެއީ"

ކުޑަކޮށް ވިސްނާލުމަށްފަހު އަރީފް ވާހަކަދެއްކިއެވެ. ވަރަށް ސީރިއަސް ކޮށެވެ.

"ރަނގަޅުވާނެ. ހުސްތަ؟ ބިޓެއް ނުހުރޭ!"

އަހަރެން މަސައްކަތް ކުރީ އިތުރަށް ކަމެއް ސާފުވޭތޯއެވެ. 

"އާނ ހުސް. މެރީއެއް ކޮށްފަ ޑިވޯސް ވެފަހުރީ. މިހާރު ރަށްޓެހިވެގެން އުޅެނީ މަށާ. އެކަމަކު ޒިޔާމްއަށް ދޫކޮށްލައިފާނަން. ވަރަށް ރީތިވާނެ." 

އެކުއްޖާއާއި ބެހޭ މައުލޫމާތު އަރީފް ކުޑަގޮތަކަށް ކިޔައިދިނެވެ. އެކަމަކު އެއިން އެއްވެސް މައުލޫމާތެއްގައި އަހަރެން ސާފުކުރަން ބޭނުންވާ ކަމެއް ސާފުވާކަހަލަ ގޮތެއް ނުވިއެވެ. 

"މާދަމާ ގުޅާ! ގަޑިއެއް ހަމަޖައްސާފަ ބުނާނަން"

އަހަރެންނާއި ސަލާމް ކޮށްލުމަށްފަހު އަރީފްގެ ނަންބަރު ދީފައި އޭނާ ހިނގައްޖެއެވެ. އަހަރެންވެސް އަރީފް ދިއުމުން ދިޔައީ ގެއަށެވެ.

އަނެއްދުވަހު އަހަރެން އަރީފްއަށް ގުޅައިފީމެވެ. އޭރު އޭނާ އޮތީ ހުރިހާ ކަމެއް ހަމަޖައްސާފައެވެ. ގަޑިއަކީ އެރޭގެ ނުވަގަޑި ސުންމިނެޓެވެ. ތަނަކީ މާލޭގެ މަޝްހޫރު ރެސްޓޯރެންޓެކެވެ. އެންމެ ފުރަތަމަ އަހަރެން ނުދިޔުމަށްވެސް ހިތަށް އެރިއެވެ. އެއީ މަޖަލަކަށް ނަމަވެސް އެހެން އުޅެނިކޮށް މީހެއްގެ ފަރާތުން ނަމަވެސް ނިހާއަށް އެޚަބަރު ލިބިދާނެތީއެވެ. އެކަމަކު އަރީފްއާއިއެކު އެގޮތަށް ތަންތަނަށް ގޮސް ހެދުމުގެ ބޭނުމަކީ އަރީފްއާ ގުޅުން ބަދަހިކުރުމެވެ. އެހެންކަމުން ފަހުން ވިސްނާލުމަށްފަހު އަހަރެން ނިންމީ ދާށެވެ. އެތަނަށް ގޮސް ކުރީ ރޭހެން ކޮންމެވެސް އެއްޗެކޭ ކިޔައިގެން ބޯދަމައިގެންނާށެވެ.

