ތަޢާރަަފް
ހަފުސް ވާހަކައަކީ، ދިރިއުޅުމުގެ މައިދާނުގައި މީހަކަށް އެޅޭ ކަތި ފިޔަވަޅެއްގެ ސަބަބުން، އޭނާގެ މުޅި ދިރިއުޅުން އެ ފުށް މި ފުށަށްޖެހި، މީހާ އެކީއެކަށް ހަފުސްވެގެންދާ، އިބުރަތްތެރި ވާހަކައެކެވެ. މިއީ ލޯތްބާއި އޯގާވެރިކަން، ވޭނާއި ހިތާމަ، ސިހުމާއި ބިރުވެރިކަން ފަދަ، އެތައް ރަހައެއް އެކުލެވޭ، ލޯބީގެ ބިރުވެރި ވާހަކައެކެވެ.
(ބުރާސްފަތި ދުވަހުގެ ބަޔާ ގުޅޭ)
ސާޖިދަށް ހުރެވުނުތަން ވެސް ނޭނގުނެވެ. މީހެއް ގާތު ނުބުންޏަސް، ފާޅުނުކުރިޔަސް، މި ދިމާވި ކަންތައްގަނޑުގައި، މުނިޔާއަށް ދެރަގޮތެއް ވެދާނެތީ ކަންބޮޑުވި މިންވަރަށް، އޭނާގެ ބަނޑުގައި ގަރުބަގެންފައިވާ ދަރިފުޅާމެދު ވެސް ސާޖިދު ކަންބޮޑުވިއެވެ. އެ ކުއްޖާއަށް ކަމެއް ވެދާނެތީއެވެ. ތެޅިތެޅި އޮތް ހިތަކާއެކު ދެ ފަޔަށް ބާރުލާފައި އޭނާއަށް ހިނގައިގަނެވުނެވެ. މުނިޔާ ގާތަށް ދިޔުމަށެވެ.
ސާޖިދަށް އެ ތަނަށް ދެވުނުއިރު، މުނިޔާގެ ގާތުގައި ޑޮކްޓަރުން ހަރަކާތްތެރިވާން ފަށައިފިއެވެ. ވަސީމާއާއި ނިޔަމްގެ މޫނުމަތިން ފެންނާން ހުރީ، ކަންބޮޑުވުމާއި ހާސްކަމެވެ. ދެ ލޮލުގައި ކަރުނައެވެ.
"ކިހިނެއްވީ؟" އެ ދެ މައިން ތިބި ގޮތް ފެނިފައި، ސާޖިދުގެ ހާސްކަން ވަކިން ބޮޑުވިއެވެ.
"މާ ބޮޑަށް ބްލީޑްވަނީ." ނިޔަމްގެ ދެ ލޯ ފެންކަޅިވިއެވެ. ސާޖިދާ ހަތަރު ކަޅި ހަމަކޮށްލަމުން ވަސީމާ ބޯ ޖަހައިލިއެވެ. ހިންދިރުވައިލިއެވެ.
މުނިޔާ ބަނޑުބޮޑުކަން ނިޔަމްއަށް އެނގުނީ ދާދި ދެންމެއަކުއެވެ. މަންމަ ބުނުމުންނެވެ. އެކަން އެނގުމުން، އޭނާ އުފަލުން ފުރުނެވެ. މުނިޔާގެ ގައިގައި ބައްދާލައި، ތަހުނިޔާކީ އިރު، ދެ ލޮލުން އުފާވެރިކަމުގެ ކަރުނަ ފާއްދާލިއެވެ. ދެ ލޮލުން ކަރުނައިގެ މުތީތައް ވިދާންފެށިއެވެ. އެހެންނަމަވެސް މިހާރު އެ މުތީތަކުގެ ވިދުން ކެނޑިއްޖެއެވެ. އޭގެ ބަދަލުގައި އެ ދެ ލޮލަށް އަނިޔާދެމުން ގެންދާތަން ފެންނަނީ ހިތި ކަރުނައިގެ ކޯރެކެވެ.
ސާޖިދު އަވަސްއަވަހަށް މުނިޔާގެ ގާތަށް ޖެހިލިއެވެ. އޭރު މުނިޔާ އުޅެނީ ބަނޑުގައި އަޅާ ވޭނަށް ކެތްނުކުރެވިގެންނެވެ. ސާޖިދު ގޮސް މުނިޔާގެ އަތުގައި ހިފަހައްޓައިލިއެވެ. އެ އަތް ހީވަނީ ގަނޑުފެންކޮޅެއް ހެންނެވެ. ނިތްމަތިން އުފުލެމުން ދިޔަ ދާތިކިތައް ފޮހެލައިދިނެވެ.