އަނދިރި ކަމުގެ ފޭރާމަކުން މުޅި ދުނިޔޭގައި ފޭރާން އަޅުވަމުން އިރު ނިވާވެއްޖެއެވެ. ހީވަނީ ބުރަ ދުވަހަކަށްފަހު ހަމަޖެހުމާއި އަރާމު ރޭގަނޑެއް އިޚްތިޔާރު ކުރީހެންނެވެ. އެއީ އޭގެ އާދައެވެ. ވަޒީފާވެސް މެއެވެ. އެކަމަކު ކޮންމެ ރެއަކަށް އިރުއޮއްސުމުގައިވެސް އެތައް މާނަތަކެއް ފޮރުވިފައި ވެއެވެ. އެކަމަކު އެއީ އެކަން ދެނެގަންނަ މީހުންނެވެ. އުފާވެރިކަމާއި ހަލަބޮލިކަމާއި އަލިކަމަށްފަހު މަޑުމޮޅިކަމާއި، އެކަނިވެރިކަމާއި، ހިމޭންކަން ރޭގަނޑުގެ އަނދިރިކަމުގެ ތެރެއިން ރަމްޒްކޮށްދެނީ ޙަޔާތުގެ ތަސައްވުރެވެ. އެ އަނދިރިކަމުގެ ތެރެއިން ހަނދާންތައް އާވެގަނެއެވެ. ހިތަށް މޮޅިވެރިކަމެއް ގެނުވައެވެ. އެކަނިވެރިކަމެއް އިޙްސާސް ކުރެވެއެވެ. އެކަމަކު އެއީ ހަމަ ދާދި ކުޑަކުޑަ ވަގުތުކޮޅެއްގެ ހިމޭންކަމެއްކަން ޤަބޫލުކުރާ މީހުންނަށް އާދުވަހަކަށް އިރު ފެނުން ތޮޅިލުމާއިއެކު އެހިމޭންކަމާއި ހިތާމަތަކުގެ މައްޗަށް އުފާވެރިކަން އިޙްސާސްކުރެވެއެވެ. އުފާވެރިކަމަކީ ކެތްތެރިކަމުގެ ދެވަނަ މާނައޭ ބުނެވެނީ އެހެން ވެގެންނެވެ.

އޮފީހުން ނިމިގެން ނިހާއަށް ގެއަށް އާދެވުނުއިރު ހަގަޑިބައިވެސް ވެއްޖެއެވެ. އޭރު އަހަރެން އިނީ ގޯތިތެރޭގައި ހުރި ޖޯލިފަތިން ޖޯޔެއްގައި އިށީނދެލައިގެންނެވެ. ދޮރާށި ލައްޕާލުމަށްފަހު ނިހާ އައީ އަހަރެންނާއި ދިމާއަށެވެ. އޭރު ނިހާ މޫނުމަތިން ހިސާބެއްގެ ނުތަނަވަސް ކަމެއްގެ އަސަރު ފެންނަން ހުއްޓެވެ.

"އަދިވެސް ޒައިން ނުގެންނަނީތަ؟"

ނިހާ އައިސް އަހަރެން އިން ޖޯއްޔާއި ޖެހިގެން ހުރި ޖޯލީގައި އިށީނދެލިއެވެ.

"އެބައިން ޓީ.ވީ ބަލަން"

އަހަރެން އިނީ ވަރަށް ބޮޑަށް ފޫހިވެފައެވެ. އެހެންކަމުން ވާހަކަ ދެއްކުނީވެސް ފޫހި ރާގަކަށެވެ. ނިހާއާއި ދިމާއަށް ބަލައިވެސް ނުލާ އިނދެއެވެ.

ކުޑައިރުކޮޅަކު ޖޯލީގައި އިށީނދެލައިގެން އިނުމަށްފަހު ނިހާ ޖޯލީގައި އޮށޯވެލައިފިއެވެ.

"ކޮންމެވެސް ވާހަކައެއް ދައްކަބަލަ"

ދެފަރާތުގެ ދެމެދުގައި އެއްވެސް ވަރަކަށް ވާހަކައެއް ނުދެކެވި ވަގުތުތަކެއް ވޭތުވިފަހުން ލޯމަރާލައިގެން އޮވެ ނިހާ ވާހަކަދައްކަން ފެށިއެވެ. އެކަމަކު އެކަމާއި އަޅައެއް ނުލަމެވެ.

"ރޭ ދިޔައިންތަ އެއްވެސް ތާކަށް؟"

ލޯހުޅުވާލުމަށްފަހު ނިހާ އަހަރެންނާއި ދިމާއަށް ބަލައިލިއެވެ. ނިހާ އެސުވާލުގެ އަޑު އިވުމުން ހިސާބެއްގެ ޙައިރާންކަމެއް އަހަރެންނަށް ލިބުނެވެ.

(ނުނިމޭ)