"ޑޮކްޓަރ! ކިހިނެއްތޯ މި ވަނީ؟"
ޑޮކްޓަރުގެ ކިބައިން އުއްމީދުގެ ބަހެއް ވެސް، ނާއުއްމީދުގެ ބަހެއް ވެސް، ސާޖިދަކަށް ނުލިބުނެވެ. ޑޮކްޓަރުންގެ ލަފައަކަށްވީ، ވީ އެންމެ އަވަހަށް އޮޕަރޭޝަން ތިއޭޓަރަށް ގެންދިޔުމެވެ. ލޭ ހޯދަން ވެސް އެންގިއެވެ. ސާޖިދުގެ އުއްމީދުގެ ހުޅުކޮޅު ކަނިލަމުން ގޮސް، އެއްކޮށް ނިވިއްޖެއެވެ.
ޖެހިގެން އައި ދުވަހުގެ އިރު ދަމަކަށް އެރިއިރު، ސާޖިދާއި އާއިލާގެ އެންމެންނަށް ލިބުނީ، ހިތި ހަބަރަށްވުރެ ވެސް ހިތި ޚަބަރެކެވެ. ކިތަންމެ ހިތް ނޭދުނަސް، އެ އަޑު ސާޖިދާ ހަމައަށް އަތުވެއްޖެއެވެ. ބޮމެއް ފަދައިން ގޮވައިފިއެވެ. ކަންފަތުގެ ތެރޭގައެވެ. އޭނާ ހިތްވަރުކުރިއެވެ. އެހެންނަމަވެސް ދެ ލޮލުން ކަރުނަ އޮހުނެވެ. ދަރިފުޅު ދުނިޔެއަށް އަންނަކަން އެނގުމުން، އެކަމުގެ އުފަލުގައި ކަމެއް ނުކުރެވި އުޅެނިކޮށް، މި ޖެހުނީ ވަކިވެ ދިޔުމުގެ ހިތާމައާ ކުރިމަތިލާށެވެ. އިރާދަކުރެއްވީތީ، މުނިޔާގެ ހާލު ރަނގަޅެވެ. ލޭ އަޅާކަށް ވެސް ނުޖެހުނެވެ.
ލިބުނު ހިތްދަތި ޚަބަރާއެކު، ވަސީމާގެ ހިތަށް ލިބުނު އަނިޔާ ވަކީން ބޮޑުވިއެވެ. އޭނާގެ ސިކުނޑި ކާންފެށީ، ވެރިވެގަތް ހަނދާންތަކެކެވެ. މިއަދު އޭނާގެ ހިތަށް ދަތިކަން ލިބެމުން އެ އަންނަ ކަމަކީ، އޭނާ ކުރިން ވަރަށް ބޭނުންވެގެން އުޅުނު ކަމެކެވެ. އެ ކަން ކުރުމަށް ނުހަނު ބާރުއެޅި ކަމެއް ވެސް މެއެވެ.
ވަސީމާގެ ހަވަނަ ހިއްސު، އޭނާއަށް މަލާމާތްކުރަމުން ގެންދާ ކަހަލައެވެ. ކަންފަތް ބުޑުގައި ބުނާހެން ހީވެއެވެ. ކޮން ރުއިމެއް ރޯކަށް ހެއްޔެވެ؟ އެއީ ކަލޭ ރޯންޖެހޭވަރުގެ ކަމެއް ނޫނެވެ. އެ ކަމާ ކަލޭ ކުރާންވީ އުފަލެވެ. ސާޖިދަށް ބައްޕަ ކިޔާ ކުއްޖަކު ލައްވާ، ކަލެއަށް މާމަ ކިޔުއްވާކަށް، ކަލޭ ބޭނުމެއް ނުވާނެއެވެ.
ވަސީމާއަށް ދެ ކަންފަތް މަތީގައި އަތް އެޅުނެވެ. ރުއިމުގެ އަޑު ކުއްލިއަކަށް ބާރުވިއެވެ. މަންމައަށް ލިބެމުން ދިޔަ ހިތާމަ ފެނިފައި، ނިޔަމް ގޮސް މަންމަގެ ބުރަކަށީގައި ފިރުމައިލިއެވެ. ހިތްވަރުކުރާށޭ ބުނާން ބޭނުންވިޔަސް، އަޑު ބޭރެއް ނުވިއެވެ. ސާޖިދު ގޮސް ވަސީމާއަށް ހިތްވަރުދޭން ފެށިއެވެ. ސާޖިދުގެ އޯގާވެރި ބަސްތައް އިވޭންފެށުމާއެކު، ވަސީމާގެ ހިތަށް ކުރި އަސަރު ވަކީން ބޮޑުވިއެވެ.
މުނިޔާ ހޮސްޕިޓަލުން ދޫކޮށްލީ، ދެ ދުވަސް ފަހުންނެވެ. އޭރު ވެސް ފައިސަލް ދޫކޮށްނުލައެވެ. އެހެންނަމަވެސް މިހާރު ފައިސަލްގެ ހާލު ރަނގަޅެވެ. ވޯޑަށް ބަދަލު ވެސް ކޮށްފިއެވެ.
ހޮސްޕިޓަލަށް ގެނައި ދުވަހުން ފެށިގެން، ފައިސަލް އެއްވެސް މީހަކާ ވާހަކައެއް ނުދައްކައެވެ. އެކަކާ ވެސް ހަތަރުކަޅި ހަމައެއް ނުކުރެއެވެ. އަބަދު ކަހަލަ ގޮތަކަށް އޮންނަނީ، ލޯ މަރައިގެންނެވެ. އިރުއިރުކޮޅުން ދެ ލޮލުން ކަރުނަ ހިލެއެވެ. އޭނާގެ ސަބަބުން ދަރީންނަށް، ޚާއްޞަކޮށް މުނިޔާއަށް ލިބުނު އަނިޔާއާއި ހިތްދަތިކަން، އޭނާގެ ހިތަށާއި ނަފުސަށް އަނިޔާ ދެނީ ބާވައެވެ؟
ޖެހިގެން އައި ދުވަހު ފައިސަލް ގެއަށް ދޫކޮށްލިއެވެ. އޭރު ފަރުހާދުގެ މަސައްކަތުން، ގެއާއި އެ އާއިލާ ވަނީ، ސަލާމަތުގެ އައްސޭރިއަކަށް ގެންގޮސްދީފައެވެ. އެހެންކަމުން އެ އާއިލާއަށް މިހާރު ވަނީ ހަމަޖެހުން ލިބިފައެވެ. ހިތުގައި އުފެދުނު ނުތަނަވަސްކަމާއި ބިރުވެރިކަން ފިލައިފައެވެ. އެކަކު އަނެކަކާމެދު ގެންގުޅެވުނު ނޭއްގާނީ ޚިޔާލުތަކުން ހިތްތައް ވަނީ ސާފުވެ، ހަމަޖެހިފައެވެ.
މި ޚަބަރު މާލޭގައި ކޮންމެވެސް ވަރަކަށް އެނބުރުނެވެ. ފިރިހެނަކާ ޖިންނިއެއް އަވަލައިގެން އޭނާގެ ކިބައިން ބަދަލުހިފީއޭ ކިޔައިގެންނެވެ. އެ ކަމުގެ މައުލޫމާތު ހޯދަން، ދެ ނޫހަކުން ސާޖިދަށް ގުޅިއެވެ. އެ މީހުން ބޭނުންވަނީ، އެ ވާހަކަ ނޫހުގައި ޖަހާށެވެ. ޙަޤީޤީ ހާދިސާއެއްގެ ގޮތުގައި ލިޔެގެން ނޫސް ހިންގާށެވެ. އެހެންނަމަވެސް އެއިން އެއްވެސް ނޫހަކަށް، އެއްވެސް މައުލޫމާތެއް ސާޖިދު ނުދިނެވެ. ޢާއިލާއިން އެކަން ކުރަން ބޭނުން ނުވީމައެވެ.
ގޭތެރޭގެ ކަންކަން ހަމަޖެހުނަސް، ވަސީމާގެ ހިތަކަށް ހަމަޖެހުމެއް ނުލިބެއެވެ. އޭނާގެ ހިތަށް އުނދަގޫވަނީއެވެ. ރޫޙާނީ މަޚުލޫޤެއް ފައިސަލާ އަޅައިގަނެގެން، މުޅި އާއިލާ އަނދިރި ވަޅުގަނޑަކަށް ވައްޓާލީ، ކޮން ސަބަބަކާ ހުރެ ހެއްޔެވެ؟ ފައިސަލް ކޮން ކުށެއް ކޮށްގެން ހެއްޔެވެ؟ ކޮން ފާފައަކަށް އަރައިގަނެގެން ހެއްޔެވެ؟ އެ ވާހަކަ އަދި ވެސް ފައިސަލް ކިޔައެއް ނުދެއެވެ. އެކަން އެނގެން ވަސީމާ ބޭނުންވެއެވެ. އޭނާގެ ހިތް ބުނަނީ، މިހާރު ފައިސަލް އަނގައިން ނުބުނެ އެ އިންނަނީ، އެ ވާހަކަ ދައްކާން ޖެހިދާނެތީ ކަމަށެވެ.
ވަސީމާ ހުރީ ބަދިގޭގައެވެ. އޭނާގެ ސިކުނޑީގައި، މި ކަންތައްގަނޑުގެ އުނދަގޫ ބޮޑުވަމުން ގޮސް، ކެތްނުކުރެވޭ ވަރަށް ބޮޑުވެއްޖެއެވެ. އޭނާ ހިނގައިގަތީ ކޮޓަރިއާ ދިމާއަށެވެ.
ވަސީމާ ގޮސް ކޮޓަރިއަށް ވަންއިރު، ފައިސަލް އެނދުގައި އޮތެވެ. ބިތްދޮށަށް އެނބުރިއެވެ. ވަސީމާ ގޮސް ކައިރިއަށް ހުއްޓި ކޮއްޓައިލިއެވެ. ދެފަހަރަކު ކޮއްޓާލުމުން، އެނބުރި ވަސީމާއާ ދިމާއަށް ބަލައިލިއެވެ.
"އަހަރެން ބޭނުން ފައިސަލް ކޮށްގެން ތި އުޅޭ ކަމެއް އެނގެން."
ވަސީމާގެ މި ޖުމުލައާއެކު، ފައިސަލްގެ ކަޅި ވަސީމާގެ މޫނަށް ހުއްޓުނެވެ. އޭނާ ބަހަކުން ބަހެއް ނުބުނެ، ބަލަހައްޓައިގެން އޮތެވެ. ވަސީމާގެ ސުވާލު ތަކުރާރުވާންފެށުމާއެކެ، ތުންފަތް ތުރުތުރުއަޅާން ފެށިއެވެ. ދެ ލޮލުން އޮހިގަތީ ކަރުނައެވެ.
"ތި ކަރުނައިން އަހަރެންގެ ހިތެއް މަޑެއް ނުވާނެ! ތައްބައްދައިގެން ތި އޮންނަނީ، އެ ވާހަކަ ކިޔައިދޭން ޖެހިދާނެތީއެއްނު!"
އެ ވަގުތު އިވުނީ، ކޮޓަރީ ދޮރުފަތުގައި މީހަކު ޓަކިޖަހާލި އަޑެވެ.
"މަންމާ!" މުނިޔާ ގޮވާލި އަޑު އިވުނެވެ.
އިރުކޮޅަކު ހުރެފައި، ވަސީމާ ގޮސް ދޮރުހުޅުވިއެވެ. ފެނުނީ ފުލުހުންގެ ތިން މީހަކު ދޮރުމަތީގައި ހުއްޓައެވެ. އެ މީހުން ފެނުމާއެކު، ވަސީމާ ސިހުނެވެ. ކިހިނެއްވީތޯ އަހައިލެވުނެވެ. އެ ވަގުތު ފުލުހުން ދައްކާލީ ކޯޓް އަމުރެވެ. ވަސީމާގެ ދެ ލޯ ބޮޑުވިއެވެ. ބަސް ހުއްޓުނެވެ. އެއް ފަހަރު ކޯޓު އަމުރަށް، އަނެއް ފަހަރު ފައިސަލާ ދިމާއަށް ބަލައިލެވުނެވެ. އެއާއެކު ދެ ލޮލުން ކަރުނަ އޮހިގަތެވެ.
ފައިސަލް ހައްޔަރުކޮށްގެން ގެންގޮސްފިއެވެ. ގޭތެރެއަށް ހިތާމައާއި ކަރުނައިގެ އޮއިވަރެއް ފެތުރުނެވެ. ފޮރުވިފައިވާ ޙަޤީޤަތް އާއިލާއަށް އެނގިއްޖެއެވެ. ފާފަތައް ކުރަމުން ގޮސް، އެންމެ ބޮޑެތި ފާފަތަކަށް ވެސް ފައިސަލް އަރައިގަތީއެވެ.
އަފާގެ މަރުގެ ގާތިލަކީ، ފައިސަލްކަން ސާބިތުވާ ވަރަށް، ފުލުހުންނަށް ވަނީ ހެކި ލިބިފައެވެ. ފޮރެންސިކް ހެއްކެވެ. ސީސީޓީވީ ފްޓޭޖްތަކެވެ. އެ ފްޓޭޖްތަކުން މިހާރު ފައިސަލް ފެނެއެވެ. އެ ކަމެއް ހިނގި ރޭ، ސަލީމްގެ ކޮޓަރިއަށް ވަންތަނެވެ. ނިކުތްތަނެވެ. ކަޅު ކޮތަޅެއް ހިފައިގެން ދެވަނަ ފަހަރަށް ވަންތަނާއި ނިކުތްތަނެވެ. ފުހުލުންނަށް އެންމެ ބޮޑު ހައިރާންކަމެއް ލިބުނީ، ކުރިން މިއިން އެއްވެސް ފްޓޭޖަކުން ފައިސަލް ފެނިފައި ނެތީމައެވެ.
ސަލީމްގެ މައްޗަށް މައްސަލަ ސާބިތު ނުވުމުން، މައްސަލައިގެ ފައިލް ފުލުހުން ލައްޕާނުލައި ކުރިއަށް ގެންދިޔައީ، މަރުގެ މައްސަލައަކަށްވެފައި، ގާތިލު އަތުނުޖެހޭތީއެވެ. މިއަދު ފުލުހުންނަށް ވަނީ އެކަން ކާމިޔާބުވެފައެވެ. އަފާގެ ގާތިލު ހޯދިފައެވެ. ތަހުޤީޤު ޓީމަށް ލިބުނީ، ވަރަށް ވެސް ބޮޑު ކާމިޔާބެކެވެ.
އަފާ މަރާލީ ފައިސަލްކަން ސަލީމަށް އެނގުނީ، ވަސީމާ ރޮއިރޮއިފައި އެ ވާހަކަ ކިޔައިދިނުމުންނެވެ. ވަސީމާގެ ވާހަކަ އަޑުއަހާފައި ސަލީމް ގަނޑުވިއެވެ. އެތައް އިރަކު ހުއްޓުން އަރާފައި ހުރެވުނެވެ. އެންމެ ފަހުން ރޮވުނީއެވެ. އެތައް ސަބަބަކާ ހުރެއެވެ.
ނޫސްތަކުގެ ފަލަ ސުރުޚީތަކުގައި މި ވާހަކަ ފަވާލިއެވެ. ސަލީމްގެ ފޮޓޯ ކުރަހާލިއެވެ. އޭގެ ސަބަބުން ވަސީމާގެ އައިލާއަށް ލިބުނު ހިތާމައާއި ލަދުވެތިކަން، އެތައް ގުނައަކަށް އެރިއެވެ. ވަސީމާ ބޭނުންވީ މާލެ ދޫކޮށްލާށެވެ. ރަށު މީހުން ކޮންމެ ގޮތަކަށް ދުށްޓަސް، ކޮންމެ އެއްޗެއް ކިޔަސް، ތިން ދަރިން ގޮވައިގެން ރަށަށް ބަދަލުވާށެވެ. މާލެއިން އޭނާއަށް ލިބުނީ، ހިތި، ވޭނީ ތަޖުރިބާތަކެކެވެ. އުމުރު ދެބައިން މައްޗަށް ގޮސް، ފިރިއެއްގެ އަޅާލުމާއި އެހީތެރިކަން އެންމެ ބޭނުންވި ދުވަހު، ފިރިމީހާގެ ލޯބިން މަހުރޫމުވީއެވެ. ވަސީމާގެ އެންމެ ފަހުގެ ނިންމުމަކަށްވީ، ރަށަށް ގޮސް ފައިސަލް ގާތުން ވަރިވާން ފޯމުލުމެވެ.
ފައިސަލް އޮތީ ޖަލުގެ ކުޑަ ގޮޅީގައެވެ. އެކަނިމާއެކަންޏެވެ. ވަގުތަކީ މެންދަމުގެ ހަމަހިމޭން ވަގުތެވެ. އެ ކުޑަކުޑަ ގޮޅިއަށް ވެރިވެފައި ވަނީ، ފަނޑު އަލިކަމެކެވެ. ދެ ލޮލުން ކަރުނަ ނުހިކޭ ހާލުގައި ފައިސަލް އޮއްވާ، ހަމަ ކުއްލިއަކަށް އޭނާގެ ކުރިމަތިން ފާޅުވީ، އޭނާއަށް ކެހިދެމުން ގެންދާ ރޫޙާނީ މަޚުލޫޤެވެ. އޭތީގެ ދަރި ވެސް ހުއްޓެވެ. ހުތުރު، ބިރުވެރި ސިފައިގައެވެ. ފައިސަލަށް ފުންމައިގެން ތެދުވެވުނެވެ.
"އަދިވެސް ބަދަލު ނުހިފެނީތަ؟" ތުރުތުރުއަޅަމުން ދިޔަ އަޑުން ފައިސަލަށް އަހައިލެވުނެވެ.
"ދުނިޔެއަށް ފަޟީހަތް ނުކޮށް، ބެހެއްޓީމަ، އޭގެ އަގު ވަޒަންކުރާކަށް ކަލެއަކަށް ނޭނގުނެއްނު! މިހާރު ތިހިރީ ރަނގަޅަށް ފަޟީޙަތް ކޮށްފަ. ހުރިހައި ނޫސްތަކެއްގައި އެހެރީ ކަލޭގެ ފޮޓޯ ވެސް ޖަހާފަ. އަނބިމީހާއާއި ދަރިންކޮޅު އެ ތިބީ ލަދާއި ހިތާމައިން ގޮތްހުސްވެފަ. އެހެނޭކިޔާފައި އަހަރެމެންގެ ކިބައަކުން ކަލެއަކަށް ސަލާމަތެއް ވެސް ނުވެވޭނެ! ކޮންމެ ރެއަކު، ކޮންމެ ދުވަހަކު، އަހަރެމެން މި ތަނަށް އަންނާނަން! ކަލެއަށް ކުރެވުނު އުނދަގުލެއް ކުރާނަން!"
ގޮޅީތެރެއަށް ވެރިވި އޮލަ ދުންގަނޑަކާއެކު، ރޫޙާނީ މަޚުލޫޤުގެ ދެ ބަފައިން ޣައިބުވެއްޖެއެވެ. ފައިސަލަށް އަޑުންއަޑުނަގައި ރޮއިގަނެވުނެވެ. އޭނާގެ ހިތް ކަތިލެވި، ނަފުސު ފަޅިވެއްޖެއެވެ. ޝައިޠާނާގެ ބަހަށް އަޅުދާސްވެގެން، މާޒީގައި ދިރިއުޅެވުނު ފާޙިޝް ދުނިޔޭގެ މަންޒަރުތައް ކުރިމަތީގައި ހާމަވާންފެށުމާއެކު، އޭނާ ބިރުން ރޫރޫލައިގަތެވެ. ފާފަތަކުގެ ހާއްޔެއްގައި، އިސްރާފުކުރެވުނު ދުވަސްތަކާމެދު ވިސްނައިލެވުމުން..... ސަހަރޯއެވެ. އެއީ ކޮން ފަދަ ދުވަސްތަކެއް ހެއްޔެވެ؟ ކުރިން ނުވިސްނުނީ ކީއްވެގެން ބާވައެވެ؟
އެ ދުނިޔެއިން ނިކުންނާން އެތައް ބަޔަކު އޭނާއަށް އެ ދުވަހު ނަސޭޙަތް ދިނެވެ. އެހެންނަމަވެސް އެ ނަސޭހަތްތައް ބޮލައިލައި ޖަހާފައި، ފިޔަވަޅު ނެގުނީ ކުރިއަށެވެ. އެ ދުވަހު އެ ބަސްތައް ގަބޫލުކުރެވުނު ނަމަ، މިއަދު މި ގޮތަށް ރޮއިރޮއި އޮންނާކަށް ނުޖެހުނީހެވެ. ޖަލުގެ ބިރުވެރި ކުޑަގޮޅިއެއްގައި ހަފުސްވާކަށް ނުޖެހުނީހެވެ.
ނިމުނީ